Support Us

ދަރުމަވަންތަ ރަދުންނާއި ރަންނަމާރިއާ އެއްވެސް ގުޅުމެއް ނެތް

ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބުނުތާ އަށް ސަތޭކަ ނުވަދިހަ އެތައް އަހަރެއް ވެއްޖެ އެވެ. އިސްލާމީ ހިދާޔަތަކީ އިންސާނަކަށް އުންމަތަކަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތެވެ. މިއަދު މި ފާހަގަކުރަނީ ދިވެހީން އިސްލާމް ދީނުގެ އަލިކަމަށް އައި ދުވަހުގެ ޒިކުރާއެވެ. މި ބޮޑު ބަދަލަކީ ދިވެހިންނަށް ލިބުނު އެންމެ މަތިވެރި ކާމިޔާބީއެވެ. އެއީ ދިވެހި ރާއްޖެއަށް އައި އެންމެ ބޮޑު އިންޤިލާބެވެ.

އާދޭހެވެ! އިސްލާމްދީނުގެ މަތިވެރި ޝަރަފު ދިވެހީންނަށް ލިބުމުގައި މާތް ﷲ ސަބަބުވެރިކުރެއްވީ ދަރުމަވަންތަ ރަސްގެފާނެވެ. އައްސުލްޠާން ދަރުމަސް މުޙައްމަދު ބިން ޢަބްދިﷲ އެވެ. އެހެންކަމުން ދިވެހީންގެ ހިތްތަކުގައި އެ ރަދުންނަށް ދެވިފައިވަނީ ވަރަށް މަތިވެރި ޤަދަރަކާއި ޝަރަފެކެވެ. އެ މާތް ރަދުންނަށް ނިސްބަތްކުރެވިފައިވާ މިސްކިތެއް އެބަހުއްޓެވެ. ތާރީޚީ އާސާރީ ތަރިކައެއްގެ ގޮތުން ދައުލަތުން އެ މިސްކިތް ބަލަހައްޓަވައެވެ. އެއީ ދަރުމަވަންތަ ރަސްގެފާނު މިސްކިތެވެ. އަދި މަސްޖިދުއްސުލްޠާނު މުހައްމަދުލްޢާދިލް ވެސް ނިސްބަތްކުރެވިފައިވަނީ އެ ރަދުންގެ ނަންފުޅަށެވެ. ދަރުމަވަންތަ ސްކޫލް ވެސް ނިބަތްކުރެވެނީ ހަމަ އެ ރަދުންނަށެވެ. އަދި ދިވެހީންގެ ފަޚުރެއް ކަމުގައިވާ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިނާކުރެވުނު "ދަރުމަވަންތަ ހޮސްޕިޓަލް"އަކީ ވެސް އެ ރަދުންނަށް ކުރެވޭ އިޙުތިރާޟުގެ ސާފު ރަމްޒެކެވެ. ރާއްޖެ އިސްލާމްވީ ދުވަހާ ދިމާކޮށް އެ ފަޚުރުވެރި އަގުހުރި ޢިމާރާތް ނީލަންކިޔާން ނިންމި ނިންމުމަކީ ޤައުމަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވިޔަސް އެއީ މިއަދުގެ މައުޟޫޢެއް ނޫނެވެ.

ތާރީޚުން އެނގޭ ގޮތުގައި ދަރުމަވަންތަ ރަސްގެފާނަކީ ދީންވެރި ޢަދުލުވެރި ނަޒާޙަތްތެރި ރަސްކަލެކެވެ. މުޙައްމަދުލްޢާދިލުގެ ނަންފުޅުން އެ ރަދުންނާ ޚިޠާބުކުރެވެނީ ވެސް މި ސަބަބަށްޓަކައެވެ. ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ލިޔުއްވާގޮތުގައި "ސިރީ ބަވަނާދީއްތަ މަހާ ރަދުންނަކީ ދީންވެރި، ޚުލްޤު ހެޔޮ، އަދަބު ދެނެވަޑައިގަންނަވާ ރަސްކަލެކެވެ. ހިތްޕުޅު މަޑުމޮޅި، ނިކަމެތިންނަށް އެހީތެރިވެވަޑައިގަންނަވާ، ދުނިޔެއަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވި ރަސްކަލެއްމެއެވެ…. އިންސާފުވެރި މާތް ރަސްކަލެކެވެ. ފަޤީރުންގެ ޙާލު ބެއްލެވި ދީލަތިވެރިއެކެވެ. އާދޭހެވެ! އެއީ ދަރުމަވަންތަ މަހާރަދުންނެވެ.”

ކަން ހުރީ މިހެންކަމުގައި ވިޔަސް ދިވެހީންގެ އިޖުތިމާޢީ ފޭރާން ވީދައިލައި، ދިވެހީން ދިވެހީންގެ ޤައުމީ ބަޠަލުންނަށް ކުރާ އިޙުތިރާމް ފުނޑުފުނޑުކޮށް ދިވެހި ޤައުމިއްޔަތު ހަލާކުކޮށްލުމުގެ ނުރައްކާތެރި ކެމްޕޭނެއް އެބަ ހިނގައެވެ. މިއީ ޣައިރު މުސްލިމުންގެ މަކަރުވެރި ރޭވުމެކެވެ. މި ކެހިވެރި ރޭވުމުގައި ޖެހިގެން މި މަސައްކަތަށް ވާގިވެރިވާ މީހުންނަށް، ތިމަތިމާމެންނަށް މި ކުރެވެނީ ކީއްކަމެއް ވެސް އިޙްސާސް ނުކުރެވޭ ކަހަލައެވެ.

މިދެންނެވި ބާވަތުގެ ޢަމަލުތަކަކީ ބަޔަކަށް ނޭނގުނަސް އެ ފަދަ ޙަރަކާތްތަކުގެ އަޞްލު މޭސްތިރީން ނަން ރަނގަޅަށް އެނގިގެން ރޭވިގެން ހިނގާ ކަންކަމެވެ. “ތެޔޮ ޖަހައިގެން”، ޗާބީދީގެން” ހިންގާ ކަންކަމެވެ. އިޖްތިމާޢީ ގޮތުންނާއި ސާގާފީ ގޮތުންނާއި ދީނީ ގޮތުން އިޙުތިރާމްކުރެވޭ ބިނާތަކުގެ ޙުރުމަތް ކެނޑުމެވެ. ޤައުމީ ބަޠަލުންނަށް ނިސްބަތްކޮށް ބޮޑެތި ދޮގު ބުހުތާނު ވާހަކަތައް ފެތުރުމެވެ. މިއީ މި އިސްލާމީ ދިވެހި އުންމަތުގެ ފަރުދުން ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިވާންޖެހޭ ކަންކަމެވެ.

ދަރުމަވަންތަ ރަސްގެފާނުގެ ޝަޚުޞިއްޔަތަށް ހިޔަނި އެޅުވުމަށްޓަކައި ޖާހިލުން ކުރާ ކަމަކީ، ޖިންސީ ގޯނާ ކުރެވި މަރައިލެވޭ ޢިއްފަތްތެރީންގެ މަރާ ދަރުމަވަންތަ ރަސްގެފާނާ ގުޅުވުމެވެ. މިއީ ހިތާމައިގެ ކޮޅެއް ނެތްފަދަ ބޮޑު ލަދުވެތިކަމެކެވެ. މިއީ ތާރީޚީ އެއްވެސް ފުރޭފަކުން ނުވަތަ މަންޠިޤީ އެއްވެސް ހަމައަކުން ސާބިތުކުރެވެން އޮތްކަމެއް ނޫނެވެ. އަދި އެ ފަދަ ތުހުމަތެއް ކުރެވޭނެ ޖާގައެއް އޮތް ކަމެއް ވެސް ނޫނެވެ. މި ބަހުގެ ތަފުޞީލަށް ޖެހިލަމާތޯއެވެ!

އެ ޒަމާނުގެ ރަސްރަސްކަލުންގެ ކަންތައް ހުންނަ ގޮތަށް ޚިޔާލުކޮށްލަމާތޯ އެވެ! އެއީ ޤާނޫނު އަސާސީއެއް ޤާނޫނެއް ގެންގުޅޭ ޒަމާނެއް ނޫނެވެ. އޮންނަނީ އާދަކާދައެވެ. ސަގާފަތެވެ. އާދަކާދައިގެ މަތީން ރަސްކަލުންނަކީ ޤައުމުގެ ހުރިހާ ބާރެއްގެ އެންމެ މަތީ ފަރާތެކެވެ. ރަސްކަލުންނަށް ޚިދުމަތްކުރަންޖެހެނީ ރައްޔިތުންނަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ރަސްގެފާނުގެ ހަމަ ކޮންމެ އަމުރުފުޅެއް ހަމަ ކޮންމެ ކަމަކަށް ހިނގާނެއެވެ. އެ އަމުރާ ދެކޮޅު ހެދޭނެ ބާރެއް ނޯވެއެވެ. އަދި ދެކޮޅު ހަދާކަށް ޚިޔާލެއް ވެސް ނުކުރާނެއެވެ. ރަސްގެފާނުގެ އަމުރަކީ ނުވަތަ ބަޔާނަކީ އެންމެ މަތީ ޤާނޫނެވެ.

މި ފަދަ ދުވަސްވަރެއްގައި ރަސްކަލަކު އަންހެންކުއްޖަކާ ހިތްޕުޅާ ހަމަކުރެއްވިޔަސް އެ ކުއްޖަކު ރަސްގެފާނު ބޭނުންފުޅު ވަގުތެއްގައި ގަނޑުވަރަށް ގެނެވޭނެއެވެ. އެ ކަމަށް ހުރަސް އަޅާނެ އަދި ހުރަސްއެޅޭނެ މީހަކު ނުހުންނާނެއެވެ. އަދި ގިނަ ފަހަރަށް އެ ކަން މައިންބަފައިން ދެކޭނީ ވެސް ޝަރަފެއް ކަމުގައެވެ. އެހެންވީމާ ރަސްކަލަކު އަންހެންކުއްޖަކާ ކާވެނިފުޅުބައްލަވައިގަންނަވަން ވިޔަސް ނުވަތަ (ފަހަރެއްގައި) “ނަހަމަ” ގުޅުމެއް ބާއްވަން އެދި ވަޑައިގަތް ނަމަވެސް އެ ކުއްޖަކު ރަސްކަމުގެ ޢިއްޒަތްތެރި ކޯލު ފިޔަވައި އަތިރިމަތިގައި ހުންނަ ބުދުކޯލަކަށް ގެންދިޔުމަކީ ބުއްދީގެ ހަމަތަކުން ބަލާ އިރު ވެސް އެކަށީގެންވާ ކަމެއް ނޫނެވެ. އަދި އަނެއް ކޮޅުން ބަލާއިރު ރަސްރަސްކަލުންނަކީ ދުނިޔޭގެ އެދުންތަކުން ހުސްވެގެން ތިއްބަވާ ކަމުގެ ދަޢުވާކުރައްވާ ބަޔެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އެއީ ޖާރިޔާއިންނާއި ނާޗަރަންގީގެ ކަންތައް އިންތިހާއަށް ގެންގުޅުއްވާ ބަޔެކެވެ. ވީމާ ރަސްގެފާނު އަންހެންކުއްޖަކާ “ބައްދަލުކުރައްވަން” ބުދުކޯލަށް ވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް އެއްވެސް ޙާލަތެއް ނެތެވެ.

އެހެންނަމަވެސް، ހާމުދުރުންނާއި ފާދިރީންނާއި މިފާޑުގެ މީހުނަކީ ދުނިޔޭގެ އެދުންތަކުން އަދި ވަޙުޝީ ޚިޔާލުތަކުން ހުސްވެގެންވާ ބަޔެއް ކަމަށް ހެދިގެން އުޅޭ ބަޔަކެވެ. އެހެންކަމުން އެ މީހުންގެ ކިބައިގައި އުފެދޭ ޖިންސީ ޣަރީޒާތައް ފުއްދުމަށް ދީނުގެ ނަމުގައި ޤުރުބާނީގެ ނަމުގައި ސިއްރިޔާތުގައި ލާއިންސާނީ ބަދުއަޚުލާޤީ އެތައް ޢަމަލެއް އެ މީހުން ހިންގައިފައިވާ ކަން ދުނިޔޭގެ އެކި ޤައުމުތަކުގެ ތާރީޚުން އެނގެއެވެ. އެހެންވީމާ “ރަންނަމާރީ”ގެ ޙާދިސާއަކީ ހަޤީޤަތެއްކަމަށް ސާބިތު ކުރެވުނަސް އެ ހާދިސާއާ ރަސްގެފާނާ ގުޅުވޭނެ ތާރީޚީ ސަގާފީ އަދި ބުއްދީގެ އެއްވެސް ދަލީލެއް ނެތެވެ. ހާމުދުރުންނާ އެކަން ގުޅުވިދާނެއެވެ. އެއީ ބުދުކޯލުގައި އެކަން ހިނގާތީއެވެ. އަދި ޢަމުދުން ރަންނަމާރީގެ ވާހަކައަކީ އިބްނު ބަޠޫޠާގެ ދަތުރުނާމާ ގައި މީހަކު ނާޑުކަތާއެއްގެ ގޮތުގައި ކިޔައިދީގެން ލިޔެފައިވާ ވާހަކައެއް ކަމަށް ވުމުގެ އިތުރުން އެހެން މުއައްރިޚަކު ދެނަހުރި ވާހަކައެއް ނޫނެވެ. އަދި ރާއްޖެ އިސްލާމްވި ގޮތުގެ ވާހަކަ އެހެން ގޮތްގޮތަށް ރިވާކުރާ ނާޑުކަތާތައް ވެސް އެބަހުއްޓެވެ.

ވީމާ “ރަންނަމާރީ”ގެ ޙާދިސާއަކީ ތެދެއްކަން ސާބިތުކުރެވޭނެ ހެތްކެއް ނެތްތާނގައި އެކަމަށް ދަލީލު ލިބޭނޭ ޤަރީނާއެއް ވެސް ނެތެވެ. ތުންތުންމަތީން ކިޔަމުން އަންނަ ސާބިތު ނުހިފޭ ނާޑުކަތާތަކަކީ ހުރިހާ ޤައުމެއްގައިވެސް ހުންނަ އެއްޗެކެވެ. ބައެއް ޤައުމުތަކުގައި ޤައުމީ ރޫޙު އާލާކުރުމަށް ޓަކައި މިބާވަތުގެ ނާޑުކަތާތައް އުފައްދާ ކަމަށް ވެސް ވެއެވެ.

ރަންނަމާރި ވާހަކައިގެ ހާދިސާއަކީ ތެދެއްކަމަށް ބެއްޔަސް އެ ޙާދިސާއާ ދަރުމަވަންތަ ރަސްގެފަނާ ގުޅުވޭނެ، ތާރީޚީ ހަމައެއް ވެސް، ސަގާފީ އާދައެއް ވެސް އިޖްތިމާޢީ އާދަކާދައެއް ވެސް އަދި ބުއްދީގެ ދަލީލެއް ވެސް ދެއްކޭކަށް ނޯންނާނެ އެވެ. އެ ފަދަ ނާޑުކަތާތައް ރިވާކުރެވޭ ގޮތުން ވެސް، ފެންނަން ހުރީ “ދަރުމަވަންތަ ރަސްގެފާނު” އެ ކަމުން ބަރީއަވެވަޑައިގެން ވާކަން ސާބިތުވާ ބުއްދީގެ ހަމަތަކެވެ. ސަގާފީ އާދަތަކެވެ.

މިއީ ދަރުމަވަންތަ ރަސްގެފާނާ ގުޅޭ ވާހަކައެކެވެ. މި ބާވަތުގެ ފިތުނަވެރި ދޮގުވެރި ބޭއަދަބީ ވާހަކަތައް ޣާޒީބަންޑާރައިނާއި އަލި ރަސްގެފާނާއި ދޮންބަންޑާރައިން ފަދަ އެކިއެކި ޤައުމީ ބަޠަލުންނާ ނިސްބަތްކޮށް ވެސް މީހުން އެބަ ދައްކައެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. މި ފަދަ ވާހަކަތަކަކީ ޤައުމީ ބަޠަލުންގެ ޙުރުމަތްކަނޑައިލައި އިޖުތިމާޢީ ފޭރާން ހަލާކުރުމަށް ބަޔަކު ކުރާ ނުބައި ނުލަފާ ނުރައްކާތެރި މަސައްކަތެކެވެ. ވީމާ، މި ބާވަތުގެ ޚިޔާލީ ވާހަކަތައް އަމިއްލަޔަށް އުފަންކޮށްގެން ޤައުމީ ބަޠަލުންގެ ޙުރުމަތް ކަނޑައި، ދިވެހި ޤައުމިއްޔަތު ހަލާކުކުރާން ކުރެވޭ މަސައްކަތްތަކަށް ދިވެހި މުޖުތަމަޢުން ޖާގަ ނުދެމާތޯ އެވެ! ދަރުމަވަންތަ ރަސްގެފާނަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އިސްލާމީ ހިދާޔަތުގައި ތާއަބަދަށް ދިވެހިން ލައްވާށިއެވެ!