Support Us

ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން: އަބޫ ޖަހްލާއި އަބޫ ލަހަބުން ފެށިގެން ފަރަންސޭސި ވިލާތާ ހަމައަށް

ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރުމަކީ މިއަދު އުފަންވި ދަރިއެއްނޫނެވެ. އެއީ ވަރަށް ޒަމާންވީ ހަނގުރާމައެކެވެ. އެކަލޭގެފާނުގެ ދަޢުވަތު ފެށުނު ހިސާބުން ފެށިގެން މި ހަނގުރާމައިގެ މޫތައް ދިޔައީ އަޑިއަށް ފައިބަމުންނެވެ. މި  ހަނގުރާމައިގެ އުސްތާޒަކީ އަބޫ ޖަހްލެވެ. އޭނާގެ ވަފާތެރި ނައިބަކީ އަބޫ ލަހަބެވެ. މި ދެ ކާފިރުންގެ އަޢުވާނުން ވަރަށް ގިނައެވެ. ވަލީދު ބުނިލް މުޣީރަތާއި އަލްއަސްވަދު ބިން ޔަޣޫޘާއި އަލްއަސްވަދު ބިނުލް މުއްޠަލިބާއި އަލްޢާޞް ބިން ވާއިލާއި ރަބީޢާގެ ދެ ދަރިންކަމުގައިވާ ޢުތުބަތާއި ޝައިބަތު ފަދަ މުޝްރިކުންނެވެ.

ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖްރަ ކުރެއްވުމުން މި ދިދަ އުފުލައިލީ މުނާފިޤުންގެ އިސްވާރު ޢަބްދުﷲ ބިން ސަލޫލެވެ. މިކަމުގައި އޭނާގެ ފަހަތުގައި މުނާފިޤުންނާއި މަގުފުރެދިފައިވާ ހިތްތައް ވިއެވެ.

ރަސޫލާ ﷺ މި ދުނިޔެ ދޫކުރައްވާ ވަޑައިގަތުމުން ވެސް މި ހަނގުރާމައަށް ހުއްޓުމެއް ނައެވެ. މިއީ މާތް ﷲ ބަޔާންކުރައްވާފައިވާ ފަދައިން ﷲގެ މަގެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީ ކުރެއްވިއެވެ. (وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوّاً شَيَاطِينَ الْإنْسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَى بَعْضٍ زُخْرُفَ الْقَوْلِ غُرُوراً وَلَوْ شَاءَ رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ – الأنعام: 112- މާނައީ: ހަމަ އެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި ޖިންނީންގެ شيطان ން عداوة ތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ باطل ބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!) އަދި ﷲ ޖައްލަ ޝައުނުހޫ ވަޙީ ކުރެއްވިއެވެ. (وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوّاً مِنَ الْمُجْرِمِينَ وَكَفَى بِرَبِّكَ هَادِياً وَنَصِيراً – الفرقان:31. – މާނައީ: ހަމަ އެފަދައިން، ތިމަންރަސްކަލާނގެ ކޮންމެ ނަބިއްޔަކަށް ކުށްވެރިންގެ ތެރެއިން عدوّ އަކު ލެއްވީމެވެ. ތެދުމަގު ދައްކަވާ ކަލަކު ކަމުގައްޔާއި، މޮޅަށް نصر ދެއްވާ ކަލަކު ކަމުގައި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެއެވެ.) މި ބަސްފުޅުތަކުން އެނގެނީ ކޮންމެ ނަބީބޭކަލަކަށް މާތް ﷲ އިންސީންނާއި ޖިންނީންގެ ތެރެއިން ދުޝްމަނުންތަކެއް ލައްވަވާފައިވާ ކަމެވެ. މިބައިމީހުން މި ހަނގުރާމައިގައި ތަފާތު ހަތިޔާރުތައް ބޭނުންކުރާނެ ކަމެވެ. އޭގެތެރޭގައި މަތިއޮމާންކޮށްފައިވާ ބާޠިލު ބަސްތައް ހިމެނޭނެއެވެ. "މަތި އޮމާންކޮށްގެން" އެމީހުން ބުނާ ބަސްތަކުގެ ތެރޭގައި "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން" ވެއެވެ. ވަރަށް އޮފުދާރު ޝިޢާރެއް ނޫންތޯއެވެ؟

މުސްލިމުން މިފަދަ ޝިޢާރުތަކާ ދެކޮޅަށް ތެދުވާންވާނީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ. މުސްލިމުން އަޅާ ކޮންމެ ފިޔަވަޅަކާ ދެކޮޅަށް އެމީހުން އެތައް ފިޔަވަޅުތަކެއް އަޅާނެތެވެ. މި ވަގުތު ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ލަގަނުގައި އޮތީ ފަރަންސޭސިވިލާތެވެ. އަބޫޖަހްލުގެ ބައި ކުޅެނީ އެ ޤައުމުގެ ވެރިޔާއެވެ.

ރޯމަން ކެތަލިކުންނަށް އަޣުލަބިއްޔަތު ލިބިފައިވާ މި ޤައުމުގައި އިސްލާމްދީނަކީ ދެވަނައަށް އެންމެ ބޮޑު ދީނެވެ. ރައީސް މެކަރޯންގެ އަމާޒަކީ އެ ޤައުމުގެ މުސްލިމުންގެ ވިސްނުމާއި ޚިޔާލުތައް ފަރަންސޭސިވިލާތުގެ ލާދީނީ އުޞޫލުތަކާ އެއްގޮތަށް ބައްޓަންކުރުމެވެ.

ޒަޢާމަތުގައި ތިން ބޯ

ރަސޫލާ ﷺ އާ ދެކޮޅަށް މުޝްރިކުންނާއި ކާފިރުން ކުރި ހަނގުރާމައިގެ ޒަޢާމަތުގައި ތިން ބޮލެއް ވެއެވެ. ފުރަތަމަ ޒަޢީމަކީ މައްކާގައި އަބޫ ޖަހްލެވެ. ދެވަނަ އިސްވާރަކީ މަދީނާގައި އިބްނު ސަލޫލެވެ. ތިންވަނަ މޭސްތިރިއަކީ މަދީނާގެ ރަށްބޭރުގައި ނަގާކިޔާ ރާވާން އުޅުނު ޔަހޫދީންގެ ޒަޢީމެއް ކަމުގައިވާ ޙުޔައްޔު ބިން އަޚްޠަބެވެ.

ރަސޫލާ ﷺ އަށް ކުރި ފުރައްސާރަތައް ތިން ދާއިރާއެއްގައި ފާހަގަ ކުރެވެއެވެ. އެއީ:-

  • ރަސޫލާ ﷺ ގެ ދަޢުވަތަށް ކުރި ފުރައްސާރަ
  • ރަސޫލާ ﷺ ގެ ޝަޚްޞިއްޔަތަށް ކުރި ފުރައްސާރަ
  • ރަސޫލާ ﷺ ގެ މައްޗަށް ބާވައިލެއްވި ފޮތަށް (ޤުރްއާނަށް) ކުރި ފުރައްސާރަ

ފުރަތަމައަށް: އެކަލޭގެފާނުގެ ދަޢުވަތަށް ފުރައްސާރަ ކުރުން

މުޝްރިކުން ކީރިތި ރަސޫލާ ﷺ އަށް އެންމެ ފުރަތަމަ ފުރައްސާރަ ކުރީ އެކަލޭގެފާނުގެ ދަޢުވަތަށެވެ. ﷲގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުމުންނެވެ. މި ކަން ބަޔާންކުރައްވައި ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. (وَعَجِبُوا أَن جَاءَهُم مُّنْذِرٌ مِّنْهُمْ وَقَالَ الْكَافِرُونَ هَذَا سَاحِرٌ كَذَّابٌ أَجَعَلَ الآلِهَةَ إِلَهاً وَاحِداً إِنَّ هَذَا لَشَيْءٌ عُجَابٌ وَانطَلَقَ الْمَلأُ مِنْهُمْ أَنِ امْشُوا وَاصْبِرُوا عَلَى آلِهَتِكُمْ إِنَّ هَذَا لَشَيْءٌ يُرَادُ مَا سَمِعْنَا بِهَذَا فِي الْمِلَّةِ الآَخِرَةِ إِنْ هَذَا إِلاَّ اخْتِلاَقٌ – ص:4- 7 – މާނައީ އަދި އެއުރެންގެ ތެރެއިން إنذار ކުރައްވާ ބޭކަލަކު، އެއުރެންގެ ގާތަށް ވަޑައިގަތުމުން، އެކަމާ އެއުރެން عجائب ވޫއެވެ. އަދި އެ كافر ވިމީހުން ބުނޫއެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ. އެކަލޭގެފާނު ހުރިހާ إله ން އެއް إله އަކަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ނުހަނު عجائب ވާފަދަ ކަމެއްކަން ކަށަވަރެވެ. އަދި އެއުރެންގެ (އެބަހީ: مكة ގެ كافر ންގެ) ބޮޑުން (އެ مجلس ން ވަކިވެ) ހިނގައިގެންފައި ބުނޫއެވެ. ހިނގާށެވެ! އަދި ތިޔަބައިމީހުންގެ إله ންނަށް އަޅުކަން ކުރުންމަތީ ކެތްކޮށްގެން ތިބޭށެވެ! ހަމަކަށަވަރުން، މިއީ (ތިމަންމެންނާމެދު) ރޭވި ގަސްދުކުރެވޭ ކަމެއްކަން ކަށަވަރެވެ. އެންމެފަހު ملّة ގައިވެސް (އެބަހީ: عيسى ގެފާނުގެ ملّة ގައިވެސް) މިކަހަލަ ވާހަކައެއް ތިމަންމެން ނާހަމުއެވެ. މިއީ ހަދައިގެންއުޅޭ ދޮގެއް ކަމުގައިނޫނީ ނުވެތެވެ.)

މުޝްރިކުން ފުރައްސާރަކުރި ކަންތައްތަކުގެ ތެރޭގައި މަރުވުމަށް ފަހު އަލުން ދިރުއްވުން ވެއެވެ. މިއީ ރަސޫލާގެ ދަޢުވަތުގެ ރުކުންތަކުގެތެރެއިން ރުކްނެކެވެ. ﷲ ޖައްލަ ޖަލާލުހޫ ވަޙީ ކުރެއްވިއެވެ. (وَقَالَ الَّذِينَ كَفَرُوا هَلْ نَدُلُّكُمْ عَلَى رَجُلٍ يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِي خَلْقٍ جَدِيدٍ أَفْتَرَى عَلَى اللهِ كَذِباً أَم بِهِ جِنَّةٌ بَلِ الَّذِينَ لاَ يُؤْمِنُونَ بِالآَخِرَةِ فِي الْعَذَابِ وَالضَّلاَلِ الْبَعِيدِ – سبأ:7-8 – މާނައީ: كافر ވި މީހުން ބުނޫއެވެ. ތިޔަބައިމީހުން މަރުވެ، ކުދިކުދި އެތިކޮޅުތަކަކަށް ވަކިވެދާހިނދު، އަލުން އާ އުފެއްދުމެއްގައި ހަމަކަށަވަރުން، ތިޔަބައިމީހުން އުފެދިގެންދާނެ ކަމަށް ތިޔަބައިމީހުންގެ ގާތުގައި ބުނެ، خبر ދޭމީހަކު ތިޔަބައިމީހުންނަށް ތިމަންމެން ދައްކަންހެއްޔެވެ؟ އޭނާ اللَّه އާމެދު ހަދައިގެން ދޮގެއް ބުނީހެއްޔެވެ؟ ނުވަތަ އޭނާގެ ކިބައިގައި މޮޔަކަމެއް ހުންނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! آخرة އަށް إيمان ނުވާ މީހުން (آخرة ގައި) ވަނީ عذاب ގައެވެ. އަދި (ދުނިޔޭގައި އެއުރެންވަނީ) ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.)

އުބައްޔު ބިން ޚަލަފު (ބައެއް ރިވާޔަތްތަކުގައި އަލްޢާޞު ބުނި ވާއިލު) މައްޔިތެއްގެ ކަށިކޮޅެއް އަތަށް ލައިގެން ރަސޫލާގެ އަރިހަށް އައިސް މި ކަށިކޮޅު ކުދިކުދިކޮށްލައިފާ ވައިގެތެރެއަށް ބުރުއްސާލުމަށްފަހު މަލާމަތް ކުރުމުގެ ނިޔަތުގައި ބުންޏެވެ. ((އޭ މުޙައްމަދުގެފާނޭވެ! މި ކަށިކޮޅު ﷲ ދިރުއްވާނެ ކަމަށް ކަލޭގެފާނު ވިދާޅުވާނަންތޯއެވެ؟ ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ. (އާނއެކެވެ! އަދި ކަލޭ ވެސް އަލުން ދިރުއްވާނެތެވެ. އަދި ކަލޭ ނަރަކައަށް ވައްދަވާނެތެވެ.) މި ޙާދިސާ ބަޔާންކޮށްދެއްވައި ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (أَوَ لَمْ يَرَ الإِنْسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ وَضَرَبَ لَنَا مَثَلاً وَنَسِيَ خَلْقَهُ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ قُلْ يُحْيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةٍ وَهُوَ بِكُلِّ خَلْقٍ عَلِيمٌ – يس:77-79- މާނައީ: ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. އަދި އެ އިންސާނާ ތިމަންރަސްކަލާނގެއަށް مثال އެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަފަހަރު އެކަށިތައް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ مخلوق ންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)

ދެވަނައަށް: ރަސޫލާގެ ޝަޚްޞިއްޔަތަށް ފުރައްސާރަކުރުން

މުޝްރިކުން ކީރިތި ރަސޫލާ ﷺ ގެ ޝަޚްޞިއްޔަތަށް ވަރަށް ބޮޑަށް މަލާމާތްކޮށް ފުރައްސާރަ ކުރިއެވެ. ބައެއް ފަހަރަށް އެކަލޭގެފާނަކީ ޅެންވެރިއެއް ކަމަށް ބުނޫއެވެ. އަނެއްބައިފަހަރަށް އެކަލޭގެފާނަކީ ކަހީނެއް ކަމަށް ތުހްމަތު ކުރޫއެވެ. މި ކަން ބަޔާން ކުރައްވާ މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَّا تُؤْمِنُونَ ﴿٤١﴾ وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَّا تَذَكَّرُونَ – الحاقة : 41-42 – މާނައީ: އެއީ ޅެންވެރިޔެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން إيمان ވަނީ ވަރަށްވެސް ކުޑަކޮށެވެ. އަދި އެއީ كاهن އެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް  މަދުންނެވެ. (އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ.)

އަނެއްބައި ފަހަރަށް އެކަލޭގެފާނަކީ ދޮގުވެރި ޖާދޫގަރެކޭ ކިޔާ ހެދޫއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَعَجِبُوا أَن جَاءَهُم مُّنْذِرٌ مِّنْهُمْ وَقَالَ الْكَافِرُونَ هَذَا سَاحِرٌ كَذَّابٌ – ص:4 – މާނައީ: އަދި އެއުރެންގެ ތެރެއިން إنذار ކުރައްވާ ބޭކަލަކު، އެއުރެންގެ ގާތަށް ވަޑައިގަތުމުން، އެކަމާ އެއުރެން عجائب ވޫއެވެ. އަދި އެ كافر ވިމީހުން ބުނޫއެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ.)

ތިންވަނައަށް: ރަސޫލާ ގެންނެވި ކީރިތި ޤުރްއާނަށް މަލާމަތްކޮށް ފުރައްސާރަ ކުރުން

ރަސޫލާ ﷺ ގެ ދަޢުވަތަށާއި ރަސޫލާގެ ޝަޚްޞަށް މަލާމާތްކޮށް ފުރައްސާރަ ކުރުމުގެ އިތުރަށް އެބައިމީހުން ރަސޫލާ ﷺ ގެ މައްޗަށް ބާވައިލެއްވި ވަޙީ ބަސްފުޅަށް (ޤުރްއާނަށް) ވެސް ފުރައްސާރަ ކުރިއެވެ. އެބައިމީހުން ތުހްމަތުކުރި ގޮތުގައި އެއީ އިންސާނަކު ހަދާފައިވާ ފޮތެކެވެ. ބައެއް ފަހަރަށް އެއީ ހަމަނުޖެހޭ ހާސަރުތަކެކޭ ވެސް ބުންޏެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ ۗ لِّسَانُ الَّذِي يُلْحِدُونَ إِلَيْهِ أَعْجَمِيٌّ وَهَـٰذَا لِسَانٌ عَرَبِيٌّ مُّبِينٌ -النحل:103.- މާނައީ: އެކަލޭގެފާނަށް އުނގަންނައިދެއްވަނީ، ހަމަކަށަވަރުން، إنسان އެކޭ އެއުރެން ބުނެއުޅޭކަން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއުރެން، އެކަލޭގެފާނަށް އުނގަންނައިދޭކަމަށް ބުނާ މީހާގެ ބަހަކީ، عجمى ބަހެވެ. މިއީ ބަޔާންވެގެންވާ عرب ބަހެވެ.) ﷲ ތަޢާލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. (بَلْ قَالُوا أَضْغَاثُ أَحْلامٍ بَلِ افْتَرَاهُ بَلْ هُوَ شَاعِرٌ فَلْيَأْتِنَا بِآيَةٍ كَمَا أُرْسِلَ الْأَوَّلُونَ- الأنبياء:5 – މާނައީ: އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. (އެއީ) ހުވަފެނުގެ ހާސަރުތަކެކެވެ. އަދި ކިއެއްތަ! އެއީ އެކަލޭގެފާނު އަމިއްލަޔަށް ހެއްދެވި އެއްޗެކެވެ. އަދި ކިއެއްތަ! އެކަލޭގެފާނަކީ، ޅެންވެރިޔެކެވެ. ފަހެ (معجزات ތަކާއިގެން) ކުރީގެ رسول ން ފޮނުއްވެވި ފަދައިން، އެކަލޭގެފާނުވެސް، ތިމަންމެންނަށް معجزة އެއް ގެނެސްދެއްވަ ބައްލަވާށެވެ!) އެބައިމީހުން ޤުރްއާނަށް ފުރައްސާރަ ކުރީ ހިތުގެ އަނޑިން އެ ފޮތުގެ މާތްކަން ޤަބޫލު ނުކުރާތީއެއްނޫނެވެ. އެހެނަސް އެމީހުން އެ ކަން ކުރީ ޖެއްސުން ކުރުމުގެ ގޮތުންނެވެ. މިއަދުގެ މީހުން ރަސުލާއަށް ފުރައްސާރަކުރާ ބީދައިންނެވެ.

މި ފުރައްސާރަތަކުން ރަސޫލާ ﷺ ގެ ރިސާލަތަށް، އެކަލޭގެފާނުގެ ޒާތުފުޅަށް، އަދި އެ ކަލޭގެފާނަށް ބާވައިލެއްވި ފޮތަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެކަމުގެ ގެއްލުން ލިބުނީ ހަމަ އެމީހުންނަށެވެ. އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. ނަބީބޭކަލުންގެ ވާހަކަތައް ކިޔާލުމުން އެނގެނީ ނަބީބޭކަލުންނަށް ގޯނާކޮށް ފުރައްސާރަކުރި މީހުން ﷲ ހަލާކު ކުރައްވާފައިވާ ކަމެވެ. އެމީހުން ﷲގެ ރަޙްމަތުން ދުރުކުރައްވާފައިވާ ކަމެވެ. ބަނީ އިސްރާއީލު ބާގައިގެ މީހުންނަކީ މި ކަމުގެ ދިރިހުރި މިސާލެކެވެ. މިއަދު ވެސް އެމީހުން ދުނިޔޭގައި އެ އުޅެނީ އެއްވެސް ހަމަޖެހުމެއް ނެތިއެވެ.އެމީހުންނާ ދިމާއަށް އެއްޗެހި ނުކިޔާށޭ ބުންޏަސް އެއްޗެހި ކިޔުމެއް ނުހުއްޓެއެވެ. ﷲގެ ލަޢުނަތް ދަނީ އެމީހުން ފަހަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *