Support Us

ނަޞްރުގެ ދުވަސް ފާހަގަކުރަނީ…

ޤައުމިއްޔަތަކީ ތިމާ، ތިމާގެ ޤައުމު ދެކެވާ ލޯތްބާއި  އަމިއްލަ ގައުމާމެދު ހިތުގައި އުފެދޭ ފަޚުރުވެރިކަމުގެ ޝުޢޫރުތައްކަން ކަށަވަރެވެ. އެހެންވީމާ މި ޝުޢޫރުތައް ހިތުގައި ނުވާ މީހަކީ ރޫޙެއް ނެތް ހަށިގަނޑެއް ނޫންތޯއެވެ! އެހެނީ ތިމާގެ ޤައުމަށް ލިބޭ ކޮންމެ މޮޅަކީ ޚުދު ތިމާ ވެސް އެ މޮޅެއްގައި ޙިއްޞާވާނޭ މީހެކެވެ. އަދި ތިމާގެ ޤައުމަށް ލިބޭ ހަމަ ކޮންމެ ނިކަމެތިކަމެއް ޚުދު ތިމާވެސް ތަޢައްމަލުކުރާން ޖެހޭނެއެވެ. އެހެންވީމާ މި ބިންމަތީގައި ބާއްޖަވެރި ދިރިއުޅުމެއް ވޭތުކޮށް އާޚިރަތުގެ ކާމިޔާބީއަށް އެދޭ ކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެގެންވަނީ ތިމާގެ ޤައުމީ މަޞްލަޙަތަށް އިސްކަންދިނުމެވެ. ޤައުމަށް ހެޔޮ އެދުމެވެ. ތިމާއަށް ޤައުމު އަދާކޮށްދޭ ގިނަ ގުނަ ޚިދުމަތުގެ ބަދަލުގައި ތިމާ ޤައުމަށް ކޮށްދެނީ ކޮންކަމެއްތޯ ވިސްނައިގެންނެވެ.

ދިވެހި ކާބަފައިންނަކީ ޤައުމީ ރޫޙުގެ މަތިވެރި ނަމޫނާއެއް ދެއްކި ތެދުވެރި ވަޠަނީ ބަޔެކެވެ. ދިވެހި ޤައުމަށް ފާވާ ހަމަ ކޮންމެ ޚާއިނަކަށް ވެސް، އަދި މި ޤައުމާ ފޮށިގަންނަ ހުރިހާ ޣައްދާޜުންނަށް ވެސް އެންމެ ފަހުން ބަލިވެ ނިކަމެތިވެގެންދާންޖެހެނީ މި ދެންނެވި ޙުއްބުލްވަޠަނުގެ ވަރުގަދަ ބާރުގެ ގަދަފަދަ ކަމުންނެވެ. އެ ބާރާއި ހިތްވަރުގައި ދުޝްމަނުންނަށް ޖެހެނީ ހަތިޔާރުބަހައްޓައި އަމާންދޭށެވެ. ދިވެހީންނަކީ މިއީއެވެ. ދިވެހީންނަކީ ފިނޑީންނެއް ނޫނެވެ. އެއީ އަމިއްލަ އެދުމަށްޓަކައި އެ މީހުންގެ ޤައުމިއްޔަތުގެ ތަނބުތައް (އިސްލާމް ދީން، ދިވެހިބަސް، ސަގާފަތާއި ރީތި އާދަކާދަ، ތާރީޚު) ފުނޑުފުނޑުކޮށްލާނެ ބަޔެއް ނޫނެވެ. އާދޭހެވެ! ދިވެހިން ދިވެހި ޤައުމު ދިފާޢުކުރުމަށްޓަކައި ނުވާ ޤުރުބާނީއެއްނެތެވެ. އެބައިމީހުން އޮހޮރުވީ ހަމައެކަނި ދަލެއް ނޫނެވެ. އެބައިމީހުންގެ ހަށިތައް ޤުރުބާންކޮށް ދިވެހި ފަސްގަނޑުން ފެޅި ޤައުމީ ގަސްތަކަށް އެ ކާބަފައިންގެ ލެއިން ފެންދިނީއެވެ. ހަމަ ދިވެހި ޤައުމަށްޓަކައެވެ. ދިވެހީންނަކީ މިއީއެވެ.

މިއީ ޤައުމީ ހަނދާންތަކުން ފުރިގެންވާ މޫސުމެކެވެ. މިއީ ޤައުމީ މުނާސަބަތުތަކުގެ ދުވަސްވަރެކެވެ. މިއީ ޤައުމީ ރޫޙުން ހިތްތަކަށް ތާޒާކަން ލިބިދޭ މުނާސަބަތެއް ވެސްމެއެވެ. އާދެ! ނޮވެމްބަރ މަސް އަޅުގަނޑުމެންމާ މި ބައްދަލުކުރީ ވަރަށް މުހިއްމު ޤައުމީ ހަނދާންތަކަކާއެކުގައެވެ. މީގެ 32 އަހަރު ކުރީން ދިވެހި ޤައުމަށް ކުރިމަތިވި ނުރައްކާތެރި ބިރުވެރި ޢުދުވާނެއްގެ ހިތި ހަނދާންތަކެވެ. އެ ޢުދުވާނީ ޙަމަލައިގައި ދިވެހި ޤައުމަށް މާތް ﷲ ދެއްވި މަތިވެރި ނަޞްރާއި ކާމިޔާބީގެ ފޮނި ހަނދާންތަކެވެ. މި ތާރީޚީ ދުވަސް "ނަޞްރުގެ ދުވަހު"ގެ ގޮތުގައި އަޅުގަނޑުމެން މިއަދު ފާހަގަކުރާއިރު، އެ މަތިވެރި ނަޞްރުގެ ދުވަހު މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތި ދިވެހި ޤައުމަށްޓަކައި ޝަހީދުވި ހިތްވަރުގަދަ ދިވެހި ފަހުލަވާނުންނަށް މާތް ﷲ ރަޙުމަތްލެއްވުން އެދި ދުޢާކުރަމެވެ.

 

ނަޞްރުގެ ދުވަހުގެ ހަނދާންތައް އަޅުގަނޑުމެން އާކުރަމުން ގެންދާއިރު، މި ފަދަ ކޮންމެ ޢުދުވާނެއްގެ ފަހަތުގައި ވަނީ ދިވެހި މަދު ޚާއިނުންތަކެއްގެ ޣަދަރުވެރި ޢަމަލުތަކެއްކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެއެވެ. އަދި ދީނާއި ވަޠަންގެ ލޯތްބާއި ކަރާމާތުގެ ކުޑަ މިންވަރެއްވެސް ނުދަންނަ ބަޔެއްގެ މަކަރުވެރި ރޭވުންތަކެއްގެ ހިތި ނަތީޖާކަން އަޅުގަނޑުމެން ދަންނަންޖެހޭނެއެވެ. ދިވެހި ޤައުމަށް ދިމާވި ދެރަ ގޮތްތައް މެދުވެރިވި ސަބަބާމެދު ވިސްނައި އެ ފަދަ ޙާދިސާތަކުން ހަމައެކަނި ޢިބްރަތް ޙާޞިލުކޮށްގެން އޮތީ ފަރުޖެއްސޭކަށް މިއަދު އަޅުގަނޑުމެންނަކަށްނެތެވެ. ދީނާއި ޤައުމުގެ ދިފާޢުގައި ހޭލާ ތިބުމުގެ ހަމައެކަނި ޢަޒުމު އާކޮށްގެން ފުދޭކަށް ނެތެވެ.

މިއީ މި ދެންނެވި ނަޞްރުގެ ދުވަހެވެ. މީގެ ހަފުތާއެއްހާ ދުވަސް ފަހުން އަޅުގަނޑުމެންނާ މި ބައްދަލުކުރަނީ ވަރަށް ތާރީޚީ ޤައުމީ އެހެން މުނާސަބަތެކެވެ. އާދޭހެވެ! ރާއްޖޭގެ ފަޚުރުވެރި ޖުމްހޫރީދުވަހެވެ. މިފަހަރުގެ ޖުމްހޫރީ ދުވަހަކީ ވަރަށް ތާރީޚީ ދުވަހެވެ. ޒަމާނީ ޑިމޮކްރެސީ ރާއްޖޭގައި ނަމެއްގައި ތަޢާރަފު ވެފައި އޮތަސް، އެކި ނަންނަމުގައި ތަފާތު އިދާރާތައް ހުއްޓަސް މި ޑިމޮކްރެސީ ރާއްޖެ ދޫކޮށް ދަނީ ކަމުގެ އިޙުސާސް ދިވެހީންނަށް ކުރެވޭ ދުވަސްވަރެއްގައެވެ. މުސްލިމުންނަށް ޢުދުވާނު ހިންގައި ފާޅުގައި ދުޝްމަނުކަން އިޢުލާނުކޮށްފައިވާ ބަޔެއްގެ ނުފޫޒާއި ބާރު މި ރާއްޖޭގައި ގަދަވެފައިވާ ޒަމާނެއްގައެވެ. އެ ބަޔަކު ބޭނުން އިރަކު ރާއްޖެއަށް އައިސް ގޮސް ވުމުގެ ބާރު އެ ބަޔަކަށް ލިބިފައިވާ ދުވަސްވަރެއްގައެވެ. އަދި އެއީ ކީއްކުރާން އައިސްއުޅޭ ކިތައް މީހުންކަމާއި އެ މީހުންނަށް އަޅުގަނޑުމެން ރައްޔިތުންގެ ފައިސާއިން ޚަރަދުކުރަނީ ކިހާ ފައިސާއެއްކަން ދިވެހީންނަށް އެނގުމުގެ ޤާނޫނީ ޙައްޤު ދިވެހީންގެ ކިބައިން ނިގުޅައިގަނެވިފައިވާ ދަނޑިވަޅެއްގައެވެ. ކާމިޔާބާއި ނާކާމިޔާބުގެ ހަނދާންތައް އެކި މީހުންގެ ހިތްތަކާ މިއަދު ކުޅެލާނެއެވެ.

ނަމަވެސް….. ހިތާމަހުއްޓެވެ! ޤައުމު މިއަދު އޮތް ނިކަމެތި ޙާލާއި، މި ޤައުމުގެ މާދަމާގެ މުސްތަޤުބަލާމެދު އަދި ވެސް ވިސްނަނީ މަދު މީހެކެވެ. ރާއްޖެއަށް ކުރިމަގުގައިވެސް އާމްދަނީއެއް ވަންނާން ހުރި ހުރިހާ ދޮރުތަކެއްގައި ބަޔަކު އަތްއަޅަމުން ދާކަން ދެނެހުރީ ކާކުތޯއެވެ؟ ޤައުމީ މަޞްލަޙަތަށް ވުރެ ޤައުމީ ޙުރުމަތަށްވުރެ، އަޅުގަނޑުމެންގެ ޕާޓީ މުހިންމުވެގެން އަޅުގަނޑުމެން ތިއްބައި، އަޅުގަނޑުމެންގެ ޞިނާޢަތްތައް ހަލާކުކޮށްލަނީ އެވެ. ސިއްރަކުންނެއް ނޫނެވެ. ފާޅުގައެވެ. ލަދުގެ ކަންފުޅެއް ވެސް ނެތިއެވެ. ދިވެހިންގެ އަމިއްލަ މަތީންދާބޯޓާއި ދިވެހި ޕައިލެޓުން ކުއްޔަށް (ނުވަތަ ހިލޭ ނަމަވެސް) ގެންގޮސްގެން "ސީޕްލޭނު"ގެ ޚިދުމަތް ފަށާ ވާހަކަ އެ ކަރައިގެ މީޑިއާއިން އިޢުލާނުކޮށްފައިވަނީ "ދިވެހިރާއްޖޭގެ މަތީން ހަނދާން ނައްތައިލާން" އިރުޝާދު ދެމެންނެވެ. ތިމަންނަމެން ވެސް އެ ކަހަލަ މަތީންޖައްސާ ބޯޓުގެ ޚިދުމަތްދެނީކަމަށެވެ. ދިވެހިރާއްޖެއިން މީހުންނާ ތަކެތި ގެންގޮސްގެން އެ މީހުން އެ ޚިދުމަތް ތަޢާރުފުކުރި ޙަފުލާގައި އެ މީހުންނަށް އެހީތެރިވެހި ކުންފުންނާއި ދިވެހ ކުރޫންގެ ވާހަކަބުނެލާކަށް ވެސް ނުކެރުނެވެ. ޝުކުރު އަދާންކުރާން ބޭނުން ނުވިތާނގައި ރާއްޖޭގެ ނަން ހެޔޮ ނިޔަތެއްގައި ބޭނުންކުރާންވެސް ބޭނުންނުވަނީއެވެ.

ރާއްޖޭގައި ހިންގާންވީ މަޝްރޫޢެއް އެނގެނީ އެހެންބަޔަކަށެވެ. އެ މަޝްރޫޢަށް ޚަރަދުކުރާންޖެހޭ ވަރާއި ދަރަނި ނަގާންޖެހޭ ވަރާއި އެ ދަރަނީގެ ސޫދު އެކުލެވޭ މިންވަރު ކަނޑައެޅުމުގެ ބާރެއް މިއަދު ދިވެހީންގެ ކިބައިގައި ނެތްކަން ދަންނަނީ ކިތައް މީހުންތޯއެވެ؟ އަދި މިދަރަނި ދައްކައި ޚަލާސްކުރާންޖެހޭ މުއްދަތު ކަނޑައަޅަނީ ވެސް ދިވެހީން، ޚާއްޞަކޮށް މުސްލިމުންގެ އެންމެ ނަފުރަތުކުރާ މީހުންނެވެ. އަދި އެންމެ ހައިރާންކުރުވަނިކަމަކީ މި ގޮތަށް ދިވެހީންގެ ބޮލުގައި ދަރަނި އަޅުވައި، އެ ކަމެއްގެ އަގަށްވުރެ އެތައްގުނައެއް ބޮޑުކޮށްގެން ނަގާ ދަރަނި ފައިސާއިން ބިނާކުރާ ތަންތަން، ބޭނުންކުރާށާއި އެ ތަނުން ފައިދާ ހޯދުން ވެސް އެއީ ދިވެހީން ފިޔަވައި އެހެން ބަޔަކަށް އޮތް ހައްގެކެވެ. މި ފަދަ ހުރިހައި މައުލޫމާތެއް، ދިވެހިރާއްޖޭގައި ހުންނަ "ގަވަރނަރ"އަށް އެނގިވަޑައިގަތަސް، ދިވެހި ފަސްގަނޑުގައި ދިވެހީން މި ތިބީ މި ފަދަ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނީ ޙައްޤުން ވެސް މަޙުރޫމުކޮށްފައެވެ.

އަނެއްކޮޅުން ބަލާއިރު، އިސްލާމްދީނަށް ތައުހީނުކުރާ މީހުންގެ ލަފަޔާއި މަޝްވަރާ ރަސްމީ ކަންކަމުގައި ހޯދިޔަސް އަޅުގަނޑުމެންނަށް ކަމަކަށް ނުވެއެވެ. މި ފަދަ ޖަމްޢިއްޔާތައް އުވައިލިކަމަށް ހަދައިގެން "ޓްވީޓް" ޝޭޚުން ޓްވީޓް ކުރިޔަސް އެމީހުން އެތިބީ ޢަމަލީ މައިދާނުގައި ޙިމާޔަތާއި ޢިނާޔަތުގައެވެ. ނަމަވެސް މި ކަންކަމާމެދު ވިސްނައި ފިކުރުކޮށްލުމެއް ނެތި، ޕާޓީއަށްޓަކައި ޓްއީޓްކޮށްލަކޮށްލައި އެފްބީއަށް "ސްޓޭޓަސް" އަރުވައިލައަރުވައިލައި ތިބުމުން ދޭހަވަނީ އަޅުގަނޑުމެންގެ ސިކުނޑިއަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމެވެ. ޣަފްލަތުގެ ބައްޔެވެ. ޖަހުލަތުގެ ވަބާއެވެ. ޙަސަދައިގެ ޠޫފާނެވެ. މި ހައިޖާނުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔެއްގެ ސިކުނޑިއަށް ފިތުނައާއި ޙަސަނައާއި ނަފުރަތާއި ތަޢައްޞުބާއެކުގައި ނޫނީ އެއްވެސް އެއްޗެއް ނުވިސްނެއެވެ. އިސްލާމްދީނާއި ޤައުމިއްޔަތަކީ އެހެން ފިކުރުތަކަށްވުރެ އިސްކުރާންޖެހޭ އެއްޗެއްކަން ހަނދާނެއް ނުހުރެއެވެ. ތިމާގެ އަމިއްލަ މަޞްލަޙަތާއި މަވެތިކަން ފިޔަވައި ޤައުމާއި ވަޠަނުގެ ދިފާޅުގައި މަސައްކަތްކުރާކަށް ޚިޔާލަކަށް ވެސް ނާދެއެވެ.

ޤައުމީ މަޞްލަޙަތާއި އިސްލާމީ ވަޙުދަތަށް އިސްކަން ދިނުމަކީ، ޤައުމީ މުނާސަބަތު ފާހަގަކުރާ މީހުން ވެސް ހަނދާންކުރާންޖެހޭ ކަންކަން ކަން ދަންނާންޖެހެއެވެ. އެހެނީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުން ބިނާވެފައި އޮންނާނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށެވެ. މިކަން ނުދަންނަ ނަމަ، ތިމާގެ ޖީބަށް ވަގުތީ ގޮތުން ވަންނަ އެއްޗަކަށް ވުރެ ދުރަކަށް އޭނާގެ ވިސްނުމެއް ނުދާނެއެވެ. މީހަކު ދައްކާ ވާހަކަ އަޑުއަހާކަށް ބޭމެއް ނުވާނެވެ. ވިސްނޭތީ ހުރިހައިކަމެއް އެކޮޅުކޮޅުން ޖެހި، ޤައުމީ ނައު އެކީއެކައްޗަކަށް ފަނާވެ ނެދި ދިޔައިމައެވެ. އޭރު ތިމާ އޮންނާނީ ސަލާމަތްވެވޭނެ ބާރެއް ނެތި، އެހީއެއް ފޯރުކޮށްދެވޭނެ އެހީތެރިއެއް ނެތް ޙާލަތެއްގައި ހަތަރު އުދަރެސް ފެނުޖެހިފައެވެ. ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑު ވެސް ގެއްލިފައެވެ. ހުރިހާ ގެއްލުމެއް ނިކަމެތި ރައްޔިތުންނަށެވެ. އަމިއްލަ އެދުމަށްޓަކައި ނުވަތަ ތަޢައްޞުބާއި ހަސަދައިގެ ސަބަބުން ނަމަވެސް މި ޙާލަތު ދިވެހީންނަށް ދިމާވާން މަގުފަހިކޮށްދިން ޚާއިނުން އުޅޭނީ އެ މީހުންގެ ބައިވެރީންނާއެކު އެހެން ފަސްގަނޑެއްގައެވެ. އެކަމަކު ތާއަބަދަކަށް ނޫނެވެ. މި ހުވަފެނީ ޙަޔާތުގެ ނިމުމާ ހަމައަށެވެ.

އެހެންވީމާ ދިވެހީން ދިވެހީންގެ "ނަޞްރުގެ ދުވަސް" މިއަހަރު ފާހަގަކުރާއިރު، ހިތްމައްޗަށް އަންނަނީ މި ދެންނެވި ހިތި ހަގީގަތްތަކެވެ. އެތައް ޤަރުނެއް ވަންދެން ދިވެހި ކާބަފައިން ރައްކާތެރިކޮށްދިން ޤައުމީ ޢިމާރާތް ރޫޅި ބިންގަލާ ހަމައިން ފުނޑުފުޑުވެގެން ބިމަށް ތިރިވާ ތަނެވެ. އެހެން މަދުފަހަރުތަކާ ޚިލާފަށް ދިވެހިންގެ ސިޔާދަތާއި އިސްތިޤްލާލް މި ފަހަރު ގެއްލިގެން މިދަނީ ދިވެހީންގެ ލޮލުގެ ކުރިމަތީގައެވެ. އެ ކަންކަން ދިފާޢުކުރާނެ ކަމަށް ހުވައިކޮށްގެން ތިބި އެތައް ބަޔެއްގެ ރުހުމާއެކުގައެވެ. އެހެންކަމުން ދިވެހީންގެ މިނިވަންކަމާއި އިސްތިޤުލާލު ޙިމާޔަތްކުރުމަށް ޓަކައި ދިވެހީންގެ މުސްތަޤުބަލުގެ ޖީލުތަކުން އުފުއްލާންޖެހޭ ތުރާލާއި، ވާންޖެހޭ ޤުރުބާނީގެ ބޮޑުކަން އިޙުސާސްކޮށްލަން ވެސް ނޭނގޭނެއެވެ. މި އަހަރު ނަޞްރުގެ ދުވަސް ފާހަގަކުރާއިރު، އެ ކަމުގައި ބައިވެރިވާންޖެހެނީ މި ދެންނެވި ކަންކަން ވިސްނުމުގައި ބަހައްޓައިގެންނެވެ. މި ފަދަ ދުވަސްތަކުން ޙާޞިލުވާންޖެހޭ ޢިބްރަތްތައް ލިބޭނީ އޭރުންނެވެ.