Support Us

ސްޓެލްކޯ އިން ހެދި ބަސް ސްޓޮޕް ހުޅުވުމުގެ ރަސްމީޔާތުގެ ތެރެއިން... -ފޮޓޯ: ރައީސް އޮފީސް

ސޯލާ ކަރަންޓު ބޭނުންކޮށްގެން އޭ.ސީ ކޮށްފައިވާ ބަސް ސްޓޮޕެއް ސްޓެލްކޯ އިން ހަދައިފި

ސޯލާ ކަރަންޓު ބޭނުންކޮށްގެން އޭ.ސީ ކޮށްފައިވާ ބަސް ސްޓޮޕެއް ސްޓެލްކޯ އިން ހަދައި، މިއަދު ހުޅުވައިފިއެވެ. ސްޓެލްކޯ ފުރަގަހުން، ބޮޑުތަކުރުފާނު މަގުގައި ހެދި ތިމާވެއްޓާ ރައްޓެހި، ތަނަވަސް، މި ބަސް ސްޓޮޕް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމީޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

ސްޓެލްކޯ އިން ހެދި ބަސް ސްޓޮޕް ހުޅުވުމުގެ ރަސްމީޔާތުގެ ތެރެއިން… -ފޮޓޯ: ރައީސް އޮފީސް

ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުގެ ދަށުން ދޭ ބަހުގެ ޚިދުމަތް ހޯދާ ފަސިންޖަރުން ބަހަށް އަރައިފޭބުމަށް ޚާއްޞަކޮށްގެން ސްޓެލްކޯ އިން ބިނާކޮށްފައިވާ ބަސް ސްޓޮޕް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ރައްޔިތުންނަށް އަމާންކަމާއެކު ހަމަޖެހިގެން ދިރިއުޅެވޭނެ މަގު ފަހިކުރުން ކަމަށެވެ. މި ރޮނގުން ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ސްޓެލްކޯ އިން ހެދި ބަސް ސްޓޮޕް ހުޅުވުމުގެ ރަސްމީޔާތުގެ ތެރެއިން… -ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިއަދު މި ހުޅުވި ބަސް ސްޓޮޕުގެ ސަބަބުން މަގުމަތީގެ ދަތުރުފަތުރުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، ޓްރެފިކް މައްސަލަ ޙައްލުކުރުމާއި، ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަމާއެކު މަގުތައް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާލޭގެ މަގުތައް ބޭނުން ކުރާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު މިފަދަ ޚިދުމަތްތައް ލިބިގަތުމަށް ގޮވައިލައްވައިފައެވެ. އަދި، މަގުތަކުގައި ޕާކުކުރުމުގައި ވެސް އެހެން މީހުންނަށް އުނދަގޫނުވާނެ ފަދަ ގޮތަކަށް ޢަމަލުކުރުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ، ސްޓެލްކޯގެ އިސްވެރިންނާއި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރު ދަންނަވާފައެވެ.

ބަސް ސްޓޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ސީއީއޯ ހަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ބިނާކޮށްފައިވާ މި ބަސްހުއްޓިއަކީ ދަތުރުވެރިން އަވިންނާއި، ވާރެއިން ސަލާމަތްވެ ތިބެވޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ބަސްހުއްޓިއެއް ކަމަށާއި މި މަސައްކަތަކީ އިޖްތިމާޢީ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީވުމަށް ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށެވެ.

ސްޓެލްކޯ އިން ހެދި ބަސް ސްޓޮޕް ހުޅުވުމުގެ ރަސްމީޔާތުގެ ތެރެއިން… -ފޮޓޯ: ރައީސް އޮފީސް

"ބަސް ސްޓޮޕްގައި ކަރަންޓު ބޭނުންކުރަނީ އިރުގެ އަވިން އުފައްދާ ހަކަތައިން. ފެންވެސް މި ފޯރުކޮށްދެނީ އިންޖީނުން އަރާ ހޫނު ބޭނުންކޮށްގެން އުފައްދާ ސާފު ފެން. އަދި ބަސް ސްޓޮޕަށް އިރުގެ އަލިވެސް ފުރިހަމައަށް ލިބޭނެ،" މުޣުނީ ވިދާޅުވިއެވެ. މީގެ އިތުރަށް ފޯނު ޗާޖުކުރުމަށް ޔޫއެސްބީ ޗާޖިން ޕޮއިންޓްތަކެއްވެސް ބަސް ސްޓޮޕްގައި ވަނީ ހަދާފައިވާކަން އޭނާ ފާހަގަކުރެެއްވިއެވެ.

ސްޓެލްކޯއިން ބުނީ ބަސް ސްޓޮޕްގައި ބަސް ދަތުރުތަކާ ގުޅޭ މަޢުލޫމާތުވެސް ފެންނަން ހުންނާނެ ކަމަށާއި ކުރިއަށް އޮތް ތާނގައި ބަސް އޮތް ސަރަޙައްދު ބެލުމަށް ޓްރެކިން ޑިވައިސްއެއް ވެސް ބަހައްޓާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *