Support Us

މުސްލިމުންނަށް ކުރާ އަނިޔާ ދާޚިލީ ކަމަކަށް، މަރުވާ މީހުންގެ ޖަނާޒާ ޚާރިޖީ ކަމަކަށް!!؟؟

މިއަދު ރާއްޖޭގެ މަސްރަޙުން އަޅުގަނޑަށް އިވޭ އެންމެ އާދަޔާ ޚިލާފު ޚަބަރަކީ އަވަށްޓެރި ޤައުމުމެއްގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ ޤައުމުން މަރުވާ މީހުން، އިވޭ ގޮތުގައި ކޮވިޑު ޖެހިގެން މަރުވާ މީހުން، ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލާ ވާހަކައެވެ. މިއަޑު އިވުމުން، މި ޚަބަރުތައް މީޑިއާއިން އިވި ފެނުމުން، އަޅުގަނޑުގެ ސިކުނޑިގައި ސުވާލު ފުންޏެއް އުފެދުނެވެ. އަދި މި ކަން މި ގޮތަށް ކޮށްފި ނަމަ، އުފެދިދާނެ އެތައް މައްސަލަތަކެއް ވެސް އަޅުގަނޑުގެ ޚިޔާލުގައި އެނބުރިގަތެވެ. އެހެންކަމުން މި ވާހަކަތައް ނޫހުގެ އަހުލުވެރީންނާ ހިއްސާކޮށްލާހިތްވީއެވެ.

ހަތަރު ލައްކައެއްހައި މީހުންގެ އާބާދީއެއް އޮންނަ މި ދިވެހިރާއްޖޭގައި ވެސް މަރުވާ މީހުން ވަޅުލާނެ ބިމުގެ މައްސަލައަކީ ކުޑަ މައްސަލައެއް ނޫނެވެ. މާލޭގައި ގަބުރުސްތާނުތައް ފުރި ފަށަލަފަށަލައަށް ވެލިއަޅައި ބަރިބަރިއަށް މީހުންވާޅުލާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މި ކަން އެންމެންނަށް ވެސް އެނގެއެވެ. މާލޭގައި މި ކަން މިހެން އޮތް އިރު ރާއްޖޭގެ އެހެން ރަށްރަށުގެ ހާލު ވެސް ހުރީ ވަކި ސަހަލު ގޮތަކަށް ނޫނެވެ. މިކަމަށް ޙައްލު ހޯދާން ބައެއް ސަރުކާރުތަކުން މުސްލިމު ބައެއް ޤައުމުތަކުގެ ފަންނީ އެހީ ވެސް ހޯދައިފައިވާކަން އެނގެއެވެ. އަދި ވެސް މި ކަމަށް ޙައްލެއް ހޯދިފައިވާކަން އެނގިފައެއް ނެތެވެ.

މި ޙާލަތު މި ގޮތަށް އޮއްވައި އެހެން ޤައުމެއްގެ ބަޔަކު އެ ޤައުމުގައި މަރުވީމާ، އެ މީހުން ވަޅުލާން މި ރާއްޖެ ގެންނަ ވާހަކަ ދައްކާން ސަރުކާރުން ނިންމެވި ކަމާ މެދު ވެސް އަޅުގަނޑު ހައިރާންވެއެވެ. އެއީ ހަމަ ތެދެއް ބާވައޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް އެކަން ދޮގުކުރެވޭން ނެތީ ދައުލަތުގެ ވުޒާރާއަކުން އެކަން އިޢުލާނުކުރައްވައިފައިވާތީއެވެ. އަޅުގަނޑު ހައިރާންވީ އެހެންވެގެންނެވެ. މި ދައްކަނީ ރާއްޖޭގެ އާބާދީގެ ތިން ގުނަ ބޮޑު އާބާދީއެއްގެ ވާހަކައެވެ. ގާތްގަނޑަކަށް ދެ މިލިޔަނެއްހައި މީހުންގެ ވާހަކައެވެ. އާދޭހެވެ! ގާތްގަނޑަކަށް ބާވީހަކަށް މިލިއަން މީހުންގެ އާބާދީއެއް އޮންނަ އޮޅުދޫކަރައިގެ އާބާދީގެ ނުވަވަރަކަށް ނުވަތަ ދިހަވަރަކަށް އިންސައްތައަކީ މުސްލިމުންނެވެ. އެއީ ގާތްގަނޑަކަށް ދެ މިލިޔަނެއްހާ މީހުންނެވެ. ރާއްޖެއިން ދުވާލަކަށް ދެތިން މީހުން މަރުވާ ނަމަ، އެ އާބާދީއިން އާންމު ގޮތެއްގައި އަށެއްކަ މީހުން ނުވަތަ ނުވަވަރަކަށް މީހުން މަރުވާނެތާއެވެ. ކޮވިޑްޖެހިގެން މަރުވާ މީހުންނަށް ބެއްޔަސް މި ރާއްޖެއިން މަރުވާ މީހުންގެ ތިންގުނަ މަރުވާނެތާއެވެ. އެހެންވީއިރު، ރާއްޖޭގެ ރައްޔިތުންގެ ކަންކަން ޙައްލު ނުކުރެވި  އޮއްވައި އެހެން ބަޔެއްގެ ކަންކަން ޙައްލުކުރައްވާން ސަރުކާރުން މި ވިސްނެވީ ހަމަ އިސްލާމް ދީނަށް ނަޞްރުދިނުމުގެ ބޭނުމުގައިބާވައެވެ! މުސްލިމުންނަށް ހެޔޮ އެދިގެންބާވައެވެ! މުސްލިމުންނަށް އެހީވުމަކީ ދަރުމަ ހުރި ސަވާބު ލިބެނިވި ޢަމަލެއް ކަމާމެދަކު އެކަކު ވެސް ޝައްކެއް ނުކުރާނެއެވެ. ނަމަވެސް، ބިމުގެ ގޮތުންނާއި މާލީ ގޮތުން މާ ތަނަވަސް މުސްލިމު ޤައުތައް ހުއްޓައި، މި ކަމަށް ޙައްލު ހޯދާން އެހީތެރިވާން ޖެހެނީ ބިން ކުޑަ، އިޤްތިޞާދީ ގޮތުން ބަނގުރޫޓުވުމާ ދާދި ގާތުގައި އޮތް މި ދިވެހިރާއްޖެއިން ހެއްޔެވެ؟ މުސްލިމުންނަށް ކުރިމަތިވާ ކަންކަމާމެދު ބަހުސްކޮށް ބަސްކިޔާ ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތައް ވުޖޫދުގައި ޙަރަކާތްތެރިވާ އިރު، ރާއްޖެއިން ބޭރު ޤައުމެއްގެ މުސްލިމުންގެ ކަންކަން ޙައްލުކޮށްދޭން އިސް ނަގާންޖެހެނީ ދިވެހިރާއްޖެއަށްބާވައެވެ! މި ކަމުގެ އިޚުތިޞާސް އޮތީ ދިވެހީންނަށް ބާވައެވެ.

އަދިވެސް ހަމަ ސުވާލެވެ. އިންޑިއާގައި މުސްލިމުންނަށް ކުރާ އިންސާނިއްޔަތާ ޚިލާފު އަނިޔާއާއި ކަޝްމީރުގައި މުސްލިމުންނާމެދު ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަކީ އިންޑިއާގެ ދާޚިލީ ކަމަކަށް ނިންމައި، އެކަމާ ދެކޮޅަށް ޗުއްޕު ވެސް ނުބުނެ، ލަންކާގެ މުސްލިމުން މަރުވީމާ ވަޅުލުން އެއީ ޚާރިޖީކަމަކަށް ވީ ކީއްވެތޯ އަޅުގަނޑު ސުވާލުކޮށްލާން ބޭނުމެވެ. ޖަވާބުދެއްވާނެ ބޭފުޅަކު ޖަވާބުދެއްވާންވީއެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ހިތުގައި އުފެދުނު ސީރިއަސް ސުވާލެކެވެ. ދުނިޔޭގެ މުސްލިމުންގެ ކަންކަމާ މިހާރު ހަވާލުވެގެން އުޅެނީ ދިވެހިރާއްޖެއިންތޯއެވެ؟ އޯއައިސީއޭ ކިޔާ ބައިނަލްއަޤުވާމީ ޖަމާޢާތް ކޮބައިތޯއެވެ؟ ދިވެހިރާއްޖެއަކީ އެންމެ ބިންބޮޑު މުސްލިމު ޤައުމުތޯއެވެ؟ ދިވެހީންގެ ހަތަރު ލައްކަ މީހުންގެ ތެރެއިން މަރުވާ މީހުންނަށް ވެސް ގަބުރުސްތާނުގެ ދަތިކަން ހުރިއިރު ލަންކާގެ ދެ މިލިޔަން މުސްލިމުންގެ ޖަނާޒާގެ ކަންކަމުގެ ތެރެއަށް މި ރާއްޖެއިން ބޯ މަހައިލުމަކީ ހަމަ ބުއްދިވެރިކަމަކީ ހެއްޔެވެ؟ ރާއްޖޭގައި ހާލުގައި ޖެހިފައި ތިބި އެތައް ޢާއިލާތަކަކަށް އެހީވުމަށްވުރެ، ކަރަންޓްގެ އަލިކަން ނެތް، އެމްބިޔުލާންސް ނެތް، ސިއްޙީ މަރުކަޒުތަކަށް އެހީވުމަށްވުރެ، އަދި އަވައްޓެރި އުތުރުކަރައާއި ކަޗްމީރުގައި އަނިޔާލިބެމުންދާ، ދިރި ތިބި، މުސްލިމުންގެ ޙައްޤަށްވުރެ، އޮޅުދޫކަރައިން މަރުވާ މުސްލިމުންގެ ޙައްޤަށް އިސްކަން މި ދެވެނީ ކޮން ހަމައަކުން ހެއްޔެވެ؟ މި ކަމަށް ތާއީދުކުރައްވައި ޚިޔާލު ފާޅުކުރައްވާ "ދީނީ ޢީލްމުވެރީން"ގެ ނިޔަތާމެދު އަޅުގަނޑުގެ ހިތުގައި ސުވާލު އުފެއެވެ. ނުވަތަ އެ ބޭފުޅުންގެ ގަސްތާ މެދު ހިތުގައި ޝައްކު އުފެދުނެވެ. ގުސްތަރު ވާހަކަފުޅު ނުދައްކަވައި، ގުސްތަރުންނަށް ވެވަޑައިނުގެން އިޚުލާޞްތެރިކަން އިސްކުރައްވާން އެ ފަދަ ބޭފުޅުންނަށް ވަރަށް އިޙުތިރާމާއެކު ނަޞޭޙަތްއަރުވަމެވެ. ދުނިޔޭގައި އަޅުގަނޑުމެން މި ހޭދަކުރާ ކުރު ޙަޔާތުގައި ގުސްތަރުކަން އިޚުތިޔާރުކުރެއްވުމަކީ ކޮންފަދަ ހިތާމަވެރި ކަމެއްކަން އެ ފަދަ ބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވާކަށް ވެސް ނުޖެހޭނެތާއެވެ!

އިތުރު ސުވާލެކެވެ. އިސްލާމް ދީނަށް ނަޞްރު ހޯދައިދިމަށްޓަކައި ބޭރު ޤައުމެއްގެ ދާޚިލީ ކަމެއްގެ ތެރެއަށް ބޯ މަހައިލާން އަޅުގަނޑުމެން މަސައްކަތްކުރާއިރު، ދިވެހިރާއްޖޭގެ އިސްލާމީ ވަޙުދަތާމެދު އިހުމާލުވެވެނީ ކީއްވެގެންތޯ އަޅުގަނޑު ސުވާލު އުފައްދަމެވެ. ރައްބުލްކާއިނާތު ﷲ ސުބްޙަނަހޫ ވަތަޢާލާގެ ވޮޑިގެންވުމަށް ސުވާލު އުފައްދައި، އެ އިލާހުގެ ވަޙީބަސްފުޅާމެދު ޝައްކު އުފައްދައި ކައު ރަސޫލާއަށް ތައުހީނުކޮށް ވާހަކަދައްކާ މީހުންނަށް ޙިމާޔަތާއި ޢިނާޔަތް ލިބެނީ ކޮން ސަބަބަކާ ހުރެތޯ ސުވާލު ނޫފެދޭތޯއެވެ! އިސްލާމް ދީނަށް ތައުހީނު ކުރާ މީހުންނަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކުރާ މީހުންނަށް ވެފައި، އިސްލާމް ދީނުގެ ޙިމާޔަތުގައި ތެދުވާ މީހުންނަކީ "ހަރުކަށި" މީހުން ކަމަށް ލޭބަލުކުރެވެނީ ކޮން މިންގަނޑަކުންތޯ ސުވާލު ނޫފެދޭތޯއެވެ!

މި ކަންކަން މިހެން ހުއްޓައި، އަވައްޓެރި ޤައުމެއްގެ ދާޚިލީ ކަމެއްގެ ތެރެއަށް އަމިއްލައަށް ބޯމަހައި، ރާއްޖެއަށް ވުރެ ތިން ގުނަ ބައިބޯ މުސްލިމު އާބާދީއަކުން މަރުވާ މީހުން މި ރާއްޖެއަށް ގެނެސް، މިހާރު ވެސް ޙައްލު ނުވެ އޮތް ޤަބުރުސްތާނުގެ މައްސަލައަށް އިތުރު މައްސަލައެއް އިތުރުކުރުމަކީ މުސްލިމުންނަށް ޓަކައި، އިސްލާމް ދީނަށް ޓަކައި، ކުރެވޭ ޚިދުމަތެއްކަމަށް ބެލޭނީ ކޮން ހަމައަކުންތޯއެވެ! އެއީ ޤައުމަށް ދެވޭނެ ވަރަށް ބޮޑު އަނިޔާއަކަށް ނޫނީ ނުވާނެއެވެ.

މި ކަމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމް ފާޅުކުރެއްވި ޚިޔާލުފުޅަކީ ޤައުމީ ގޮތުން ފާޅުކުރެއްވި ވަރަށް އިޚުލާޞްތެރި ޚިޔާޅުފުޅެކެވެ. ދެއްވި "ފަތުވާ"އަކީ ވަރަށް މުހިންމު ފަތުވާއެކެވެ. މި ކަމަށް ޓަކައި އެ ދެ ބޭފުޅުންނަށާއި އެ ރައުޔަށް ތާއީދުކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ.

އަޅުގަނޑުގެ ވިސްނުމަކީ އަބަދު ވެސް ފައްސި ވިސްނުމެކެވެ. އެހެންކަމުން، މި މައްސަލާގައި ތަންކޮޅެއް ޙިކުމަތްތެރި ނަޒަރަކުން ވިސްނައި ވަޑައިގެން މި ޙައްސާސް މައްސަލައިން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވާން ސަރުކާރުން ވިސްނުންފުޅު ބެހެއްޓެވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އިލްތިމާސެވެ. އަދި އެހެން ޤައުމެއްގެ ދާޚިލީ މައްސަލަގަނޑެއްގެ ތެރެއަށް ދިވެހީން ވައްދާން މަސައްކަތް ނުކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އާދޭހެކެވެ. އަޅުގަނޑު އުންމީދުކުރަނީ މި މައްސަލައިގައި ސަރުކާރުން ނިންމަވާނެ ނިހާއީ ނިންމެވުމަކީ ވިސްނުންތެރި އިޚުލާޞްތެރި ނިންމެވުމަކަށް ހައްދަވާނެ ކަމަށެވެ. ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް ފައިދާހުރި ނިންމެވުމަކަށް ހައްދަވާނެ ކަމަށެވެ.