Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

ފިޗްގެ "ސީ.ސީ.ސީ" އާއި ސަރުކާރުގެ "އޯ.އެމް.ޖީ"

ފިޗް ރޭޓިންގްސް އަކީ ދުނިޔޭގެ ކްރެޑިޓް ރޭޓިންގް އެޖެންސީތަކުގެ ތެރެއިން އެންމެ ބޮޑު އެއް އެޖެންސީއެވެ. ކްރެޑިޓް ރޭޓިންގް ހަދައިދޭ އެޖެންސީތަކަކީ، ޤައުމެއް ނުވަތަ ކުންފުންޔެއްގެ ދަރަނި އަދާކުރުމުގެ ޤާބިލުކަން ވަޒަންކޮށް، އެކަމަށް ކްރެޑިޓް ރޭޓިންގް ހަދައިދޭ ބައިނަލްއަޤްވާމީ ފަރާތްތަކެކެވެ. މިނިވަން އެޖެންސީއަކުން މިފަދައިން ދަރަނި އަގުމަގު ކުރުމުގެ މުހިންމު ބޭނުންތަކެއް ވެއެވެ. އެއީ، އެހެން ޤައުމުތަކާއި، ބޭންކުތަކާ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ، އެހީދޭ އެޖެންސީތަކަށް، އެ ޤައުމެއްގެ އިޤްތިޞާދާ މެދު އިތުބާރު ޤާއިމުކޮށް، އިތުރު ލޯނުތަކާއި އިންވެސްޓްމަންޓް ހޯދުމަށް މަގުފަހިކުރުމެވެ. އަދި، އެޤައުމެއްގެ މާލީ ހިސާބުތަކުން ފެންނަންހުރި ދަރަނި ދެއްކުމުގެ ޤާބިލިއްޔަތާއި އިޤްތިޞާދީ ހަކަތަ އެޤައުމެއްގެ އިޤްތިޞާދުގައި ހުރިކަން ސާބިތުކޮށްދިނުމެވެ.

ތާރީޚުގައި ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓިންގް އެޖެންސީއަކުން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓް ކުރީ 2016 ވަނަ އަހަރު މޫޑީސް ރޭޓިން އޭޖެންސީންނެވެ. އަދި، ވިދިގެން އައި އަހަރު، ފިޗް ރޭޓިންގް އެޖެންސީން ހެދި އެފަދަ ކްރެޑިޓް ރޭޓިންގެވެ. ރާއްޖެއަށް 2016 ވަނަ އަހަރު މޫޑީސް އިން ދިނީ 'ބީ 2′ ރޭޓިންގެވެ. 2017 ވަނަ އަހަރު ފިޗުން ދިނީ 'ބީ.ބީ.' ނުވަތަ 'ބީ. ޕްލަސް' ރޭޓިންގް އެކެވެ. އޭގެން ބުނެދެނީ ދަރަނި އަދާކުރުމުގައި ހިސާބަކަށް ރިސްކް އޮތަސް އިޤްތިސާދުގައި ދަރަނި ދެއްކުމުގެ ޤާބިލްކަން ހުރިކަމެވެ.

ކްރެޑިޓް ރޭޓިންގް އެޖެންސީއަކުން ރޭޓިންގް މިހަދަނީ އެޤައުމެއްގެ ވަރަށް ގިނަ މާލީ އަދި އިޤްތިޞާދީ ތަފާތުހިސާބުތައް ލިބިގެން، އެމަޢްލޫމާތަށް ރިއާޔަތްކުރުމަށްފަހު އެވެ. އަދި، އެރޭޓިންގަކީ މޮނިޓަރކޮށް، ޙާލަތު ބަދަލުވުމާއެކީ ބަދަލު ކުރަމުންގެންދާ އެއްޗެކެވެ. އެޤައުމެއްގެ ދަރަނި ދެއްކުމުގެ ޤާބިލްކަން ހުރި މިންވަރަކުންނެވެ.

ރައީސް ޔާމީން ކްރެޑިޓް ރޭޓިންގް ހަދަން ހުށަހެޅުއްވީ ކީއްވެ؟

މިދެ އެޖެންސީން ރޭޓިންގް ހައްދަން ރައީސް ޔާމީން ކަނޑައެޅުއްވި ސަބަބާމެދު ވިސްނުން ހިންގާލުން މުހިންމެވެ. ދިވެހިރާއްޖެއަކީ، ޤައުމުގެ މިނިވަން ތާރީޚުގައިވެސް ދަރަންޏެއް އަދާނުކުރެވި 'ޑިފޯލްޓް' ވީ ފަރާތެއް ނޫނެވެ. ފަޚުރުވެރި ތާރީޚެކެވެ. ނަމަވެސް، ސިޔާސީ ބޭނުމެއްގައި އެވަގުތު ވާދަވެރި ފަރާތްތަކުން ރައްޔިތުންނަށް ވިސްނާދެމުންދިޔައީ، ތަރައްޤީގެ މަޝްރޫއުތަކަށް ނެގެމުންދިޔަ ލޯނުތައް އަދާކުރުމުގެ ހަކަތަ ޤައުމުގައި ނެތްކަމަށެވެ. އަދި، އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތަކަށް ވާގިވެރިވަމުންދިޔައީ ހުޅަނގުގެ ބައެއް ޤައުމުންނާއި އަވަށްޓެރި އިންޑިޔާއިންނެވެ. އެފަރާތްތަކުގެ އަމިއްލަ ބޭނުމެއް އޮވެގެންނެވެ. އެހެނީ، ރައީސް ޔާމީން ނެންގެވި މިފަދަ ގިނަ ލޯނުތަކަކީ ޗައިނާއިން ނެންގެވި ލޯނަށް ވީހިނދު، އެހުރިހާ ޤައުމަކީ ޗައިނާގެ ހަކުވި އިޤްތިޞާދީ ދުވެއްޔާމެދު ހަސަދަލައިގެން ތިބި ބައެކެވެ. ޗައިނާގެ އަގު ވައްޓާލުމަށް ހިންގަމުންދިޔަ ބައިނަލްއަޤްވާމީ ކެމްޕޭނުގެ ތެރެއިން، ރައީސް ޔާމީންގެ އަގު ވައްޓާލަން، ރާއްޖޭގައި ތިބި އެމަނިކުފާނުގެ ވާދަވެރިންނަށް ފުރުޞަތު ތަނަވަސްވީއެވެ.

ހަޤީޤަތްވެސް ރައްޔިތުންނަށް ހާމަވާން އެބަ ޖެހެއެވެ. ސިޔާސީ ވިސްނުމާއި ޒާތީ ތަޢައްސުބުގެ ތެރެއިން، މިކަންކަން ޤަބޫލުނުކުރާނެ، ޤަބޫލުނުކުރެވޭނެ އަދި ޤަބޫލުކުރަން ބޭނުންނުވާނެ ބަޔަކު ތިބޭނެއެވެ. އެބަޔަކާމެދު ފިކުރެއް ނުކުރަމެވެ. އެބަޔަކު މިލިޔުން ކިއުމަކީވެސް، އޭގެ ޒާތުގައި، މުސްތަޚީލު ކަމެކެވެ. އެހެނީ، ލިޔުންތެރިޔާއަކީ ރައީސް ޔާމީންގެ އަރިހުގައި ޚިދްމަތްކުރި، އެމަނިކުފާނުގެ ޕާޓީގެ ވެރިއަކަށްވީތީއެވެ. ވީމާ، މިލިޔުން މިއަމާޒުކުރަނީ ހުޅުވިފައިވާ ސިކުނޑިއަކާއެކު ކަންކަމާމެދު ފިކުރު ހިންގާ ޒިންމާދާރު އުޚްތުންނާއި އަޚުންނަށެވެ.

ފުރަތަމަ ފާހަގަކޮށްލަން ޖެހޭ ހަޤީޤަތެއް އެބައޮތެވެ. ލޯނަކީ އަބަދުވެސް ނަގަމުންއައި އެއްޗެކެވެ. ލޯނެއް ނެންގެވި ފުރަތަމަ ދިވެހި ރައީސަކީ ޔާމީނެއް ނޫނެވެ. ދެވަނަ ނުކުތާއަކީ، އެމަނިކުފާނު އަދާކުރެއްވި އަދި އަދާކުރައްވަން ޖެހިވަޑައިގެން ލޯނުތަކެވެ. އޭގައި ވަރަށް ބޮޑުތަކުން ހުރީ ރައީސް ނަޝީދު ނެންގެވި ލޯނުތަކެވެ. އެލޯނުތައް ބަރާބަރަށް އަދާކުރައްވާ ޚަލާސްކުރެއްވިއެވެ. އޭގެ އިތުރުންވެސް ރައީސް ނަޝީދާ ގުޅޭ މުހިންމު ދެ މާލީ ޒިންމާއެއް އެމަނިކުފާނު އަދާކުރެއްވިއެވެ.

އެއް ކަމަކީ، ރައީސް ނަޝީދުގެ ތިން އަހަރާއި ތިން މަސްދުވަހުގެ ޒަޢާމަތަށްފަހު ފައިސާނުދައްކާ ހުރި ބިލުތަކުގެ ތެރެއިން ރައީސް ވަޙީދުގެ ޒައާމަތު ނިމުނުއިރުވެސް ޚަލާސްނުކުރެވިހުރި ދަރަނިތައް އަދާކުރެއްވުމެވެ. އޭގެ ތެރޭގައި އަޖާއިބުވާންޖެހޭ ފަދަ ޚަރަދުތައްވެސް ހުއްޓެވެ. ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބޮޑު އަގުގައި އަޅާ، އޭގެ ފަހުން ބޭނުން ނުހިފި ހުރި ކޮންވެންޝަން ސެންޓަރުގައި ހުރި ފެންގަނޑު ޒީނަތްތެރިކުރަން ބޭރުން އިމްޕޯޓުކުރި އަސްދޫނިތަކެއްގެ ނުދައްކާ އޮތް ބިލުތަކެއްވެސް ހިމެނެއެވެ. ހިތާމައަކީ އެ އަސްދޫނިތައް އިމްޕޯޓުކުރިތާ ހަތަރު ފަސް އަހަރުފަހުން އޭގެ އަގު ދެއްކި އިރު އެ އަސްދޫނިތައްވެސް ނެތްކަމެވެ. އަޅުގަނޑުމެން ކުރި ދިރާސާއަކުން އެނގުނީ، ސަމިޓަށްފަހު އެ އަސްދޫނިތައް ވެގެންދިޔައީ ސަރުކާރު ހިންގި ޕާޓީގެ އެކްޓިވިސްޓުން އެއްރޭ ހެދި ބާބަކިއުއެއްގައި ފިހެގެން ކެއި އެއްޗަކަށެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ރައީސް ޔާމީން ވަނީ އިތުރު ބޮޑު ހޭދައެއްވެސް ކުރައްވާފައެވެ. އެއީ، ޖީ.އެމް.އާރ. އަށް ޤައުމުގެ މައި ދޮރާށި ނުއަގުގައި ވިއްކާލި މައްސަލައިގައި، އެކުންފުނި އެތަނުން ބޭރުކުރަން، ސިންގަޕޫރުގައި އޮތް އާބިޓްރޭޝަނުން އެކަށައެޅި 250 މިލިއަން އެމެރިކާ ޑޮލަރު އެފަރާތަށް ދެއްކުމެވެ. މިކަން ކުރެއްވީ ލޯނު ނަންގަވައިގެނެއް ނޫނެވެ. ރައްޔިތުން ބަނޑަށް ޖައްސައިގެނެއްނޫނެވެ. ސަލާމަތްކުރެއްވި އެއަރޕޯޓުން އެއިރުވެސް ލިބެމުންދިޔަ ބޮޑު އާމްދަނީންނެވެ.

ކޮންމެއަކަސް، މިކަންކަން ކުރެއްވުމުގެ އިތުރު، ޤައުމުގެ ފުދުންތެރިކަން އިތުރު ހަރުފަތަކަށް އުފުލާލައްވަން އެކަށައެޅުއްވި ގިނަ މަޝްރޫއުތަކަކަށް ރައީސް ޔާމީން ލޯނު ނެންގެވިއެވެ. ލޯނު ނެންގެވުމުގައި އުޞޫލެއް ގެންގުޅުއްވިއެވެ. އެއިރު ވަޒީރުންގެ މަޖިލީހުގައި އިން މެންބަރެއްގެ ހައިސިއްޔަތުން، އެ އުޞޫލު އަޅުގަނޑަށް ވަރަށް ފަރިތައެވެ. އެއީ، ނަގާ ލޯނަށްވުރެ ދެގުނަ އާމްދަނީ އިތުރުކުރުމުގެ އުޞޫލެވެ. އެގޮތުން ކުރެއްވި ބައެއް ކަންކަންވެސް ދަންނަވާލާނަމެވެ. ފަތުރުވެރިކަމާއި އިންވެސްޓްމަންޓް އިތުރުކުރެއްވުމެވެ. އަދި، ގްރީން ޓެކްސް ތައާރަފުކުރުމެވެ. މިފިޔަވަޅުތަކުން އިތުރުވީ އާމްދަނީގެ ތަފްޞީލު އެހެރީ ފެންނާށެވެ. އާމްދަނީ އިތުރުވީ މިންވަރު ވަޒަންކޮށްލަން އެދޭނަމަ، އެންމެ ނަމޫނާއެއް ފުދެއެވެ. ވެރިކަން ނިންމެވިއިރު، ބަޖެޓާއި ރިޒާވް އަދި އެހެނިހެން އަސާސީ ޚަރަދު ފައިސާގައި އަތްނުލާ ނެންގެވި ލޯނުތައް އަދާކުރުމަށްޓަކައި ޚާއްޞަ 'ސޮވަރިން ފަންޑް' އެއް ޤާއިމުކުރައްވާފައި އޮތެވެ. އެ ފަންޑުގައި އެއިރު 900 މިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ. އެއިރު، އެފަންޑަށް ވަންނަމުންދިޔަ އާމްދަނީގެ ނިސްބަތުން ބަލާއިރު (ކޮވިޑާ އެކުވެސް) މިހާރު އޭގައި 1.6 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެއެވެ.

ރައީސް ޔާމީން ކްރެޑިޓް ރޭޓިންގް ހަދާ ދުނިޔޭގެ އެންމެ މަޤްބޫލު އަދި އިތުބާރުކުރެވޭ ދެ ފަރާތަށް ދައުވަތު ދެއްވީ މިދެންނެވި ކަންކަން އޮޅުވާލަން ބަޔަކު ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ. ޤައުމުގެ އަގު ހިފެހެއްޓުމަށެވެ. އަދި ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތުގެ ހަރުދަނާކަން ސާބިތުކޮށްދެއްވުމަށެވެ. އަޅުގަނޑުމެން ދެއްކި ވާހަކަ ޤަބޫލުނުކުރިއަސް، އިޙްތިރާމް ލިބިގެންވާ ބޭރުގެ ބޮޑު އިދާރާއަކުން ދޭ މިނިވަން ލަފާ އަޑުއަހާތޯއެވެ. މިކަން ކާމިޔާބުވީ ކަމަށް އަޅުގަނޑު ދެކެމެވެ. ސިޔާސީ އަވައިގައި ޖެހިފައިތިބި ގިނަ ދިވެހިންނަށް އޭގެން އަސަރެއް ނުކުރިއަސް، އިންވެސްޓްކުރަން ވިސްނައިގެންތިބި ބޭރުގެ ގިނަ ފަރާތްތަކަށް އެކަމުން ހިތްވަރާއި ޔަޤީންކަން ލިބުނެވެ. ރޭޓިންގަށް ބިނާކޮށް، ރާއްޖޭގައި ބިޔަ ބޮޑު މަޝްރޫއެއް ހިންގަން ނިންމި އެއް ފަރާތެއްގެ މިސާލު ދަންނަވާލާނަމެވެ. އެއީ ތައިލެންޑުގެ ސިންހާ ކުންފުންޏެވެ. މިއަދު ތިޔަ ފެނިވަޑައިގަންނަވާ ކްރޮސްރޯޑްސް މަޝްރޫއުގެ ވެރިފަރާތެވެ.

ފިޗް ރޭޓިންގް އެޖެންސީން، 5 ނޮވެމްބަރު 2020 ގައި މިވަނީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް 'ބީ.' ނުވަތަ 'ބީ. މައިނަސް' އިން 'ސީ.ސީ.ސީ.' ގެ ދަރަޖައަށް ދަށްކޮށްފައެވެ. ވައްޓާލާފައެވެ. މިދެންނެވި 'ސީ.ސީ.ސީ.' އަކީ ފިޗުން ދޭ އެންމެ ދަށް ރޭޓިންގެވެ. އޭގެކުރިން، 20 މޭ 2020 ގައިވެސް ފިޗް ރޭޓިންގުން ވަނީ 'ބީ.ބީ.' ނުވަތަ 'ބީ. ޕްލަސް' އަކުން 'ބީ.' ނުވަތަ 'ބީ. މައިނަސް' އަށް ރާއްޖޭގެ ކެޓަގަރީ ތިރިކޮށްފައެވެ. އެއް އަހަރުގެ ތެރޭގައި ދެފަހަރަށް ބަދަލުކުރީއެވެ. އިތުރަށް ދަށްކުރީއެވެ.

'ސީ.ސީ.ސީ.' ކެޓަގަރީ އަކީ ފިޗް ރޭޓިންގްސް އިން މާނަކުރާގޮތުގައި، އިތުރަށް ދަރަންޏަށް ފައިސާ ނަގާ، އެދަރަނި އަދާކުރުމުގެ ޤާބިލިއްޔަތު އަދި ހަކަތަ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ނެތްކަމެވެ. އަދި، މިހާތަކަށް ނަގާފައިވާ ދަރަނިތައްވެސް ނުދެއްކިދާނެ ޙާލަތަށް އިޤްތިޞާދު ވެއްޓިފައިވާކަމެވެ. އޮތީވިއްޔާ އޮތް ދަރަންޏެއް ބަރާބަރަށް އޮންނަ ވަގުތަށް ދައްކަމުން އަންނަ ރެކޯޑު ހިފެހެއްޓުން ދަތިވާނެކަމެވެ.

'ސީ.ސީ.ސީ.' ރޭޓިންގް ދީފައިވާ ޤައުމެއްގެ ދަރަންޔަކީ ދުނިޔޭގެ ބޮޑެތި ބޭންކުތަކުން ފައިނޭންސް ކުރާނެ ދަރަންޔެއް ނޫނެވެ. 'ސީ.ސީ.ސީ.' ރޭޓިންގް ކެޓަގަރީގައި އޮންނަ ޤައުމުތަކުން ވިއްކާ ބޮންޑުތަކަށް ކިޔާ އުޅެނީ 'ޖަންކް ބޮންޑް' އެވެ. 'ޖަންކް' އަކީ ކުނިގޮޑަށް އުކާލަން ޖެހިފައިވާ ތަކެއްޗަށް އިނގިރޭސިން ކިޔާ ނަމެކެވެ.  ރާއްޖޭގެ އިތުރުން 'ސީ.ސީ.ސީ.' ކެޓަގަރީގައި މިވަގުތު ހިމެނޭ ބައެއް އެހެން ޤައުމުތަކަކީ އެންގޯލާ، ކޮންގޯ، މޮޒަންބީކް އަދި ގަބޮން އެވެ. ހައްތަހާވެސް ފެއިލްވެފައިވާ ދައުލަތްތަކެވެ. ބަނޑުހައިހޫނުކަންމަތީ ގިނަ ރައްޔިތުން އުޅެމުންދާ ޤައުމުތަކެވެ. ބޭންކްރަޕްސީ ޑިކްލެއަރ ނުކޮށް ދެމެހެއްޓުމަށްޓަކައި، ކޮންމެވެސް ބޮޑެ ބާރެއްގެ ފިޔަފަތް ދަށަށް ވަދެ، އަޅުދާސްވާން މަޖުބޫރުވެފައިވާ ފަރާތްތަކެވެ.

ރާއްޖެ 'ސީ.ސީ.ސީ.' ރޭޓިންގަށް ދަށްކުރަން ފިޗަށް މަޖުބޫރުވީ ކީއްވެ؟

ފިޗް ރޭޓިންގް އެޖެންސީން ބުނާގޮތުން 'ސީ.ސީ.ސީ.' ކެޓަގަރީއަށް ދިވެހިރާއްޖެ ދަށްކުރީ މައިގަނޑު ތިން ސަބަބަކާ ހުރެއެވެ.

އެއީ، ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ ވަރަށް ކުރީކޮޅު ފަތުރުވެރިކަން އެކީ ހުއްޓުމަކަށް އައުމަށްފަހު، ޖުލައި މަހުގައި ރާއްޖެ ހުޅުވާލުމުން، ފަތުރުވެރިކަން ސަރުކާރުން އަންދާޒާ ކުރިވަރާ ގާތަށްވެސް އިޔާދަނުވާތީއެވެ. އަދި، 2022 ވަނަ އަހަރު ނިމުމުގެ ކުރިން ފަތުރުވެރިކަން އެކީ ހަމަޔަކަށް ނޭޅެނެތީއެވެ. މިއައި ބިޔަ އިޤްތިޞާދީ ލޮޅުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އާމްދަނީ ވަނީ މަހުން މަހަށް ދައުލަތުގެ މުވައްޒަފުންނަށް މުސާރަނުދެވޭ މިންވަރަށް ކުޑަވެ، ނުވަ މަސްތެރޭގައި ޖުމްލަ 17 ފަހަރެއްގައި ބޮޑެތި ލޯނުތައް ނަގައިގެން، 2020 ވަނަ އަހަރުގެ ބަޖެޓުގެ ޚަރަދު ހަމަޖައްސަން ޖެހިފައެވެ.

ދެވަނަ ސަބަބަކީ، މިހާލަތުގައިވެސް ޙަރަދު ކުޑަކޮށް، އިސްރާފު މަދުކޮށް، ޤައުމު ވެއްޓިފައިމިވާ ފުން އަނދަވަޅުން ސަލާމަތް ކުރަން ނުކުޅެދިފައިވާތީއެވެ. މިފަދަ ނާޒުކު ވަގުތެއްގައިވެސް، މަތިމައްޗަށް ލޯނު ނަގައިގެން، ވަރަށް ދުރު މުސްތަޤްބަލެއްގައި މެނުވީ ކުޑަވެސް ފައިދާއެއް ރައްޔިތުންނަށް ނުކުރާނެފަދަ ބޮޑެތި އުމްރާނީ މަސައްކަތްތަކަށް އިސްކަންދީގެން ޚަރަދު ކުރަމުންދާތީއެވެ.

ތިންވަނަ ސަބަބަކީ، ސަރުކާރުގެ ޢަމަލުތައް ބަހައްޓަމުންދާގޮތުން، ސިޔާސި މާޙައުލު ފިނިވެފައި ނުވާތީއާއި، މިފަދަ ބޮޑު ކާރިސާއެއްގައިވެސް ޤައުމު އެއްބައިވަންތަކުރުމުގެ ވިސްނުން އިސްކުރަމުން ނުދާތީއެވެ. ހަމަ އެއާއެކު، ކޮވިޑާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިފައިވުމުގެ ނަތީޖާއެއްގެ ގޮތުން، ކޭސްތައް މަޑުޖެހުމެއްނެތި ފެންނަމުންދާ ހިނދުވެސް، ޞިއްޚީ ދިރާސާތަކުގެ ބަދަލުގައި ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވިސްނައިގެން ގެންގުޅޭ ސިޔާސީ ވިސްނުމަށް ބަރޯސާވެގެން ފިޔަވަޅުތައް އަޅަމުންދާތީވެސްމެއެވެ.

ފިޗްގެ ރޭޓިންގް ސަރުކާރުން ޤަބޫލު ނުކުރާ ކަމަށްބުނެ ބަޔާން ނެރުނީ ކީއްވެ؟

ފިޗުން ކްރެޑިޓް ރޭޓިންގް ހަދާ މޮނީޓަރ ކުރަނީ އެޤައުމަކުން އެދިގެންނެވެ. ޒިންމާދާރު ބަޔަކުނަމަ، މިގޮތަށް ރޭޓިން ވިދިވިދިގެން ދަށްކުރުމުން މަސައްކަތް ކުރަނީ އެކަމެއް އަވަހަށް ރަނގަޅުކޮށް، ރޭޓިންގް މަތި ކުރެވޭތޯއެވެ.

ނަމަވެސް، ދިވެހި ސަރުކާރުން އިޚްތިޔާރުކުރީ އެ މުހިންމު ނަސޭހަތާއި އިރުޝާދު އަދި އިންޒާރު ޤަބޫލުނުކުރާށެވެ. ކޮވިޑަކީ ސީރިއަސް ބަލިމަޑުކަމެއް ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބަލައިނުގެންނެވި ފަދައިންނެވެ. ދިވެހި ސަރުކާރުން މިފަދައިން ޖަދަލުކޮށް، ރައްދުގައި ބަޔާން ނެރުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަ ކަމެކެވެ. އަދި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ތަޖުރިބާކާރު، ޤާބިލު އިޤްތިޞާދީ މުފައްކިރުން ހާސްވެ، ބިރުގަންނަން މެދުވެރިވި ކަމެއްވެސްމެއެވެ. އެހެނީ، ރާއްޖެއަށް ލޯނު ދޭ ފަރާތްތައް ނުވަތަ މިޤައުމުގައި އިންވެސްޓް ކުރާ ފަރާތްތައް ޤަބޫލު ކުރާނީ ކޮންބައެއް ދައްކާ ވާހަކައެއްކަން އެފަރާތްތަކަށް ވިސްނި، ޔަޤީންވާތީއެވެ. ދުނިޔެ ބަލައިގަންނާނީ، ގަދަވެ ސަލާމަތުން އޮތް އިޤްތިޞާދެއް، އެންމެ ދެ އަހަރުގެ ތެރޭގައި ފުނޑުފުނޑުކޮށްލި ކިރުބޯ ޅަކުއްޖެއްގެ ބޮޑާހޭކުންތޯ، ދުނިޔެ ޤަބޫލުކުރާ ޢިލްމީ މާހިރުންގެ އިރުޝާދުތޯ ވިސްނޭތީއެވެ.

ތިލަކޮށްލާނަމެވެ. މިސާލަކުންނެވެ. ސްކޫލަށް ފަރުވާކުޑަވެ، ނުކިޔަވައިގެން ފާސް ނުވެގެން ފެއިލްވެފައިވާކަމަށް އޮތް ރިޕޯޓެއް މަދަރުސާއިން ލިބުނީމާ، އެކަން ޤަބޫލުނުކުރާނަމޭ ބުނުމާ އަމީރުގެ މިބަޔާނާ ހަމަ އެއްފަދައެވެ. ކުއްޖާ ނުވަތަ މައިންބަފައިން އެރިޕޯޓުގައި އޮތް އެއްޗެއް ޤަބޫލު ނުކުރިއަސް، އެކުއްޖާއަށް މާދަމާ ވަޒީފާ ދޭން ތިބި ފަރާތްތަކާއި އިތުރަށް ކިޔަވަން ފުރުޞަތު ދޭން ތިބި ކޮލެޖުތަކުން ޤަބޫލުކުރާނީ ސްކޫލުގެ ރިޕޯޓުގައި އޮތް ނަތީޖާއެވެ. އެކުއްޖާ ނުވަތަ މައިންބަފައިން ދައްކާ ސާބިތުނުހިފޭ ވާހަކައެއް ނޫނެވެ. ދައްކާ ދެކޮޅުނުޖެހޭ ހުއްޖަތާއި ބަހަނާއެއް ނޫނެވެ.

ފިޗުން ހުސްވި ހަފްތާގައި ނެރުނު ތަފްޞީލު ބަޔާނަށް ސަރުކާރުން އިނގެރޭސިން ބަހުން ދިން ރައްދުގައި ވަނީ ހަމަނުޖެހޭ އެތަކެއް ވާހަކަތަކެވެ. އޭގައި އޮތް ވާހަކަތަކުގެ ދެއުޅިއެއް ނުވާކަން، އެ ބަޔާން ލިޔުނު ފަރާތުގެ އިނގިރޭސި ފެންވަރުންވެސް ހާމަވެއެވެ. ނަމަވެސް، އެވާހަކަ ބާއްވަމާ ހިންގަވާށެވެ.

ޤައުމު އިނދަޖެހިފައިވާއިރު، ލޯނުތައް ނަގައިގެން އަޅާ އިމާރާތާއި، ޕޯޓާއި، ބްރިޖް އަދި ޕާޓީ އެކްޓިވިސްޓުންނަށްދޭ ބޮޑު މުސާރައިގެ އިސްރާފު ޚަރަދުތައް ބޮއްސުންލާ، ދަރަނި މެނޭޖް ނުކުރެވިގެން އުޅޭ ސަބަބެއް މި ރައްދު ބަޔާނުގައި ބުނެފައެއް ނުވެއެވެ. ކޮވިޑްގެ ނަމުގައި ކުރި ބޮޑެތި ޚަރަދުތަކުގެ ތެރޭގައި ކޮރަޕްޝަނުގެ ގޮތުގައި ފޭދިގެންދިޔަ ފައިސާތަކާއި، އެފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް އަޅާނެ ފިޔަވަޅުގެ ވާހަކައެއްވެސް ނެތެވެ.

ބަޔާނުގައި އޮތީ، ގޮތް ދޫނުކުރާނެ ވާހަކައެވެ. އޭގައި އޮތީ ކޮންމެވެސް ޖާދުލަކުން ސިޔާސަތުތައް ރަނގަޅު ކުރެވޭނެކަމަށާއި، 2021 ވަނަ އަހަރު ފަތުރުވެރިކަން އިޝްތިހާރުކުރަން ހޭދަ ކުރަނެ ވާހަކަ ބަޔާންކޮށްފައެވެ. ނުވިސްނެނީ އަސާސީ އެއް ކަމެކެވެ. ބަންދުކޮށްފައިވާ އެކި ތަންތަނުގައި، މަތިމައްޗަށް އިޝްތިހާރުކުރިއަސް އެތަންތަނުން ފަތުރުވެރިން އަންނާނެ ގޮތެކެވެ. އަދި، މިހާރުވެސް އެވިދާޅުވާ އިޝްތިހާރެއް ނުކުރެވެނީ ކީއްވެކަމެވެ. ޗައިނާ ފަދަ މުހިންމު މާކެޓުތަކުން ފަތުރުވެރިން ގެންނަން މިއަދު ފެއިލްވެފައިވާ ސަބަބެއް ބުނެދެވިފައި ނުވާކަމެވެ.

މިފަދަ އެއްވެސް ކަމެއް ރަނގަޅު ކުރާނެކަމުގެ އުންމީދެއް ނުދޭ ތާނގައި، އޭގައި އޮތީ ދުނިޔޭގެ އެންމެ ބޮޑުއެއް ކްރެޑިޓް އެޖެންސީ އަށް ފާޑުކިޔާފައެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައިވެސް، ސަރުކާރުން ދަނީ ނެތް ފެންވަރުގައި ސިޔާސީ ކުޅިފަސް ހޯދުމަށް ތެޅިފޮޅެމުންނެވެ. ކަންކަން ގޯސްވެފައިވާ ހިސާބު ރައްޔިތުންނަށް ވަންހަނާކޮށް، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން، ދެއްކުންތެރިކަމުގެ ގޮތުން ކުރާ ބޮޑެތި ހޭދަތައް ގެންދަނީ މެދުނުކެނޑި ކުރަމުންނެވެ.

ރައީސް ޔާމީން ބްރިޖެއް އެޅުއްވީތީ ރައީސް އިބޫވެސް ބްރިޖެއް އަޅުއްވަން އެބަޖެހެއެވެ. އިޤްތިޞާދުގައި މިހާރު އެބުރަދަން ނެތަސް ވެހެވެ. ރައީސް ޔާމީން ބްރިޖެއް އެޅުއްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދާ ދިމާއަށް ކަމަށް ވީހިނދު، ރައީސް އިބޫ ތިން ބްރިޖް އަޅުއްވަން މިއުޅުއްވަނީ ފަޅުރަށަކުން ކުނިގޮނޑަކާ ދިމާއަށްވިޔަސް ފަރުވާއެއް ނެތެވެ. ރައީސް ޔާމީން ބްރިޖް އެޅުއްވީ އެކަމަށް ނެންގެވި ލޯނުގެ ތިންގުނަ އާމްދަނީ އިތުރުކުރައްވައިގެން ކަމަށް ވީހިނދު، ރައީސް ސޯލިހު ބްރިޖް އަޅުއްވަން މިއުޅުއްވަނީ، ޞިއްޙީ ބޮޑު ކާރިސާއެއްގައި ރާއްޖޭގެ އިޤްތިޞާދު ފޫގޮސްފައިވާ ދަނޑިވަޅެއްގައި، ދަރަނި އަދާނުކުރެވޭނެކަން އެނގިހުރެ، ބޮޑު އިންޓްރެސްޓް ރޭޓުގައި އިތުރު ލޯނުތަކެއް ނަންގަވައިގެންވިއަސް އެންމެ ރަނގަޅެވެ. އަނގަޔާއި އަތާ ދިމާނުވެ، ކުއްޔާއި ބިލުތައް ނުދެއްކި، ބޭސްފަރުވާ ނުކުރެވި، ވަޒީފާއެއް ނެތި، ވިޔަފާރިތަކާއި ކުރަމުންއައި އަމިއްލަ މަސައްކަތް ހުއްޓި، މަސްނުކިރި، ޑޮލަރު ނުލިބި، ގޮތްހުސްވެ، އެތައް ބަޔަކު މަގުމަތިވެފައި ތިއްބަސް އެއީ މައްސަލައެއް ނޫނެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެއްޗަކުން، މި ސަރުކާރުގެ ވިސްނުން މިއަދު ހުރިގޮތް އެބަ ސާފުވެއެވެ. ވިދާޅުވީ މި ދެ އަހަރުގެ ތެރޭގައި އެއްވެސް ހާސްކަމެއް، ޕްރެޝަރެއް އެމަނިކުފާނަށް ނެތް ކަމަށެވެ. އޭގެން ދޭހަވަނީ، މި ދެ އަހަރު، ހާސްކަމާއި ޕްރެޝަރުގައި މިތިބީ ރައްޔިތުންކަމެވެ. ދެން ވިދާޅުވީ އަންނަ އަހަރަކީ މަޝްރޫއުތަކުގެ އަހަރުކަމަށާއި، ނަމަވެސް އެއީ ދަތި އަހަރަކަށް ވާނެ ކަމަށެވެ. އެވިދާޅުވެވުނީ ކީކޭތޯ އެބަ ވިސްނާލަންޖެހެއެވެ. ރައްޔިތުންގެ ހާލަތު ރަނގަޅުކުރަން ކުރަންޖެހޭ ހޭދައިގެ ބަދަލުގައި، އަދި އަޅަންޖެހޭ ފިޔަވަޅުތަކުގެ ބަދަލުގައި، ސަރުކާރުން ގެންދާނީ ޢާންމު ޙާލަތަށް މިވަގުތު އަސަރު ނުފޯރިއަސް ސިޔާސީ މެޑެލް ޖަހާލެވޭނެ ފަދަ މަޝްރޫއުތަކަށް، ހުރި މަދި ފައިސާކޮޅާއި އަދި ނެތް ހާލުގައި އިތުރަށް ސަލާންޖަހައިގެން ހޯދާ ފައިސާވެސް، ހޭދަކުރާނެ ކަމެވެ.

ދެން ވާނެ ގޮތަކާމެދުވެސް ވަނީ ވިސްނާފައިތޯ؟

މި ހިނގާ 2020 ވަނަ އަހަރު، 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްގެން ކަންކަން ކުރިއިރު، ހާރަކަސް ތަރާވީހަކަސް އާމްދަނީގެ ގޮތުގައި ލިބިފައި މިވަނީ އެންމެ 11 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އަހަރު ނިމޭއިރު އޮންނާނީ 22 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ޙަރަދުކޮށްފައެވެ. ލިބުނު އެއްޗަކަށްވުރެ ދެގުނަ އިތުރަށެވެ. ރައީސް ޔާމީން ދޫކުރައްވާފައި ވަޑައިގެން 'ސޮވަރިން ފަންޑް' ހުސްކޮށްގެންނެވެ. މާލިއްޔަތުގައި ހުރި ރިޒާރވްގެ 90 އިންސައްތަ ހުސްކޮށްގެންނެވެ. ލިބުނު އެހީ ހުސްކޮށްގެންނެވެ. އަދި، 17 ފަހަރު، އެކި ފަރާތްތަކުން އެގޮތްމިގޮތުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. އަދި، މަޖިލީހުގައި ލިބިފައިވާ ސުޕަރ މެޖޯރިޓީގެ ބޭނުންކޮށްގެން، ޤާނޫނު ބަދަލުކޮށް، 4.4 ބިލިއަން ރުފިޔާއާ އެއްވަރުގެ އަދަދެއް އެމް.އެމް.އޭ. އިން ޕްރިންޓް ކޮށްގެންވެސްމެއެވެ. ޑޮލަރު މިއަދު ހުރީ 19 ރުފިޔާއިން މަތީގައެވެ. އެއީވެސް ލިބޭ ބަޔަކަށެވެ. ގިނައީ ޑޮލަރު ނުލިބިގެން އުޅޭ ފަރާތްތަކެވެ.

އަންނަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު، އޭގައި އޮތީ 34.8 ބިލިއަން ރުފިޔާއެވެ. އަންދާޒާކޮށްފައިވާ އާމްދަނީއަކީ 17.8 ބިލިއަން ރުފިޔާއެވެ. ޚަރަދުކުރާނެ ކަމަށް ކަނޑައަޅާފައި އޮތީ 33.3 ބިލިއަން ރުފިޔާއެވެ. އާމްދަނީއާއި ޚަރަދުގެ މި އަންދާޒާތަކުގެ ޞައްޙަކަމުގެ މައްޗަށް މިލިޔުމުގައި ބަހުސްކުރާކަށް ނެތީމެވެ. މިހާތަނަށް، މިސަރުކާރުން، ދެ ފަހަރު މަތިން ކުރި މި ބަޖެޓު ދިރާސާއާއި އަންދާޒާ ވަނީ އެއްގޮތަކަށްވެސް ދިމާނުވެފައެވެ. ލިބޭނެ ކަމަށް އަންދާޒާކުރި އެއްޗެއް އެއްފަހަރުވެސް ލިބިފައެއް ނުވެއެވެ. އެއީ އަދި ކޮވިޑް އައުމުގެ ކުރިންނެވެ. ޚަރަދު ކުރާނެކަމަށް ބުނި އެއްޗަކުން ނުފުއްދިގެން، އިރުއިރުކޮޅާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅައިގެން ޚަރަދު އިތުރުކުރުމަކީވެސް ސަރުކާރުގެ އާދައެކެވެ. މަޖިލީހުގެ ފުރިހަމަ ބާރު އޮތުމުން، އެކަން އެގޮތަށް ކުރެވޭތީ، ވާ ފައިދާއަށްވުރެ ގެއްލުން ބޮޑަށް، ކުރަނީއެވެ. އެވަރު ދަންނަވާލާފައި ކުރިއަށް ދާނަމެވެ.

އަންނަ އަހަރު ލިބޭނެކަމަށް އެބުނާ 17.8 ބިލިއަން ރުފިޔާގެ އާމްދަނީ ހޯދާނެ ގޮތެއް ކަމަށް ބަޖެޓު ފޮތުގައި އޮތީ އެއްގަމު އުޅަނދުފަހަރުގައި ޓްރެފިކް ސްޓިކާ ޖެހުމާއި ޓޯކޮށްގެން ޖުރިމަނާ ހޯދުމެވެ. ދެން ސިނގިރޭޓުންނާއި، އެނަރޖީ ޑްރިންކުންނާ ބައެއް ބާވަތުގެ ކާބޯތަކެތިން ޑިއުޓީ ނެގުމެވެ. އެއަށްފަހު، މުހިންމު ޚިދްމަތްތަކެއް ހިމަނައިގެން ހެދިފައިވާ ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭން އިރާލުމަށްފަހު، އެތަންމިތަނުން ގޯތި ކަނޑައިގެން ވިއްކުމެވެ. އެއަށްފަހު، ދިވެހި ވިޔަފާރިތަކަށް ހުރަސްއެޅޭނެ މިންވަރަށް ބަލާލުމެއްނެތި، ނުއަގުގައި ބޭރުމީހުންނަށް ރެސިޑެންސް ވިސާ ބަހައިގެންނެވެ. އަދި، ޓުއަރިޒަމްގެ އިތުރުން މާލިއްޔަތަށް އަބަދުވެސް އެންމެ ބޮޑު އާމްދަނީއެއް ވައްދަމުން އަންނަ އެތައް ދައުލަތުގެ ކުންފުނިތަކެއްގެ ޙިއްސާ، އަވަށްޓެރި ޤައުމަކަށް ވިއްކައިގެންނެވެ.

ރައީސް ޔާމީން ތަޤްރީރެއްގައި ގެންނެވި އިބްރަތްތެރި މިސާލުބަހެއް ހަނދާނަށް އާދެއެވެ. ވިޔަފާރިކުރުމުގެ އެއްވެސް އުރަތްޕެއް ނެތް ސޭޓުގެ އާދައަކީ، އިމްޕޯޓުކޮށްފައި ހުރި މުދާ ވިއްކައިގެން ދެކޮޅު ނުޖެއްސިގެން، ތަނުގައި ހުރި ޝޯކޭސް ހަރުގަނޑުތަކާއި ވިކުރާ ލިޔަން އިންނަ މޭޒުވެސް ވިއްކާލުން ކަމަށެވެ.

ނިންމާލަމުންވެސް ދަންނަވަން ޖެހެނީ، ފިޗްގެ ކަންބޮޑުވުން ހަމަ ޖާއިޒުކަމަށެވެ. ދާޚިލީ ކަންކަމުގައި، އަޑުއަހަން ދަތި އެއްޗެއް އިވުނީމައި ނުވަތަ ޅަ އިހަލެއް އެޅުނީމައި، މިސަރުކާރުން ކަންކުރާގޮތް މިހާރު ފަރިތަވެއްޖެއެވެ. ބުނާ އެއްޗެއް މިހާރު ހިތުދަސްވެއްޖެއެވެ. ތުހުމަތުގެ އިނގިލި އަޅުގަނޑުމެންނަށް ދިއްކޮށް، އެއީ 'ކުރީ ސަރުކާރު’ގެ ކަމެއް ކަމަށްބުނުމެވެ.

ފުރަތަމަ މަރުހަލާގައި، ފިޗްގެ ރިޕޯޓާ ގުޅިގެން ސަރުކާރު އަމަލު މިކުރީ ތަފާތު ގޮތަކަށެވެ. ގޯސްވީ 'ކުރީ ސަރުކާރު' ކަމަކަށް އަދި ނުބުނެއެވެ. މިހާތަނަށް ގޯސް މިވީ ފިޗެވެ. އަދި 2017 ގައި ފިޗްގެ ރޭޓިންގް ރާއްޖެއަށް ފުރަތަމަ ދިން އިރު 'ބީ. ޕްލަސް' ލިބުނީމައި، އެއިރު އެމް.ޑީ.ޕީ.ގެ އެކްޓިވިސްޓް، ފިނޭންސް މިނިސްޓަރު އަމީރު ރާއްޖެ ޓީވީ އަށްއަރާ މެދުނުކެނޑި ބުނަމުންދިޔައީ އެވަރުން ވިއްކޭނީ 'ޖަންކް ބޮންޑް' ނުވަތަ ކުނި ބޮންޑް ކަމަށެވެ. މިއަދުގެ ފިނޭންސް މިނިސްޓަރު އަމީރަށް 'ސީ.ސީ.ސީ.' ގެ ރޭޓިންގް ލިބުނީމައި، ވިއްކޭނީ ކޮންކަހަލަ ބޮންޑެއްތޯ އަޅުގަނޑުގެ ހިތަށް އަރައެވެ.

ފިޗަށް ފާޑުކިޔަމުންދިއުން އާޚިރުގައި ހުއްޓާލާނެ ކަމަށް އަޅުގަނޑު ދެކެމެވެ. މިދަންނަވަނީ އެއްގޮތަކަށްވެސް ހެދުނު ގޯސްތައް ޤަބޫލުކޮށް، ޢަމަލުތައް ބަދަލުކުރަން ވައުދުވާ ވާހަކައެއް ނޫނެވެ. ވެރިކަން ނިމިގެންދިޔައިރު ޓްރަމްޕަށް ނުވެވުނު އިޞްލާޙެއް، މިހާތަނަށް އައި އިރު ރައީސް ސޯލިހަށާއި އެމް.ޑީ.ޕީ. އަށް ވެވޭނެ ކަމަކަށް ނުދެކެމެވެ.

ދެން ވާނެގޮތް މިދަންނަވަނީއެވެ. ޤައުމު ދަރާވިކި، އިނދަޖެހި، ފަޤީރުވެގެން މިއުޅެނީ ކީއްވެތޯ ބުނުމުގައި ފާޑުކިޔާނެ އާ ފަރާތެއް މާލަހެއްނުވެ ފެންނާނެއެވެ. ލައްވާނީ ހަމަ އެއް ސީޑީއެކެވެ. ކުރިންވެސް ލެއްވި، 'ކުރީ ސަރުކާރު’ގެ ސީޑީއެވެ. ބައްލަވާ، އައްސަވަން ތިއްބަވާށެވެ.