Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

ސަރުކާރު ޚިދްމަތުގެ ފުރަތަމަ ދުވަސްތަކުގެ ހަނދާންތައް – 3

އަޅުގަނޑު އަބަދުވެސް ބުނެއުޅޭ އެއްޗެކެވެ. ރައީސް އޮފީހަކީ ޔުނިވަރސިޓީއެކެވެ. ހިންގުމުގެ ދާއިރާގެ ފަންނީ މަޢްލޫމާތުގެ އަގުހުރި ހަޒާނާއެކެވެ. އޭގެ އިތުރުން، ޠަބީޢީ އަދި އިންސާނީ ވަރަށްގިނަ ރިވެތި ސިފަތަކެއް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާ މުޢައްސަސާއެއް ވެސްމެއެވެ.

ފުރަތަމަ އަހަރެއްހާ ދުވަހު އަޅުގަނޑު އުޅެންޖެހުނީ އުނދަގޫ މާޙައުލެއްގައެވެ. މީގެ ކުރީ ލިޔުމުގައި ދަންނަވާލި ޤަވާއިދުތައް ގިނަކަމުންނެވެ. ކުރުން މަނާ ކަންކަމަށް ވިސްނައިގެން އުޅެވޭތޯ ބެލީމެވެ. ކާމިޔާބެއް ނުވިއެވެ. މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އޮންނަނީ 'އަނދާފަ' އެވެ. ކޮންމެވެސް ކުށެއް ކުރެވިފައެވެ. މިއަދުގެ ޒުވާނެއްނަމަ، ކެނޑެން ސިޓީލާނެކަން ކަށަވަރެވެ. އެއިރު އަޅުގަނޑުމެންގެ ވިސްނުން ތަފާތެވެ. ކެނޑެން ހިތަކަށް ނާރައެވެ. ބޭނުންވީ އިތުރު ހިތްވަރެއް ލައިގެން ކުރިއަށް ދާށެވެ. ފެނުނީ ޗެލެންޖެއްގެ ގޮތުގައެވެ. ހިތަށް އެރިއެވެ. ކެނޑެން ސިޓީލުމަކީ އެބައެއްގެ ރޭވުންތައް ކާމިޔާބުވުމެވެ. އެ ހިތްހަމަޖެހުމެއް ނުދޭނަމެވެ.

ނުކުތާއަށް އެނބުރިލާނަމެވެ. ކުށެއް ކުރެވުމުން ހާޒިރުވާންޖެހެނީ އެޑްމިނިސްޓްރޭޓިވް އެފެއާޒް ސެކްޝަނަށެވެ. އެސެކްޝަންގެ ވެރިޔާ ޢަބްދުލްޤައްޔޫމް ޙަސަންގެ ކޮޓަރިކޮޅަށެވެ. އެހިސާބުން އިއްވަނީ ބަޔާނެކެވެ. ކުރެވުނު ކުށް ތަފްޞީލުކޮށްދީފައެވެ. އަދި، އެފަދަ ކަމެއް ކުރިއަށްއޮތް ތާނގައި ނުކުރާނެކަމަށް އޮންނަ އިޤްރާރެއްވެސް ބަޔާނުގައި އޮވެއެވެ. ރައްދުގައި ނުވަތަ ދިފާއުގައި އެއްޗެއް ބުނުމުގެ ފުރުޞަތެއް ނޯވެއެވެ. ޖެހެނީ އޭގައި އޮންނަ އެއްޗެއް ކިޔާލާފައި، ސޮއިކުރާށެވެ. އެގޮތަށް ހާޒިރުކުރެވުނު އަދަދު ދަންނަވާކަށް ނޭނގެއެވެ. ހަނދާނެއް ނެތެވެ. ނަމަވެސް، ކުރެވުނުކަމަށް ސާބިތުވި ބައެއް ކުށްތައް ހަނދާން އެބަހުއްޓެވެ.

އެއިރު އަޅުގަނޑަކީ ޤައުމީ ފެންވަރުގައި ކްރިކެޓް ކުޅެމުން އައި ޒުވާނަކީމެވެ. އެހެންކަމުން، އޮފީހުގައި ހުއްދައަށް އެދިގެން ކުޅެން ދަމެވެ. އަޅުގަނޑުގެ ނަސީބެވެ. ރައީސް މައުމޫނަކީ ކްރިކެޓަށް ވަރަށް ޝައުޤުވެރިކަން ބަހައްޓަވާ ބޭފުޅެކެވެ. އެހެންކަމުން، އަބަދުވެސް ހުއްދަ ދެއްވައެވެ. ކުޅެން 'ވީއްލާ' ދެއްވައެވެ. އަދި، މުހިންމު މެޗެއް ނަމަ، ޚުދު އެމަނިކުފާނު އަޅުގަނޑާ ގުޅުއްވާ ނަތީޖާވެސް އޮޅުންފިލުއްވައެވެ.

މިގޮތަށް ކްރިކެޓް ކުޅެމުން އައިސް، އެއްދުވަހު ދިމާވި ހާދިސާއެކެވެ. ނެޓުގައި ފަރިތަކުރުމުގެ ތެރޭގައި ބޯޅައެއް އަމީނީ މަގަށް ދިއުމުން، އެބޯޅަ ނަގަން އަޅުގަނޑު ދިޔައީމެވެ. އެކުވެނި ދަނޑުގައި ޖަހާފައި ހުރި ދަލުން ބައެއް އޮތީ ހަލާކުވެ، ބާގަނޑެއް ހެދިފައެވެ. އެހެންކަމުން، އަވަސްކޮށްލަން އަޅުގަނޑު އިޚްތިޔާރުކުރީ އެ ބާގަނޑުން މަގަށް ފުންމާލައިގެން ބޯޅަ ނަގާށެވެ. މަގުމެދުގައި އޮތް ބޯޅައާ އަރާ ހަމަވީއިރު، ކުރިމަތިން ހުރަސްކުރި ކާރެއްގައި އިންނެވީ އޮފީހުގެ ވެރިއެކެވެ. މިއަދުވެސް ވަރަށް ބޮޑު މަޤާމެއްގައި ހުންނެވި ބޭފުޅެކެވެ. އެހެންކަމުން ނަމެއް ނުދަންނަވާނަމެވެ. އެމަނިކުފާނާ ހަތަރުކަޅި ހަމަވީ ހިސާބުން އަޅުގަނޑަށް ވިސްނިއްޖެއެވެ. ޑިރެކްޓަރ ޖެނެރަލް ޢަބްދުލްޤައްޔޫމްގެ އަރިހަށް ހާޒިރުވާން ތައްޔާރުވާންވީ ކަމެވެ. ކަންވީ ހަމަ އެގޮތަށެވެ. ވިދިގެންއައި ދުވަހު އަޅުގަނޑުގެ ބަޔާން ނަގައިފިއެވެ.

އެހެން ހާދިސާއެކެވެ. ސްޓެލްކޯ ކުރިމަތިން ހުންނަ ގުދަނަކީ ރައީސް އޮފީހުގެ ބައެކެވެ. ކިޔާނީ ރިހިޖެހި ކޮއްޓެވެ. މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ބޭނުންކުރާ ތަނެކެވެ. އެތާނގައި އޮންނަ ހުސް ޖާގައިގައި ކޮންމެ ދުވަހެއްގެ ހަވީރު އަޅުގަނޑުމެން މުވައްޒަފުން ވޮލީ ކުޅެމެވެ. ކުޅެ ނިންމާލާފައި، ފެންވަރަން ދިއުމުގެ ކުރިން އަޅުގަނޑުމެން އަނގަތަޅާލަން ތިބެމެވެ. އެފަދަ އެއް ދުވަހެއްގައި އޮތީ ޖޯކު ކިޔުމެވެ. އޮފީހުގެ ވެރިންގެ ޖޯކުވެސްމެއެވެ. އަޅުގަނޑު އެތާ އިނީމެވެ. ބައިވެރިވީމެވެ. އެކަމަކު ޖޯކެއް ނުކިޔަމެވެ.

އަނެއް ދުވަހު އަޅުގަނޑު ހާޒިރުކުރިއެވެ. ބަޔާން ނަގާށެވެ. އޭގައި އޮތީ އޮފީހުގެ ވެރިންގެ ޢިއްޒަތާއި ކަރާމާތަށް ބުރޫއަރާ ފަދަ ޖޯކު ހަދައިގެން މުވައްޒަފުންގެ މެދުގައި ފެތުރުމުގެ ކުށެވެ. އެތާނގައި ތިބި މުވައްޒަފުންގެ ތެރެއިން 'ކުޓުވީ' ކާކުކަމެއް ނޭނގެއެވެ. އެންމެ ބޮޑު އަޖާއިބަކީ، މި ދެންނެވި ކުށުގައި ބެދުނީ އަޅުގަނޑު އެކަނި ކަމަށް ވީތީއެވެ. ބަޔާނުގައި އޭގެ ހުއްޖަތް އޮތެވެ. އޮފީހުގެ ވެރިންގެ ފެންވަރުގެ މަޤާމެއްގައި ހުރީ އަޅުގަނޑު އެކަނި ކަމުން، ހިނގި ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ އަޅުގަނޑު އެކަނި ކަމަށެވެ. އެދުވަހުވެސް އެއްޗެއް ނުދަންނަވާ ބަޔާނުގައި ސޮއި ކޮށްލާފައި ނުކުތީއެވެ. އެއަށްފަހު ރިހިޖެހި ކޮއްޓަށް ކުޅެން ދާއިރު، ނިމުމާއެކު މަޑުނުކޮށް ގެއަށް ދަނީއެވެ.

ތިންވަނަ ހާދިސާ ދަންނަވާލާނަމެވެ. ވަނަން ބޭނުންކުރުމުގެ މައްސަލައެކެވެ. އަޅުގަނޑު ދަންނަ މީހަކަށްނަމަ އެނގޭނެ ކަމެކެވެ. އަޅުގަނޑަކީ ނަން ލިޔާއިރު ފުރިހަމަ ނަމަށް ފަހު ބްރެކެޓެއްގައި ވަނަން ނުވަތަ ޢާންމު ނަން ލިޔާ މީހަކީމެވެ. އޮފީހުގައި ދިހަ އަހަރު ވޭތުކުރިއިރު ދުވަހަކުވެސް މުޙައްމަދު ނުވަތަ ޝަރީފްގެ ގޮތުގައި އަޅުގަނޑާ މުޙާޠަބު ކޮށްފައެއް ނޯންނާނެއެވެ. އަބަދުވެސް ގޮވާލާނީ "މުންދު" މިފަދައިންނެވެ. މައްސަލައަކަށް ވަނީ ވަނަން ލިޔުމުން ކަމަށްވެއެވެ. ތެދެކެވެ. ރައީސް މައުމޫންގެ މޭޒުކޮޅަށް ގިނަ ނޯޓުތަކެއް ފޮނުވަންޖެހޭ މުވައްޒަފެއްގެ ހައިސިއްޔަތުން، އަޅުގަނޑު އަބަދުވެސް ނޯޓުގައި ޖަހަނީ މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިހެންނެވެ.

މިހާ ހިސާބުން ދަންނަވާލުން މުހިންމު ވާހަކައެއް އެބައޮތެވެ. ޑިރެކްޓަރ ޖެނެރަލް ޢަބްދުލްޤައްޔޫމް ޙަސަން އަކީ އަޅުގަނޑު އިޙްތިރާމްކުރާ، ވަރަށްވެސް ހިތްޕުޅު ހެޔޮ ބޭފުޅެކެވެ. ބަޔާން ނަގާ ވަގުތު ދިއުމާއެކު އެކަން އެ ނިމުނީއެވެ. ނިކަން ސަމާސާވެސް ކުރައްވާނެއެވެ. އަބަދުވެސް މުޚާޠަބު ކުރައްވާނީ ހިނިތުންވުމާއެކުއެވެ. ވަރަށްވެސް ޚުލްޤު ހެޔޮ ބޭފުޅެކެވެ. އެމަނިކުފާނުގެ ފުރާނަފުޅަށް، މާތް ﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުން އެދި ދުޢާ ކުރަމެވެ.

ވަނަން ބޭނުންކުރުމުގެ މައްސަލައިގައި ހާޒިރުކުރި ދުވަހު، އެބަޔާން ކިޔާލީމެވެ. ވަނަން ބޭނުންކުރުން މަނާވެފައި، އެކަން ކުރި ކަމަށް އޮތް ނަމަ އަޅުގަނޑު ސޮއި ކުރަން ފަސްނުޖެހޭނެކަން ކަށަވަރެވެ. ނަމަވެސް، އެ ބަޔާނުގައި އޮތް އިތުރު މަޢްލޫމާތަކާ އަޅުގަނޑު ޚިޔާލު ތަފާތުވީއެވެ. އޭގައި އޮތީ ވަނަން ބޭނުންކުރުމަކީ ރައީސް މައުމޫން ވަރަށްވެސް ހިތްޕުޅާނުވާ ކަމެއް ކަމަށެވެ. އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް އަޅުގަނޑު ދުށީމެވެ.

އެހިސާބުން އަޅުގަނޑު ކަންކުރި ގޮތް އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. މަޑުކޮށްލަދެއްވަން ދަންނަވާފައި ނުކުތީއެވެ. ދިހަވަރަކަށް މިނެޓު ފަހުން އަޅުގަނޑު އެނބުރި އައީ ވިއްސަކަށް ނޯޓު ހިފައިގެންނެވެ. މުޅިންވެސް ރައީސްގެ މޭޒުކޮޅަށް ފޮނުވާފައި ހުރި ނޯޓެވެ. ކޮންމެ ނޯޓެއް އަނބުރާ އަޅުގަނޑަށް ރައްދުކޮށްދެއްވަން ރައީސް ފޮނުވަނީ މަތީ ކަނުގައި 'މުންދު' ނުވަތަ 'މުންދު އަށް' މިހެން ޖައްސަވާފައެވެ. ރައީސް އޮފީހުގައި ރަތް ދެލީގެ ގަލަން ބޭނުންކުރައްވާނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއެވެ. އޭގައި އޮތީ ރައީސްގެ ލިޔުއްވުންކަން އެއޮތީ ސާބިތުވެފައެވެ. އަދި، ވަނަން ބޭނުންކުރައްވަން އެމަނިކުފާނު ހިތްޕުޅާ ނުވާ ކަމަށް މި ދައްކާ ވާހަކަތަކަކީ ދޮގުކަންވެސް އެއޮތީ ސާބިތުވެފައެވެ.

އެހެންކަމުން، އޭގައި ސޮއި ނުކުރާނެ ކަމަށް ދަންނަވާފައި ނުކުތީއެވެ. އަނެއް ދުވަހު، މިނިސްޓަރު ކޮޓަރިކޮޅަށް ހާޒިރުކޮށް، ވަޒީފާއިން ވަކިކުރެވިދާނެކަމުގެ އިންޒާރު ލިބުނެވެ. ފަރުވާއެއް ނެތްކަމަށް ދެންނެވީމެވެ. ކޮންމެއަކަސް، އެކަން އެހިސާބުން ނިމިއްޖެއެވެ. އެވާހަކަވެސް އޮބިއްޖެއެވެ. ޤަވާއިދު ފޮތުން އެ ނުކުތާވެސް އުނިވެއްޖެއެވެ.

ރައީސް މައުމޫނަކީ، އަޅުގަނޑުގެ އުމުރުން ދިހަވަރަކަށް އަހަރުން ފެށިގެން އަބަދުމެ ފެންނަމުންދިޔަ، ދެކެދަނެ ފަރިތަ ބޭފުޅެއްކަން އެއިރު އޮފީހުގެ އެހެން ބޭފުޅުންނަކަށް އެނގިވަޑައެއްނުގަންނަވާނެއެވެ. ދަންނަވަން މުހިންމު ކަމަކަށްވެސް ނުދެކެމެވެ. އަޅުގަނޑާމެދު ތަފާތުކުރެއްވުމެއް ގެންގުޅުއްވާކަށް ނޭދެމެވެ.

އެދުވަސްވަރު އަޅުގަނޑުގެ ވިސްނުން ހުރި ގޮތްވެސް ދަންނަވާލާނަމެވެ. ޤަބޫލުކުރެވުނީ އަޅުގަނޑާ ޒާތީގޮތުން ޖައްސާލައިގެން އުޅެނީ ކަމަށެވެ. ބައެއް ބޭފުޅުން ވިދާޅުވެފައި ހުރި ބަސްތަކުންވެސް އެކަން ދޭހަވިއެވެ. އެހާ އުމުރުން ހަގު، އެއްވެސް ތަޖުރިބާއެއް ނެތް ޒުވާނަކަށް، ވެރިންގެ ފެންވަރުގެ މަޤާމެއް ދެއްވުމަކީ، ބައެއް ބޭފުޅުން ޤަބޫލުކުރެއްވި ގޮތުގައި އެބޭފުޅުންގެ ޚިދްމަތުގެ އަގު ރައީސް ވަޒަން ނުކުރެއްވުމެވެ.

އަޅުގަނޑު އެދުނު ގޮތެއް ނޫނެވެ. ނަމަވެސް، އެއިރު ވަރަށް އާދަޔާޚިލާފު ވާދަވެރިކަމެއް އުފެދިގެންދިޔައެވެ. ތަޖުރިބާތޯ ނުވަތަ ތަޢްލީމުތޯ، މިވާދަވެރިކަމެވެ. ޒަމާނުއްސުރެ ގެންގުޅެމުންއައި އާދަކާދަތޯ ނުވަތަ ޒަމާނީ އާ ގޮތްތައްތޯ، މިސުވާލެވެ. އަޅުގަނޑަށް ވިސްނުނީ އަޅުގަނޑު ފެއިލްވުމަކީ ހުރިހާ ޒުވާނުން ފެއިލްވުން ކަމަށެވެ.

އެހެންކަމުން، މަސައްކަތުގެ ތެރެއަށް ވަނީ އިތުރު ޖޯޝާއި ފޯރީގައެވެ. އެއިރު ސަރުކާރުގެ ޤަވާއިދު އޮންނަ ގޮތުން، އިތުރު ވަގުތު (އޯ.ޓީ.)ގެ މަސައްކަތުގެ އަދަދު އެންމެ ގިނައިންވެސް ގުނޭނީ 96 ގަޑިއިރަށެވެ. އެވަރު ހަމަވާނަމަ، މުސާރައިގެ އިތުރުން ތިން ބައިކުޅަ އެއްބައި ބޮޑު އަދަދެއް ލިބޭނެއެވެ. އެއިރުގެ މުސާރަވެސް ހަނދާން އެބަ ހުއްޓެވެ. އެއީ 3370 ރުފިޔާއެވެ. އިތުރުވަގުތުގެ ފައިސާ ލިބޭނަމަ، އެއީ އެއިރު ވަރަށް ބޮޑު އެއްޗެކެވެ. އަޅުގަނޑު ރައީސް އޮފީހުގައި ފުރަތަމަ އުޅުނު ދިހަ ވަރަކަށް އަހަރުގެ ތެރޭގައި، މަހަކު 200 ގަޑިއިރު އިތުރު ވަގުތު ހަމަ ނުކުރާ މަހެއް މަދުވާނެއެވެ. ނުވަދިހަ ހަ ގަޑިއިރުގެ މައްޗަށް ހޭދަކުރާ އެއްވެސް ވަގުތަކީ އުޖޫރައެއް ނެތި ކުރެވޭ މަސައްކަތްކަން އެނގިހުރެއެވެ.

އިނގިރޭސި މުހާވިރާ ބަހެއްގައި އޮވެއެވެ. 'ފަސްޓް އިމްޕްރެޝަންސް ރެއާރލީ ލާސްޓް' މިއެވެ. ފުރަތަމަ ނަޒަރުގައި ދޭހަވާ އެއްޗެއް، ވަގުތާއެކު ދެމިއޮތުމަކީ މުސްތަޙީލު ކަމެކެވެ. ރައީސް އޮފީހުގައި އަޅުގަނޑަށް ކުރެވުނު ތަޖުރިބާވެސް ވެގެންދިޔައީ ހަމަ އެފަދަ ފިލާވަޅަކަށެވެ.

އޮފީހުގައި ތިއްބެވި ދުވަސްވީ ވެރިންނަކީ ދުޝްމަނުން ނޫންކަން ވިސްނެން ފަށައިފިއެވެ. އަޅުގަނޑަށް ދަތިކުރެއްވުމަކީ ހަޤީޤަތުގައި އަޅުގަނޑަށް ދެއްވާ ތަރުބިއްޔަތެއްކަން ޤަބޫލުކުރެވެން ފަށައިފިއެވެ. އަޅުގަނޑާމެދު ތަފާތު ގޮތެއް ގެންގުޅުއްވުމަކީ އަޅުގަނޑު އިމްތިހާނު ކުރެއްވުންކަން ޔަޤީންވާން ފަށައިފިއެވެ.

ޤަބޫލުކުރަންޖެހޭނެ ހަޤީޤަތެއް ދެއްތޯއެވެ. ކުއްލިއަކަށް ގެނެސް ވައްޓާލި މީހަކީމެވެ. ގޮތެއް ނޭނގޭނެއެވެ. އެބޭފުޅުން މުޅި އުމުރު ހޭދަކުރެއްވި މުޢައްސަސާއެކެވެ. އެތާނގައި ކަންކަން ރޭވިފައި އޮތް ގޮތާމެދު ވަރަށްވެސް ފަޚުރުވެރި ވެވަޑައިގަންނަވައެވެ. އެތައް ޒަމާނެއްގެ މަސައްކަތުން ބިނާކުރި އެ މުޢައްސަސާގެ ކުރިމަގުގެ ހިއްސާދާރަކަށް އައި މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑުގެ ގޮތް ބަލާލުން ޖާއިޒެވެ. ވަފާތެރިކަން ޔަޤީންކޮށްލުން މުނާސަބެވެ.

ޔުނިވަރސިޓީތަކުން މަތިމައްޗަށް ޑިގްރީ ހޯދައިގެން އަންނަ މީހަކަށްވެސް، ތަޖުރިބާ މުހިންމެވެ. އެހެން ނޫންނަމަ، ކިޔެވިހާ އެއްޗެއް ދާނީ ފެނަށެވެ. އޭގެ ހެޔޮ ބޭނުން ހިފާކަށް ނޭނގޭނެއެވެ. ރައީސް އޮފީހުގައި އަޅުގަނޑުގެ ގިނަ މުދައްރިސުންތަކެއް ތިއްބެވިއެވެ. އަޅުގަނޑުގެ މައްޗަށް އެއިރު ތިއްބެވި ވެރިންނެވެ. އޭގެތެރެއިން މިއަދު އަޅުގަނޑުމެންގެ މެދުގައި ނެތް ބޭފުޅުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަމެވެ.

ރައީސް އޮފީސް ޔުނިވަރސިޓީން އަޅުގަނޑު ހެދި ޑިގްރީގެ ބައެއް މޮޑިއުލްވެސް ދަންނަވާލާނަމެވެ. އަރަބި ބަހުގެ ބޭސިކް މޮޑިއުލް ނަންގަވާދެއްވީ އަލްމަރްޙޫމް މުޙައްމަދު ޞާދިޤެވެ. ނޫސްވެރިކަމުގެ އަސާސްތަކުގެ މޮޑިއުލް ނަންގަވާދެއްވީ އަލްމަރްޙޫމް ޢަބްދުއްޝަކޫރު ޢަލީ އެވެ. އިދާރީ އަޚްލާޤް (އެޑްމިނިސްޓްރޭޓިވް ޑިސިޕްލިން) ގެ މޮޑިއުލް ނަންގަވާދެއްވީ އަލްމަރްޙޫމް ސައިކުރާ އިބްރާހީމް ނަޢީމެވެ. ދިވެހި ބަހުގެ އަދަބިއްޔާތުގެ މޮޑިއުލް ނަންގަވާދެއްވީ ޙުސައިން ޢާމިރެވެ. އަޅުގަނޑު އިނގިރޭސިވިލާތުން ހެދި ޑިގްރީތަކަށްވުރެ މިބޭފުޅުންގެ އަރިހުން ދަސްވި އެއްޗެއް މާ އަގުބޮޑެވެ. އަދި، ފައިދާ ބޮޑެވެ. އެ ތަރުބިއްޔަތު ނެތްނަމަ، މިއަދު މިއާދެވުނު ހިސާބަށް ނާދެވުނީސްކަން ކަށަވަރެވެ.

ތަގުދީރު ނިޔާކުރިގޮތް ބައްލަވާށެވެ. އަޅުގަނޑު، 11 ނޮވެމްބަރު 2008 ގައި ނުކުތް ރައީސް އޮފީހަށް، 19 ނޮވެމްބަރު 2013 ގައި އެނބުރި ވަނީ އެއޮފީހުގެ މިނިސްޓަރުގެ ގޮތުގައެވެ. އެދުވަހު ޢަޒުމު ކަނޑައެޅީ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި، އަޅުގަނޑަށް ފިލާވަޅު ނަގައިދެއްވި އުސްތާޛުން ދެއްވި ނަސޭހަތަށް އިސްކަން ދިނުމަށެވެ. އަދި އެބޭފުޅުން އަޅުގަނޑަށް ދޫކޮށްދެއްވި ޢިލްމު، އޮފީހުގައި ތިބި ޒުވާން ޖީލުތަކަށް ރައްދުކޮށްދެވޭތޯ އަޅުގަނޑުވެސް މަސައްކަތް ކުރުމަށެވެ.

ފޮޓޯގައި: ޗައިނާގެ ރައީސް ޝީ، ރައީސް މައުމޫނާއެކު 15 ސެޕްޓެންބަރު 2014ގައި މާލޭގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ލިޔުންތެރިޔާ މުހައްމަދު ހުސެއިން ޝަރީފު (ކަނާތުން ދެވަނަ އަށް) ފޮޓޯ: ރައީސް އޮފީސް