Support Us

ކޮލަމް: ދޭހަ

ޖޭ.އެސް.ސީގެ މަސައްކަތަށް ބަލައިލުމެއް  

ޖޫޑިޝަލް ސަރވިސް ކޮމިޝަނުން (ޖޭ.އެސް.ސީ) މިހާރު ކުރަމުން ގެންދާ ބައެއް މަސައްކަތަކީ ޤާނޫނުއަސާސީން، އެ ކޮމިޝަނުން ކުރުމަށް ޙަވާލު ކުރެވިފައިވާ މަސައްކަތުގެ އިތުރު މަސައްކަތެއް ބާވައެވެ؟ ނޫން ނަމަ އެއަށް ވުރެ އިތުރަށް ނުވަތަ ފުޅާކޮށް މަސައްކަތް ކުރެވެނީ ބާވައެވެ؟ މިހާރު ކުރަމުން ގެންދާ ބައެއް މަސައްކަތަކީ ފަހުން ޤާނޫނަކުން ދެވުނު ބާރެއްގެ ދަށުން ކުރާ މަސައްކަތަކަށް ވިޔަސް އެވެ. ޖޭ.އެސް.ސީ.ން ޖޫޑިޝަރީ އަށް ގެނެވުނު ބައެއް އިޞްލާޙީ ބަދަލުތަކުން މިނިވަން ޖޫޑިޝަރީއެއްގެ ހުޅުކޮޅު ރޯވެއްޖެހެން ހީވާން ފަށައިފި އެވެެ. މި ހުޅުކޮޅު ކަނިވިޔަނުދީ ބޮޑު ކުރުމަށް ކިހާ ދުވަހަކު ސަރުކާރުން ހިފަހައްޓާ ލެވޭނެ ބާވައެވެ؟ ބައެއް މުއައްސަސާ ތަކުން އިމުން ބޭރުން ކުރަމުން އައިސްފައިވާ ކަންތައްތައް އެ ގޮތަށް ނުކުރެވޭނެ ކަމަށް ބުނުމުން، އެ ތަންތަނަށް މަސައްކަތް ކުރުމަށް ދަތިވާނެ ކަމަށް ޝަރީޢަތުގެ މަޖިލީސްގައި ވެސް ބައެއް ވެރިން ބުނެފައި ވެއެވެ. ނެތް ހުއްދަ ހޯދުމަށް ރައްޔިތުންގެ މަޖިލީސް އަށް ދިއުމުގެ ވިސްނުމެއް އޮތްހެނެއް ހިއެއް ނުވެއެވެ. ޤާނޫނުއަސާސީގައި ބުނާ ގޮތުން ޖޭ.އެސް.ސީގެ މައިގަނޑު މަސައްކަތަކީ ފަނޑިޔާރުންނަށް ވަޒީފާ ދިނުމާއި، ޤާނޫނު ބުނާ މިންގަނޑެއްގެ ތެރެއިން އެ މީހުން ވަޒީފާ އިން ވަކިކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމެވެ.

ޖޭ.އެސް.ސީގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ރާއްޖޭގެ ޤާނޫނީ ރޮނގު ބަލަހައްޓަވާ އިސް ބޭފުޅުންކަން ވެސް އެނގެއެވެ. މީގެ ކުރިން ޖޭ.އެސް.ސީގައި ތިއްބެވީ ވެސް ހަމަ އެ ރޮނގު ބެލެހެއްޓެވި އިސް ބޭފުޅުންނެވެ. އެ ބޭފުޅުންގެ ނިންމެވުންތަކާއި، މުޅި ޝަރުޢީ ދާއިރާގެ ނިންމުންތަކާ މެދު ޢާއްމު ރައްޔިތުންގެ ތެރޭގައި ވަރަށް ބަހުސް ކުރެވުނެވެ. އެއް ކަމަކާ ބެހޭ ގޮތުން އެކި ފަހަރު އެކި ގޮތަށް ނިންމޭ ކަހަލަ ކަންކަމާ ހުރެ އެވެ.

