Support Us

ކޮލަމް: ދޭހަ

ކޮރޯނާ ވައިރަހުން ލިބުނު ފިލާވަޅުން ކުރިއަށްދަމާ!

ކޮރޯނާ ވައިރަސްގެ ވަބާގެ ސަބަބުން މުޅި ދުނިޔެ ވަނީ ވަރަށް ބޮޑު އިޤްތިޞާދީ ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ. މުޅި ދުނިޔެ އަށް އެތައް ބިލިއަން ޑޮލަރެއްގެ ގެެއްލުންވަމުން ދެއެވެ. އެތައް މިލިއަން މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އެތައް ލައްކަ ބައެއްގެ ދިރިއުޅުން ވަނީ ފަގީރުކަމުގެ ޙާލަތަށް ބަދަލުވެފައެވެ. ބޮޑެތި، ގިނަ ވިޔަފާރިތައް ވަނީ ފުނޑުފުނޑުވެފައެވެ. ފަތުރުވެރިކަމާއި ގުޅޭ ހުރިހާ ވިޔަފާރިއެއް ވަނީ އިނދަޖެހިފައެވެ. މި ވެއްޓުމުން އަރައިގަނެ ހިންދެމިލަން ވެސް ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އިޤްތިޞާދީ މާހިރުން ބުނެއެވެ. ހަމަޖެހުމެއް އަންނާނެ ކަމަށް އެމީހުންގެ އެންމެ ދުރު ބަލާ ދުރުމީން ފެންނަނީ ހަތަރު ވަރަކަށް އަހަރުންނެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ދުނިޔެ އަށް ބިރުވެރިކަމާއި ނުތަނަވަސްކަމާއި ހިތްދަތިކަން ގެނެސްދިން ކަމުގައި ވިޔަސް، ބައެއް ކަންކަމުގައި ދުނިޔެ އަށް ހޭލުންތެރިކަމެއް ވެސް ގެނެސްދިނެވެ. އެކަމުގެ ސަބަބުން ބައެއް ވިޔަފާރިއަށް އިންތިހާ ދަރަޖައިގެ ފައިދާވަމުން ވެސް ދެއެވެ. އަދި ބައެއް ވިޔަފާރި އަށް ގެއްލުން ކުޑަކުރެވި ފައިދާ ބޮޑުކުރެވޭނެ ގޮތް ވެސް ވަނީ ފެނި ފައެވެ. އަދި ބައެއް ވިޔަފާރީގައި މަސައްކަތް ކުރުމުގައި އަރިމަތީ ފައިދާ އެއްވެސް ފެނިފައި ވެއެވެ. ރައްދު ކޮށްދިނުމުގެ ވިޔަފާރި ދިޔައީ ކުރިއަށެވެ. ޚާއްޞަކޮށް ކާބޯތަކެތި ތަންތަނަށް ފޮނުވައިދިނުމުގައެވެ. ފުރަބަންދުތަކުގެ ތެރޭގައި، މީހުން ބޭނުންވާ ތަކެތި އެމީހުންނަށް ރައްދު ކޮށްދިނުމުގައެވެ. ބަލިމަޑުކަމުގެ ބިރުވެރިކަމާ ހުރެ ބައެއް މުއައްޒަފުން އޮފީހަށް ނުގޮސް ގޭގައި މަސައްކަތް ކުރެވޭ ގޮތަށް ކަންތައްތައް ރޭވުނެވެ. އަދި ޢާއްމު ރައްޔިތުން އެކި ތަންތަނުން ހޯދަން ބޭނުންވާ ޚިދުމަތްތަކުގެ ވެސް ލިޔެކިއުމުގެ ބޮޑުބައި ގޭގައި ތިބެގެން ކުރެވޭ ގޮތަށް ހަމަޖެއްސުނެވެ. ކޮމްޕިއުޓަރުގެ އެހީގައެވެ. ފައިސާގެ މުއާމަލާތްތައް ވެސް ކުރިން ކޮމްޕިއުޓަރާއި ފޯނުގެ ޒަރީޢާއިން ޢާއްމުކޮށް ނުކުރާ މީހުން ވެސް އެ ޒަރީޢާ ގިނަގިނައިން ބޭނުން ކުރުމަށް ހާލަތު މަޖުބޫރުކުރުވި އެވެ. ނަތީޖާ ނެރެން ތިބޭ މީހުންނާއި ނަތީޖާ އަށް ބަލަން ތިބޭ މީހުންނަށް ފެނުނީ ހިތްހަމަޖެހޭ ފަދަ މަންޒަރެކެވެ. އޮފީހަށް ނުގޮސް ގޭގައި ތިބެގެން، އިންޓަރނެޓްގެ ބޭނުން ކޮށްގެން ބައިވަރު ޚިދުމަތް ދެވިދާނެ ކަމާއި، ދެވޭ ޚިދުމަތް އަވަސްވާނެ ކަމާއި ދެވޭ ޚިދުމަތުގެ އިތުބާރު ބޮޑުވާނެ ކަމާއި ވަގުތު ސަލާމަތްވާކަން ވެސް ޔަޤީން ކުރެވުނެވެ. މިހާރު ބޮޑެތި ކުންފުނިތަކުން ވިސްނަނީ އޮފީހުގައި ކުރެވޭ މަސައްކަތްތައް ގޭގައި ކުރުމަށް ބަދަލު ކުރެވޭނެ ނިޒާމެކެވެ. ގޭގައި މަސައްކަތް ކުރުމުން މަސައްކަތް ކުރުމުގެ ވަގުތު ބޭކާރުނުވެ ދެ ގަޑިއިރު އިތުރުވާ ކަމަށް ބައެއް ތަންތަނުން ފާހަގަކޮށްފައި ވެއެވެ. ފަރަންސޭސި ވިލާތުގެ ބޭންކަކުން އެކި ކަންކޮޅުތަކުގައި ހުޅުވާފައި ހުރި އެ ބޭންކުގެ ހަސަތޭކަ ގޮފި ބަންދުކުރާ ގޮތަށް ވަރަށް ފަހުން ނިންމި އެވެ. އެ ތަންތަނުން ކުރަމުން ގެންދިޔަ ހުރިހާ މަސައްކަތެއް އިންޓަރނެޓްގެ ޒަރީޢާ އިން ކުރެވޭތީ ވެއެވެ. އެ ތަނުން ލިބޭ ގޮތަށް ހުންނާނެ ކަމަށް ވަނީ ހަމައެކަނި ކާޑުން ފައިސާ ނެގޭ ޚިދުމަތެވެ. ރާއްޖޭގެ ބައެއް ބޭންކު ތަކުން ވެސް ކޮންމެވެސް ވަރަކަށް މިކަހަލަ ފިޔަވަޅު އަޅަމުން ގެންދެ އެވެ.

ފާއިތުވި ހަފްތާގައި ރާއްޖެ އައި އެމެރިކާގެ ފަތުރުވެރި އަކު ޗުއްޓީ ހޭދަކުރީ އަތޮޅުތެރޭގައި ހުރި ގެސްޓްހައުސްއެއްގަ އެވެ. އޭނާ ޗުއްޓީ ހޭދަ ކުރިއިރު މަސައްކަތްކުރި އެވެ. ރޭގަނޑު ގައެވެ. ހުރިހާ ބޮތްކެއް ދިއްލައިގެންނެވެ. ދުވާލުކަން ދެއްކުމަށެވެ. އޭނާގެ ވަރަށް ގިނަ ބައްދަލުވުންތައް އޮންނަ ކަމުގައި ވެއެވެ. އޭނާ ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ނުދިޔައަސް އޭނާގެ މަސައްކަތް ކުރެވެ އެވެ. ވަރަށް މުހިއްމު ބައްދަލުވުމެއް އޮންނާތީވެ އޭނާގެ ރާއްޖޭގެ ޗުއްޓީ ކުރުކޮށްފައި ދިޔައީ ތުރުކީއަށެވެ. ރާއްޖޭގައި އޭނާ ހުރި ރަށުގައި، އިންޓަރނެޓްގެ ޚިދުމަތް ކެނޑިކެނޑިފައި ލިބޭތީ ވެއެވެ. ބޮޑު އޮޕަރޭޝަނަކަށް ޑޮކްޓަރު ދިޔައީ ކަމުގައިވެސް ވެދާނެ އެވެ. އޭނާ ޤައުމުން ބޭރުގައި އުޅޭކަން ވެސް އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލަކަށް ނޭނގެ އެވެ.

ބައެއް ކަންކަން ކުރުމަށް ސަރުކާރުގެ އޮފީހަކަށް ނުގޮސް، ގޭގައި ތިބެގެން ކުރެވޭނެ ވަރަށް ގިނަ ކަންތައްތައް ރާއްޖޭގައި ވެސް އެބަހުއްޓެވެ. އިންޓަރނެޓް ބޭނުން ކޮށްގެންނެވެ. އެހެންނަމަވެސް، ސަރުކާރުގައި މަސައްކަތް ކުރާ ގިނަ މުއައްޒަފުންގެ ވިސްނުން ހުންނަ ގޮތުން އެ ގޮތަށް ހުރިހާ ކަމެއް ބަދަލު ކުރުމަށް ބައެއް އޮފީސް ތަކުގެ ވެރިން ދެކޮޅު ހެދުމަކީ ކައިރި ކަމެކެވެ. ތާކުންތާކު ނުޖެހޭ ޚިޔާލީ ނުރައްކަލާއި ބަހަނާ ދައްކައިގެންނެވެ. އޮފީސް ތަކުގައި މަސައްކަތް ކުރެވޭ ގޮތަށް ބަލާއިރު، ރާއްޖޭގައި އޮފީސް ތަކުގައި މަސައްކަތް ކުރާ މީހުންގެ އޮންނަ ޢާއްމު ވިސްނުމެއް ކަމަށް ފެންނަނީ ތިމާގެ ބޮޑުކަމާއި ހައިބަތު ރައްޔިތުންނަށް ބޮޑަށް ދެއްކުމަށް އޮފީސްތަކުން ރައްޔިތުންނަށް ޚިދުމަތް ލިބިގަތުމަށް އުނދަގޫ މަރުޙަލާތަކެއް ކަޑައްތުކުރުމަށް ޖެއްސުމެވެ. އެއް ޒިޔާރަތުން ކޮށްދެވޭނެ ކަމެއް، އެތައް ފަހަރަކު ގެންގޮސްގެން ކޮށްދިނުމެވެ.

މި ކަމުގައި ބައެއް މީހުންގެ ތަޖުރިބާ އިން މިސާލު ދަންނަވާލާނަމެވެ. އެކި ކަންކަމަށް އެންމެ ގިނައިން މީހުން ދާންޖެހޭ އެއް އޮފީހަކީ ޓުރާންސްޕޯރޓު މިނިސްޓްރީ އެވެ. އުޅަނދެއް ރަޖިސްޓްރީ ކުރަން އެތަނަށް ދިޔަ މީހެކެވެ. އެތަކެއް ފަހަރު އެތަނަށް ދިޔައެވެ. އެންމެ ފަހުން އެތަނުން ބޭނުންވުމުން، އެތަނާ ސީދާ ނުގުޅޭ އެތައް ލިއުމެއް އެތަނަށް ހުށައެޅުމަށް ފަހު ވެސް ރަޖިސްޓްރީ ދުލެއް ނުކުރެއެވެ. ސަބަބެއް ނުބުނެއެވެ. ބޭނުންވާ އިތުރު އެއްޗެއް އޮތްކަމަށް ނުބުނެ އެވެ. އެހެން ދުވަހެކެވެ. އެހެން މީހެކެވެ. އެކަމަކު އެއް އޮފީހެކެވެ. އެއްމެދު ގޯއްޗެއްގެ ގަރާޖެއްގައި އޭނާގެ އުޅަނދެއް ބޭއްވުމަށް އެ ގޯތީގައި ދިރިއުޅޭ ހަމައެކަނި ވާރިސް އެދުނެވެ. އެހެން ވާރިސުންގެ އިޢްތިރާޒެއް ނެތް ކަމުގެ ލިއުން ގެނައުމަށް އެންގި އެވެ. އެހެން ވާރިސުންގެ ދިރިއުޅެމުން ދަނީ ދުނިޔޭގެ ތިން ބައްރު ގައެވެ. އެ ލިއުން ހޯދި އެވެ. އެއީ ސައްޙަ ލިއުމެއް ކަމަށް ޤާނޫނީ ފަރާތުގެ ތައްގަނޑު ޖަހާ ސޮއި ކުރުމަށް ފަހުގަ އެވެ. އެއީ ދުނިޔޭގެ ހުރިހާ ޤައުމަކުން ވެސް އެފަދަ ލިއުން ޤަބޫލުކުރާ ގޮތެވެ. ކަމަކުނުދިޔަ އެވެ. އެ ލިއުން ސައްޙަ ކަމަށް ސަފީރު އޮފީހުގެ ތައްގަނޑު އޮންނަން ބޭނުންވި އެވެ. ސަފީރު އޮފީސް ހުންނަނީ އެހެން ޝަހެރެއްގަ އެވެ. އެ ޝަހެރަށް ދެވެނީ ދުރުކަމުން އެއްދުވަހުގެ ޗުއްޓީ އެއް ނަގައިގެންނެވެ. ހުރިހާ ކަމެއް ނިމުމުން ވެސް ހުއްދަ ދުލެއް ނުކުރިއެވެ. ސަބަބެއް ނުދެއެވެ. އެންމެފަހުން ހުއްދަ ދޫކުރީ ތިން މަސް ފަހުންނެވެ.

އެހެން އޮފީހެކެވެ. ފަތުރުވެރިކަމުގެ ޤާނޫނަށް ގެނެވުނު ބަދަލެކެވެ. އެ ޤާނޫނު ވުޖޫދަށް އައުމުގެ ކުރީގައި ރަޖިސްޓްރީ ކުރި ބައެއް ކުންފުނިތަކުން މަސައްކަތް ކުރާނެ ދާއިރާ ލިއުނު އިރު ފުޅާ ކުރުމުގެ ގޮތުން ލިއުނީ ޓޫރިޒަމް އެވެ. ޓޫރިޒަމް ޤާނޫނުގައި އޮންނަނީ ޓޫރިޒަމް އިންޑަސްޓުރީ އެވެ. އިނގިރޭސި ބަހުން ބަލާ ކަމުގައި ވަނީ ނަމަ ޓޫރިޒަމް، ލަފްޒުގައި ހުރިހާ އެއްޗެއް ޝާމިލުވެއެވެ. ބޮޑު މައްސަލައެކެވެ. ޤާނޫނާއި އެއްގޮތަށް ބަދަލު ކުރަން ޖެހެއެވެ.

މިފަހަރު ބޭންކެވެ. ސޮއި ދިމާނުވެގެންނެވެ. ބޭންކަށް ޙާޒިރުވާން އެންގިއެވެ. ސޮއި ދިމާނުވަނީ ކިހިނެއްވެގެން ތޯ ސުވާލު ކުރުމުން ދެ ސޮއި ކޮމްޕިއުޓަރުން ދައްކާލި އެވެ. އެއް ސޮއިގެ ތިރީގައި ދަމާ ފައި އޮތް ރޮނގު، އަނެއް ސޮއިގެ ތިރީގައި ދަމާފައި އޮތް ރޮނގަށް ވުރެ ކުޑަ ތަންކޮޅެއް ކުރުވީ ކަމަށް ބުންޏެވެ. މަނީލޯންޑުރިންގެ ކަންތަކަށް އަޅާނުލެވުނަސް، މިކަހަލަ މުހިއްމު ކަންތައް ދޫވެދިޔަ ދީގެން ނުވާނެ އެވެ.

ކޮވިޑްގެ ވަބާ އަޅުގަނޑުމެންނަށް ބިރުވެރިކަން ގެނެސްދިނެވެ. ހިތްދަތިކަމާއި ހިތާމަވެރިކަން ގެނެސްދިނެވެ.  ބަނޑުހައިހޫނުކަން ގެނެސްދިނެވެ. އެހެންނަމަވެސް ދުރުން، މާދުރުދުރުން އަޅުގަނޑުމެންނަށް އުއްމީދުގެ އަލިކަމެއް ވެސް ދެއްކި އެވެ. އެ އަލިކަމުން، އަޅުގަނޑުމެން ކުރިއަށް ދާން އޮތް މަގު ދިއްލައިދިނެވެ. މަގު އެ އޮތީ ފެނިފަ އެވެ. ކުރިއަށް ދިއުން އޮތީ އަޅުގަނޑުމެންގެ ކިބައިގައެވެ. ދަމާތޯއެވެ؟ ލަހެއް ނުވެއެވެ. ރައްޔިތުންގެ ފަސޭހަ އަކަށެވެ.