Support Us

ކޮލަމް: ދޭހަ

އިހުމާލުވުން މާނަކުރަނީ ކިހިނެއް؟

ކަންކަމާ މެދު އިހުމާލުވުން ރާއްޖޭގައި މާނަ ކުރެވެނީ ކިހިނެއް ބާވައެވެ؟ މީހެއްގެ އިހުމާލުވުމުގެ ސަބަބުން އަނެކާ އަށް ގެއްލުމެއް ވާނަމަ އެއީ މައްސަލައެކެވެ. މީހެއްގެ އިހުމާލުވުމުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުމެއް ވާނަމަ އެ އިހުމާލުވުމުގެ މައްސަލަ ބެލެންވާނެ އެވެ. މީހެއްގެ އިހުމާލުވުމުގެ ސަބަބުން މުޅި މުޖުތަމަޢަށް ގެއްލުންވެ މުޅި ޤައުމު ނުރައްކާތެރި ފައްތަރަކާ ހަމައަށް ގެންގޮސްފި ނަމަ އެ ކަމަކާ މެދު ކޮންމެވެސް ފިޔަވަޅެއް އެޅެންވާނެ އެވެ. އިހުމާލުވުން ޢާއްމު ގޮތެއްގައި މާނަކުރެވެނީ ވަރަށް ހަނިކޮންނެވެ. މީހަކާ ހަވާލުވެފައި އޮތް ކަމެއް، އެކަމެއް ކުރުމަށް އަންގާފައި އޮތް ގޮތަށް، ހަވާލުކުރެވިފައި އޮތް މީހާގެ ދޯދިޔާކަމުން ނުކުރެވިއްޖެ ނަމަ އެ ކަމެއް އެ ގޮތަށް ނުކުރެވުނީ އެ މީހެއްގެ އިހުމާލުން ކަމަށް ބެލެވެ އެވެ. ހަމަ އެގޮތަށް މީހެއްގެ ފަރުވާކުޑަކަމުން ނުވަތަ ބަލަންވާވަރަށް ނުބެލިގެން، އެ ކަމެއް ކުރަންވާ ގޮތަށް ނުކުރެވިއްޖެ ނަމަ ވެސް އިހުމާލުވީ ކަމަށް ބެލެވެ އެވެ.

އިހުމާލުވުމުގެ މައްސަލަ ތަކުގައި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުން ވަރަށް ލަހެވެ. ވަރަށް ދޯދިޔާ އެވެ. އެއީ އަޅުގަނޑުމެން ދުރުން ބަލާ މީހުންނަށް ފެންނަ ގޮތެވެ. ފިޔަވަޅު އެޅުން ލަސްވާ ސަބަބު އަޅުގަނޑުމެންނަށް މާނަކުރެވެނީ ވެސް އެހެން ގޮތަކަށެވެ. ސިޔާސީ ނުފޫޒާއި ފައިސާގެ ނުފޫޒާއި ރައްޓެހިކަމުގެ ނުފޫޒާއި ޢާއިލީ ގުޅުމުގެ ނުފޫޒު އޭގެ ތެރެއަށް ވަންނާތީވެއެވެ. މި ފަދަ ކަންތައްތަކާ މެދު ފިޔަވަޅު އަޅަންޖެހޭ ފަރާތް ތަކުން ފަހަކަށް އައިސް އެންމެ ގިނައިން ބޭނުން ކުރާ ޖުމުލައަކަށް ވެފައި އޮންނަނީ "އެކަށީގެންވާ ވަރަށް ހެކި ލިބިފައި ނެތުމުން" ކުރިއަށް ނުގެންދެވުމެވެ. މި ސަގާފަތް ލޫޓުވައިލާންޖެހެ އެވެ. ޤައުމުގެ ހެވަކަށެވެ. ސިއްޙީ އިދާރާތަކުން ގެންގުޅޭ "ކޮންޓެކްޓް ޓުރޭސިންގް"ގެ އުޞޫލަކީ ވަރަށް ރަނގަޅު އުޞޫލެކެވެ. އެކަމަކު އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިހާރު މޫލާފައި އޮތް "ކޮންޓެކްޓް ބޭނުން ކޮށްގެން އޮއްބާލާ" އުޞޫލަކީ ނުރައްކާތެރި އުޞޫލެކެވެ. ކޮންމެވެސް ބައެއްގެ އިހުމާލުވުމުގެ އެންމެ ފަހުގެ އެންމެ އަސަރުކުރުވަނިވި މައްސަލަ އިން އަޅުގަނޑު ފަށާނަމެވެ.

ޓޫރިސްޓް ރިޒޯޓެއްގައި މަސައްކަތް ކުރަމުން އައި މުއައްޒަފަކު ދާދި ފަހުން ވަރަށް ހިތްދަތި ގޮތަކަށް ނިޔާވެއްޖެ އެވެ. ދެ ހަފްތާ ވާންދެން އޭނާ ބަލި އެނދުގައި އޮތް ކަމުގައި ވެއެވެ. ބޭސްފަރުވާ ކުރުމަށް އާދޭސްކުރި ކަމުގައި ވެއެވެ. އޭނާ ހޭނެތިގެން ފާޚާނާތެރެއަށް ވެއްޓުނު ކަމުގައި ވެސް ވެއެވެ. އޭނާ ކޮވިޑް ބަލިމަޑުކަމުގެ ޓެސްޓް ކުރުމަށް ވެސް އެދުނު ކަމުގައި ވެއެވެ. އޭނާ މާލެ ފޮނުވައިދިނުމަށް އެދި ރިޒޯޓުގެ މެނޭޖްމަންޓްގައި އެތައް ފަހަރަކު އާދޭސްކުރި ކަމުގައި ވެއެވެ. ކޮވިޑް19ގެ ދުވަސްވަރު ދަތުރުފަތުރު ކުރުމުގެ ނިޒާމް ހަމަޖެހިފައި އޮންނަ ގޮތުން އޭނާ އަމިއްލަ އަށް މާލެ ނާދެވޭނެ އެވެ. ރިޒޯޓު ހިންގާ ފަރާތުން އެންމެ ފަހުން އޭނާގެ ޙާލު ދެރަވެގެން ކައިރި ރަށެއްގެ ހޮސްޕިޓަލަށް ގެންދެވުނު ކަމުގައި ވެއެވެ. އޭނާ އައި.ސީ.ޔޫ އަށް ލެވުނެވެ. އެތަނުން ނެރުނީ އޭނާގެ ގަބުރެވެ. އޭނާ މަސައްކަތް ކުރި ރިޒޯޓުގައި މަސައްކަތް ކުރާ އެތައް މުއައްޒަފުންނެއް ވަނީ ކޮވިޑް އަށް ފައްސިވެފައެވެ. މި ކަމުގެ ޒިއްމާ ނަގާނީ ކާކު ތޯއެވެ؟ ކޮންބައެއް ތޯއެވެ؟ މިއީ މެނޭޖްމަންޓުގެ އިހުމާލެއް ނޫން ކަމުގައި ވަނީ ނަމަ، މިކަން ވާނީ ގަސްދުގައި ކުރި ކަމަކަށެވެ. އިންސާނެއްގެ ފުރާނަ ދިޔައީ އެވެ.

މި ދެންނެވި މުއައްޒަފްގެ މަރުގެ މައްސަލަ ތަޙްޤީޤް ކުރުމަށް ކަމާ ބެހޭ ފަރާތުން ފުލުހުންނަށް ހުށައަޅައިފައިވާ ކަމުގައި ވެއެވެ. އަދި އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުން ވެސް މި މައްސަލަ ބަލަމުން ގެންދާ ކަމުގައި ވެއެވެ. އަޅުގަނޑަށް ފާހަގަކުރެވިފައިވަނީ، ރާއްޖޭގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަކީ އަމަލީ ގޮތުން އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުމަށް ވުރެ ބޮޑަށް ރިޕޯޓް ލިޔާ ކޮމިޝަނެއްގެ ގޮތުގައެވެ. ޓޫރިޒަމް މިނިސްޓުރީން ވެސް މި މައްސަލައިގެ ތެރެއަށް ވަންނަންޖެހެ އެވެ. ރިޒޯޓުގައި މަސައްކަތް ކުރާ މުއައްޒަފަކު ބަލިވުމުން ފަރުވާ ނުދިނުމުގެ ސަބަބުން އޭނާ ނިޔާވުމުންނެވެ.

ފުލުހުންނަށް، މިކަހަލަ މައްސަލަތައް ބަލަން ވަރަށް ވަގުތު ނަގާނެ އެވެ. އެ ތަނުގެ މޮޓޯ އަކީ މަޑުން، މާ މަޑުމަޑުން ގޮސް ރޭސް ނިންމާލުން ކަމަށް ވެދާނެ އެވެ. ޅ. އަތޮޅުގެ ރިޒޯޓެއްގައި ދިމާވި މިބާވަތުގެ މައްސަލައެއް އަދިވެސް ފުލުހުން ބަލަނީ އެވެ. އަޅުގަނޑު މި ދަންނަވަނީ ކޮވިޑް19ގެ ބަލި ޖެހިފަައި ބަޔަކު ތިބިކަން ވަންހަނާ ކުރި މައްސަލައިގެ ވާހަކަ އެވެ. އެކަމުގެ ސަބަބުން މުޅި ޤައުމު އެތައް އުނދަގުލެއް އުފުލަން ޖެހުނެވެ. އެކަމުގައި ކޮންމެެވެސް ބަޔަކު އިހްމާލު ވެއެވެ. ރިޒޯޓުގެ މެނޭޖްމަންޓުގެ އެއްވެސް އިހުމާލެއް ނެތެވެ!! އަޞްލުގައިވެސް ތޯއެވެ؟

މީގެ ކުޑަ ދުވަސް ކޮޅެއްގެ ކުރިން ނޫސްތަކުން ފަލަ ސުރުޚީ ހޯދީ ހުޅުމާލޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ޚަބަރެވެ. ފަތަން ނުދަންނަ މީހަކު އިސްކޮޅުނުކާ ތަނަކަށް ދަންވަރު ގަޑީގައި މޫދަށް ފުންމާލީ އޭނާ އަށް ބަޔަކު ޖިންސީ ގޯނާ ކޮށްގެންނެއް ނޫނެވެ. ޖިންސީ ގޯނާ ކޮށްފާނެތީވެ ގަތް ބިރަކުން ވެސް ނޫނެވެ. އޭނާ ހުރީ މަސްތުގައެއްވެސް ނޫނެވެ. ފަތަން ނުދަންނަ މީހަކު މޫދަށް ފުންމާލުމުން ވާ ގޮތެެއްގެ އަޖުމަ ބަލައިލާށެވެ. ކުށުގެ ވެއްޓަށް ޙާޒިރުވި ކަމާ ބެހޭ މީހުން، ތުހުމަތު ކުރެވުނު މީހުން މަސްތުވާ އެއްޗެއް ނަގާފައި ވޭތޯ ބެލުމަށް ޓެސްޓެއް ނުކުރެެއެވެ. ޢާއްމު ގޮތެއްގައި ތަންކޮޅެއް ބާރަށް ކާރު ދުއްވާލިއަސް ކަމާ ބެހޭ މީހުންގެ އަތުގައި ޖެހިއްޖެ ނަމަ އެންމެ ފުރަތަމަ ކުރާ ކަމަކީ މަސްތުވާ އެއްޗެއްގެ ބޭނުންކޮށްފައި ވޭތޯ ބެލުމަށް ޓެސްޓު ކުރުމެވެ. ކުށުގެ ވެއްޓަށް ކަމާ ބެހޭ މީހުން ގޮސް އެ ތަނުގައި ޕާޓީކުރި ބަޔަކު މަސްތުވާ ތަކެތި ބޭނުންކުރިތޯ ބެލުމަށް ޓެސްޓު ނުކުރުމަކީ އިހުމާލެކެވެ. ގަސްދުގައި ކުރި ކަމެއް ކަމުގައި ވަނީ ނަމަ މައްސަލައެކެވެ. ކުށުގެ ވެށިން ފެންނަ މީހުންގެ ޓެސްޓު ނުކުރާ ގޮތަށް، ކަންތައް ކުރާނެ ގޮތް ލިޔެފައި އޮންނަ ފޮތުގައި ލިޔެފައިނުވާ ނަމަ އެއީ ބޮޑު މައްސަލައެކެވެ.

އެތައް މިލިއަން ރުފިޔާގެ މަސްތުވާ ތަކެއްޗާ އެކު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުން ފަހަކަށް އައިސް ވަރަށް ގިނައިން ހައްޔަރު ކުރެއެވެ. ކޯޓާ ހަމައަށް ގެންދިއުމުން، އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ދޫކޮށްލައެވެ.  ފުލުހުން ބުނަނީ މައްސަލަ ހުށަހެޅެނީ ހެއްކާ އެކީގައި ކަމުގައެވެ. މި ކަމުގައި ވެސް ދިވެހި ސަގާފަތެއް އޮވެއެވެ. ބަންދުގައި ބަހައްޓައިގެން ތަޙްޤީޤް ކުރުމަށް ކޯޓުގެ އަމުރެއް ހޯދުމުގެ ޤާނޫނު ފުރަތަމަ ތަންފީޒު ކުރެވުނު ދުވަސްވަރު، ބަންދުގައި ބެހެއްޓުމަށް ފުލުހުންނަށް ދީފައި އޮންނަ މުއްދަތު ހަމަވުމުން މުއްދަތު އިތުރު ކުރުމަށް ފުލުހުން އެދުނު މުއްދަތެއް ކޯޓުން އިތުރު ކުރަމުން ގެންދިޔަ އެވެ. މައްސަލަ ޖެހެން ފެށުނީ މި ގޮތަށް އެތައް ފަހަރަކު މުއްދަތު އިތުރުކުރެވޭއިރު ވެސް އެއް މުއްދަތުން އަނެއް މުއްދަތަށް އިތުރު ހެއްކެއް ހޯދުމަށް ނުވަތަ ތަޙްޤީޤަށް ކުރިއެރުމެއް ލިބުނުކަން ހުށަނޭޅެން ފެށުމުންނެވެ. މި ގޮތަށް ކަންތައް ކުރިމަތިވާން ފެށުމުން ޝަރީޢަތް ކުރާ މީހުންނަށް ފަހުން ލިބުނު ބާރާ އެކު ބަންދުގައި ބަހައްޓައިގެން ތަޙްޤީޤް ހިންގާ ވަރަށް ޝަރީޢަތަށް ހެކި ހުށަނުއެޅުމުން ބަންދުގައި ބެހެއްޓޭ މީހުން ދޫކުރަން ފެށި އެވެ. އެތައް ހަންދަރެއްގެ މަސްތުވާ ތަކެއްޗާ ގުޅުން ހުރި ކަމަށް ބުނާ މީހަކު ވެސް ބަންދުގައި ބަހައްޓައިގެން ތަޙްޤީޤް ކުރުމަށް، ޝަރީޢަތަށް ސާބިތުވާ ވަރަށް އޭނާގެ ގުޅުމެއް ވާކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ އޭނާ ދޫކޮށްލާނެ އެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ޤާނޫނުން ބޭރުން، ރައީސް ނަޝީދުގެ ސަރުކާރުން ބަންދުކޮށްގެން ގެންގުޅުނު ފަނޑިޔާރު ބަންދު ކުރެވުނީ ވެސް މި ބާވަތުގެ މައްސަލައެއްގަ އެވެ. އެއިރު ވެރިކަމުގައި އޮތް ސަރުކާރުން ބޭނުން ގޮތަށް އޭނާ ކަންތައް ކޮށް ނުދެއްވައިގެންނެވެ. ޖިނާއީ ބޮޑެތި ކުށުގެ ކުށްވެރިން ބަންދުން ދޫވެފައި ތިބުމުގައި ކޮންމެވެސް ބައެއްގެ ބޮޑު އިހުމާލެއް އެބައޮތެވެ. މިކަހަލަ ކަންކަމުގައި ވަކި ބަޔަކު ކުރީތީވެ، އަނގައިން ނުބެނެ ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކަންކަން ރަނގަޅު ކުރެވޭނީ ގޯސް ބައިތަކުގެ ވާހަކަ ދައްކައިގެންނެވެ. ބިނާކުރަނިވި ފާޑު ކިއުމުންނެވެ.