Support Us

ދެ ފޮރިން ސެކްރެޓަރީންގެ ރަސްމީ މަޝްވަރާތައް ބާއްވަވައިފި

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ފޮރިން މިނިސްޓްރީގައި ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.

މި ބައްދަލުވުމުގައި، ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 55 އަހަރު ފުރިފައިވާއިރު ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ޤައުމުގެ ފޮރިން ސެކްރެޓަރީ އިން މަޝްވަރާކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަން ކުރިއެރުވުމާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމާއި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރުކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމަ އެއާއެކު، ސިއްހީ ދާއިރާއާއިން ގުޅިގެން މަސައްކަތްކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން ކޮންސިއުލަރ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މިއަދު މަޝްވަރާކުރެއްވި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ދިވެހި ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެން އުޅުއްވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް، ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *