Support Us

މަޞްދަރުގެ ވާހަކަ ނުދައްކައި ޙުއްޖަތް ޤާއިމުކުރާނީ ކިހިނެއް؟

ކޮންމެ ކަމެއްގައި ވެސް އެ ކަމެއް ސާބިތު ކުރުމަށް ޓަކައި ދައްކާން އޮންނާނެ އެންމެ ވަރުގަދަ ޙުއްޖަތަކީ އެ ކަމެއްގެ އެންމެ އަސާސީ މަޞްދަރުކަމީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ހަގީގަތެކެވެ. ކޮންމެ ކަމެއް ވެސް އެންމެ ފަހުން ގޮސް ރައްދުވާނީ އޭގެ އަޞްލު މަޞްދަރަށެވެ. މަޞްދަރަކީ އެއްޗެއް އުފެދިގެން އަންނަ އަޞްލެވެ. މީހެއް، ނުވަތަ ތަނެއް ނުވަތަ އެއްޗެއް ނިސްބަތްވާ ނުވަތަ ފެށުމުގެ އަޞްލެވެ. ފެށޭ ހިސާބެވެ.

އަޅުގަނޑުމެންނަށް ކޮންމެ މަޢުލޫމާތެއް ވެސް ލިބޭނީ ކޮންމެ ވެސް މަޞްދަރަކުންނެވެ. އެންމެ އިތުބާތު ހުރި މަޞްދަރަކީ އޭގެ އަސާސީ މަޞްދަރެވެ. އެހެނީ އެއީ އެކަން ފެށިގެން އައި ހިސާބެވެ. ސާނަވީ މަޞްދަރަކަށް ވާތީ އަސާސީ މަޞްދަރުން މަޢުލޫމާތު ހޯދައިގެން އެހެން މީހަކުން އުފައްދައިފައިވާ އުފެއްދުމެކެވެ. ވީމާ ސާނަވީ މަޞަދަރަށްވުރެ އަސާސީ މަޞްދަރުގެ އިތުބާރާއި މުހިއްމުކަން ބޮޑެވެ. ވީމާ ޙުއްޖަތެއް ޤާއިމުކުރުމަށްޓަކައި މަޞަދަރަށް ރުޖޫޢަވާންޖެހެއެވެ.

އަޅުގަނޑުމެން މިއަދު ޢަމަލުކުރަމުން އަންނަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞަދަރަކީ އިސްލާމް ދީން ކަމަށެވެ. އިސްލާމް ދީނުގެ އެންމެ މުހިންމު މަޞްދަރަކީ ކީރިތި ޤުރުއާންކަން ކޮންމެ މުސްލިމަކަށް ވެސް އެނގޭނެއެވެ. ނުވަތަ އެނގޭން ޖެހޭނެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެކަމަށެވެ. އެހެންވީމާ ދިވެހި ރާއްޖޭގައި ޤާނޫނުތައް ހަދާ އިރު، ކީރިތި ޤުރުއާނަށް ރިޢާޔަތްކުރާންޖެހޭނެކަން ވަރަށް ސާފުކޮށް ޤާނޫނުއަސާސީއިން އެނގެއެވެ.

މި ނަޒަރުން ބަލާއިރު، ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި އެންމެ ބޮޑަށް ޒިކުރުކުރާންޖެހޭނީ ކީރިތި ޤުރުއާނެވެ. އެ މަޖިލީހުން ފާސްކުރާ ކޮންމެ ޤާނޫނެއްގައްޔާއި ފާސްކުރާ ކޮންމެ ފާސްކުރުމެއްގައި ޤުރުއާނަށް ރިޢާޔަތްކުރާންޖެހޭނެއެވެ. އަޅުގަނޑުމެން އަމިއްލައަށް ހަދައި މިއަދު ތަންފީޒުކުރަމުން މި ގެންދާ ޤާނޫނުއަސާސީ އިން މި ވާހަކަ ވަރަށް ރީތިކޮށް ބުނެދެއެވެ.

ޤާނޫނުއަސާސީގެ މަޞްދަރަކީ އިސްލާމް ދީންކަމަށް ވެފައި އިސްލާމްދީނުގެ މައިގަނޑު މަޞްދަރަކީ ކީރިތި ޤުރުއާންކަމަށް ވާއިރު، އެ މަޖިލީހުގައި ޤާނޫނުތައް ހަދާން ދާއްކާ ވާހަކަތަކުގައްޔާއި، އެކި ކަންކަމާމެދު ޙުއްޖަތް ޤާއިމުކުރުމަށްޓަކައި ޤުރުއާނަށް ރިޢާޔަތްކުރާންޖެހޭނެއެވެ. އިސްލާމީ ޝަރީޢަތާ ޚިލާފު ވާހަކައެއް ނުދެއްކުމަށް ޓަކައެވެ. އެ މަޖިލީހުގައި މެންބަރުންނަށް ވާހަކަދައްކައި ޚިޔާލުފާޅުކުރުމުގެ ހުއްދަ އޮންނަނީ ވެސް އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ނުވާ ގޮތުގެ މަތީންނެވެ. ނަމަވެސް ދޮގުހެދުން ފަދަ އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ވާހަކަދެއްކުމަކީ އެ މަޖިލީހުގައި އާދައިގެ ކަމެކެވެ. ނަމަވެސް މި ކަންކަން މަނާކުރި ތަނެއް އަޅުގަނޑެއް ނުދެކެވެ. އަޅުގަނޑު މި ކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިލުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ބައެއް ބޭފުޅުން ދެއްވި ޖަވާބުން އެނގުނީ، އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުވުން ކަމަށް އެ ބޭފުޅުން މާނަކުރައްވަނީ ހަމައެކަނި އިސްލާމީ މަޞްދަރުތަކަށް އިންކާރުކޮށްފި ނަމަ ކަމެވެ. ނަމަވެސް އިސްލާމް ދީނާ ޚިލާފު ވާހަކަދެއްކުމާއި އިސްލާމް ދީނަށް އިންކާރުކުރުމާ މިއީ ތަފާތު ދެ ދަރަޖައެއްގެ ދެ ފާފައެކެވެ. ދޮގުހެދުމާއި ޤަޛުފުކުރުމާއި މީހުންނަށް ނުބައި ލަޤަބުތަކުން ގޮވުން ފަދަ ކަންކަމަކީ، އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުކަމެއް ނޫންކަމަކަށް ނެހެދޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި އެއީ މަނާކަމެކެވެ. ނަމަވެސް ބާރު ލިބިފައިވާ ފަރާތުން ދީނުގެ އެ އަސާސް ނިހިފެހެއްޓުމަކީ އެހެން ކަމެކެވެ.

އަޅުގަނޑު މި ވާހަކަ މިހާ ތަފްޞީލުކޮށް ދަންނަވައިލެވޭތޯ މި މަސައްކަތްކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ދެއްކެވި ވާހަކަފުޅެއްގެ ޙުއްޖަތް ޤާއިމުކުރުމަށް ޓަކައި ކީރިތި ޤުރުއާނުން ހެކި ދެއްކެވުމުން އެ ގޮތަށް އާޔަތް ވިދާޅުވެގެން ނުވާނެކަމަށް މަޖިލީހުގެ ރިޔާސަތުން ޤާނޫނާ ޚިލާފަށް އެންގެވި އެންގެވުމާ މެދު ވީ އަޖާއިބެއްގެ ބޮޑުކަމުންނެވެ. އެ ގޮތަށް ކީރިތި ޤުރުއާނުގެ އާޔަތް ވިދާޅުނުވާން އެންގެވި ސަބަބެއްކަމަށް ދެއްކެވީ ވެސް ވަރަށް ތާކުންތާކު ނުޖެހޭ ބަހަނާއެކެވެ. ތިމަންމަނިކުފާނަށް ހިތްޕުޅުން ޤުރުއާން އެނގިވަޑައިނުގަންނަވާ ވާހަކައެވެ. މިއީ ވަރަށް ބޮޑު ހަލީސާއެކެވެ. އެ މަޖިލީހުގައި މެންބަރަކު އިޓަލީބަހުން ވާހަކަދެއްކެވީމާ އެކަން ނުހުއްޓުވީ ރިޔާސަތަށް އިޓަލީ ބަސް އެނގިވަޑައިގަންނަވާތީތޯ ސުވާލު ނޫފެދޭތޯއެވެ! އަދި އުތުރުކަރައިގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ހިންދީ ބަހުގެ އެންމެ މަތީ ބަސްކޮށާރު ބޭނުންކޮށްގެން ދިން ތަގުރީރު ނުހުއްޓުވީ ހިންދީ ބަސް އެންމެ މަތީ ފެންވަރަށް ރިޔާސަތަށް އެނގިވަޑައިގަންވާތީތޯ ވެސް ސުވާލު އުފެދޭ ނޫންތޯއެވެ! މި ކަންކަން ނުހުއްޓުވައި ޤުރުއާނުގެ އާޔަތް ކިޔުން ހުއްޓުވި އިރު، ކީރިތި ޤުރުއާނާއި އާޔަތުގެ މާނަ ބަލައިލެވޭ ގޮތަށް ހުންން އެޕްލިކޭޝަންތައް ވެސް ފޯނަށް އެޅުއްވިދާނެވެއެވެ. ނުވަތަ އރިހުގައި ޤުރުއާން ތަރުޖަމާ ވެސް ބާއްވަވައިލެއްވިދާނެއެވެ. ވީމާ، އެ ދުވަހު މަޖިލީހުގައި ޤުރުއާނުގެ އާޔަތުން ދަލީލުދައްކެވުން ހުއްޓުވާން އެ ދުވަހު ރިޔާސަތުން ދެއްކެވި ބަހަނާއަކީ އެއްވެސް ބުރަދަނެއް ހުރި ޙުއްޖަތެއް ނޫނެވެ.

ޤުރުއާނުން ޙުއްޖަތް ޤާއިމުކުރައްވާން ރިޔާސަތަށް އެނގިވަޑައިނުގަތުމަކީ، އެކަން ކުރައްވާން އެނގިވަޑައިގަންނަވާ ބޭފުޅުން އެ ކަން ކުރެއްވުން މަނާކުރައްވާން އޮތް ޙުއްޖަތެއް ނޫނެވެ. އެއްވެސް މެންބަރަކު ޤުރުއާނުން ދައްކަވާ ޙުއްޖަތް ކަށަވަރުކުރައްވާން ރިޔާސަތުން ބޭނުންފުޅު ނަމަ، އަދި ރިޔާސަތަށް ޤުރުއާނުގެ އާޔަތްތަކާއި މާނަ އެނގިވަޑައި ނުގަންނަވާ ނަމަ، ކުރީން ވެސް ދަންނަވައިލި ފަދައިން ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ އަރިހުގައި ކީރިތި ޤުރުއާނާއި އެ ޤުރުއާނުގެ ތަރުޖަމާގެ ކޮޕީއެއް ބޭއްވެވިދާނެއެވެ. ނުވަތަ އަތު ފޯނަށް އެޕްލިކޭޝަން ވެސް އެޅުއްވިދާނެ ނޫންތޯއެވެ! އަދި އެއްވެސް ބޭފުޅަކު ޤުރުއާނާ ޙަވާލާދެއްވައި އާޔަތެއް ވިދާޅުވާ ނަމަ، އެއީ ކޮން ސޫރަތެއްގެ ކޮން އާޔަތެއްކަން ވިދާޅުވާން އެންގެވިދާނެއެވެ. ދެން ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ އަރިހުގައި އޮންނަ މުޞްޙަފުން ނުވަތަ ޤުރުއާން ތަރުޖަމާއިން އެ އާޔަތެއް ބެއްލެވިދާނެތާއެވެ. އެހެންވީމާ ޤުރުއާނުގެ އާޔަތުން ދަލީލު ނުދައްކަވާން އެ ދެއްކެވި ބަހަނާއަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. އަދި އެއީ ސީދާ ޤާނޫނާ ޚިލާފު އަމުރެކެވެ.

ހަގީގަތުގައި ރިޔާސަތުން ހިތްވަރުދެއްވާން ޖެހޭނީ މަޞްދަރުތަކަށް ރިޢާޔަތްކުރައްވައި ހެކިދައްކަވައި ޙުއްޖަތް ޤާއިމުކުރުމުގެ މައްޗަށެވެ. އޮއްޓަރު ހުރި ސާބިތު ވާހަކަތަކަށް ޖާގަ ދިނުމަށެވެ. ކީރިތި ޤުރުއާނަކީ އިސްލާމް ދީނުގެ މައިގަނޑު މަޞްދަރުކަމަށާއި ޤާނޫނުއަސާސީ މައިގަނޑު މަޞްދަރަކީ އިސްލާމްދީންކަން މެންބަރުންނަށް ހަނދުމަފުޅުކޮށްދެއްވާށެވެ. އަދި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް ސަމާސާއަކަށް ނަމަވެސް ވާހަކަދެއްކުމުގެ ޖާގަ ނުދެއްވާށެވެ.

އިސްލާމް ދީނުގެ މައިގަނޑު މަޞްދަރުން ދައްކާ ޙުއްޖަތަކީ އެއްވެސް މީހަކަށް އިންކާރުކުރެވޭނެ އެއްޗެއް ނޫނެވެ. އަދި ޤާނޫނުއަސާސީގެ މައިގަނޑު މަޞްދަރަކީ އިސްލާމް ދީންކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވަނިކޮށް، ޤާނޫނު ހަދާ މަޖިލީހުގައި ކީރިތި ޤުރުއާނުން ޙުއްޖަތް ޤާއިމުކުރުން މަނާކުރުމުގެ ޤާނޫނީ އެއްވެސް ބާރެއް އިޚުތިޔާރެއް، ދައުލަތުގެ ހަމަ އެއްވެސް ބާރަކަށް ނޯންނާނެއެވެ. މި ބާރު ލިބިފައިވާ ފަރާތަކުން ޤާނޫނާ ޚިލާފަށް ޚުދުމުޚުތާރުކޮށް ކަންކަން ކުރުމަކީ މުޅީން އެހެން ކަމެކެވެ.

ވީމާ، އިސްލާމީ ޤައުމެއްގައި، އަދި ވަކީން ޚާއްޞަކޮށް ޤާނޫނުއަސާސީގެ މައިގަނޑު މަޞްދަރަކީ އިސްލާމް ދީންކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަ ޤައުމެއްގައި، އިސްލާމް ދީނުގެ މައިގަނޑު މަޞްދަރުން ދަލީލު ނެގުމުގެ ދޮރު ބަންދުކުރުމަކީ ޤާނޫނާ ޚިލާފު ކަމެކެވެ. އެއީ ވަރަށް ނުރައްކާތެރި ކަމެއްގެ ފެށުމެކެވެ. އެއީ ޢަލްމާނިއްޔަތާ ދިމާއަށް ރާއްޖެ ވަރަށް ބާރަށް ދަތުރުކުރާކަމުގެ ބިރުވެރި ސިގުނަލެކެވެ. ފަހެ، މަޞްދަރުގެ ވާހަކަ ނުދައްކައި، މަޞްދަރުން ހެކި ނުދައްކައި ޙުއްޖަތް ޤާއިމުކުރާނީ ކިހިނެއްތޯއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. ކީއްތޯ ކުރާނީ މިއަދު ޤާނޫނާ ޚިލާފަށް ހުރިހާ ކަމެއް ކުރަމުން އެ ގެންދަނީ ވޯޓު އޮޅުވައިގެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައި އޮތީމާ. މިއަދު މި ރާއްޖެ މި ދަތުރުކުރަނީ ތުރުކީގެ މުޞްޠަފާ ކަމާލުބާޝާ ތުރުކީ ވިލާތް ޢަލްމާނިއްޔަތާ ދިމާއަށް ގެންދިޔަ މަކަރުވެރި މަގުން. އެންމެން މި ތިބީ ނިދާފަ. .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *