Support Us

ކޮލަމް: ފަގުޑި

ރަސްގެފާނުތަ؟ ނޫނީ، ޖިންނިފުރޭތައެއްތަ؟

ދިވެހިރާއްޖެ އިސްލާމްވުމަށް ބަލައިލާއިރު، ކަންހިނގިގޮތް ތާރީޚުން ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ. ނަމަވެސް މިކަމާމެދު ދެކެވޭ  ވާހަކަތައް މިހާރަކަށް އައިސް ވަރަށް ތަފާތެވެ. ތާރީޚުން ފެންނަން އޮތް ގޮތުގައި، ގުރުން ދިމާވާ ފުރާވަރުގެ އަންހެން ކުއްޖަކު ވަކި ޚާއްޞަ ދުވަހަކު ބުދުކޮއިލަށް ގެންދަނީއެވެ. އަނެއް ދުވަހު ހެނދުނު ބަލާއިރު އެކުއްޖާ އޮންނަނީ ތަފާތު ޙާލަތެއްގައި މަރުވެފައެވެ. އެއީ ޖިންނި ފުރޭތައިގެ ކަމެއްކަމަށް ޤަބޫލުކޮށް އެކުއްޖާ ވަޅުލީމާ ނިމުނީއެވެ. މިކަން ނިމުމަކަށް ގެންނަން މެދުވެރިވީ ރާއްޖެވަޑައިގެން ހުންނެވި ޢަރަބި އިސްލާމީ ބޭކަލެކެވެ. އެބޭކަލަކު ހުންނެވި ފަޤީރު ދައިތަގެ ގޭގެ ކުއްޖާއަށް ގުރުން ދިމާވުމުން ކުއްޖާގެ ބަދަލުގައި ބުދުކޮއިލަށް އެރޭ ދިޔައީ އެބޭކަލެކެވެ. ޖިންނިފުރޭތަ އައިއިރު ބުދުކޮއިލުގައި އެބޭކަަލަކު އިންނެެވީ ޤުރްއާން ކިޔަވާށެވެ. ދެން ޖިންނިފުރޭތަ ދިޔައީއެވެ. އަނެއްދުވަހު އެބޭކަލަކު ސަލާމަތުން އިންނެވުމުން އެކަން އެގޮތަށް ތަކުރާރުވެ ރައްޔިތުން އެބިރުވެރިކަމުން ސަލާމަތްވެއްޖެނަމަ އިސްލާމްވުމަށް ނިންމައި އެކަން އެމަގުން ހިނގުމުން ރަދުންނާއި މުޅި ރައްޔިތުންވެސް އިސްލާމްވީއެވެ.

މި ވާހަކައިގައި މިއުޅޭ ޖިންނިފުރޭތަ އަކީ ރަދުން ކަމާއި، އެބޭކަލަކަށް ރަދުންގެ މިޢަމަލު ފަޅާއަރައި ރައްޔިތުން ކުރިމަތީ ބޭޒާރުވެދާނެތީ އަވަހަށް އިސްލާމްވީ ކަމަށް މިހާރަކަށް އައިސް ބައެއް ދިވެހިން ވާހަކަ ދައްކައެވެ. ކިޔަވައިދެއްވާ ބައެއް ޓީޗަރުންވެސް މެއެވެ. ނަމަވެސް، މިގޮތަށް ވާހަކަ ދައްކަނީ ހަމައެކަނި ބުއްދިން ފެންނަ ގޮތެއްގެ މައްޗަށެވެ. އެއްވެސް ލިޔުމެއް ނުވަތަ އެގޮތަށް ބުނާ ބުނުމެއް ނޫންނަމަ ހެއްކެއް ފެންނަން އޮވެގެނެއް ނޫނެވެ. ތާރީޚު އޭގެޒާތުގައި މިދެންނެވި ފަދަ ހެއްކަކާނުލައި ހަމައެކަނި ހީއެއްގެ މައްޗަށް ފުރުޅަން ވެއްޖެނަމަ ދުނިޔޭގައި މިހާތަނަށް ލިޔެވި ފެންނަން ހުރި ތާރީޚުތައް އެކޮޅުކޮޅުންޖެހި މުޅިން ބަދަލުވެ ހިނގައިދާނެއެވެ. މަޢުޞޫމު ބަޔަކު މުޖުރިމުންނަށް އަދި މުޖުރިމުން މަޢުޞޫމުންނަށް ވެދާނެއެވެ. ހިނގާފައިވާ ކަންކަން ނުހިނގާ ކަންކަމަށް އަދި ނުވާކަންކަން ވެފައިހުރި ކަންކަމަށްވެސް ހެދިދާނެއެވެ. ތިމަތިމާމެންނަށް އެނގިގެންނުވާ ކަންކަމުގައި މިގޮތަށް ކަންކުރުން ހެޔޮވެދާނެ ހެއްޔެވެ؟

ދެންއޮތީ މިކަމަށް ބުއްދީގެ ނަޒަރަކުން ބަލައިލުމެވެ. ތެދުފުޅެކެވެ. ޖައްބާރު ވެރިންގެ ޢަމަލުތައް ހުރީ އެގޮތަށެވެ. މިއަދުވެސް ދުނިޔޭގެ ބައެއް ފައްޅިތަކުން މިބާވަތުގެ ކަންކަން ހިނގާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނާނެއެވެ. މީގެ އަނެއްކޮޅަށް ވިސްނައިލުމީވެސް ނެތްކަމެއް ނޫންތާއެވެ. އެރަދުންނަކީ މުޅި ރައްޔިތުން ކިޔަމަންވާ އެވަރުގެ ބާރުގަދަ ވެރިއަކަށްވީއިރު، ރަދުން ހަމަ އަންގާލާއިރަށް ހިނދުކޮޅެއްގެ ތެރޭގައި ޢަރަބިމީހާގެ ކަންތައް ނިންމާނެއެވެ. އެއީ އެވަރުގެ ނުފޫޒު ގަދަ ރަސްކަލަކަށް އެހާ ބޮޑު ކަމަކަށް ނުވަތަ އުނދަގޫ ކަމަކަށް ނުވާނެއެެވެ. އެހެނީ، ރަދުން ވިދާޅުވީމާ މުޅިރައްޔިތުންގެ ޢަޤީދާވެސް ބަދަލުކުރީއެވެ. ފެންނަން އޮތްގޮތުގައި ރައްޔިތުން ތިބީ އެހާވެސް ކިޔަމަނުގައެވެ. ވީއިރު ކޮންމެ ކަމަކާމެދުވެސް ވާހަކައެއް ދައްކާނަމަ، އެކަމެއްގެ ދެކޮޅު ބަލައި އެވާހަކައެއް ދެއްކުން ބުއްދިވެރިއެވެ.

މިޞްރު ފަތަޙަކުރެއްވުމުން މިޞްރުގެ ބޮޑުން ޢަމްރޫބުނުލްޢާޞްއަށް ދެންނެވިއެވެ. ނީލަކޯރަށް ފުރާވަރު އަންހެންކުއްޖަކު ނުލައިފިނަމަ، އެކޯރުގެ ފެންގަނޑަށް އަންނަ ބަދަލުގެ ސަބަބުން އަހަރެމެންގެ ދަނޑުފަނގުތައް ހަލާކުވެދާނެއެވެ. މިއީ، ޒަމާނުއްސުރެ ތިމަންމެން ކޮށްއުޅޭ ކަމެކެވެ. ނަމަވެސް، ޢަމްރޫބުނުލްޢާޞް އެވާހަކަ މުސްލިމުންގެ ޚަލީފާ ޢުމަރުގެފާނަށް އެންގެވިއެވެ. ދެން ޢުމަރުގެފާނު ނީލަކޯރަށް ފޮނުއްވީ ސިޓީފުޅެކެވެ. އެ ސިޓީފުޅުގައި ވަނީ "އޭ ކޯރާއެވެ! ތިބާގެ ފެންގަނޑު ހިނގަނީ ތިބާގެ އަމިއްލަ ބާރުގައި ކަމަށްވާނަަމަ ތިގޮތުގައި ހިނގަހިނގާ އޮންނާށެވެ! ނަމަވެސް، ތިބާގެ ފެންގަނޑު ހިންގަވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން ކަމުގައިވާނަމަ، ތިބާގެ ފެންގަނޑު ހިންގެވުން އެދި ތިމަންމެން، ﷲގެ ޙަޟުރަތުގައި ދަންނަވަމެވެ" މިސިޓީފުޅު ކޯރަށް ލުމުން އެކޯރުގެ ފެންގަނޑަށް އަންނަ ބަދަލު ނައިސް އެގޮތުގައި ދެމިއޮތެވެ. އަދި މިޞްރުމީހުނަށް އެހެންޏާ ދިމާވާ ކަންކަމާ ކުރިމަތިނުވެ، ދަނޑުފަނގުތައް ރަނގަޅުވެ ނުހަނު ފައިދާވިއެވެ. މިކަންވެސްވީ މިޞްރުގެ އެތައްބަޔަކު އިސްލާމްވުމަށް މެދުވެރިވީ ސަބަބަކަށެވެ.

މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބުމަކީ ބަޔަކަށް ލިބޭނެ އެއްމެ ބޮޑު ނިޢުމަތެވެ. އެހެނީ ﷲ ވަޙީކުރައްވާފައިވަނީ وَهَدَيْنَاهُ النَّجْدَيْنِ "އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާއަށް މަގުދެއްކެވީމެވެ" މިދެމަގުންކުރެ ދިންނަވާ ނަޞީބު ލިބެނިވި މަގަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގެވެ. މިއާޔަތުގެ ތަފްސީރުގައި މިތާނގައިމިވާ އިމާންކަމުގެ މަގު ދެއްކެވުން ވަނީ ﷲގެ ޙަޟުރަތުން ކަމާއި، އެއްވެސްމީހެއްގެ އަމިއްލަ ބާރުވެރިކަމުން ނޫންކަމުގައި ބިންބާޒު ވިދާޅުވެފައި ވެއެވެ. މިބަސްފުޅުގައިމިވާ ފުރެދިގެންވާ މަގަށް ހުރީ އަލިފާނުގެ ގޮވައްޗެވެ. އެއީ ބިރުވެރިކަމުން ފުރިގެންވާ ނަރަކައެވެ. ﷲ ވަޙީކުރައްވާފައިވަނީ مَنْ يُضْلِلِ اللَّـهُ فَلَا هَادِيَ لَهُ " ﷲ މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގުދައްކާނޭ ފަރާތެއް ނުވެތެވެ" މިފަދައިންނެވެ.

މިބަސްފުޅުގެ އަލީގައި ދުނިޔޭގެ ތާރީޚަށް ބަލައިލާއިރު، ޖައްބާރު ނަމްރޫދުގެ ކުރިމަތީ އަލިފާން ފިނިއެއްޗަކަށްވެ އިބްރާހީމުގެފާނުގެ ދަޢުވަތު ސާބިތުކަމާއެކު ލޯމަތިން ފެނިގެން ދިޔަނަމަވެސް، ނަމްރޫދުގެ ހިތަށް އީމާންކަން ވައްދަވާފައިނުވާކަމީ ފެންނަންއޮތް ޙަޤީޤަތެކެވެ. އިސްލާމްދީން ފެތުރުމުގައި އެއްބާރުލުން ދެއްވައި، ކީރިތިރަސޫލާއަށް އެހީތެރިވެ ދެއްވި އެކަލޭގެފާނުގެ ލޮބުވެތި ބޮޑުބޭބޭފުޅު "އަބޫޠާލިބު" ގެ ހިތްޕުޅަށް އިސްލާމްދީނުގެ ހިދާޔަތު ވައްދަވާތޯ އިތުރުއެކަލޭގެފާނު ނުހަނު އެދިވަޑައިގެން ހުންނެވި ނަމަވެސް، އެކަލޭގެފާނަށް އެކަން ފެނިވަޑައިގެންފައިނުވާކަން ސީރަތުން އެނގެއެވެ. ނޫޙޫގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް "އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި ކާފިރުންނާ އެކުގައި ނުވާށެވެ!" ވިދާޅުވެ ނަޞޭޙަތްތެރިވެ ވަޑައިގަތުމުންވެސް، "ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ" އެ ދަރިކަލުން ދެންނެވި ކަމަށް ކީރިތި ޤުރްއާނުގައި އައިސްފައި ވެއެވެ. އަދު ދިވެހިރާއްޖެއަށް ބަލައިލާއިރު، ޤާނޫނުއަސާސީން ފެށިގެން ޤާނޫނުތަކަށް ދާނދެން "މުސްލިމަކަށް ނުވެވި ދިވެއްސަކަށް ނުވެވޭނޭ ކަމަށް" އެބުނާ ކަޅާއި ހުދުން ލިޔެވިފައި އޮތްއިރުވެސް ތިމަންނާއީ ދިވެއްސެކޭ އެކަމަކު ތިމަންނާއީ މުސްލިމެއް ނޫނޭ ގޮވަނީއެވެ.

ދެންއޮތީ މީގެ އަނެއްކޮޅެވެ. ދުނިޔޭގެ ޝުހުރަތާއި ބާރާއި މުދަލާއި ވެރިކަން ލިބިވަޑައިގެން ވަނިކޮށް "ނަޖާޝީ" އިސްލާމްވެވަޑައިގަތީ ދުނިޔަވީ ބޭނުންފުޅެއް އޮވެގެނެއްނޫނެވެ. ނުވަތަ އިސްލާމްނުވާން ބައެއްގެ ކުރިމަތީ ގަދަފައި ނުވިއްދިގެނެއްނޫނެވެ. ފުރާތުކޯރުގެ އައްސޭރީގައި ގަނޑުވަރެއްގައި އުޅެބޮޑުވި މަޝްހޫރު ޞަޙާބީ "ޞުހައިބުއްރޫމީ" އިސްލާމްވެވަޑައިގެން މައްކާއަށް ހުރިހާ މުދަލެއް ދޫކުރައްވައި ހިޖުރައަށް ވަޑައިގަތީ ހަދާނެ އެހެންގޮތެއް ނެތި ގޮތްހުސްވެގެނެއްނޫނެވެ. މިދާކަށްދުވަހަކު ދުނިޔޭގެ ކުރިއަރާފައިވާ ޤައުމެއްގެ ވެރިއަކު އިސްލާމްވެވަޑައިގެންނެވި ވާހަކަ އިވިގެން ދިޔައެވެ. އެބޭފުޅަކު މުސްލިމުންގެ ކުރިމަތީ ގޮތްހުސްވެ ހަތިޔާރު ބަހައްޓަން މަޖުބޫރުވީއެއް ނޫނެވެ. ނުވަތަ ދުނިޔަވީ އިތުރުމޮޅެއް އޮތީއެއްވެސް ނޫނެވެ. އާނއެކެވެ. ކީރިތިރަސޫލާގެ ޙަދީޘް ބަސްފުޅުގައިވަނީ: "مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ وَمَنْ يُضْلِلِ اللَّهُ فَلاَ هَادِيَ لَهُ" ﷲ ތެދުމަގު ދައްކަވައިފި އަޅަކު މަގުފުރެއްދޭނޭ ހަމައެކަކު ނުވެއެވެ. އަދި، ﷲ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދެއްކެވޭނޭ ހަމަ އެކަކުވެސް ނުވެއެވެ."

މިހިރަ މިހިރަ ކަންކަމީ ފެންނަންހުރި ޙަޤީޤަތްތަކެވެ. އިސްލާމްދީން ފެތުރިގެން ދިއުމުގައި މިފަދަ އެތައް ކަމެއް ހިނގާފައި އެބަހުއްޓެވެ. ނަމަވެސް ޤަބޫލު ކުރުމާއި ނުކުރުމަކީ އެމީހެއްގެ ކަމެކެވެ. އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތް ޤަބޫލުނުކުރާ މީހުންވެސް އެބައުޅޭ ނޫންތޯއެވެ.