Support Us

ކޮރޯނާ ވައިރަސް: ވަރަށް ވިސްނުންތޫނު، ކިޔަމަންތެރި މަޚުލޫޤެއް؟

ދުނިޔޭގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެކި ސިފަސިފައިގައި އެކި ވަރުވަރަށް އެކި މިންވަރަށް ޚަލްޤުކުރައްވައިފައިވާ މަޚުލޫޤުންގެ ތެރެއިން މި ޖީލުގައި ދުނިޔެ ދުށް އެންމެ ބާރުގަދަ އެއް މަޚުލޫޤަކީ ކޮރޯނާ ވައިރަހޭ ކިޔާ ލޮލަށް ނުފެންނަ ކުޑަކުޑަ މަޚުލޫޤެކޭ ދަންނަވައިފި ނަމަ، މި ކަމަށް އެއްބަސްވެވަޑައިގަންނަވާނީ ނުވަތަ އިންކާރުކުރައްވާނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންކަމެއް އަޅުގަނޑަކަށް ނެނގޭއެވެ. ނަމަވެސް އެއީ ބާރުގަދަ މަޚުލޫޤެއްކަން އެ ސޮރު އެ ވަނީ ދުނިޔެއަށް ސާބިތު ކޮށްދީފައެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް ލަދުގަންނަވައިލައިފިއެވެ. ކުޅަދާނަ ސައެންސީންނާއި ކީމިޔާއިންނާއި ޑަކުޓަރުންގެ ސިކުނޑި ސުމަކަށް ދުއްވައިލައިފިއެވެ. އެތައް ބަޔަކު ހާލުގައި ޖައްސައި ނިކަމެތިކޮށްލައިފިއެވެ. ފަގީރުންގެ ބައެއް މީހުން  މުއްސަނދިކޮށްފިއެވެ. މުއްސަނދީންގެ ތެރެއިން ބަޔަކު ފަގީރުކޮށްފިއެވެ. އެންމެން ގޭ ބަންދު ކޮށްފިއެވެ. ކުޑަކުދީންގެ ތަޢުލީމީ ޙަޔާތުން އަހަރެއް ބޭކާރުކޮށްލައިފިއެވެ.

އިސްވެ މި ދަންނަވައިލެވުނީ މި ދެންނެވި ކުޑަކުޑަ މަޚުލޫޤުގެ ބާރުގަދަކަމުގެ ކުޑަ މިންވަރެކެވެ. މިއީ ވަރަށް ވިސްނުންތޫނު އަދި ކިޔަމަންތެރި ވެސް މަޚުލޫޤެކެވެ. މި ވާހަކަ މި ދެންނެވީ ޢިލްމީ ހޯދުންތަކުގެ އަލީގައެއް ނޫނެވެ. އެކަމަކު ތަޖުރިބާގެ މައްޗަށް ބިނާކޮށްގެންނެވެ. އަޅުގަނޑު ބައެއް މިސާލު ދަންނަވައިލާނަމެވެ.

މާލެއިން ފުރައިގެން މާ ދުރު ނޫން ރަށްށަކަށް ލާންޗެއްގައި ދަތުރުކުރި ހައެއްކަ މީހެއްގެ ވާހަކައެވެ. ދެ މީހުންނަކީ ބޭރު ވިލާތެއްގެ ބަޔެކެވެ. ޗުއްޓީ ހޭދަކޮށްލާން އައި ބަޔެކެވެ. ދެ ފަތުރުވެރީންނެވެ. އަނެއް ދެ މީހުންނަކީ ސަރުކާރުގެ ކުންފުންޏެއްގެ އިސް ދެ ވެރީންނެވެ. އެ މީހުން ދިޔައީ "ކުންފުނީގެ" ބޭނުމެއްގައި ކަމަށް ވެއެވެ. ދެން ތިބި ދެ މީހުންނަކީ އަމިއްލަ ރަށަށް ދިޔަ އެ ރަށުގެ ދެ ރަށްވެހީންނެވެ.

ކޮރޯނާ ވައިރަކުގެ ވިސްނުން ތޫނުކަން ދެކެވަޑައިގެން ބައްލަވާށެވެ! މި ހަ މީހުން ވެސް ދަތުރުކުރީ މާލެއިން ފުރި އެއް ލާންޗެއްގައެވެ. ފުރީ އެއް ތާކުންނެވެ. ދަތުރުކުރީ އެއް ލާންޗެއްގައެވެ. ދިޔައީ އެއް ރަށަކަށެވެ. ފަތުރުވެރީން ރަށަށް ލެފި އިރު، އެ މީހުންނާ ޙަވާލުވާން ތިބީ އެ މީހުން އެ ރަށުގައި ތިބޭން ކުރީއްސުރެ ހަމަޖައްސައިފައިވާ މެހުމާނުސަރާގެ ދެ މުއައްޒިފެކެވެ. އެ މީހުންނާއެކު މެހުމާނުސަރާއަށް ގޮސް ހަމަޖެހިލުމަށް ފަހު ފަސް ދުވަސް ވަންދެން އެ މީހުންނަށް މިނިވަންކަމާއެކު ރަށުގައި އުޅެވުނެވެ. އެ މީހުންގެ ޗުއްޓީ ހޭދަކޮށްލުމަށް ފަހު، ފުރައިގެން ދިޔައީއެވެ. މި މީހުންނާ ބެހޭކަށް ކޮވިޑެއް ނޫޅުނެވެ. ސަބަބަކީ އެއީ ރާއްޖެއަށް ޑޮލަރު "ހަދިޔާކުރާން" އައި ބަޔަކަށް ވާތީ ކަމަށް ވެދާނެއެވެ.

ކުންފުނީގެ ފަރާތުން އައި މީހުން އައީ ކުންފުނީގެ ބޭނުމެއްގައި ކަމަށް ވިޔަސް މާލޭގައި ތިބެގެން ފޯނުން ނުކުރެވޭވަރުގެ ކަމެއް އެ މީހުން ކުރި ކަމަކަށް ނުފެނުނެވެ. ނަމަވެސް ރަށުގެ އެކީ މީސްމީހުންނާ ބައްދަލުކޮށް އެ ކުރި މަޝްވަރާއެއްކޮށް ދިން ނަސޭޙަތެއް ދިނެވެ. މި މީހުން ވެސް ބޭނުން ގޮތަކަށް އެ ރަށުގައި ދެ ތިން ދުވަހަކު އުޅުމަށް ފަހު ފުރައިގެން ދިޔައީއެވެ. މި މީހުންނަކާ ވެސް ކޮރޯނާއެއް ނުބެހެއެވެ. އެއީ ސަރުކާރުގެ ވެރީން ކަމަށް ވާތީ ކަމަށް ވެދާނެއެވެ.

ދެން ތިބި ދެ މީހުންނަކީ އާދައިގެ ދެ ރައްޔިތުންނެވެ. މިއީ ކޮރޯނާ ވަރަށް ރުޅި އަންނަ ބަޔެކެވެ. މި މީހުންނާ ފޮށިގަންނާން އެ ސޮރުމެން ތިބެނީ ބަލަބަލައެވެ. އެހެންވީމާ މިއީ ކޮރޯނާގެ ނުރައްކާތެރިކަން ކުރިމަތިވެފައިވާ ބަޔެކެވެ. މި މީހުން ބަލައި އައިސް ތިބީ ވެސް މޫނުމައްޗާއި މޫނު އައްޑަނައާ އަޅައިގެން އަތަށް އަންގީލައިގެން އައިސް ތިބި ބަޔެކެވެ. މި މީހުން އައިސް ތިބީ ވެސް ޞިއްޙީ މަރުކަޒުގެ އެންބިޔުލާންސްގައެވެ. މި ނިކަމެތި ދެ މީނުން ކުށްވެރީން ގެންދާހެން ގެންގޮސް ކޮންމެ މީހަކު ވަކީން އެކަހެރި ތަނެއްގައި ބަންދުކުރީއެވެ. ކޮވިޑުގެ ނުރައްކާތެރިކަމަށް ޓަކައެވެ. އެކަމަކު މި ދެންނެވި އެންމެން ވެސް އައީ މާލެއިން އެއް ލާންޗެއްގައި އެއް ރަށަކަށެވެ.

އެހެން ދެ މީހެކެވެ. ދެމަފިރިއެކެވެ. މާލެއިން ރަށަށް ދާންވެގެން ދިޔައީ މަތީންދާ ބޯޓުގައެވެ. މި މީހުން ރަށަށް ދިޔައީ އެޗްޕީއޭގެ ޚާއްޞަ ހުއްދައެއް ހޯދައިގެންނެވެ. އަދި އެ މީހުންނާ ބެހޭ މަޢުލޫމާތު އެ މީހުންގެ އުފަން ރަށުގެ ރަށު ކައުންސިލަށް ވަނީ ލިބިފައެވެ. ނަމަވެސް އެ މީހުން މަތީންދާ ބޯޓުން އައިސް ޖެއްސި އެއަރޕޯޓާއި އެ އެއަރޕޯޓާ ގުޅިފައިވާ ރަށްރަށުގެ ރަށު ކައުންސިލްތަކަކަށް މި މީހުންގެ ޚަބަރެއް ނޭނެގެއެވެ. އެ މީހުންގެ ރަށަށް ދެވެނީ މަތީންދާ ބޯޓު ޖައްސާ ރަށުން ފުރައިގެން އިސްޕީޑް ލާންޗެއްގައި ނަމަ 35 މިނިޓުންނެވެ. ނަސީބު ދިމާކުރި ގޮތުން މި ދެމަފިރީންނަށް މަތީންދާބޯޓުގައި ދަތުރުކުރެވުނު ދުވަހާއި ޖެހިގެން އައި ދުވަހަކީ ވެސް ވަރަށް ވިއްސާރަ ދެ ދުވަހެވެ. އެހެންކަމުން ލާންޗެއްގައި ދަތުރުކުރެވޭ ގޮތެއް ނުވިއެވެ. އެހެންވީމާ އެ މީހުންނަށް ޖެހުނީ އެ ދެ ދުވަހު ވެސް އެ ސަރަހައްދުގައި މަޑުކުރާށެވެ. މިނިވަނުންގެ ގޮތުގައެވެ. އެ މީހުން ބޭނުން ހުރިހާ ގޭގެއަކަށް ގޮސް ހޮޓާ ރެސްރޯޓަންޓްތަކުން ކައިބޮއި ހަދަމުން ގެންދިޔައެވެ. ކޮވިޑްގެ ނުރައްކަލެއް އެއިން ތާކަށް އެއިން ރަށަކަށް ނުފޯރުވައެވެ. އެއީ އެ މީހުންގެ އަޞްލު ރަށަކީ އެއީ ނޫންކަން ކޮރޯނާ ވައިރަހަށް އެނގެނީކަމަށް ވެދާނެއެވެ.

މި ދެމަފިރިން ދެ ދުވަސް ވަންދެން އެއަރޕޯޓް ސަރަހައްދުގެ ރަށްރަށުގައި ވަރަށް މިނިވަންކަމާއެކު އުޅުމަށް ފަހު، އެ މީހުންގެ ރަށަށް ހިނގައްޖެއެވެ. ދިޔައިރު، އެއްކަލަ ޓީމު އެމްބިޔުލާންސްގައި އައިސް އިސްތިޤުބާލުގައި ތިއްބެވެ. ހަމަ މޫނުމައްޗާއި މޫނު އައްޑަނަ އަޅައިގެން އަތަށް އަންގީ ލައްވައިގެންނެވެ. އެ މީހުންނަށް ރަށަށް އާދެވުމާއެކު މި އާދެވުނީ މި ދެ މަފިރީންގެ ރަށަށްކަން އެއްކަލަ ކޮރޯނާއަށް ވިސްނުނީކަމަށް ވެދާނެއެވެ. ކޮންމެއަކަސް މި ދެމަފިރީންނަށް ވެސް އެހާ ހިސާބުން ޖެހުނީ ސާދަ ދުވަހުގެ "ކޮރޯނާ ޖަލު" ޙުކުމެވެ.

މި ވަރުން ފުދުނީއަކީ ނޫނެވެ. ރާއްޖޭގެ އާދައިގެ ރައްޔިތުންކުރެ ކޮންމެ މީހަކު ވެސް މާލެއިން އެ މީހެއްގެ އުފަން ރަށަށް ދިޔަޔަސް ސާދަ ދުވަސް ވަންދެން ކޮންމެވެސް އެކަހެރި ތަނެއްގައި ސާދަ ދުވަހު އެކަހެރި ތަނެއްގައި ހުންނާންޖެހެއެވެ. ނަމަވެސް ދައުލަތުގެ އެކި ފެންވަރުގެ ބޭފުޅުން ރާއްޖޭގެ ރަށްރަށަށް އައިސްގޮސްވުމަށް މި އުޞޫލެއް ނޯވެއެވެ. މި ކަމާ ބައެއް ރައްޔިތުން ތުންފިއްތާން ފެށުމުން "ކަމާ ބެހޭ ފަރާތުން" ވިދާޅުވަނީ އެއީ ޚާއްޞަ ހުއްދައެއްގެ ދަށުން ވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. އެހެންވީމާ، އެޗްޕީއޭއިން ދެއްވާ ޚާއްޞަ ހުއްދަ ވެސް ކޮރޯނާއަށް އެނގެނީތާއެވެ! ކިހާ ވިސްނުންތޫނު ބަސްއަހާ މަޚުލޫޤެއްތޯއެވެ! އެކަމަކު އަޅުގަނޑުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. މި ފަދަ ވިސްނުން ތޫނު ބަސްއަހާ މަޚުލޫޤަކަށް އަންގަވައިގެން އަޅުގަނޑުމެން ވެސް އުފަން ރަށަށް ޖައްސައިލާން އެޗްޕީއޭ އިން ޚާއްޞަ ހުއްދައެއް ނުދެއްވާތީ އޮންނަ ކަން ބޮޑުވުމެވެ.

މިއީ ކޮރޯނާ ވައިރަހުގެ މައްސަލައެއް ނޫނެވެ. އެއީ އެހާ ވިސްނުން ތޫނު، އަދި އެޗްޕީއޭގެ ޚާއްޞަ ހުއްދައަށް އިޙުތިރާމްކުރާ މަޚުލޫޤަކަށް ވާ އިރު، މި ޚާއްޞަ ހުއްދަ ވަކި ބަޔަކަށް ދޫކުރައްވައިގެން އެކި މީހުންނަށް އެކި ގޮތް ހައްދަވާތީ އޮތް ކަންބޮޑުވުމެވެ. "ޤާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި" އެންމެންނާ މެދު ހަމަހަމަ އުޞޫލުން ޢަމަލު ނުކުރެވޭ މައްސަލައެވެ. ކޮރޯނާ ވައިރަސް ފަދަ ވިސްނުން ތޫނު ބަސްގަބޫލުކުރާ މަޚުލޫޤަކަށް މި ކަންކަން އަންގަވައިދެއްވައިގެން ކަމާ ބެހޭ ފަރާތުން މި ހަމަހަމަކަން ޤާއިމުކޮށްދެއްވާނެ ނަމަ، ކޮން ފަދަތޯއެވެ! ކޮންމެއަކަސް ކޮރޯނާއާ މެދު އަޅުގަނޑުގެ ޝަކުވާއެއް ނެތެވެ. އެއީ ވިސްނުން ތޫނު އަދި ކިޔަމަންތެރި މަޚުލޫޤެއް ކަމަށް ވާއިރު، އެ ސޮރު ވެސް ޢަމަލުކުރާނީ އެ ސޮރަށް އެންގޭ އެންގުމަކާ އެއް ގޮތަށް ކަމަށް ގަބޫލުކުރާންޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

One Response

  1. އާރޓިފިޝަލް އިންޓެލިޖެންސް އިން އުފައްދައިފައިވާ އިންޓެލިޖެންޓް މަޚުލޫޤެއް. ކީކޭދޯ ދެން ބުނާނީ؟ އަޖައިބުން އަޖައިބު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *