Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

ނޮވެމްބަރު 3 – ތަފާތު ވިސްނުމަކުން

ތާރީޚަކީ އަބަދުވެސް ނަސްރު ލިބޭ، ބާރުގައި ތިބޭ ބަޔަކު ލިޔެއުޅޭ އެއްޗެކެވެ. އެބައެއްގެ ގަދަފަދަކަމާއި މޮޅުކަން، ފަހުން އަންނަ ބަޔަކަށް ޔަޤީންކޮށްދޭން ލިޔެއުޅޭ އެއްޗެކެވެ.

ދެވަނަ ބޮޑު ހަނގުރާމަ، ޖަރުމަނުވިލާތާއި އެބައިމީހުންގެ އެކުވެރިންގެ އަތަށް ފުރޮޅުނު ނަމަ، އެޑޮލްފް ހިޓިލަރަކީ ހުސްވި ޤަރުނުގައި ފެނުނު އެންމެ ނުބައި ނުލަފާ ޖައްބާރުގެ ގޮތުގައި ތާރީޚުން މިއަދު ފެންނަން އޮތުން އެއީ މުސްތަހީލު ކަމެކެވެ. ހިޓިލަރުގެ ކޮޅު މޮޅުވީނަމަ، އޭނާއަކީ ޖަރުމަނުވިލާތަށް އުފާވެރިކަމާއި ކުރިއެރުން ގެނެސްދިން މާ ކުޅަދާނަ ޤައުމީ ބަޠަލެއްގެ ގޮތުގައި ތާރީޚުގައި ލިޔެވިގެން ނުދާނެބާވައޭ ހިތަށް އަރައެވެ.

ރަބީޢުލްއައްވަލް އެއްވަނަ ދުވަހު އަޅުގަނޑުމެން، ޤައުމެއްގެ ޙައިސިއްޔަތުން، ވާނީ ބޮޑުތަކުރުފާނުގެ ޒިކުރާ އާކޮށްފައެވެ. އެކަމުގެ ހަނދާންތައް ހިތުން ފިލައިގެން ނުދަނީސް، އަޅުގަނޑު ޤަސްދުކުރީ އެތަކުރުފާނުގެ ވާހަކަ އަލުން ކިޔާލާ، ޤައުމީ ރޫޙު ހިތުގައި އިތުރު ފުންމިނަކަށް ބިންވަޅު ނެގޭތޯ ބެލުމަށެވެ. އެގޮތުން، ބޮޑުތަކުރުފާނު ވާހަކައިގެ ބައެއް ރިވާޔަތްތައް ހުސްވި ހަފްތާގައި ލިޔައިލީމެވެ.

ބުރާރު މުޙައްމަދުފުޅު ވިދާޅުވެ އުޅުއްވި ގޮތަށް ބޮޑުތަކުރުފާނު ވާހަކަ ލިޔެފައިއޮތް ފޮތާއި، އައްޝައިޚް އަލްފަޤީޙް ޞަލާޙުއްދީން ޙުސައިން މޫސާ އަލް މަޙްލީ (ޙުސައިން ޞަލާޙުއްދީން) ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކައާއި،  ޙުސައިން މޫސާ ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ކުރު ވާހަކައާއި، ރޮއިސްޓަން އެލިސް އިނގިރޭސިން ލިޔުއްވާފައިވާ "އަ ހީރޯ އިން ޓައިމް" މިފޮތްތައް އަލުން ބަލާލީމެވެ.

ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ އަޙުލުވެރިން މިރާއްޖެ ކާފަރުންގެ ވަކިތަކުން ސަލާމަތްކުރެއްވި ގޮތާމެދު ފުންކޮށް ވިސްނާލީމެވެ. ކާމިޔާބު ލިބިވަޑައިގެން ގޮތާމެދު ފިކުރު ހިންގާލީމެވެ. ރޭވުންތެރިކަމަށް ނަޒަރު ހިންގާލީމެވެ.

ރާއްޖެ ފަތަޙަކުރަން އައި ޕޯޗުގީޒު އަމްބަރުޒޯރުގެ ތިން ގުރާބުގައި އަނދިރިއަނދިރިންނަށް ލަފާދޭން ވިޔަޒޯރު ނެތްނަމަ، އަދި އޭނާގެ ތޫނު ވިސްނުމާއި ރާއްޖޭގެ ދާޚިލީކަންކަމުގެ ތަޖުރިބާ އެދަނޑިވަޅުގައި އެބައިމީހުންނަށް ނުލިބުނު ނަމަ، ޢަލީ ރަސްގެފާނު ޝަހީދުކޮށް، ޕޯޗުގީޒުންނަށް ރާއްޖެ ހިފޭނެބާވައެވެ؟ ކަނބާއައިސަ ރަނިކަމަނާއާއި ސިއްތިމާވާ ރަނިކަމަނާގެ ދެމައިން ގޮވައިގެން ވިޔަޒޯރު ތިލަދުންމައްޗަށް އަތޮޅުވެރިކަމުގައި ހިޖުރަ ނުކުރިނަމަ، ރާއްޖޭގައި ޕޯޗުގީޒުންގެ ވެރިކަން ދިގުދެމިގެންދާނީ ކިހާ ޒަމާނަކަށްބާވައެވެ؟ ވިޔަޒޯރު އަތޮޅުވެރިންނާ ޢީދު ސަލާމް ކުރެއްވުމަށް އުތީމު ތިންބެއިން ބާރަށަށް ވަޑައިގަންނަވަން އެތިންބެއިންގެ ބައްޕަ ޙުސައިން ކަތީބު ތަކުރުފާނު ވިދާޅުވުމުން، އެކަމަށް އިންކާރުކުރެއްވިނަމަ، އެތިން ބެއިންނާއި ވިޔަޒޯރާ ދެމެދު އެހާ ގާތްކަމެއް އުފެދޭނެބާވައެވެ؟ ކަޅުއޮށްފުންމި ބަނުމަށްޓަކައި ބޭނުންވި ލަކުޑި ހޯއްދަވަން ވިޔަޒޯރުގެ ކިބައިން އެތިންބެއިން އެދުނު އެދުމަށް ވިޔަޒޯރު އިޖާބަ ނުދިންނަމަ، އާޚިރުގައި ރާއްޖެ ސަލާމަތް ކުރެއްވުނީސްބާވައެވެ؟ މީދޫތަކުރާއި ތުއްފާށަނާގެ ފަސާދަވެރި އަވައިގައި ޖެހި، ވިޔަޒޯރާއި އުތީމު ތިންބެއިން ކަޅުއޮށްފުންމިއައިގެން މާލެ ވަޑައިގަތުމަށް ފަތްކޮޅު ލިޔަން އަނދިރިއަނދިރިން އިންކާރު ކުރިނަމަ، ރާއްޖެއިން ކާފަރުން ފޮހެލުމަށް އެތިންބެއިން ބައިއަތު ހިތްޕެވީސްބާވައެވެ؟ ކަޅުއޮށްފުންމީގެ ރިޔާ ފަހާ، އާކުރަމުން ގެންދާން މަރޮށީ ރާވެރިބޭގެ ދެބަފައިންގެ އެހީތެރިކަން ނުލިބުނުނަމަ، އުތީމު ތިންބެއިންގެ ޖިހާދު ކާމިޔާބުވާނެބާވައެވެ؟ އުތީމު ތިންބަދަވީންނާއި ދަންޑަހެލަށް އަދި އެބޭކަލުންގެ ޢާއިލާއަށް މަލިކުގެ ރައްޔިތުން މަރްޙަބާކިޔާ، އެހީތެރިކަމާއި ހިމާޔަތް ނުދިންނަމަ، ރާއްޖެ ފަތަޙަކުރުމުގެ މަސައްކަތް ކުރެއްވުނީސްބާވައެވެ؟ މަލިކުން އެބޭކަލުންނާ ބައްދަލުވެ، ދެ ޙާޖީން ބައިއަތު ނުހިއްޕެވިނަމަ، ޤައުމު ފަތަޙަކުރެއްވުމުގައި ބޮޑުތަކުރުފާނަށް ކާމިޔާބު ލިބިވަޑައިގަތީސްބާވައެވެ؟ އަނދިރިއަނދިރިން މަރުވި އެ އުންޑަ ފޮނުއްވާލެއްވުމަށް އެންމެ މުނާސަބު ތާނގައިހުރި ރުކެއްގެ ނިވާ ނެތްނަމަ، އުންޑަ އަނދިރިއަނދިރިންގެ މެއަށް އަމާޒުވީސްބާވައެވެ؟ އަދި، އެހަނގުރާމަ ހިނގާދިޔައިރު ދީނާއި ޤައުމަށް ނަޞްރަށް އެދި، ކޮރަލިތަކުރުގެ އަބޫބަކުރާއި އޭނާގެ އަޙުލުވެރިން މެދުޒިޔާރަތްދޮށުގައި ދުޢާކުރުމުގައި ނެތް ނަމަ، އެހަނގުރާމައިން މުސްލިމު ދިވެހިންނަށް ކުޅިފަސް ލިބުނީސްބާވައެވެ؟

މިހިރީ ހައްތަހާވެސް ސުވާލެވެ. ދެވޭނެ ކަށަވަރު ޖަވާބެއް ނެތެވެ. މިސުވާލުތަކުން ސާބިތުވަނީ ހަމަ އެންމެ ކަމެކެވެ. އާޚިރު ތަޤުދީރު ނިޔާކުރާ ނަތީޖާ ބަރޯސާ ވަނީ، ހަމަ ތަގުދީރުގައި ލިޔެވިފައި އޮންނަ އިތުރު އެތަކެއްކަމެއް ވަކިމަގަކުން ހިނގައިދިއުމުގެ މައްޗަށެވެ. ކަމެއްގެ ނަތީޖާ ނުކުންނަނީ ކުޅަ އެތަކެއް އެހެން ކަމެއްގެ ނަތީޖާގެ ސަބަބުންނެވެ. އެފަދަ އެންމެ ކަމެއް އެހެން މަގަކުން ހިނގައިދިޔަނަމަ، ނުކުތް އާޚިރު ނަތީޖާ އެގޮތަށް ނުކުންނާނެބާވައެވެ؟ ނުވަތަ ކަންކަން ފުރޮޅިގެންދާނީ މުޅިން އެހެން ގޮތަކަށްބާވައެވެ؟ ނުވަތަ ދިމާ އިދިކޮޅަށް ބާވައެވެ؟ އެންމެ އުންޑައެއް، އެންމެ ތީރެއްގެ ސަބަބުން، މުޅި ތާރީޚު އެހެންގޮތަކަށް ބަދަލުވެގެން ނުދާނެބާވައެވެ؟

"އަދިވެސް"ގެ އެޑިޓަރުގެ އެދިވަޑައިގަތުމަށް، އަޅުގަނޑު، ނޮވެމްބަރު 3، 1988 ގެ ބިރުވެރި ހާދިސާއާ މެދު ކޮލަމެއް ލިޔަން ނިޔަތްގަތީ މިދެންނެވި ވިސްނުމުގެ ތެރެއިންނެވެ. ޢަލީ ރަސްގެފާނާއި، ބޮޑުތަކުރުފާނު އަދި ދޮންބަންޑާރައިންގެ މަތިވެރި ޖިހާދުގައި ކަންވެގެންދިޔަ ފަދައިން، ބަޑި ބުރާސްފަތީގައިވެސް، އާޚިރުގައި ނުކުތް ނަތީޖާ ބަރޯސާވި ތަފާތު އެކިއެކި ހާދިސާތަކާމެދު ފިކުރު ހިންގުމުގެ ތެރެއިންނެވެ. އަދި، އެކަންކަން އެހެން މިސްރާބަކަށް ފުރޮޅިގެންދިޔަނަމަ، މިއަދު މި ދިވެހިރާއްޖެ އޮންނާނެ ގޮތަކާމެދު ސުވާލު އުފެއްދުމުގެ ތެރެއިންނެވެ.

ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި، ޢަބްދުﷲ ލުޠުފީ އަދި އެބައިމީހުންގެ ޢައުވާނުންގެ ރޭވުންތައް ނާކާމިޔާބުވީ މުހިންމު އެއް ސަބަބެއް ކަމަށް ބުނެވެނީ، ރައީސް މައުމޫން އެދުވަހު ރާއްޖޭގައި ހުންނެވިކަން އެބައިމީހުންނަށް ނޭނގުމެވެ. އެކަން އެބައިމީހުންނަށް ރާއްޖެ އަރައިގެން އައިއިރު އެނގޭނަމަ، ރައީސް މައުމޫން ހިފާ ހައްޔަރުކުރުމަށް ނުތަވަ އަވަހާރަކޮށްލުމަށް ނަމަވެސް، އެބައިމީހުން ދުރާލާ ވިސްނައި، އެކަމަށް ތަމަޅައިންގެ ބަޔަކު ފޮނުވީސްކަން ކަށަވަރެވެ. އެރި އިރާއެކު، ބަނޑޭރިގެއަށް ވަދެގަތުމަށް ތަމަޅައިންގެ އެންމެން އަމާޒު ހިފުމުގެ ބަދަލުގައި، އެއްބަޔަކު މިސްރާބުޖަހާނީ ތީމުގެއާ ދިމާއަށްކަން ގައިމެވެ.

އެމީހުންނަށް މަޢްލޫމާތުދިން ސަރުކާރުގެ ތެރޭގައި ހުރި "ޣައްދާރު" ވަނީ، އެދުވަހު ރައީސް މައުމޫންގެ ދެކަނބަލުން ތިއްބަވާނީ އިންޑިޔާގައިކަން އެމީހުންނަށް ކަށަވަރުކޮށްދީފައެވެ. އެކަން އަޅުގަނޑު އަޑުއެހީ ޚުދު ރައީސް މައުމޫނުގެ ދޫފުޅުންނެވެ. ހަޤީޤަތުގައިވެސް އޮތީ ދެކަނބަލުން ފުރާވަޑައިގަންނަވަން ރޭވިފައެވެ. އޭގެ ދެދުވަހެއް ކުރިންނެވެ. ނަމަވެސް، އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވުމުން، ފުރަތަމަ ދަތުރުފުޅު ލަސްކުރެއްވީއެވެ. އެއަށްފަހު، ކެންސަލްކުރެއްވީއެވެ.

ނޮވެމްބަރު 3 ގައި އެމަނިކުފާނާއި ޢާއިލާ ތީމުގެއިން ނުކުމެވަޑައިގެން، ސަލާމަތްތެރިކަމާއެކު މ، ގުލިސްތާނުގެއަށް ހިންގަވާފައި ވަޑައިގެން، އެތަނުގައި އިންނަވައިގެން ރައީސް މައުމޫން ކަންކަން ރޭއްވެވިގޮތުގެ ތަފްޞީލު މަޢްލޫމާތު އަޅުގަނޑަށް ދެއްވީ އެމަނިކުފާނުގެ އަރިހުގައި އެދުވަހު ހުންނެވި ހަމައެކަނި ދަރިކަލުން، އަޅުގަނޑުގެ ގާތް އަޚް  މުޙައްމަދު ޣައްސާން މައުމޫނެވެ. އެބޭފުޅުން ހިންގަވާފައި ވަޑައިގަތް މަގުމަތިންވެސް ތަމަޅައިންގެން ދެމީހަކު އެބޭފުޅުންގެ ކުރިކެނޑިއެވެ. އެމީހުންނަށް އެއީ ކޮން ބައެއްކަމެއް ނޭނގެއެވެ. ހުއްޓުވާ ސުވާލުކުރަން ނުވިސްނައެވެ. އެހެންކަމުން، އެބޭފުޅުން ސަލާމަތުން ކުރިއަށް ވަޑައިގަތީއެވެ. އަދި، މުޅި ދުވަހު ގުލިސްތާނުގޭގައި ތިއްބެވިއިރު، އެގޭ ކުރިމަތިން ފިޔާތޮށި މަގުން ތަމަޅައިން ހިނގާބިނގާ އުޅުނު ކަމަށްވެއެވެ. ބައެއް ތަންތަނަށް ވަތް ކަމަށްވެސްވެއެވެ. ނަމަވެސް، އެގެއަކަށް ނުވަދެއެވެ.

'ޕޯސް' ކޮށްލާނަމެވެ. ފިކުރު ހިންގާލުމަށެވެ. ރައީސް މައުމޫން އެމީހުންގެ އަތްދަށުވެ، ރަހީނުވެ ނުވަތަ އަވަހާރަކޮށްލެވުނު ނަމަ، ކަންވާނެ ގޮތާމެދު ވިސްނާލުމަށެވެ. ކަން އެގޮތަށް ހިނގައިދިޔަނަމަ، އެމީހުންނަށް ރާއްޖެ ނުހިފޭނެތޯއެވެ.

ޑިފެންސް މިނިސްޓަރުގެ ނާއިބު އިލްޔާސް އިބްރާހީމް ހޯދުމަށް ތަމަޅައިން މަސައްކަތްކުރިއެވެ. އެމަނިކުފާނު ދިރިއުޅުއްވި މއ. ކިނިބިގަސްދޮށުގެއަށްވެސް ދިޔައެވެ. އަދި، އެތަނުން ތަމަޅައިންނަށް ހުރަސްއެޅި ކުޑަނެވި ތުއްތު މަނިކު ޝަހީދުކޮށްލިއެވެ. އެދަނޑިވަޅުގައި، މިނިސްޓަރ އިލްޔާސް ސަލާމަތް ހޯއްދެވީ ގޭ ބިއްދޮށު ފާރުމަތިން އިންވެގެން ހުރި އަވަށްޓެރިޔާގެ ގެއަށް ފުންމަވާލައްވައިގެންނެވެ. އެމަނިކުފާނަށް އަނިޔާވެސް ވެވަޑައިގަތެވެ.

މިނިސްޓަރު އިލްޔާސް ބާޣީންގެ އަތުގައި ނުޖެހުން ވެގެންދިޔައީ، މުޅި ހަނގުރާމަ ދިވެހިން ކާމިޔާބުކުރުމުގައި މުހިންމު ކަމަކަށެވެ. އެހެނީ، އޭގެ ފަހުން، އެމަނިކުފާނުވަނީ ބަޑިގުދަނުގެ ތަޅުދަނޑު އިބްރާހީމް ދީދީގެ ޙަވާލުގައި ފޮނުއްވާފައެވެ. އަދި، ރިޓަޔަރޑް ކާނަލް އިބްރާހީމް ދީދީ ވަނީ އެސްޖެހިގެއާ ދިމާއިން މަގުހުރަހަށް ތަޅުދަނޑި ބަނޑޭރިގޭ ތެރެއަށް އެއްލަވާފައެވެ.

ތަމަޅައިންގެ ބަޔާންތަކުން އެނގެނީ، ބަޑިގުދަން ހުޅުވައިގެން ސިފައިން ދެމުންދިޔަ ވަރުގަދަ ރައްދު ޙަމަލާތަކުގެ ސަބަބުން އެމީހުން ސިހި، ބިރުގަނެ، ފިލަން ނިންމިކަމެވެ. ބޮޑު ސިއްކަ އޭގެ ކުރިން ރޭވި ބަޣާވާތްތަކެކޭ އެއްފަދައިން، މިބަޣާވާތްވެސް ފެއިލްވެއްޖެ ކަމަށް ނިންމާ، ދިވެހި ރަހީނުން އެއްކޮށް، ޕްރޮގްރެސް ލައިޓް އާގުބޯޓުގައި ރާއްޖެ ދޫކޮށް ފިލީއެވެ.

އަނެއްކާވެސް 'ޕޯސް' ކޮށްލާނަމެވެ. ވިސްނާލުމަށްޓަކައެވެ. ކިނބިގަސްދޮށުގެއިން މިނިސްޓަރ އިލްޔާސް ތަމަޅައިންނަށް އަތުވީނަމަ، ދިވެހިންނަށް ނަޞްރު ލިބުނީސްތޯ ވިސްނާލުމަށެވެ.

އެދުވަހު ރައީސް މައުމޫނާއި އިސްވެ ތިއްބެވި ބޭބޭފުޅުން ކަންކަން ރޭއްވެވީ ފޯނުން މުޢާމަލާތު ކުރައްވައިގެންނެވެ. މިބާވަތުގެ ޙަމަލާތަކުގައި، އަނިޔާވެރިން ކުރާ އެންމެ ފުރަތަމަ އެއް ކަމަކީ މުޢާސަލާތީ ގުޅުންތައް ކަނޑާލުމެވެ. އެޒަމާނަކީ މޯބައިލް ފޯނުގެ ޒަމާނެއް ނޫން ދެއްތޯއެވެ؟ އެހެންކަމުން، ނުހަނު ފަސޭހައިން އެކަން ކާމިޔާބު ކުރުމުގެ ފުރުޞަތު ސަގަރު ލުޠުފީ އަދި ކުލީ ސިފައިންނަށް އޮތެވެ. އަދި، އެކަން ކުރަން އެމީހުން މަސައްކަތްވެސް ކުރިއެވެ. އެއީ، ޓެލެކޮމް ބިލްޑިންގ (ޓީ.ސީ.ޑީ އިމާރާތް) ހިސޯރުކޮށް، ފޯނު އެކްސްޗޭންޖް ހަލާކުކޮށްލުމެވެ.

އެތަނަށް ވަނުމުގެ ނިޔަތުގައި ދިޔަ ބަޔަކު، އެރި ހިކި ހިތްވަރާއެކު، ބަޑިތަޅައިގަތީ ދޮރަށެވެ. އެއީ، އެއިރުވެސް އަޅުގަނޑުގެ މަރުޙޫމް ބައްޕަ މަސައްކަތް ކުރައްވަމުންގެންދެވި އޮފީސް ކަމުން، އަޅުގަނޑު އެތަނަށް އެކި ފަހަރު ދެވި، އެތަން ފެނިފައިވެއެވެ. ހުންނާނީ ފިސާރި ބޮޑެތި، ދަގަނޑު ނުވަތަ އެލުމިނިއަމް ދޮރެވެ. ބަޑިތަޅައިގަތުމުން، ދޮރުގެ ތަޅަށް އެރި ވަޒަނަކާއެކު، ދޮރު ދާށިވީއެވެ. އެހިސާބުން ނުހުޅުވުނީއެވެ. ކޮންމެވެސް ވަރަކަށް އެކަމާ އުޅުމަށްފަހު، އެމީހުން އެހިސާބު ދޫކޮށް ދިޔައީއެވެ.

މިއޮތީ 'ޕޯސް' ކޮށްލުން މުހިންމުވެފައެވެ. އެތަނަށް އެމީހުންނަށް ވަދެވުނު ނަމަ، އަދި، އެކްސްޗޭންޖް ކަނޑާލެވުނު ނަމަ، ބޭރާ ގުޅޭނެ ހަމައެކަނި މަގަކަށް އޮންނާނީ ސެޓަލައިޓް ފޯނެވެ. އަދި، އެތެރޭގެ މުޢާމަލާތްތަކަށް އެހިސާބުން ފުރުޞަތު ބަންދުވެގެންދިޔައީއެވެ. ހަނގުރާމައިގެން ފަހު ބައިގައި ކަންކަން ރޭވުމަށް، އަދި ބޭރަށް މަޢްލޫމާތު ދިނުމަށް އެހިސާބުން މަގު ބަންދުވީއެވެ. ވިސްނާލުން މުހިންމު ހާދިސާއެކެވެ.

އިތުރު ހާދިސާއެކެވެ. މިއަދު ނިޝާނެއްގެ ގޮތުގައި ބޭނުންކުރަމުންދާ މަޝްހޫރު ބާގަނޑެވެ. ބަނޑޭރިގޭ ފާރު ފޫއަޅުވާލި ބާގަނޑެވެ. އެކިފަހަރު މަތިން ކުރި މަސައްކަތުން، ބާޣީންނަށް އެފާރު ފޫއަޅުވާލެވުނެވެ. ނަމަވެސް، ތަޤްދީރު ނިޔާކުރިގޮތުން އެތަނަކަށް ނުވަދެވުނެވެ. އެދިމާއިން އެތެރޭގައި ބަހައްޓާފައި ހުރި ވަރުގަދަ ޖީ.ޕީ.އެމް.ޖީ ބަޑި ބޭރަށް އަނބުރާ، ސިފައިން ދެމުންދިޔަ ވަރުގަދަ ހަމަލާގެ ސަބަބުންނެވެ.

'ޕޯސް' ކޮށްލަމާ ހިންގަވާށެވެ. އެފާރަށް އެމީހުންނަށް ބަޑިޖެހުނީ، ރޭވިފައިއޮތް ތަނަށްވުރެ ކުޑަ ތަންފުކެއް ދުރަށެވެ. ދެތިން ފޫޓު ކަމަށްވެސް ބުނެވެއެވެ. ޣައްދާރުންގެ ތެރޭގައި ދެތިން ސިފައިން ތިބި ދެއްތޯއެވެ؟ އެކަކީ އެންމެ އިސް އެއް އޮފިސަރު ދެއްތޯއެވެ؟ އެހެންކަމުން، ސިފައިންގޭގެ އެތެރެ އެބަޔަކަށް ހިތުދަސްވާނެ ނޫންތޯއެވެ؟ ފޫއަޅުވާލަން ދިމާކުރީ ބެރެކްސްއެވެ. އެދިމާއިން ބާގަނޑެއް ހެދުނު ނަމަ، މާބޮޑު ދައްޗަކާއި ހުރަހެއް ނެތި، ކުލީ ސިފައިންނަށް އެތެރެއަށް ވަދެވުނީސް ކަމަށް ބުނެވެއެވެ. ނަމަވެސް، އަމާޒު ކައްސާލާ، ބާގަނޑު ހެދުނީ ބަހައްޓާފައި ހުރި ޖީ.ޕީ.އެމް.ޖީ އަކާ ދިމާއަށެވެ.

ދުވަހުގެ ބަޠަލު ޝަހީދު ޙުސައިން އާދަމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރާ ޙާލު، އެ ހުޝިޔާރު ޒުވާނާގެ ޤުރުބާނީއަށް ނަޒަރު ހިންގާލާނަމެވެ. ޝަހީދު ޙުސައިން އާދަމްގެ ހިތްވަރާއި، ޙިކްމަތް އަދި ޤާބިލުކަމާމެދު މިއަދު ބަޔަކު ސުވާލު އުފައްދަމުންދާތީއެވެ. ބޮޑު ސިއްކަގެ ޝަރާބުގައި ޖެހި އަމަލުވެފައި ތިބި ބަޔަކު، އެބަޠަލުގެ އަގުވައްޓާލަން އުޅޭތީއެވެ. މާލޭގެ ބައެއް 'ޤަދަރުވެރި' އާއިލާތަކުގައި އުނގުޅިފައިވާ ނަޖިސް ފިލުވާ، ދޮވެ، ސާފުކުރަން މިއަދު ރައްޔިތުންގެ މަޖިލީސްތެރޭގައިވެސް ބަޔަކު މަޑިއަކަށް ޖެހެމުންދާތީއެވެ.

 

ކުޅުދުއްފުށީ މާވާގޭ ނޮޅިއާދަނުގެ ޙުސައިން (ޝަހީދު ކޯޕްރަލް ޙުސައިން އާދަމް) އަކީ ހަމަ ޤައުމީ ބަޠަލެކެވެ. އޭނާ އަދާކުރެއްވީ އޭނާގެ ދީނީ އަދި ޤައުމީ ވާޖިބެވެ. އޭނާ ސާބިތުވެ ހުންނެވީ އޭނާ މާތް ﷲ ގަންދެއްވާ ކުރެއްވި ސިފައިންގެ ހުވާގެ މަތީގައެވެ. ހިނދުކޮޅަކަށްވެސް ސިހުނީކީ ނޫނެވެ. އެއްގޮތަކަށްވެސް ގޮތް ހުސްވީކީ ނޫނެވެ. އަދި، ހަމަ ޔަޤީނުން ކުޑަކޮށްވެސް ބިރުގަނެ، ގާވީކީވެސް ނޫނެވެ.

ބަނޑޭރިގޭ ތެރެއަށް ނުވަދެ، އެހުރި މަޤާމުގައި ސާބިތުވެ ހުރެ، ވަޒަން މެގެޒިން ހުސްވަންދެން އޭނާ ދެމުންދިޔާއީ ވަރުގަދަވެގެންވާ ރައްދު ހަމަލާތަކެކެވެ. އެކަން ޝައްކެތް ނެތް މިންވަރަށް ސާބިތުވެއެވެ. ތަމަޅައިން ކޯޓަށް ދިން ބަޔާންތަކުންނެވެ. އެންމެ އިސްކޮށް ތިބި ކުލީ ސިފައިންގެ ތެރެއިން ޗިންނަތަންބި ގަނޭޝް (ފާރޫޤް) އަދި އެންތަނީ ޔެސުދާސަން (ބާބޫ)ގެ ބަޔާންތަކުން އެނގެނީ، އެމީހުން މާލެ އަރައިގެން އައިސް ފުރަތަމަ ދިން ހަމަލާތަކަށް ބަނޑޭރިގެއިން ވަރަށް ވަރުގަދައަށް ރައްދު ޙަމަލާތައް ދިންކަމެވެ. އެމީހުންނަށް ވިސްނާދީފައި އޮތީ ދެތިން ވަޒަނެއް ޖަހާލާފައި، އެތާ ތިބޭ ބަޔަކު އަމާންދޭނެ ކަމަށެވެ. ދިވެހި ސިފައިން ބިރުން ފިލާނެ ކަމަށެވެ. އަދި، ފަސޭހަކަމާއެކު ބަނޑޭރިގެ ހިފޭނެ ކަމަށެވެ. ކަންވާނީވެސް އެހެންތާއެވެ. ޙުސައިން އާދަމް ފަދަ ރަތްލޭ ހިނގާ ދިވެހި ޒުވާނެއްގެ ހިތްވަރު، ބޮޑު ސިއްކަ ފަދަ ފިނޑި ޣައްދާރަކަށް ވިސްނޭނެތޯއެވެ؟

އެ ދަނޑިވަޅުގައި އައި ރައްދު ޙަމަލާތައް ފާރޫޤާއި ބާބޫ ސިފަކޮށްދިނީ، އެމީހުންނާ ދެކޮޅަށް ލަންކާގެ ޖަންގަލިތަކުގައި އެޤައުމުގެ ސިފައިން ދެމުންދިޔަ ފަދަ ވަރުގަދަ ޙަމަލާތަކެއްގެ ގޮތުގައެވެ. އެހިސާބުން ސިހުނީ ދިވެހި ސިފައިންނެއް ނޫނެވެ. ސިހުނީ ކުލީ ސިފައިންނެވެ. އެމީހުންނަށް ޤަބޫލުކުރެވުނީ ބޮޑު ފައުޖެއް އެމީހުންނާ ޙަމަލާ ދެމުންދާ ކަމަށެވެ. ހަޤީޤަތަކީ، އެމީހުންނާ ފުރަތަމަ ކުރިމަތިލީ ކެރޭ ދިވެހި ނޫކަށިފުރައިގެ އެންމެ ޒުވާނެކެވެ. އަތުގައި އޮތް ވަޒަނުގެ މެގެޒިން ހުސްވަންދެން މެދުނުކެނޑި ބަޑިޖެހީއެވެ. މަދު އެހެން ނަމަވެސް މުހިންމު މިނިޓުކޮޅަކަށް، އެކަނިމާއެކަނި، ބާޣީން ތިބިތަނުން ކުރިއެރިޔަ ނުދީ ހިފަހައްޓާލީއެވެ. ނަތީޖާއަކަށްވީ، ސިފައިންގެ ތެރެއިން އިތުރު ޙަމަލާތަކެއް ދިނުމަށް މަގުފަހިވެގެންދިއުމެވެ. ޝަހީދު ޙުސައިން އާދަމް، އޭނާގެ އަމިއްލަ ފުރާނައިން ޤުރުބާންވެގެން، ދިވެހިންގެ ޤައުމާއި ދީން ޙިމާޔަތްކުރީއެވެ. ލާދީނީ ބަޔަކަށް އެފަދަކަމެއް ނުވިސްނޭނެއެވެ. ޤައުމިއްޔަތެއް ނެތް ބަޔަކަށް އެފަދަ ކަމެއް ޤަބޫލެއްވެސް ނުކުރެވޭނެއެވެ.

އަނެއްކާވެސް ހިނދުކޮޅަކަށް 'ޕޯސް' ކޮށްލަމާ ހިންގަވާށެވެ. ދޮރު ފާރައަށް އެވަގުތު ހުރި ދެވަނަ ސިފައިންގެ ބޭކަލާއެކު، ހުޅަނގު ފަރާތުގައި ޑިއުޓީގައި ހުރި ޙުސައިން އާދަމްވެސް ބަނޑޭރިގޭ ތެރެއަށް މިސްރާބުޖެހިނަމަ، ކަންވެގެންދާނީ ކިހިނަކުންތޯއެވެ؟ ނުވަތަ، ރައްދު ޙަމަލާއެއް ނުދެވެނީސް އޭނާ ޝަހީދު ވީނަމަ، ކަންވެގެންދާނީ ކިހިނަކުންބާވައެވެ؟

އެންމެ ކުޑައިރުއްސުރެ ޙުސައިން އާދަމްގެ ހޮބީއަކީ އަމާޒަށް އެއްޗެތި އުކުމާއި، ތީރުޖެހުމާއި، ދުނި އުކުމެވެ. އެކަމަށް ވަރަށްވެސް ކުޅަދާނައެވެ. އަލްމަރްޙޫމް ޢަލީ ޙުސައިން (ނޮވެލްޓީ)، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ލޮބުވެތި މައިންބަފައިންގެ އަރިހުން އެކަން ސާފުކުރައްވާ، ނޮވެމްބަރު 3 އާ ބެހޭގޮތުން އެމަނިކުފާނު ލިޔުއްވާފައިވާ ފޮތުގައި މިވާހަކަ ގެންނަވާފައި އެބައޮތެވެ. މިކަމުން ދޭހަވަނީ، ޙުސައިން އާދަމަކީ ކުޅަދާނަ ޒުވާނެއްކަމެވެ. އަސްކަރީ އުކުޅުތަކަށް ފަރިތަ، ޤާބިލު ސިފައިންގެ ބޭކަލެއްކަމެވެ. އެދުވަހު ހިނގި ހަނގުރާމައިގައި ޤައުމުގެ ދިފާއުގައި އޭނާ ފޮނުވާލި އުންޑަތަކަކީ ބާޣީން ސިއްސުވާލި އުންޑަތަކެއް ކަމެވެ.

ދެން އޮތީ ސާބިތުނުކުރެވޭނެ އަދި ފަހަރުގައި ސާބިތު ނުހިފޭނެ ދެތިން ވާހަކައެވެ. ބައެއްގެ ނަޒަރުގައި މިއީ ފުލޯކު ވާހަކަތަކެއް ކަމުގައި ވެދާނަމެވެ. ފަރުވާއެއް ނެތެވެ. މައުޟޫއާ ގުޅިގެން، މިވާހަކަތައްވެސް މި ލިއުމުގައި ހިމަނާލާނަމެވެ. އަޅުގަނޑުގެ ނަޒަރުގައި ހިމަނާލުން މުހިންމު ކަމަށް ދެކޭތީއެވެ. މިފަދަ ބޮޑެތި ހާދިސާތަކާ ގުޅިގެން ދެކެވޭ ވާހަކަތަކުގައި މިބާވަތުގެ ބައެއް ވާހަކަވެސް ވަރަށް ގިނައިން އާދެއެވެ. އެއްބަޔަކު ޤަބޫލުކުރާނެއެވެ. އަނެއް ބަޔަކު ނުކުރާނެއެވެ. މައްސަލައެއް ނޫނެވެ.

ދިވެހި ތާރީޚުގައިވެސް މިބާވަތުގެ ވާހަކަތައް އެބަހުރި ދެއްތޯއެވެ؟ ރަންނަމާރި އެރި ވާހަކައަކީ، ރާއްޖެ އިސްލާމްވިގޮތުގެ ތެރެއިން އަދިއަދާ ހަމައަށް ދިވެހިން ކިޔާއުޅޭ ވާހަކައެކެވެ. ޢަލީ ރަސްގެފާނުގެ ހަނގުރާމައިގެ ތެރެއިން، ރާބެ ވިލިނގިލިން ފަތާފައި ކުރުނބާ ހިފައިގެން މާލެއައި ވާހަކައާއި، އެ ކުރުނބާ ހިތްޕަވަނިކޮށް އެ ރަދުންގެ ހަށިކޮޅަށް ދުނި އެރިވާހަކަ ކުޑަކުދިންނަށްވެސް އެނގެއެވެ. ދަންޑަހެލު އޭނާގެ ކޮނޑުގައި ކުނބު އަނބުރާ، އެއްފަހަރާ ދިހަބާރަ ޕޯޗުގީޒުން ކަނޑާ ވައްޓާލި ވާހަކަ މަޝްހޫރެވެ. ހަމަ އެފަދައިން، ކަޅުއޮށްފުންމީގެ ރޫހާނީ ބާވަތުގެ ބާރުވެރިކަމެއް ހުންނަކަމުގެ ވާހަކަތައްވެސް ތުންތުންމަތިން އަދާ ހަމައަށް ވަނީ ވާރުތަވެފައެވެ.

ނޮވެމްބަރު 3 އަށް އެނބުރިލާނަމެވެ. އަދި، ކުލީ ސިފައިންގެ ބަޔާންތަކަށް އަނެއްކާވެސް ޖެހިލާނަމެވެ. މާލެ އަރައިގެން އައި އިރު، ކުރިން ދަންނަވާލި ފަދައިން، އެމީހުންނަށް ހީވީ އެތައް ސަތޭކަ މީހުން ރައްދު ހަމަލާ ދެމުންދިޔަހެންނެވެ. އޭގެ ތެރެއިން ބަޔަކު ފަހުން ބުނިކަމަށް ވެއެވެ. ފޮނުވާލި މޯޓަރ ޝެލްތައް ނުގޮވި ކަމަށެވެ. ހީވަނީ އެ ޝެލްތައް ބަނޑޭރިގޭ ތެރޭގައި ހުރި ބޮޑު މީހަކު ހިފާފައި ނަގާ ބިންމަތީގައި ބާއްވަމުންދިޔަ ހެންނެވެ. ބަނޑޭރިގޭ ތެރެއަށް ފޮނުވާލި އެންމެ އެތިފަހަރެއްވެސް ނުގޮވައެވެ. ހަނގުރާމަ ނިމުމަށްފަހު، އެތާނގައި އެ ޝެލްތައް ނުގޮވާ ހުރިކަން ސާބިތުވިއެވެ.

ދިވެހި ބާޣީންގެ އެކަކު، އޭގެ ދުވަސްކޮޅެއް ފަހުން އޭނާއާ ޖަލުން ދިމާވި މީހެއްގެ ގާތުގައި ބުނި ކަމަށްވެއެވެ. ތިމަންމެން މާލެ ފައިބައިގެން އައި ހިސާބުން، ފެނުނު މަންޒަރަކުން، ބިރުގަނެ ސިހުނު ކަމަށެވެ. އަދި، މާލެ އައި މަޤްސަދު ކާމިޔާބު ނުވާނެކަން އެހިސާބުން ޤަބޫލު ކުރެވުނު ކަމަށެވެ. އެއީ، މިހާރުގެ ކޯސްޓްގާޑް އިމާރާތާ ދިމާއިން އެއްގަމަށް އަރައިގެން އައިއިރު، މެދުޒިޔާރަތް ދޮރުމަތިން އެމީހުންނަށް ފެނުނު މަންޒަރަކުންނެވެ. ކައިރިން ހުރި މުންނާރާ އެއް އިސްކޮޅެއްގެ މީހަކު، މެދުޒިޔާރަތުން ނުކުމެގެން ހިނގާފައިދާ މަންޒަރެވެ. އެމީހަކު ހުރީ މަތިހަށި ހުސްގަޔާ، މުންޑެއް އަނދެގެން، ބޮލުގައި ފޮށައެއް އޮޅައިގެން ކަމަށްވެސް މީނާ ބުންޏެވެ. އެހިސާބުން ސިފަވަނީ ދިވެހި ތާރީޚުގެ ތެރެއިން، ކޮން ޒަމާނެއްގައި އުޅުއްވި ކޮން މާތް ބޭފުޅެއްކަން ދަންނަވާކަށް ނުޖެހޭ ދެއްތޯއެވެ؟

މިވާހަކަތައް މިގެނައީ މަޤްސަދެއްގައެވެ. އަނެއްކާވެސް 'ޕޯސް' ފިތަށް ފިތާލާނަމެވެ. ފުންކޮށް ވިސްނާލުމަށެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގައިވެސް އެންމެ ޒަމާންވީ އެއް މުސްލިމް ދައުލަތެވެ. މިޤައުމުގެ ދީނާއި މިނިވަންކަން މިހާ ޒަމާނު ރައްކާތެރިކަންމަތީ ދެމިއޮތީ، އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ގަދަ ކީރިތިވަންތަ ﷲ (سُبْحَانَهُ وَتَعَالَى)ގެ ތަނަވަސް ރަޙްމަތުންނެވެ. އަދި، އަދުއްވުންގެ ކިބައިން މިޤައުމު އަބަދުވެސް ސަލާމަތްވަނީ އެކަލާނގެ މިޤައުމާއި ރައްޔިތުންގެ ދުޢާ އިޖާބަކުރައްވާ، އަޅުގަނޑުމެންނަށް އެރަޙްމަތް މިންވަރުކުރައްވާތީކަން ޔަޤީންތާއެވެ. ބަޑި ބުރާސްފަތީގައިވެސް އެވަނީ އެފަދަ ބޮޑު ނަސީބެއް އަޅުގަނޑުމެންނަށް މިންވަރުކުރައްވާފައެވެ.

ނިންމާލުމަށްޓަކައި، ބޮޑު ސުވާލަށް އެނބުރިލާނަމެވެ. އަބަދުވެސް ހިތުގައި އުފެދެމުން އައި ސުވާލެކެވެ. ނޮވެމްބަރު 3 ގައި، ބާޣީންނަށް ކާމިޔާބު ލިބުނު ނަމަ، ކަން ވާނީ ކިހިނެތްބާވައެވެ؟ ކުރިން ދަންނަވާލި ފަދައިންނެވެ. ރައީސް މައުމޫން އެމީހުންގެ ވަކިތަކުގެ ދަށުވިނަމަ ވާނީ ކިހިނެތްބާވައެވެ؟ މިނިސްޓަރ އިލްޔާސް އެމީހުންގެ ވަކިތަކުގެ ދަށުވިނަމަ ވާނީ ކިހިނެތް ބާވައެވެ؟ ޝަހީދު ޙުސައިން އާދަމް، އެ މުހިންމު މިނިޓުކޮޅުގެ ކުރިން، ބާޣީންގެ އުންޑައެއްގެ ޝިކާރައަކަށް ވީނަމަ، ވާނީ ކިހިނެތްބާވައެވެ؟

އެންމެ ސާދާ ވިސްނުމުގައި ދެވޭނެ ޖަވާބު ދަންނަވާލާނަމެވެ. ދިވެހި ވެރިކަން ޢަބްދުﷲ ލުޠުފީއަށް ލިބޭނީއެވެ. އެހިސާބުން، އޭނާ އިޢްލާން ކުރާނީ، 'އަނިޔާވެރި ވެރިކަމެއް' 'ރައްޔިތުންގެ ބަޣާވާތަކުން' ނިމުމަކަށް ގެނެވި، 'ރައްޔިތުންގެ ވެރިކަމެއް' ޤާއިމުވެއްޖެ ކަމަށެވެ. މިކަމަށް އިތުރު ބާރުލިބޭ މަންޒަރެއްވެސް އެދުވަހު ދިވެހިންނަށް ފެނުނެވެ. ޒިކުރާ މިސްކިތަށް އަރާ ސަގަރު އަޙްމަދު ނާޞިރު ދެއްކި ވާހަކަތަކުގައި، އޭނާ ބުނީ އެބައިމީހުންނީ ދިވެހިންނާ ދެކޮޅަށް އައި ބައެއް ނޫން ކަމަށާއި، 'އަނިޔާވެރި ވެރިކަމެއް' ނިންމަން އައި ބައެއް ކަމަށެވެ.

ކޮންމެއަކަސް، ލުޠުފީއަށް ރާއްޖެ ލިބުމުގެ ނަތީޖާއާމެދުވެސް ވިސްނާލަން ޖެހެއެވެ. އަޅުގަނޑުގެ ނަޒަރުގައި، އޭނާގެ ވެރިކަން ބޭރު ދުނިޔެއިން ޤަބޫލުކޮށް، އެވެރިކަމުގައި 'ސިއްކަ' ޖަހައިދޭނެ އެވެ. އަވަށްޓެރި ޤައުމުތަކުން މަރްޙަބާގެ މެސެޖުތައް އަންނާނެއެވެ. އދ. އިން އެކަން ބަލައިގަންނާނެއެވެ. އެހިސާބުން، ނަމެއްގައި އިންތިޚާބެއް ބާއްވާ، އާ ޒަޢާމަތަކައިގެން އޭނާ ކުރިއަށްދާނީއެވެ. ދިވެހިން ރުހޭތޯ އަހާލާނެ، ބަލާލާނެ ބަޔަކު ނުތިބޭނެއެވެ. ކުޑަ ޤައުމެކެވެ. ނިކަމެތި މީސްކޮޅެކެވެ. އެއީ ދުނިޔޭގެ އާދައެވެ. އަދި، މިއަދު އަޅުގަނޑުމެންނަށް ފެންނަން މިއޮތް ތާރީޚުގައި ބާޣީ އޮންނާނީ ޓިޕެކްސް ޖަހާ، ޣާޒީއަށް ބަދަލުކޮށްފައެވެ.

މިކަމުގައި އަޅުގަނޑުގެ ދެވަނަ ވިސްނުމެއްވެސް ޙިއްޞާކޮށްލާނަމެވެ. އެނގިފައިވާ ބައެއް މަޢްލޫމާތުގެ އަލީގައެވެ. އެދުވަހު ރާއްޖެ ހިފަން އައި ބާޣީ ލަޝްކަރުގައި ހުރި އެންމެ އިސް މީހަކީ ލުޠުފީއެއް ނޫނެވެ. އެއީ، ތަމަޅަ ޕްލޯޓް ޖަމާއަތުގެ ވެރިޔާ އުމާ މަހޭޝްވަރަންގެ ޚާއްސަ މަންދޫބު މަޝްހޫރު ވަސަންތީއެވެ. މި ވަސަންތީގެ ނިމުން އައިގޮތް ފެނިގެންދިޔައެވެ. ހަނގުރާމަ ނިމުނުއިރު، އޭނާގެ މަސްގަނޑު އޮތީ ހުރަވީ ބިލްޑިންގުގެ ފާރުބުޑުގައި، އެރިހާ ވަޒަންތަކުން ފޫއަޅާ، ފުރޭންޏަކަށް ވެފައެވެ. އޭނާ މަރުވެގެން ވެއްޓުނީ ހަނގުރާމައިގެ ކުރީކޮޅުގައި ކަމަށްވެއެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި ވަސަންތީއަށް އަންގާފައިއޮތީ، ހަނގުރާމަ ކާމިޔާބުވެ، ބަނޑޭރިގެ ހިފުމާއެކު، އޭނާއާއެކުގައި އައި ދިވެހި ބާޣީން މަރާލުމަށެވެ. ވީމާ، ބަޣާވާތް ކާމިޔާބު ނުވީކަމީ ލުޠުފީގެ ނަސީބެވެ. އަދިއަދާ ހަމައަށް ދުނިޔޭގައި ހުރެ، ދާދިފަހުން ދައުލަތުގެ ޚަރަދުގައި ޢިއްޒަތާއެކު ލަންކާގައި އުޅެލާނެ ފުރުޞަތު ނުލިބުނީސްތާއެވެ.

ކޮންމެއަކަސް، ވަސަންތީގެ އަތްދަށަށް ޤައުމު ގެނެސް، މިޤައުމަކީ އެމީހުންގެ 'ޓެމިލް އީލާމް’ގެ ބައެއްގެ ގޮތުގައި ހަދާ، ތަމަޅައިންގެ ވެރިކަން އޮންނަ ތަނަކަށް ހަދަން އޮތީ ރޭވިފައެވެ. ވެރިއަކަށް ބަހައްޓަން ހަމަޖެހިފައި އޮތީ ގޮނޑިކޮއްކޮއެކެވެ. މުޅި ރޭވުމުގެ އެންމެ މުގުލުގައި، މަހޭޝްވަރަންއާއެކު ހުރި، ބޮޑު ސިއްކައެވެ. ޑިކްޓޭޓަރ ބެނީޓޯ މުސޮލީނީ އިޓަލީ ފަތަޙަ ކުރި ފަދައިން، ވާނެ އެއްޗެއް ވެނިމުމުން، ޢިއްޒަތުގައި ރާއްޖެއައިސް މަޤާމާއި ޙަވާލުވާނީއެވެ. ބާރެއް ނޯންނާނެއެވެ. އެކަމަކު، އޭނާގެ ހުވަފެން ހަޤީޤަތަކަށް ވީތާއެވެ. އެހިސާބުން ޒުވާން އުމުރުއްސުރެ އޭނާ ކުރަމުންއައި ވެރިކަމުގެ އުންމީދުވެސް، އާޚިރުގައި އެކަން ވެގެންދިޔަ ދުވަހަށްވުރެ 30 އަހަރު ކުރިން، އޮންނާނީ ކާމިޔާބުވެފައެވެ.