Support Us

ކޮލަމް: ދޭހަ

"ރައްޔިތުން މިހާރު ބިރުގަންނަނީ ކޮންކަމަކާތޯ؟"

"ރައްޔިތުން މިހާރު ބިރު ގަންނަނީ ކޮންކަމަކާތޯ؟" ދާދި ފަހުން ދެއްވި ބަސްދީގަތުމެއްގައި ކެބިނެޓް މިނިސްޓަރަކު ސުވާލު ކުރެއްވި އެވެ. އެ މަނިކުފާނާ ޙަވާލުކުރެވިފައިވާ ވުޒާރާއިން ކުރާ މަސައްކަތްތަކާއި ސަރުކާރުން ކޮށްދޭ ބައެއް ކަންތައްތައް ސާފުކޮށްދެއްވަމުންނެވެ. ލިޔާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޒަމީރު މަޖްބޫރުކުރީ އަޅުގަނޑާއި، އަޅުގަނޑު ދަންނަ ވަރަށް ގިނަ ދިވެހި ރައްޔިތުން ބިރުގަންނަ ބައެއް ކަންތައްތަކުގެ ވާހަކަ ދަންނަވާލާށެވެ. މިނިސްޓަރ ސުވާލު ނުކުރެއްވި ނަމަ މި މޭރުމުން މިނިސްޓަރުގެ ސުވާލުގެ ޖަވާބު އަރުވަން އަޅުގަނޑަށް ޚިޔާލު ވެސް ނުކުރެވުނީހެވެ.

އެންމެ ބިރުގަންނަނީ ސަރުކާރުން ދަރަނީގެ މައްޗަށް ދަރަނި ނެގުން ހުއްޓާނުލާތީވެއެވެ. ކުރީގެ ސަރުކާރުން މުޅި ޤައުމު ދަރުވާފައި އޮތް ކަމަށް ބުނާއިރުގައި ވެސް މެއެވެ. ކޮވިޑް 19ގެ ސަބަބުން ޤައުމު ވެއްޓުނު އިޤްތިޞާދީ ވަޅުގަނޑުން އަރައިގަތުމަށް މަޝްރޫޢުތައް ރާވާ، ހިންގަން ސަރުކާރުން ޚަރަދު ކުރުމަށް ފައިސާ ބޭނުންވާނެކަމާ މެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. ފައިސާ ނެތް ނަމަ ފައިސާ ހޯދަން ޖެހޭނީ ކޮންމެވެސް ބައެއްގެ އަތުން އެހީއެއްގެ ގޮތުގައެވެ. ބޭނުންވާ އަދަދަށް އެހީގެ ގޮތުގައި ފައިސާ ނުލިބޭނަމަ ދެން ހޯދަން ޖެހޭނީ ދަރަންޏަށެވެ. ދަރަންޏަށް ފައިސާ ދޭއިރު ވެސް ކިތަންމެ ކުޑަ އަދަދެއްގެ އިންޓަރަސްޓަކަށް ކިތަންމެ ދިގު މުއްދަތަކުން ފައިސާ އަނބުރާ ދައްކަން ހަމަޖެހުނަސް، އަދި ފައިސާ ދައްކަން ފެށުމުގެ ކުރިން، ހަމަޖެހެން އަހަރު ތަކެއް ދެވުނަސް، ތަފާތު ތަންތަނުން އެ ގޮތަށް ފައިސާ ނަގާއިރު ފައިސާ ދައްކަން ޖެހޭ މުއްދަތާ ހަމައަށް ދާއިރު، ޤައުމު ހިންގަން ތިބި ބަޔަކަށް އެއީ ކުޑަ ބުރައަކަށް ނުވާނެއެވެ. އަޅުގަނޑުމެންނަށް ފައިސާ ލިބޭނޭ މާ ގިނަ ވަސީލަތްތަކެއް ނުއޮވެއެވެ. މައިގަނޑު ޞިނާޢަތަަކަށް އޮތީ ފަތުރުވެރިކަމެވެ. ފަތުރުވެރިކަން ހަމައަކަށް އެޅެން މަދުވެގެން ދެ އަހަރު ނަގާނެއެވެ. ކުރީގައި އޮތް ފެންވަރަށް ދާން އެއަށް ވުރެ މާ ގިނަ ދުވަސް ނަގާނެ އެވެ. އިޤްތިޞާދީ މާހިރުން ބުނާގޮތެވެ.

ދަރަންޏަށް އެއްޗެއް ނަގާނަމަ ރަހުނުގައި ކޮންމެވެސް އެއްޗެއް ބަހައްޓަންޖެހެ އެވެ. އެ ގޮތަށް ރަހުނުގައި ބަހައްޓާނެ ގިނަ އެއްޗެހިތަކެއް ސަރުކާރުގައި މި ވަގުތު ނެތެވެ. ތިން ސަތޭކަ މިލިއަން ޑޮަލަރު ހޯދުމަށް ސަރުކާރުން ބައިނުލްއަޤްވާމީ މާރުކޭޓްގައި 4.6 ބިލިއަން ރުފިޔާގެ ސުކޫކް ވިއްކުމަށް ބޭނުންވެއެވެ. ސަރުކާރުން ބުނަނީ ދަރުމަވަންތަ ހޮސްޕިޓަލު ނުވިއްްކާނެ ކަމަށެވެ. އަދި ރަހުނު ވެސް ނުކުރާނެ ކަމަށެވެ. ސުކޫކް ގަންނަ ބައެއްގެ ރައްކާތެރި ކަމަށް، ދައުލަތުގެ މުދަލުގެ ފައިދާވާ ވެރިފަރާތަކީ ފައިނޭންސް މިނިސްޓްރީ އެވެ. ސުކޫކް ވިއްކުމުން ލިބޭ ފައިސާއާ ހަމަހަމަ ކުރެވޭ ވަރަށް ފައިނޭންސް މިނިސްޓްރީގެ ދަށުގައި މުދާ ހުންނަން ޖެހެއެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ރަޖިސްޓްރީ ފައިނޭންސް މިނިސްޓުރީ އަށް ބަދަލުކުރަން ޖެހެނީ މި ސަބަބާ ހުރެއެވެ. މި ގޮތަށް ބެހެއްޓިފައި ހުންނަ މުދާ ސުކޫކް އިންވެސްޓަރުންގެ ފަރާތުން ("ބެނިފިޝަލް އޯނަރޝިޕްގައިވާ މުދާ) އެއްބަސްވުމެއްގެ ދަށުން ލީސް (ކުއްޔަށް ނުވަތަ ހިލޭ) ފައިނޭންސް މިނިސްޓްރީ އަށް ދޫކުރެވެނީ ކަމުގައި ވެއެވެ. މި މުއާމަލާތުގައި އަޅުގަނޑުމެން ގެދޮރު ހަދަން ބޭންކުން ނަގާ ލޯނާއި މާ ބޮޑު ތަފާތެއް އަޅުގަނޑަކަށް ނުފެނެ އެވެ. ދަރަންޏަށް ނަގާ ފައިސާ ބަރާބަރަށް ދައްކާހާ ހިނދަކު މައްސަލައެއް ނުޖެހޭނެ އެވެ. މައްސަލަ ޖެހޭނީ ފައިސާ ނުދެއްކުމުންނެވެ. ނަން ތަފާތު ވިޔަސް ކަން ތަފާތެއް ނުވެއެވެ. ކައިވެނިން ބޭރުން ލިބޭ ދަރިއަކަށް މުސްލިމުން ނަޙަލާލް ދަރިއެެކޭ ވެސް ކިޔަ އެވެ. އަދި ޙަރާމް ދަރިއެކޭ ވެސް ކިޔައެވެ. އެކަމަކު ހުޅަނގުގައި ކައިވެނީން ބޭރުގައި ދަރިން ލިބުމަކީ ނުވަތަ ހޯދުމަކީ އާދައިގެ ކަމެކެވެ. އެ ފަދަ ދަރިންނަށް މުސްލިމް ނަޒަރަކުން ނަމެއް ދޭ ނަމަ ކިތަންމެ ރީތިކުރަން އުޅުނަސް ދެވޭނީ އެއް ނަމެކެވެ.

ޢިއްޒަތްތެރި މިނިސްޓަރެވެ! މުސްތަޤްބަލުގައި ކަންތައް ދިމާވެދާނެ ގޮތަކާ މެދު އަޅުގަނޑުމެން ހާދަ ބިރެއް ގަނެއެވެ.

މިހާރު އެންމެ އަގު ބޮޑު މުދަލަކަށް އޮންނާނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓެވެ. އެއަރޕޯރޓުގެ ރެޖިސްޓްރީ ވެސް ފައިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރަން ޖެހޭނެ ދުވަހެއް އަތުވެދާނެ އެވެ. ހުޅުމާލެ އާއި މާލެ އާއި ދެމެދު އޮންނަ ފާލަމަކީ ވެސް ވަރަށް އަގު ބޮޑު ފާލަމެެކެވެ. އެތާނގެ ރަޖިސްޓްރީ އެއް އޮންނާނެހެން ހީއެއްނުވެއެވެ. އަގު ބޮޑު މުދާ ގިނަކުރަން ފައިނޭންސްގެ ނަމަށް ރަޖިސްޓްރީއެއް ހެދުމަކީ ރަނގަޅު ކަމަކަށް ވެދާނެ އެވެ.

މޯލްޑިވްސް މަނިޓަރީ އަތޯރިޓީގެ ގަވަރުނަރު ވިދާޅުވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުން އަންނަ އަހަރު ގިނަ މަޝްރޫޢުތައް ހިންގަން ފެނިވަޑައިނުގަންނަވާ ކަމުގަ އެވެ. އެކަމަކު ފައިނޭންސް މިނިސްޓަރު ވިދާޅުވަނީ، އެ މަޝްރޫޢުތައް ހިންގުމަށް ފައިސާ ހުރި ކަމަށެވެ. އޮޑިޓަރ ޖަނަރަލް ވިދާޅުވަނީ އެއްބައެއްގެ އަތުން ހުރިހާ އެހީ އެއް ހޯދުމަކީ ރައްކާތެރި ކަމަކަށް ނުވެދާނެ ކަމަށެވެ. ސަބަބަކީ ވަރަށް ގިނަފަހަރު ދޭން ބުނާ ވަރަށްް ކޮންމެވެސް ސަބަބަކާ ހުރެ ފައިސާ ނުލިބިދާނެތީވެއެވެ. ހިލޭ އެހީގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ބައި ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ އެންމެ ޤަޢުމަކުންނެވެ. އިންޑިއާއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ ހުށައަޅާފައި އޮތް ބަޖެޓަކީ މި ދުވަސްވަރަށް އެންމެ ރަނގަޅު ބަޖެޓް ކަމުގަ އެވެ. އެދިވަޑައިގަންނަވަނީ ބަޖެޓް ފާސްކުރާށެވެ. މަޖިލީހުގެ ރައީސް ވިދާޅުވަނީ އޭނާ އަށް ވޯޓު ދެއްވޭނެ ނަމަ އޭނާ ބަޖެޓަށް ވޯޓު ނުދެެއްވާނެ ކަމަށެވެ. (މަޖިލީހުގެ ޤަވައިދު ބުނާ ގޮތުން މަޖިލީހުގައި ހިނގާ ބަހުސްތަކުގައި މަޖިލީހުގެ ރައީސް އަށް ބައިވެރިވެވަޑައި ނުގެންނެވޭނެ އެވެ.) ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސަކީ އެއް ޕާޓީއެއްގެ ދެ ބޭފުޅުންނެވެ. ރައްޔިތުންގެ މަޖިލީހުގައި އޮތީ އެ ބޭފުޅުންގެ ޕާޓީން ބޭނުން ކޮންމެ ކަމެއް، ބޭނުން ކޮންމެ ހިނދެއްގައި ފާސްކުރެވޭ ބޮޑު އަޣްލަބިއްޔަތެކެވެ.

ޢިއްޒަތްތެރި މިނިސްޓަރ އެވެ! މި މަންޒަރު ފެނިފައި އަޅުގަނޑުމެން ހާދަ ބިރެއް ގަނެއެވެ.

ރާއްޖޭގަައި ހިންގޭ އެންމެ ބޮޑު މަޝްރޫޢު މާލޭ ވިލިމާލޭ ފާލަން އެޅުމަށް ހިލޭ އެހީ އާއި ލޯނު އެހީ އިންޑިއާ ސަރުކާރު މެދުވެރިވެގެން ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. ތިލަމާލޭ ބުރިޖްގެ މަސައްކަތް ވެސް ފެށެނީ އެވެ. ގުޅީ ފަޅުގެ ޕޯރޓު މަޝްރޫޢު ވެސް އަންނަ އަހަރު ފެށެނީ އެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި އިންޑިއާގެ އެހީގައި ޕާކެއް ހަދައިދޭނެ ކަމުގައި ވެއެވެ. ސްޕޯރޓްސް މިނިސްޓްރީން ބޭނުންވާ ދަނޑުތައް އިންޑިއާގެ އެހީގައި ހަދައިދެ އެވެ. ފުލުހުން ތަމްރީނު ކުރާނެ މަރުކަޒެއް އިންޑިއާގެ އެހީގައި ހަދައިދެެއެވެ. ރަށެއްގެ ސްކޫލު ކުދިން އެެހެން ރަށަކަށް ސްކޫލަށް ދާން އިންޑިއާ އިން ލޯންޗެއް ހަދިޔާކުރި އެވެ. ކުޅުދުއްފުއްޓާއި އިންޑިއާ އާއި ދެމެދު ބޯޓުދަތުރުކުރަން ވަނީ ފަށާފަ އެވެ. އިންޑިއާ އިން އެތެރެކުރާ މުދާ އިންޑިއާ ފައިސާ ދީގެން އެތެރެކުރެވޭނެ މަގު ތަނަވަސް ވަނީ ކަމުގައި ވެއެވެ. އިންޑިއާގެ އަސްކަރީ ލަޝްކަރެއް ރާއްޖޭގައި އެބައޮތެވެ. އެ ލަޝްކަރުގައި ހިމެނެނީ ކިތައް މީހުންކަން އެނގެނީ ހަމައެކަނި ދެ ސަރުކާރަށެވެ. އެއީ ސިއްރެކެވެ. ހަނިމާދޫ އެގްރިކަލްޗަރ ރިސަރޗް ސެންޓަރ ތަރައްޤީ ކުރުމަށް އިންޑިއާ އިން އެހީވެ ދެއެވެ. އައްޑު އަތޮޅުގައި ވަނީ ބައިވަރު މަޝްރޫޢުތައް ފަށައިފަ އެވެ. މީގެ އިތުރަށް މުދައްރިސުން ތަމްރީނު ކުރުމާއި ކަސްޓަމްސްގެ މުއައްޒަފުން ތަމްރީނު ކުރުމާއި، އިލެކްޝަން ކޮމިޝަންގެ މުއައްޒަފުން ތަމްރީނު ކުުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް އިންޑިއާ އިން އެހީތެރިވެއެވެ.

ޢިއްޒަތްތެރި މިނިސްޓަރެވެ. އެއްވެސް އެދުމެއް ނެތި އިންޑިއާ އިން އަޅުގަނޑުމެންނަށް މިދޭ އެެހީ ތަކަށް އަޅުގަނޑުމެން ހާދަ ޝުކުރުވެރިވަމެވެ. އެކަމަކު ސިކިމް އަށް ވީގޮތް ހިތަށް އަރާފައި އަޅުގަނޑުގެ މޭގަޑު ތެޅިގަނެއެވެ. އަޅުގަނޑުމެން ހާދަ ބިރެއް ގަނެއެވެ.