Support Us

ކޮލަމް: ދޭހަ

ކޮންޖެޝަން ފީ ތަފާތު ގޮތްގޮތަށް ނެގުން ރަނގަޅުވެދާނެ

މާލޭގެ މަގުތަކާއި މަގުމަތީގެ ޓުރެފިކްގެ މައްސަލަ އަކީ މިއަދާ ހަމައަށް އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވުނު މައްސަލަ އެކެވެ. ބޭރުގެ ޤައުމުތަކުގެ ސިޓީތަކާ އަޅާ ކިޔާލާއިރު މާލެއަކީ އެ ތަންތަނުގެ އާދައިގެ ޓައުނަކަށް ވުރެ ވެސް ކުޑަ ރަށެކެވެ. އެހެންނަމަވެސް މާލޭގައި އެ ތަންތަނަށް ވުރެ ބޮޑު، އުނދަގޫ މައްސަލަތަކެއް އެބަހުއްޓެވެ. މާލޭގައި އޮތީ ތޮއްޖެހިފައި އޮތް އާބާދީއެކެވެ. ދުވާރު ނެތް، ހަނި މަގުތަކެކެވެ. މީހުން ދިރިއުޅެމުން ދަނީ ކުދިކުދި ތަންތަނުގަ އެވެ. ސިއްޙީ ގޮތުން ރައްކާތެރި ނޫން އަދަދަށް، އެ ތަންތަނުގައި މީހުން ދިރިއުޅެމުންދެއެވެ. މަގުމަތީގައި ދުއްވާ އެއްޗެތި ޕާކްކުރާނެ ޖާގަ އެކަށީގެންވާ ވަރަށް މަގުމަތިން ލިބެން ނުއޮވެއެވެ. މަގުމަތީގެ ގަވައިދު ތަކަށް ބޯ ނުލަނބާ ބޮޑު އާބާދީއެއް އޮވެއެވެ. މަގުމަތީގެ ޓުރެފިކްގެ ގަވައިދުތައް ތަންފީޒުކުރުން ބަލިކައްޓެވެ. ޤަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ބައެއް އުޅަނދުތަކުގައި ސްޓިކާ ޖެހުމަކީ ޓުރެފިކް ކަންޓްރޯލް ކުރެވެނީ ކަމަށް ބެލެވެއެވެ. އެއް ކަމަކާ ބެހޭ ގޮތުން އެކި މީހުންނަށް އެކި ގޮތަށް މަގުމަތީގެ ގަވައިދު ތަންފީޒު ކުރެވެއެވެ. މި ކަންތައްތަކަށް ބަލާއިރު މާލެ އަކީ އެހެން ޤައުމުތަކުގައި ވެރިކަން ކުރާ ރަށްރަށަށް ވުރެ މަގުމަތީގެ ޓުރެފިކްގެ މައްސަލަތައް ހައްލުކުރަން ހާސް ގުނަ އުނދަގޫ ރަށަކަށް ވެދާނެ އެވެ. އެކަމަކު ހައްލު ނުކުރެވޭނެ ރަށެއް ނޫނެވެ. ބޭނުންވަނީ ޢަޒުމެކެވެ. އުފައްދައިދެނިވި ވިސްނުމެކެވެ. ތެދުވެރިކަމެވެ. އިޚްލާޞްތެރިކަމެވެ. ސިޔާސީ ނުފޫޒުން އެކަހެރިވުމެވެ. ވަކި މީހަކަށް ބަލާނުލައި ހަމައެކަނި ޤާނޫނާއި ޤަވައިދަށް ބަލައިގެން ޤާނޫނާއި ޤަވައިދު ތަންފީޒު ކުރުމެވެ. މިކަން މިގޮތަށް ރާއްޖޭގައި ތަންފީޒު ކުރުމަކީ ކުރިން ދެންނެވުނު ހައްލުކުރަން އުނދަގޫ ކަންކަމަށް ވުރެ ވެސް އުނދަގޫ ކަމެކެވެ. މިހެން މި ދަންނަވަނީ އެނގިގެންނެވެ. ފެނިގެންނެވެ. ތަޖުރިބާއިންނެވެ.

މާލޭގެ މަގުތަކާ ބެހޭ ގޮތުން ތަފާތު ކަންތައްތައް ބަލަހައްޓާ އިދާރާ ތަކުން ތަފާތު އުއްމީދީ މަސައްކަތްތަކެއް ކުރަމުން އެބަގެންދެއެވެ. އަދި ދުރު މުސްތަޤްބަލަށް މަގާ ބެހޭ ތަފާތު މަސައްކަތްތައް ރާވަމުން ގެންދާ ކަމުގައި ވެސް ބުނެއެވެ. މަގުތަކުގައި ދުއްވާ އުޅަނދުތައް މިހާރުން މިހާރަށް ޕާކްކުރާނެ ތަންތަން ދެއްކުމާއި މުސްތަޤްބަލުގައި ހަމައެކަނި ޕާކް ކުރުމަށް އިމާރާތް ހެދުން ފަދަ ކަންތަކެވެ. އަދި މަގުތައް ހެދުން އާ ގޮތަކަށް ފަރުމާ ކުރެވެމުންދާ ކަމުގައި ވެސް ވެއެވެ.

މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުން، ސަރުކާރުން އަލަށް ކޮންޖެޝަން ފީއެއް ނަގަން ނިންމި ސަބަބުތަކުގައި ބަލައިގަންނަން އުނދަގޫ ކަންތައް ތަކެއް އެބަހުއްޓެވެ. ކޮންޖެޝަން ފީއެއް ނަގަނީ އާމްދަނީ އިތުުރު ކުރަން ކަމުގައި ވަނީ ނަމަ އަހަރީ ފީގެ ތެރެއަށް އެ އަދަދު އިތުރުނުކުރެވެން ވީ ސަބަބެއް ނެތެވެ. އެކަމުގައި އަޅުގަނޑުމެންނަށް ދެންނެވޭނެ އެއްޗެއް ނުއޮންނާނެއެވެ. އެހެންނަމަވެސް ކޮންޖެޝަން ފީ ނެގެނީ "މަގު ތަކުގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ބޮޑެތި ޚަރަދު ތަކެއް ހިނގާތީ އާއި އެކްސިޑެންޓްތައް ގިނަވުމާއި ވައި ނުސާފުވުމާ ގުޅިގެން ކުރަންޖެހޭ ޚަރަދުތަކާއި މަގުތަކުގެ ކެޕޭސިޓީ އަށް ވުރެ ގިނައިން އުޅަނދު ދުއްވުމުން، މަގުތަކަށް ގެއްލުންވެ މަރާމާތައް ގިނަ ޚަރަދުތަކެއް ކުރަންޖެހޭތީވެ" ކަމުގައި ވަނީ ނަމަ، އެ ގޮތަށް ފީ ނެގުމަށް، އެކަށީގެންވާ މިންވަރަށް ދިރާސާ ކުރެވިފައި އޮތް ކަމަކަށް ނުފެނެ އެވެ. އަޅުގަނޑުމެން ދެކޭ ގޮތުގައި އާމްދަނީ އިތުރު ކުރުމުގެ ނަޒަރުން ބެލިއަސް، ނުވަތަ ތިމާވެށީގެ ނަޒަރަކުން ބެލިއަސް ނުވަތަ މަގުތައް ބެލެހެއްޓުމަށް ކުރެވޭ ޚަރަދު ހޯދުމުގެ ނަޒަރަކުން ބެލިއަސް މާލޭ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުން ކޮންޖެޝަން ފީގެ ގޮތުގައި އިތުރު ފީއެއް ނެގުމުގެ ކުރިން ނިންމަންޖެހޭ ކަންތައް ތަކެއް އެބަހުއްޓެވެ.

ސިނަމާލޭ ބުރިޖަކީ ސަރުކާރުން ބޮޑު ލޯނެއް ނަގައިގެން ހަދާފައި އޮތް ބުރިޖެކެވެ. މިހާރު ލޯނުގެ ފައިސާ ދައްކަން ފެށިފައި އޮތް ކަމުގައި ވެސް ވެދާނެ އެވެ. ބުރިޖް މަރާމާތުކޮށް ބެލެހެއްޓުމުގެ ކަންތައް ދާއިމީ ގޮތަކަށް ކުރެވޭތަން ފެނެއެވެ. އެއީ ދޭތެރެދޭތެރެ އިން ބުރިޖްގެ އެކިއެކި ބައިތައް ބަންދުކޮށްގެން ކުދި ފޭލިގެ ޖަހައިގެން މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާތީ ވެއެވެ. މި ސަރުކާރު ވެރިކަމަށް އައީއްސުރެ ޓުރާންސްޕޯޓް މިނިސްޓުރީން ބުނަމުން ގެންދަނީ ބުރިޖުމަތިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމުގެ ވިސްނުމެއް ނެތް ކަމުގައެވެ. ބުރިޖު މަތިން އުޅަނދުތައް ދަތުރުކުރަނީ ކަނޑު ހުރަސް ކޮށްފައެވެ. އެ ދަތުރު މިހާރު ވެސް ކަނޑު މަގުން ކުރާ ނަމަ މަދުވެގެން ދަތުރަކަށް ދިހަ ރުފިޔާގެ ފީއެއް ދޭންޖެހޭނެ އެވެ.

ބޮޑު ޚަރަދެއް ކޮށްގެން ހިލޭ ދެވޭ ޚިދުމަތް ތަކަކީ ވަރަށް ގިނަ ފަހަރު އެ ޚިދުމަތެއް ލިބިގަންނަ މީހުންގެ ތެރެއިން ގިނަ މީހުންނަށް އެ ޚިދުމަތެއްގެ އަގު ވަޒަން ނުކުރެވޭ ޚިދްމަތް ތަކެކެވެ. ދަރަންޏަށް ފައިސާ ނަގައިގެން ދެވޭ ޚިދުމަތަކުން އެއްވެސް ފީ އެއް ނުނެގުމަކީ އިޤްތިޞާދީ ނަޒަރަކުން ބަލާލާއިރު ވަރަށް ތާކުންތާކު ނުޖެހޭ ކަމެކެވެ. އެންމެ ކުޑަމިނުން ބުރިޖް ބަލަހައްޓާ މީހުންގެ ޚަރަދު ބެލެހެއްޓުމަށް ވެސް ނެގޭ ކުޑަ ފީ އަކުން ޚަރަދު ކުރެވިދާނެ އެވެ. ދާދި ފަހުން ޓުރާންސްޕޯޓު މިނިސްޓުރީން ދިން ބަސްދީގަތުމެއްގައި ބުނެފައި ވަނީ ބުރިޖް އެއީ އަސާސީ ޚިދުމަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ ވެ ބުރިޖު މަތިން ދަތުރު ކުރުމަށް ފީ ނެގުމުގެ ޚިޔާލެއް ނެތް ކަމުގައެވެ. އަޅުގަނޑުމެން މާލޭގެ މަގުމަތީގައި ދުއްވާތީވެ ފީ ނަގަނީ ކޮން ކަހަލަ ޚިދުމަތަކަށް ވެގެން ބާވައެވެ؟ މާލޭގެ މަގުން ދުއްވާފައި ގޮސް ބުރިޖާ ހަމަވުމުން ބަދަލުވެގެން ދަނީ އަސާސީ ޚިދުމަތަކަށެވެ. ހުޅުމާލެ އަށް އެރެންދެންނެވެ. އެކެއް ޕޮއިންޓް ތިން ކިލޯމީޓަރުގެ އަސާސީ ޚިދުމަތެކެވެ.

ބުރިޖް ހަދާ ނިމުނީ ބޮޑު އިންތިޚާބެއް ބޯމަތިވެފައި ވަނިކޮންނެވެ. އެ އިންތިޚާބުގައި އެއިރު ވެރިކަމުގައި އޮތް ސަރުކާރު ނާކާމިޔާބުވީ އެވެ. މިހެންވުމާ އެކު ފީއެއް ނެގޭ ގޮތަށް ކަންތައްތައް ރޭވިފައި އޮތްކަމުގައި ވިޔަސް ވެރިކަމުން ފޭވާން ޖެހިފައި އޮތް ސަރުކާރަކުން، އަލަށް ފީއެއް ނަގާކަށް ބޭނުމެއްނުވާނެ އެވެ. އެ "އުނދަގޫ" ކަންތައް ކުރަން ދޫކޮށްލާނީ އަލަށް ވެރިކަމަށް އަންނަ ސަރުކާރަށެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓުރަމްޕް، އަލަށް ހޮވިފައިވާ ރައީސް ޖޯ ބައިޑަން އަށް އުނދަގޫ ކުރައްވަން ވެގެން ކަންތައްތައް ނިންމަވާ ގޮތަށެވެ.

ކޮންޖެޝަން ފީ ނެގުމުގެ ބޭނުންތަކުގެ ތެރޭގައި މަގުމަތީގައި ދުއްވާ އެއްޗެތި ގިނަވުމާއި، ވައި ނުސާފުވުމާއި، އެކްސިޑެންޓުތައް ގިނަވުމާއި މަގުގެ ކެޕޭސިޓީ އަށް ވުރެ ގިނައިން އުޅަނދުތައް ދުއްވުމުން މަގުތަކަށް ގެއްލުންވުމާއި، މަގު މަރާމާތު ކުރުމަށް ބޮޑެތި ޚަރަދު ކުރުން ހިމެނެއެވެ.

ސިނަމާލޭ ބުރިޖް މަތީގައި އެކްސިޑެންޓްތައް ހިނގުމަމަކީ އާދައިގެ ކަމެކެވެ. ހުޅުމާލޭން ބުރިޖަށް އަރާ މަގުގައި ވެސް ވަރަށް ގިނައިން އެކްސިޑެންޓްތައް ވެފައި ވެއެވެ. ސިނަމާލޭގެ ބުރިޖްގައި ދުއްވާ އެއްޗެތިން ކުޑަ ނަމަވެސް ފީއެއް ނެގޭނަމަ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ވެސް ބުރިޖް ހެދިފަހުން ތަހައްމަލު ކުރަން ޖެހޭ ތޮއްޖެހުމުގެ ކަންތައްތަކަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބޭނެ އެވެ. ހުޅުމާލެ އަށް ކޮފީ ބޯން، ނުވަތަ ކެއުމަށް، ނުވަތަ ޕިކްނިކް އަށް، ނުވަތަ ދުއްވާލަން ދާ އުޅަނދުތައް ބުރިޖަށް އަރާ ކޮންމެ ފަހަރަކު ދެ ރުފިޔާ ނުވަތަ ފަސް ރުފިޔާގެ ފީއެއް ނެގޭ ގޮތަށް ހަމަޖެހުނަސް ދުވާލެއްގެ މައްޗަށް ވަރަށް ގިނަ ފައިސާ ލިބޭނެ އެވެ. މުދާ އުފުލާ އުޅަނދު (ޕިކަޕް، ލޮރީ) ތަކުން ތަންކޮޅެއް ބޮޑު ފީއެއް ނެގުނަސް އެއީ ބުރައަކަށް ވާނެ ކަމަކަށް ނުފެނެ އެވެ.

މި ވާހަކަ ދަންނަވަން ޖެހެނީ މިގޮތަށް ސަރުކާރުން އަޅުގަނޑުމެންގެ އަތުން ނަގާ ޓެކްސް ނުވަތަ ފީ ނެގުމުން އަޅުގަނޑުމެންގެ ޖީބަށް ކުރާ ބާރު އިޙްސާސްވުން ތަންކޮޅެއް ކުޑަވާނެތީވެއެވެ. އޭގެ އިތުރަށް، އެ ފީއެއް ދައްކާނީ އެ ކަމެއް ބޭނުން ކުރާ މީހެކެވެ. ބޭނުންކުރާ ވަގުތުގައެވެ. މިހާރު ވެސް އަޅުގަނޑުމެން ގަންނަ ކޮންމެ އެއްޗަކުން ސަރުކާރަށް ޓެކްސް ދައްކަމުން ގެންދެއެވެ. އެކަން މާބޮޑަށް އިޙްސާސެއް ނުވެއެވެ. ސިނަމާލޭ ބުރިޖު މަތިން ދުއްވާ އުޅަނދުތަކުން ފީ ނެގުމާ ބެހޭ ގޮތުން ސީރިއަސްކޮށް ވިސްނަންވެއްޖެ އެވެ.