Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

"މަރޭ"ގެ މަރާއެކު އެ ނިމިދިޔައީ ޒުވާން ދުވަސްވަރުގެ ހަނދާންތަކުގެ ބޮޑުބައެއް

ރޭގައި އަޅުގަނޑަށް ހަޤީޤަތުގައިވެސް ރޮވުނެވެ. އިވުނު ހިތާމަވެރި ޚަބަރާއެކު މީހާ އެކީ ހުއްޓުން އެރިއެވެ. އެއިރު އިނީ ރަޙްމަތްތެރިންތަކަކާއެކު އުފާވެރި މާޙައުލެއްގައެވެ. ލިބުނު ޚަބަރާއެކު މޫޑު މުޅިން ގޯސްވެ، މޮޅިވެރިކަން އިޙްސާސްވިއެވެ. އެ ހިސާބުން ވަގުތުން ގެއަށް އެނބުރި އައީއެވެ. ގެއަށް އައިސް ނިންމަން ޤަސްދުކޮށްގެން ހުރި އެތަކެއް މަސައްކަތެއް މޭޒުމަތީގައި ފުނިޖެހިފައިވެސް ހުއްޓެވެ. އޭގެ ތެރޭގައި، މި ކޮލަމަށް މިއަދު ފޮނުވަން ޤަސްދުކޮށްގެން ހުރި ލިޔުންވެސް ހިމެނެއެވެ.

އެއިން އެއްވެސް ކަމަކަށް އެނބުރެން ހަމަ މޫޑެއް ނެތެވެ. އިތުރު ކަމަކާމެދު ވިސްނަން ދަތިވިއެވެ. ހަނދާނަށް ތަކުރާރުކޮށް ވެރިވަމުން އައީ އެންމެ ޒުވާން ދައުރުގެ އެތަކެއް އުފާވެރި މަންޒަރުތަކެކެވެ. އެ ހިސާބުން ޤަސްދުކުރީ، ދެބައިކުޅަ އެއްބަޔަށް ލިޔެފައި އޮތް ކޮލަމް އެހެން ދުވަހަކަށް ބާއްވާފައި، އެ ހަނދާންތައް ތިޔަ ބޭފުޅުންނާ ޙިއްޞާކުރާށެވެ. އެއީ، ކިޔުންތެރިންގެ ތެރޭގައިވެސް އަޅުގަނޑު ފަދަ ގިނަ ބޭފުޅުންތަކެއް ތިއްބަވާނެކަން ޔަޤީންވާތީއެވެ. އަޅުގަނޑަށް ކުރެވުނު ފަދަ އިޙްސާސްތަކެއް ކުރެވުނު ބޭފުޅުން ތިއްބަވާނެކަން ޔަޤީންވާތީއެވެ.

ދުވަހަކީ 22 ޖޫން 1986 އެވެ. އުމުރުން 10 އަހަރުގެ ކުއްޖަކު ވިސްނަމުންދިޔައީ އެންމެ ކަމަކާމެދު އެވެ. މައިންބަފައިންގެ އަމުރަކާ ޚިލާފަށް ކަމެއް ކުރުމަށެވެ. އެ ދުވަހު އެ ކުއްޖާ ދިޔައީ ލޮލުރޯގާގެ ސަބަބުން ގޭގައި އޮވެ، ފަރުވާ ލިބެމުންނެވެ. އެހެންކަމުން، އެކުއްޖާއަށް ޓީ.ވީ ބެލުން އޮތީ ބައްޕަ މުޅިން މަނާކުރައްވާފައެވެ. އެކަމަކު، އެރޭ ދަންވަރު ޓީ.ވީ ބަލަން އެކުއްޖާ ހުރީ ކެތް މަދުވެފައެވެ. ބޮޑުވެ ހަރު މީހަކަށް ވީއިރުވެސް ބައްޕަގެ ވިދާޅުބަސްފުޅަކަށް ނުކިޔަމަންތެރިވީ ކުއްޖެއް ނޫނެވެ. އެހެން ނަމަވެސް، އެރޭ އޭނާ ޤަސްދުކުރީ އެފަދަ ކަމެއް އަލަށް ކުރުމަށެވެ. އެހެންކަމުން، ގޭގެ އެންމެން ނިދީމައި، ސިއްރުސިއްރުން ސިޓިންގްރޫމަށް ވަދެ، ޓީ.ވީ އެޅުވީއެވެ. އަދި، ވޮލިއުމް ކަނޑާލައިގެން ޝައުޤުވެރިކަމާއެކު އިނީ ޓީ.ވީ ބަލާށެވެ.

ދައްކަމުންދިޔައީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް ވާލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކޯޓަރފައިނަލްގެ މެޗެކެވެ. ކުޅުނީ އިނގިރޭސިވިލާތާއި އޭނާ އެރޭ ސަޕޯޓުކުރި އާޖެންޓީނާއެވެ. ހަޤީޤަތުގައި އޭނާ އެންމެ ކުޑައިރުއްސުރެ ސަޕޯޓުކުރާ ޓީމަކީ އިޓަލީވިލާތެވެ. އެހެން ނަމަވެސް، އެ މެޗުގައި އޭނާ ތާއީދުކުރަމުންދިޔައީ އާޖެންޓީނާއަށެވެ. އަދި، ހަމަ އެވާލްޑް ކަޕުގައި އިޓަލީވިލާތާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައިވެސް އޭނާ ފޯރިއާއެކު ސަޕޯޓުކުރަމުންދިޔައީ އާޖެންޓީނާއަށެވެ. ސަބަބަކީ، ކުޅިވަރުގައި އޭނާގެ އެންމެ ބޮޑު އައިޑަލް އަދި ދުނިޔޭގައިވެސް އޭނާ އެންމެ ތާއީދުކުރާ ޝަޙްސިއްޔަތު އެދުވަހު އާޖެންޓީނާގެ ޖާޒީގައި ކުޅެމުންދިއުމެވެ. އެޓީމުގެ ކެޕްޓަން، ޖާޒީ ނަންބަރު 10، ޑިއޭގޯ އަރްމަންޑޯ މެރަޑޯނާއެވެ. އޭނާ ލޯބިވާ މަރޭ އެވެ.

ވާދަވެރި މެޗެއްގައި، 51 ވަނަ މިނިޓުގައި ހިނގި ހާދިސާއެއް ކުޅިވަރުގެ ދުނިޔެ ސިއްސުވާލިއެވެ. މެރަޑޯނާ ގޯލެއް ޖެހިއެވެ. ނަމަވެސް، އެގޯލު ޖެހީ އޭނާގެ އަތުންނެވެ. އިނގިރޭސި ކުޅުންތެރިން ގޯލް އޭރިއާ ތެރޭގައި ރެފްރީ ވަށާލައިގެން ޝަކުވާ ކުރަމުންދިޔައިރު، މެރަޑޯނާ ދިޔައީ އޭނާގެ އެކުވެރިންނާއެކު ދަނޑުގެ އެއް ފަރާތުގައި އުފާފާޅުކުރަމުންނެވެ. އެއްކަލަ ކުޑަ ކުއްޖާވެސް ދިޔައީ ކޮޓަރިތެރޭގައި އުފަލުން ފުމެ، ދުވަމުންނެވެ. އަތުން ޖެހިއަސް އޭނާއަކަށް ފަރުވާއެއް ނެތެވެ. ރެފްރީ ނިންމީ ގޯލެއް ކަމަށެވެ. އޭގެ ފަހުން، ބައްޕަމެން ހޭލަފާނެތީ ގަތް ބިރުން، އިތުރަށް އަޑުގަދަނުކޮށް އަނެއްކާވެސް މެޗު ބަލަން އިށީނދެއްޖެއެވެ.


އޭގެ ދެތިން މިނެޓު ފަހުން އޭނާއަށް ފެނުނު މަންޒަރުތަކުގެ ސަބަބުން، އެކުއްޖާގެ މުޅި ޙަޔާތް ބަދަލުވިއެވެ. އޭނާ މުޅިން ހައިރާންވެ، އަޖާއިބުވެ، އާޝޯޚްވެއްޖެއެވެ. އަދި، ފުޓުބޯޅައަށާއި ކުޅިވަރަށް މުޅި އުމުރަށް ލޯބި ޖެހިގެންދިޔައެވެ.

އެއީ، އާޖެންޓީނާގެ ދެވަނަ ގޯލެވެ. ހަޤީޤަތުގައި އެއީ އާޖެންޓީނާގެ ގޯލެކޭ ދެންނެވޭކަށްވެސް ނެތެވެ. އެއީ މެރަޑޯނާގެ ގޯލެކޭ ދެންނެވުން މާ އައުލާކަން ބޮޑެވެ. އެހެނީ، އޭނާ އެ ގޯލު ޖެހީ ޓީމުގެ އެހެން އެއްވެސް ކުޅުންތެރިއެއްގެ އެހީތެރިކަމެއް ނެތިއެވެ. އެކަނިމާއެކަންޏެވެ. އަމިއްލަ ހާފު ތެރެއިން ލިބުނު ބޯޅަ ހިފައިގެން، އިނގިރޭސި މިޑްފީލްޑް، ޑިފެންސް ލައިން އަދި ކީޕަރުވެސް ހުށިޔާރުކަމާއި ހަލުވިކަމާއެކު ކަޓުވާފައި ޖެހި ތާރީޚީ ގޯލަކީ ހުސްވި ޤަރުނުގެ އެންމެ މޮޅު ގޯލުކަމަށް ފަހުން އޮތީ ހޮވިފައެވެ.


އެ ހިސާބުން އެކުއްޖާގެ އުފާފާޅުކުރުން ކޮންޓްރޯލެއް ނުކުރެވުނެވެ. އަޑުގައި ނެތް ތަނަށް 'ގޯލް' އޭ ގޮވާ ހަޅޭލަވައިގަނެވުނެވެ. އަދި، އުފަލުން ފުމެން ފެށުމާއެކު، ބައްޕަމެން ހޭލައިގެން އަތުވެއްޖެއެވެ. ބައްޕަ ނުރުހުމުގައި އެއްޗެއް ވިދާޅުވާން ޖާގަވެސް ނުދީ، މެޗު ނިމެންދެން ބަލަން އިނުމަށް ހުއްދަ ދެއްވުމަށް ކުއްޖާ އާދޭސްކުރަންފެށިއެވެ.

ޓީ.ވީ އާ ތަންފުކެއް ދުރުގައި އިނުމަށް ބައްޕަ އެންގެވިއެވެ. އަދި، ޖެހިފައިވާ ލޮލޮރޯގާއާއެކު ރަތްވެފައިވާ ދެލޮލަށް ބައްލަވާލައްވާ، ބޯ ހޫރާލެއްވިއެވެ. އެއަށްފަހު އެންގެވީ، މާ ލަސްނުކޮށް ނިދުމަށެވެ. ދަރިފުޅުގެ މޫނުމަތިން ފެނުނު އުފާވެރިކަމުގެ ޝުއޫރުގެ ސަބަބުން ކަމަށް ވެދާނެއެވެ. ހުއްދަ ދެއްވިއެވެ.

ބައްޕައަކީ ދުވަހަކުވެސް ފުޓުބޯޅައަށް ޝައުޤުވެރިކަން ބެހެއްޓެވި ބޭފުޅެއް ނޫނެވެ. ނަމަވެސް، ކުޅިވަރަށް އަޅުގަނޑު އަބަދުވެސް ބަހައްޓަމުންއައި ޝައުޤުވެރިކަމަށް ދުވަހަކުވެސް ހުރަހެއް ނާޅުއްވައެވެ.

އެއީ އިންޓަރނެޓްގެ ޒަމާނެއް ނޫނެވެ. ކޭބަލް ޓީ.ވީގެ ޒަމާނެއްވެސް ނޫނެވެ. އެހެންކަމުން، މިއަދާ ޚިލާފަށް ބޭރު ދުނިޔޭގެ ޚަބަރުތައް، އަދި ވަކިން ކުޅިވަރު ޚަބަރުތައް، ލިބޭނީ ވަރަށް މަދުންނެވެ. ބައްޕައަކީ އެއިރު ސަރުކާރު އެކި މަސައްކަތްތަކުގައި ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އާދައިގެ މަތިން، ބޭރަށް ވަޑައިގަތުމުގެ ކުރިން އައްސަވާނެއެވެ. ދަރިފުޅަށް ހަދިޔާއަކަށް ގެނެސްދޭންވީ ކޮން އެއްޗެއްހެއްޔެވެ؟ އަޅުގަނޑު އަބަދުވެސް ދަންނަވަމެވެ. ފުޓުބޯޅަ މެގެޒިންއެކެވެ. މެރެޑޯނާގެ ޕޯސްޓަރެކެވެ. ނުވަތަ ޖާރޒީއެކެވެ. އެހެން ނޫންނަމަ، އޭނާ އަރާ ބާވަތުގެ ޕޫމާ ބޫޓެކެވެ. ފުޓުބޯޅައާއި މެރަޑޯނާއާ ގުޅޭ ކޮންމެ އެއްޗެއް ލިބުނަސް އުފަލުން ފޮޅެއެވެ.

