ދުވަހެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަނީ ރެޔާއި ދުވާލުގެ 24 ގަޑި އިރެވެ. އަހަރު ދުވަސް އަޅުގަނޑުމެން ކަނޑައަޅަނީ ސައުވީސް ގަޑި އިރަކީ އެއް ދުވަސްކަމަށް ބަލައިގެންނެވެ. އެހެންވީމާ އަޅުގަނޑުމެން (އިއްޔެ ހަވީރު އިރު އޮއްސުމުން ފެށިގެން މިރޭ އިރު އޮއްސެންދެން، ނުވަތަ ރޭ ދަންވަރު 12:00ން ފެށިގެން މި ރޭ މެންދަމު 12:00އާ ހަމައަށް) މި ވޭތުކުރަމުން ގެންދާ ސައުވީސް ގަޑި އިރަކީ ވެސް އެއް ދުވަހެވެ. ނަމަވެސް އަޅުގަނޑު މިހާރު ހޭދަކުރަމުން މި ގެންދާ ސައުވީސް ގަޑިއިރަކީ ތިން ދުވަހެވެ. ނުވަތަ ހަތަރު ދުވަހެވެ.

އާދޭހެވެ! މިއަދަކީ ތިން ދުވަހެވެ. ނުވަތަ ހަތަރު ދުވަހެވެ. މިހެން މި ދެންވީ އޮޅިގެންނެއް ނޫނެވެ. އެއީ އޮޅިގެން ދަންނަވައިލި ވާހަކައެއް ނޫނެވެ. މިއަދަކީ 1374 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ދިވެހީން ފާހަގަކުރަމުންއައި "ރާއްޖެ އިސްލާމްވީ ދުވަސް" ކަމަށްވާ އިރު، މިއަދަކީ "ބައިނަލްއަޤުވާމީ ކިޔަވާ ކުދީންގެ ދުވަސް" ވެސް މެއެވެ. އަދި ހަމަ އެފަދައިން މިއަދަކީ ދިވެހި ޒުވާނުންގެ ދުވަސް ކަމަށް ކަލަންޑަރުގައި ކަނޑައަޅައިފައިވާ ދުވަސް ވެސް މެއެވެ. މި ވާހަކަ މިހެން ދަންނަވާއިރު "ޒުވާނުންގެ ޤައުމީ ދުވަހެއް" ދާދިފަހުން، މި ދިޔަ އޮކްޓޯބަރު މަހު 22 ގައި، ސަރުކާރުން ފާހަގަކުރެއްވިކަން އަޅުގަނޑަށް ވެސް އެނގެއެވެ. ނަމަވެސް އަޅުގަނޑު ދުވަސްތައް ބަލަނީ ކަލަންޑަރަށް ބަލައިގެން ކަމަށް ވާތީ، މިއަދަކީ ކަލަންޑަރުގައި ވާ ގޮތުން "ދިވެހި ޒުވާނުންގެ ދުވަސް"ކަމަށް އެނގެން އޮތީތީއެވެ. ދެން އޮތް ދުވަހުގެ ވާހަކަ ފަހުން ދަންނަވާނަމެވެ. މި ފަދަ މުހިންމު ދުވަހެއް ނުވަތަ ދުވަސްތަކެއް ފާހަގަކުރާ މިއަދު ރާއްޖޭގެ އެންމެނަށް ވެސް މިއީ ފިސާރި "ދުވަހެއް" ކަން އެނގޭންޖެހޭނެތާއެވެ. ނަމަވެސް މިއަދު ސަރުކާރު އޮފީސްތައް ބަންދުވުން ފިޔަވައި ޢާންމުންނަށް ފާހަގަވާ ފަދަ ކަމެއް ހިނގިކަމެއް ހަމަ ގައިމު ވެސް އަޅުގަނޑަކަށް ނުފެނުނެވެ. އުތުރު ކަރައިގެ ދީވާލާ ފާހަގަކުރާން ވެސް ކާވެނި ޕާޓީއަކާ މަތިކޮށްފައި ނަމަވެސް ރާއްޖޭގައި ހަވާ ވެސް އެރުވިތާއެވެ. އަދި އުތުރު ރަށެއްގައި ތިބި އުތުރުކަރައިގެ އިތުރު ބަޔަކު ވެސް އިތުރަށް މި ދުވަސް އަތުރުކޮށް ނަމަވެސް ފާހަގަކުރިތާއެވެ. ދިވެހީންނަށް މިވަރު ވެސް ނުވީތާއެވެ. ހަތަރު ދުވަސް އެކުއެކީގައި ލައިގަތީމާ ވެސް އެނގުމެއް ނުވިއެވެ. ހަތަރުވަނަ ދުވަހުގެ މަތީން ބަޔަކު ހަނދާން އެބަހުއްޓެވެ. ނަމަވެސް ވީކަމެއް ހަތް ހަރާމުން ހަރާމެވެ. ނަމަވެސް އިސްވެ ދެންނެވުނު ތިން ދުވަހަކީ ވެސް ވަރަށް މުހިންމު ކަމަކާ ގުޅިގެން ފާހަގަކުރާ މުނާސަބަތެކެވެ. އަނެއް ދުވަހަކީ މިއަދަށް މުހިންމު ތާރީޚީ ދުވަހެކެވެ.
ދެތިން މުނާސަބަތެއް މިއަދާ ދިމާވިޔަސް އަޅުގަނޑުމެންގެ ޤައުމުގައި މިއަދަކީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފައިވަނީ މިއަދަކީ "ރާއްޖެ އިސްލާމްވީ ދުވަސް" ކަމަށް ވާތީއެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާ މަހު ދެވަނަ ދުވަހުކަމަށް ތާރީޚުން ހެކިދެއެވެ. މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެހެންނަމަވެސް "ރާއްޖެ އިސްލާމްވީ ދުވަސް"ގެ ގޮތުގައި ދިވެހީން އެ ދުވަސް ފާހަގަކުރާން ފަށައިފައިވަނީ ރާއްޖެ އިސްލާމްވީތާ އަށް ޤަރުނު ވެސް ފާއިތުވީ ފަހުން 1374 ވަނައަހަރުގައެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތު އިންޤިލާބަކުން ބަދަލުކޮށްލި ފަހުން އައި ދުވަސްވަރެވެ. ދެވަނަ ޖުމުހޫރިއްޔަތެއް ޤާއިމުކުރެވެންދެން މިކަން ދެމިގެން އައެވެ. މި ގޮތުގެ މަތީން ނުވަތަ ބައެއް ބަދަލުތަކާއެކު ނަމަވެސް 14 ވަރަކަށް އަހަރުވަންދެން މި ދުވަސް ފާހަގަކުރުމަށްފަހު، މި ދުވަސް ފާހަގަކުރުން ހުއްޓައިލެވުނެވެ. ސަބަބެއް ނޭނގެއެވެ. އަލުން މި ދުވަސް ފާހަގަކުރައްވާން ފެއްޓެވީ ދެވަނަ ޖުމްހޫރިއްޔަތުގެ ދެވަނަ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި މީލާދީން 2000 ވަނަ އަހަރުން ފެށިގެންނެވެ.
ބައެއް ނޫސްތަކުގައި މި ދުވަސް ބަލިކަށިކުރުމަށް ޓަކައި ތަފާތު ޢިބާރާތްތައް ބޭނުންކޮށްފައި ހުރެއެވެ. ޝައްކު އުފެއްދުމަށްޓަކައި މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އޭރުގެ މީހުންގެ ކިޔަމަންތެރިކަމާއި ރަސްކަމުގެ ތާރީޚު ފަރުވާތެރިކޮށް ލިޔަމުން ގެންދިޔުމާއި މި ކަންކަމުން އެ ދުވަހާ މެދު އަދި ރައްޔިތުން އިސްލާމްދީން ގަބޫލުކުރީ ރަސްގެފާނަށް ކިޔަމަންތެރިކަން އަދާކޮށްގެން ކިޔަމަންތެރިކަމާއެކު ކަމަށް ޝައްކު ކުރާނެ ޖާގައެއް ނެތެވެ. އެހެން ނޫނަސް ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރި ދުވަހުގެ ތާރީޚާމެދު ބަހުސްކުރުމަކީ މުހިންމު ކަމެއް ވެސް ނޫނެވެ. މުހިންމު ކަމަކީ އިސްލާމް ދީން ޤަބޫލުކުރި ކުރުމެވެ. އެހެން ޤައުމުތަކަށް އިސްލާމްދީން ފެތުރިގެން ދާއިރު ވެސް ސަމާވީ އެހެން ދީންތަކުގެ މީހުންނާއި މުޝްރިކުންނާއި މުލްޙިދުން ވެސް އުޅުނުތާއެވެ. ނަމަވެސް ދިވެހިރާއްޖޭގެ އެންމެންނަށް ﷲގެ ހިދާޔަތު ލިބުމަކީ ކޮންފަދަ ނިޢުމަތެއްތޯއެވެ؟ ހަގީގަތުގައި ވެސް ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމް ދީނުގެ އަލިގަދަ ނޫރުން އެ މީހެއްގެ ހިތާއި ނަފުސު އަލިވެގެން ދިޔުމެވެ. އެ މާތް ދީނުގެ ހިދާޔަތު ލިބުމެވެ.

ޝައްކެއް ނެތެވެ! މިއަދަކީ ޤައުމީ ފެންވަރެއްގައި ފާހަގަކުރުން އެންމެ އެކަށީގެންވާ އެއް ދުވަހެވެ. ނަމަވެސް މިއަދު ފާހަގަކުރުމަށްޓަކައި ކުރާންވީ އެންމެ މުހިންމު ކަމަކީ ﷲއަށް ޝުކުރުވެރިވުމެވެ. ކިޔަމަންތެރިކަން އިތުރުކުރުމެވެ. އަޅުކަންކުރުން ގިނަކުރުމެވެ. އިޢުތިޤާދު ވަރުގަދަކުރުމެވެ. އިސްލާމްދީނާ އިދިކޮޅަށް ރާއްޖޭގައި ހިންގޭ ނުރައްކާތެރި ޢަމަލުތަކުގެ ޙަރަކާތްތަކުގެ މޫތައް ލުހެލުމެވެ. ލާދީނީ ހަރުކަށި ފިކުރުގެ ވިޔުގަތައް ފުނޑުފުނޑުކޮށްލުމެވެ. ރާއްޖޭގައި ލާދީނިއްޔަތު ފެތުރުމަށްޓަކައި ރާއްޖޭގައި މަކަރުވެރި ޕްރޮގުރާމްތައް ހިންގާ ތަންދޮރު ނުދަންނަ ޖާހިލުންނަށް ރީތި ވަޢުޡާއި ހެޔޮ ބަސްތަކުން ވިސްނައިދިނުމެވެ. ދީނީ ޢީލްމުވެރީންގެ ތާކިހާ އަޅައިގެން ދީނީ ޢީލްމުވެރީންނަށް ހެދިގެން އުޅޭ މުނާފިޤުންނަށް ތައުބާވާން ނަސޭހަތްތެރިވުމެވެ. އެ ފަދަ އަޚުންނާއި އުޚުތުންނަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރުމެވެ.
މިއަދު، 2020 ނޮވެމްބަރު 17 ވަނަ ދުވަހު ފާހަގަކުރާ އަނެއް ދުވަހަކީ ރާއްޖޭގެ ޒުވާނުންގެ ދުވަހެވެ. ޒުވާނުންނަކީ ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެކެވެ. ޤައުމީ އިންޖީނުގެ ހަކަތައެވެ. ނަމަވެސް ޒުވާނުންނަށް ހުރި އަދި ލިބިދެވޭ ފުރުޞަތުތަކާ ބެހޭ ގޮތުން މިއަދު ވާހަކަދައްކަނީ ކާކުތޯއެވެ؟ މި ވާހަކަދައްކާން ޒުވާނުންނަށް ފުރުޞަތު ދެނީ ކާކުތޯއެވެ؟ މިއަދު ޒުވާނުންގެ އަޑު އިއްވާން މީޑިއާ ތައްޔާރަށް އޮތީ ކިހާވަރަކަށްތޯއެވެ؟ އަޅުގަނޑަކަށް ޖަވާބެއް ނޭނގެއެވެ.
ދެން މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ވަރަށް ޚާއްޞަ ދުވަހެކެވެ. ކިޔަވާކުދީންގެ ދުވަހެވެ. މައިންބަފައިން ލޯބޯފިއްސައިގެން ހޯދާ މަދު އާމްދަނީއާއި، އެބައި މީހުންގެ މުޅި ޙަޔާތް ކުދީންނަށް ކިޔަވައިދިނުމަށްޓަކައި ޤުރުބާންކުރާ އިރު، ޤައުމީ ފެންވަރުގައި މި ކުދީންނަށް ދެވޭ ސަމާލުކަމާމެދު މިއަދު ވިސްނަނީ ކިތައް ދަރިވަރުންބާވައެވެ! ފިކުރުކުރަނީ ކިތައް މައިން ބަފައިންބާވައެވެ؟ ދަރިވަރުންނަށް ކިޔަވައިދެވެނީ މައިންބަފައިން އެކުދީންނަށް ކިޔަވައިދޭން ބޭނުންވާ މާއްދާތައްތޯ، ނުވަތަ އެކުދީންނަށް މުހުތާދުވެގެންވާ މާއްދާތައްތޯ ވިސްނަނީ ކިތައް މީހުންބާވައެވެ. އިންތިޙާނުތަކުން ދައްކާ ނަތީޖާއާއި ކުދީންގެ ކިބައިން ޢަމަލީ ގޮތުން ފެންނަ ތަފާތާ މެދު ޚިޔާލު ކުރަނީ ކޮން ފަރުދެއްތޯއެވެ؟ މިހިރީ ހައްތާ ވެސް ޤައުމީ ނަޒަރަކުން ވިސްނާންޖެހޭ މައްސަލަތަކެވެ. ނަމަވެސް މި ދުވަސް ފާހަގަކުރާއިރު ދަރިވަރުން ތިބީ ތަޢުލީމީ ޙަޔާތުން އަހަރެއް ބޭކާރުވުމުގެ މާޔޫސީގައެވެ. ފެންނަ ކަންތައްތަކާއި އިވޭއަޑުތަކާއި ތަޖުރިބާކުރެވޭ ހަގީގަތްތަކުގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައެވެ. އެހެންވީމާ މިއަދު ފާހަގަކޮށްގެން، ނުވަތަ ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ކަލަންޑަރުގައި ލިޔެފައި އޮވެގެން ޙާޞިލުވީ ކޮން ކަމެއްތޯ ވެސް ވިސްނާކަށް ނުޖެހޭތޯއެވެ؟
އިސްވެ ދެންނެވުނު ތިން ދުވަހުގެ އިތުރަށް ވެސް މިއަދަކީ އެހެން މުނާސަބަތެއް ފާހަގަކުރެވޭ ދުވަހެކެވެ. ގިނަ ބޭފުޅުން ހަނދުމަފުޅު ހުންނާނީ ވެސް މިއަދަކީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމަށް ދެ އަހަރު ފުރުނު ދުވަހުގެ ގޮތުގައެވެ. އެ މުއްދަތުގެ މައްޗަށް އެ "ޚިދުމަތު"ގެ "އުފަލުގައި" ކާމިޔާބީއާއި ނާކާބިޔާބީ ވެސް ފާހަގަކުރަނީއެވެ. އަޅުގަނޑު މޫނުމަތި އަޅައިގެން އަތްދޮވެލަދޮވެލައި އިންނާތީ ވާނުވާއެއް ނޭނގުނެވެ. ލިބުނީ ކާމިޔާބީކަމެއް، ނާކާބިޔާބީކަމެއް ނޭނގުނެވެ. އެކަން ނިންމަވާނީ އެކަން ދެނެވަޑައިގެން ތިއްބެވި ތިޔަ ބޭފުޅުންނެވެ. ދިވެހި ރައްޔިތުންނެވެ.
އިސްލާމީ ޤައުމެއްގެ ވެރިކަން ކުރުމުގެ އެންމެ އަސާސީ ބޭނުމަކަށް ވާނީ އެ ޤައުމުގެ އިސްލާމީ ވަޙުދަތު ޙިމާޔަތްކޮށް ބަދަހިކުރުމެވެ. ދެން، ޒުވާނުން ހެޔޮ ގޮތުގައި ބިނާކޮށް ބާރުވެރިކުރުވައި އެ މީހުންގެ ބޭނުން ޤައުމީ ތަރައްޤީގައި ކުރިއަރއި ދިޔުމެވެ. ކުޑަކުދީންނަކީ އަޅުގަނޑުމެންގެ ހިތްތަކުގެ ނޫރުކަމުގައިވާތީ އެކުދީންނަށް ފުރިހަމަ ތަޢުލީމާއި ތަރުބިޔަތުދީ ޤައުމަށް ބޭނުންތެރި، މުޖުތަމަޢު ބަލައިގަންނަ ފަދަ، ރޫޙާނީ ނަފުސާނީ، އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ. މި ނޫނަސް ޤައުމު އިޞްލާޙުގެ މަގުން ކުރިޔަށް ގެންދިޔުމެވެ. މި ދެންނެވި މަންހަޖުގެ މަތީގައި އިސްލާމް ދީނަށާއި ޒުވާނުންނަށާއި ކިޔަވާ ކުދީން ފަހިވި ފަހި ފުރުޞަތުތަކާ ބެހޭ ގޮތުން ލިބުނު އަރުތައާއި ނުވަތަ ލިބުނު ގެއްލުމާއި ކުރިމަތިވި ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް މިއަދަކީ ވާހަކަދައްކާން އެންމެ އެކަށީގެންވާ ދުވަހެވެ.
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައްޔާއި ޞުލްޙަވެރި މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި މި ލޮބުވެތި ދިވެހި ޤައުމު ޤިޔާމަތާ ހަމައަށް ލަހައްޓަވާށިއެވެ! އާމީން!
