Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

ކޮންމެ ކުލައެއްގެ އުރައެއްގައި ވިޔަސް، ދެ ކަނޑިއަށް އެކީގައި މާގިނަ ދުވަހަކު ނޯވެވޭނެ!

ދުވަސްތަކަކަށްފަހު އަޅުގަނޑުގެ އެމް.ޑީ.ޕީ އަޚް މޮބީއާ ބައްދަލުވެއްޖެއެވެ. އޭނާ ހެޔޮ ޙާލުގައި ހުރިކަން އޮޅުންފިލާ، އަދި ޢާއިލާގެ މެންބަރުންވެސް ކޮވިޑުގެ ބަލިމަޑުކަމުން ސަލާމަތްވެ ދުޅަހެޔޮކަންމަތީ ތިބިކަން އެނގުމުން އުފާކުރީމެވެ. އެކަކު އަނެކަކާ ސަލާންކޮށް ޙާލުއަހުވާލު އެހުމަށްފަހު، ޢާންމު އުޞޫލުން، އަޅުގަނޑުމެންގެ ވާހަކަތައް ހިސާބަކަށް އޮލަވެއްޖެއެވެ. އަދި، ވާހަކައިގެ އާޚިރު މިސްރާބަކަށްވީ ޤައުމުގެ އަދުގެ ޙާލަތާއި، ދެމެމުންދާ ސިޔާސީ އޮއިވަރެވެ. އެ މުޢާމަލާތުގެ ތެރެއިން ކުރިފެޅި އާދަޔާޚިލާފު މައުޟޫއެއް ކިޔުންތެރިންނާ ޙިއްޞާކޮށްލާނަމެވެ.

މޮބީ: މުންދުމެން ޕާޓިގެ (ޕީ.ޕީ.އެމް ގެ) ސްޓިއަރިންގް ކޮމިޓީ އިންތިޚާބު ނިންމުމާއެކު ތިޔަ ބުނަނީ އެއީ އެތެރޭގެ ޑެމޮކްރަސީ ވަރުގަދަކަމުގެ ދަލީލެއްކަމަށްދޯ؟ އަހަރުމެންގެ (އެމް.ޑީ.ޕީ ގެ) އެތެރޭގެ ޑެމޮކްރަސީ ނިކަން ބަލާލަބަލަ. އިބޫއާ އަންނި އެތިބެނީ އަބަދު އަރައިރުންވުމުގައި. އެކަކަށްވެސް ބޭނުންހާގޮތެއް ނުހެދޭ. ދުނިޔޭގައިވެސް މިއަށްވުރެ ޑެމޮކްރެޓިކް ޕާޓިއެއް ފަހެ އޮންނާނެތަ؟ ޕާޓީގެ އެންމެ މަތީގައިވެސް ބާރުތައް ބެހިފައިއޮތް މިންވަރު ތިޔަ ފެންނަނީ.

އަޅުގަނޑު: މޮބީއަށް ޑެމޮކްރަސީގެ ގޮތުގައި ތިޔަ ފެންނަ މަންޒަރު ގިނަ ރައްޔިތުންނަށް ސިފަވަނީ ބަނޑު މުސާރައަށް ވެރިކަމާ ބަގުޑިބެއްދުމުގެ ގޮތުގައި. އެހެން ނޫނަސް، ޑެމޮކްރަސީގައި ޒިންމާދާރުކުރުވުމާއި ބާރުތައް ބަހާލުން އޮންނަ އިރު، ޕާޓީއެއް ނުވަތަ ސަރުކާރެއްގައިވެސް ވެރިކަމުގައި ދެ މީހުން ތިބުމަކީ ފައިދާއަށްވުރެ ގެއްލުން މާބޮޑު ފަލްސަފާއެއްކަން މީގެ ދެހާސް އަހަރު ކުރިން އޮތީ ސާބިތުވެފައި. ޑެމޮކްރަސީގެ ނަމޫނާ ޤައުމުތަކުގައިވެސް ސަރުކާރުގައި އަދި މުއައްސަސާތަކުގައި އެންމެ އިސްވެރިއަކު މިއަދު މި ހުންނަނީ، ރަނގަޅީ އެގޮތްކަން ތާރީޚުން ސާބިތުވެފައިވާތީ. އަޅެ ނިކަން ވިސްނާލަބަލަ! އޮޑިއެއްގައިވެސް ދެ ކެޔޮޅުން ނޫނީ ކައްޕިން ތިބޭނަމަ ވާނެ ގޮތް؟ މަހެއް ނުބޭނޭނެ! އޮޑި އަރާނީ ފަރަށް!

މިހެން ބުނެލުމުން، މޮބީ ފޯރިއަރައިފިއެވެ. އޭނާގެ އަނގަގޮއްވަން އަޅުގަނޑު ފިސާރި ފަރިތަވާނެއެވެ. މިހެން ބުނެލާ ހަމަ އެންމެ އެއްޗަކުން އޭނާ ހުސްބުޅީގައި ގަންނާނެކަން އަޅުގަނޑަށް އެނގެއެވެ.

މޮބީ ތަންފުކެއް ކައިރިއަށް ޖެހިލިއެވެ. ވަގުތު އޮތް ނަމަ ކޮފީއެއް ބޯލަން ދާން ހުށަހެޅިއެވެ. އަޅުގަނޑު މި ޞުރުޚީ އަޅާލި ތާރީޚީ ހާދިސާގެ ވާހަކަ އަޑުއަހަން އޭނާ ބޭނުންވެފައި ހުރުމުން ކަމަށެވެ. ތިރީގައި ދަންނަވާލެވޭތޯ މިބަލަނީ މޮބީއަށް އަޅުގަނޑު ކިޔައިދިން ތާރީޚީ ޙާދިސާއާއި، އެނުކުތާގައި އަޅުގަނޑު ގެންގުޅޭ ވިސްނުމެވެ. ކިޔުންތެރިންނަށް ފައިދާ ހުރި މަޢްލޫމާތެއް ކަމަށް ލަފާކުރެވޭތީއެވެ.

ދުނިޔޭގައި ފުރަތަމަ ޑެމޮކްރަސީ ފެތުރިގެން އައިއިރު، ހުރިހާ ތަނެއްގައި ޤާއިމުކުރެވުނީ ކުންނުގައި އެންމެ ވެރިޔަކު ހުންނަ ނިޒާމެއް ނޫނެވެ. މިއަދު ކޮންމެ ޤައުމެއްގައި ރައީސަކު، ބޮޑުވަޒީރަކު ނުވަތަ ރަސްކަލެއް ނަމަވެސް އެބަ ހުއްޓެވެ. އެވޭލާ ޒަމާނުގައި ހުރިހާ ހިސާބެއްގައި ކަން އޮތީ އެގޮތަކަށް ނޫނެވެ.

ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން 'ޑެމޮކްރަސީ' މިބަސް އުފަންވީ، ޢީސާގެފާނުގެ 500 އަހަރު ކުރިން، ގްރީސްގެ އެތަންސްގައެވެ. ގްރީކުން ނަމަ 'ޑެމޮސް' އަކީ ޢާންމު ރައްޔިތުންނެވެ. 'ކްރާޓިސް' އަކީ ބާރެވެ. އެއްކޮށްލީމައި، ޢާންމު ރައްޔިތުންގެ ބާރެވެ. ޑެމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަމުގެ ގޮތުގައި މާނަކުރަން ފެށީ އެހިސާބުންނެވެ.

އެއިރު ޑެމޮކްރަސީއަކީ މަންދޫބުން މެދުވެރިކޮށްގެން ހިންގާ ނިޒާމެއް ނޫނެވެ. ކަން ހިނގާގޮތަކީ، ހަމަޖެހިފައި އޮންނަ މައިދާނަކަށް ރައްޔިތުން އެއްވެ، ކަންކަމާ ބަހުސްކޮށް، ސައްލާކޮށް، އެމީހުންގެ މައްޗަށް ޤާއިމުވެގެންދާ ޤާނޫނުތަކާއި ޤަވާއިދުތައް އަދި ޢުޞޫލުތައް އެކަށައަޅާ 'ޑައިރެކްޓް ޑެމޮކްރަސީ’ގެ ނިޒާމެވެ. އަންހެނުންނާއި އަޅުން އަދި ބިދޭސީން ފިޔަވާ އެތެންސްގައި ދިރިއުޅެމުންދިޔަ އުމުރުން 20 އަހަރުން މަތީ ކޮންމެ ފިރިހެނަކީ މި މަޝްވަރާގައި ބައިވެރިވުމުގެ އިޚްތިޔާރު އޮތް މީހެކެވެ. ވީމާ، އެއިރު 'ރައްޔިތުން’ގެ ގޮތުގައި އަންހެނުން ނުހިމެނެއެވެ. އަދި، 18 އަހަރުން މަތީ އެންމެންނަށް ވޯޓު ލެވޭ އުޞޫލު އިޚްތިޔާރުކުރީވެސް މާފަހުންނެވެ.

އެތަންސްއިން ފެށުނު ޑެމޮކްރަސީ، ބައެއް ބަދަލުތަކާއި އިޞްލާޙުތަކާއެކު، ދެކުނު ޔޫރަޕުގެ އެހެން ހިސާބުތަކަށް ވަރަށް އަވަހަށް ފެތުރިގެން ދިޔައެވެ. ފުރަތަމަ އަވަށްޓެރި އަދި ވާދަވެރި ސްޕާޓާއަށެވެ. މާ ލަސްތަކެއްނުވެ، މިއަދުގެ އިޓަލީވިލާތުގެ ވެރިރަށް (އަދި އެއިރު ވަކި ދައުލަތެއްގެ ގޮތުގައި އޮތް) ރޯމްގައިވެސް ފެތުރިގެންދިޔައެވެ. ހަޤީޤަތުގައި މިއަދު މިފެންނަ ޑެމޮކްރަސީގެ ގިނަ ހަމަތަކާއި ޢުޞޫލުތައް ފެށިގެން އަންނަނީ ރޫމަނުން ޢަމަލުކުރަމުންދިޔަ ޑެމޮކްރަސީ ނުވަތަ 'ރިޕަބްލިކް' (ޖުމްހޫރިއްޔާ) އާ ހިސާބުންނެވެ. ރޫމަނުންގެ ޑެމޮކްރަސީއަކީ، އަވަށްޓެރި އެތީނިއަނުންނާ ޚިލާފަށް 'ރެޕްރެޒެންޓެޓިވް ޑެމޮކްރަސީ' ނުވަތަ މަންދޫބުން އިންތިޚާބުކޮށްގެން އެމީހުންގެ ޒަރިއްޔާއިން ހިންގި ޑެމޮކްރަސީއެކެވެ. މިއަދު އަޅުގަނޑުމެން ރައީސުންނާއި، މަޖިލީސް މެންބަރުންނާއި، ކައުންސިލަރުން އިންތިޚާބުކުރާ ފަދައިންނެވެ. ނަމަވެސް، އެއިރު ވޯޓު ލެވެނީ ސެނެޓުގައި ތިބޭ ބަޔަކަށް އެނަންޏެވެ. އެތެންސް ފަދައިން، މިއީ މަދު ބައެކެވެ.

ރޫމަނުންގެ ޑެމޮކްރަސީގެ އަސާސަކަށްވީ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަން ދެއްކުމެވެ. އަދި، އެމީހުންގެ ޖުމްހޫރިއްޔާގެ އަމާޒަކަށްވީ އެކެއްގެ އަތްމައްޗަށް ވެރިކަމުގެ ބާރުތައް ފުރޮޅިގެން ނުދިއުމެވެ. ރޫމަނުންނަށްވަނީ ވެރިކަންކުރަން އެކަކު ހުރުމުގެ ހިތި ތަޖުރިބާތަކެއް ކުރެވިފައެވެ. ރަސްކަމެއްގެ ސިފައިގައެވެ. ޢީސާގެފާނުގެ 500 އަހަރު ކުރީގައި އުފެދުނު އެމީހުންގެ އާ ޖުމްހޫރިއްޔާ ދެމެހެއްޓުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ދުވަހަކުވެސް ރަސްކަމަކަށް އެނބުރި ދިއުމުގެ ފުރުޞަތު ނުދިމަށް ރައްޔިތުން އެދެމުންދިއުމެވެ. އެހެންކަމުން، ރޯމްގެ ރިޕަބްލިކްގައި އެންމެ އިސް މަޤާމެއްގެ ގޮތުގައި ކަނޑައެޅި 'ކޮންސަލް’ގެ ގޮތުގައި އަބަދުވެސް ދެމީހުން ބައިތިއްބަން ހަމަޖެއްސިއެވެ.

ރޫމުގައި އެއިރު ކަންހިނގިގޮތާއި އެމް.ޑީ.ޕީގައި މިއަދު ޢަމަލީގޮތުން މިފެންނަ ނިޒާމާ މާބޮޑު ތަފާތެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާއަކީ އިބްރާހީމް މުޙައްމަދު ޞާލިޙްކަމަށްވިއަސް، ގިނަ ކަންކަން ކުރުމަށް ސަރުކާރު ހިންގާ ޕާޓީން އެހީތެރިކަމާއި އެއްބާރުލުން ލިބެނީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ރުހުން ލިބިގެންނެވެ.

މިގޮތަށް ކަންކުރުމުގެ ހިތި ނަތީޖާ މިއަދު އެމް.ޑީ.ޕީ އަށް ފެންނަމުންދާއިރު، މިއީ ޚުދު ޕީ.ޕީ.އެމް އިންވެސް ކުރި ތަޖުރިބާއެކެވެ. އެއަށްފަހު، ތަކުރާރުވިޔަނުދޭން އަޅުގަނޑުމެން ޢަޒުމު ކަނޑައަޅައިގެންތިބި ކަމެކެވެ. ޕީ.ޕީ.އެމްގައި ވެސް ކުރިން ޢަމަލުކުރި ނިޒާމަކީ، އެންމެ މަތީގައި ދެ ވެރިން ތިބޭ ނިޒާމެކެވެ. ޕާޓީގެ 2013ގެ ވެރިކަން ފެށިގެންއައިއިރު، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ޕާޓީގެ މުސްތަޝާރެވެ. ޕާޓީގެ ރައީސަކަށް ހުންނެވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ. މިތަޖުރިބާ ނިމިގެންދިޔަ ނުކިއްސަރުގޮތް އަޅުގަނޑު ކިޔުންތެރިންނަށް ދަންނަވާކަށް ނުޖެހެއެވެ. ކަން ވެގެންދިޔަގޮތް ދިވެހިން ވަރަށް ގާތުން ދިރާސާކުރެއްވިއެވެ. އެކަން ތަކުރާރުވިޔަ ނުދިނުމަށް މިއަދު ވަނީ ޕާޓީގެ އަސާސީ ޤަވާއިދުވެސް އިޞްލާޙުކުރެވިފައެވެ.

ރޯމްގައި މިކަން ނިމިގެންދިޔަ ގޮތް ދަންނަވާލާނަމެވެ. މިދެންނެވި ގޮތަށް 'ކޮންސަލް’ކަމުގައި ދެ މީހުން ބައިތިއްބައިގެން އެމީހުން ގާތްގަނޑަކަށް 500 އަހަރު ތަޖުރިބާކުރިއެވެ. ބައެއް ޙާލަތްތަކުގައި ނިޒާމު ބަރާބަރަށް ހިނގައެވެ. ދެ ކޮންސަލުންގެ މެދުގައި ގުޅުން ރަނގަޅު ނަމަ ނިޒާމު ބަރާބަރަށް ހިނގައެވެ. ދެ ކޮންސަލުންނަކީ އެއް މިންވަރަކަށް ސިޔާސީގޮތުން ކުރިއަށްދާން އެދޭ މީހުންނަށް ނުވާނަމަ ނިޒާމު ބަރާބަރަށް ހިނގައެވެ. ދެ ކޮންސަލުންނަކީ އެއްވަރަށް މަވެތި، މެޑަލްޖަހަންއެދޭ، ދެއްކުންތެރި ބަޔަކަށް ނުވާނަމަ ނިޒާމު ބަރާބަރަށް ހިނގައެވެ.

މައްސަލަ ދިމާވާ ގިނަ ފަހަރު ކަންކަން ނިމިގެންދަނީ ހަނގުރާމަކޮށްގެންނެވެ. ދާޚިލީ ހަމަނުޖެހުން ހިންގައިގެންނެވެ. ޤަތުލުޢާންމުތައް ހިންގައިގެންނެވެ. އަދި، ކޮންމެވެސް އެއް ކޮންސަލްއެއް ރޯމް ދޫކޮށް ފިލުމުން ނުވަތަ މަރުވެގެންނެވެ.

މި އުޞޫލު ނިމުމަކަށް އައީ ޢީސާގެފާނުގެ 44 އަހަރު ކުރިންނެވެ. މަޝްހޫރު ޖޫލިއަސް ސީޒާއާއި އޭނާއާއެކު ކޮންސަލްކަމަށް މާކަސް ބިބިލަސް ހޮވުނު ހިސާބުންނެވެ. ކޮންސަލްކަމަކީ އެންމެ އަހަރެއްގެ މަޤާމެކެވެ. މިއަދު ދުނިޔޭގައި މިއޮންނަ ހަތަރެއް ނުވަތަ ފަސް އަހަރުގެ ދައުރެއް ނޫނެވެ. އެހެންކަމުން، ގިނަ ފަހަރު މައްސަލަތައް ދިމާވުމުން އެކަން ޙައްލުވަނީ އެ މުއްދަތު ހަމަވެ، އެހެން ބަޔަކު ހޮވިގެންނެވެ.

ނަމަވެސް، ސީޒާއާއި ބިބިލަސްގެ ދައުރަކީ އާދަޔާޚިލާފަށް މައްސަލަތައް ގޯސްވި ދައުރެކެވެ. ދެމީހުންގެ ވާދަވެރިކަން ހައްދުން ނެއްޓިގެން ދިޔައެވެ. ސީޒާއަކީ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ބޭނުންވި ކޮންސަލްއެކެވެ. ބިބިލަސްއަކީ އިހުގެ ގޮތްތައް ދަމަހައްޓަން ކަނޑައަޅައިގެން ހުރި ކޮންސަލްއެކެވެ. ސީޒާގެ މަޤްސަދަކަށްވީ ސެނެޓުގެ ތެރެއިން އޭނާ ބޭނުންވި ކަންކަން ކުރުމެވެ. ވީމާ، ބިބިލަސް ނިންމީ، ކޮންސަލަށް ލިބިދޭ ބާރުގެ ނަހަމަ ބޭނުންކޮށްގެން މިކަން ވިޔަނުދިނުމަށެވެ. ސެނެޓު ހުއްޓުވައިގެންނެވެ.

ސެނެޓު ބައްދަލުވިޔަ ނުދިނުމަކީ ޤަވާއިދު އޮތް ގޮތުން ވަރަށްވެސް ފަސޭހައެވެ. ދެ މީހުން ވެރިންގެ ގޮތުގައި ތިބުމުގެ ސަބަބުން، ސެނެޓަށް ބައްދަލުވެވެނީ ދެ ކޮންސަލުން އެ މަޖިލީހަށް ގޮވީމައެވެ. ނުވަތަ ސެނެޓު ބާއްވަން އެއްބަސްވީމައެވެ. ވީމާ، ޖޫލިއަސް ސީޒާ ސެނެޓް ބާއްވަން ބޭނުންވާ ކޮންމެ ފަހަރަކު، ބިބިލަސް އެކަމަށް ހުރަސް އަޅަނީއެވެ.

އޭނާ ކަންކުރިގޮތްވެސް ދަންނަވާލާނަމެވެ. ސެނެޓް އޮންނަ ކޮންމެ ދުވަހަކު ހެނދުނު ހެނދުނާ އޭނާ ނުކުންނަނީ ގޭގެ ބެލްކަންޏަށެވެ. އުޑުމަތި ބަލާލުމަށްފަހު، ބޯ ހޫރާލާފައި ބުނަނީ މޫސުން ވަރަށް ގޯސްކަމަށެވެ. ވަރުގަދަ ކޮޅިގަނޑެއް އަންނަން ތައްޔާރުވެފައިވާކަމަށެވެ. އުޑުމަތި ސާފު، އަވިދޭ، ރީތި ދުވަހެއްވިއަސް ފަރުވާއެއް ނެތެވެ. އޭނާ އެހެން ބުނުމާއެކު، ސެނެޓުގެ ބައްދަލުވުން އެދުވަހަށް ކެންސަލްވަނީއެވެ. މޫސުން ތަންނުދޭނަމަ ސެނެޓު ނުބޭއްވުމުގެ އިޚްތިޔާރު ކޮންސަލުންނަށް އޮވެއެވެ.

މިގޮތަށް މެދުނުކެނޑި އެތަކެއް ދުވަހަކު ބިބިލަސް ސެނެޓު ބާއްވަން ހުރަސްއެޅި ހިސާބުން، ސީޒާގެ ސަޕޯޓަރުން ނުކުމެ، މަގުތަކުގައި ބިބިލަސްގެ ސަޕޯޓަރުންނާ ކުރިމަތިލުންތައް ހިންގާ، މުޅި ނިޒާމު އެކީ ވެއްޔާއި މޮޑެވި ދިޔައީއެވެ. އާޚިރުގައި ކާމިޔާބީ ލިބުނީ ޖޫލިއަސް ސީޒާގެ ސަޕޯޓަރުންނަށެވެ. އަދި، ކުރިއަށްދިއުމުގައި، ލިބުނު ތަޖުރިބާގެ އަލީގައި، ޖޫލިއަސް ސީޒާ އިޚްތިޔާރުކުރީ ކޮންސަލްކަމަށްވުރެ އިސް މަޤާމެއް އުފެއްދުމަށެވެ. ރަސްކަމަށް އެނބުރި ދިޔާއެއް ނޫނެވެ. އެމްޕެރަރްގެ ނަމުގައި އާ މަޤާމެއް އުފެއްދީއެވެ. ކޮންސަލުންނަށް އޮތް ބާރުތައް ހިމަނައިގެންނެވެ. ރޫމުގެ އެންމެ މަތީ ވެރިއެއްގެ ގޮތުގައެވެ.

ކޮންމެއަކަސް ރާއްޖެއިން މިއަދު ފެންނަމުންމިދާ މަންޒަރުތަކަކީ ޑެމޮކްރަސީގެ މާރީތި ނަމޫނާއެއްގެ ގޮތުގައި ސިފަކުރަން ބަޔަކު މަސައްކަތްކުރިއަސް، ކަމުގެ އަސްލާއި ހަޤީޤަތް އޮޅިފައެއް ނެތެވެ. އަދި، ވެރިކަމުގައި ތިބި ބައެއްގެ އަމަލުތައް މިހާރު މިފެންނަގޮތަށް ބައްޓަންކުރަމުންދިއުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ރައްޔިތުންނަށެވެ. ސަރުކާރު ހިންގާގޮތުންނެވެ. އަދި ޤާނޫނު ހަދާގޮތުންވެސްމެއެވެ.

ފުރަތަމަ ވިސްނާލަންޖެހެނީ މި އަރައިރުމުގެ ސަބަބާމެދު އެވެ. މިއީ އެކަކު އަނެކެއްގެ ބާރުތަކަށް ފާރަވެރިވުމެއް ނޫނެވެ. ނުވަތަ އެކެއްގެ ސިޔާސަތަށް އަނެކަކު ފާޑުކިޔުމެއްވެސް ނޫނެވެ. ޞާލިޙާއި ނަޝީދުގެ ދެބަސްވުމުގެ އަސްލަކީ، ކުރިއަށްދާއިރު، ޕާޓީގެ ލަގަން އޮންނަންވީ ކާކުގެ އަތްމަތީގައިތޯ ފައިސަލާކުރުމެވެ. ދެން އަންނަ ދައުރަކަށް ވެރިކަމަށް އެޕާޓީން ކުރިމަތިލާނެ މީހަކީ ކާކުތޯ މިހާރުން މިހާރަށް ނިންމޭތޯ ބެލުމެވެ.

އެއަށްފަހު ނަޒަރު ހިންގާލަންޖެހެނީ، ވެރިކަންކުރާ ޕާޓީއެއްގެ ޢަމަލުތައް މިގޮތަށް ބެހެއްޓުމުން، އޭގެން ނުކުންނާނެ ނަތީޖާއެވެ. ސަރުކާރަށް ވޯޓުދިން ބަޔަކު ކުރި ފޮނި އުންމީދުތައް، ދައުރުގެ މެދާހަމައަށް އަންނަމުންދާއިރު، ޙާޞިލުވެފައެއް ނުވެއެވެ. އަދި، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމުން ކޮށްދޭނެކަމަށް ބުނި ކަންކަމުގެ މަތިން މިއަދު ހަނދާނެއްވެސް ނެތެވެ. ފެންނަމުންދަނީ، ޕާޓީގެ ތެރެއިން ސަރުކާރާއި މަޖިލީހުގައި ތިބި ވެރިންވެސް ހޭވައްޓާ އަރުވާޖަހާފައި އެތެރޭގެ ވާދަވެރިކަމުގައި ރެއާއިދުވާލު އުޅެމުންދާތަނެވެ.

މަހަކު އެއްފަހަރު މިނިސްޓަރަކު މަޖިލީހަށް ދަމަނީއެވެ. ޒިންމާދާރު ކުރުމުގެ ނަމުގައެވެ. ވަގުތާއި ފައިސާ މިކަމަށް ޚަރަދުކުރުމަށްފަހު، ނިމިގެންދަނީ ޖަމަލު ފޮޑިއަށް ވެގެންނެވެ. މިނިސްޓަރު ދަނީ އަނބުރާ ގެއަށެވެ. އަނެއްކޮޅުން، ރައީސް އުޅުއްވަނީ އެމަނިކުފާނަށް ވަފާތެރި ބައެއްގެ ދިފާއުގައި ޖިހާދުކުރެއްވުމުގައެވެ. ވައްކަންކުރިއަސް ރޭޕުކުރިއަސް ވަރިހަމައެވެ. އެގޮތްމިގޮތުން އެމީހަކު ސަލާމަތް ކޮށްދެއްވަނީއެވެ. ބަޖެޓަށްވެސް ވެގެންމިދިޔައީ އެފަދަ ގޮތެކެވެ. ބަޖެޓު މާބޮޑުވެގެން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އާޚިރުގައި، އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންގެ ބާރުގައި ބަޖެޓު ކުރެއްވީ އިތުރަށް ބޮޑެވެ. ދަރަނިވެސް ކުރެއްވީ އިތުރަށް ބޮޑެވެ.

ދެން އޮތީ ދެބޭފުޅުންގެ އަމާޒާއި މިޒާޖެވެ. ޞާލިޙަށް ބާރުގައި ދެމިހުރެވެނީ، މާކަސް ބިބިލަސް ފަދައިން، ރިޔާސީ ނިޒާމު ދަމަހައްޓައިގެންނެވެ. ނަޝީދަށް ބާރު އިތުރުކުރެވެން އަންނަނީ، ޖޫލިއަސް ސީޒާ ފަދައިން، ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލެވިގެންނެވެ. ޞާލިޙު ބޭނުންފުޅީ އެމަނިކުފާނު ވެރިކަމަށް ގެނެސްދިން ކޯލިޝަން ދަމަހައްޓައިގެން، ބިބިލަސް ފަދައިން، ކުރިއަށް ދިއުމެވެ. ނަޝީދުގެ ހުވަފެނަކީ، ސީޒާ ފަދައިން، ސަޕޯޓުކުރާ ޕާޓީ މީހުން އެކަނި ހިމަނައިގެން ވެރިކަން ހިންގުމަށެވެ. ޞާލިޙު އުންމީދުކުރައްވަނީ ހައްސާސް ކަންކަމުގައި ސީދާ ގޮތްފާޑު ވިދާޅުނުވެ، ބިބިލަސް ފަދައިން، ހިމޭންކަން މަތީ ފޮރުވިގެން ހުންނަވާށެވެ. ނަޝީދު ބޭނުންފުޅުވަނީ، ސީޒާ ފަދައިން، އުނދުޅި ބާނާ ހަލުވައިގަތުމާއެކު، އަބަދުމެ މީޑިޔާގެ ފަލަ ޞުރުޚީގައި ދެމިހުންނެވުމެވެ.

އިސްވެ ދެންނެވި އެންމެ ކަމަކުންވެސް ރައްޔިތުންނަށް ކުރާނެ ކުޑަވެސް ފައިދާއެއް ނޯންނާނެއެވެ. ނަމަވެސް، ކުރާނެ ގެއްލުން ފިސާރި ބޮޑުވާނެއެވެ. އެއް އަމާޒަކަށް ދަތުރުނުކުރެވޭ ބަޔަކަށް ހަރުދަނާ އެއްވެސް ކަމެއް ކުރެވޭނެކަމަކަށްވެސް ނުދެކެމެވެ. މިއީ ޑްރާމާ ސިލްސިލާއެއް ނަމަ، ބަލާލަން ވަރަށްވެސް ޝައުޤުވެރިއެވެ. ކޮންމެ ދުވަހަކު އާ އެޕިސޯޑެކެވެ. ހީވެސްނުކުރާފަދަ ކަންތައްތަކެއް ހިނގައެވެ. ފޫހިވާނެ ޖާހައެއް ނޯވެއެވެ.

މިއީ ދަނޑެއްގައި ކުޅެވޭ މެޗެއްނަމަ ފަރުވާއެއް ނެތެވެ. ބަލާލާފައި ގެއަށް ދާނީއެވެ. މިއީ ޑްރާމާ ސިލްސިލާއެއް ނަމަ، ފޫހިވުމުން ޓީވީ ޗެނަލް ބަދަލުކޮށްލާނީއެވެ. ހިތާމައަކީ، މިއީ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ކަންކަމެވެ. ކޮންމެ ދަރިއެއްގެ މުސްތަޤްބަލާ ގުޅިފައިވާ ކަންކަންވެސްމެއެވެ.

ބޮޑު ދެގެރި ތެޅާއިރު ކަށްގަލަށް ބާރުކުރާ ވާހަކަ އެނގިވަޑައިގަންނަވާނެއެވެ. ކަށްގަލަކީ ރައްޔިތުންނަށް ވެގެން ނުވާނެއެވެ. އެހެނީ ކަށްގަލަކީ މަހާނަގަލެވެ. މިކަމެއްގައި ރައްޔިތުން ހަނާވެގެންދާއިރު، ކުޅިވަރެއްކަމަށް ދެކިގެން ކުޅިބަލަން ތިބެވޭކަށް ނޯންނާނެއެވެ.

ހަމަ އެފަދައިން، އެއް އުރައިގައި ދެ ކަނޑިއަށް ނޯވެވޭނެ ވާހަކަވެސް އެނގިވަޑައިގަންނަވާނެއެވެ. އުރައަކީ ދިވެހި ޤައުމަށް ވެގެން ނުވާނެއެވެ. އެހެނީ މިއީ ދެ ކަނޑީގެ އެކަނި ޤައުމެއް ނޫނެވެ. އަދި، މިކަމުގައި ޤައުމު ފަނާވެގެންދާއިރު، ޑްރާމާ ސިލްސިލާއެއް ކަމަށް ދެކިގެން މުނިފޫހިފިލުވަން ބަލަން ތިބެވޭކަށްވެސް ނޯންނާނެއެވެ.