Support Us

ކޮލަމް: ދޭހަ

ގެދޮރު ހޯދުމަށް ލުޔެއް ލިބޭނީ އާބާދީއާ ބެހޭ ޤައުމީ ސިޔާސަތު ހަރުދަނާ ކޮށްގެން

ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކާ ވެސް ކުރިމަތިވެފައި އޮންނަ އެންމެ އުނދަގޫ، ހައްލެއް ހޯދަން ދަތި ގޮންޖެހުމަކީ، ގެދޮރު އެޅުމަށް ގޯތި ބޭނުންވާ ހުރިހާ ރައްޔިތުންނަށް ގޯތި ހޯދައިދިނުމެވެ. ޚާއްޞަކޮށް މާލޭގައެވެ. ގެދޮރު އެޅުމަށް ރާއްޖޭގައި ލިބެން ހުންނަ ބިން މަދުކަމުންނެވެ. މި ކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވޭތޯ ބެލުމަށް ކުރީގެ ސަރުކާރުތަކުން ވެސް ތަފާތު ގޮތްގޮތަށް މަސައްކަތްކުރިއެވެ. އައްޑިހައިގެ އަހަރުތަކުގައި އެންމެ ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށް އެއިރު އޮތް ސަރުކާރަށް ފެނުނީ މީހުން ދިރިއުޅޭ ފަޅު ބޮޑު ރަށްރަށުގެ ފަޅަށް ވެލިއަޅައިގެން ހިއްކުމެވެ. އެއިރު ވެސް އެފަދަ މަޝްރޫޢުތައް ފެށުމުގެ ކުރިން ތިމާވެއްޓަށް އަތުވެދާނެ ގެއްލުމަކަށް އެ ޒަމާނުގެ ފެންވަރުން ބެލެން އޮންނަ ގޮތަކަށް ބެލެވެ އެވެ. އެހެންނަމަވެސް، ބިން ބޮޑު ކުރުމަށް މީހުން ދިރިއުޅޭ ރަށެއްގެ ބިން ހިއްކުމުން، ތިމާވެއްޓަަށް ގެއްލުމެއް ލިބިދާނެތީވެ، ހުއްޓުވާފައި އޮތް ކަމެއް އެނގިފައެއް ނެތެވެ. ޢާއްމު ނަޒަރުން ބަލާއިރު އެފަދަ ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުލިބެނީ ކަމަށް ވެސް ވެދާނެ އެވެ.

މާލޭގެ ފަޅުތެރެއިން ބިން ހިއްކައިގެން، މާލޭގައި ރަށްވެހިވެފައިވާ ރައްޔިތުންނަށް ގެދޮރު ހޯދައިދިނުމުގެ މަސައްކަތް ރައީސް މައުމޫނުގެ ސަރުކާރުން ފެށިއެވެ. އެއިރު ސަރުކާރަށް ލިބޭ އާމްދަނީ މަދުކަމާ އެކު އެކަމަށް ހައްލެއް ހޯދައިދިނުން ވީ ސަރުކާރަށް ލިބޭ އާމްދަނީއަށް ބަލާއިރު، ސަރުކާރުން ބޭނުންވާހާ ހަލުއިމިނެއްގައި ކުރެވޭނެ މަސައްކަތަކަށް ނޫނެވެ. އެހެންނަމަ ވެސް ވަރަށް ޤަދީމީ ގޮތަކަށް މާލޭގެ ފަޅުތެރެއިން ހިއްކެން އޮތް ބިން، ހިއްކަންފެށި އެވެ. ކައިރި ފަރުފަރުން ވެލި ނަގައިގެން ދޯނިފަހަރުގައި ވެލި ބަސްތާތައް މާލެ ގެނެސްގެންނެވެ. އޭގެތެރޭގައި އަވަށު ވާދަވެރިކަން ވެސް ކޮންމެވެސް ބަޔަކު އުފެއްދި އެވެ. އެއް އަވަށަކުން ޖަހާ ވެލި ބަސްތާ ތަކަށް ވުރެ އަނެއް އަވަށަކުން ޖަހާ ވެލި ބަސްތާތައް ގިނަ ކުރުމަށެެވެ. ނުވަތަ ވެލިފުނި ބޮޑު ކުރުމަށެވެ. އެ މަސައްކަތުގެ ތެރޭގައި ހިނގި ހިތާމަވެރި ޙާދިސާތަކުގައި، ވެލި ބަނޑެއް ފެތިގެން، އެތަކެއް ބަޔަކު މަރުވެފައިވެސް ވެއެވެ.

މާލޭ ފަޅުން ބިން ހިއްކުމަށްޓަކައި އަވަށްތަކުން ވެލިފުނިޖެހުމުގެ މަސައްކަތްކުރަނީ (1979) -ފޮޓޯ: ވޮނަދޮނަ/ އެފް.ބީ

މާލޭގެ ފަޅުން ހިއްކި ބިމުން ވެސް މާލޭގައި ދިރިއުޅޭ މީހުންގެ ގޯތީގެ ބޭނުން ތަކަށް ފުދޭނެ ވަރެއް ނުވި އެވެ. މި ކަމަށް އިތުރު މަގެއް ކޮށައިދިނުމުގެ ގޮތުން ރައީސް މައުމޫނުގެ ސަރުކާރުން ނިންމީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރު، މީހުން ދިރިއުޅުމަށް މާލޭގައި ފުލެޓް އަޅައިދިނުމަށެވެ. މަހުންމަހުން ކުލި ދީގެން ދިގު މުއްދަތެއްގެ ތެރޭގައި ފުލެޓްތަކުގެ ވެރިންނަށް އެ ތަންތަން މިލްކުކުރެވޭ ގޮތަށެވެ. މި ގޮތަށް ކުރެވުނު އިމާރާތް ތަކަކުން ވެސް މާލޭގެ ރައްޔިތުންނަށް ގެދޮރުގެ ދަތިކަމަށް ހައްލެއް ނުހޯދުނެވެ. ރައީސް މައުމޫނުގެ ސަރުކާރުން ދެން ނިންމީ މާލެއާ ކައިރީގައި ރަނގަޅަށް ހިނގަމުން ދިޔަ ޓޫރިސްޓު ރިޒޯޓެއް ނެގުމަށް ފަހު އެ ރަށަކީ މާލޭގެ އަވަށަކަށް ހެދުމަށެވެ. ވިލިނގިއްޔެވެ.

ކުރިން ރިސޯޓެއްގެ ގޮތުގައި އޮތް ވިލިނގިލިން ގޯތިދީ މީހުން އާބާދުވެފައި

އެއިރު ސަރުކާރުން ގެންގުޅުނު، ސިޔާސަތަކީ އެއިރު ގޯތި ދޫކުރުމަށް ގެންގުޅުނު މިންގަނޑުގެ ތެރެއިން، މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތި ދިނުމުގެ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އެ ރަށުން ގޯތި ދިނުމެވެ. ގޯތި ދޫކުރުން ރާވާފައި އޮތީ ދެފުށް ފެންނަ ގޮތަކަށެވެ. ގޯއްޗަށް އެދޭ މީހަކު މާލޭގައި ދިރިއުޅުނު މުއްދަތަށް ބެލުމާއި، އެ މީހެއްގެ ގޯއްޗެއް އޮތްތޯ ބެލުމާއި، ވާރިސުންގެ ފަރާތުން ވެސް ބިންކޮޅެއް ލިބެން އޮތްތޯ ބެލުން ފަދަ ވަރަށް ގިނަ ކަންތައްތައް ބަލައިގެންނެވެ. ގޯތި ދިނުމަށް ގުރުއަތު ނަގާއިރުވެސް ގުރުއަތަށް ހޮވުނު ހުރިހާ ފަރާތެއް ޙާޒިރުވެއެވެ. ގުރުއަތު ނަގަނީ ވެސް އެ މީހުން އަމިއްލައަށެވެ. މި ގޮތަށް ކަންތައް ކުރެވުނު އިރުވެސް ގޯތިތައް ހަވާލުކުރެވުމާ އެކު އެތައް ބައިވަރު ޝަކުވާއެއް ކަމާ ބެހޭ ފަރާތަށް ހުށައެޅުނެވެ. ޝަރުތު ފުރިހަމަނުވާ ފަރާތްތަކެއް ކަމަށް ބައެއް މީހުން ދެކޭ ފަރާތްތަކާ ގޯތި ހަވާލު ކުރެވިގެންނެވެ.

ހުޅުމާލެ ބިނާކުރުމަށްޓަކައި ހުޅުލޭ ފަޅުން ބިންހިއްކުން ރައީސް މައުމޫން ފަައްޓަވައިދެއްވުން (16 އޮކްޓޯބަރު 1987)

ވިނލިގިލި، މާލޭގެ އަވަށަކަށް ހެދުމުން ވެސް މާލޭގެ ގެދޮރު ނެތް މީހުންގެ ދަތިކަން ދުރު ނުކުރެވުނެވެ. ދެން ރައީސް މައުމޫނުގެ ސަރުކާރުން މިޞްރާބު ޖެހީ ފަޅު ބޮޑު ހުޅުލޭގެ ފަޅު ހިއްކުމަށެވެ. ކައިރީގައި ވަރަށް ރަނގަޅަށް ހިނގަމުން ދިޔަ ޓޫރިސްޓު ރިޒޯޓެއް ވެސް ނެގުމަށެވެ. ހުޅުލެއިން ހިއްކާ ބިމާ ގުޅާލާށެވެ. ހުޅުމާލެ އުފަންވީ އެ ހިސާބުންނެވެ. މި ފަހަރު ސަރުކާރުން ނިންމީ ހިއްކާ ބިމުން ބައެއް، ބިން ގަންނަން ބޭނުން ފަރާތްތަކަށް ވިއްކާށެވެ. އެންމެ ބޮޑު އަގެއް ހުށައަޅާ ފަރާތަކަށެވެ. އެހެން ބިންބިމުގައި އުސް އިމާރާތްތައް ކޮށްގެން ދިގު މުއްދަތެއްގެ ތެރޭގައި މިލްކުވާ ގޮތަށް ރައްޔިތުންނަށް ފުލެޓް ވިއްކުމަށެވެ. އަޅުގަނޑުގެ ނަޒަރުގައި ހުޅުމާލޭގައި ގެދޮރު އެޅުމުގެ ފަރުމާކުރުން ހަލާކުކޮށްލީ ރައީސް ޔާމީނުގެ ސަރުކާރުން ހުޅުމާލޭގައި ގެދޮރު އެޅުމާ ބެހޭ ގޮތުން ގެންގުޅުނު ދުރު ފުސް، ސިޔާސީ އަވަސް ނަފައެއް ގެންނަ ސިޔާސަތުންނެވެ. ރާއްޖޭގެ އެންމެން މާލެ އަންނާން ދަޢުވަތު ދީގެންނެވެ. މާލޭ ސަރަޙައްދުގައި ރާއްޖޭގެ އެންމެން ދިރިއުޅޭނެ ވަރަށް ޖާގަ ލިބެން އޮތް ކަމަށް ބުނެގެންނެވެ. އެ ދަޢުވަތަށް ރާއްޖޭގެ އެންމެން މާލެ އައިސްގެން އެމީހުން ދިރިއުޅުމަށް ފުލެޓް ދޫ ކުރެވުނަސް، އެ މީހުންގެ އެހެން ބޭނުންތަކަށް އެ މީހުން ދިރިއުޅޭ ފުލެޓް ތަކުން ބޭރަށް ނުކުތުމުން ޖާގަ ދޭނީ ކިހިނެއްތޯއެވެ؟ މަގުތަކާއި މުނިފޫހިފިލުވާނެ ތަންތަނާއި ޕާކްތަކާއި ކުޅިވަރު ކުޅޭނެ ދަނޑާއި ސްކޫލުތަކާއި، އަދިވެސް މިފަދަަ އެހެން ކަންކަމަށް ޖާގަ ހޯދާނީ ކިހިނެއް ބާވައެވެ؟

 ހުޅުމާލެ 1997 އަދި 2018ގައި  -ފޮޓޯ: އެޗް.ޑީ.ސީ/ އެފް.ބީ

ކޮއިލީޝަނެއްގެ ތެރެއިން ވެރިކަމަށް އައި އެމް.ޑީ.ޕީ.ގެ ސަރުކާރުން ވެސް ރާއްޖޭގައި ގެދޮރު އެޅުމާ ބެހޭ ގޮތުން ހަރުދަނާ ސިޔާސަތެއް ގެންގުޅޭ ކަމަކަށް އަދި ނުފެނެ އެވެ. ދައްކަނީ ވަގުތީ ހައްލެކެވެ. ސިޔާސީ ބަހުރުވައިން ދަންނަވާ ނަމަ އިންތިޚާބެއް ކާމިޔާބުކުރެވޭތޯ ބެލުމުގެ ހައްލެކެވެ. ގެދޮރު އެޅުމުގެ ކަންތައްތައް ރާވާ، ތަންފީޒު ކުރާ އޮފީހެއްގެ އިސް ވެރިއަކު ވަރަށް ފަހުން ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވީ ރާއްޖޭގައި ބިން ނެތް ކަމުގައެވެ. ތެދުފުޅެކެވެ. އެކަމަކު ރަށްރަށުގައި ފަޅު އެބައޮތް ކަމަށެވެ. ތެދުފުޅެކެވެ. ދިވެހިންނަށް މޫދު ގޭގޭގައި ނުއުޅެވެންވީ ކީއްވެތޯ؟ ހަމައެކަނި ފަތުރުވެރިން އުޅެނީ ކީއްވެތޯ؟ ސުވާލު ކުރެއްވި އެވެ. އޭނާގެ ހުވަފެނަކީ ދިވެހިން ވެސް މޫދު ގޭގައި އުޅޭތަން ދެކެވަޑައިގަތުމެވެ. ފަތުރުވެރިން މޫދު ގޭގައި އުޅެނީ ރާއްޖެ އަށް ޗުއްޓީ އަށް އައިހެވެ. ހަމަ އެގޮތަށް އަތްމަތި ތަނަވަސް ދިވެހިން ވެސް މޫދު ގޭގައި ޗުއްޓީ ހޭދަކުރެއެވެ. މޫދު ގޭގައި ދިރިއުޅޭ ބަޔަކު، ބައެއް ޤައުމު ތަކުގައި އެބައުޅެއެވެ. އެކަމަކު އެ ގޮތަށް ދިރިއުޅުމަކީ ފެށުނީއްސުރެ އެ މީހުންގެ ދިރިއުޅެމުން އައި ގޮތެވެ. އެ ދިރިއުޅުން، ސަގާފީ ސަބަބުތަކަށްޓަކައި އާއި އެހެނިހެން ސަބަބުތަކަށްޓަކައި ބަދަލުކުރަން އެ މީހުން ބޭނުން ނުވެއެވެ. އެކަމަކު އެއީ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. އެ މީހުން މޫދު ގޭގައި ދިރިއުޅެން ފެށީ އެ މީހުން ދިރިއުޅޭނެ ބިން ހިކިފަސް ތަނަކުން ނުލިބިގެންނެއް ނޫނެވެ. ރާއްޖޭގައި މޫދުގެ އަޅައިދޭނީ ކޮންބަޔަކު ތޯއެވެ؟ ސަރުކާރުން ތޯއެވެ؟ މޫދުގެ ބަލަހައްޓާނީ ކޮންބަޔަކު ތޯއެވެ؟ ސަރުކާރުން ތޯއެވެ؟ މޫދު ގޭގައި ދިރިއުޅޭ މީހުންނަށް އަމިއްލަ އަށް އެތަންތަން ބެލެހެއްޓުމުގެ ޤާބިލުކަން އޮންނާނެ ތޯއެވެ؟ ނުކުރެވޭނެ ކަންތައްތަކުގެ ވާހަކަ ނުދައްކަވާ ކުރެވިދާނެ ކަންތައްތަކުގެ ވާހަކަ ނުދެއްކެވެނީ ކީއްވެބާވައެވެ! ރާއްޖޭގައި ބޮޑުވަމުންދާ އާބާދީން އަތޮޅުގެ ތެރޭގައި ބޮޑުވަމުންދާ ބައި އަތޮޅުގެ ތެރޭގައި ހަރުލެއްވޭނެ ގޮތަކަށް މަސައްކަތް ތަކެއް ނުކުރެވެންވީ ސަބަބެއް ނެތެވެ. ތަރައްޤީގެ ސަރަހައްދުތައް ކަނޑައަޅައިގެންނެވެ. ރާއްޖޭގައި ބޮޑެތި އަތޮޅުތައް އެބަހުއްޓެވެ. ރާއްޖޭގެ ފެންވަރުން ބޮޑެތި ރަށްތައް ވެސް އެބަހުއްޓެވެ. އަދި ބައެއް އަތޮޅުތަކުގައި ބޭނުންވެއްޖެ ހިނދެއްގައި ފަސޭހަކަމާ އެކު ރަށްތައް ގުޅުވާލެވެން ވެސް އެބައޮތެވެ. އެފަދަ ރަށްރަށުގައި ވެސް ފެންވަރު ރަނގަޅު ހޮސްޕިޓަލަކާއި ރަނގަޅު ތަޢުލީމީ މަރުކަޒުތައް ބިނާކޮށްގެން ވެސް ނުފުދޭނެ އެވެ. ކުޅިވަރު ކުޅޭނެ ދަނޑާއި، ޕާކާއި ބައިސްކޯފް ދައްކާ ތަންތަން ވެސް ހުންނަން ޖެހެއެެވެ. މި ހުރިހާ ކަމެއްގެ އިތުރަށް އާމްދަނީ ހޯދޭނެ ހަރުދަނާ ވަސީލަތްތައް ގާއިމުކުރެވެންވީ އެވެ. މިފަދަ ކަންތައްތައް ކުރެވުނަސް ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ވެރިކަން ކުރާ ރަށަށް ހިޖުރަކުރަން އަންނަ ބައި އަންނާނެ އެވެ. އެހެންނަމަވެސް މިހާރު މާލެ އަށް މީހުން ހިޖުރަކުރާ ގޮތަށް ހިޖުރަ ނުކުރާނެ އެވެ. ބިން މަދު، ބިން ކުޑަ ރާއްޖޭގެ ބިން ދުރު މުސްތަޤްބަލަށް އެންމެ ފައިދާ ހުރި ގޮތުގައި ބޭނުން ކުރެވޭނޭ ސިޔާސަތެއް ރޭވެންވީ އެވެ.