Support Us

ފަންވަތް ކޮލަމް

ވާރުލޫގެ އަންހެން ކުއްޖާ

ބުއްދިވެރި އަންހެން ކުއްޖެކެވެ.

އަންހެނަކަށް ގުދުރަތުން ދެއްވި ރީތިކަމަށްވުރެ އޭނާގެ ވިސްނުންތެރިކަން އިސްނުކުރެވިއްޖެނަމަ އެ ރީތިކަމަކީ ބައެއްފަހަރު ދެރައަކަށްވެދެއެވެ. އެމީހެއްގެ މުޅި ހަޔާތް ވީރާނާވެދެއެވެ. ރީތިކަމަށްވުރެ ބޮޑަށް އިސްކަން ދޭންޖެހެނީ އޭނާއަށް ގުދުރަތުން ދެއްވި ވިސްނުމަށެވެ. ވިސްނުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ.

މި ވާހަކައަކީ އަންހެން ކުއްޖެއްގެ ރީތިކަމަށް ވުރެ ވިސްނުންތެރިކަން ކުރިއަށް ނެރުނުކަން ދައްދައިދޭ ވާހަކައެކެވެ. މިއީ ފޫހިފިލުވައިލުމުގެ އިތުރަށް މައުލޫމާތުވެސް ހާސިލްކުރެވިދާނެ ވާހަކައަކަށްވުން އެކަށީގެންވެއެވެ.

ވާހަކައިގައި އުޅޭ އަންހެން ކުއްޖަކީ ހުވަދުއަތޮޅު ވާރުލޫއިން މީހުން ފޭބި ނަމަވެސް އެރަށުގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ކުރީގެ ދުވަސްވަރު ނުވަތަ ވާރުލޫގެ މަޝްހޫރު ދުވަސްވަރު އެރަށުގެ ފުރާވަރުގެ ގިނަ އަންހެން ކުދިންނަކީ ރީތިކަމުގައި ނަންހުރި ބަޔެކެވެ. އެއީ މިހާރު މިފެންނަހެން އުނގުޅާ ކުލައަކުން ބޮކިއަލީގައި އެކަނި ރީތިކަން ފެންނަ ބައެއްނޫނެވެ. އެދުވަސްވަރު ވާރުލޫގެ އަންހެނުންނަކީ އިރުގެ އައްޔާއި ހަނދުވަރުގެ އައްޔަށް ވެސް ރީތި ބަޔަކީއެވެ. ވާރުލޫއަކީ ހުވަދުއަތޮޅުގައި ކުރިން މީހުން އުޅުނު ރަށެކެވެ. ފަހުން ފަޅުވީއެވެ.

ވާރުލޫގައި ދިރިއުޅުނު މީހުން ރަށުން ފައިބައި މީހުން ހުސްވާން ޖެހުނު ދެސަބަބެއް ހުވަދުއަތޮޅުގެ އެޒަމާނުގެ މީސްމީހުންގެ ފަރާތުން ނަގުލުވަމުން އައިސްފައިވެއެވެ.

ފުރަތަމަ ސަބަބަކީ އެޒަމާނުގައި މުޅި ރާއްޖެއިން އަންހެނުން ރީތިކަމަށް މަޝްހޫރު ރަށަކަށްވުމުން އެހެން ރަށްރަށުން މީހުން ގޮސް ވާރުލޫ އަންހެނުންނާ ކައިވެނިކޮށްގެން ގެންދިޔުމެވެ. މިކަމުގެ ސަބަބުން ވާރުލޫއިން އަންހެނުން މަދުވަމުންދާކަމާއި އެހާ ގިނައިން އަންހެނުން ރަށް ދޫކޮށް ދާން ޖެހެނީ އަންހެނުންނާ އެއްވަރަށް ރަށުގެ ފިރިހެނުން ރީތި ނުވުމުން ކަމަށް އިހުގެ ވާހަކަތަކާއި ލިޔުންތަކުން އެނގެއެވެ.

ދެވަނަ ސަބަބަކީ ވާރުލޫގެ އިސް ދެމީހެއްގެ މެދުގައި އުފެދުނު ފަންޑިތަހާހޫރަ ކަމަކާ ގުޅިގެން ގިނަބަޔަކު ރަށްދޫކޮށް އެހެން ރަށްރަށަށް ހިޖުރަކުރުމެވެ. ގިނަމީހުން ދިޔައީ ގައްދޫއާއި ކަނޑުހުޅުދޫއަށެވެ.

މާޒީގެ ހިރަފުހުގެ ތެރެއިން މިފަދަ ވާހަކަތައް ހަށިފޮޅާލައި އަމިއްލައަށް ހިންދެމިލާ ހާލަތު އާދެއެވެ. މިވާހަކަ ހިންދެމިލީވެސް މީގެ އަހަރުތަކެއްގެ ކުރިންނެވެ. ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ ބޯޓުތަކެއް ރޯމަސް ގަތުމަށް ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރުތަކަށް އައިސްގޮސްވި ދުވަސްވަރެވެ. އެއީ 70 ގެ އަހަރުތަކުގެ ތެރެއެވެ.

އެ ދުވަސްވަރު މަސްބޯޓުފަހަރުގައި އުޅޭ މީހުންނަކީ ފިސާރި އަތްމަތި ތިޔާގި ބައެކެވެ. އެ ތިޔާގިކަން އައި ނައިގޮތެއް ނޭނގެއެވެ. ތެޔޮ ދޫކުރެވޭވަރު ބަލަން ގެންގުޅޭ މީޓަރަށް ސިއްރުން ތެޔޮދޫކުރާނަމަ ތެލަށް ވީނުވީއެއް މީޓަރަށްވެސް ނޭނގޭހެންނެވެ. މަސްކިރާވަރު ބަލާ މީޒާނުގެ ކައްޓަށް ތާއްޓެއް އަރައިފިނަމަ މަސް ކިރެމުންދާވަރު  އެ ޔަށްވެސް ނޭނގޭހެންނެވެ. މަހަށް ނުފުރާ ދޯންޏަކަށް، ނުބާނާ މަހަކަށް ނުކިރާ މަހަކަށް، ފައިސާވެސް ލިބެޔޯލައެވެ.

މިޒާތުގެ ތިޔާގިކަން ލިބިފައިވާ މީހުންނަކީ އެވަސީލަތުގެ އެހީގައި ހިތަށްއެރި ކޮންމެ ކަމެއް ފަސޭހަކަމާއެކު ކުރި ބަޔެކެވެ. އޮޑިޖެހި ނޫޓު ހުރިއްޔާ ނުވާނެ ކަމެއް ނޯންނާނެތާއެވެ. ރަށްރަށުގެ މީހުންނާ ގުޅުން އުފައްދައި އެމީސްމީހުންނަށް ހަދިޔާބަދިޔާ ފޯރުކޮށްދެއެވެ. އޭގެ ބަދަލުގައި އެމީހުން މެދުވެރިކޮށް ބައެއް ރަށްރަށުން ލޯބީގެ ކުޅިސަމާއަށް މަގުފަހިކުރުންވެސް އޮވެއެވެ.

މައިންބަފައިންގެ ރުހުމާވެސްއެކު ޅަނދޮޅު އަންހެން ކުދިންނާ ހިތަށްއެރި އިރަކު ކައިވެނިކުރުމަކީ އޭރު ވަރަށް ފަސޭހަކަމެކެވެ. ކައިވެނިކުރަން އުޅޭ މީހަކީ ކާކުތޯ، މިއީ ދިރިއުޅުމެއް އުޅެވިދާނެ މީހެއްތޯ، މިކަން މިވަނީ ކިހިނެއްތޯ ބެލުމެއް ނޯވެއެވެ. އެންމެފަހުން ގިނަ އަންހެންކުދިންގެ ދުޅަހެޔޮކަން ގެއްލި ކައިވެންޏާއި ކައިވެނީގެ ބޭރުން ލިބިފައިވި ޅަދަރިންކޮޅު މަގުމަތިވީއެވެ. ޚަރަދުބަރަދުކުރުން ލާޒިމް މީހާގެ ޚަބަރެއްނުވެ ދަތިބޮޑުވުމުން ކުރާނޭ ކަމެއް ނެތިގެން އެމީހާ މިހާރު ހުރީ ކޮން ބޯޓެއްގައިތޯ، ކޮން ރަށެއްގައިތޯ ބަލަން ރަށުގެ ވެރިންނާއި ގާޟީންގެ އަރިހަށް ހިނގަހިނގާފައި އުޅެނިކޮށް ބައެއް އަންހެނުންނަށް ލިބެނީ ރޭޑިޔޯ މެސެޖެކެވެ. އަންހެންމީހާގެ ނަމުގެ ފަހަތަށް ލިޔެފައި އޮންނަނީ އެންމެ ޖުމްލައެކެވެ. ވަރިކޮށްފީމެވެ. މިހެންނެވެ.

އެ ހިސާބުން ތިޔާގިކަމާއި ކަންފަސޭހަކަންވެސް  ގެއްލުނީއެވެ. ދިރިއުޅުމުގެ އެބާބު ނިމުނީއެވެ. މިއީ ރާއްޖޭގެ ބައެއް ކަންކޮޅުތަކުގައި އެ ދުވަސްވަރު އާއްމު މަންޒަރެކެވެ. މީސްމީހުންނަށް ލިބެމުންދިޔަ ތަޖުރިބާތަކުގެ ވާހަކަ އަޑުއިވިފައި ވިސްނުންތެރިކަމާއި ހިފެހެއްޓުންތެރިކަމުގެ މިސާލުތައް ދައްކަމުންދިޔަ އަންހެން ކުދީންވެސް މަދެއް ނޫންމެއެވެ. ހެއްލުންތެރިކަމުގައި ނުޖެހި ވިސްނުންތެރިކަން އިސްކުރި ކުދީންވެސް މަދެއް ނޫންމެއެވެ.

މިޒާތަށް ދެރަ ލިބޭ މީހުން ފެނުނީމާ ބައެއް މީހުން އިހުގެ ކޮންމެވެސް ވާހަކަޔަކުން މިސާލު ދައްކައި އުޅެއެވެ. އެންމެ ގިނަބަޔަކު މިސާލު ނަގަނީ ލިޔާން މިއުޅޭ ވާހަކައިންނެވެ. މިވާހަކަޔަކީ މުޅި ހުވަދޫއަށްވެސް މަޝްހޫރު ވާހަކަޔަކަށް ވާތީއެވެ. ވިސްނުންތެރިކަމާއި ހިފެހެއްޓުންތެރިކަން ހުރެއްޖެނަމަ ގެއްލިނުދާނޭކަމުގެ ސާބިތު ހެކި ހިމެނޭ ވާހަކަޔަކަށް ވާތީއެވެ.

އަހަރެމެންގެ މިރަށުގެ އެވެނި މަންޖެއާއި އެމަންޖެގެ މައިންބަފައިންނަށް އެވަރެއްވެސް ނުވިއެވެ. އެހެން ނޫންނަމަ އެމަންޖެއާއި އެމަންޖެގެ ޅަދަރިންކޮޅު މިއަދު އެހާލެއްގައި ނުއުޅުނީސްތާއެވެ. މިއީ ވަރަށް ގިނަ ރަށްރަށުގެ ވަރަށް ގިނަބައެއްގެ ދުލުން ބޭރުވި ޖުމްލައެކެވެ.

ހުސޭނާއި ޚަދީޖާގެ މިވާހަކަތަކުގެ ދުވަސްކޮޅެއްގެ ފަހުން އެދެމީހުންގެ ކައިވެނިކުރިއެވެ. ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ޚަދީޖާ ކުރިން ދެއްކި ނަމަވެސް ހުސޭނަށް ޚަދީޖާއާ ކައިވެނިކުރެވުނީ އޭނާގެ ފިކުރާވުމާއި ގަބޫލުގައެވެ. ކައިވެނީގެ ކުރިން ގުޅުމެއް ނެތިއެވެ.

ޚަދީޖާގެ ފަރާތުން ހުސޭނަށް ކުރިން ފެނުނީ އޭނާގެ އަސްލު ގޮތެއް ނޫނެވެ. ހެދި ގޮތެކެވެ. ވިސްނުންތެރިކަމާއި ހިފެހެއްޓުންތެރިކަން އޭނާ އިސްކުރީއެވެ. އަދި ކައިވެނިކުރިއިރު ރިއްސަށް ލޯލުމެއްވެސް ނެތެވެ. ކައިވެނިކުރިއިރު ޚަދީޖާއަކީ ކައިވެންޏަށް ހަށި ހުއްދަ ހާލަތުގައި އިން އަންހެނެކެވެ. މިދެމަފިރިންނަށް ފުރަތަމަ ދަރިއަކު ލިބުނީ ވެސް ކައިވެންޏަށް ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ. އޭގެފަހުން އެ ދެމަފިރިންނަށް އިތުރު ދަރިންވެސް ލިބި އާއިލާ އުފެދިފައިވެއެވެ. ހުސޭނާއި ޚަދީޖާގެ ކައިވެނިކުރެވުނީ ޚަދީޖާގެ މައިންބަފައިންގެ ރުހުމާއި ފުރިހަމަ އެނގުން އޮވެގެންނެވެ. އަދި ހުސޭނުގެ އެވަގުތުގެ ބަލަދުވެރިން ކަމަށްވާ ދިޔަދޫ ދީދީގެ ތިމާގެ ބޭފުޅުންގެ ރުހުމާއި އެނގުންވެސް އޮވެގެންނެވެ.

ހުސޭނު މާލެ ފުރަންވުމުން އެމީހުންގެ ކައިވެނިކޮށްދެއްވި ނާއިބުތަކުރުފާނުގެ ގެއަށްގޮސް އެތަކުރުފާނާ ބައްދަލުކޮށް ހިތްހެޔޮކަމާއި ގުޅުންތެރިކަމުގެ ޝުއޫރު ފައުޅުކުރިއެވެ. އެ ދުވަހު އޭނާ ސަމާސާ ގޮތަކަށް ތަކުރުފާނަށް ނަންގަތެވެ.

"ތަކުރުފާނެވެ. އެމީހަކާ ފިކުރާނުވާ އަންހެނަކާ އިނދެފިނަމަ އެ އަންހެނަކު ރިއްސަށް ލޯ ނުލާނެ ކަމެއްވެސް ނޭނގޭނެޔޭ މީހުން ބުނެއެވެ. އަދި ބަޔަކު އުޅެގެން ދެމީހެއްގެ ކައިވެންޏެއް ކުރެވުނު ނަމަވެސް ރަނގަޅު ދިރިއުޅުމެއްގެ ވިސްނުމެއް ނެތިއްޔާ ގިނަ ފަހަރަށް އެކަން ވެގެންދާނީ ބޮޑު ދެރައަކަށް ނޫންތޯއެވެ؟ ތަކުރުފާނެވެ. ހިތްހެޔޮކުރައްވާށެވެ. އަޅުގަނޑު މާލެދާން މިއަދު ފުރަނީއެވެ. އިރާދަކުރެއްވިއްޔާ އަދި ބައްދަލުވާނެއެވެ."

ހުސޭނަށް ނަސޭހަތް ދެއްވި ދޮންދީދީ މިކައިވެނީގެ ފަހުން ވިދާޅުވި ކަމަށްވެއެވެ. ތަނަކުން ފެންނަހާ ފިރިހެނަކާ އިންނާކަށް ނުވާނެއެވެ. އަދި ތަނަކުން ފެންނަހާ އަންހެނަކާ ވެސް އިންނާކަށް ނުވާނެއެވެ. އެކަމުގައި އެ ދެ މީހަކާއި އެ ދެމީހެއްގެ މައިންބަފައިންނާއި ބަލަދުވެރިންގެ ވިސްނުމަކާއި ބެލުމާއި ހިފެހެއްޓުމެއްވެސް އޮންނަން ވާނެއެވެ.