Support Us

ކޮލަމް: ދޭހަ

ބައިބައި ކުރުވުމުގެ ބަދަލުގައި މަސައްކަތްކުރަންވީ ގުޅުވަން

ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ މަޖިލީހެކެވެ. ޤާނޫނުތައް އެކުލަވާލުމަށް ފަހު ދޫކޮށްލުމުން އެ ޤާނޫނުތައް ތަންފީޒުކުރަނީ ހިންގުމުގެ ބާރުގެ ތަފާތު އަތްތަކުންނެވެ. ހަމަ މި ގޮތަށް ޤާނޫނާ އެއްގޮތަށް މަސައްކަތް ކުރެވެމުން ދާހާ ހިނދެއްގައި އެއްވެސް ބަޔަކަށް ނުބެހެވޭ ގޮތަށް މުއައްސަސާތަކެއް ވެސް އުފެދިފައި ވެއެވެ. މުސްތަޤިއްލު މުއައްސަސާތަކުގެ ނަމުގައެވެ. މުސްތަޤިއްލު މާނަކުރެވެނީ އެހެން ފަރާތަކުން ނުބެހި ޤާނޫނުގައި ބުނެފައި އޮންނަ ގޮތަށް ކަންތައް ކުރުމަށް މިނިވަންކަންދީފައި އޮތުމަށެވެ. އެ ތަންތަނަކީ ވެސް ސަރުކާރުގެ އެހެން ތަންތަނެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުން ޖަވާބުދާރީކުރެވޭ ތަންތަނެވެ. ޤާނޫނާ އެއްގޮތަށް ތަންތަން ހިނގާތޯ ރައްޔިތުންގެ މަޖިލީހުން ބެލުމުގެ މަސައްކަތުގެ ތެރެއިންނެވެ.

ވެރިކަން ކުރާ ޕާޓީ އަށް ބޭނުން ކަމެއް ޙާޞިލްކުރުމުގެ އަޣްލަބިއްޔަތު އޮންނަ މަޖިލީހުގައި ބައެއް ފަހަރު ދެކެވޭ ވާހަކައިން ކަންކަން އޮމާންކަމާ އެކު ގެންދިއުމުގެ ސަގާފަތަށް ބޯލެނބުމުގެ ބަދަލުގައި ޚުދުމުޚްތާރު ރާގެއްގައި ބޭނުން ގޮތަކަށް ކަންތައް ކުރާނެކަމުގެ އިޝާރަތެއް ދެވޭ ފަދަ ބަހުރުވައިން މުއާމަލާތު ކުރެވޭތަން ބައެއް ފަހަރު ފެނެ އެވެ. ރައްޔިތުންގެ މަޖިލީހަކީ ޤާނޫނާއި އެއްގޮތަށް ތަންތަން ގުޅުވައިދޭ ތަނެކެވެ. ތަންތަން ބައިބައިވެ، ހަމަނުޖެހުން އުފެދޭ ގޮތަށް ވާހަކަ ދައްކާ ތަނެއް ނޫނެވެ.

ޕުރޮސިކިއުޓަރ ޖަނަރަލަކީ ޤާނޫނު ބުނާ ގޮތުން ސަރުކާރުން ޝަރީޢަތަށް ފޮނުވާ މައްސަލަތައް ޝަރީޢަތަށް ފޮނުވޭ ވަރަށް ހެއްކާ ޤަރީނާ ހުރިތޯ ބައްލަވާފައި މައްސަލަތައް ޝަރީޢަތަށް ފޮނުވުމާއި ބެހޭގޮތުން ގޮތެއް ނިންމަވާ ފަރާތެވެ. އެތަނުގައި މަސައްކަތް ކުރައްވަނީ ޤާނޫނާއި ޝަރީޢާ ކިޔަވައިވިދާޅުވެގެން، ފާސްވެގެން، ވަކާލާތު ކުރުމުގެ ހުއްދަ ލިބިވަޑައިގެންފައިވާ ޤާނޫނީ ޢިލްމްވެރިންނެވެ. ޕުރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން، ބައެއް ޙާލަތުގައި ޝަރީޢަތަށް ސާބިތުވާ ވަރަށް ހެކި ނެތް މައްސަލަތައް ވެސް ޝަރީޢަތަށް ފޮނުއްވަފާނެއެވެ. ސަބަބަކީ މައްސަލައިގެ ގޮތުން ޝަރީޢަތުގެ ނިންމުމަކަށް ބޭނުންވާތީވެއެވެ. އެހެންނަމަވެސް ޕުރޮސިކިއުޓަރ ޖެނަރަލް އޭނާގެ ޤާނޫނީ ހުނަރާއި ޢިލްމާއި ތަޖުރިބާގެ އަލީގައި މައްސަލައެއް ޝަރީޢަތަށް ނުފޮނުވަން ނިންމަވައިފި ނަމަ ރަސްމީ ނިޒާމްގެ ތެރެއިން އެ ނިންމުމަކާ ބެހޭ ގޮތުން ރަސްމީކޮށް ސުވާލު ކުރެއްވޭނެ އެއްވެސް ފަރާތެއް ނުއޮންނާނެއެވެ. ސަރުކާރުން ކުރާ ރަނގަޅު ކަންކަމާއި ގޯސް ކަންތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ފޫޅުކަނޑާލެވޭހެން ޕުރޮސިކިއުޓަރ ޖަނަރަލްގެ އޮފީހުން ނިންމާ މައްސަލަތަކުގައި ވެސް ފޫޅުކަނޑާލެވޭނީ ޕުރޮސިކިއުޓަރ ޖެނަރަލް އަށެވެ. ޙަޤީޤަތުގައި ބޮޑެތި މައްސަލަތައް ނިންމަވާނީ ޓީމްތަކުގެ މަޝްވަރާގެ މަތިންނެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ ފުރަތަމަ ބަލައިލުމުގައި އެންމެ މީހެއްގެ ޚިޔާލާ އެކު ނިންމާފައި އޮތް ކަމެއް ކަމަށް ފެންނަ ނިންމުމުގައި ވެސް އެތައް ބައެއްގެ ޚިޔާލާއި މަޝްވަރާ ޝާމިލުވެދާނެ ކަމެވެ.

ރައްޔިތުންގެ މަޖިލީސްގެ އިމްތިޔާޒާ ބެހޭ މައްސަލައެއް ޕުރޮސިކިއުޓަރ ޖަނަރަލް އަށް ހުށައެޅުނަސް، އެ މައްސަލައެއް ވެސް ކުރިއަށް ގެންދެވޭނީ އެތަނުގައި ބަލާ ބެލުން ތަކެއް ބެލުމަށްފަހު އެ އޮންނަ ޤާނޫނީ އިމުގެ ތެރެއިންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ފޮނުވި މައްސަލައަކަށް ވީތީވެ، އިތުރު ބެލުމެއް ނެތި އެ މައްސަލައެއް ޝަރީއަތަށް ފޮނުވޭ ގޮތަށް ނިޒާމް ހަމަޖެހިފައެއް ނުއޮވެއެވެ. ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ މަޖިލީހެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ހުރި ޤާނޫނުތަކާ އެއްގޮތަށް ސަރުކާރުގެ އިދާރާ ތަކުން ކަންތައް ކުރޭތޯ ބަލާ ތަނެވެ. ބާރު ގަދަ ތަނެކެވެ. އެހެންނަމަވެސް ޤާނޫނުއަސާސީން އެތަނާ ހަވާލުކުރެވިފައިވާ ކަންތައްތަކުގެ އިތުރު ކަންތައްތައް ކުރުމުގެ ޤާނޫނީ ބާރު ދީފައި އޮތް ތަނެއް ނޫނެވެ. އިމްތިޔާޒާ ބެހޭ ކޮމިޓީން ވެސް ޝަރުޢީ ނިޒާމުގެ ތެރެއަށް މައްސަލައެއް ވެއްދުމަށް ފަހު، އިންތިޒާރު ކުރަން ޖެހޭނީ ޝަރުޢީ ނިޒާމުގެ ތެރެއިން ނެރެވޭ ނަތީޖާ އަކަށެވެ. ޕުރޮސިކިއުޓަރ ޖަނަރަލް އަށް ވަކި ތަނަކުން މައްސަލަ އެއް ފޮނުވުމުން، ޝަރީޢަތަށް ފޮނުވަންވާނެ ކަމަށް ވިސްނުމަކީ "ޓުރަމްޕީ" (ޑޮނަލްޑް ޓުރަމްޕް) ވިސްނުމެކެވެ. ރަނގަޅު ވިސްނުމެއް ނޫނެވެ. ޝަރީޢަތަށް ފޮނުވުމާއި ނުފޮނުވުމަކީ ޕުރޮސިކިއުޓަރ ޖަނަރަލްގެ އިޚްތިޔާރުގައި އޮންނަ ކަމެކެވެ. އެ ތަނުން ބަލާ ޤާނޫނީ ކަންތައްތަކަށް ރިޢާޔަތް ކޮށްގެން ނިންމާ ނިންމުމެކެވެ.

ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ މަޖިލީހަށްވުމާ އެކު އެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ދައްކަވާ ވާހަކަ އާއި ތަޅުމުން ބޭރުގައި ދައްކަވާ ވާހަކަ ވެސް މުހިއްމު ވާހަކަ އަށް ވެއެވެ. ޚަބަރަށް ވެއެވެ. އަދި އެ ބޭފުޅުންގެ އުޅުއްވުމާއި ބަހުރުވަ ހުންނަން ޖެހޭނެ ކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރަނީ އެ ބޭފުޅުންގެ ނަންފުޅުގެ ކުރިއަށް އެ އޮންނަ "ޢިއްޒަތްތެރި" އަށް ބުރޫ ނުއަރާ ގޮތަށް ޢިއްޒަތާއި ގަދަރާއި ކަރާމާތް އޮންނަ ގޮތަށެވެ. މިއީ މީސްމީޑިއާގެ ޒަމާނެވެ. ކަންނެތް ނޫސްވެރިކަމުގެ ޒަމާނެވެ. ޓުވިޓަރގައި، ނުވަތަ ފޭސްބުކްގައި ނުވަތަ ޚިޔާލު ފާޅު ކުރުމުގެ ބައިގައި ފާޅުކޮށްލާ ޚިޔާލަކީ ޚަބަރެކެވެ. ޚިޔާލު ފާޅުކުރާ މީހާގެ ގޮތުންނެވެ. ނުވަތަ ޚިޔާލުގެ ގޮތުންނެވެ. "ވިކޭ" ކަހަލަ ޚިޔާލަކަށް ވާނަމަ އެވެ. ކިޔާ މީހުންނަށް ހައިރާންކަން، ނުވަތަ ބިރުވެރިކަން، ނުވަތަ މަޖާކަން ނުވަތަ ދެކޮޅުނުޖެހޭކަން، ގެނެސްދޭ ޚިޔާލެވެ. މީސްމީޑިއާ، ޚާއްޞަކޮށް ޓުވިޓަރގައި ބުނާ އެއްޗެތި މުހިއްމުވެފައި ޚަބަރަކަށްވުން މަޝްހޫރުވާން ފެށީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓުރަމްޕް ރައީސް ކަމާއި ޙަވާލު ވެވަޑައިގަތުމަށް ފަހުގައެވެ.

ޓުރަމްޕް ހުރިހާ މުހިއްމު ޚަބަރެއް ފުރަތަމަ އިޢްލާނު ކުރައްވަނީ ޓުވިޓަރ މެދުވެރިކޮށެވެ. މުހިއްމު ވަޒީފާ ތަކަށް މީހުން ހަމަޖެއްސެވުމާއި، ވަޒީފާ އިން ވަކި ކުރެއްވުމާއި، ބައިނުލް އަޤްވާމީ ޖަމާޢަތްތަކުން ވަކިވާކަން ވެސް ފުރަތަމަ އެނގެނީ އެ މަނިކުފާނުގެ ޓުވީޓްތަކުންނެވެ. މިހެންވުމުގެ ސަބަބުން "ޓުވިޓަރ ނޫސްވެރިކަން" ވައިގައި ހިފާގޮތްވިއެވެ. އެއީ ޚަބަރު ހޯދަން ވަރަށް ލުއި ފަސޭހަ މަގަކަށް ވެގެން ދިޔަ އެވެ. ރާއްޖޭގައި ވެސް މިކަން މިހާރު ވަރަށް ފުޅާވަމުން އެބަދެއެވެ. މި ގޮތަށް ކަންތައްތައް އޮންނައިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މީސްމީޑިއާ ބޭނުން ކުރުމުގައި ޚާއްސަ ސަމާލު ކަމެއް ދެއްވަންޖެހެ އެވެ. އަޅުގަނޑުމެންގެ ރަސްމީ ޚާރިޖީ ސިޔާސަތާއި ފުށުނުއަރާ ގޮތަށް ބަސްމަގު ބަހައްޓަންޖެހެ އެވެ. ތިމާ އަމިއްލަ އަށް އަވަށްޓެރި ޤައުމެއްގެ އަޅަކަށްވުމުގެ ޚިޔާލު ގެންގުޅުނަސް އެއީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް އެކަން ފާޅުކޮށްފި ނަމަ އެއީ މައްސަލައެކެވެ. ރާއްޖެ އަކީ ކުޑަކުޑަ ޤައުމެކެވެ. އަޅުގަނޑުމެންނަށް އެންމެ ފައިދާ ވާނީ ހުރިހާ ޤައުމަކާ ވެސް ގާތް ގުޅުމެއް ބާއްވައިގެންނެވެ. އެ ގުޅުން ބާއްވާނީ ނުރައްކާތެރި ބަލިބަލިން މަރުވާ މީހުން ބިން ކުޑަ ރާއްޖޭގައި ވަޅުލައިގެންނެއް ނޫނެވެ. އެއް ޤައުމަކާއި ގުޅުން ބަދަހިކުރަން އަނެއް ޤައުމާއި ރުޅިވާކަށްނުޖެހެ އެވެ. މިސާލަކަށް ދަންނަވާނަމަ މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ކުރާ ޚުދުމުޚްތާރު ވެރިކަމާއި ކަރަޕްޓް ނިންމުންތަކުގެ ޚަބަރު "އަލްޖަޒީރާ" އިން މިނިވަންކަމާއި އެކު ގެންނަން ފެށުމުން އަދި ކަން ކަމުގެ ދެފަރާތް ވަކި ފަރާތަކަށް ބުރަ ނުވެ ދައްކަން ފެށުމުން މެދު އިރުމަތީގެ ބައެއް ޤައުމުތަކުގެ ޚުދުމުޚްތާރު ވެރިންނަަށް އެކަން ބަލައިނުގަނެވުނެވެ. އެ މަޅީގައި ރާއްޖެ ވެސް ޖެހުނެވެ. ވަކި ޤައުމެއްގެ އެދުމުގެ މަތިން ޤަތަރާ ސިޔާސީ ގުޅުން ކަނޑާލި އެވެ. އެކަމަކު ވިޔަފާރީގެ ގުޅުން ވަރަށް ބަދަހިކޮށް އޮވެއެވެ. "ހަކުރު ދެންޏާ ބޮޑުބޭބެ" އެވެ.

އެއް ޤައުމަކާ މެދު އޮންނަ ގުޅުން ބަދަހިކުރުމަށް އަނެއް ޤައުމަށް އެއްޗެހި ގޮވާކަށް ނުޖެހެ އެވެ. ޗައިނާ އަކީ މި ސަރަހައްދުގައި އޮތް އެންމެ ބާރު ގަދަ ޤައުމެވެ. ހުރިހާ ގޮތަކުން ވެސް އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ޤައުމެކެވެ. އިއާދަކުރަނިވި ހަކަތައިގެ ލީޑަރެކެވެ. އެ ކަމުގައި ޗައިނާ މިހާރު ވަނީ ސްކެންޑިނޭވިއާގެ ޤައުމު ތަކަށް ވުރެ ވެސް ކުރީގަ އެވެ.ތެލުގެ މުއްސަނދިކަމުން މެދު އިރުމަތީގެ ޤައުމުތަކުން ހޯދާފައިވާ ބާރު، ކުރިއަށް އޮތް އަހަރު ތަކުގައި އިއާދަކުރަނިވި ހަކަތައިގެ މުއްސަދި ކަމުން ޗައިނާ ހޯދާނެ ކަމަށް ކަމުގެ މާހިރުން ބުނެއެެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން ޗައިނާ ކަހަލަ ބޮޑު، އަޅުގަނޑުމެން ނަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމަކަށް އަބަދު ބަދުބަސް ބުނުމަކީ އެކަމުގެ ސަބަބުން ބަސް ބުނާ މީހާ އަށް ޒާތީ ފައިދާއެއް ވިޔަސް، ދިވެހި ރައްޔިތުންނަށާއި ޤައުމަށް ގެއްލުންވެދާނެ ކަމެކެވެ. މި ކަން ހުއްޓާލަންވެއްޖެ އެވެ. ޤައުމު ދެކެ ލޯބިވާ ނަމައެވެ.