Support Us

ބަންގްލަދޭޝްގައި ހުންނެވި ސަފީރު ޝާން ޝާކިރު، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ގ. ޕެންޒީމާގޭ ޢާއިޝަތު ޝާން ޝާކިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އައްޔަންކުރައްވައިފިއެވެ. ފުރަތަމަ އަންހެން ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް އައްޔަންކުރި ޝާން ޝާކިރު މިހާތަނަށް ހުންނެވީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ.

ޝާން ޝާކިރު މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަޤާމާއި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރގެ މަޤާމުގެ އިތުރުން ވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ފުރުއްވާފައެވެ.

ރައީސް ސޯލިހު މިއަދު ވަނީ ދެ ސަފީރަކަށް ފަތްކޮޅު ވެސް ދެއްވައިފައެވެ. މި ގޮތުން ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ.ޖެހޭވައި، އިބްރާހީމް ޝަހީބާއި، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މ. ޒީނާ ޝިރުޒިމަތު ސަމީރު ވަނީ އައްޔަންކުރައްވައިފައެވެ.

ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި އިބްރާހީމް ޝަހީބު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައެވެ. އަދި އެ މަނިކުފާނު ވަނީ އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަމުގެ މަޤާމާއި، ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަޤާމާއި، ޑިރެކްޓަރުކަމުގެ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައެވެ. ހަމަ އެއާއެކު ޝަހީބު ވަނީ މީގެ ކުރިން ސިންގަޕޫރުގެ ފަސްޓް ސެކްރެޓަރީ އެންޑް އެކްޓިންގ ހައިކޮމިޝަނަރ އޮފް މޯލްޑިވްސް ގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔިއު ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެ މަނިކުފާނު ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީ އިން ބެޗެލަރ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލުކުރައްވާފައެވެ.

ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ޝިރުޒިމަތު ސަމީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމެވެ. އަދި އެ ކަމަނާ ވަނީ މީގެ ކުރިން މޯލްޑިވްސް އެމްބަސީ އިން ޖަރމަނީގެ މިނިސްޓަރ ކައުންސެލަރގެ މަޤާމު ވެސް ފުރުއްވާފައެވެ.

ޝިރުޒިމަތު ސަމީރު މާސްޓަރސް އޮފް ސޯޝަލް ސައިންސް (ސްޓްރެޓެޖީ އެންޑް ޑިޕްލޮމަސީ) ހާސިލުކުރައްވާފައިވަނީ ނެޝަނަލް ޔުނިވަރސިޓީ އޮފް މެލޭޝިއާގެ އިންސްޓިޓިއުޓް އޮފް ޑިޕްލޮމަސީ އެންޑް ފޮރިން ރިލޭޝަންސް އިންނެވެ. އަދި އެ ކަމަނާ ވަނީ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗެލަރ އޮފް އަރޓްސް އިން އިންޓަނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *