Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

ޖުމްހޫރިއްޔަތުގެ މުހިންމުކަމުގެ އިހްސާސް

ޖުމްހޫރިއްޔަތު، އެންމެ ސާދާ މާނައިން ބަޔާންކުރާ ނަމަ އެއީ ވިރާސިއްޔަތުގެ ދިމާ އިދިކޮޅު ވެރިކަމުގެ ނިޒާމެވެ. އަމަލީގޮތުން ބަލާއިރު، ޖުމްހޫރީ ވެރިކަމެއްގައި ސަރުކާރު ބެލެވެނީ ރައްޔިތުންގެ މިލްކިއްޔާތެއްކަމުގައެވެ. އެއާ ޚިލާފަށް، ވިރާސީ ރަސްކަމެއްގައި ބެލެވެނީ ސަރުކާރަކީ ވަކި ފަރުދެއް ނުވަތަ ޢާއިލާއެއްގެ ތަރިކައެއް ކަމަށެވެ.

މިއަދު ދުނިޔޭގައި މުސްތަޤިއްލު 206 ޤައުމު އޮތް އިރު، އޭގެ ތެރެއިން 159 ޤައުމުގެ ނަމުގައި އެކަނިވެސް 'ރިޕަބްލިކް' ނުވަތަ ޖުމްހޫރިއްޔާ ހިމެނިފައި އެބައޮތެވެ. ހަޤީޤަތުގައި އެއީ ހައްތަހާވެސް ޖުމްހޫރިއްޔަތުގެ އަސާސްތަކުގެ މައްޗަށް ބިނާވެގެން ހިންގޭ ދައުލަތްތަކަށް ނުވެދާނެއެވެ. 'ޑެމޮކްރެޓިކް' ނަމުގައި އޮންނަ ކޮންމެ ސިޔާސީ ޕާޓީއެއް ޑެމޮކްރަސީގެ އުޞޫލުތަކަށް ޢަމަލުނުކުރާ ފަދައިންނެވެ. އަދި، ނަމުގެ ކުރިއަށް ނުވަތަ ފަހަތަށް 'ރިޕަބްލިކް' މިބަސް ނުލާ ހިންގާ ޖުމްހޫރީ ވެރިކަންވެސް އެބަ ހުއްޓެވެ. މިކަންކަމަށް ރިއާޔަތް ކުރުމާއެކުވެސް، ދުނިޔޭގައި މިއަދު ވަރަށް ބޮޑުތަނުން ގިނައީ ޖުމްހޫރީ ވެރިކަންކުރާ ޤައުމުތައް ކަމަށް ދެންނެވުން ކުށަކަށް ނުވާނެއެވެ.

ޖުމްހޫރީ ވެރިކަން ފުޅާވެފައިވާ މިންވަރު ފާހަގަކުރާއިރު، ވިރާސީ ރަސްކަން އަދިވެސް ދުނިޔެއިން އެކީ އުވިގެންނުދާކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް، މިއަދު ދުނިޔޭގައި އޮތީ އެންމެ 44 ރަސްކަމެވެ. އޭގެ ތެރޭގައިވެސް، ގިނައިން ފެންނަން ހުރީ ރަމްޒީ ބާރުތަކަކާއެކު ތިބޭ ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންނެވެ. ސަރުކާރު ހިންގުމުގެ ބާރުން އެއްފަރާތްކުރެވިފައި، ނަމެއްގައި ތިބޭ ބައެއްގެ ގޮތުގައެވެ. އެފަދަ އެންމެ ފާޅުކަންބޮޑު އަދި މަޝްހޫރު މިސާލަކީ އިނގިރޭސިވިލާތެވެ. ރާނީ އެލިޒަބަތް ދެވަނަ އަދިވެސް މަޤާމުގައި އެބަ ހުންނެވިއެވެ. ނަމަވެސް، ޤައުމު ހިންގުމުގެ ބާރުތަކުން އެކަހެރިކުރެވިފައެވެ.

މި ހިސާބުން ތާރީޚަށް ނަޒަރެއް ހިންގާލުން މުހިންމެވެ. ހުސްވި ޤަރުނުގައި، ގިނަ ބަޔަކަށް ފަރިތަ އެއް ބަހަކަށް ވެފައިއޮތީ ޖުމްހޫރިއްޔާ ނުވަތަ 'ރިޕަބްލިކް' އެވެ. ދެފަހަރުމަތިން ދުނިޔެ ތަޖުރިބާކޮށް ތަޙައްމަލުކުރަން ޖެހުނު ބޮޑު ހަނގުރާމަތަކާއި، އޭގެ ނަތީޖާއަކަށްވީ ދުނިޔޭގެ ޗާޓަށް ބޮޑެތި ބަދަލުތަކެއް އައުމެވެ. އެމްޕަޔަރތައް އިވޮގޮސް، ވިރާސީ ރައްކަންތައްވެސް މަދުވިއެވެ. މިނިވަން އަދި މުސްތަޤިއްލު ގިނަ ޤައުމުތަކެއް އުފަންވެގެންއައެވެ.

މީލާދީ ސަނަތުން 1900 ވަނަ އަހަރު ދުނިޔޭގައި އޮތީ 30 ރަސްކަމެކެވެ. އެއިރު ދުނިޔޭގައި އޮތީ އެންމެ 77 ޤައުމުވެސްމެއެވެ. އަދި، ރަސްކަންތަކުގެ ތެރެއަށް ދުނިޔޭގެ އާބާދީގެ 75 އިންސައްތަ ހިމެނިގެންދެއެވެ.

އާ ސާސްކަފް އައިއިރު ދުނިޔޭގައި 230 ޤައުމު އޮތެވެ. ނިމިދިޔަ ޤަރުނުގައި ތަފާތު 26 ވިރާސީ ރަސްކަމެއް އުވިގެންދިޔައިރު، އޭގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖެވެސް ހިމެނެއެވެ. މީލާދީ ސަނަތުން 2000 ވަނަ އަހަރު އައި އިރު ދުނިޔޭގައި ވިރާސީ ރަސްކަންތަކުގެ ދަށުން ވެރިކަން ހިންގަނީ އެންމެ 500 މިލިއަން މީހުންގެ މައްޗަށެވެ. އާބާދީގެ ނިސްބަތުންނަމަ މިއީ އެންމެ 8 އިންސައްތައެވެ.

މިއައި ބަދަލުތައް ފާހަގަ މިކުރީ ސަބަބެއް އޮވެގެންނެވެ. މިރާއްޖެއަށް ޖުމްހޫރީވެރިކަން ދެފަހަރެއްގެ މަތިން އައި އިރު، މިކަމަށް އެއްޒަމާނެއްގައި ބޮޑު އަހަންމިއްޔަތުކަމެއް އޮތީ ދެވިފައެވެ. މިއަދު ވަނީ އެ އަހަންމިއްޔަތުކަން ކުޑަވެފައެވެ.

ޖުމްހޫރިއްޔަތެއް ގެނައުމުގައި ކާބަފައިން އެޅި ފިޔަވަޅުގެ މުހިންމުކަމާއި ބޮޑުކަން މިއަދު ތިބި ބަޔަކަށް ރަނގަޅަށް ވަޒަންކުރަން ދަތިވާތީއެވެ. އަދި، އެކަމަށް ދޭންޖެހޭ ސަމާލުކަން، އޭގެ ސަބަބުން، ކުޑަވެފައިވާތީއެވެ. ޖުމްހޫރިއްޔަތަކީ މިއަދު މާ ޢާންމުކަމަކަށްވީތީ، މިނިޒާމު ގެނައުމަށް ރާއްޖޭގައި ބަޔަކު ވެފައިވާ ޤުރުބާނީ ހަޤީޤަތުގައި އަންދާޒާކުރަންވެސް މިއަދު ފަސޭހައެއް ނުވާނެއެވެ.

ވިސްނުން ހިންގަވާލައްވާށެވެ. ރާއްޖޭގެ އެންމެ ކުރީގެ ތާރީޚީ ދަލީލެއް ފެންނަނީ ސީނުކަރައިގެ ލިޔެކިއުމުން ނުވަތަ ރޫމަނުންގެ ލިޔެކިއުމުންކަމަށް ބަޔަކު ޤަބޫލުކުރެއެވެ. އެއީ މީގެ 2000 އަހަރު ކުރިއެވެ. އީސާގެފާނުގެ ޒަމާނެވެ. އެއިރުގެ ލިޔުންތަކުގައިވެސް އޮންނަނީ ރާއްޖެއިން ފޮނުވި ޖިޒީއެއްގެ ވާހަކައެވެ. ރާއްޖޭގެ ރަސްކަލެއްގެ ހަދިޔާއެކެވެ. ރަސްކަލެކެވެ. އޭގެން ދޭހަވަނީ އެއިރުވެސް ރާއްޖޭގައި އޮތީ ކޮންމެވެސް ބާވަތެއްގެ ރަސްކަމެއްކަމެވެ.

އެހެންކަމުން، މިޤައުމަށް 1953 ގައި އައި ކުރު ފުރަތަމަ ޖުމްހޫރިއްޔާއާއި، 1968 ގައި އައިގޮތަށް އަދިއަދާ ހަމައަށް ކުރިއަށްމިދާ ދެވަނަ ޖުމްހޫރިއްޔާގެ ޒަމާން އަންނަންދެން، މިރާއްޖޭގައި އޮތީ ރަސްކަމެވެ. އެކި ދީނުގެ މައްޗަށެވެ. އެކި ދަރިފަސްކޮޅުގެ ތެރެއިންނެވެ.

އެހެންކަމުން، ޒަމާންވީ އާދަކާދައެއް ދޫކޮށް، އާގޮތެއް އިޚްތިޔާރުކުރަން ބަޔަކަށް ވިސްނާދިނުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެކަން އެއޮތީ ފެންނާށެވެ. ފުރަތަމަ ޖުމްހޫރިއްޔާ ނިމިގެންދިޔަ ގޮތާއި، އޭގެ އަވަސްމިނުންނެވެ. ނަމަވެސް، ފުރަތަމަ ޖުމްހޫރިއްޔާ އުވިގެންދިޔަތާ 15 އަހަރު ފަހުން ދިވެހިން އަނެއްކާވެސް ޖުމްހޫރީވެރިކަމަކަށް މިސްރާބުޖެހީއެވެ. އޭގެ ފަހުން މިއޮތީ 52 އަހަރު ފާއިތުވެފައެވެ. ރަސްކަމުގެ ޒަމާން ހަނދާންހުރި އިސް ރަށްވެހިން ދިރިތިބި ކަމަށްވިއަސް، މިއަދުގެ ގިނަ ޖީލުތަކަށް އެބަދަލުގެ ބޮޑުމިނާއި މުހިންމުކަން ވަޒަނެއްނުކުރެވޭނެއެވެ.

ކޮންމެ އަހަރަކު، ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު މިއަންނަނީ ޖުމްހޫރީ ދުވަސް ފާހަގަކުރަމުންނެވެ. ސަރުކާރު ބަންދު ދުވަހެކެވެ. މިއަދު މިއޮތްފަދަ ޚާއްޞަ ޙާލަތެއްގައި މެނުވީ ޤައުމީ ފެންވަރުގައި ޖަލްސާއާއި އިޙްތިފާލު ކުރެއެވެ. އަދި، ވަރަށް ފަހާ ޖެހެންދެން އެއީ އިތުރު ކަމެއްގައިވެސް އާފެށުމެއް ފާހަގަކުރަމުންއައި ދުވަހެކެވެ. ޖުމްހޫރީ ދުވަހަކީ، 2013 އާ ހަމައަށް، ކޮންމެ ފަސް އަހަރަކުން އެއްފަހަރު ވެރިކަމުގެ އާ ދައުރު ފަށާ ދުވަހެވެ.

އެހެންކަމުން، އެދުވަހަށް ދައުލަތުން އިސްކަން ނުދޭކަމަށް ދެންނެވޭކަށް ނެތެވެ. އިސްކަން ނުދެވެނީ އަޅުގަނޑުމެން ރައްޔިތުންނަށެވެ. ކަމުގެ މުހިންމުކަމާއި ބޮޑުކަން ރަނގަޅަށް ދެނެގަންނަން ފަސޭހަނުވުމުންނެވެ.

ޖުމްހޫރީ ދުވަހުގެ މުހިންމުކަން ދެނެގަނެވޭނެ ފަސޭހަގޮތެއް އެބައޮތެވެ. އެއީ، ޒުވާން އުމުރުގައި އަޅުގަނޑުވެސް އިޚްތިޔާރުކުރި މަގެވެ. އެއީ، އަޅުގަނޑުގެ ނަޒަރުގައި، ރާއްޖެ ދުށް އެންމެ ކުޅާދާނަ ވާހަކަދެއްކުންތެރިޔާ އަލްއުސްތާޛު އިބްރާހީމް ޝިހާބު، 11 ނޮވެމްބަރު 1987 ގައި ދެއްވި މަޝްހޫރު، ބަލާޣާތްތެރި އަދި ޢިލްމީ ތަޤްރީރު އަޑުއަހާލުމެވެ. މިކަން ކުރުމަށް ތިޔަ އެންމެހާ ކިޔުންތެރިންނަށް ދަޢުވަތު އަރުވަމެވެ.

ޖުމްހޫރީ ދުވަހު، ޢާންމުކޮށް އަޅުގަނޑުމެން ހަނދާން އާކޮށް އުޅެނީ ޖުމްހޫރީވެރިކަމުގެ ރައީސުންގެ ޚިދްމަތެވެ. މިއަދު މިއޮތީ އެފަދަ 7 ވަނަ ވެރިކަމެވެ. ނަމަވެސް، އަޅުގަނޑު މިދުވަހު އަބަދުވެސް ޒިކުރާ އާކުރަނީ އެތަނުން 2 ރައީސުންނެވެ. ފުރަތަމަ ޖުމްހޫރިއްޔާ ވުޖޫދުކުރެއްވި ރައީސް މުޙައްމަދު އަމީން ދީދީ އަދި ދެވަނަ ޖުމްހޫރިއްޔާ ވުޖޫދުކުރެއްވި ރައީސް އިބްރާހީމް ނާޞީރެވެ. މާތް ﷲ މި ދެ ޤައުމީ ޚިދްމަތްތެރިންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުންއެދި ދުޢާކުރަމެވެ.