Support Us

ޖުމްހޫރިއްޔަތުގެ ހަގީގީ މަންފާ ދިވެހީންނަށް ލިބޭނެ މަގު

ހެޔޮ ވެރިކަމަކީ ވަކި ނަމެއް ކިޔައިގެން ކުރެވޭ ކަމެއް ނޫނެވެ. ވެރިކަމުގެ ނަމަކުން ނުވަތަ ވެރިކަން ކުރާ ނިޒާމުގެ ބާވަތަކުން އެކަނި ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނޯންނާނެއެވެ. ރައްޔިތުންނަށް ވެރިކަމުގެ ލާބަޔާއި މަންފާ ލިބޭނީ ވެރިކަން ކުރާ ބަޔެއްގެ އިޚުލާޞްތެރިކަމުންނެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން ނެތް ބަޔަކަށް ވެރިކަމުގެ ބާރުތައް ލިބިއްޖެ ނަމަ، ރައްޔިތުންނަށް ލިބޭނީ އަނިޔާއެވެ. ކޮންމެ ނަމެއްގައި ވެރިކަން ކުރިޔަސް އޭގެ މަންފާ ރައްޔިތުންނަށް ލިބޭނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޓަކައި ވެރިކަން ކުރާ ނަމައެވެ. އެއީ ރަސްކަމެއް ކަމުގައި ވިޔަސް ޖުމްހޫރިއްޔަތެއް ކަމަށް ވިޔަސް ރިޔާސީ ނިޒާމެއްގައި ވިޔަސް، ބަރުލަމާނީ ނިޒާމެއް ކަމަށް ވިޔަސް މިކަން އޮންނާނީ މިހެންނެވެ. މީގެ މިސާލުތައް ދުނިޔޭގެ އެކި ދިމަދިމާއިން ފެނިފައިވެއެވެ. މިހާރު ވެސް ފެންނާން އެބަހުއްޓެވެ.

މިއަދު ދިވެހީން މި ދެކެނީ ޖުމުހޫރީ ވެރިކަމެކެވެ. ރައްޔިތުންގެ ވެރިކަމޭ ކިޔާ ބާވަތުގެ ވެރިކަމެވެ. ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު 11 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް، އެހެން ގޮތަކަށް ދަންނަވާނަމަ، ދީމުޤްރާޠީ ޖުމުހޫރިއްޔަތެއް ޤާއިމުކުރެވުނު އުފާވެރި ދުވަހެވެ. މި އުފާވެރި އަދި ފަޚުރުވެރި މުނާސަބަތުގައި ދައުލަތުގެ ވެރިކަން ކުރައްވައިފައިވާ ބޭފުޅުންނަށާއި އެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅުންނަށާއި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ވެސް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

އާދޭހެވެ! ޖުމްހޫރީ ވެރިކަމަކީ އޭގެ ފަލްސަފާއަށް ބަލާއިރު، ހަގީގަތުގައި ވެސް ރައްޔިތުންގެ ވެރިކަމެކެވެ. މި ފަދަ ވެރިކަމެއްގައި، ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑެވެ. މިއީ ރައްޔިތުންނަށްޓަކައި ރައްޔިތުން ޤާއިމުކުރި ވެރިކަމެކެވެ. މި ފަދަ ވެރިކަމެއް ހިނގާނީ ނުވަތަ ހިންގާންވާނީ ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައެވެ. ފައިދާއާއި މަސްލަހަތަށްޓަކައެވެ. މުޅި ރައްޔިތުންގެ އުންމީދުތަކާއި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ މާތް މަޤުޞަދުގައެވެ. ﷲ އަންގަވައިފައިވާ ފަދައިން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައެވެ. އިސްލާމީ ޤައުމެއްގައި ޤާއިމުކުރެވިފައިވާ މިފަދަ ވެރިކަމެއްގައި ނަމަ، ނަމާދު ޤާއިމުކޮށް ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާނެއެވެ. ރައްޔިތުންގެ ޢަޤީދާ ޙިމާޔަތްކުރާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ" ("އެއުރެންނީ، ބިމުގައި ތިމަން ރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ،ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށް އުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ ﷲއަށެވެ!") (الحج:41)

މާތްވެގެންވާ އިސްލާމްދީނުގެ މަޤުޞަދުތަކާއި އުސޫލުތަކާ، އެންމެ ބޮޑަށް ގުޅޭ ވެރިކަމުގެ ނިޒާމަކީ ވެސް، ޖުމްހޫރީ ނިޒާމު ކަމުގައި ދެންނެވިދާނެއެވެ. އެހެނީ، ރަސްކަމަކީ ރައްޔިތުންގެ ޚިޔާލެއް މަޝްވަރާއެއް ނެތި، ވަކި ދަރިކޮޅެއްގެ މީހަކަށް ޤައުމުގެ އެންމެމަތީ ވެރިކަން ހަމަޖައްސައިދޭ ނިޒާމެކެވެ. ދިވެހިރާއްޖޭގައި މީގެ ފަންސާސް އެތައް އަހަރެއްގެ ކުރީން އޮތީ މިފަދަ ނިޒާމެކެވެ. މިއާ ޚިލާފަށް، ޖުމްހޫރީ ވެރިކަމަކީ، ރައްޔިތުން އިންތިޚާބުކުރާ މީހަކަށް ޤައުމުގެ ވެރިކަން ހަމަޖައްސައިދޭ ނިޒާމެކެވެ. ޖުމްހޫރީ ވެރިކަމެއްގައި ވެރިކަން ކުރާނީ، ހަމަޖެހިފައިވާ ޤާނޫނީ ހަމަތަކަކާއި އުސޫލުތަކެއްގެ މަތީން، ރައްޔިތުން އިންތިޚާބު ކުރާ، އަދި ރައްޔިތުންގެ އަޣުލަބިއްޔަތުގެ ރުހުމާއި ތާއީދު ލިބިފައިވާ މީހެއް ނުވަތަ ބަޔެކެވެ. އެހެންކަމުން، ديمقراطى އުސޫލުތަކާ އެންމެ ގުޅޭ ވެރިކަމަކީ ވެސް، ޖުމްހޫރީ ވެރިކަމޭ ދެންނެވެން އެބަ އޮތެވެ. ރައްޔިތުން ރުހޭ ބަޔަކާ ރައްޔިތުންގެ ކަންތައްތައް ހަވާލުކުރުމާއި، ރައްޔިތުންގެ ފައިދާއަށްޓަކައި އެބައިމީހުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަންތައްތައް ކުރުމުގެ އުސޫލަކީ، ދީނުގައި ކަނޑައެޅިފައިވާ އުސޫލެކެވެ. މާތް اللّه އަށް އިޖާބަދީ، އިސްލާމްވެ، ނަމާދު ޤާއިމުކޮށް އަދި އެކަލާނގެ ދެއްކެވި ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ މަޝްވަރާގެ މަތީން ކަންކަން ހިންގާ މީހުންނަށް ތަޢުރީފުގެ ބަސް ރައްދުކުރައްވައި މާތް اللّه وحى ކުރައްވައިފައިވެއެވެ. وَالَّذِينَ اسْتَجَابُواْ لِرَبِّهِمْ وَأَقَامُواْ الصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ] (އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު قائمކުރި މީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައި ވަނީ مشورةގެ މަތިންނެވެ.) (الشّورى: 38). ޙަޤީޤީ މުއުމިނުންނަކީ މާތް اللّه ގެ ފަރުޟު ތަކަށް ރައްކާތެރިވެ ތިބެ އެބައިމީހުންގެ ކަންތައްތައް މަޝްވަރާ ކޮށްގެން ހަމަޖައްސަމުން ގެންދާ މީހުންކަން މި އާޔަތުން ވަރަށް ރަނގަޅަށް ހާމަވާން އެބަ އޮތެވެ. އެހެންވީމާ އިސްލާމީ އުޞޫލާ އެންމެ ކައިރި، ވެރިކަމުގެ ނިޒާމަކީ ޖުމްހޫރީ ނިޒާމުކަން ވަރަށް ޞަރީޙަކޮށް އެބަ އެނގެއެވެ.

ދިވެހި ރައްޔިތުން ޖުމުހޫރީ ވެރިކަމެއް ޤާއިމުކުރީ، ރައްޔިތުން ވެރީންނަށް ޚިދުމަތްކޮށްލަކޮށްލައި ތިބުމުގެ ބަދަލުގައި ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ކުރިއެރުމާއި ފާގަތި ކަމަށްޓަކައި ރައްޔިތުންނަށް ވިޔަވަތި ޙަޔާތެއް ހޯދުމަށްޓަކައި އެ ކަމުގެ އުންމީދުގައެވެ. އެހެންވީމާ ޖުމުހޫރީ ވެރިކަމެއްގައި މި ނުކުތާއަށް ވަރަށް ބޮޑަށް ސަމާލުކަން ދެވެންޖެހޭނެއެވެ. ތެދުވެރިކަމާއި، ކަމަށް ކަމޭ ހީކުރުމާއެކު، ޚިދުމަތްދެވޭން ވާނެއެވެ. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަކީ ވެރީންގެ ވާޖިބުކަން ޤަބޫލުކުރާން ވާނެއެވެ. ކެތްތެރިކަމާއި ހަމަހަމަކަން އިސްކުރާންވާނެއެވެ. އެހެނީ ވެރިކަމަކީ ބާރެއް ނޫނެވެ. އެއީ އަމާނާތެކެވެ. މަސްއޫލިއްޔަތެކެވެ. ޒިންމާއެކެވެ. ހުރިހާ ބާރެއްގެ ވެރި ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މި ކަން ޤަބޫލުކުރައްވައިގެން އިޚުލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވުމަކީ ވެރިކަމުގެ އަސާސްކަމުގައި ވާންވާނެ އެވެ. އަދި ވެރިކަމަކީ ޤައުމީ ވާޖިބެއް އަދާކުރެއްވުންކަމަށް ގަބޫލުކުރައްވައިގެން ވެރިކަންކުރެއްވޭން ވާނެއެވެ. ރައްޔިތުންގެ މަންދޫބުން ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައި ޚިދުމަތުގައި އަމާނާތްތެރިވެވަޑައިގަންނަވާން ވާނެއެވެ. އަމާނާތް އޭގެ އަހުލުވެރީންނަށް ރައްދުކުރުމަކީ ޚިދުމަތުގެ އަސާސްކަމުގައި ހައްދަވަންވާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا" ("ހަމަކަށަވަރުން އަމާނާތްތައް އޭގެ އަހުލުވެރީންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ.") (سورة النساء:58). އަދި މި ނިޒާމުގައި އެކި މަޤާމުތަކަށް ރައްޔިތުން އިންތިޚާބުކުރައްވާ މަންދޫބުންނަކީ ވަރަށް ޒިންމާދާރު މަސްއޫލިއްޔަތެއް އަދާކުރައްވާންޖެހޭ ބަޔެއްކަމަށް ޤަބޫލުކުރައްވަން ވާނެއެވެ. ތިމާ އުފުއްލާ ކޮންމެ މަސްއޫލިއްޔަތަކީ އެ މަސްއޫލިއްޔަތަކާ މެދު ތިމާ ޖަވާބުދާތީވާން ޖެހޭނެ ޢަމަލެއްކަން ހަނދުމަފުޅު ބަހައްޓަވަން ވާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا " ("އަދި ތިބާއަށް އެ ކަމަކާމެދު އެނގުމެއް ނުވާ ކަމަކަށް ތިބާ ތަބަޢަނުވާށެވެ! ހަމަކަށަވަރުން އިވުމާއި ފެނުމާއި ހިތާއި މިއިން ކޮންމެ ކަމަކީ އެޔާމެދު ސުވާލުކުރައްވާނެ ކަމެއް ކަމުގައިވިއެވެ.") (سورة الإسراء:36)

މިއަދު ދިވެހިރާއްޖޭގައި ޤާއިމުވެފައި މި އޮތީ ދީމުޤްރާޠީ ޖުމުހޫރިއްޔަތެކެވެ. އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެކެވެ. އަދި ރިޔާސީ ނިޒާމެކެވެ. މި ނިޒާމުގައި ދިވެހިރާއްޖެ ބައްޓަންކުރެވިފައި އޮތް ގޮތުން، ސަރުކާރު ހިންގާ ޕާޓީތަކަކާއި އިދިކޮޅު ޕާޓީތަކެއް އޮންނާނެއެވެ. އޮންނާންވާނެއެވެ. ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނާނީ ސަރުކާރަށް ނުވަތަ އިދިކޮޅު ޕާޓީއަށެވެ. ޚިދުމަތްލިބިގަންނާން އަންނަ ރައްޔިތުން ވެސް ތިބޭނީ މިއިން ކޮންމެވެސް އެއް ކޮޅަކަށް ތާއީދުކޮށްގެންނެވެ. އެކި މީހުން އެކި މިންވަރަށެވެ. މިއީ އެއްވެސް މައްސަލައެއް ކަމަށް ނުބައްލަވައި މިއީ ކައުނީ ޙަގީގަތެއް ކަމަށް ޤަބޫލުކުރައްވައިގެން ޚިދުމަތް ދެއްވުމަކީ ރައްޔިތުންގެ ޚާދިމުންގެ ޚިދުމަތް ފުރިހަމަވުމުގެ އަސާސްކަމަށް ޤަބޫލުކުރެއްވުމަކީ ރައްޔިތުންގެ ވެރިކަމެއްގައި އިސްކަންދެއްވާން ޖެހޭނެ ކަމެކެވެ.

ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު ޕާޓީއަކީ އެއީ ޙަޔާތުގެ ކައުނީ ސުންނަތެކެވެ. އެއީ ޙަޔާތުގެ ޟަރޫރަތެކެވެ. އެހެނީ ކައުނުގައިވާ ހުރިހާ މަޚްލޫޤާތެއްގެ މައްޗަށް ވެސް، އަދި ޙަޔާތުގެ ހުރިހާ ކަމެއްގެ މައްޗަށް ވެސް، މި އާންމު ޤާނޫނު ހިނގާނެއެވެ. އޭގެ އިދިކޮޅު ހައްދަވާފައިނުވާ އެއްވެސް އެއްޗެއް، މާތް ﷲ ޚަލްޤުކުރައްވާފައިނުވާކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. އަލިކަމާއި އަނދިރިކަން، ކިޔަމަންވުމާއި އުރެދުން، ހެވާއި ނުބައި، ފުރިހަމަ އާއި އުނި، ނިޔާ އާއި އަނިޔާ މިހިރީ ހައްތާ ވެސް އޭގެ މިސާލުތަކެވެ.

ހުރިހާ އެއްޗެއްގައި ވެސް މާތް ﷲ ލައްވާފައި މިވާ ދޭއްވަންތަކަމަކީ ފަހި އަދި އިދި އެއްޗެހީގެ މެދުގައި ވަޒަންހަމަވެ، އިދިކޮޅު އެކަތިން އަނެކަތި ދުރުކޮށް ދިފާޢުވުމަށް އޮތް ވަރަށް މުހިއްމު ވަސީލަތެކެވެ. އެހެންކަމުން ވެރިކަންކުރުމުގެ އިޚުލާޞްތެރި ނިޔަތެއް އޮތް ނަމަ، ޚިޔާލު ފާޅުކުރުމާއި މަޢުލޫމާތު ހޯދައި ލިބިގަތުމަށް ފުރުޞަތު ފަހިކޮށްދެއްވޭން ވާނެއެވެ. އިދިކޮޅު ޕާޓީތައް ފުރިހަމައަށް ޙަރަކާތްތެރިކުރުވުމަކީ ވެރިކަމުގެ އެއްބައި ކަމަށް ދެކެންވާނެއެވެ. އެހެނީ، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔެއް(ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްމުމުގެ ނިޒާމެއް ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަމަށް މާތް ﷲ އަންގަވައިފައިވެއެވެ. މި ކަމަށް އިޝާރާތްކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވަނީ: "وَلَوْلَا دَفْعُ اللَّـهِ النَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ الْأَرْضُ وَلَـٰكِنَّ اللَّـهَ ذُو فَضْلٍ عَلَى الْعَالَمِينَ"("އަދި، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު ﷲ އީ، ޢާލަމްތަކުގެ މައްޗަށް ފަޟްލު ވަންތަވެރި ރަސްކަލާނގެއެވެ.") (އަލްބަޤަރާ:251)

އެހެންވީމާ، ޒަމާނީ ދީމުޤްރާޠީ ޖުމްހޫރިއްޔަތެއްގައި އިދިކޮޅު ޕާޓީތަކެއް އޮތުމަކީ އެ ޖުމްހޫރިއްޔަތުގެ އެންމެ މުހިންމު އެއް ޙަޤީޤަތެވެ. ހެޔޮ މަގުގައި ވެރިކަން ބައްޓަންކުރުމުގައި އިދިކޮޅު ޕާޓީތަކެއްގެ މުހިންމުކަން ވަރަށް ބޮޑެވެ. އެހެނީ ސަރުކާރު މަގުން ކައްސައިލިޔަ ނުދީ ހެޔޮ މަގަށް މަގުދައްކައިދިނުމުގައި ވެރިކަމުގެ ކަންކަމަށް ފާރަވެރިވާނެ ފަރާތްތަކެއް ނުވާނަމަ، މަގު އޮޅިދާނެއެވެ. ވެރީންކުރާ ނުރަނގަޅު ކަންކަމަށް ލޯމަރައިލައި އެންމެން ސަނާކިޔާން ފަށައިފި ނަމަ، ވެރީންނަށް ވެރީން އޮޅިދާނެއެވެ. އިދިކޮޅު ޕާޓީތައް ބާރުވެރިކުރާންޖެހެނީ މިހެންވެގެންނެވެ. މަޣުރިބުގެ ކުރީގެ ރަސްގެފާނު ޙަސަން (ދެވަނަ) ވިދާޅުވެފައިވަނީ "ތިމަން ރަސްގެފާނާ އިދިކޮޅު ބަޔަކު ނުވާނަމަ އިދިކޮޅު ބަޔަކު އުފެއްދެވީމުހެވެ." އެހެންވީމާ ހެޔޮ ވެރިކަމެއްގައި އިދިކޮޅު ފަރާތްތަކެއް އޮންނާންވާނެއެވެ. އެއީ ހެޔޮ ވެރިކަމަކަށް ޓަކައި ލާޒިމުކަމެކެވެ. އެހެން ނޫންނަމަ، ރޫޙާނިއްޔަތުގެ ބާރު ކުޑަވެ، މާއްދިއްޔަތަށް ގިނަ މީހުން ހެއްލިފައިވާ މި ޒަމާނުގައި ފަސާދަ އާންމުވެދާނެއެވެ. ނުރަނގަޅު ކަންކަން ފާހަގަކޮށް އެ ކަންކަން އިޞްލާޙުކުރާން ގޮވާނެ ބަޔަކު ތިބެންވާނެއެވެ. ހެޔޮ ވެރިކަމެއް ކުރުމުގެ ނިޔަތް އޮތްނަމައެވެ. އެހެނީ، ހެޔޮ މަގަށް މަގުދައްކައި މުންކަރާތްތައް ނަހީކުރުމަކީ ﷲ އަމުރުކުރައްވައިފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ" ("ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمرކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.") (آل عمران:104). އިދިކޮޅު ފަރާތްތަކުން އަދާކުރަނީ އެ ޒިންމާއެވެ. އާދޭހެވެ! އިދިކޮޅު ފަރާތްތަކުން ވެސް ވެރިކަމަށް ފާޑު ކިޔާންވާނީ އިޚުލާޞްތެރިކަމާއެކު ﷲގެ ވަޖުހަފުޅަށްޓަކައެވެ. ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައެވެ. މި ގޮތުން އިޚުލާޞްތެރިކަމާއެކު އިދިކޮޅު ފަރާތްތަކުން ފާޅުކުރާ ބިނާކުރަނިވި ޚިޔާލުތައް ސަރުކާރުން ބަލައިގަންނަން ވެސް ވާނެއެވެ. ޖުމްހޫރިއްޔަތުގެ ފުރިހަމަ ލާބަޔާއި މަންފާ ރައްޔިތުންނަށް ލިބޭނެ އެންމެ ފުރިހަމަ މަގަކީ މިއީއެވެ.

މި ނަޒަރުން ބަލާއިރު، ޖުމުހޫރީ ދުވަހަކީ އުފާވެރި ދުވަހެކެވެ. ތާރީޚީ ދުވަހެކެވެ. ދިވެހިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރެވުނު މުނާސަބަތު ފާހަގަކުރާ އުފާވެރި ދުވަހެވެ. ޖުމުހޫރިއްޔަތުގެ ތަފާތު ވައްތަރުތަކާއި ދިވެހި ޖުމުހޫރިއްޔާތުގެ ތާރީޚުގެ މައްޗަށް ވާހަކަދައްކާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. އެއީ މިފަދަ ކޮންމެ މުނާސަބަތެއްގައި މީޑިއާއިން ވަރަށް ގިނައިން ލިބޭ މަޢުލޫމާތަކަށް ވާތީއެވެ.

ޝައްކެއްނެތެވެ! ދިވެހި ރައްޔިތުން  ޒަމާންވީ ރަސްކަމުގެ ނިޒާމުދޫކޮށް، ޖުމްހޫރީ ނިޒާމެއް ލިބިގަތް މައިގަނޑު މަޤްސަދަކީ، ރައްޔިތުންގެ ވެރިކަމެއް ޤާއިމްކޮށް، "ތަރައްޤީގެ ހަލުވި" ފިޔަވަޅުތަކެއް އެޅުމާއި ރައްޔިތުން ބާރުވެރި ކުރުވުމެވެ. އެ މީހުންނަށް ފާގަތި، ވިޔަވަތި ޙަޔާތެއް ހޯދައިދިނުމެވެ. އެހެން ޤައުމުތަކުގެ ފައިބުޑަށް ވެއްޓި ސަލާންޖެހުމުގެ ލަދުވެތި ސަގާފަތުން ދުރުވުމެވެ. ޖުމްހޫރީ ނިޒާމުގެ ފަލްސަފާއަކީ ވެސް އަޅުގަނޑު ދެކޭ ގޮތުގައި މިއީއެވެ. އެ ނިޒާމުން ކަށަވަރުވެގެން އަންނަނީ ޖުމްހޫރީ ވެރިކަމުގެ ބާރާއި އިޚްތިޔާރު ލިބެނީ ރައްޔިތުންނަށްކަމެވެ. ޖުމްހޫރީ ސަރުކާރެއް ހިންގާނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ މަންދޫބުން އެކަށައަޅައިފައިވާ ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް އެ މުއްދަތަކަށް ކަމެވެ. އެކިއެކި މަސްއޫލިއްޔަތު ޙަވާލުކުރެވިފައި އޮންނަ މުސްތަޤިއްލު ބާރުތަކެއް މި ނިޒާމުގައި އޮންނަނީ ރައްޔިތުންގެ ޙައްޤުތަކާއި މަސްލަޙަތަށްޓަކައިކަމެވެ. ރައްޔިތުންގެ ޙައްގުތައް މި ނިޒާމުގައި ކަށަވަރުކުރެވިފައިވާކަމެވެ. ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަންދޫބުންނަށް ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމުގެ ބާރު މި ނިޒާމުގައި ލިބިދޭކަމެވެ. އެކަމަކު މި ނިޒާމު ފުރިހަމައަށް ތަންފީޒުވާނީ، ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުން ވޯޓު ދޭއިރު ނުވަތަ ކަންކަން ނިންމާއިރު، ވޯޓުގަތުމާއި ވޯޓުވިއްކުމުގެ ނުބައި ޢަމަލާ ދުރުހެލިވެގެންނެވެ. ވޯޓު ވިއްކުމާއި ވޯޓުގަތުމަކީ ވެސް ﷲ ލަޢުނަތް ލައްވައިފައިވާ ރިޝްވަތުގެ ޢަމަލެއް ކަމަށް ހިތުގެ އަޑިން ޤަބޫލުކޮށްގެންނެވެ. އަދި ދައުލަތުގެ އެކި ކަންކަމާ ޙަވާލުވާ ފަރާތްތަކަކީ، މަވެތިކަން އިސްކޮށް އަމިއްލަ ފައިދާއަށް އިސްކަންދީގެން، ސަރުކާރަށް ސަނާކިޔާ ބަޔަކަށް ވެއްޖެ ނަމަ، އަދި ސަރުކާރުންކުރާ ނުރަނގަޅުކަންކަން ދިފާޢުކޮށް އެ ކަންކަމަށް މަގުފަހިކޮށްދޭން ތިބޭ ބަޔަކަށް ވެއްޖެ ނަމަ، ރައްޔިތުން ތަޙައްމަލުކުރާންޖެހޭނީ ޚުދުމުޚުތާރުކަމާއި އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ހިތި ހަގީގަތެވެ. އެހެންނަމަވެސް ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއި އަމާނާތްތެރިކަމުގެ އަސާސްތަކުގެ މަތީގައި ޤާއިމުކުރެވިފައި އޮންނަ ޖުމްހޫރިއްޔަތަކީ ރައްޔިތަކަށް ލިބޭނެ ވަރަށް މަތިވެރި ނިޢުމަތެކެވެ. ވީމާ ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރުމުގައި ރައްޔިތުންނަށް އޮންނަ އެންމެ ބޮޑު ބާރާއި އަމާނާތަކީ އިންތިޚާބުތަކުގައި އަމާނާތްތެރިކަމާއެކު ވޯޓުދިނުމެވެ. ކަމަށް އެންމެ އެކަށީގެންވާ، ޤާބިލު، ފަސްބައި ކިލަނބުވެފައިނުވާ މީހުން ދެނެގަނެ އެ ފަދަ މީހުންނަށް ވޯޓު ދީގެންނެވެ.

އިންތިޚާބު ކުރެވިގެން ނަމަވެސް ނުވަތަ އިޚުތިޔާރު ލިބިފައިވާ ފަރާތަކުން ޢައްޔަންކޮށްގެން ނަމަވެސް ދައުލަތުގެ އެކި ކަންކަމާ ޙަވާލުވެގެން ތިބޭ ކޮންމެ ބަޔަކު ވެސް އެ ބަޔަކު ކުރާ ކޮންމެ ކަމަކީ ﷲ އަށްޓަކައި ކުރާ ކަމަކަށް ހަދާންވާނެއެވެ. އެއީ ތިމާކުރާ ކޮންމެ ކަމަކީ ތިމާއާ ސުވާލުކުރެވޭނެ ކަމެއްކަން ގަބޫލުކުކޮށްގެން  މަސައްކަތްކުރުމެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا " ("އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤالކުރައްވާނެ ކަމެއްކަމުގައިވިއެވެ.") (سورة الإسراء:36).

ދިވެހި ޖުމްހޫރިއްތަށް މިއަދު ބައި ޤަރުނަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، ދިވެހިރާއްޖޭގައި މި ވަނީ ޒަމާނީ ޑިމޮކްރެސީއެއް ޤާއިމުކުރެވިފައެވެ. ދީމުޤްރާތީ ޖުމުހޫރިއްޔަތެއްގެ ބިންގާއެޅި އޭގެ ރުކުންތައް ފުރިހަމަކުރެވިފައެވެ. މިއަދު ރައްޔިތުން އުންމީދުކުރާނީ މި ރުކުންތައް ޢަމަލީ ގޮތުން އިޚުލާޞްތެރިކަމާއެކު ތަންފީޒުވެގެން އަންނާނޭ ދުވަހަކަށެވެ. ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާ ޢަދުލުވެރިކަމާއެކު ހިނގަމުން އަންނަ ތަން ދުށުމެވެ. ދައުލަތުގެ މުއައްސަސާތަކަށް އެންމެ ޤާބިލު ފަސްބައި ކިލަނބުވެފައި ނެތް މީހުން އިސްކުރެވި އެ މުއައްސަސާތައް، ﷲއަށްޓަކައި ޤައުމަށްޓަކައި، ރައްޔިތުންނަށް ޓަކައި އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރާ ތަން ދުށުމެވެ. މި ގޮތަށް ޢަމަލު ނުކުރެވޭނަމަ، ދުނިޔޭގައި ހުންނަ ކޮންމެ މުއައްސަސާއަކަށް މުއައްސަސާއެއް ހެދުމަކީ ދައުލަތުގެ ވަސީލަތްތައް އިސްރާފުކުރުން ނޫންކަމަކަށް ނުވާނެއެވެ. އިޚުލާޞްތެރިކަން ނެތިއްޖެ ނަމަ، ޖުމުހޫރިއްޔަތެއް ޤާއިމުކުރުމުގެ ފައިދާއަށް ވުރެ ލިބޭ ގެއްލުން މާ ބޮޑުވާނެއެވެ. މިއަށްވުރެ އިތުރަށް މިވާހަކަ ދަންނަވާކަށް ނެތީމެވެ.

އަޅުގަނޑުގެ އުންމީދުކުރަނީ ބައި ޤަރުނު ފަހަނަޅައި، ޤަރުނަކާ ދިމާއަށް މިޞްރާބު ޖަހައިފައިވާ ދިވެހި ޖުމްހޫރިއްޔަތަކީ ދިވެހީންގެ ލާބަޔާއި މަންފާއަށްޓަކައި ދެމި އޮންނަ ވެރިކަމެއްކަމަށް ދިވެހީން ހަދާނެ ދުވަހަކަށެވެ. އިސްލާމީ ވަޙުދަތާއި ދިވެހި އަމިއްލަވަންތަކަމާއި ސިޔާދަތު ޙިމާޔަތްކުރެވިފައިވާ ހަރުދަނާ ވެރިކަމެއް ކަމުގައި ވާނެ ދުވަހަކަށެވެ. ދިވެހި ޤައުމިއްޔަތުގެ އަސާސްތަކުގެ މަތީގައި ދިވެހި ޖުމްހޫރިއްޔަތުން ދިވެހި ރައްޔިތުންނަށް ވިޔަވަތި ޙަޔާތެއް ފަހިވެގެން އަންނާނެ ޒަމާނަކަށެވެ. އެހެން މީހުންގެ އުނގަށް ނުވެއްޓި އަމިއްލަ ފުދުންތެރިކަމާއެކު ރާއްޖޭގެ ކަންކަން ރާއްޖޭގެ ރައްޔިތުންނަށް ފެންނަ ގޮތަކަށް އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ނިންމުމުގެ ބާރު ލިބި، ތަރައްޤީވެ ކުރިއަރައިފައިވާ ދިވެހިރާއްޖެއަކަށް މި ރާއްޖެ މިޞްރާބުޖަހާ ދުވަހަކަށެވެ. އެކި އިންތިޚާބުތަކުގައި ރައްޔިތުން ވޯޓު ދޭއިރު، މި ކަންކަމަށް ރިޢާޔަތްކުރާނެކަމަށެވެ. ތިމާދޭ ވޯޓަކީ މަސްއޫލިއްޔަތެއްކަމަށާއި އަމާނާތެއްކަމަށް ހިތުގެ އަޑިން ގަބޫލު ކުރާނެ ކަމަށެވެ. ޖުމްހޫރިއްޔަތުގެ ހަގީގީ ފައިދާއާއި މަންފާ ދިވެހީންނަށް ފުރިހަމަ މާނައިގައި ލިބޭނީ މި ގޮތުގެ މަތީން ރައްޔިތުންނާއި ވެރިން އިޚުލާޞްތެރިވެގެންނެވެ.