Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

ސަރުކާރު ޚިދްމަތުގެ ފުރަތަމަ ދުވަސްތަކުގެ ހަނދާންތައް – 2

ކުކުޅަށްވުރެ ބިސް ދޮށިވުމޭ ބުނެވޭ އަޑު އަޅުގަނޑުވެސް އައީ އަހަމުންނެވެ. ހަރުބަހެކެވެ. އިބްރަތެކެވެ. މިކަން އަޅުގަނޑަށް ފިސާރެ ރަނގަޅަށް ތަޖުރިބާކުރެވުނެވެ. ތިރީގައި މިވަނީ އަޅުގަނޑު 1999 ގައި ސަރުކާރުގެ ޚިދްމަތް ފެށި ދުވަސްކޮޅުގެ ހަނދާނެކެވެ. ދިރިއުޅުމުގައި ކުރިއަށްދިޔައީ އެއިރު ލިބުނު މިފަދަ ގިނަގުނަ ފިލާވަޅުތަކުގެ އެހީއާއެކުއެވެ.

އަޅުގަނޑުގެ ސަރުކާރު ޚިދްމަތް ފެށިގެންދިޔައީ އާދަޔާޚިލާފު ގޮތަކަށެވެ. މާސްޓަރސް ޑިގްރީ ހެދީ އެންވަޔަރަންމެންޓަލް ޕޮލިޓިކްސްގެ ދާއިރާއިންނެވެ. ޑިސަޓޭޝަން ލިޔުނީ ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ދިވެހިރާއްޖެއިން ގެންގުޅުނު ސިޔާސަތުތަކުގެ މައްޗަށެވެ. މި ދިރާސާއަށް ބޭނުންވާ މަޢްލޫމާތު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނެވެ.

އެއްކަމަކަށް، އެއިރު ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނެވި ދާއިމީ މަންދޫބުގެ އޮފީހަށް ދިގު ލިސްޓެއްގެ މަޢްލޫމާތު ހިމަނައި ސިޓީ ލިޔުނީމެވެ. އެތަނުން ގިނަ މަޢްލޫމާތުތަކެއް ދެއްވިއެވެ. ބޭނުންތެރި އެތަކެއް ލިޔުމެއްގެ ކޮޕީ ޙިއްޞާކުރެއްވިއެވެ. އެއިރު އެތާނގައި ހުންނެވި ޙުސައިން ޝިހާބަށް، އެކަން ފަހިކޮށްދެއްވި ކަމަށްޓަކައި، ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.

އެއަށްފަހު އެދުނީ ބައެއް މުހިންމު ބަސްދީގަތުމަށެވެ. ބިރު ކަނޑާލާފައި ސިޓީ ލިޔުނީ އެއިރުގެ އެންވަޔަރަންމަންޓް މިނިސްޓަރ އިސްމާޢީލް ޝަފީޢު އަށެވެ. އަދި، ޚުދު ރައީސް މައުމޫނަށްވެސްމެއެވެ. ތިމާވެށީގެ ސިޔާސަތު ބައްޓަންކުރެއްވުމުގައި އެދުވަސްވަރު ރާއްޖޭގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ދެ ޝަޚްސިއްޔަތަށެވެ.

ފުރަތަމަ ބައްދަލުވީ މިނިސްޓަރާއެވެ. އަޅުގަނޑު ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވުމަށްފަހު އެމަނިކުފާނު އެދިވަޑައިގަތީ ޑިގްރީ ނިންމުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓްރީގައި ޚިދްމަތްކުރުމަށެވެ. އެއިރުވެސް އަޅުގަނޑު ވިސްނަމުންދިޔައީ ދެވަނަ ޑިގްރީ ނިމުމަށްފަހު އެނބުރި ޤައުމަށް އައިސް ސަރުކާރުގައި މަސައްކަތް ކުރާށެވެ. އިނގިރޭސިވިލާތުގައި ދެމިހުރުމަށް ލިބެމުންދިޔަ ވަޒީފާގެ ފުރުޞަތުތަކަށް އިޖާބައެއް ނުދެމެވެ. މުސާރައަކަށް ނުބަލަމެވެ. އެއް އިރެއްގައިވެސް ބޭރުގައި ދިރިއުޅެން ކުޑަވެސް ޝައުޤުވެރިކަމެއް ނުހުރެއެވެ. އުންމީދުކުރަމުންދިޔައީ ދަސްވި އެއްޗެއްގެ ހެޔޮ ބޭނުން ހިފާ، ޤައުމަށް ޚިދްމަތް ކުރުމަށެވެ. އެހެންކަމުން، އެމަނިކުފާނުގެ ހުށަހެޅުއްވުމަށް އާނބަސް ދިނީމެވެ. ކިޔަވައި ނިމުމުން މިނިސްޓްރީގައި ޚިދްމަތްކުރަން އަންނާނެ ކަމަށް ދެންނެވީމެވެ.

ވިދިގެން އައި ހަފުތާގައި ރައީސް މައުމޫންގެ އެޕޮއިންޓްމަންޓް ލިބިއްޖެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަޅުގަނޑު ވަތް ފުރަތަމަ ދުވަހެވެ. އެއިރު ރައީސް އޮފީސް ހިންގަމުންދިޔަ މުލީއާގެއަށެވެ. މެޙްމާނުންގެ ކޮޓަރިއެއްގައި ގަޑިއެއްހާއިރު ބޭންދުމަށްފަހު، މުވައްޒަފަކު އައިސް މަޢްލޫމާތު ދިނީ އެޕޮއިންޓްމަންޓް ކެންސަލްވެއްޖެ ކަމަށެވެ. ރައީސް މާ ބިޒީކޮށް އުޅުއްވާތީ ކަމަށެވެ. އެހެންކަމުން، ފުރަތަމަ ދުވަހު ފައިންޕުޅު ފެންނަގޮތެއް ނުވިއެވެ.

އެވަގުތު މާލެ އައިސް ހުރީ ޗުއްޓީގައެވެ. އެނބުރި އިނގިރޭސިވިލާތަށް ދާންޖެހޭ ވަގުތުވެސް އައީ ކުޑަތަންވަމުންނެވެ. އެހެންކަމުން، ރައީސްގެ ބަސްދީގަތުން ނުލިބިދާނެތީ ހިސާބަކަށް ހާސްވިއެވެ. އަދި ކުޑަކޮށް ދެރަވެސްވިއެވެ. މިހާރުގެ އާދަކާދައިގެ މަތިން، އަޅުގަނޑު އެދެމުންއައި ބައްދަލުވުން، އޮންނަ ރަސްމީ އުޞޫލުން ބޭރުން، އަވަސްކުރެވޭނެ މަގެއްވެސް އޮތެވެ. ކުޑަ އިރުއްސުރެ އެންމެ ގާތް ރަޙްމަތްތެރިންގެ ތެރޭގައި އެމަނިކުފާނުގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވާތީއެވެ. އޭނާއާ ގުޅާފައި ބައްޕާފުޅުގެ ފައިންޕުޅު ދެކެން ބޭނުން ކަމަށް ދަންނަވާލަން ބައެއް މީހުން ލަފާދިނެވެ. ނަމަވެސް، އަޅުގަނޑު އެކަން އެގޮތަކަށް ނުކުރަމެވެ. ޒަމީރު ޤަބޫލެއް ނުކުރިއެވެ. އޮންނަ އުޞޫލުން ކުރިއަށްގޮސް، އެކަން ހަމަޖެހޭތޯ ބަލަން، އެނބުރި އިނގިރޭސިވިލާތަށް ދިއުން ތަންފުކެއް ލަސްކޮށްލީއެވެ.

ނަސީބަކުން، ރައީސްގެ ބަސްދީގަތުން ދެވަނަ ދުވަހަކަށް ތާވަލުވާން މާ ލަހެއްނުވިއެވެ. އެދުވަހު މަޑުކުރާކަށްވެސް ނުޖެހުނެވެ. ވެއްދިގޮތަށް ގެންދިޔައީ ރައީސް މައުމޫންގެ އަރިހަށެވެ. އަދި، ބަސްދީގަތުމަށް ރައީސް ވަރަށް ގިނަ ވަގުތުވެސް ދެއްވިއެވެ. އުމުރުން އެއިރު 21 އަހަރެވެ. ޢާންމު ހާލަތެއްނަމަ، ޤައުމެއްގެ ރައީސަކާ ބައްދަލުވާ ފުރަތަމަ ދަނޑިވަޅުގައި ކޮންމެވެސް ވަރަކަށް ހާސްވެ، ފިނިވެ، ޖެހިލުންވާނެތާއެވެ. ނަމަވެސް، ރައީސް މައުމޫނަކީ އެންމެ ކުޑައިރުއްސުރެ އަޅުގަނޑާ ބައްދަލުވަމުން އަންނަ އަދި ވަރަށް ގާތުން ފެނިފައިވާ ބޭފުޅަކަށްވީތީ، ހާހެއް ނުވެއެވެ. އެއީވެސް ޣައްސާންގެ ރައްޓެއްސެއްގެ ހައިސިއްޔަތުން އެގެއަށް ވަދެ އުޅޭތީއެވެ. އަދި ޢާއިލީގޮތުން ރަޙްމަތްތެރިކަން އޮންނާތީއެވެ.

ބަސްދީގަތުމަށްފަހު، ރައީސް މައުމޫން ވިދާޅުވީ ރައީސް އޮފީހުގައި ތިމާވެށްޓާ ގުޅޭ ޚާއްޞަ ބައެއް ނުހުންނަ ކަމަށެވެ. ފޮރިން ރިލޭޝަންސް ސެންޝަނުން އެ މަސައްކަތް ކުރަމުން އަންނަނީ ކަމަށެވެ. ނަމަވެސް، ތިމާވެށްޓަށް އެމަނިކުފާނު ދެއްވާ ސަމާލުކަމުގެ ބޮޑުކަމުން، ވަކި ޔުނިޓެއް ޤާއިމުކުރައްވަން ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. އަދި، އެ ޔުނިޓް ޤާއިމުކޮށް، އެތަނުގެ ވެރިއެއްގެ ހައިސިއްޔަތުން ޙަވާލުވުމަށް ރައީސް އޮފީހަށް ވަންނަން އަޅުގަނޑަށް ދައުވަތު ދެއްވިއެވެ.

އެ ދަނޑިވަޅުގައި ހިތަށް އެރިއެވެ. މިނިސްޓަރ ޝަފީއުއަށް ވަޢުދުވެވިފައިވާކަމެވެ. އެހެންކަމުން، އިޙްތިރާމާއެކު އެވާހަކަ ރައީސަށް ދަންނަވާލީމެވެ. އެމަނިކުފާނު ހިނިފުޅުވަޑުވާލެއްވިއެވެ. އަދި، ވިދާޅުވިއެވެ. މިނިސްޓަރ ޝަފީއުއަށް އެ ވާހަކަ ދަންނަވާނެ ކަމަށެވެ. ބޮޑަށް މުހިންމީ ރައީސް އޮފީހުގެ މަސައްކަތް ކަމަށެވެ. އެކަމާ ކަންބޮޑުނުވެ، ރައީސް އޮފީހަށް އަންނަން ތައްޔާރުވާންވީ ކަމަށެވެ.

އެހެންކަމުން، އޭގެ ހައެއްކަ މަސް ފަހުން، ޑީގްރީ ނިމުމާއެކު، ރައީސް އޮފީހަށް ވަނީއެވެ. ދެއްވީ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަޤާމެވެ. އަދި، ފުރަތަމަ ދުވަހު އޮފީހަށް ހާޒިރުކޮށް، އަޅުގަނޑާ މަސައްކަތް ޙަވާލުކުރައްވާ، އިރުޝާދު ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް މުޙައްމަދު ޙުސައިން އެވެ. އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުގެ ޔުނިޓް ޤާއިމުކުރެވޭނީ ފޮރިން ރެލޭޝަންސް ސެކްޝަން (އެޗް-ސެކްޝަން)ގައި ކަމަށާއި، އެތަނުގެ ވެރިންނާ ބައްދަލުކޮށް ތަޢާރަފުވާންވީ ކަމަށެވެ. އެތާނގައި އެއިރު އިސްކޮށް ތިއްބެވީ ޢާއިޝަތު މުނާ އަދި އިބްރާހީމް ނާޝިދެވެ. އެބޭފުޅުންނާ އެދުވަހު ސަލާމްކޮށް ތަޢާރަފުވީމެވެ. އެހިސާބުން އަޅުގަނޑު ގެންދިޔައީ އައި.ޑީ ކާޑު ޔުނިޓަށެވެ. ފޮޓޯ ނަގާ، އޮފީހުގެ ފާސް ހެއްދުމަށެވެ. ސަރުކާރުގެ ޚިދްމަތުގެ ނަންބަރު އެދުވަހު ލިބުނެވެ. އަދިވެސް އެ ނަންބަރު ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ 31176 އެވެ. އަދި އެ ތާރީޚު ކަމަށްވާ 21 ސެޕްޓެމްބަރު 1999 އަކީ ހަޔާތުގައި އަބަދުވެސް ފާހަގަކުރަމުން އަންނަ ޚާއްޞަ ދުވަހެކެވެ.

ވިދިގެން އައި ދުވަހު، އަނެއްކާވެސް އޮފީހަށް އައިސްދިނުމަށް ސްޓޭޓް މިނިސްޓަރ މުޙައްމަދު ޙުސައިން އެދިވަޑައިގަތެވެ. އަދި، ރަސްމީގޮތުން މަސައްކަތް ފެށުމަށް ތައްޔާރުވެގެން އައުމަށް އެންގެވިއެވެ. އެދުވަހު އޮފީހަށް ހާޒިރުވުމުން އަނެއްކާވެސް ގެންދިޔައީ ސްޓޭޓް މިނިސްޓަރުގެ ކޮޓަރިކޮޅަށެވެ. އެދުވަހު އެމަނިކުފާނު ވިދާޅުވީ، އެންވަޔަންމަންޓް ޔުނިޓް ޤާއިމުކުރުމަށް ރޭވިފައިވާ ގޮތް ކުއްލިއަކަށް ބަދަލުވެފައިވާ ކަމަށެވެ. އަޅުގަނޑުގެ ޔުނިޓު އުފައްދަވަނީ ޑިވެލޮޕްމަންޓް އެފެއާޒް ސެކްޝަން (ޖީ-ސެކްޝަން)ގައި ކަމަށެވެ. އަދި، ސަބަބެއް ކަމުގައި ވިދާޅުވީ އެޗް–ސެކްޝަން ހިންގަވަން ތިއްބެވި މުނާ އަދި ނާޝިދަކީވެސް އެސިސްޓެންޓް ޑިރެކްޓަރުން ކަމަށްވީތީ، އެއް މަޤާމެއްގެ ތިން މީހުން އެއްތާކު ތިބެން ރައީސް އެދިވަޑައިނުގަންނަވާތީ ކަމަށެވެ.

ޖީ-ސެކްޝަނަށް އަލަށް ވަދެވުނު ދުވަހު އެތާނގައި ތިއްބެވި ބޭފުޅުން އަޅުގަނޑާމެދު ވަރަށް ހެޔޮކޮށް ހިތްތެވިއެވެ. އެދުވަހު އަޅުގަނޑާ ބައްދަލުކުރެއްވީ ފާޠިމަތު ނަސީރާ، ޢައްބާސް ޝަރީފް، އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް، ސުދުނާ އަބޫބަކުރު، އާރިފާ އިބްރާހީމް އަދި އާމިނަތު ތަހުމީނާއެވެ. އާރިފާ ވަނީ ނިޔާވެފައެވެ. މަންމައެއް ފަދަ ހިތްހެޔޮ ބޭފުޅެކެވެ. އޭނާގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަމެވެ.

އެދުވަސްކޮޅު އޮފީހުގައި އަޅުގަނޑުގެ އެންމެ ގާތް ދެ ރައްޓެހިންނަށް ވެގެންދިޔައީ ޙަލީމް އަދި ޢައްބާސްއެވެ. ސައިބޯން ވަޑައިގަންނަވާނީ އަޅުގަނޑު ގޮވައިގެންނެވެ. އެހެން މުވައްޒަފުންނާ ރަޙްމަތްތެރިވީ އެ ދެބޭފުޅުން މެދުވެރިކޮށެވެ. އޮފީހުގެ ވައްޓަފާޅި ދަސްކޮށްދެއްވީވެސް ޚަލީމް އަދި އައްބާސް އެވެ. މިއީ މީގެ ވިހި އަހަރު ކުރީގެ ހަނދާންތަކެވެ. ދެ ބޭފުޅުންވެސް އޭގެ ފަހުން ވަރަށް ކާމިޔާބު ޚިދްމަތްތަކެއް ޤައުމަށް ކޮށްދެއްވިކަން އުފަލާއެކު ފާހަގަކުރަމެވެ. ޢައްބާސް ވަނީ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި، ޙަލީމް ވަނީ ދައުލަތުގެ ބޮޑެތި ބައެއް ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައެވެ. ދެ ބޭފުޅުންނަށް އުފާވެރި ދުވަސަތަކަކަށް އަބަދުވެސް އެދެމެވެ.

ޖީ-ސެކްޝަންގެ ވެރިއަކަށް ހުންނެވީ ޑިރެކްޓަރ ޖެނެރަލް ނާހިދު ޢަލީ އެވެ. ވަރަށް ގިނަ ކަންކަމުގައި ނަސޭހަތް ދެއްވި، އަޅުގަނޑު ވަރަށް އިޙްތިރާމްކުރާ ބޭފުޅެކެވެ. އެހެން ނަމަވެސް، އަޅުގަނޑު ޚިދްމަތް ފެށި ދުވަސްވަރު އެކަމަނާ ރާއްޖޭގައި ވަޑައިގެން ނޫޅުއްވައެވެ. ހުންނެވީ ޢާއިލީ ޒިންމާގެ ޗުއްޓީއެއްގައެވެ. އެހެންކަމުން، އަޅުގަނޑު މަސައްކަތް ފެށީ ސެކްޝަން ހިންގުމުގެ ޒިންމާއާއެކުއެވެ. ޔުނިޓުގެ އިތުރުންނެވެ.

މިއޮތީ ތަޖުރިބާ ލިބެން ފަށާފައެވެ. ފުރަތަމަ ދުވަހުން ފެށިގެންނެވެ. ސެކްޝަންގެ ބޭފުޅުންނާ ތަޢާރަފުވުމަށްފަހު މާ ލަސްތަކެއް ނުވަނީސް ކުއްޖަކު އައީ ފޮތް ބޮނޑިއެއް ހިފައިގެންނެވެ. ހައެއްކަ މޮނީޓަރު ފޮތް އަޅުގަނޑުގެ މޭޒުމަތީގައި ބަހައްޓާފައި ބުނީ އޭގައި އޮންނާނީ އޮފީހުގެ ޤަވާއިދުތައް ކަމަށެވެ. ރަނގަޅަށް ކިޔާ، ހިތުދަސްކުރުމަށްފަހު، ކޮންމެ ފޮތެއްގެ ފަހު ގަނޑުގައި އޮންނަ ތަނެއްގައި ސޮއި ކުރުމަށެވެ. އޭގައިވާ އެއްޗެއް ރަނގަޅަށް އޮޅުންފިލައިފިކަން އިޤްރާރުވުމަށެވެ.

މި ހިސާބުން އިތުރު ވާހަކައެއް ދަންނަވާލަން އެބަޖެހެއެވެ. އަޅުގަނޑު އެދުވަހު މަސައްކަތް ފެށިއިރު އަތުގައި އިނގިރޭސިވިލާތުން ނެގި ދެ ޑިގްރީ އޮތަސް، ދިވެހި ބަސް އެންމެ ފަހުން ކިޔެވީ ގްރޭޑް 5 ނިމެންދެނެވެ. އެހިސާބުން 1989 ގައި އަޅުގަނޑު ހިޖުރަކުރީ އަވަށްޓެރި ސްރީލަންކާއަށެވެ. އޯ-ލެވެލް އަދި އޭ-ލެވެލްވެސް ހެދީ އެތާނގެ ދެ ސްކޫލެއްގައެވެ. އެހެންކަމުން، ސަރުކާރަށް ވަތްއިރު ދިވެހި ބަހަށް ވަރަށް ކޮށިވާނެއެވެ.

ހަޤީޤަތުގައި އޮފީހަށް ނުކުތްއިރު ހުރީ އެކަމާ ވަރަށް ބިރުގަނެ، ޖެހިލުންވެފައެވެ. އިވިފައިވާ އަޑުތަކުގެ ސަބަބުންނެވެ. ރައީސް މައުމޫނަކީ ބަހުގެ ޢިލްމަށް ވަރަށް ކުޅަދާނަ ބޭފުޅެއްކަން ދިވެހިންނަށް އެނގޭނެއެވެ. އޭގެ އިތުރުން، އޮފީހުގައި ތިއްބެވި އެހެން ވެރިންނަކީވެސް ދިވެހި ބަހާއި އަދަބިއްޔާތުގެ ކުންނުގައި ތިއްބެވި ބޭފުޅުންނެވެ. އެހެންކަމުން، އަޅުގަނޑުގެ ފެންވަރު އެހާ ދަށްވީމައި އޮފީހުން ކަނޑާލަފާނެ ކަމަށް ހުރީ ވަރަށްވެސް ބިރުންނެވެ.

އެދުވަހު ޙަވާލުކުރި ޤަވާއިދު ފޮތްތައް ކިޔަންވެސް ލައްކަ ވަގުތު ނެގިއެވެ. އަދިވެސް ކިޔާ ނުނިމޭތޯ އެކި ބޭފުޅުން އައްސަވާލެއްވުމާއެކު، ގިނަ އިރު ނަގަނީ ރަނގަޅަށް ކިޔާ ދަސްކުރުމަށް ކަމަށް ދެންނެވީމެވެ.

އޭގެ އެތައް އަހަރެއް ފަހުން، ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސް މައުމޫން ވިދާޅުވި ވާހަކަފުޅެއް އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. ދެއްކެވި ވާހަކަފުޅެއްގައެވެ. ވިދާޅުވީ ގިނަ ބަޔަކަށް އަޅުގަނޑު އެނގެނީ އިނގިރޭސިބަހަށް ކުޅަދާނަ މީހެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، އަޅުގަނޑަކީ އެމަނިކުފާނުގެ ގިނަ ލިޔުންތަކެއް ތަރުޖަމާކުރާ މީހަކަށްވީތީ، ދިވެހި ބަހަށްވެސް ވަރަށް ފަރިތަ މީހެއް ކަމަށެވެ.

ރައީސް އޮފީހުގައި ހޭދަކުރި ދުވަސްތަކުގައި އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދިނީ ދިވެހި ބަހުގެ ޤަވާއިދުތައް ދަސްކޮށް، ދިވެހިން މުޢާމަލާތުކުރުމުގެ ހުނަރު ތަރައްޤީކުރުމަށެވެ. އަދި، ތާނައިން ޓައިޕްކުރުން އަވަސްކުރުމަށް ވެސްމެއެވެ. ބަހުގެ ހުނަރު ރަނގަޅުވީ އެއިރު އޮފީހުގެ އިސް އެއް ބޭފުޅެއް ކަމުގައިވާ މުޙައްމަދު ޞާދިޤްގެ އިރުޝާދާއެކުއެވެ. އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ދައުމައާއި ޘަވާބު މިންވަރުކުރެއްވުންއެދި ދުޢާކުރަމެވެ. ބައްދަލުވި އެންމެ ހިތްޕުޅުހެޔޮ އެއް ބޭފުޅެކެވެ.

އަވަހަށް ޓައިޕްކުރަން ފަރިތަވީ އެކުވެރި ފާޠިމަތު ރަޝީދާއާއި ޢާއިޝަތު ޒުނައިރާގެ އެހީތެރިކަމާ އެކުއެވެ. މި ދެބޭފުޅުންނަކީ މިއަދުވެސް ރާއްޖޭގައި ތާނައިން ޓައިޕްކުރަން އެންމެ ފަރިތަ ދެ ބޭފުޅުންކަން ކަށަވަރެވެ. އެއިރު އަޅުގަނޑާއެކު ރައީސް އޮފީހުގައި އުޅުއްވި ދެ ބޭފުޅުންނެވެ.

ދަންނަވަމުންދިޔަ ވާހަކައަށް އެނބުރިލާނަމެވެ. ކިޔަން ޙަވާލުވީ ޤަވާއިދު ފޮތްތަކުގެ ވާހަކައެވެ. އޭގައި އޮތް އެއްޗެއްވެސް ދަންނަވާލަން ބޭނުންވާތީއެވެ. ކޮންމެއަކަސް، ފޮތްތައް ގެނައި ކުއްޖާ ބުނި ފަދައިން، އޭގައި އޮތީ އެތައް ޤަވާއިދެކެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގެ ޤަވާއިދެވެ. އޮފީސް މާޙައުލުގައި ޢަމަލުކުރަންވީ ޤަވާއިދެވެ. އޮފީހުން ބޭރުގައި އަމަލުކުރަންވީ ޤަވާއިދެވެ. ހެދުން އަޅަންޖެހޭ ޤަވާއިދެވެ. މުޢާމަލާތު ކުރުމުގެ ޤަވާއިދެވެ. ލިޔެކިއުމުގެ ޤަވާއިދެވެ. ހިނގާބިނގާ އުޅުމުގެ ޤަވާއިދެވެ. އިދާރީ މަސައްކަތުގެ ޤަވާއިދެވެ. އިޖްތިމާއީ އަދަބުތަކުގެ ޤަވާއިދެވެ. ޤަވާއިދަކަށްފަހު ޤަވާއިދެވެ.

މިޤަވާއިދުތައް ކިޔަން ފެށުމުން ފާހަގަވީ އެއްކަމެއް ދަންނަވާލާނަމެވެ. އޭގައި އޮތީ ހައްތަހާވެސް ނުކުރެވޭނެ ކަންކަމެވެ. މަނާ ކުރެވިފައިވާ ކަންކަމެވެ. އެދެވިގެންނުވާ ކަންކަމެވެ. އެކަމެއް ކުރުމުން ކުށްވެރިވާނެ ކަންކަމެވެ. އަދި، ނުކުރެވޭނެ ކަމެއް ކޮށްފިނަމަ، އަދަބު ލިބޭނެ ކަންކަމެވެ. ހުރިހާ ފޮތްތައް ކިޔައިގެންވެސް ކުރެވޭނެ ކަމެއް، ހުއްދަކަމެއް ނުފެނުނެވެ.

ޖީންސް ނުލެވޭނެކަމެވެ. ބޯ ދިގު ނުކުރެވޭނެކަމެވެ. ބޮލުގައި ޖެލް ނުލެވޭނެކަމެވެ. ނައިލޯނު ފައިވާނަށް ނޭރޭނެ ކަމެވެ. ގިރުވާން ނުލާ ޓީޝާޓް ނުލެވޭނެކަމެވެ. ސައިހޮޓަލަކަށް ނުވަދެވޭނެކަމެވެ. ވަނަން ނުގެންގުޅެވޭނެކަމެވެ. ވަނަން ލިޔެފައި ލިޔެކިޔުން ބަދަލުނުކުރެވޭނެ ކަމެވެ. ރަތް ގަލަމުން ނުލިޔެވޭނެ ކަމެވެ. އިނގިރޭސިން ނަމަ 'ޓައިމްސް ނިއު ރޯމަން' ނޫން ފޮންޓަކުން ޓައިޕް ނުކުރެވޭނެކަމެވެ. ތާނައިން ނަމަ 'ފަރުމާ' ނޫން ފޮންޓަކުން ޓައިޕް ނުކުރެވޭނެ ކަމެވެ. ހުންނަންވާނީ 13 އިގެ ފޮންޓް ސައިޒް ކަމެވެ. 'ޑަބަލް ލައިން ސްޕޭސިންގް' ހުންނަންވާނެ ކަމެވެ. ގޯތިތެރޭގައި ދުވެފައި ނުދެވޭނެކަމެވެ. ހިނގާފައި ދަނިކޮށް ތިމާއަށްވުރެ އިސް ވެރިއަކު ވަޑައިގަންނަވާތަން ފެނުމުން އިސްދަށަށް ޖަހަން ޖެހޭނެކަމެވެ. ސަލާމް ގޮވާލަންވާނެ ކަމެވެ. ފުރަތަމަ ދަރަޖައިގެ ބަހުރުވައިން މުޙާޠަބުކުރަންވާނެ ކަމެވެ. ލިފްޓެއްގައި ހުއްޓާ ވެރިއަކު ވެދެވަޑައިގަތުމުން، ވިދިގެން އަންނަ ފަންގިފިލާއިން އޭގެން ފައިބަންވާނެ ކަމެވެ. އަޑުގަދަ ނުކުރެވޭނެކަމެވެ. ފާޚާނާއަށް ދަމުން ވެރިއެއްގެ ހުއްދަ ހޯދަންވާނެ ކަމެވެ. އަމިއްލަ މަސައްކަތެއް ކޮމްޕިއުޓަރުން ނުކުރެވޭނެކަމެވެ. އެއްވެސް އަމިއްލަ ވިޔަފާރިއެއް ނުކުރެވޭނެކަމެވެ. ޕާޓް-ޓައިމް މަސައްކަތް ހުއްދަ ނުހޯދާ ނުކުރެވޭނެކަމެވެ. ހުއްދަ ނެތި ކުޅިވަރު ނުކުޅެވޭނެކަމެވެ. ޗުއްޓީއެއްގައި ވިއަސް ފުރައިގެން މާލެއިން ބޭރަށް ދެވޭނީ ހުއްދަ ހޯދައިގެން ކަމެވެ. ވިލިނގިލީގައި އުޅޭ މުވައްޒަފެއް ނޫންނަމަ، އެރަށަށް ދާން ފެރީއަށް އަރަމުން އޮފީހުގެ ހުއްދަ ހޯދަންވާނެ ކަމެވެ. އަލަށް އޮފީހަށް ވަންނައިރު ފުރިހަމަ މުސާރަ ލިބޭނީ 'ޓްރޭނީ' ކަމުގެ ތިން މަސް ހަމަވުމުން ކަމަށެވެ. 'ޓްރޭނީ' ކަން ކެނޑޭނީ ސެކްޝަންގެ ވެރިޔާ ރުހިވަޑައިގެން އެގޮތަށް އެންގެވުމުން ކަމެވެ. ރޭގަނޑު 11 ގެ ފަހުން މަގުމަތީގައި އުޅުމަކީ މަނާކަމެއް ކަމެވެ. މިއީ ހަނދާނުގައި ހުރި ބައެއް ކަންކަމެވެ. ހައެއްކަ މޮނީޓަރު ފޮތް ފުރެންދެން ޤަވާއިދު ލިޔެފައި އޮންނަ އިރު، އޭގެ އަދަދު ތިޔަ ބޭފުޅުންނަށްވެސް އަންދާޒާކޮށްލެއްވޭނެއެވެ. ހިތަށް އެރިއެވެ. މިތާނގައި ކިހާ ދުވަހަކު ހިފަހައްޓާލެވޭނެބާވައެވެ؟

ވިދިގެން އައި ހަފުތާގައި އަޅުގަނޑަށް އެންގީ މޯނިންގ މީޓިންގ އަށް ހާޒިރުވުމަށެވެ. އެއީ ހަފްތާއަކު އެއްފަހަރު އޮންނަ ވެރިންގެ މީޓިންގ އެވެ. އެތަނަށްގޮސް ހަމަޖެހިފައިވާ ގޮނޑީގައި އިށީނދެލީމެވެ. ވިއްސަކަށް ބޭފުޅުން ދިގު މޭޒުގެ ދެފަރާތުގައި ތިއްބެވިއެވެ. މޭޒުގެ އެއްކޮޅުން ރިޔާސަތުގައި އިންނެވީ ރައީސް މައުމޫނެވެ. ކަނާތްޕުޅު ފަރާތުގައި ރައީސް އޮފީހުގެ މިނިސްޓަރ ޢަބްދުﷲ ޖަމީލެވެ. ވާއަތްޕުޅު ފަރާތުން އެންމެ ގާތުން އިންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް މުޙައްމަދު ޙުސައިނެވެ. ދެން އެކި ވަރުވަރުގެ ވެރިންނެވެ. ބައެއް ބޭފުޅުން ދަންނަވާލާނަމެވެ. ޢަބްދުﷲ ޝާހިދު، ސައިކުރާ އިބްރާހީމް ނައީމް، މުޙައްމަދު ޞާދިޤް، ޢަބްދުއްޝަކޫރު ޢަލީ، ޢަބްދުލްޤައްޔޫމް ޙަސަން، ޢަބްދުﷲ ޝަރީފް، އިސްމާޢީލް އިބްރާހީމް، މުޙައްމަދު އާސިމް، ޙުސައިން އާމިރު އަދި ފާޠިމަތު މުޙައްމަދު ޞާލިޙް ހިމެނިވަޑައިގަންނަވައެވެ.

މޭޒުގެ އަނެއް ކޮޅުން އެންމެ ދުރުގައި އިނީ ނިކަމެތި އަޅުގަނޑެވެ. ނަމުން ވެރިއަކަސް އެތާއިން އެންމެ ޖޫނިއަރ މީހާއެވެ. ހަމައެކަނި މަޤާމުގެ ގޮތުންނެއް ނޫނެވެ. އެންމެ ފުރަތަމަވެސް ފާހަގަވީ އުމުރުގެ ގޮތުން އަޅުގަނޑު އެމޭޒުގައި ތިއްބެވި ބޭފުޅުންނަށްވުރެ ޅަކަމެވެ. އަޅުގަނޑަށް 22 އަހަރު ވީއިރު، ދެން އެންމެ ޒުވާންވެގެންވެސް ސާޅީހާ ގާތްނުވާ ބޭފުޅަކު ނެތެވެ. އަނެއްކާވެސް ހިތަށް އެރިއެވެ. މިތާނގައި ކިހާ ދުވަހަކު ހިފަހައްޓާލެވޭނެބާވައެވެ؟

(ތިންވަނަ ބައި، އިރާދަކުރެއްވިއްޔާ، އަންނަ ހަފްތާގައި ހުށަހަޅާލެވޭތޯ ބަލާނަމެވެ.)