Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

2021 ވެގެންދާނީ 2020ގެ ދެވަނަ ބަޔަށްބާ؟

ވިހިވިއްސަކީ، ގިނަ ބަޔަކު އިއްތިފާޤުވާނެ ފަދައިން، ދަތިކަމާއި ބިރުވެރިކަން އަދި ވޭނުން ފުރިގެންވާ އަސަރުތަކެއް ވެރިވެގެންއައި އަހަރެކެވެ. ދުނިޔޭގެ ފެންވަރުން ބަލާނަމަ، މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ކުރިމަތިވި އެންމެ އުނދަގޫ އަދި ގޮންޖެހުން ބޮޑު އަހަރެވެ. ހުރިހާ ހިސާބެއްގައިވެސް އިންސާނުން ދިރިއުޅެމުންއައި ގޮތާއި ކަންކަމާމެދު ވިސްނަމުންއައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުކުރުވި އަހަރެއްވެސްމެއެވެ.

ބިރުވެރި ހުވަފެނެއް ފަދަ މި 2020 ވެސް، ހަފްތާއެއްގެ ތެރޭގައި ނިމުމަކަށް އަންނާނެއެވެ. ޓީވީ ޗެނަލްތަކާއި ސޯޝަލް މީޑިޔާއަށް ނަޒަރު ހިންގާލުމުން، ކައިރި މުސްތަޤްބަލާމެދު ގިނަ ބަޔަކު ކުރަމުންދާ އުންމީދުތައް އަދި ދެކެމުންދާ ގޮތް ފެނި، އޮޅުންފިލާ، ފާހަގަވެއެވެ. ކުރިއަށްއޮތް 2021 ވެގެންދާނީ ފަރުދީ ދިރިއުޅުމަށް އުފާވެރިކަމާއި ހިތްހަމަޖެހުން އަދި އޮމާންކަން އެނބުރި އަންނާނެ އަހަރަކަށް ކަމުގައި ދެކޭ ބަޔަކު ހަމަ ޔަޤީނުންވެސް މަދެއް ނޫނެވެ. ވިހިވިއްސަށްވުރެ އަންނަ އަހަރު ވަކި ކަންކަން ގޯސްވެދާނެ ކަމަށް ޤަބޫލުކުރަން ގިނަ ބަޔަކަށް ދަތިވާނެތާއެވެ. އެހެންކަމުން، އަންނަ އަހަރަކީ، ނިސްބަތުން ރަނގަޅު އަހަރަކަށް ވާނެކަމަށް ދުށުމުގެ ޖާގަ، އެހާ ހިސާބުންވެސް އެބައޮތެވެ.

ކޮވިޑް-19 އަށް އެކަނި ބަލާލުމުންވެސް، މިދެންނެވި ވިސްނުމުގެ އަސްލު ހާމަވެއެވެ. ވެކްސިންތަކެއް 'ބާޒާރަށް' ނުކުމެ، ގިނަ ޤައުމުތަކުގައި އެ ވެކްސިން ދޭން ފަށައިފިއެވެ. ސްޓޮކް ޔަޤީންކުރަން އެޑްވާންސްކޮށް އަގުދީގެން ގަނެފައިނުވިއަސް، ރާއްޖެއަށްވެސް ވެކްސިން ލިބޭނެކަމަށް ސަރުކާރުން ވަނީ ޔަޤީންކޮށްދީފައެވެ. އަވަށްޓެރި އިންޑިޔާއިން އެމީހުން ބޭނުންކުރަން ވިސްނާފައިވާ އޮކްސްފޯޑް އެސްޓްރާޒެނެކާ ވެކްސިންގެ ސްޓޮކެއް ރާއްޖެއަށް ހިލޭ ދޭނެ ކަމަށްވެއެވެ. މިއަހަރުގެ ތެރޭގައެވެ. އިންޑިޔާއަށް ޝުކުރިއްޔާއެވެ.

 

 

މި އޮކްސްފޯޑް އެސްޓްރާޒެނެކާ ވެކްސިނަކީ ޔޫރަޕާއި އެމެރިކާ އަދި އެހެން ގިނަ ޤައުމުތަކުގައި ދޭން ފަށާފައިވާ ފައިޒަރ ބަޔޯއެންޓެކް ވެކްސިނަށްވުރެ މާބޮޑުތަނުން އަގުހެޔޮ ވެކްސިނެކެވެ. ފައިޒަރ ވެކްސިންގެ އަގު ޑޯސަކަށް 20 އެމެރިކާ ޑޮލަރު ޖެހޭއިރު، އޮކްސްފޯޑް ވެކްސިންގެ ޑޯސެއްގެ އަގަކީ އެންމެ 2.50 ޑޮލަރެވެ. މި އަގަށް ބަލާއިރު، ޖުމްލަ 10 މިލިއަން އެމެރިކާ ޑޮލަރަށް މިޤައުމުގެ ހުރިހާ ރައްޔިތުންނަށް ވާނެ މިންވަރަށް ވެކްސިން ގަންނަން ލިބޭނެއެވެ. ސަރުކާރުގެ ވިސްނުމަކީ އަގުނުދީ ވެކްސިން ހޯދުމެވެ. އެގޮތުން ލިބޭނެ ތިން ވައްތަރެއްގެ ވެކްސިނެއް ފާހަގަކުރެވެއެވެ. އެއީ، މިހާރުން މިހާރަށްވެސް ލިބެންހުރި، ޗައިނާގެ ސައިނޯވެކް އާއި ރަޝިޔާގެ ސްޕުޓްނިކް- ވީ މަރުކާގެ ވެކްސިންގެ އިތުރުން، އިންޑިޔާގައިވެސް އުފައްދަން ތައްޔާރުވަމުންދާ އޮކްސްފޯޑް މަރުކާގެ ވެކްސިނެވެ.

 

އިޤްތިޞާދަށް ބަލާލަމާ ހިންގަވާށެވެ. އިރާދަކުރެއްވީތީ، ފަތުރުވެރިނާއެކު އަންނަ މަތިންދާ ބޯޓުތައް މިދަނީ ގިނަވަމުންނެވެ. މާލޭގައި ކޮވިޑް-19 ފެތުރޭ މިންވަރުވެސް، މީގެ ދެތިން މަސް ކުރިޔާ އަޅާބަލާއިރު، ވަރަށް ބޮޑުތަނުން މަދުވެއްޖެއެވެ. މާތް ﷲ އަށް ޙަމްދުކުރަމެވެ.

ދަތުރުފަތުރުކޮށް އުޅޭ ބަޔަކުވެސް އެބަ ގިނަވެއެވެ. އަދި، ބައިކުޅަބައި މުސާރައިގައި ނަމަވެސް ވަޒީފާތަކަށް އެނބުރި ނުކުންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ހަމަ އެއާއެކު، ކުރިމަތިވެފައިވާ ގިނަގުނަ ގޮންޖެހުންތަކާއެކުވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ދަނީ ހިތްވަރާއެކު ބާޒާރަށް އަނބުރާ ނުކުމެ، ކުރިމަގަށްޓަކައި މަސައްކަތް ކުރަމުންނެވެ.

އަންނަ އަހަރު ކަންކަން ރަނގަޅުވާނެކަމަށް ޤަބޫލުކުރުމުގެ ފަހަތުގައިވާ އަސާސީ ވިސްނުން މިދަންނަވާލީއެވެ. އެއީ ވެކްސިންގެ އުންމީދެވެ. ފަތުރުވެރިކަން ދުވަހެއް ދުވަހަކަށް ރަނގަޅުވާނެކަމަށް ކުރާ ދުޢާއެކެވެ. އަދި، އާންމު ދިރިއުޅުން އަލުން އިޔާދަކުރެވޭނެކަމަށް ޢަޒުމު ކަނޑައަޅައިގެން، ވިސްނުމަށް ގެނެވޭ ހެޔޮ ބަދަލެވެ.

"ދިރުމެއް ވަންޏާއި އުންމީދެއްވެސް ވާނެ" ކަމަށް ރާއްޖޭގެ މަޝްހޫރު ސިޔާސީ ލީޑަރަކު ވިދާޅުވި އަޑު އަޅުގަނޑުމެން އެހީމެވެ. އަހަރަކާއި ގާތްވަންދެން ކޯމާއެއްގައި އޮތް މިޤައުމަށް ކޮންމެވެސް މިންވަރެއްގެ ދިރުމެއް އަންނަ މަންޒަރު އެބަ ފެނެއެވެ. އެހެންކަމުން، ކަންކަން ރަނގަޅުވާނެކަމުގެ އުންމީދުވެސް އެއާއެކު އާވެގެންދާނެއެވެ.

މި ހިސާބުން ދުލިފަށުން އެތެރެ ބަލާލުންވެސް މުހިންމެވެ. ކަންކަމުގެ އަސްލު ދެނެގަތުން ބުއްދިވެރިއެވެ. އެގޮތުން ފުރަތަމަ ފާޅުވާ އެއް ހަޤީޤަތަކީ، ދުނިޔޭގެ ނިސްބަތުން، ކޮވިޑް-19 ފެތުރެމުންދާ މިންވަރު އަދިވެސް ދަށް ނުވާ ކަމެވެ. އޭގެ އިތުރުން، މިވަގުތު ފަލަ ޞުރުޚީތަކުން މި ފެންނަ ވާހަކައަކީ ވައިރަސްގެ އާ ވައްތަރެއް އިނގިރޭސިވިލާތުންނާއި ދެކުނު އެފްރިކާއިން ފެނި، މި އާ ވައްތަރުގެ ކޮވިޑް ވައިރަސް ދުނިޔެއަށް ފެތުރެން ފަށާފައިވާ ބިރުވެރި ވާހަކައެވެ. މިއީ ގައިންގަޔަށް އެރުން އަވަސް ވައްތަރެއްކަމަށްވެއެވެ.

ރާއްޖޭގެ ހަތަރު ލައްކަ ރައްޔިތުންނާއި މިތާނގައި އުޅެމުންދާ އެ އަދަދާ އެއްވަރުގެ ބިދޭސީ އާބާދީއަށް މިތަނުން ވެކްސިނެއް ލިބޭނެ ދުވަހެއް އަދި ސާފެއް ނޫނެވެ. ނަމަވެސް، ވިހިއެކާވީހުގައި ލިބޭނެކަމުގެ އުންމީދު އެބައޮތެވެ. ދިވެހިންނަށް ވެކްސިން ލިބޭއިރު، މި ދެންނެވި އާ ވައިރަސް ސްޓްރޭނަށް ގުޑާ ވެކްސިނަކަށްވެސް ވެދާނެއެވެ. ކޮންމެ ކަމެއްގައިވެސް ހެޔޮގޮތަށް ވިސްނައިފިނަމަ، އުންމީދު އޮންނާނެއެވެ.

ދެން އޮތީ ޤައުމުގެ އާންމު މަސްލަހަތެވެ. ހުއްޓިފައިއޮތް އިޤްތިޞާދު، ފިނިހަކަ ދުވެލީގައި ނަމަވެސް، އަލުން ކުރިއަށް ދަތުރު ފަށައިފިއެވެ. ކޮންމެވެސް ސާބިތުކަމަކާއި އަޒުމަކާއެކު، ބަދަލުވެފައިވާ ޙާލަތާއި އާ ހަޤީޤަތްތަކާއެކު، އާންމު ދިރިއުޅުމައިގެން ކުރިއަށްދާންވެސް ގިނަ ބަޔަކު ފަށައިފިއެވެ.

ނަމަވެސް ޤައުމީ އިޤްތިޞާދު ހިކިފަސް ސަލާމަތް މަންޒިލަކަށް ދެވެން އަދި ގިނަ ވަގުތުތަކެއް ނަގާނެއެވެ. ޤައުމުގެ ބައިތުލްމާލު އަދި ފަރުދީ ފުދުންތެރިކަން މިއަދު މިހުރީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ދަށަށް ނުދާފަދަ ހިސާބެއްގައެވެ. ވަޒީފާއެއް ނުވަތަ އާމްދަނީ ލިބޭނެ މަގެއް ނެތިފައިތިބި އާބާދީގެ ތިން ބައިކުޅަ އެއްބައި ރައްޔިތުން އަންނަ އަހަރާ ކުރިމަތިލާނީ އެ މާޔޫސްކަމާއި ކަންބޮޑުވުމާ އެކުގައެވެ. ދެކޮޅު ނުޖެއްސިގެން، ލޯނާއި ކުއްޔާ ބިލުތައް ނުދެއްކިގެން އަދި ދިރިއުޅުމުގެ އަސާސްތައް ފުރިހަމަ ނުކުރެވިގެން ފިކުރުކޮށް އާދޭހުގެ ސަލާންޖަހަމުންދާ ބައެއްގެ އަނދިރިކަމަށް އުޖާލާކަން ލިބޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ. ވީމާ، ކަންކަން އިހުއޮތްގޮތަށް އަވަސް މުސްތަޤްބަލެއްގައި އިޔާދަވުން ނާދިރެވެ.

މި ހުރިހާ ކަންކަމަށް ރިއާޔަތްކުރާއިރު، ކުރިއަށްއޮތް ދެހާސްއެކާވީހަކީ މިދެންނެވި ޙާލަތަށް ބޮޑު ބަދަލެއް އަތުވެދާނެ އަހަރެއްކަމަކަށް ނުބެލެވެއެވެ. ވިހިއެކާވީހަކީ މިހިނގާ ވިހިވިހީގެ ދެވަނަ ބައިކަމުގައި ވެދާނެއެވެ.

ޤައުމެއްގެ ޙައިސިއްޔަތުން، އަލުން ހިންދެމިލެވޭނެ ދުވަސް އޮތީ އެހާ ކައިރި މުސްތަޤްބަލެއްގައި ނޫންކަމަށް ދަންނަވަންޖެހެއެވެ. ޤައުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިނުވާނަމަ، އަދި ދެކޮޅުޖެހޭ ވިސްނުންތެރި ސިޔާސަތުތަކެއް ތަންފީޒުކުރެވިއްޖެނަމަ، އެންމެ އަވަހަށްވެސް ކަންކަން ޙައްލުވާންފަށާނީ ދެހާސްބާވީހުގައިކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް، އުންމީދު ނަގާނުލާ، ދުޢާކުރުން މެދުކަނޑާނުލާ، ހިތްވަރުކުރަމާ ހިންގަވާށެވެ.