Support Us

ފޮޓޯ ފީޗަރ: އިހުޒަމާނުގެ ބަދިގެއެއްގައި ކާލަން ބޭނުންތަ؟ އެހެންވިއްޔާ އާދޭ!

އަދުރޭއެވެ. އިހުޒަމާނުގެ ބަދިގެއެއްގައި އިނދެގެން ކާލަން ބޭނުންހެއްޔެވެ؟ އެހެންވިއްޔާ އަވަހަށް އަންނާށެވެ. ހުޅުމާލޭ ނިރޮޅުމަގުގެ 12 ނަންބަރު ގޯޅިއަށް ވަދެފައި، ކަނާތްފަރާތުން ފުރަތަމަ ޖެހޭ، އަހިގަސްމަގަށް ލަނބާލާށެވެ. ކުޑަ އިރުކޮޅަކު ހިނގާލާއިރު އަނެއްކާވެސް ގޯޅިއެއް ފެންނާނެއެވެ. އެކަމަކު އެ ގޯޅި ނާޅައްޗެވެ. އެއީ ގޯޅިއެއް ނޫނެވެ. ހުރި ގޮތަށް ކުރިއަށް އަންނާށެވެ. މިހާރު ކަނާތް ފަރާތުން އެ ފެންނަނީއެވެ. ފަން ޖަހައިފައި ހުރި ބިތްގަނޑަކާއި ފަން ފުރާޅަކާއި ފާނޫޒުތަކަކާއި ބާ ދޮރުތަކެއް ފެންނާނެއެވެ.

އަދުރޭއެވެ. ތިއީ އުވަގަލުން އަދުރޭމެންގެ ކާފަ ރާނައިފައި ހުރި މަގުފާރުގައި ހުރި ދޮރެއްގައި، ރޫޅެން ކައިރިވެފައި ހުރި ދޮރުފަތެކެވެ. ތި ދޮރުފަތުގައި ހުންނާނީ މަކުޑި އަޅުވައިފައެވެ. ކިތަންމެ ވަރަށް ބެލިޔަސް އެންމެ ރަނގަޅެވެ. ތި މަކުޑި ނައްޓަން ނޫޅެއްޗެވެ. ތިތާ އެލުވާފައި އެހުރި ބިގަރުތަކަށް އަތްފޯރާތޯ ބަލަން ވެސް ނޫޅެއްޗެވެ. އެއީ އަދުރޭގެ ސައިޒެއް ނޫނެވެ.

ދޮރުގެ މަތީގައި ބޮޑުއަކުރުން "ބަދިގެ" ޖަހައިފައި އޮންނާނެއެވެ. އެކަމަކު ނަމަނަމަ އެ ދޮރުން ނުވަންނައްޗެވެ. ވަންނާނީ ވާތް ފަރާތުގައި އެހެރަ، ދުވަސްވެގެން، ކުލަގޮސްފައި ހުރި ބޮޑެތި ދޮރުފަތްތަކުން ދޮރުފަތެއް ހުޅުވާލައިގެންނެވެ.

ބަދިގެތެރެއަށް ވަދެވިއްޖެދޯއެވެ؟ ބާވެފައި ހުރި ގޮނޑި މޭޒުތަކުން ބޭނުން މޭޒެއްގައި އަދުރޭ އިށީންނާށެވެ. ތި ތަނުގައި 28 ގޮނޑި ހުންނާނެއެވެ.

އަދުރޭ އެވެ. މާފުކުރާށެވެ. މަސް ކައްކާއިރު އަރާ ދުމުން މުޅި ބަދިގޭގައި އެހެރީ ގެދަބުޅި ޖަހައިފައެވެ. ފަން ފުރާޅުގަނޑުން ފެން ފައިބާތީ، ފާރުތަކުން ވެސް ގެދަބުޅިތައް ފައިބަނީއެވެ. އަދުރޭގެ މުނިކާފަ ޒަމާނުގައި އުވަގަލުން ރާނައިފައި ހުރުމުން ފާރުތައް އެހެރީ ވަރަށް ބޮޑަށް ރެނދުލައި، ހަލާކުވެފައެވެ. ބައެއް ތަންތަނުން އުވަގަނޑު ކަނޑައިގެން ވެއްޓިފައި ހުއްޓަސް އެއްޗެއް ހީނުކުރައްޗެވެ. ގަޔަކަށް އުވައެއް ނުބުރާނެއެވެ.

އަދުރޭ ތިހެން އިނދެފައި، ތިހިރަ ފެންނަ ކުޑަދޮރުގަނޑު ހުޅުވަން ނުހަދައްޗެވެ. ތޭރިތައް އަތަށް އަތުވެދާނެއެވެ. ފުޅި ބައްތިތައް ވެސް އެހެރީ ސާފުތެލުގެ ދުން އަރައިގެން ގޮސް ކަޅުވެފައެވެ. ސާފުކޮށްލާނެ މީހަކު ވެސް ނެތެވެ.

ފާރުގައި ވަށައިގެން ތިހުރީ ބަދިގޭގައި އެންމެ އާންމުކޮށް ބޭނުންކުރާ ބައެއް އާލާތެވެ. ކުރަހައިފައެވެ. އެހެރަ ފެންނަ ކުރައަކީ، އަދުރޭމެން ކުޑައިރު، މާމަމެން ސައި ކެއްކި ކުރައެވެ. ސައިކުރައެވެ. ނަސީބަކުން ކުރާގަނޑު އެހެރީ ކޮންމެވެސް ވަރަކަށް ދޮވެފައެވެ.

ދެން ފެންނަ ކުރެހުމުގައި އެހެރީ ހުނިގޮނޑިއަކާއި ކުޑަ ގޮނޑިއެކެވެ. އަދުރޭމެން މާމަމެން އޭރު ހުނިގާނާ ހެދީ އެ ހުނިގޮނޑީގައި އިނދެގެންނެވެ. ހަނޑޫ ހޮވައި، ފުނޑާ ހަދަން ބޭނުންކުރީ އެ ކުޑަ ގޮނޑިއެވެ. ގޮނޑި ވެސް ހުނިގޮނޑިވެސް ހެދީ ކާފައެވެ. އަދުރޭމެންގެ ކާފައަކީ މޮޅު ވަޑިއަކަށް ނުވިޔަސް އެކަހަލަ މަސައްކަތް ވަރަށް ފަހިކޮށް ކޮށްލާނެއެވެ.

އަނެއް ފާރުވެސް އެހުރީ ވަރަށް ބޮޑަށް ބާވެ، ރެނދުލައިފައެވެ. މަގަތު ކުރެހުމުން އެ ފެންނަނީ މާމަ ބޭނުންކުރި ނާޅިއެވެ. ނާޅިއަކީ ހަނޑޫ، ހަކުރު، ފުށް، ގޮދަން، ބިންބި، ކުދިބަތް ކަހަލަ އެއްޗެތި މިނަން ބޭނުންކުރާ އެއްޗެކެވެ. ބޮޑުކޮށް އެއީ އެއް ނާޅިއެވެ. ކުޑަކޮށް އެއީ ބައިނާޅިއެވެ. ކުރެހުމުގައި ނެތަސް، ދެން ހުންނާނީ ލާއްސާއި އޯބުއެވެ. އަދުރޭއަށް އެނގޭހެއްޔެވެ؟ ނާޅިއަކީ ހަތަރު ލާއްސެވެ. ބައިނާޅިއަކީ ދެ ލާއްސެވެ. އޯބުއަކީ ބައިލާއްސެއްގެ ދެބައިކުޅައެއްބައެވެ.

ނާޅީގެ އަރިމަތިން އެ ފެންނަ ތިއްކަކީ ދައުލަތުގެ ސިއްކައެވެ. އެ ދުވަސްވަރު މިނަން ބޭނުންކުރާ ނާޅި އާއި ބައިނާޅި އާއި ލާއްސާއި ބައިލާހި ހުންނަނީ ދައުލަތުން ފާސްކޮށް، ސިއްކަ ޖަހައިފައެވެ. ބޭނުމަކީ އެއީ ސައްހަ ސައިޒުކަން ކަށަވަރުކުރުމެވެ. އަރަބިން ލިޔެފައި އެ އޮތީ "މާލޭ މަހަލްދީބު" އެވެ. މި ސިއްކަ ޖަހަނީ ލާއިން ވިރުވާ އަޅައިގެންނެވެ. މިސާލު ބަހެއްގައި، "އެ މީހަކު މިނުނު ނާޅިއަކުން މިނާށެވެ" އެ ބުނަނީ މި ނާޅީގެ ވާހަކައެވެ. މާނައަކީ އެ މީހަކު ކަންތައް ކުރި ގޮތަކަށް އެ މީހަކާ ދޭތެރޭ ކަންތައް ކުރާށޭއެވެ.

އަނެއް ކުރެހުމުގައި އެ ފެންނަނީ ބޮޑު ތެލިތަކެކެވެ. އެއީ މަސްބާނައިގެން ލެފުމުން، މަސް ކައްކަން މާމަމެން ގެންގުޅޭ ތެލިތަކެވެ. ބައިވަރު މަސް އެއްފަހަރާ ކައްކަން ޖެހުމުން، ބައެއް ފަހަރު ދެތިން ތެލި އެއްފަހަރާ އުދައިގެން ވެސް ކިތަންމެ ރެއަކު މަސް ކައްކާނެއެވެ. ރިހާކުރު ވެސް ކައްކާނެއެވެ.


މިއީ ކުރެހުމެއް ނޫނެވެ. މިއީ އަސްލު އެއްޗިއްސެވެ. ތި ފެންނަނީ އުނދުނާއި ދުމައްޓެވެ. އޭރު ހުރިހައި ގެއެއްގައި ވެސް ކައްކާނީ ދަރު އުނދުނުގައެވެ. އުނދުން ޖަހާނީ ތިން ގާ ބާއްވައިފައި، އޭގެ ވަށައިގެން އަޅި ޖަހައިގެންނެވެ. އަޅި ޖަހާނީ އަޅިއަށް ފެން އަޅައިފައި ދެއަތުން މޮޑެފައެވެ. އެކަމަށް އަދުރޭގެ މާމަ ވަރަށް ފަރިތަވާނެއެވެ. އުނދުނުގައި ޖައްސައިފައި އެހެރީ ފުޅަތްޕާއި ފަންތޮއްޓެވެ.

ކަނާތު އުނދުނުގައި އެހެރީ ތާހެކެވެ. ތާސް އާންމު ގޮތެއްގައި ބޭނުންކުރާނީ އެއްޗެހި ތެލުލާށާއި ހަނާކުރާށެވެ. ދެން އެހެރީ ސައިކުރައެވެ. ދެން އެ އޮތީ ރޮށިފިހާ ތަވައެވެ. އެންމެ ވާތްފަރާތުގައި އެހެރީ ކުޑަ ތެއްޔެކެވެ. ސައިކުރާ ކައިރީގައި އެއޮތީ ގިނިފައްޗެވެ. ދަގަނޑު ތުނި ފަތިކޮޅަކުން ހަދައިފައި އޮންނަ ގިނިފައްޗަކީ އުނދުނުގެ އަލިފާންގަނޑު ރަނގަޅުކުރަން ބޭނުންކުރާ އެއްޗެކެވެ.

ދުމަށިމަތީގައި ބަހައްޓައިފައި މިހިރީ ދަޔެކެވެ. ދައިމަތީގައި އެ އޮތީ ފޮޔެވެ. ދައި ހަދައިފައި ހުންނަނީ ހިލައިންނެވެ. ދައި އާންމު ގޮތެއްގައި ބޭނުންކުރަނީ ހަވާދު ފުނޑާށެވެ. ބޭސްވެސް ފުނޑާނެއެވެ. ފުނޑައިގެން އަދުރޭގެ މާމަމެން ކައްކައިފައި ހުންނަ ބަނބުކޭލު ރިހައިގައި އެ ލާ މީރު ރަހަ، އަދުރޭމެން ކަހަލަ ޒުވާނުންގެ ހިތަށް ކުޑަކޮށް ވެސް ނުގެނެވޭނެއެވެ. "ރިހޭ ފައިމައްޗަށް ފޮއިވެއްޓުން" ކިޔާ ހަރުބަހެއް އޮވޭނޫންހެއްޔެވެ؟ އެއީ ތަދުވެ، ރިހިރިހި އޮންނަ ފައިމައްޗަށް މިއޮއް ބަރު ހިލަގަނޑު ވެއްޓޭ ވާހަކައެވެ. މާނައަކީ ތަދުވެފައި ހުއްޓާ އިތުރަށް ތަދުވާ ވާހަކައެވެ. ނޫނީ ކަމެއް ގޯސްވެފައި ވަނިކޮށް، އިތުރަށް ގޯސްވުމެވެ.

ދައި ކައިރީގައި އެ ހުރީ ދޮލަނގުތަކެކެވެ. އެއީ އާންމު ގޮތެއްގައި މާމަމެން ހަނޑޫހޮވަން ބޭނުންކުރާ އެއްޗެކެވެ. ބައެއް ފަހަރު ހަވާދު ކަހަލަ ސާމާނު އަވީލާން ވެސް ދޮލަނގު ބޭނުންކުރެއެވެ.

އާންމު ގޮތެއްގައި ދުމަށި ހަދައިފައި ހުންނަނީ ފަންތޮށިންނެވެ. އެއްކަލަ ބޮޑެތި ތެލިތަކުގައި މާމަ ކައްކައިފައި ނަގާ މަސް، ވަޅޯކުރަން ބަހައްޓާނީ މި ދުމަށިމަތީގައެވެ. ދުމަށިމަތީގައި ބެހެއްޓުމުން، އުނދުނުން އަރާ ހޫނާއެކު، މަސްތައް ދާނީ މަޑުމަޑުން ވަޅޯވަމުންނެވެ. ކުޑަކޮށް ދިލަޖެހިލައިފައި ހުންނަ ވަޅޯމަސް އެއީ ވަރަށް މީރު މަހެކެވެ. އަދުރޭ މިހާރު ތީނީ ކުޅު ދިޔާވެފައިދޯއެވެ؟

މި ބިތުގެ ފާރުގައި އެލުވާފައި އެހެރީ މަސްދަނޑިގަނޑެކެވެ. ގަރުދިޔަތެލިން މަސް ނަގައިފައި، ދުމަށިމަތީގައި ބާއްވާނީ މަސްދަނޑިގަނޑުން ހިފައިފައެވެ. ރާގޮނޑި ކަހަލަ ކުދި މަސް ކައްކާނީ ބޮލާއި ބަނޑައިދޫ ކަނޑާލައިފައި އޮތްގޮތަށެވެ. ތަންކޮޅެއް ބޮޑެތި މަސް ކައްކާނީ ކިބަކޮށްފައެވެ. އެއީ ދެފަޅިކުރުމެވެ. މާ ބޮޑެތި މަސްވިއްޔާ ކައްކާނީ ގަނޑު ވަކިކޮށްފައެވެ. މަސްގަނޑަކީ ކިބައެއްގެ އެއްފަޅިއެވެ. މަސްދަނޑިގަނޑުން ނެގުމުން މަސް ހަލާކުނުވެ ނަގައިގެން ގެންދެވޭނެއެވެ.

ބިތުގެ ވާތްފަރާތުގައި ހުދު ކުލައިގައި އެހެރީ ވެސް ދޮލަނގެކެވެ.


ތިއީ ކޮން އެއްޗެއްކަން ނުބުންޏަސް އަދުރޭއަށް ވަރަށް ފަސޭހައިން އެނގިއްޖެދޯއެވެ؟ މާމަމެން ގޯތީގައި އަތްދޮންނަން ފެން އަޅައިފައި ހުންނާނީ ތީގެ ކުރައަކަށެވެ. އަތްދޮންނާނީ ލޯގަނޑަކަށެވެ. ކާފަ އަތްދޮންނަން މާމަ ފެން އަޅައިދޭތަން ބަލަން އަދުރޭ ހުންނަ ހަނދާނެއް މިހާރު ނުވޭދޯއެވެ؟

ބަދިގޭގެ ގެދަބުޅިތަކުގެ ބިއްދޮށުގައި ފޮރުވިފައިވާ ހަގީގަތް

އެއީ ވިސްނުމެކެވެ. ޚިޔާލެކެވެ. ދުނިޔޭގެ ފެންވަރުގައި ކެއްކުމަށް މަޝްހޫރު ޝެފެއްގެ ޒަމާންވީ ހުވަފެންތަކެއްގައި ޖައްސައިފައިވާ ހަގީގީ ކުލައެވެ.

"އަބަދުވެސް ހިތަށް އަރާ ކީއްވެގެންބާއޭ ބަދިގެއެއްގެ ކޮންސެޕްޓަށް ކެފޭއެއް ރެސްޓޯރެންޓެއް އަހަރުމެންނަށް ނުހެދޭންވީ؟ ހަތްދިހައިގެ އަހަރުތަކުގައި އަހަރުމެންގެ ކާބަފައިން އޭރު ކައިބޮއެ އުޅުނު ގޮތް އަހަރުމެންނަށް މިހާރު ފެންނަން އެބަޖެހެއޭ. ގެސްޓުން ވެސް ބޭނުންވާނެ ބަލައިލާން. އަނެއްކާ ދިވެހިންގެ މި ޖެނެރޭޝަންގެ ކުދިންނަށް މި އެކްސްޕީރިއެންސް ފަހަރުގައި ކުރެވިފައި ނުހުރެދާނެ. އެހެންވެ މުޅި ތަނުގެ ކޮންސެެޕްޓް އެގޮތަށް ފަރުމާކުރަން އަޅުގަނޑު ބޭނުންވީ،" ބަދިގެ ރެސްޓޯރަންޓުގެ ވެރިޔާ އަދި ޝެފެއްގެ ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީގައި 20 އަހަރު މަސައްކަތްކޮށްފައިވާ މުހައްމަދު އާދަމް (ޝެފް މޯޑު) ބުންޏެވެ.

ކޮވިޑް ލޮކްޑައުނާ ހަމައަށް ވޯޑޮފް އެސްޓޯރިއާ އިތާފުށީގެ ޝެފަކަށް މަސައްކަތްކުރި ގއ. ކަނޑުހުޅުދުއަށް އުފަން މޯޑު، 38، ވަނީ "ޓޭސްޓް އޮފް ހޯމް"ގެ ނަމުގައި ދިވެހިކާނާގެ ފޮތެއް ވެސް ދާދި ފަހުން ނެރެފައެވެ. އެއީ ޓޫރިސްޓުންނަށް އަމާޒުކޮށް ނެރެފައިވާ ފޮތެކެވެ.

ދިވެހިކާނާގެ، ދިވެހިވަންތަ ރެސްޓޯރަންޓެއް ހުޅުވުމުގެ ޚިޔާލު މޯޑަށް އައީ އަންހެނުންނާއި ދަރިފުޅާއެކު ލޮކްޑައުންވެގެން ލަންކާގައި ހުރި ދުވަސްވަރުއެވެ. އެއަށްފަހު މާލެ އައިސް، އޭނާގެ ޒަމާންވީ ހުވަފެނުގައި ހަގީގީ ކުލަތައް ޖެއްސީއެވެ.

"މި ހުރިހާ އެއްޗަކީ ވެސް އަޅުގަނޑުގެ އައިޑިއާ. ކާޕެންޓްރީގެ މަސައްކަތް ކޮށްދިނީ އަހުމަދު ނަސީމު ކިޔާ އައްޑޫ މީހެއް. ހުރިހައި މޭޒުތަކާއި ގޮނޑިތަކާއި ދޮރުތައް ޖެހީ އޭނާ. މި ގޮނޑިތަކަކީ ވެސް 1950ގެ އަހަރުތަކުގައި ބޭނުންކުރި ގޮތަށް، އިސްކުރު ނުޖަހާ، ލަކުޑިން މުކޮޅު ޖަހައިގެން ހަދައިފައި ހުރި ގޮނޑިތަކެއް،" މޯޑު ކިޔައިދިނެވެ.

ބަދިގޭގެ ހުރިހައި ކުރެހުންތަކާއި އިންޓީރިއަރ ޑިޒައިން ކުރީ ކުރިއަރަމުން އަންނަ ޒުވާން ކުރެހުންތެރިޔާ މުހައްމަދު ޝިރުހާން (ސިރޭ) އެވެ.

"މި އައިޑިއާ އައިސްގެން ސިރޭ ގޮވައިގެން މިތަނަށް އައި އިރު މުޅި ތަން އޮންނާނީ އެއްކޮށް ހުދުކުލަ ލާފައި. ސިރޭ ބުނީ ކޮން ގޮތަކަށްހޭ ޑިޒައިންކުރަން ބޭނުންވަނީ؟ ދެން އަޅުގަނޑު ބައެއް ފޮޓޯތަކާ އެއްޗެހި ދައްކާފައި، ބޭނުންވާ ގޮތްތައް ކިޔައިދީ ދެމީހުން ޑިސްކަސްކުރީ. އަޅުގަނޑު ވަރަށް ހެޕީ ސިރޭގެ މަސައްކަތަށް. އަދިވެސް އެއްފަހަރު ސިރޭ އަށް ތޭންކުޔޫ،" ސިރޭއާއެކު ބަދިގޭގައި ވާހަކަ ދައްކަމުން މޯޑު ބުންޏެވެ. "އަޅުގަނޑަށް ތަންދޮރު އެނގެން ފެށިއިރު ވެސް ރަށުގެ ގޭގައި މިގޮތަށް ބަދިގެ ހުންނަނީ. މަންމަމެން ކައްކާ އުޅުނީ މީގެ ބަދިގެއެއްގައި. އޭގެން އައިޑިއާ ނަގައިގެން ދެކެމުން އައި އެންމެ ބޮޑު ޑްރީމް އަސްލު މިއީ."

މޯޑަކީ ވަރަށް ކުރިއްސުރެ މިކަހަލަ ކަންކަމަށް ޝައުގުވެރިކަން ހުންނަ މީހެއްކަން ކަށަވަރުވާ ފޮޓޯއެއް ވެސް އޭނާގެ އަތުގައި އެބައޮތެވެ. އެއީ މީގެ އަހަރުތަކެއް ކުރިން، އޭނާގެ ރަށުގެ ބަދިގެ ކައިރީގައި، ކުރައެއް ހިފައިގެން ނަގައިފައިވާ ފޮޓޯއެކެވެ. އެ ފޮޓޯ ސިރޭ އަށް ދެއްކުމުން، ބަދިގޭގެ ބޭރު ދޮރު ސިރޭ ކުރަހައިދީފައި ވަނީ ހަމަ އެކަހަލަ ގޮތަކަށެވެ.

"ބޭރުން މި ފެންނަ ކޮންސެޕްޓަކީ ބަދިގެއަށް ވަންނަ ދޮރު (ނަންބޯޑު ޖަހައިފައި) ފުރަތަމަ އެއީ. ދެން މިހިރީ އިހުޒަމާނުގެ ކާޑުގެ. ދެން (ފަނުން) އެހެރީ ދަރުގެ. އެ ތިން ބައި މިހިރީ މި ތަނުގައި ދައްކަދީފައި،" މޯޑުގެ ވިސްނުން ކިޔައިދިނެވެ.

ސިރޭ ބުނީ މޯޑު ބޭނުންވި ގޮތަށް އޭނާގެ ފިހިން ކުލަތައް ހޭއްކުނީތީ ވަރަށް އުފާވާ ކަމަށެވެ.

"ބަދިގެ ދޮރުފަތުގައި ވެސް ދަގަނޑު ހުޅެއް ނުހުންނާނެ. ހަމަ ކުރަހާފައި،" ހދ. ވައިކަރަދުއަށް އުފަން ސިރޭ ބުންޏެވެ.

"ދޮޅު މަހެއްހާ ދުވަހުގެ މަސައްކަތް މިއީ. މި ދޮރުފަތްތަކަކީ ވެސް ހަމަ އާ އެއްޗެތި. ކުލަ ޖައްސައިގެން ބާ އެއްޗިއްސަށް ހަދައިފައި އެހެރީ. ވަރަށް އޮމާން ހުދު ފާރުތަކެއް ވަށައިގެން ހުރީ. އެކަމަކު ކަޅު ކުލަ އާއި ކޮފީ ބޭނުންކޮށްގެން މުޅިން ބަދަލުކޮށްލީ."

"އަސްލު ކުޑަދޮރެއް ނޫން އެއީކީ. ހަމަ ކުރެހުމެއް. ފާރުވެސް ރެނދު ލައްވައި، އުވަގަނޑު ނެއްޓޭ ގޮތަށް ކުރަހާފައި އެއީ،" ސިރޭ ބުންޏެވެ.

 

View this post on Instagram

 

A post shared by sireyarts (@sireyarts)

ސިރޭ ބުނީ ފާރުގައި ހުރި ކުރެހުންތައް ވެސް އެއީ މޯޑު ބޭނުންވި ގޮތަށް ކުރަހައިދީފައިވާ ކުރެހުންތަކެއް ކަމަށެވެ.

ބަދިގޭގެ މެނޫގައި ހިމެނޭ 95 ޕަސަންޓަކީ ދިވެހި ކާނާއެވެ. އެއީ ދިވެހި ނަންތަކަކާއެކު މޯޑުގެ އަމިއްލަ ރެސިޕީތަކެކެވެ. މެނޫގެ މައިގަނޑު ނަންނަމުގެ ގޮތުގައި ހުރީ ނާސްތާ، ހައިފިލި، ސަޓަނި، ސުރުވާ، ކޭން، އަނގަފޮނި ކަހަލަ ދިވެހި ނަންނަމެވެ. ޑިޝްތަކަށް ކިޔާ ނަންނަމުގެ ތެރޭގައި ބާއްޖަވެރި ހެނދުނެއް، ހުޅަނގު ބައްރު، އޮޅިހުނި، ފެނުޕަރީ، ދޮލަނގު، ކަލިޔާބިރިންޖީ، ބަތްބަރި، ކަނޑުއަޑި، ހަންޑިކުޑަ، ވިލާތުރޮށި، ފަތްޖެހިރޮށި، ފިއްތިބަނަސް މިހެން ގޮސް ތަފާތު ނަންނަން ހިމެނެއެވެ.

"ބަދިގޭގެ ރަހަތައް ހުންނާނީ އަޅުގަނޑުމެން ކުޑައިރު އަޅުގަނޑުމެންގެ މަންމަމެން އެ އެއްޗެތި ކައްކާ އުޅުނު ގޮތުގެ ރަހަތަކަށް. ދިވެހި ހުރިހައި ވައްތަރެއްގެ ކެއުން ހުންނާނެ. އޮޅުއަލަ، ކައްޓަލަ، މާޅޮސްކެޔޮ މިހެން ގޮސް ހުރިހާ އެއްޗެއް ހުންނާނެ،" މޯޑު ބުންޏެވެ.

މޯޑު ބުނީ ބަދިގޭގެ ހުރިހާ ދިމާލަކުން ވެސް މޯޑު ފެންނާނެ ކަމަށެވެ.

"އަޅުގަނޑަކީ މެއިން ޝެފު. އަޅުގަނޑަކީ ހިންގުންތެރިޔާ،" މޯޑު ބުންޏެވެ.

ބަދިގޭގައި އުޅެނީ ނުވަ މުވައްޒަފުންނެވެ. އެއީ ހުސް ދިވެހިންނެވެ. ބަދިގޭގެ ތަފާތު މާހައުލަށް އެ ކުދިން ތަމްރީނު ކުރާތާ ވެސް މިހާރު ދުވަސްތަކެއް ވަނީ ވެފައެވެ.

ބަދިގޭގައި އުޅޭ ހުރިހާ މުވައްޒަފުން ތިބެނީ ވެސް ދިވެހިވަންތަ ކޮސްޓިއުމްގައެވެ. ހުރިހާ މަގާމަކަށް ދީފައި ހުންނަނީ ވެސް މުޅިން ދިވެހި ނަމެވެ. ޝެފަށް ކިޔަނީ "ކެއްކުންތެރިޔާއެވެ. ވޭޓަރަށް ކިޔަނީ "ހިދުމަތްތެރިޔާ"އެވެ. ކޭޝިއަރަށް ކިޔަނީ "ސޭޓު"އެވެ. ޑެލިވަރީބޯއި އަށް ކިޔަނީ "އަވަސްތެރިޔާ"އެވެ.

ފާހަގަވާ އަނެއް ކަމަކީ ބަދިގެއަށް ވަނުމުން، ހުރިހައި އެންމެންގެ ނަން ވެސް، ކުރީ ޒަމާނުގައި ބޭނުންކުރި ކަހަލަ ނަންނަމަށް ބަދަލުވާކަމެވެ.

"އެއްވެސް ކުއްޖެއްގެ އަސްލު ނަމެއް މި ތަނުގައި ބޭނުމެއްނުކުރާނެ. މިތާ އުޅޭނީ ގޮމާ، މަންޖެ، ގޮއްޔެ، ކަނބުލޮ، ދޮންކަލޯ، ތަކުރު، ސޮރު ކަހަލަ ނަން ކިޔާ ކުދިން މުޅިން ވެސް. ކޮންމެ ކުއްޖެއްގެ ނޭމް ޓެގުގައި ވެސް އޮންނާނީ އެ ނަން. ކަސްޓަމަރުން ވެސް ބޭނުންކުރާނީ އެ ނަންތައް،" މޯޑު ބުންޏެވެ.

"އެ ކުދިން ގޮސް ކަސްޓަމަރުން ކައިރީ ބުނާނެ ތި މޭޒުގެ ހިދުމަތްތެރިޔާއަކީ އަޅުގަނޑޭ. އަޅުގަނޑުގެ ނަމަކީ މަންޖެއޭ. އެ ކުދިން ތިބޭނީ އެ ފެންވަރަށް ޓްރެއިންކޮށްފައި. އަނެއްކާ މިތާ ވަށައިގެން މިހުރި ހުރިހާ އެއްޗެއްގެ ނަމާއި އޭގެ ހުރިހާ މައުލޫމާތެއް ވެސް އެ ކުދިންނަށް ބުނެދޭން އެނގޭނެ. ކަސްޓަމަރުން ބޭނުންވެއްޖިއްޔާ އެ ކުދިން ކިޔައިވެސްދޭނެ. އިނގިރޭސިން ވެސް."

ކެއިންބުއިމުގެ ހިދުމަތްދޭ އެހެން ތަންތަނާ ޚިލާފަށް، ދުފުމަށްޓަކައި ބަދިގެއިން ގެންނަނީ ބޮޑު މަޑިސީލައެކެވެ. އޭގައި ބިލެތާއި ކަރަންފުލާއި ހުންޏާއި ކޮށި ފޯކުގެ އިތުރަށް ފޯއްކިބަ އާއި ފޯއްވަޅިވެސް އޮވެއެވެ.

"އެ މީހަކު ބޭނުން ގޮތަކަށް ދުފާލަންވީ،" މޯޑު ބުންޏެވެ.

ބަދިގޭގައި އަތް ދޮންނަން ހުންނަނީ ކުރައެކެވެ. ފައިން ޕެޑަލަކަށް ފިތާލުމުން، ކުރައިން ފެން ފައިބައެވެ.

ޝެފް މޯޑުގެ ބަދިގެ ރަސްމީކޮށް ހުޅުވުނީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށް ވިޔަސް، އާންމުނަށް ހުޅުވާލީ ރޭގައެވެ. ވިޔަފާރިއަށް ހުޅުވާލުމުގެ ކުރިން ސޯޝަލް މީޑިއާގައި މޯޑު ވަނީ ވަރުގަދަ ކެމްޕެއިނެއް ވެސް ކޮށްފައެވެ.

ބަދިގޭގައި ކިތަންމެ ގެދަބުޅިއެއް ހުއްޓަސް، ބަދިގޭގައި އެއްވެސް ވަރަކަށް ދުމެއްނެތެވެ. ބަދިގޭގައި ދުން އެރުވުން ވެސް މަނަލެވެ. އެއީ ވަރަށް ވެސް ބޮޑު ނަސީބެކެވެ.

ދުން އެރުވުން މަނާ ތަނެއްގައި އަދުރޭ ހާދަ ގިނަ އިރެއްވެއްޖެއެވެ. އަނެއްކާ ވީ ކީއްބާވައެވެ؟ އާޝޯޚުވެފައި ތަންތަން ބަލަން އަދުރޭއަށް އަދިވެސް އިނދެވުނީބާވައެވެ؟ ނޫނީ ފުޅިބައްތިތައް ފެނިފައި މާޒީ ހަނދާންވެގެން ކުރެވެންފެށި އިހުސާސްތަކުން ނިދިޖެހުނީބާވައެވެ؟ ގޮމާ އަށް ނޫނީ މަންޖެއަށް ނަމަވެސް ގުޅާލައިފައި އަހާލަންވެއްޖެއެވެ. "އަވަސްތެރިޔާ"އާ ހަވާލުކޮށްފައި އަދުރޭ ފޮނުވައިދޭށޭ ބުނަންވެއްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
10511
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ވަރަށް ފުރިހަމަ ރިޕޯޓެއް. އަދި ބަދިގެ މިއީ ވަރަށް އަގުހުރި މަސައްކަތެއް. މޮޅު ޚިޔާލަކަށް ކޮށްފައިވާ މޮޅު މަސައްކަތެއްގެ ވާހަކަ ކިޔަދީފައި މިވަނީވެސް އެހާ މޮޅަށް ޝައުގުވެރިވާނެ ގޮތަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *