Support Us

މަޢުލޫމާތު ހޯދުމާއި ހާމަކުރުމުގެ ޙައްޤާއި ޒިންމާ

ސަރުކާރުން ކުރާ ކަންކަން ހާމަކުރުމަކީ ސަރުކާރުގެ ޤަދަރާއި އިޙުތިރާމް ރައްޔިތުންގެ ކުރިމަތީގައި އިތުރުވާނޭ ކަމެކެވެ. ރަނގަޅު ފައިދާ ހުރި ކަންކަން ކުރާ ނަމައެވެ. އެހެންކަމުން މި ފަދަ ކަމެއް ވަންހަނާކުރާކަށް އެއްވެސް ސަރުކާރަކުން ބޭނުމެއް ނުވާނެއެވެ. ނަމަވެސް ނުރަނގަޅު ކަންކަން ހިންގާ ނަމަ، އެ ފަދަ ކަންކަން ހާމަކުރާކަށް އެއްވެސް ސަރުކާރަކުން ބޭނުމެއް ނުވާނެއެވެ. އެހެންކަމުން ނުރަނގަޅު ނާޖާއިޒު ކަންކަން ސަރުކާރުތަކުން ހިންގިޔަ ނުދިނުމަށް ޓަކައި މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ މިނިވަންކަން، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން، އަސާސީ ޙައްޤެއްގެ ގޮތުގައި ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި ޙައްޤުގެ ތަފްޞީލުތައް ހާމަކޮށް އެ ކަން ތަނފީޒުކުރުމަށްޓަކައި 2014 ވަނަ އަހަރު ވަނީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު"ގެ ނަމުގައި ޤާނޫނެއް ވުޖޫދަށް ގެންނަވައިފައެވެ.

އާދޭހެވެ! ދައުލަތްތަކުގެ ނުވަތަ ސަރުކާރުތަކުގެ ހާމަކަން ބޮޑުވުމަކީ މާނަހުރި ޑިމޮކްރެސީއަކާއި، ހުރިހާ މާނައެއްގައި އިޖުތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށް ޓަކައި، މިހާރު ކަށަވަރުކުރެވިފައިވާ ކަމެކެވެ. ދައުލަތުގެ މަޢުލޫމާތު ހާމަކުރުމަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރުކުރުމުގެ މައިގަނޑު އަސާސެވެ. މި ކަން މިއަދު ދުނިޔޭގެ 90 ވަރަކަށް ޤައުމުން ޤަބޫލުކުރެއެވެ. މި ކަންކަން ފުރިހަމައަށް ތަންފީޒުކުރުމުގެ ނަމޫނާ ޤައުމުތަކަށް އަޅުގަނޑު ޒިޔާރަތްކޮށް އެ ކަން ތަޖުރިބާ ވެސް ކުރީމެވެ. މީގެ ތެރެއިން ވެސް ސްވިޑްންއަކީ މި ކަމުގައި ނަމޫނާ ޤައުމެކެވެ.

ކަން ހުރީ މިހެން ކަމުގައި ވިޔަސް، އަޅުގަނޑުމެން މިއަދު ވޭތުކުރަމުން މި ގެންދާ 21 ވަނަ ޤަރުނުގެ ފަތިސްދަމަށް އެޅުނު އިރު، ދައުލަތުގެ އިދާރާތަކުން ކުރާ މަސައްކަތްތައް ހާމަކަމާއެކު ކުރުމަށާއި ދައުލަތުން ކުރާ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރުން ލާޒިމުކުރާ ޤާނޫނީ ބާރެއް، ދެކުނު އޭޝިޔާގެ އެއްވެސް ޤައުމެއްގައި ފާސްކުރެވިފައެއް ނެތެވެ. އެހެންނަމަވެސް އޭގެ އަހަރުތަކެއްގެ ފަހުން މިހާރު ޕާކިސްތާން (2002 ގައި) އާއި، އުތުރުކަރަ (2005 ގައި) އާއި ނޭޕާލު (2007ގައި) އާއި ދިވެހިރާއްޖެ (2014 ގައި)ފަދަ ގިނަ ޤައުމުތަކުގައި މި ފަދަ ޤާނޫނުތައްވަނީ ތަޞްދީޤުކުރެވި ޢަމަލުކުރާން ފަށައިފައެވެ. އަދި އޭގެ ފަހުން އޮޅުދޫ ކަރައިގައި ވެސް ޤާނޫނީ މި ފަދަ ނިޒާމެއް ޤާއިމުކުރެވިފައިވާކަމަށް ޚަބަރު ލިބިފައިވެއެވެ. މިއީ ދައުލަތް ހިންގުމުގެ ނިޒާމުގެ ސަޤާފީ ފަލްސަފާ ބަދަލުކޮށް، ވަންހަނާކުރުމުގެ ތެރެއިން ހާމަކަމުގެތެރެއަށް ނުކުތުމަށް ކުރެވޭ މަސައްކަތެވެ.

ތުރުކީގައި އޮތް އިސްލާމީ ޙަޟާރަތުގެ ތެރެއިން ހާމަކަމުގެ ފަލްސަފާ ދަސްކޮށްގެން، ސްއިޑުންގައި ރައްޔިތުންނަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ޤާނޫނީ ބާރުވެރިކަމުގެ ތެރެއިން ކަށަވަރުކޮށްދެވިފައިވާތާ ވަނީ ޤަރުނުތަކެއް ވެފައެވެ. މި ކަމުގެ ސަބަބުން އިޖުތިމާޢީ ހަމަޖެހުމާއި އަމާންކަން އެ މުޖުތަމަޢުގައި ފެތުރިފައިވާކަން ކަށަވަރެވެ. ސްއިޑުންގައި، މި އަމާންކަން ވެރިވެފައި އޮތުމުގެ ސަބަބަކީ މިއީ ކަމަށް ވީ ނަމަވެސް ދައުލަތުގެ ސިއްރު ހިފެއްޓުމާއި އެހެންމީހުންގެ ޛާތީ މަޢުލޫމާތު ހާމަވިޔަ ނުދިނުމުގެ ޤާނޫނީ ބާރުވެރިކަން ވެސް އެ ޤައުމުގައިވަނީ ޤާއިމުކުރެވިފައެވެ. އެއީ "ޕްރައިވެސީ އެކްޓް" (އަމިއްލަ ވަންތަކަމުގެ ޤާނޫނު) އާއި "ސީކްރެސީ އެކްޓް" (ސިއްރު ހިފެހެއްޓުމުގެ ޤާނޫނު) ފަދަ ޤާނޫނުތައް ވުޖޫދަށް ގެނެސްގެންނެވެ. މި މުޖުތަމަޢުގެ އަމާންކަމާއި އުފާވެރިކަން ތަޖުރިބާކޮށްލުމުގެ ފުރުޞަތު އަޅުގަނޑަށް ވެސް ލިބިފައިވާތީ މި ޔަގީންކަން އަޅުގަނޑުގެ އެބަ އޮތެވެ.

އެއްވެސް ޝައްކެއް ނެތެވެ. ކަންކަން ހާމަކުރާން ލާޒިމުވާ ނަމަ، ނުރަނގަޅު ކަންކަން ކުރާން ޖެހިލުންވާނެއެވެ. ސަބަބަކީ އެ ފަދަ ނުރަނގަޅު ނާޒާއިޒު ކަންކަން ހާމަކުރާން މަޖުބޫރުވެގެން ހާމަކުރެވިއްޖެ ނަމަ، އެ ކަން ކުރި މީހަކު ނުވަތަ ބަޔަކު ބޭޒާރުވެ ބަދުނާމުވާނެތީއެވެ. އަދި ޖަރީމާއެއް ހިނގައިފައި ވާނަމަ، އެ ކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ޢުޤޫބާތް ވެސް ލިބޭނެތީއެވެ. ނަތީޖާއަކަށް ވާނީ އެ ފަދަ ކަންކަން ކުރާން ޖެހިލުންވެ އެ ފަދަ ކަންކަން މަދުވެ، ހުއްޓުމެވެ. ފަސާދައިގެ ޢަމަލުތައް ނެތި ދިޔުމެވެ. ދައުލަތުގެ ތަނަވަސްކަން، މުޅި ޤައުމުގެ ކުރިއެރުމަށް ޓަކައި ބޭނުންކުރާނޭ ފުރުޞަތު ފަހިވެ، އިޖުތިމާޢީ، ޢުމްރާނީ އަދި އިޤުތިޞާދީ ރޮނގުން ޤައުމު ކުރިއެރުމެވެ. ނަމަވެސް މި ކަން މި މަގުން ހިނގާނީ ބާރުތައް ހަމަހަމަވެފައިވާ، ދީމުޤްރާޠީ، ޢަދުލުވެރި ވެރިކަމެއް ޤައުމުގައި ހިނގާ ނަމައެވެ. އެހެން ނޫންނަމަ، ކަރުދާހުގައި ކިތަންމެ ރީތި ޢިބާރާތްތަކެއް ފުރޭފުކުރެވި މުލަންމާކުރެވިފައި ވިޔަސް ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުވެގެންނެއް ނާންނާނެއެވެ. އަދި އެ ކަންކަން ތަންފީޒުކުރުގެ ބާރެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނުވެސް އޮންނާނެއެވެ.

ދާދި ފަހުން މި ފަދަ ކަމެއް ވަނީ ހާމަވެފައެވެ. ރާއްޖޭގައި ތިބި ބޭރު ޤައުމެއްގެ ސިފައިންގެ އަދަދާއި އެ މީހުންނަށް، ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ޚަރަދު ހޯދާން އުޅުނު ރައްޔިތަކަށް އެ ޙައްޤު ކަށަވަރު ކޮށްދެއްވުމުގައި އިންފޮމޭޝަން ކޮމިޝަނަރު ނުކުޅެދިފައިވުން ހާމަކޮށްދެނީ މި ނިޒާމު މިއަދު ރާއްޖޭގައި ޢަމަލީ ގޮތުން ނިހިނގާ ކަމެވެ. ތަންފީޒު ނުކުރެވޭކަމެވެ. ޑިމޮކްރެސީއަށް ހުރަސްއެޅިފައިވާ ކަމެވެ. ކޮރަޕްޝަނާއި ފަސާދައަށް ފަހި ފުރުޞަތުތަކެއް ހުޅުވިފައިވާ ކަމެވެ.

އާދޭހެވެ! އެއީ ހާމަކުރާން ޖެހޭ މަޢުލޫމާތުކަން އިންފޮމޭޝަން ކޮމިޝަނަރަށް ވެސް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެއީ ވެސް ހަމައާއި ނަހަމަ އެނގިވަޑައިގަންނަވާނޭ ފަދަ ތަޢުލީމީ ޒުވާނެކެވެ. އެ މަނިކުފާނަށް ލަފާއަރުވާ ޤާނޫނީ މުވައްޒަފުން ވެސް އެހެން ގޮތަކަށް އެ ކަމުގައި ލަފާ އަރުވައިފާނެ ކަމަކަށް ވެސް ޤަބޫލެއް ނުކުރެވެއެވެ. އެއީ އަޅުގަނޑު އެ ބޭފުޅުންގެ ޤާބިލުކަމާއި ނަޒާހަތްތެރިކަން ދަންނަ ބޭފުޅުންނަށް ވާތީއެވެ. ނަމަވެސް މަޤާމުގެ ފުރިހަމަ ޒިންމާ އަދާކުރައްވާން ނުކުޅެދުންތެރިވެ މުޅި މުއްސަސާގެ ނަޒާހަތްތެރިކަން ޤުރުބާންކުރައްވާން މަޖުބޫރުވީ ކޮންމެވެސް އެހެން ސަބަބަކާހުރެ ކަމަށް ވެދާނެއެވެ. މި ކަމުން އަންގައިދެނީ ކޮރަޕްޝަނާއި ފަސާދަ ނައްތައިލުމަށް ޓަކައި، މި ރާއްޖޭގައި ފުރޭފުކުރެވި ލިޔުމުން ޤާއިމުކުރެވިފައިވާ ނިޒާމު ޢަމަލީ ގޮތުން ތަންފީޒުނުވާ ކަމެވެ. ހިތާމަހުއްޓެވެ!

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބޭނުން ރައްޔިތުން ހިފާ އިރު، އަދި އެ ޙައްޤު އޮތްކަމަށް ޤަބޫލުކުރާއިރު، ކޮންމެ މީހަކު ވެސް ތިމާގެ މަސްއޫލިއްޔަތާއި ޛިންމާއެއް އޮތްކަމަށް އެ ޤައުމުގެ ކޮންމެ ރައްޔިތަކު ވެސް ގަބޫލުކުރެއެވެ. ދައުލަތުގެ އަމުރާއި ޝަރަފު ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ޤައުމީ ވާޖިބެއްކަން އެ މީހުން ހިތުގެ އަޑިން ޤަބޫލުކުރެއެވެ. އިޖުތިމާޢީ ހަމަޖެހުމަކީ ހަމަ ކޮންމެ މީހެއްގެ ދިރިއުޅުން އަމާންކޮށްދޭނެ ވަސީލަތެއްކަން އެ މީހުންނަށް އެނގެއެވެ. އިޖުތިމާޢީ ހަމަޖެހުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގެ ޙުރުމަތް ރައްކާތެރިކުރުމަކީ ޚުދު ތިމާގެ މަޞްލަޙަތަށް ޓަކައި ވެސް މުހިންމު ކަމެއްކަން އެ މީހުން ދަނެއެވެ. އަދި ކޮރަޕްޝަނާއި ފަސާދައާއި ނާޒާއިޒު އަޑި ނޭނގޭ ނުރަނގަޅު ޢަމަލުތައް ސިއްރުކުރުމަކީ ޝަރަފު ދެމެހެއްޓުން ނޫންކަމާއި މި ފަދަ ކަންކަން ހަމަ ކޮންމެހެން ވެސް ހާމަކުރުމަކީ ޑިމޮކްރެސީ ދެމެހެއްޓުމަށް ޓަކައި ލާޒިމު ކަމެއްކަން ވެސް އެ ރައްޔިތުންނާއި ސަރުކާރު ވެސް ފުރިހަމައަށް ޤަބޫލުކުރެއެވެ. މި ހަމައިން ބަލާ އިރު، ދައުލަތުގެ އަމާންކަމަށް ބުރޫއަރައިދާނެ ފަދަ ކަންކަމުގައި ވާނުވާ ނޭނގި ރައްޔިތުން ބިރުވެރިކަމެއްގައި ތިބޭން ޖެހިގެނެއް ނުވާނެއެވެ. ޤައުމުގައި ބޭރު ސިފައިންގެ ބަޔަކު ޙަރަކާތްތެރިވާނަމަ، އެއީ ކީއްކުރާން ކޮން ބޭނުމަކު އައިސް އުޅޭ ކިހާ އަދަދެއްގެ ބަޔެއްކަން ރައްޔިތުންނަށް އަންގައިދޭންޖެހޭނެއެވެ. ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ޝައްކު އުފެދޭ ކަންކަން ކުރެވިގެންނެއް ނުވާނެއެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރެވޭ ޚަރަދު އެ ރައްޔިތުންނަށް ވަންހަނާކުރެވިގެންނެއް ނުވާނެއެވެ. ޑިމޮކްރެސީ އޮތް ޤައުމެއް ނަމައެވެ. މި ފަދަ ކަންކަން ސިއްރުކުރުމަކީ ސިއްރު ހިފެހެއްޓުމެއް ނޫނެވެ. އެއީ ކޮރަޕްޝަނަށް މަގު ފަހިކުރުމެކެވެ.

ވީމާ ދިވެހި މުޖުތަމަޢުގެ އަމާންކަމަށްޓަކައްޔާއި ޑިމޮކްރެސީއާއި ހެޔޮ ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބޭނުން ހެޔޮ ގޮތުގައި ހިފަމާތޯއެވެ! އަދި މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޒިންމާދާރުވަމާތޯއެވެ! މުޖުތަމަޢުގެ އަމާންކަމާއި ހަމަޖެހުމަކީ ޚުދު އަޅުގަނޑުމެންގެ ރައްކާތެރިކަމުގެ އަސާސްކަމުގައި ޤަބޫލުކުރަމާތޯއެވެ! ކޮރަޕްޝަނާއި ފަސާދަ މަދުވި ވަރަކަށް ޤައުމުގެ ފޯރުންތެރިކަން އިތުރުވާނެކަން ދަންނަމާތޯއެވެ! ދައުލަތުގެ ކަންކަން ސިއްރުކޮށް ހާމަނުކުރާން ބަގުޑިބެއްދުމަކީ އެ ކަމުގައި ނާޖާއިޒު ކޮންމެވެސް ކަމެއް އޮތްކަން ރައްޔިތުންނަށް ހާމަވާނޭ ކަމެއްކަން ވެސް ވިސްނަމާތޯއެވެ! އޭގެ ސަބަބުން ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ވެއްޔާ މޮޑެވި، ދައުލަތުގެ ޤަދަރު ކެނޑިގެން ހިނގައިދާނެކަން ދަންނަމާތޯއެވެ! އަޅުގަނޑުމެންގެ ކޮންމެ ފަރުދަކީ ވެސް މުޖުތަމަޢުގެ އަދި ދައުލަތުގެ މުހިންމު އެއްބައިކަން ހެޔޮ ހިތުން ގަބޫލުކުރަމާތޯއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. މިހާރު އިންފޮމޭޝަން ކޮމިޝަން އަކީ ބޭކާރު ތަނެއް. ޕާޓީގެ އެކްޓިވިސްޓަކަށް މުސާރަ ދިނުން ނޫން މަގުޞަދެއް އެތާކުން ހާސިލެއް ނުވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *