Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

ސަރުކާރު ޚިދްމަތުގެ ފުރަތަމަ ދުވަސްތަކުގެ ހަނދާންތައް – 1

ސަރުކާރުގެ ޚިދްމަތް ފެށީ 1999 ގައެވެ. ފައިން ލޮނު ހިކެން ވަގުތު ނުލިބެނީސް، އެއިރު ހިނގަމުންދިޔަ ބައެއް މުހިންމު މަސައްކަތްތަކުގައި ޙިއްޞާވެވުނެވެ. ވިހި އަހަރަށް ފަހު، އެކަމަށް ނަޒަރު ހިންގާލީމެވެ. އާކޮޅުގައި ކުރެވުނު ގިނަގުނަ ތަޖުރިބާތަކުގެ މައްޗަށެވެ. އަދި، އޭގެ ސަބަބުން، ޚިދްމަތުގައި ކުރިއަށް ދިއުމަށް ލިބުނު ހިތްވަރާއި، އެ ތަޖުރިބާތަކުން ކުރި އަސަރުގެ މައްޗަށެވެ. އެދުވަސްވަރުގެ އުފާވެރި ހަނދާންތަކުގެ މައްޗަށްވެސްމެއެވެ.

ޝުކުރުވެރިވަމެވެ. ޙަމްދުކުރަމެވެ. އެދުވަސްވަރު ހިނގައިދިޔަ ބައެއް ބޮޑެތި ކަންކަމުގައި، އެކި ގޮތްގޮތުން، އެކި ހައިސިއްޔަތުން އަދި އެކި ފެންވަރުގައި، ބައިވެރިވުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި ޝުކުރުވެރިވަމެވެ. ގިނަ ކަންކަމަށް ލޯހުޅުވުނެވެ. ސަރުކާރުގެ ޚިދްމަތުގެ ވައްޓަފާޅިއާއި އާޖުފާޖު ވަރަށް އަވަހަށް ދަސްވެ، އެ ކަންކަން ފަރިތަވިއެވެ. ކުރިއަށް ދިއުމުގައި އޭގެ ބޭނުން ހެޔޮގޮތުގައި ހިފުނު ކަމަށް މިއަދު ދެކެމެވެ.

ސަރުކާރަށް ވަތް ދުވަހު ހިފި އަމާޒެއް، އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. އަދި، ލިބުނު ހެޔޮ ނަސޭހަތެއްވެސް ހަނދާނުގައި އެބަހުއްޓެވެ.

އޮފީހަށްދާން އަލަށް ޓައި އެޅި ދުވަހު ހިތަށް އެރިއެވެ. ޕެންޝަން ލިބެންދެން ހިފަހައްޓާލެވޭނެތޯ ބަލަންވާނެއެވެ. އެއް ޕެންޝަން ލިބިވަޑައިގެން، އެއިރު ދެވަނަ ޕެންޝަނާ ގާތްވަމުންދިޔަ ޚިދްމަތްތެރިއެއްގެ ދޮށީ ދަރިއަށް ވީތީ، ޤައުމީ މަސައްކަތުގައި ފަރުވާތެރިވުމަކީ، ބައްޕައަށް އުފާވެރިކަން ލިބިވަޑައިގަންނަވާނެ ކަމަކަށް ވާނެތީއެވެ.

މުހައްމަދު ހުސެއިން ޝަރީފު އޭނާގެ މަންމަ އާއި ބައްޕައާއެކު 1998 ގައި  -ފޮޓޯ: އެފް.ބީ

ދެން އޮތީ ޚުދު ބައްޕަ ދެއްވި ނަސޭހަތެވެ. ފަރުވާތެރިވުމަށެވެ. އަދި، ވަފާތެރިވުމަށެވެ. އަޅުގަނޑުގެ ބައްޕައަކީ ބަސްމަދު، ޢަމަލު ގިނަ ބޭފުޅެކެވެ. އެހެންކަމުން، މިބާވަތުގެ ކަމެއްގައިވެސް މާބޮޑު އެއްޗެއް ވިދާޅެއްނުވާނެއެވެ. އަޅުގަނޑުމެން ދަރިން، ބައްޕަ ވަކިކަމެއްގައި ދެކެވަޑައިގަންނަވާ ގޮތް ގިނަ ފަހަރު ދެނެގަންނަނީ ބައްޕަގެ ޢަމަލުތައް ބަހައްޓަވާ ގޮތަކުންނެވެ. ވިދާޅުވާ އެއްޗަކުން ނޫނެވެ. އަޅުގަނޑު ވަޒީފާއަށް ނުކުންނަން އުޅޭކަން އެނގިވަޑައިގަތުމުން، އެއްދުވަހު އަޅުގަނޑުގެ ކޮޓަރިއަށް ވަޑައިގަތެވެ. އަދި ގެންގުޅުއްވި ވިއްސަކަށް ޓައި ދެއްވިއެވެ. ދެން، އަތްޕުޅުގައި އޮތް ގަޑިވެސް ނަންގަވާފައި މޭޒުމާތީގައި ބާއްވަވާލެއްވިއެވެ. ވިދާޅުވީ ހަމަ އެންމެ އެއްޗެކެވެ. "ތިޔަ ވަދެވުނީ ރައީސް އޮފީހަށް" ކަން ހަނދާންކޮށްދިނެވެ. އަދި، ޚިދްމަތުގައި ދެމިހުރިހާ ދުވަހެއްގައި ރައީސް ވިދާޅުވާގޮތަށް މަސައްކަތްކުރުމަށް އެދިވަޑައިގަތެވެ. ދެން ދެއްކެވީ ބައްޕަ އެހާ ދުވަހު ސަރުކާރުގައި އުޅުއްވިއިރު ގަޑިޖެހި، ސަލާންބުނެފައި ނުއޮންނާނެ ވާހަކައެވެ. ދެން ކޮޓަރިން ނުކުމެވަޑައިގަތީއެވެ.

އެ ހިސާބުން އަޅުގަނޑު ބޭނުންވާނެ ކަންކަން އެއޮތީ އޮޅުންފިލާފައެވެ. މިއީ ބައްޕައަށް މުހިންމުކަމެއް ކަމާއި، ބައްޕަ ނަމޫނާއަކަށް ބަލައިގެން ކުރިއަށް ދެވޭތޯ ބަލަންވީކަން ވިސްނިއްޖެއެވެ. އަޅުގަނޑުގެ ބައްޕަ ވަނީ ހުސްވި އަހަރު އަވަހާރަވެފައެވެ. ބައްޕަގެ ފުރާނަފުޅަށް ރަޙްމަތްލެއްވުން އެދި ދުޢާކުރަމެވެ.

ސަރުކާރުގެ ޚިދްމަތުގައި އުޅުނު ފުރަތަމަ ދެތިން މަހުގެ ބައެއް ވާހަކަތައް ޙިއްޞާކޮށްލާނަމެވެ. އޮފީހުގައި ހަވާލުވި ފާހަގަކުރެވޭ އަދި ހަނދާނުގައި ހުރި އެންމެ ފުރަތަމަ މަސައްކަތަކަށްވީ ސާސްކަފާ ގުޅިގެން އެދުވަސްވަރު ކުރެވެމުންދިޔަ ބައެއް ކަންކަމުގައި ބައިވެރިވުމެވެ. މޭޒެއްގެ ދޮށުގައި އިދާރީ މަސައްކަތްތަކުގައި ރެޔާއި ދުވާލު އިންނަންޖެހުމަކީ، އުމުރުން 21 އަހަރުގެ ޒުވާނަކަށް އެހާ ހިތްގައިމު، ފަސޭހަކަމެއް ނޫނެވެ. އެދުވަސްވަރު، އަޅުގަނޑުވެސް ބޭނުންވީ ޢަމަލީ މަސައްކަތްތަކުގައި ނުކުމެ ހެލިފެލިވެ އުޅުމުގެ ފުރުޞަތެވެ.

ޤައުމީ ފެންވަރުގައި ކުރެވުނު ބިޔަ މަސައްކަތެއްގައި ވަރަށް ކުޑަކުޑަ ޙިއްޞާއެއް ލިބުނެވެ. އަޅުގަނޑު އަދާކުރަންޖެހުނު ދައުރަކީ، ބޮޑު މަންޒަރުގައި، މުހިންމު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް، ތަރުބިއްޔަތާއި ތަޖުރިބާގެ ގޮތުން އަޅުގަނޑަށް ފަހިވި އެ ފުރުޞަތު ވެގެންދިޔައީ އަގުނުކުރެވޭނެ ފަދަ ބޮޑު އެއްޗަކަށެވެ.

ހުނަރު ލިބުނީ ލިޔެކިއުމުގެ މަސައްކަތަށެވެ. ނަމަވެސް، ސޯޓުބުރިއަށް ހަދާލައިގެން ނުކުމެ އުސްތަންތަނަށް އަރާ، ދާއޮހޮރައިގެން، ހަތަރެސްފައިން ކުރަންޖެހޭ ކަންކަންވެސް ދަންނަމެވެ. މާލެ ޒީނަތްތެރިކުރުމުގެ މަސައްކަތުގައި އަޅުގަނޑު އުޅުނީ ސަރުކާރު އިމާރާތްތަކުގައި ބޮކިފަތި ދެމި ޓާސްކްފޯހުގައެވެ. ކެއިންބުއިމާއި ނިންޖަކަށް ފަރުވާއެއް ނުބަހައްޓަމެވެ. މަހެއްހާ ދުވަހު އުޅުނީ، ޓާޒަން ޖަންގަލީގެ ގަސްގަހުގައި އުޅޭ ފަދައިން، އެއްފާރުން އަނެއް ފާރަށް އަދި އެއް ފުރާޅުން އަނެއް ފުރާޅަށް ފުމުމުގައެވެ. އެކި ޑިޒައިންތަކަށް ބޮކިފަތި ދެމުމުގައެވެ. ވަރަށްވެސް އުފާވެރި، މަޖާ ދުވަސްތަކެކެވެ.

އެފަދަ ދެވަނަ މަސައްކަތެއްވެސް ހަނދާނުގައި އެބަހުއްޓެވެ. ހަމަ އެދުވަސްވަރުގެ ވާހަކައެކެވެ. ބިސްމީގެ ބަރަކާތުން، ސަރުކާރުގެ ޚިދްމަތް ފެށީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފެއްގެ ގޮތުގައެވެ. އެއިރު ރައީސް އޮފީސް ވަގުތީގޮތުން ހިންގަމުންދިޔައީ މުލީއާގޭގައެވެ. މިއަދު ތިޔަ ފެނިވަޑައިގަންނަވާ ރައީސް އޮފީހުގެ އިމާރާތުގެ މަސައްކަތް އެދުވަސްވަރު ދަނީ ނިމުމަކާ ގާތްވަމުންނެވެ.

އެއޮތީ ދެވަނަ މަސައްކަތެވެ. އާ އޮފީހަށް ބަދަލުވުމެވެ. އެތައް ސަތޭކަ މުވައްޒަފުންނާއި އަދި އެންމެ ބޮޑު އިދާރާގައި ހުރި ހިފާގެންގުޅޭ ހުރިހާ ސާމާނަކާއެކު، އާ އިމާރާތަކަށް ހިޖުރަކުރުމުގެ މަސައްކަތެވެ. ބަހައްޓާފައި ހުރި ގަސްމުށިތަކުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކޮޓަރިކޮޅުގައި ހުރި ފަރުނީޗަރަށް ދާންދެން އުފުލާ، ގެންގޮސް، އާ އިމާރާތަށް ވެއްދުމުގެ މަސައްކަތެވެ. އަދި، އާ އިމާރާތުގައި އެކިއެކި ޑިވިޜަންތަކާއި، ސެކްޝަންތަކާ، ޔުނިޓުތައް، ވަކި ތަރުތީބަކުން އަތުރާލުމުގެ މަސައްކަތެވެ.

މިއީވެސް ވަރަށް ގަޔާވެގެން އަދާކުރި ޒިންމާއެކެވެ. އެންމެ ކުދިކުދި ކަންކަމަށްވެސް ސަމާލުކަން ދީގެންނެވެ. ކޮޓަރިތަކާއި މާލަންތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ނަންތަކުގެ ބޯޑުތައް ހަރުކުރުމެވެ. އަމީން މާލަން، ނާޞިރު މާލަން، ދަރުމަވަންތަ މާލަން، ވެލާނާ މާލަން، ކަލާފާނު މާލަން، ޢިއްޒުއްދީން ފެންޑާ، އުތީމު ކޮޓަރިކޮޅު، ސިއްތިމާވާ ކޮޓަރިކޮޅު، އައިމިނާރަނި ކޮޓަރިކޮޅު، މިހެންގޮސް ކޮންމެ ތަނަކަށް އޮތީ ރާއްޖޭގެ ސިންގާސަނާގައި ރެނދަލިކުރެއްވި ރަސްރަސްކަލުންނާއި، ރަނިރަނިކަނބަލުންނާއި، ވެރިންގެ ނަންފުޅުތަކުގެ ތެރެއިން އެކަށޭނަ ނަމެއް ދެއްވާފައެވެ. ހަމަ އެފަދައިން، ޒީނަތްތެރިކުރުމަށް ތަނުގައި ހަރުކުރެވިފައި ހުރި ފޮޓޯ ލޯގަނޑުތަކާއި ބެހެއްޓިފައިހުރި ލިޔެލާޖެހި މާޓުކުރިތަކަށް ދާންދެން އެތުރީ އެއިރު އުޅުނު މުވައްޒަފުންނެވެ.

އެދުވަސްވަރު ހަވާލުވީ ތިން ވަނަ މަސައްކަތަކީ، 2020 ގެ ތަޞައްވުރު އެކުލަވާލުމުގެ ޤައުމީ މަސައްކަތެވެ. އަދި، އޭގެ ތެރެއިން ބޭއްވުނު މަހާސިންތާއެވެ. އަޅުގަނޑު ލައްވާލީ، އެތަނުން އެއް ކަރުދާހާމެދު ޒުވާނުންގެ ޚިޔާލު ހޯދުމަށް ބޭއްވުނު މަޝްވަރާތަކުގައެވެ. ޚިޔާލު ދިނުމުގެ އިތުރުން، އެކަން ރާވާ ހިންގުމުގެ ޓާސްކްފޯހުގައެވެ. އަޅުގަނޑުމެންގެ ވެރިއަކަށް ހުންނެވީ ފަހުން އަޅުގަނޑާއެކުގައި ކެބިނެޓުގައި ޚިދްމަތްކުރެއްވި އަޅުގަނޑު އެބޭފުޅަކަށް ނުހަނު އިޙްތިރާމްކުރާ، ޑރ. އާއިޝަތު ޝިހާމެވެ. މި މަސައްކަތް ވެގެންދިޔައީ ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ. ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ބަސްބުނެ، ޚިޔާލުދީ، ކަންކަން ރާވާހިންގާ އުޅުމުގެ އާދަ އަށަގަތީ އެހިސާބުންނެވެ.

އެދުވަހު އަޅުގަނޑުމެން ދެއްކި ބައެއް ވާހަކަ ހަނދާން އެބަހުއްޓެވެ. ބައިވެރިން ދިން ބައެއް ޚިޔާލު ހަނދާން އެބަހުއްޓެވެ. ހުށަހެޅި ގިނަ ކަންކަން ހަނދާން އެބަހުއްޓެވެ.

މާލެއާއި ހުޅުލެއާ ދެމެދު ބްރިޖެއް އެޅުމުގެ ވާހަކަ އެދުވަހު ދެކެވުނެވެ. އަދި، ސ. ހިތަދޫއާއި ހުޅުމީދޫއާ ދެމެދު ބްރިޖެއް އަޅަންވެސް ޚިޔާލު ބަދަލުކުރެވުނެވެ. އެދުވަހު އެކަންކަން ހުށަހެޅުމުން، ބަޔަކު ހީ، ޖޯކުޖެހި ހަނދާން އެބަހުއްޓެވެ. ވިހިވިހި މިއޮތީ ފެނިފައެވެ. އެތަނުން އެއް ބްރިޖް އެހެރަ ފެންނަނީއެވެ. ރައީސް ޔާމީންގެ 2018 ގެ ރިޔާސީ މެނިފެސްޓޯގައި ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި، މިދެންނެވި ދެވަނަ ބްރިޖުގެ ވާހަކަވެސް އޮންނާނެއެވެ.

ދެވަނަ ކަމެއްވެސް ހަނދާނުގައި އެބަހުއްޓެވެ. އުތުރުގެ އަތޮޅަކުން އައި ޒުވާނަކު ދެއްކި ވާހަކައެވެ. އެންމެ ބޮޑު ބަދަލެއް ގެންނަން ފެންނަނީ ކޮންކަމަކަށްތޯ އޭނާ ގާތުގައި އެހުމުން ބުނި ވާހަކައެވެ. އޭނާއަށް އެންމެ ބޮޑުވީ، ރަށުގެ މަގުމަގުގައި، ކުޑަގޯލު އަޅައިގެން ޒުވާން ކުދިން ބޯޅަ ކުޅެން އުޅޭއިރު، ރަށުގެ ކަތީބު ދުރުވެ، އެކުދިން ފައްސާލާ މައްސަލައެކެވެ. އޭނާގެ ޚިޔާލަކަށްވީ ކަތީބުކަން އުވާލުމެއް ނޫނެވެ. އޭނާ އެދުނީ ކަތީބުންނަކީ ރަށުގެ ރައްޔިތުންގެ ރުހުން އޮވެގެން މަޤާމުގައި ތިބޭ ބަޔަކަށް ހެދުމެވެ. ވޯޓަކުން ކަތީބު ހޮވުމެވެ.

މިއަދު މިއޮތް ނިޒާމާމެދު ފިކުރު ހިންގާލާއިރު، އޭނާގެ ވާހަކަތައް ގިނަގިނައިން ހަނދާނަށް އާދެއެވެ. ކައުންސިލަރުންގެ އެތައް ސަތޭކަ މީހުން، ދޭތެރެ ދޭތެރެއިން މިއަދި މި އިންތިޚާބު ކުރެވެނީއެވެ. އެގޮތުން އޭނާގެ ޚިޔާލު އެއޮތީ ތަންފީޒުކުރެވިފައި ދެއްތޯއެވެ. ނަމަވެސް، އޭނާ އެދުނީ އެކަކަށް ކުރެވޭނެ މަސައްކަތް، ރަމްޒީގޮތުން، ހަތަރު ފަސްމީހުންނާއި ޙަވާލުކުރާ ވާހަކައެއް ނޫނެވެ. ޚަރަދުވެސް ކުޑަވާނެތާއެވެ. ކަތީބުކަން އުވާލުމުގެ ބަދަލުގައި، ކަތީބުންނަކީ ޑެމޮކްރެޓިކްކޮށް ހޮވާ ބަޔަކަށްވުމުން، އޭނާގެ އަމާޒަށް ވާޞިލުވީއެވެ. މިއަދު މިއޮތް ނިޒާމަށްވުރެ އެގޮތް ކަމުނުދާނެބާވައޭ އަބަދުވެސް ހިތަށް އަރައެވެ.

ކޮންމެއަކަސް، މާދުރު މުސްތަޤްބަލަކާމެދު ކުރި ފިކުރުގެ ނަތީޖާ ދެނެގަންނަން މިއަދު މިއޮތީ ފުރުޞަތު ލިބިފައެވެ. ކަނޑައެޅުނު މުއްދަތު ހަމަވީއެވެ. ވިހިވިހި އަތުވެއްޖެއެވެ. ވީމާ، އެދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާއާމެދު ވިސްނުންހިންގާލުން ޖާއިޒު އަދި މުނާސަބުކަމުގައި ދެކެމެވެ. ނަމަވެސް، އެމަޝްވަރާ ބާއްވާނީ އެހެން ދުވަހަކަށެވެ. އަދި، އޭގެ ތެރެއިން، އެފަދަ އިތުރު ޤައުމީ މަޝްވަރާއެއް ފެށުމުގެ ޚިޔާލުވެސް، އިރާދަފުޅާއެކު، ޙިއްޞާކޮށްލާނަމެވެ.

އެދުވަހު ފެށި ސަރުކާރުގެ ޚިދްމަތުގެ ދަތުރު ދެތިން ފަހަރު މެދުކެނޑުނެވެ. ފުރަތަމަ ހުއްޓުނީ، 2008 ގައެވެ. އެ އަހަރުގެ 11 ނޮވެމްބަރުގައި، ރައީސް މައުމޫންގެ ޒަޢާމަތު ނިމުމާއެކު، އެމަނިކުފާނުގެ ފަހަތުން، ރައީސް އޮފީސް އަދި ސަރުކާރުން ކެނޑުނީ އަމިއްލަ އިޙްތިޔާރުގައެވެ. ރައްޔިތުން އިންތިޚާބުކުރި އާ ރައީސުލްޖުމްހޫރިއްޔާ ކުޑަކޮށްވެސް ބަލައިނުގަނެވޭތީއެވެ. އެމަނިކުފާނަށް އެއްގޮތަކަށްވެސް ތާއީދުނުކުރެވޭތީއެވެ. އެމަނިކުފާނަށް ވަފާތެރިވާން ހުވައެއްކުރަން ޒަމީރު ޤަބޫލުނުކުރާތީއެވެ.

ދެން އެނބުރި ސަރުކާރުގެ ޚިދްމަތަށް ނުކުތީ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ކުރީގެ ރައީސް މައުމޫންގެ ސެކްރެޓޭރިއެޓުގެ މަޤާމަކަށެވެ. ރައީސް ނަޝީދު އިސްތިޢުފާ ދިނުމާއެކު އައި ރައީސް ވަޙީދުގެ ސަރުކާރުގައި، ފުރިހަމައަށް އެނބުރި ސަރުކާރަށް އާދެވުނެވެ. ޒުވާނުންގެ ވަޒީރުކަމުގެ މަޤާމަށެވެ. ދެން އައީ ރައީސް ޔާމީންގެ ޒަޢާމަތެވެ. އެ ސަރުކާރު ފެށިގެންދިޔައީ، ވަރަށް ތަފާތު އިޙްސާސްތަކަކާއެކުއެވެ. އުމުރުން އެންމެ 21 އަހަރުގައި ސަރުކާރުގެ ޚިދްމަތް ފެށި ރައީސް އޮފީހަށް، އެ އޮފީހުގެ މިނިސްޓަރުކަމުގައި، އެނބުރި އާދެވުނެވެ.

އެނބުރި އައިސް ރައީސް އޮފީހަށް ވަނުމާއެކު، އެންމެ ޒުވާން ދުވަސްވަރުގެ އުފާވެރި ހަނދާންތަކުން ހިތްފުރުނެވެ. ބޮކި ލާން އުޅުނު އިރުގެ ހަނދާންތަކެވެ. އޮފީހުގެ އާ އިމާރާތަށް ބަދަލުވުމުގެ ހަނދާންތަކެވެ. އެއްކަލަ މާލަންތަކުގެ ނަންބޯޑުތަކާއި، ފާރުގައި ހުރި ލޯގަނޑުތަކާއި، ލާޖެހި މާޓުކުރިތައް އަތުރާ، ހަރުކޮށް، ބެހެއްޓި ތަންތަނުގެ ހަނދާންތަކެވެ. ވިހިވިހީގެ ތަޞައްވުރުގެ މަހާސިންތާގެ ހަނދާންތަކެވެ.

ދެން ސަރުކާރުން ވަކިވި ދުވަހެއް އަނެއްކާވެސް އަތުވެއްޖެއެވެ. ދެވަނަ ފަހަރުވެސް އަމިއްލަ އިޚްތިޔާރުގައެވެ. ދެހާސް ފަނަރައިގެ ފަހުކޮޅުއެވެ. ވަޒީރުކަމުން އިސްތިޢުފާ ދިނުމުންނެވެ. އެފަހަރު، ސަރުކާރުން ބޭރުގައި ހުރީ އެންމެ އަހަރެކެވެ. ސަފީރުކަމާ ޙަވާލު، ސަރުކާރު ޚިދްމަތަށް އެނބުރި އާދެވުނެވެ. ކަމަށް ޖެހިފައި ހުންނަ ލޯތްބަކާއި ކުލުނެއްގެ ބޮޑުކަމުން، އަމިއްލަ މަސައްކަތެއް ކުރުން ނުވަތަ ވިޔަފާރިއެއް ކުރެވޭތޯ ބެލުން ފަދަ ކަންކަމަށް ޝައުޤުވެރިކަމެއް ނުހުރެއެވެ. އަބަދުވެސް އުޅޭހިތްވަނީ ސަރުކާރުގައެވެ. ސަރުކާރުގެ ޚިދްމަތުގައެވެ. ރައްޔިތުންގެ ޚިދްމަތުގައެވެ.

އެންމެ ފަހުން ސަރުކާރުން ނުކުތީ، 16 ނޮވެމްބަރު 2018 ގައެވެ. ރައީސް ޔާމީންގެ ދައުރު ނިމުމާއެކުއެވެ. އޭގެ ފަހުން ދެ އަހަރާ މިހިރަ ގާތްވަނީއެވެ. އުންމީދަކީ އަދިވެސް ސަރުކާރުގައި ޚިދްމަތްކުރުމެވެ. އެ ފުރުޞަތު އަނެއްކާ ލިބުމެވެ. އެފުރުޞަތު ކުރިއަށް އޮތް ތާނގައިވެސް ހޯދުމެވެ. މިހެން ދެންނެވިއަސް، އިތުރުކޮށްލާނަމެވެ. ޤަބޫލުނުކުރާ، ތާއީދުނުކުރާ މީހަކަށް ވަފާތެރިވުމަކަށް ހުވައެއް ނުކުރާނަމެވެ.

ފުރަތަމަ ދުވަހު ހިތުގައި އޮތީ ޕެންޝަނާ ހަމައަށް ދިއުމެވެ. މިއަދު، އެ ޕެންޝަންގެ އުޞޫލުވެސް ބަދަލުވެއްޖެ ދެއްތޯއެވެ. ފަރުވާއެއް ނެތެވެ. އަދިވެސް ކުރާ އުންމީދަކީ ސަރުކާރުގައި 20 އަހަރު ހަމަކުރެވޭތޯ ބެލުމެވެ. ބައްޕަގެ ހަނދާނުގައެވެ. މިވީ 20 އަހަރުގެ ތެރޭގައި އަޅުގަނޑު ސަރުކާރުގައި އުޅެވުނު މުއްދަތު އެއްކޮށް، ގުޅުވާލުމުން ހަމަވަނީ 15 އަހަރެވެ. ވީމާ، އަދި އެބަ ދުވަސްތަކެއް އުނިވެއެވެ. އިރާދަކުރެއްވިއްޔާ އުނިވާބައި ކޮންމެވެސް ދުވަހަކުން ފުރިހަމަކުރާނަމެވެ. ލޮބުވެތި ބައްޕައަށްޓަކައެވެ.