...

Support Us

ކޮލަމް ކޯދު: ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާއިރު ހަނދާންކޮށްލުން މުހިއްމު ވާހަކައެއް

މިއަދަކީ ވަރަށް ޚާއްސަ މުނާސިބަތެއްގެ ޒިކުރާ އާކުރަމުންދާ ދުވަހެކެވެ. ނޫސްތަކުގައްޔާއި ޚަބަރު ފަތުރާ އިޖުތިމާއީ ވަސީލަތަތްކުގައި މިއަދު ރާއްޖެ އިސްލާންވި ދުވަހުގެ ޒިކުރާ އާކުރަމުން އެބަދެއެވެ. ރާއްޖެ އިސްލާންވި ކަމަށް ބުނަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރަތުގެ ދެވަނަ ދުވަހު ކަމަށް ބެލެވެއެވެ. މި ތާރީޚު ނޫނަސް އެހެން ތާރީޚުތައް ވެސް ރާއްޖެ އިސާލްންވި ތާރީޚު ކަމުގައި ލިޔެވިފައި އޮވެއެވެ. މިގޮތުން 541ވަނަ އަހަރާއި 546ވަނަ އަހަރާއި އަދި 547ވަނަ އަހަރުވެސް ރާއްޖެ އިސްލާންވީ ތާރީޚު ކަމުގައި ލިޔެވިފައި އޮވެއެވެ. މިހެންވާން ޖެހުނު ސަބަބެއްކަމުގައި ހީވަނީ ރާއްޖޭގެ ބޮޑު ބައެއް ވަކި ތާރީޚެއްގައި، އެންމެ ފުރަތަމައިން އިސްލާންވިކަމުގައި ވިޔަސް، މަދު ބަޔަކު، އެމީހުންގެ އިހުގެ ކާބަފައިންގެ ދީނުގައި ހިފަހައްޓައިގެން ތިބިކަމެވެ. މިހެންވެ، މުޅި ރާއްޖެ އެއްކޮށް އިސްލާންވާން 70ވަރަކަށް އަހަރު ނެގިކަމަށް ބުނެވެއެވެ. އަދި، 548 ވަނަ އަހަރަށް އެޅުނު އިރުވެސް، ބައެއް މަދު ރަށްރަށް އިސްލާން ނުވާކަމަށާއި އެ ރަށްތަށް އިސްލާންވީ އޭގެ ވެސް ސާޅީހަކަށް އަހަރު ފަހުންކަމުގައި ބުނެވެއެވެ. އެހެންވެ، 548 ބެލެވެނީ ރާއްޖޭގެ ރަސްގެފާނާއި ރާއްޖޭގެ ބޮޑު ބައެއް އިސްލާމް ދީން ގަބޫލުކުރި ތާރީޚު ކަމުގައެވެ. މިކަމަށްޓަކައި، މިއަދާއި އަދި ކޮންމެ ދުވަހަކުވެސް، އިސްލާން ދީނުގެ ހިދާޔަތް ލިބުނުކަމަށްޓަކައި، އެ ހިދާޔަތް ލިބިގަތް އެންމެންވެސް، އުފާކޮށް، މާތްރަސްކަލާނގެއަށް ޝުކުރުކޮށް ހަމްދުކުރަންޖެހެއެވެ.

ކޮންމެ އަކަސް ރާއްޖެ އިސްލާންވިތާ މިހާރު 894 އަހަރެއްހާ ދުވަސްވީއެވެ. ނުވަސަތޭކަ އަހަރު ފުރިގެން އެއްހާސް އަހަރު ވާންވެސް ކައިރިވީއެވެ. މިހިސާބަށް އައިއިރު، ފާހަގަކޮށްލަން ޖެހޭ މުހިއްމު އެއްކަމެއް މިއަދު ފާހަގަކޮށްލާ ހިތްވެއެވެ.

މިކަން ފާހަގަކޮށްލުމުގެ ކުރިން، އެހެން ކަމެއް ބަޔާންކޮށްލަން ބޭނުމެވެ. ބައެއް މުއައްރިޚުން ފާހަގަކުރައްވާ ގޮތުގައި، ރާއްޖެ އިސްލާންވިއިރު، ތަނުގެ އާންމު ދީނީ ހާލަތުއޮތީ އެފަދަ ބަދަލަކަށް އެދިއެދިއެވެ. އެހާލަތަކީ ކޮބައިކަން އަޅުގަނޑަށް ސާފުކޮށްލެވޭ ގޮތެއް އަދި ނުވެއެވެ. އެކަން ސާފުކޮށް އެނގިލައްވާ ބޭފުޅަކު އެ ހާލަތަކީ ކޮބައިކަން ސާފުކޮށްލަދެއްވުން އެދެމެވެ. އެކަން އަޅުގަނޑަށް ސާފުވެފައި ނެތަސް، އެކަމާ ބެހޭ ގޮތުން، އަމިއްލަ ޚިޔާލެއް ފާޅުކޮށް، ކޮންމެވެސް އެއްޗެއް ބުނެލަން ގަސްދުކުރަމެވެ.

އިސްލާންވުމުގެ ސީދާ ސަބަބުކަމުގައި، އާންމުންގޮތެއްގައި އެންމެން ވެސް، ރަންނަމާރީގެ ވާހަކަ އަޑުއަހައިފައި އޮންނާނެކަމަށް ލަފާކުރެވެއެވެ. ކަނޑުންއަރާ ފުރޭތައަކާއި އެ ފުރޭތައިގެ ނުބައިކަމުން ސަލާމަތްވުމަށްޓައި، ބިކުރުވެރި އަންހެން ކުއްޖަކު ގުރުބާންކުރަން ޖެހެނު ވާހަކައެވެ. މިތާނގައި މިވާހަކައިގެ ތެދުދޮގުގެ މައްޗަށް ބަލާކަށް ގަސްދެއް ނުކުރަމެވެ. ނަމަވެސް، މިވާހަކައިން ދައްކުވައިދޭ އެހެން ކަމެއް އޮތްކަމަށް ފެންނަ ވާހަކަ ބުނެލާހިތް ވެއެވެ. މިކަމުން، ރާއްޖޭގެ އެދުވަސް ވަރުގެ ދީނީ ހާލަތު އޮތް ގޮތް ހާމަވާކަމެވެ. އޭރު ރާއްޖޭގައި އޮތް ބުދު ދީނުގެ ކަންތައްތައް އޮތީ ބޭކާރު ޚުރާފީކަންކަމަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި ކަމެވެ. ރަންނަމާރީގެ އެއް މާނަކުރުމަކީ ހަގީގަތްކަމުގައި ގަބޫލުކުރާ ނަމަ – އެކަމަކީ ބޮޑުން ރާވައިގެން، އެމީހުންގެ ޝަހުވަތުގެ އެދުން ފުއްދުމުގެ ގޮތުން ކުރިކަމެއް ކަމަށް ބަލައިފި ނަމަ – އޭރުގެ ދީނީ އިއުތިގާދު އޮތީ، ދީނުގެ މައިގަނޑު އަސާސުކަމުގައިވާ އަޚުލާގީ ހޭލުންތެރިކަމެއް މީސްތަކުންގެ ކިބައިގައި އުފެއްދުމުގެ ބާރު ނެތިގޮއްސައިކަމެވެ. އަދި ދީނީ އިއުތިގާދުތަކަކީ ފާހިޝްކަންކަން ހުއްޓުވަން ނުކުޅެދިނުމުގެ އިތުރުން، އެފަދަ ކަންކަމަށް މަގުފަހިކޮށް، އެފަދަ ކަންކަން ތަބުރީރުކުރާ ވެސް ކަމެއްގެ ގޮތުގައި ކަމެވެ. މިފަދަ ގޮތަކަށް ކަންތައް އޮތުމުން، އޭރުގައި އޮތް ބުދު ދީނާ މެދު މީހުން މުޅިން ހިތް ހަމަނުޖެހިފައި އޮވެދާނޭކަން ގަބޫލުކުރެވެއެވެ. އޭރުގެ ދީނީ އިއުތިގާދުތަކަކީ 'ފުރޭތައެއް' ބޭރުކުރުމަށްޓަކައި ކުއްޖަކު ގުރުބާންކޮށްލަން މަޖުބޫރުކުރުވުން ހުއްޓުވޭނޭ ފަދަ އަޚުލާގީ ބާރެއް އޮތްކަމަކަށް ނުވިއެވެ. އަދި، ޅަފުރައިގެ ކުއްޖަކު ގަތުލުކޮށްލަން ނުރުހުން ވިޔަސް، ދީނީ އިއުތިގާދު ހުރި ގޮތުން، އާންމު ނުރައްކަލެއް ދިމާވެދާނެ ކަމުގެ ބިރު ގަބޫލުކުރަން ޖެހި، އެކަމުގެ ހަގީގަތެއް ނުބަލައި، ބޮޑުންގެ ބަހަށް ކިޔަމަންތެރިވެ، އެފަދަ ކުއްޖަކު ގަތުލުކޮށްލަން ވެސް ދޫކޮށްލީ ކަމަށް ވެދާނެއެވެ. ކޮންމެ އަކަސް، މިފަދަ ކަންކަން ނުހުއްޓުވޭ ހާލަތެއްގައި ދީނުގެ ކަންތައްތައް އޮތުމުން، އެދުވަސް ވަރުގައި އޮތް ދިނީ އިއުތިގާދުތަކާއި އާންމުންގެ ގިނަ ބަޔަކު ފޫހިވެ، ހެޔޮ ބަދަލަކަށް އެދިއެދި ތިބީ ކަމަށް ވެދާނެއެވެ. އަދި، މި ފަދަ ދަނޑިވަޅެއްގައި އިސްލާން ދީނަށް ދައުވަތު ދޭނޭ ދާއީއަކު، އެއީ ބަރުބަރީގެފާނުކަމަށް ވިޔަސް ނުވަތަ ތަބްރޭޒީގެފާނު ކަމަށް ވިޔަސް ނުވަތަ އަބުއްރިކާބުގެފާނު ކަމަށް ވިޔަސް، އެބޭކަލަކު ރާއްޖެ ވަޑައިގެން އިސްލާން ދީނަށް ދައުވަތު ދެއްވުމުން ރާއްޖޭގެ އެދުވަސްވަރުގެ ރަސްގެފާނު އިސްލާންދީން ގަބޫލުފުޅުކުރައްވައި، ވެރިކަމުގެ ފަރާތުން ރާއްޖެ އިސްލާންކުރުމުގެ މަސައްކަތް ފަށްޓަވައި، މިކަން، ރާއްޖެ އިސްލާންވާން މެދުވެރިވީއެވެ. މިކަން ހިނގިކަމަށް ބުނެވެނީ، ލަފާކުރެވޭ ގޮތުގައި، ހިޖުރައިން 548 ވަނަ އަހަރު ރަބީއުލް އާޚިރަތު މަހުގެ ދެވަނަ ދުވަހުއެވެ.

މިނުކުތާ ފާހަގަކޮށްލުމުގެ ބޭނުމަކީ، އެއްވެސް ސަބަބެއް ނެތި، ހަމައެކަނި ވެރިޔެއްގެ އަމުރުފުޅަކަށް، ބަޔަކު އެދީނެއްގެ މަތީގައި އެތައް ދުވަހެއް ވަންދެން ތިބި ދީން، ދޫކޮށްލުން އެހާ ފަސޭހަކަމަކަށް ނުވާނެކަން ބަޔާންކުރުމަށެވެ. އަދި، އެހެންވެ، ކާބަފައިންގެ އިހުގެ ދީން ދޫކޮށްލުމަށް، މަތީގައި ދެންމެ ބަޔާންކުރި ފަދަ، ސަބަބުތަކެއް އޮންނާނޭކަން ފާހަގަކުރުމަށެވެ. މިފަދައިން ކަންތައްވެ ދިޔުމަށްޓަކައި، އެދުވަސްވަރު ރާއްޖެ އޮންނާނެ ކަމަށް ލަފާކުރެވެނީ ރޫހާނީއްޔަތުގެ ކަރުހިތްކައިގަތުމެއްގެ ތެރޭގައެވެ. ކުރީގައި އެ ދީނެއްގެ މަތީ ތިބި ދީނުން، އެކަރުހިތްކައި ގަތުން ނުފުއްދިފައި އޮތް ހާލަތެއްގައެވެ. ދެންމެ ބަޔާންކުރެވި ދިޔަފަދައިން، އޭރުގައި ރާއްޖޭގައި އޮތް ދީން އޮންނާނީ ކީރިތި ގުރުއާނުގެ އިބާރާތެއް ބޭނުންކުރާ ނަމަ، 'الدين القيم' (އަޚުލާގީ އަގުތަކެއް އުނގަންނައިދީ މީހުން އެ އަގުތަކުގެ މަތީގައި ސީދާކުރާ ދީނެއް) ފަދަ ދީނަކަށް ނުވެފައެވެ. އާދެ، ދެން ބަލާލަން ބޭނުންވަނީ ރާއްޖޭގައި އިސްލާން ދީން ފެތުރި ހާހެއްހާ އަހަރުވުމާ ގާތްވިއިރު، އިސްލާމް ދީނުގެ އަގުތައް ރާއްޖޭގައި ފެތުރިފައި އޮތީ ކިހާވަރަކަށްތޯއެވެ.

އިސްލާން ދީނުގެ އަގުތަކަށް ބަލާލާއިރު، ދެބާވަތެއްގެ އަގުތަކެއް އޮވެއެވެ. ފަރުދުންގެ އިސްލާހާ ބެހޭ ދީނީ އަގުތަކެވެ. އަޅުކަންތައްކޮށް، ފަރުދުން އަމިއްލައަށް އިސްލާހުވެ، ތަގުވާވެރި ބަޔަކަށް ވުމުގެ އަގެވެ. މީގެ އިތުރުން، އިސްލާން ދީނުގެ މުޖުތަމައީ އަގުތަކެވެ. ދޭދޭ ފަރުދުންގެ މެދުގައި އަދަބު އިހުތިރާމާއެކު މުއާމަލާތުތައް ކުރުމުގެ އަގެވެ. އެކަކު އަނެއްކަކަށް އަޅާލައި ކަމޭ ހިތުމުގެ އަގެވެ. މިފަދަ ހުރިހާ މުޖުތަމައީ އަގުތައް ގުޅޭ މައިގަނޑު ޖައުހަރީ އަގަކީ ހަމަހަމަކަމެވެ. އެންމެންނަކީ ހަމަހަމަ ބައެއްކަމުގައި ބެލެވިއްޖެ ނަމަ، އެކަކު އަނެކަކަށް އިހުތިރާމުކޮށް އަޅާލައި ކަމޭ ހިތަން ފަސޭހަވާނެ ކަމަށް ފެނެއެވެ.

ޝައްކެއްނެތް ގޮތުގައި، ކީރިތި ގުރުއާނުގެ އެންމެ އަސްލީ، (އޮރިޖިނަލް) އެބަހީ މުޅިން އަލަށް ދުނިޔެއަށް ތައާރުފުކުރެވުނު، އަގަކީ މިއެވެ. ނިސާއު ސޫރަތާއި ހުޖުރާތު ސޫރަތުގައި އިއުލާނުކުރެވުނު ހަމަހަމަ ކަމުގެ އަގެވެ. އެންމެންނަކީ ވެސް އެއް އަސްލަކުން އައިސް ފައިވާ ބައެއްކަމެވެ. އަދި، މާތް ރަސްކަލާނގެ ހަޒުރަތުގައި 'މޮޅު މީހަކީ' އެންމެ ތަގުވާވެރި މީހާކަމެވެ. ފަހަރެއްގައިވެސް އެއީ ވެރިންނަކަށްވާކަށް ނުޖެހެއެވެ. ނުވަތަ ވަޒީރުންނަކަށްވާކަށް ވެސް ނުޖެހެއެވެ. ނުވަތަ ޕާޓީތަކުގެ ލީޑަރުންނަކަށްވާކަށް ވެސް ނުޖެހެއެވެ. ނުވަތަ އިލްމުވެރިންނަކަށްވާކަށް ވެސް ނުޖެހެއެވެ. ނުވަތަ ހުކުރު މިސްކިތުގައްޔާއި ނޫނީ ގަލޮޅު ގަބުރުސްތާނުގައި ނޫނީ އެނޫން ވެސް އެހެން ޚާއްސަ ތަންތަނުގައި ފަސްދާނުލެވި، ޒިޔާރަތްތައް ބިނާކުރެވިދާ ބަޔަކަށްވާކަށް ވެސް ނުޖެހެއެވެ. ނުވަތަ މުއްސަނދިންނަށްވާކަށް ވެސް ނުޖެހެއެވެ. ނުވަތަ ފަގީރުންނަށްވާކަށް ވެސް ނުޖެހެއެވެ. ނަމަވެސް، މާތްރަސްކަލާނގެ ހަޒުރަތުގައި، އެންމެ މޮޅު މީހަކަށް ވެވުމުގެ ހަމައެކަނި ސިފައަކީ ތަގުވާވެރިވުމެވެ. އާދެ، މާތްރަސްކަލާގެއަށް އީމާންވެ، އަޚުލާގީ ގޮތުން ރަނގަޅުވުމުގެ ސިފައެވެ. އެކަން ކަނޑައަޅަނީ އަޅުގަނޑުމެންނެއް ނޫނެވެ. އެކަން ކަނޑައެޅުއްވުމުގެ ހައްގު ލިބިވޮޑިގެންވަނީ ހަމައެކަނި މާތްރަސްކަލާނގެއަށެވެ. މިކަން ކަނޑައަޅާލެވޭ މިންތަކަކީ މީހާގެ އީމާންކަމާއި އެ އީމާންކަމުގެ އިޚުލާސްތެރިކަމާއި އަދި މިކަމުގެ މައްޗަށް ބިނާވެގެން ކުރާ ހެޔޮއަމަލެވެ. އަނެކުންނަށް ފައިދާކޮށް، އެމީހުން އުފާކޮށްދީ، އެމީހުންނަށް ހިތް ހަމަޖެހުން ލިބޭނޭ ކަންކަމެވެ.

އަޅުގަނޑުމެން، މިއަދު، ރާއްޖޭގެ އިސްލާން ދީނުގެ ދުވަސް، އާދެ، ރާއްޖެ އިސްލާންވީ ދުވަސް، ފާހަގަކުރަމުންދާ އިރު، އަޅުނގަޑުމެންގެ ކިބައިގައި މަތީގައި ނަންގަނެވުނު އިސްލާމީ އަގުތައް ހުރީ ކިހާ މިންވަރަކަށްތޯ ބަލައިލައި، އެކަން ހަދާންކޮށްލުމަކީ މުހިއްމުކަމެއްކަމަށް ދެކެމެވެ.

އެގޮތުން، އެންމެ ފުރަތަމަ، ފަރުދީ ދީނީ އަގުތަކަށް ބަލާލާއިރު، ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ ދީނަކީ ހަމައެކަނި ބޭރުފުށުގެ ކަމެއްގެ ގޮތުގައި ބެލެވޭ ތަނެވެ. މީހާގެ ދީންވެރިކަމަކީ ހަމައެކަނި އޭނާ ލާ ހެދުމަކަށާއި، ބައެއް ފަހަރު އެ ހެދުމުގެ ކުލައަށާއި ވައްތަރަށާއި، އަދިވެސް ބޭރުގެ ބައެއް ޝަކުލީ ސޫރައިގެ މައްޗަށް ބަލައިގެން ކަނޑައަޅާލެވޭ ތަނެވެ. ނަބަވީ އިރުޝާދުގައި އޮންނަ إِنَّ الله لا يَنْظُرُ إِلى أَجْسامِكْم، وَلا إِلى صُوَرِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وأعمالكم، ހަމަކަށަވަރުން މާތްރަސްކަލާނގެ ކަލޭމެންގެ ހަށިތަކަށް ނޫނީ ކަލޭމެންގެ ބޭރުފުށަކަށް ބައްލަވާވޮޑިގެން ނުވެއެވެ. ނަމަވެސް އެކަލާނގެ ބައްލަވާވޮޑިގެންވަނީ ކަލޭމެންގެ ހިތްތަކާއި ކަލޭމެންގެ އަމަލުތަކަށެވެ، މި ބަސްފުޅު މަތިން ހަނދާން ނެތިފައިވާ ތަނެވެ. އެހެންވީމާ، އަބަދުވެސް ބާރު އެޅެނީ ބޭރު ފުށުގެ ކަންކަމަށެވެ. މިސާލެއްގެ ގޮތުން ލިޔެލަމެވެ. އަންހެނަކު އިސްޓާކީނަކަށް ނާރާ ހުރުމުގެ ސަބަބުން އޭނާގެ އައުރަ ނިވާނުވެ، އޭނާގެ އިސްލާންކަން ފުރިހަމަ ނުވާނޭ ކަމުގައި ދީނީ އިލްމު ކިޔަވާވިދާޅުވެގެން ހުންނެވި ބޭކަލަކު، އެކަނބަލެއްގެ ގާތު ވިދާޅުވި ވާހަކަ އަޅުގަނޑު އަޑުއެހީމެވެ.

ދެން، މުޖުތަމައީ އަގުތަކަށް ބަލާލި ކަމުގައި ވިޔަސް، ފެންނަނީ ހަމަ އެއް މަންޒަރެވެ. ދީނީ ބޭބޭކަލުންނާއި ދީނަށް ލޯބިކުރައްވާ ބޭކަލުންގެ ވިދާޅުވުންތައް އަމާޒުވަނީ ހަމައެކަނި ބޭރުފުށަށް ކަމެވެ. އަތްކެނޑުމާއި ގަތުލުކުރުމަށެވެ. މުޖުތަމައު އިސްލާމީ ކުރުން ގުޅެނީ ގުނަވަންތައް ކަނޑައި ބުރިކޮށް، ލޭ އޮހުރުވުމާ ކަހަލައެވެ. މިފަދަ ގޮތަކަށް، ބޭރު ފުށަށް ބާރު އެޅުމުން، ދީނުގެ ރޫހާނިއްޔަތާއި އަޚުލާގީ ބާރު ނެތިގެން ދެއެވެ. އަދި، މިކަމުގެ ސަބަބުން، ދީނަކީ އާންމު މީސްތަކުންގެ ކިބައިގައި ރިވެތި އަޚުލާގީ ސިފަތައް އުފައްދާ އެއްޗަކަށް ނުވެއެވެ. އޭގެ ބަދަލުގައި ދީން ވެގެންދަނީ އެކަކު އަނެކަކުގެ މައްޗަށް މަތިރިވެގަނެ، ބޮޑާވެގަންނަން ބޭނުންކުރާ ވަސީލަތަކަށެވެ. އާދެ، ރޫހާނީ ސިފަ ގެއްލިފައި އޮތް އެތެރެ ހޮއި ބޭކާރު އެއްޗެއްގެ ގޮތުގައެވެ. ރާއްޖޭގެ މީސްތަކުން ބުދު ދީން ދޫކޮށްލި އިރު، އެދީނުގެ ކަންތައްތައް ވެސް ބޭކާރު ކަމެއްގެ ގޮތުގައި އޭރުވެފައި އޮތް ފަދައިންނެވެ.

އެހެންވެ، އިސްލާމް ދީނުގެ ދުވަސް އަޅުގަނޑުމެން މިއަދު ފާހަގަކުރަމުން ދާއިރު، ދީނުގެ އަގުތަކުގެ ވާހަކައަކީ ކޮންމެހެން ވެސް ހަނދާންކޮށްލަން ޖެހޭ ވާހަކައެކެވެ. ދީނަކީ ކީރިތި ގުރުއާނުގައި ބަޔާންކޮށްދެވިފައިވާ ފަދައިން އަޚުލާގީ އަގުތަކެއް ލިއްބައިދޭ الدين القيم އަކަށްވާން ޖެހެއެވެ. އަގުތަކެއް ލިއްބައިދޭ ދީނަކަށްވާން ޖެހެއެވެ.

މިފަދަ ގޮތެއްގައި އިސްލާމް ދީނުގެ އަގުތައް މަތިން ހަނދާންކުރަން ޖެހިފައި އޮތުމަކީ އިސްލާމީ މުޖުތަމައުތަކުގައި އަލަށް ދިމާވާ ކަމެއް ނޫނެވެ. ހިޖުރައިން ފަސްވަނަ ގަރުނަށް އެޅުނުއިރު ވެސް، އިސްލާމީ ބައެއް މުޖުތަމާތަކުގައި ދީނީ އަގުތައް މަތިން ހަނދާން ނެތި، ދީނަކީ ހަމައެކަނި ބޭރުފުށުން އަދާކުރެވޭ ކަމަކަށްވެ، އޭރުގެ ބައެއް އިލްމުވެރިންގެ ނަޒަރުގައި ދީން އޮތީ 'މަރުވެފައެވެ'. އާދެ، ދީނުގެ ރޫހު އޮތީ ގެއްލިފައެވެ. މިގޮތަށް ކަންތައް ދިމާވެފައި އޮތުމުން، އިމާމު އަލްޣަޒާލީމެން ފަދަ އިލްމުވެރިން މިކަން ފާހަގަކުރައްވައި ދީން އަލުން ދިރުވުމުގެ ވަރުގަދަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަލްޣަޒާލީގެ އެމަސައްކަތްޕުޅު ޚުލާސާކުރެވިފައިވަނީ، ފަސް ޖިލްދުގެ މައްޗަށް އެކުލެވޭ، އޭނާ ލިޔުއްވި އޭނާގެ އިހުޔާއު އުލޫމުއް ދީނުގައެވެ. އެ ފޮތުގައި ދީނުގެ ކަންކަމުގެ މަގުސަދުތައް ބަޔާންކޮށްދެއްވައި އެކަންކަމާމެދު ވިސްނާ ފިކުރުކުރުމަށް ގޮވާލައްވައިފައި ވެއެވެ. އަޅުގަނޑުމެން ވެސް، އަޅުގަނޑުމެންގެ ދީނީ ރޫހު ދިރުވުމަށްޓަކައި މިކަންކަމާ މެދު ވިސްނަން އެބަ ޖެހެއެވެ. ދީނުގެ އަޅުގަކަމުގެ މަގުސަދުތަކަކީ ކޮބައި ކަމެވެ. އެކަންކަމަކީ އޭގެ ޒާތަށްޓަކައި ކަނޑައެޅިފައިވާ ކަމެއް ނޫންކަމެވެ. އެކަންކަމަކީ މީހާ އިސްލާހުވެ، އަޚުލާގީ ގޮތުން ރަނގަޅު މީހަކަށް ވުމަށްޓަކައި އޮތް މަގެއް ކަމެވެ. ހަމަ އެހެންމެ، އިސްލާމް ދީނުގެ މުޖުތަމައީ އަގުތަކަށް ބަލާލާއިރު ގުރުއާނުގެ މަގުސަދަކަށް ވަނީ ހަމަހަމަކާމާއި އަދުލު އިންސާފުގެ މައްޗަށް ބިނާވާ މުޖުތަމާއެއް ގާއިމުކުރުން ކަމެވެ. މުޖުތަމައީ ހުކުމްތަކަކީ މިކަމަށް ވާސިލުވުމަށްޓަކައި އޮތް މަގެއް ކަމެވެ. އެއީ ވެސް އޭގެ ޒާތަށްޓަކައި ކަނޑައެޅިފައިވާ ކަންކަމެއް ނޫނެވެ. ކީރިތި ގުރުއާނުންނާއި އަދި ސަލާމާތް ސަލަވާތްލެއްވި އިތުރު ރަސޫލާގެ ސުންނަތުންވެސް މިކަން ސާފުވެއެވެ. މިކަމުގެ ތަފްސީލު އެހެން ފަހަރަކުން ބަޔާންކުރެވޭނެއެވެ. މިތަނުގައި، މިކަމަށް ބާރުލިބޭ، މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނުގެ ބަސްފުޅެއް ނަކަލުކޮށް ލިޔެލާނަމެވެ.

سيدنا عمر رضي الله عنه، سأل أحد الولاة: ماذا تفعل إذا جاءك الناس بسارق أو ناهب؟ قال: أقطع يده، قال: إذاً فإذا جاءني من رعيتك من هو جائع أو عاطل، فسأقطع يدك، إن الله قد استخلفنا عن خلقه لنسد جوعتهم، ونستر عورتهم، ونوفر لهم حرفتهم؛ فإن وفّيناهم ذلك تقاضيناهم شكرها، إن هذه الأيدي خلقت لتعمل، فإن لم تجد في الطاعة عملاً، وجدت في المعصية أعمالاً، فاشغلها في الطاعة قبل أن تشغلك في المعصية.

މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނު އެކަލޭގެފާނުންގެ އަތޮޅުވެރިއެއްކުރެން (ގަވަރުނަރެއް ކުރެން) އެއްސެވިއެވެ. "ކަލޭގެފާނު އަރިހަށް ވައްކަންކޮށްގެން ނުވަތަ ފޭރިގެން މީހަކު ގެނެވިއްޖެ ނަމަ ކަންތައް ކުރައްވާނީ ކިހިނަކުން ހެއްޔެވެ؟" ދެން އޭނާ ދެންނެވިއެވެ. "އެމީހެއްގެ އަތް ކަނޑާނަމެވެ." ދެން އުމަރުގެފާނު ވިދާޅުވިއެވެ. "އެހެންވެއްޖިއްޔާ، އަހުރެން ގާތަށް ކަލޭގެފާނު (ބަލަހައްޓަން ޖެހިވަޑައިގަންނަވާ) ރައްޔިތުންގެ މީހަކު ބަނޑުހައި ވެގެން ނުވަތަ ކުރާނެ މަސައްކަތްތެއް ނުލިބިގެން އަތުވެއްޖެ ނަމަ ކަލޭގެފާނުންގެ އަތްޕުޅު ކަނޑަން ޖެހޭނެތާއެވެ! ހަމަކަށަވަރުން، މާތްރަސްކަލާނގެ އަޅުތަކުންގެ ކަންތައްތައް ހިންގުމަށްޓަކައި، އެމީހުންގެ މައްޗަށް އެކަލާނގެ އަހަރުމެން މަތިކުރައްވައި ވެރިކުރައްވާފައިވަނީ އެމީހުންގެ ބަނޑުހައިހޫނުކަން ފިލުވުމަށާއި އެމިހުންގެ އުނުއޮރިޔާން ނިވާކުރުމަށާއި އެމީހުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށްޓަކައެވެ. މިކަންކަން އެމީހުންނަށް ފުރިހަމަކޮށް ދެވިއްޖެ ނަމަ އެމީހުންނަށްޓަކައި އަހަރުމެން އަދާކުރަން ޖެހޭ ދަރަނި ފުއްދައި، އަހަރުމެންގެ ވާޖިބުއަދާކުރެވި، އެކަމުގެ ޝުކުރު ލިބިގަނެވިދާނެއެވެ. މީސްތަކުންގެ އަތްތައް ޚަލްގުކުރެވި ހެދިފައިވަނީ މަސައްކަތް ކުރުމަށްޓަކައެވެ. ހެޔޮ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު އެ އަތްތަކަށް ނުލިބިއްޖެ ނަމަ، ނުބައި ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތުތައް އެ އަތްތައް ހޯދާނެއެވެ. އެހެންވީމާ ކަލޭގެފާނުގެ ވާޖިބަކަށް، މަސައްކަތްޕުޅަކަށް، ވާންޖެހޭނި (މީސްތަކުންގެ) އަތްތައް ނުބައި ކަންކަމުގައ އަވަދިނެތި އުޅެގަންނަން ޖެހުމުގެ ކުރިން، އެ އަތްތައް ހެޔޮކަންކަމުގައި އަވިދެ ނެތިއުޅުމުގެ ގޮތްތައް ހޯދައިދެއްވުމެވެ."

އާދެ، މިކަމުން ހެކި ލިބިގަންނަން މަސައްކަތްކުރަނީ އިސްލާމް ދީނުގެ މުޖުތަމައީ އަގުތައް ގުޅެނީ ހަމަހަމަކަމާއި އަދުލުއިންސާފުގެ މައްޗަށް ބިނާވާ މުޖުތަމައުއެއް ގާއިމުކުރުމާކަމެވެ. އަތްކެނޑުމާއި ގަތުލުކުރުމަށް އަވަސްވެގަތުމަށް ނޫންކަމެވެ. މިނަންގަތް ހަމަހަމަކަން ހާމަވެ ފާޅުވެގެންދަނީ ވައްކަމާއި ފޭރުމުގެ ސަބަބުކަމުގައިވާ ފަގީރުކަމާއި މުހުތާދުކަން މުޖުތަމައުން ނައްތާލެވިގެންނެވެ. އެހެންވެ، ދީނީކަމެއްގެ ގޮތުގައި އިސްކަންދޭން ޖެހެނީ މިކަން ހާސިލުކުރެވޭނޭ ގޮތެއް ހޯދަން މަގެއް ކޮށުމަށެވެ. މުޖުތަމައު އިސްލާމީވަނީ މިކަން ހާސިލުވުމުންނެވެ. އަތްކެނޑުމާއި މީހުން މެރުމަކުން ނޫނެވެ.

ދެން އިތުރަށް ބަލާލަން ބޭނުންވަނީ މިފަދަ މުޖުތަމާއެއް ގާއިމުކުރަން، ކުރިންވެސް ބުނިފަދައިން، އިސްލާމް ދީނުގައި ކަނޑައެޅިފައި އޮތް އެންމެ މުހިއްމު ޖައުހަރީ އަގު ކަމުގައިވާ ހަމަހަމަކަމުގެ މައްޗަށެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި އިސްލާމީ މުޖުތަމައީ އަގުތަކުގެ ތެރެއިން، އަޅުގަނޑުމެންގެ ތެރޭގައި އެންމެ ކުޑަކޮށް ފެންނަނީ މިކަމެވެ. އެހެން އިބާރާތަކުން ބުނާނަމަ، އިސްލާމީ އަސާސީ އަގުތަކުގެ ތެރެއިން، އަޅުގަނޑުމެންގެ ތެރޭގައި ނެތް އަގަކީ ހަމަހަމަކަމުގެ އަގެވެ.

މިކަމުގެ އެންމެ ބޮޑު ހެއްކަކީ އަޅުގަނޑުމެންގެ ތެރެއިން އާންމުކޮށް ފެންނަ ކަންތައްތަކަކީ ހަމަހަމަކަމުގެ އަގާ ދިމާ އިދިކޮޅު ކަންތައްތައްކަމެވެ. މިއަދަކު އެކަންޏެއް ނޫނެވެ. އެންމެ އިހުއްސުރެން ވެސް ފެށިގެންނެވެ. ރަށްތަކާއި އަތޮޅުތަކުގެ މެދުގައި އޮންނަ ނޭދެވޭ، ބޭސިއްހީ ވާދަވެރިކަމާއި އެކަމާ ގުޅިފައި އޮންނަ ތަފާތުކުރުމާއި ދެރަކޮށްލުމުގެ މައްސަލައެވެ. ވެރިކަމުގެ އާއިލާތަކާއި އެހެން މީހުންނާ ތަފާތުކުރެވޭ މައްސަލައެވެ. އާދެ، މާލެ-ރާއްޖެ ތެރެ، ބޭފުޅު-ބޭފުޅުނޫން ފަދަ ތަފާތުކުރުންތަކެވެ. އަދި ފައިސާއާއި މުއްސަނދިކަމުގެ މައްޗަށް ބިނާވާ ތަފާތުކުރުންތަކެވެ. މަގާމާއި ބާރުގެ މައްޗަށް ބިނާވާ ތަފާތުކުރުންތަކެވެ. އަދި މިތަފާތުކުރުންތަކުގެ މައްޗަށް ބިނާވާ ޚާއްސަ އިމްތިޔާޒުތަކެވެ. ރަށްތަކާއި ބިންތަކާއި އަދިވެސް ދައުލަތުގެ އެހެނިހެން މުދާތަކާއި ފައިދާތައް ވަކިބަޔަކަށް ޚާއްސަވެފައި އޮންނަ އޮތުމެވެ. އަދި މިކަމުގެ ސަބަބުން ހަމަހަމަކަމަށް އެޅިފައި އޮންނަ ހުރަހެވެ.

އަޅުގަނޑުމެން އެންމެނަކީ، އިސްލާން ދީން ނިޔާކުރާ ފަދައިން، ހަމަހަމަ ބައެއްކަމުގައި ބެލެވޭ ނަމަ، އެއް ބަޔަކު އުޅޭނޭ ގޮތެއް ނެތިފައި ތިބި އިރު، އަނެއް ބަޔަކު އެމީހުންގެ މިލްކުގައި ދިހަ ބާރަ ބުރީގެ އިމާރަތްތަކާއި ރަށްތަށް އޮތުމުގެ ނިޒާމެއް، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހިފައި އޮތުމަށް ނުރުހެވުނީހެވެ. އެއްބަޔަކަށް ދައުލަތުން މިލިޔަނުން ރުފިޔާ ޚަރަދު ކުރަން އެންމެ ރަނގަޅުކަމަށް ބެލެވި، އެކަމަށް ކުޅަދާނަވެފައި، އާދައިގެ މީހާއަށް ހައެއްކަ ހާސްރުފިޔާ މަހަކު ދިނުން ބޮޑުވާ ތަންދެކެން އަޅުގަނޑުމެންގެ ޒަމީރެއް ނުރުހުނީހެވެ. އެއްބަޔަކަށް ކުޑަ ރޯގާއެއް ޖެހިއްޖެ ނަމަ، ބޭރުގެ އެންމެ އަގު ބޮޑު ހަސްފަތާލުތަކުން ބޭސްފަރުވާ ކުރެވޭނޭ މަގު ފަހިވެފައި އޮތް އިރު، އާދައިގެ މުވާތިނަށް ނުރައްކާ ބޮޑެތި ބަލިޖެހުމުން އޭނާއަށް ޖެހެނީ އެންމެންގެ ކުރިމަތީގައި އޭނާގެ އިންސާނީ ކަރާމަތް ނަގާލާފައި، ލަދެއް ނެތި އަތްދިއްކޮށްގެން ސަލާންޖަހަން އުޅޭތަން ދެކެން އަޅުގަނޑުމެންތެ ހިތްތައް ނުރުހުނީހެވެ.

ކޮންމެ އަކަސް، އަޅުނގަޑުމެންގެ ކިބައިގައި އޮންނަ އަޅުގަނޑުމެންގެ އަމިއްލަ އިސްލާމީ ދީނީ އިއުތިގާދު، އިސްލާން ދީނުގައި ކަނޑައެޅިފައި އޮންނަ ހަމަހަމަކަން އަޅުގަނޑުމެން ގަބޫލުކުރަން ލާޒިމުކުރާ ނަމަ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ނަހަމަކަން، ހަމަހަމަކަމަށް ބަދަލުކޮށް، ކަންކަން ހަމައަކަށް އަޅުވަން މަސައްކަތް ކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ދައުލަތުގެ މުއްސަނދިކަން ހަމަހަމަ ގޮތެއްގައި ހުރިހާ އެންމެންގެ މެދުގައި ބެހެވި، ހަމަހަމަ، އިންސާފުވެރި ސިޔާސީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށަން ޖެހެއެވެ. އަޅުގަނޑުމެންގެ އިސްލާންކަމަށް އިތުރު އަހަރުތަކެއް ނުވަނީސް މިކަން ފުރިހަމަވޭތޯ މަސައްކަތްކުރަން ޖެހެއެވެ. އިސްލާން ދީނުގެ އަސާސީ ސިޔާސީ މަގުސަދުތަކުގެ ތެރޭގައި، މިހަމަހަމަކަން ފާޅުވެގެންދާ މައިގަނޑު ގޮތަކީ ތަނުގެ ފަގީރުކަމާއި މުހުތާދުކަން ނެތިކޮށްލުމެވެ. އިސްލާމީ އެންމެ އިހުގެ ގަރުނުތަކުން ވާރިދުވެގެން އައިސްފައިވާ މި އަސަރުގެ ބަހުން ދޭހަވާ ފަދައިންނެވެ. كاد الفقر أن يكون كفرا، ފަގީރުކަމަކީ ކާފިރުވުން މެދުވެރިކުރުން ގާތްކޮށްފާނޭކަމެކެވެ.

އާދެ، މިއަދު ރާއްޖޭގައި އިސްލާންދީނުގެ ދުވަސް ފާހަގަކުރުރާ އިރު، އިސްލާން ދީނުގެ ފަރުދީ އަޚުލާގީ އަގުތަކާއި މުޖުތަމައީ އަގުތަކުގެ ޖައުހަރީ، އަސާސީ، އަގުކަމުގައިވާ ހަމަހަމަކަން މަތިން ހަނދާންކުރަން ޖެހެއެވެ. އަދި މިކަންކަމީ ހަމައެކަނި ދުލުކުރިން ބުނާބުނުމަކަށް ނުވެ އަޅުގަނޑުމެންގެ އަމަލުތަކުން މިކަންކަން ފެނިގެންދޭތޯ މަސައްކަތްކުރަން ޖެހެއެވެ. ފަރުދީ ގޮތުން އަޅުގަނޑުމެންނަކީ ރޫހާނީ އަދި އަޚުލާގީ ބަޔަކަށްވާން މަސައްކަތްކުރަން ޖެހެއެވެ. ދީނުގެ ސޫރީކަންކަމަށް އަހައްމިޔަތުކަންދޭ ފަދައިން، މިކަންކަމުގެ މަގުސަދުތަކުގެ މައްޗަށް ވިސްނައި ފިކުރުކޮށް އެކަން ހާސިލުކުރެވޭތޯ މަސައްކަތްކޮށްގެންނެވެ. އަދި އަޅުގަނޑުމެންގެ މުޖުތަމާއަކީ ހަމަހަމަކަމާއި އިންސާފުގެ މައްޗަށް ބިނާވާ މުޖުތަމައަކަށް ހެދުމަށްޓަކައި އެކަންކަން ފެނިގެންދާނޭ ފަދަ ސިޔާސީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަން ފަށަން ޖެހެއެވެ. މިއަދަކީ މިފަދަ ކަމެއް ކުރުމަށް އަޒުމުކަނޑައަޅައި އެފަދަ މަސައްކަތެއް ކުރަން ފެށުމަށް ވަރަށް ވެސް އެކަށީގެންވާ ދުވަހެކެވެ. މި މަސައްކަތްކޮށް މަތީގައި ނަންގަނެވި ދިޔަ ކަންކަން ހަގީތަކަށް ހަދާލެވިއްޖެ ނަމަ، އިސްލާން ދީނަށް ދިރުން ލިބި، އިސްލާމް ދީން ރައްކާކުރެވިގެންދާނެއެވެ. އަދި އެކަންކަމީ އަޅުގަނޑުމެންގެ ތެރޭގައި އިސްލާމްދީން ދާއިމަށް ދެމިއޮތުމުގެ އެންމެ ބޮޑު ބާރަކަށް ވެސް ވެގެން ދާނެއެވެ. އަޅުގަނޑުގެ ދުއާއަކީ މިކަން ހަގީގަތަކަށްވުމުގެ މަގު ފަހިވެގެން ދިޔުމެވެ. މިކަންކުރާނީ ކިހިނެއްކަން ދެނެގަތުމުގެ އެދުން، ބަޔެއްގެ ހިތްތަކުގައި އުފެދި، އެކަން ދެނެގަނެ، އެކަން ކުރާނޭ ބަޔަކު ނުކުތުމަށް މާތްރަސްކަލާނގެ މެދުވެރިކުރެއްވުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. މިލިއުންމުންގެނެސްދިން މައުލޫމާތާއި ހާސިލްވި ރޫހާނީޔަތުގެ އިބްރަތްވަރަށްފުރިހަމަ.. އަޅުގަނޑާއި ދިމާވި ސްޕެއިން މީހަކަށް ރަންނަމާރި ވާހަކަ ކިޔާދިނުމުން ހައިރާންވެފަ ބުނީ ހަމަ ތިފަދަ ތާރިހީ ވާހަކައެއް އޭނާގެ ރަށުގައިވެސް އޮންނަކަމަށް.. މި އީވެސް ސުވާލު އުފެދޭކަމެއްވީމަ ހިއްސާކޮއްލީ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.