ބާރު ލިބުމުން ވަރަށް ގިނަ މީހުންގެ ވިސްނުން ބަދަލުވެއެވެ. ބާރު ލިބުމަކީ މީހާގެ ޙަޤީޤީ ފެންވަރު ދައްކައިދޭ ކަމެކެވެ. ގިނަ ފަހަރަށް އެކަން ވަޒަންކުރެވޭނީ އެކީގައި އުޅޭ މީހުންނަށެވެ. ނުވަތަ ރައްޓެހިންނަށެވެ. އަޅުގަނޑުގެ ނަޒަރުގައި ސިޔާސީ ބާރަކީ ވެސް ޑުރަގް ކަހަލަ އެއްޗެކެވެ. ބާރުގެ ރަހަ ލިބުމުން އިތުރު ބާރު ބޭނުންވެއެވެ. ބާރު ލިބެން އޮތް ތަނަކުން ދޫކޮށްލާކަށް ބޭނުމެއް ނުވެއެެވެ. މިކަހަލަ ކަންތައްތައް މިހެން އޮންނައިރު ޤާނޫނީ ރޮނގުގެ މައި ފާރަވެރިން ތިބޭ މަޖިލީހެއްގައި ވެސް އެ މަޖިލީހަށް ލިބިފައި އޮންނަ ބާރަށް ވުރެ އިތުރު ބާރުގެ ބޭނުން ކުރުމަކީ މުސްތަޙީލު ކަމެކޭ ބުނުމަކީ ރަނގަޅު ވިސްނުމަކަށް ނުވެ ހިނގައިދާނެ އެވެ.

ޖޭ.އެސް.ސީގެ ބެލެނިވެރިކަމުގެ ދަށުގައި، މުސްތަޤިއްލުކޮށް ހިންގުމަށް އޮންނަ ޑިޕާރޓްމެންޓް އޮފް ޖޫޑިޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތެއް ކަމުގައި އޮންނަނީ ކޯޓުތަކަށް ބޭނުންވާ އިދާރީ ކަންތައްތައް ހަމަޖައްސައިދިނުމެވެ. އެއީ ބަޖެޓާ ގުޅޭ ކަމެއް ކަމުގައި ވިޔަސް ނުވަތަ މުއައްޒަފުން ހޯދުމާ ބެހޭ ކަމެއް ކަމުގައި ވިޔަސް ނުވަތަ މަސައްކަތް ކުރުމުގެ ޖާގައާ ބެހޭ ކަމެއް ކަމުގައި ވިޔަސް ނުވަތަ ތަކެތި ހޯދުމާ ބެހޭ ކަމެއް ކަމުގައި ވިޔަސް އެވެ.

އުއްތަމަ ފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ ޖޫޑިޝަލް ކައުންސިލްގެ ބައްދަލުވުން ތަކުން ނިންމަވަނީ ސީދާ ޝަރީޢަތާ ބެހޭ މައްސަލަތަކެވެ. މިސާލަކަށް ދަންނަވާނަމަ މައްސަލަތައް ބަލައިގަންނާނެ މިންގަނޑުތަކާއި، ބަލައިނުގަނެވޭނެ މައްސަލަތަކުގެ ގިއުގަނޑު އެކުލަވާލުމާއި، އެއް ބާވަތެއްގެ މައްސަލަތައް ނިންމުމުގައި އެއް ގޮތެއް ގެންގުޅެވޭތޯ ބެލުމާއި، މައްސަލަތައް ނިންމުމަށް ނަގާނެ އެންމެ ދިގު މުއްދަތެއް ނިންމުން ފަދަ ކަންތަކެވެ.

ޤާނޫނުއަސާސީ އެކުލަވާލި މުޞަންނިފުންގެ މި ރޭވުމަށް ބަލާލާއިރު، މަސައްކަތް ކުރެވިފައި ވަނީ، ޖޫޑިޝަރީ އަކީ މިނިވަން މުސްތަޤިއްލު ތަނަކަށް ހެދުމަށެވެ. ޝަރީޢަތް ކުރުމާ ބެހޭ އެއްވެސް ކަމެއްގައި ޝަރީޢަތް ކުރާ މީހުން ނޫން އެހެން މީހުންނަށް ނުބެހެވޭ ގޮތަށެވެ. އަދި ޝަރީޢަތް ކުރާ މީހުން ހަމައެކަނި އެކަމަށް ހުސްކޮށް ބޭތިއްބުމަށެވެ. އިދާރީ ބޮލުގެ ރިހުންތައްވެސް އެހެން ބަޔަކު ބަލަހައްޓާ ގޮތަށެވެ. އެ މީހުންގެ ވަޒީފާއާ ގުޅޭ ކަންތައްތަކާއި ސުލޫކީ މައްސަލަތައް ވެސް އެ މީހުންނާ ނުބައްސާ އެހެން ފަރާތަކުން ކުރާ ގޮތަށެވެ. އެހެންނަމަވެސް ހަމައެކަނި ލިއުމަކުން ޖޫޑިޝަރީ މިނިވަންތަނަކަށް ނުހެދޭނެ އެވެ. ޖޫޑިޝަރީގެ ތަފާތު ކަންތައްތައް ބަލަހައްޓަން ހަވާލު ކުރެވިފައިވާ ފަރާތްތަކުން އިޚްލާޞްތެރިކަމާ އެކު، ޤާނޫނުއަސާސީގައި ބަޔާން ކުރެވިފައި އޮތް ގޮތަށް އެ ތަޞައްވުރަށް މަސައްކަތް ނުކުރެވޭ ކަމުގައި ވަނީ ނަމަ ހޯދަން ބޭނުންވާ، ރައްޔިތުންގެ އިތުބާރު، ޖޫޑިޝަރީ އަށް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ފަހަކަށް އައިސް ވަރަށް ގިނަ ސިޔާސީ ވިސްނުންތެރިން ޖޭ.އެސް.ސީ އެކުލަވާލެވިފައި އޮތް ގޮތާ މެދު ހިތްޕުޅު ހަމަނުޖެހިގެން ވާހަކަ ދައްކަވަމުން ގެންދަވައެވެ. އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތުގައި ޖޭ.އެސް.ސީ މާ ސިޔާސީ އެވެ. ތެދުފުޅެކެވެ. އެ ނަޒަރުން ބަލައިލާއިރު ވަރަށް ސިޔާސީ އެވެ. ޖޭ.އެސް.ސީގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް އިންނަވައެވެ. މަޖިލީހުގެ މެމްބަރަކު އިންނަވައެވެ. ރައީސް ޢައްޔަނު ކުރައްވާ މެމްބަރަކު އިންނަވައެވެ. އެޓަރނީ ޖެނަރަލް އިންނަވައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އިންނަވަ އެވެ. ސުޕްރީމް ކޯޓާއި އެކި މަރުޙަލާ ތަކުގެ ކޯޓުން ހޮވާ މަންދޫބުން ތިއްބަވަ އެވެ. ޤާނޫނީ ވަކީލުންގެ ފަރާތުން ހޮވާ ބޭފުޅަކު ވެސް އިންނަވަ އެވެ. ރައްޔިތުންގެ ތެރެއިން އަމިއްލަ އަށް އެދިގެން ހޮވޭ މެންބަރެއް ވެސް އިންނަވައެވެ. އަނެއް ނަޒަރުން ބަލާލަމާތޯއެވެ. ވަކި ފަރާތަކަށް ނުޖެހޭ ނަޒަރަކުންނެވެ. ތަމްސީލު ކުރާ (ރެޕްރެޒެންޓެޓިވް) ކުރާ ނަޒަރުންނެވެ. މި ގޮތަށް އެކުލަވާލެވިފައި އޮތް މަޖިލީހަކުން، ޑެމޮކްރަސީއާ އިދިކޮޅު، ރައްޔިތުންނަށް ނަފާނުވާނެ ގޮތަކަށް ކަމެއް ނިންމާނެ ތޯއެވެ؟ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ކޮމިޝަނުގައި އިންނަވަނީ ހިންގުމާ ބެހޭ ކަންކަމުގައި އޭނާގެ ޚިޔާލު ދެއްވާށެވެ. ތަފާތު މުއައްސަސާތަކާއި ގިންތީ ތަކުގެ މަންދޫބުން ތިއްބަވަނީ ކޮމިޝަނުގައި ހިނގާ ކަންތައްތައް އެ ތަންތަނަށް އެނގުމަށެވެ. ކޮމިޝަނުން ކުރާ ކަންތައްތަކުގައި އެ ތަންތަނަށް ފެންނަ ގޮތް، އެތަނުގެ މަންދޫބު މެދުވެރިކޮށް އެންގުމަށެވެ. ކަންކަމާ މެދު އެ ތަންތަނަށް ފެންނަ ގޮތް އެންގުމަށެވެ. ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން، ކޮމިޝަނަށް ހުށައެޅޭ ކަންކަމާ މެދު އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތް ކޮންމެވެސް ސަބަބަކާ ހުރެ، ކޮމިޝަނުގައި ހާމަ ނުކުރައްވާ ކަމުގައި ވަނީ ނަމަ، އެކަން ހައްލު ކުރެވޭނީ ކިހިނެއްތޯއެވެ؟ ކޮމިޝަނު އެކުލަވައިލެވިފައި އޮތް ގޮތް ބަދަލުކުރުމަށް ވަކާލާތު ކުރައްވާ ބައެއް ބޭފުޅުން ބޭނުންފުޅު ވަނީ ޝަރުޢީ ދާއިރާގައި ނުވަތަ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެއް އޮތުމަށެވެ. އެއިރުން ކޮމިޝަން ސިޔާސީ ކޮމިޝަން އަކަށް ނުވާނެ އެވެ. ކޮމިޝަން ވާނީ ޒާތީ ކޮމިޝަން އަކަށެވެެ. މި ކަމުގައި ފެންނަން ހުރި މިސާލަކީ މީގެ ކުރީގެ ސަރުކާރު ތަކުގައި ސުޕްރީމް ކޯޓުގެ އަތްގަދަ ކޮށްގެން ކުޅުނު ރޯލެވެ. އިމުން ބޭރުންނެވެ. ކޯޓުތަކަށް ގެނެވުނު ބަދަލުތަކެވެ.

ޖޭ.އެސް.ސީ ޖޫޑިޝަރީގެ ތެރެއަށް ވަދެ މާ ބާރު ގަދަ ކުރަނީ ކަމުގައި ދެކެވޭ ވާހަކަ ތަކުގެ ކޮންމެވެސް ޙަޤީޤަތެއް ވެސް އެބައޮތެވެ. ޖޭ.އެސް.ސީން ކިތަންމެ ހަލުއިކޮށް ކިތަންމެ ބޮޑު އިޞްލާޙެއް ގެނައުމަށް ބޭނުން ވިޔަސް އެ އިޞްލާހެއް ގެންނަން ވާނީ ޤާނޫނު އަސާސީ މިހާރު ދައްކާފައި އޮތް މަގުންނެވެ. ޖޭ.އެސް.ސީގެ މިހާރުގެ މަސައްކަތަކަށް ވާން ވާނީ ފަނޑިޔާރުން ޢައްޔަނު ކުރުމާއި ވަކިކުރުމެވެ. އަދި ފަނިޑިޔާރުންގެ ސުލޫކީ މިންގަނޑު ބެލުމެވެ. ފިޔަވަޅު އެޅުމެވެ. ފަނޑިޔާރު ގޭގައި، ޝަރީޢަތް ކުރުމާ ބެހޭ ގޮތުން ކަންތައްތައް ހިނގާނެ ގޮތް ނިންމުން އުއްތަމަ ފަނޑިޔާރުގެ ޖޫޑިޝަލް ކައުންސިލް އަށް ދޫކޮށްލެވެންވީއެވެ. އިދާރީ ހިންގުން ޖޫޑިޝަލް އެޑްމިނިސްޓްރޭޝަން އަށެވެ. މި ސަރުކާރުގައި، ހިންގުމުގެ ތަޖުރިބާ އެންމެ ބޮޑަށް ލިބިވަޑައިގެންފައިވާ މިނިސްޓަރަކު ދާދި ފަހުން އޭނާގެ މިނިސްޓްރީއާ ބެހޭގޮތުން ވިދާޅުވި ފަދައިން، ޖޭ.އެސް.ސީ ވެސް ވާންވާނީ ޤަވައިދު ހަދާ ތަނަކަށެވެ. ތަންފީޒީ މަސައްކަތްތައް ކުރާނީ ތަފާތު ތަންފީޒީ އިދާރާ ތަކުންނެވެ. ކުރީ ޒަމާނުގައި މިނިސްޓްރީ އޮފް ޖަސްޓިސް އިން މަސައްކަތްކުރި ގޮތަށް، ޖޭ.އެސް.ސީން މަސައްކަތް ކުރަން ބޭނުން ކަމަށް ވާނަމަ ޤާނޫނުއަސާސީ އަށް އެ ބަދަލު ގެނައުމަށް އިޞްލާޙް ކުރެވެންވީ އެވެ. ވެރިކަމުގައި އޮވެގެން އިދިކޮޅު ޕާޓީއެއްހެން މަސައްކަތް ކުރާ ޕާޓީން، ބޭނުން އެއްޗެއް ބޭނުން ގޮތަކަށް މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ފާސް ކުރެވޭނެ އެވެ. ފާސް ނުކޮށް ކުރެވެންޏާ، ފާސް ކުރުމުގެ މާ ބޮޑު ބޭނުމެއް ވެސް ނުއޮންނާނެ އެވެ.