މަޝްހޫރު ރޫޓު ފިހާރައިގެ 5.2 މިލިއަން ރުފިޔާ އާއި ގިނަ އަދަދެއްގެ ޗެކްތަކެއް ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ވަގުތު، ފޮށިގަނޑެއްގައި ހުރި އެ ފައިސާތައް ފޭރިގަންނަން މިދިޔަ އާދިއްތަ ދުވަހު މަސައްކަތް ކުރި ހަތަރު މީހުން ފުލުހުން ހައްޔަރުކޮށް، އެ މީހުންގެ ވަނަވަނަރު މިއަދު އާންމުކޮށްފިއެވެ. އަދި މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު ބުނީ 2020 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު، 20، އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު، 23، އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު، 22، އާއި ލ. ގަން، ތުނޑި، ކީމިޔާގެ، ޢަބްދުﷲ ރާޝިދު، 27، ކަމަށެވެ.
މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
Bank of Ceylon kurimathin root ge faisaa hifaigen ai Vehicle in feyren ulhunu bayaku Bank ge security in huttuvaifi. pic.twitter.com/3TyFnSl6e4
— fisaarithedhu (@fisaarithedhu) October 25, 2020
ރޫޓް ފިހާރައިގެ ފައިސާތަކަކާއި ޗެކްތައް ބޭންކަށް ޖަމާކުރަން ގެންދާ ވަގުތު ބަޔަކު އެ ފައިސާތައް ފޭރިގަންނަން މަސައްކަތް ކުރާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އެ މަންޒަރު ވަރަށް ސާފުކޮށް ފެންނަ ވީޑިއޯގައި، ރޫޓުގެ ރީނދޫ ވޭން ފައިސާ ފޮށިގަނޑު ހިފައިގެން ބޭންކް އޮފް ސިލޯނަށް ކައިރިކުރި ވަގުތު ދެ ސައިކަލްގައި ހަތަރު މީހަކު އައިސް ވޭނުގެ ކުރީގައި މަޑުކުރެއެވެ. ފޭރުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުން ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު އިނީ މާސްކު އަޅައިގެންނެވެ.
މިދިޔަ އާދީއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ރޫޓްގެ އެ ވޭން އައިސް ބޭންކް ކައިރިއަށް މަޑުކުރުމާއެކު ސައިކަލްގެ ފަހަތުގައި އިން މީހަކު ފައިބައިގެން ގޮސް ވޭނު ތެރޭގައި ހުރި ފޮށިގަނޑު ދަމައިގަންނަން މަސައްކަތްކުރެއެވެ. ފޭރޭ އެހެން މީހުން ވެސް އެތަނަށް ގޮސް މޫނަށް ސްޕްރޭ ޖެހުމުން ރޫޓުގެ މުވައްޒަފުން ދުރަށްޖެހިލުމާއެކު، ފޭރޭ މީހަކު ވޭންތެރެއަށް ވަދެ، ފޮށިގަނޑު ނެރެ ދިއްކޮށްލި ވަގުތު ބޭންކު ތެރެއިން ނުކުތް ސިކިއުރިޓީ އޮފިސަރަކު ގޮސް އެ ފޮށިގަނޑުގައި ހިފައިގަނެ، އޭގެ މައްޗަށް ވެއްޓިގަނެއެވެ. އަދި ރޫޓުގެ މުވައްޒަފަކު ވެސް ފޮށިގަނޑުގައި ހިފަހައްޓައެވެ. އެއާއެކު ފޭރޭ މީހުން ފިލަން ދުއްވައިގަތުމުން ރޫޓުގެ މުވައްޒަފުން ވެސް އެ މީހުން ފަހާ ދުއްވައިގަތެވެ. ނަމަވެސް މި އެންމެން ވެސް ވަނީ އަތުނުޖެހި، ސައިކަލްތަކުގައި ފިލައިފައެވެ.
ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާކޮށް ކުރާ "ރޫޓު"ގެ މި ފައިސާތައް ހުރީ ސިނގިރޭޓު ހުސްކުރި ބޮޑު ފޮށިގަނޑެއްގައެވެ.



advertisment