ލޮލު ރޯގާއަށްފަހު އެނބުރި ސްކޫލަށް ދިއުމުން، އެކުވެރިންނާއެކު ދެވަނަ ވާހަކައެއް ދެއްކުމެއް ނޯވެއެވެ. އެންމެންގެ ތުންމަތީގައި އޮންނަނީ 'މަރޭ' ގެ މޮޅުކަމުގެ ވާހަކައެވެ. ސްކޫލު ނިމުމަށްފަހު އެކުވެރިންނާއެކު ކުޅެން ދަނީ ގޭކައިރީގައި އޮންނަ އެއިރުގެ 'އޮށްގާ ގްރައުންޑް' އަށެވެ. އެއީ މާފަންނު ހިއްކި ހިސާބަށް ކިޔާ ނަމެކެވެ. މިއަދުގެ އެކުވެނި ދަނޑެވެ. އެތާނގައިވެސް އޮންނަނީ މަރޭގެ ހުނަރުތައް ދަސްކުރުމެވެ. އޭނާ ކޮއްޓާގޮތެވެ. އޭނާ ހިލޭޖެހުން ޖަހާގޮތެވެ. ގޯލެއް ޖަހާފައި، އޭނާ އުފާފާޅުކުރާ ގޮތެވެ. އެތާނގައި ކުޅޭ ކޮންމެ ދިހަ މީހެއްގެ ތެރެއިން ނުވަ މީހުންގެ ބުރިކަށީގައި އޮންނަނީ ނަންބަރު 10 ޖަހާފައެވެ. މެރަޑޯނާގެ ސަޕޯޓަރުންނެވެ.

ފުޓުބޯޅައަކީ އަދިއަދާ ހަމައަށްވެސް ދިވެހިންގެ ލޭގައި ހިނގާ ޚާއްޞަ ޝައުޤުވެރިކަމެކެވެ. މިއަދު މެސީއާއި ރޮނަލްޑޯއަށް ޒުވާނުން ސަޕޯޓުކުރާ ފަދައިން، އެއިރުގެ އެންމެ ހިނގާ ތަރިއަކީ ހަމަ ގައިމުވެސް މެރަޑޯނާއެވެ. މިއަދުވެސް ވަގުތު ވީވަރަކުން އަޅުގަނޑު ފުޓުބޯޅަ ބަލަމެވެ. ފޯނުގައި ސްކޯ އެޕްއެއްވެސް އަޅާފައިވާނެއެވެ. ދިވެހިންގެ ވަރަށް ގިނަ ބަޔަކު އިނގިރޭސި ޕްރެމިއަރ ލީގު ޝައުޤުވެރިކަމާއެކު ބަލާ ފަދައިން، އަޅުގަނޑު ބަލާ ލީގަކީ އިޓަލީގެ ސެރިއޭ އާ އެވެ. އެކަން ފެށިގެންއައި ހިސާބު ދަންނަވަން އިނގެއެވެ. އެއިރު މެރަޑޯނާ ކުޅުނު ނާޕޮލީއަށް ކުރި ތާއީދެވެ.

މެރަޑޯނާއަށް ކުރާ ތާއީދު ޒަމާނާއެކު ބަދަލު ނުވާކަން އަމިއްލައަށް އިޙްސާސްކުރެވުނު ހާދިސާއެއް ދަންނަވާލާނަމެވެ. ކުރިން ދެންނެވި ފަދައިން، އަބަދުވެސް ސަޕޯޓު ކުރާ ބައިނަލްއަޤްވާމީ ޓީމަކީ އިޓަލީވިލާތެވެ. ނަމަވެސް، 2010 ވަނަ އަހަރުގެ ވާލްޑް ކަޕުގައި އަޅުގަނޑަށް ތާއީދު ކުރެވުނީ އަނެއްކާވެސް އާޖެންޓީނާއަށެވެ. މެސީގެ ސަބަބުންނެއް ނޫނެވެ.

މެސީއާއި ރޮނާލްޑޯއާ ދެމެދު ގޮތެއް ނިންމާ އިރު، އަޅުގަނޑަކީ އަބަދުވެސް ރޮނާލްޑޯއަށް ބުރަވެވޭ މީހެކެވެ. މެސީގެ ސަޕޯޓަރުންގެ އަރިހުން މާފަށް އެދޭ ޙާލު މިކަން އިޢްތިރާފުވަމެވެ. އެ އަހަރުގެ ވާލްޑް ކަޕުގައި އަޅުގަނޑު އާޖެންޓީނާއަށް ސަޕޯޓު ކުރީ ޓީމުގެ ކޯޗުގެ ސަބަބުންނެވެ. ކޯޗަކަށް އެފަހަރު ހުރީ މެރަޑޯނާއެވެ.

މިއަދު އަޅުގަނޑުގެ ހިތަށް ވެރިވެފައިމިވާ މޮޅިވެރިކަމަކީ، އަޅުގަނޑުމެންގެ ޖީލުގެ ގިނަ ބައެއްގެ ހިތްތަކަށް ވެރިވެފައިވާ މޮޅިވެރިކަމެކެވެ. އިއްޔެ މަރުވެގެން އެ ދިޔައީ އަޅުގަނޑުމެންގެ ޒުވާން ދުވަސްވަރުގެ ގިނަގުނަ ފޮނި ހަނދާންތަކެއް އެމީހަކާ ގުޅިފައިވާ ޚާއްޞަ ފަރާތެވެ.

ފުޓުބޯޅަ ދަނޑުން ބޭރުން މެރަޑޯނާއަކީ ނަމޫނާ ޝަޚްސިއްޔަތެއް ނޫނެވެ. މަސްތުވާތަކެއްޗާއި މަނާ ބޭސް ފަދަ ގިނަ ނޭދެވޭ އާދަތެއްގެ ވެރިއެކެވެ. އަޚްލާޤީ ފެންވަރު ދަށް މީހެކެވެ. އުޅުން ރަނގަޅު މީހެއް ނޫނެވެ.

އަޅުގަނޑު ފަދަ އޭނާއަށް ސަޕޯޓުކުރާ މީހުންނަށް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވޭނެއެވެ. އަޅުގަނޑުމެންނަށް ފެންނާނީ އޭނާގެ ހުނަރެވެ. ފުޓުބޯޅައެއް ފައިޖެހޭ ހިސާބުގައި އޮންނަ އިރު އޭނާ ދައްކާ ޖާދުލެވެ. ދަނޑުގައި މެރަޑޯނާ ނެރޭ ނަތީޖާއެވެ.

ކުރިން ދަންނަވާލި ފަދައިން، މިއަދުގެ ޖީލުތަކުގެ މެދުގައި އޮންނަނީ މެސީތޯ ނުވަތަ ރޮނާލްޑޯތޯ، މި ބަހުސެވެ. އަޅުގަނޑުމެންގެ ޖީލުގައި އޮތީ މެރަޑޯނާތޯ ނުވަތަ ޕެލޭތޯ، މިބަހުސެވެ. އަޅުގަނޑަކީ އަބަދުވެސް މެރަޑޯނާ މީހަކީމެވެ.

އޭނާގެ މަރުގެ ޚަބަރު ވެގެންދިޔައީ، އިސްވެ ދެންނެވި ގިނަގުނަ އުފާވެރި ހަނދާންތައް އާވެގެންދިޔަ، ނަމަވެސް އޭގެ ސަބަބުން ހިތާމަވެރިކަން ގެނުވި ޚަބަރަކަށެވެ. މަރުވެގެން އެދިޔައީ، އެމީހެއްގެ ސަބަބުން އަޅުގަނޑުގެ ހިތުގައި ކުޅިވަރަށް ޝައުޤުވެރިކަން އުފެދިގެންދިޔަ މީހާއެވެ. އަޅުގަނޑުގެ ނަޒަރުގައި ދުވަހަކުވެސް އެ ފެންވަރުގެ ކުޅުންތެރިއެއް ދެނެއް ނުއުފެދޭނެއެވެ. އެއީ އަޅުގަނޑުގެ ޤަބޫލުކުރުމެވެ. ސަޕޯޓަރެއްގެ ވިންދެވެ. އަޅުގަނޑަށް މަރޭ ވަނީ ހަމަ ނަންބަރު އެކަކަށެވެ. އޭނާ މަރުވެދާ ފަހުންވެސްމެއެވެ.