Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

ކުރީ ސަރުކާރުގައި "މުޢިއްޒު"ވުމާއި، ޞާލިޙު ވެރިކަމުގައި "ޓްރާންސްޕޭރަންސީ"ވުން!

ސަރުކާރު ބަދަލުވުމުން، ރާގު ބަދަލުވުމަށް، އަޅުގަނޑުމެންގެ ތެރޭގައި ކިޔާ ނަމެއް އޮވެއެވެ. އެއީ 'ޓްރާންސްޕޭރަންސީ' ވުމެވެ. ދަންނަވަންތޯއެވެ. 'ޓްރާންސްޕޭރަންސީ' ވުމަކީ ފަހެ ޒާތެއްގެ ކަމެކެވެ. ދޫނިސޫފާސޫފި ވަކި މޫސުމަކަށް ހާލި ހަދައި، އެ ހާއްޔަށް ބިސްއަޅައި އުޅޭ ބީދައިން، ދިވެހިރާއްޖޭގައި މި އޮންނަ ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ގޮތްޕަކީވެސް މޫސުމީ ބައެކެވެ. ޕީ.ޕީއެމް ވެރިކަމުގައި ތިބޭނަމަ، ވަރަށް މުރާލި ބައެކެވެ. ކަމެއް އޮތިއްޔާ، އެކަމެއްގެ ވާހަކަ ދައްކައެވެ. އެކަން ކުޑަ ނަމަ، ބޮޑުކޮށްގެން ވާހަކަ ދައްކައެވެ. ކަމެއް ނެތީ ނަމަ، ކަމެއް ވިއްސައިގެންވެސް، ވާހަކަ ދައްކައެވެ. ނަމަވެސް، އެމް.ޑީ.ޕީގެ ސަރުކާރެއް އުދަރެހުން ފެނުމާއެކު، 'ޓްރާންސްޕޭރަންސީ' ގެއްލެއެވެ. ހޯދައިގެންވެސް ނުފެނެއެވެ. އިޢްލާންކޮށްގެންވެސް ނުފެނެއެވެ. ރިޕޯޓުކޮށްގެންވެސް ނުފެނެއެވެ. އަޖާއިބެކެވެ. އެވަންނަ ހޮރަކަށް ވަންނަނީއެވެ. ހާލިހަދަނީއެވެ. ބިސްއަޅަން ތިބެނީއެވެ. އެކަމުން އަވަދިވެގެން ދެން ނުކުމެވެނީ، އެމް.ޑީ.ޕީގެ ސަރުކާރު ވެއްޓޭ ދުވަހެއްގައެވެ. އިއްތިފާޤެކެވެ.

މި ދެންނެވި 'ޓްރާންސްޕޭރަންސީ' ވުމަކީ މިއަދު މާ ޢާންމުކަމަކަށްވެއްޖެއެވެ. އެނބުރިލާ ކޮންމެ ދިމާއަކުން މިއަދު މިފެންނަނީ 'ޓްރާންސްޕޭރަންސީ' ވެގެން އުޅޭ މަންޒަރެވެ. 'ޓްރާންސްޕޭރަންސީ' ވެގެން އުޅޭ ބައެކެވެ. 'ޓްރާންސްޕޭރަންސީ' ވެގެން އުޅޭ ކަމެކެވެ.

ޕީ.ޕީ.އެމް ސަރުކާރުގައި ތިބި އިރު، މަދު ފަހަރަކު ނަމަވެސް، މާލޭގެ ހިސާބަކުން ކަރަންޓު ދިއުން ވެގެންދިޔައީ ނޫހުގެ ފަލަ ސުރުޚީއަށް އަރާވަރުގެ ބޮޑު ޤައުމީ ހާދިސާއަކަށެވެ. ހިންގުންތެރިކަން ދަށްވީކަމަށްވެއެވެ. ފަރުވާކުޑަވީ ކަމަށްވެއެވެ. އާ ޖަނަރޭޓަރު ނުގަނެ ލަސްކުރީމައި ކަމަށްވެއެވެ. ބަޖެޓުގައި ހުރި ފައިސާތައް ކާލީމައި ކަމަށްވެއެވެ. ކޮރަޕްޝަން ހިންގާތީ ކަމަށްވެއެވެ.

މިއަދު ކަރަންޓު ނުދޭތޯއެވެ؟ މިއަދު ކަރަންޓު ދާ މިންވަރު މަދުވީތޯއެވެ؟ މިއަދު އެފަދަ ކަމެއް ހިނގައިފިނަމަ، އެއީ 'ޓެކްނިކަލް މައްސަލަ’އެކެވެ. ކޮންމެ ބަޔަކު ހިންގަން ތިބި ނަމަވެސް 'އެފަދަ ކަމެއް ހިނގާފާނެ' ނޫންތޯއެވެ؟ އެއީ ފަހެ ރައީސް ޞާލިހާ ސީދާ ގުޅޭނެ ކަމެއްވެސް ނޫން ދެއްތޯއެވެ؟ އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ، އެމަނިކުފާނަށް އެނގިވަޑައިގަންނަވަން ޖެހޭފަދަ ކަމެއް ނޫންތާއެވެ. މިކަމާމެދު ސޯޝަލް މީޑިޔާގައި އެއްޗެއް ލިޔެލިއަސް އެއޮތީވާ ކަމަކާ ޖެހިފައެވެ. ކެތްތެރިކަން ކުޑައީއެވެ. މިންވަރަށް އީމާންވުން ކުޑައީއެވެ. ޒާތީ ހަސަދަވެރިކަން އިންތިހާއަށް ބޮޑުވީއެވެ. އަދި، ކެތްތެރިކަމަކީ ރީތި ސިފައެއްކަމަށާއި، ރައްޔިތުންގެ ކިބައިގައި އެ ރީތި ސިފަ ހުންނަންވާނެކަމަށް ޢިލްމުވެރިކަމަށް ދަޢުވާކުރައްވާ ބޭފުޅުން ޚުޠުބާ ހަދައިގެންވެސް ވިދާޅުވެއެވެ.

ޕީ.ޕީ،އެމް ސަރުކާރުގައި މީހަކު މަރުވާ ކޮންމެ ފަހަރަކު އެއީ ގޮތް ނޭނގޭ މަރަކަށް ވެއެވެ. އެއީ، ސަރުކާރުގައި ތިބި ގޭންގްސަޓާރުން އަޑީގައި ތިބެގެން ކުރުވާ ކަމެއް ކަމަށް ބުންޏެވެ. ފުލުހުން ނުކުޅެދޭތީ ވީ ކަމެއްކަމަށް ތުހުމަތު ކުރިއެވެ. ޖުޑިޝަރީއަށް ނުފޫޒު ފޭދިގެންގޮސްފައި އޮންނަ މިންވަރުން އިންސާފު ނުލިބޭނެ ކަމެއް ކަމަށް ކުރީބައިގައި ނިންމާ، ސިއްކަ ޖެހިއެވެ.

ހުސްވި ހަފްތާގައި މަރުވި ޒުވާނާއާއެކު، މި ސަރުކާރު އައި ފަހުން މިވީ ދެ އަހަރުގެ ތެރޭގައި، 'ގޮތް ނޭނގޭ' މަރުގެ އަދަދު މިވަނީ 100 އަށް އަރާފައި ކަމަށް ލިޔެފައި އޮއްވާ ދުށީމެވެ. މިއަދު، އެފަދަ މަރެއް ހިނގައިފިނަމަ، އެއީ 'ކުރީ ސަރުކާރުން' ކުރި ކަމެކެވެ. ނުވަތަ، ކުރީ ސަރުކާރުން، މިސަރުކާރުގެ އަގު ވައްޓާލަން، ކުރުވި ކަމެކެވެ. އިންސާފު ނުލިބޭނަމަ، އެއީ ކުރީ ސަރުކާރުން ނިޒާމު ބައްޓަންކޮށްފައި އޮތް ގޮތުން ވާކަމެކެވެ. ދައްކާނެ އިތުރު ވާހަކައެއް ނެތުމުން، ދެން ބުނާ އެއްޗެއްވެސް އޮވެއެވެ. އެއީ ހަމަ މަރެކެވެ. ގުދުރަތީ ގޮތުން އެމީހެއްގެ އަޖަލު ހަމަވީއެވެ. ގޮތް ނޭނގެނީއެއް ނޫނެވެ. ހަމަ މަރެކެވެ.

ޕީ.ޕީ،އެމްގެ ސަރުކާރުގައި ބްރިޖް އަޅަން އުޅުނު އިރު، އެކަމުގެ އިންޖިނޭރިންގ އޮތްތޯ ސުވާލު އުފެއްދިއެވެ. އެއީ ކިހިނެތް ކުރާނެ ކަމެއްތޯ އެއްސެވެ. އެ މަސައްކަތް ފެށުމުން، ދެން ދެއްކީ ކޮލިޓީގެ ވާހަކައެވެ. އެބްރިޖުގެ ފެންވަރާމެދު ސުވާލު އުފެއްދިއެވެ. އޭގެން ތިމާވެށްޓަށް ކުރާނެ އަގުނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކުގެ ވާހަކަ ދެއްކިއެވެ. އޭގައި ރެނދުލާފައިވާ ކަމަށް ބުނެ، އެހެން ޤައުމެއްގެ ބްރިޖެއްގެ ފޮޓޯތަކެއްވެސް ޢާންމުކުރިއެވެ. އަދި، ބްރިޖް އެޅުން އެއީ ފަހެ ކުރުން މުހިންމުކަމެއްތޯވެސް ސުވާލު އުފެއްދިއެވެ. ދެން އެ ބްރިޖް އަޅާ ނިމުމުން، އެއީ ބޭކާރު ޚަރަދެއް ކަމަށް ބުންޏެވެ. އެއީ ކޮރަޕްޝަނުން އަޅާފައިވާ އެއްޗެއް ކަމަށް ބުންޏެވެ. މާ ކުޑަ އަގެއްގައި އެޅޭނެ އެއްޗެއްކަމަށް ބުންޏެވެ. އަދި، ތަރައްޤީގައި ނުހިމެނޭނެ 'ކޮންކްރީޓް' އެއްޗެއްކުން، އެއީ ބޭނުންތެރި އެއްޗެއް ނޫންކަމަށްވެސް ބުންޏެވެ.

އިޤްތިޞާދުގައި އިތުރަށް ލޯނެއް އަދާކޮށްލެވޭ ހަކަތަ ނެތީސް، ކުރިއަށްވުރެ މޯބޮޑެތި އިންޓްރެސްޓް ރޭޓުގައި ލޯނު ނަގައިގެން، ބްރިޖް އެޅުމުގެ ޤާބިލިއްޔަތާއި، ތަޖުރިބާ މާ ކުޑަ ބަޔަކާ ޙަވާލުކޮށްގެން، މިއަދު މި ދިމާކުރަނީ އިތުރު ތިން ބްރިޖް އަޅާށެވެ. ކޮންމެއަކަސް، މިއަދު މިއީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެއެވެ. އިޤްތިޞާދު އިނދަޖެހި، ރައްޔިތުން ބަލިމަޑުކަމެއްގެ ތެރޭގައި ތިއްބާ، މި ތިން ބްރިޖް އެޅުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދާ ކޮންމެ މީހަކީ، ޤައުމު ތަރައްޤީވުމަށް ނޭދޭ ބައެކެވެ. އަޅަން ބުނެގެން މިއުޅޭ ބްރިޖްތަކުގެ ފެންވަރު އޮޅުންފިލުވާލަން އެއްޗެއް އަހާލާ ކޮންމެ މީހަކީ، ބްރިޖްތައް އަޅަށް ހަވާލުވެގެންއުޅޭ ޤައުމާމެދު ޒާތީ ހަސަދައެއް އޮތް ބައެއްކަމަށް ތުހުމަތުކުރެއެވެ.

ހަތަރު ފަސް ގަޑިއިރު މެދުނުކެނޑި ބޯކޮށް ވާރޭވެހުމުން، މާލޭގެ ތިރިކޮށް އޮތް ހިސާބުތަކުގައި ފެން ހެދުމުން، ކުރިން އެއީ "މުޢިއްޒު" ވުމެވެ. ޕަމްޕުކޮށްގެން އެ ފެންގަނޑު ހިންދުން ލަސްވެއްޖެ ނަމަ، އެއީ އިހުމާލުވުމެވެ. ބޯ ހޯލް ތޮރުފައިގެން މިކަން ޙައްލުކުރީމާ، އެއީ ތިމާވެށި ހަލާކުކުރުމެވެ. ނުވަތަ، ކަމަށް ޙައްލެއް ހޯދުމުގެ ބަދަލުގައި މަތި ހަދާލުމެވެ. އެއިރު، ހުޅަނގު މޫސުމުގައި ހީވާނީ ހަމަ ދުނިޔެ ރަންވެގެން އުޅޭހެންނެވެ. މާލޭގައި ފެން، ކިސަޑު އަލަށް ހެދިގެން އުޅޭ ފަދައެވެ.

މިއަދު، ކުޑަ ކެރިކޮޅެއް ވެހިލާއިރު، މުޅި މާލެ އެކީ މިއޮންނަނީ ފެން ބޮޑުވެފައެވެ. މުޅިތާނގައި ނަޖިހާއި ކުންޏެވެ. އެންމެ ރަނގަޅުތާއެވެ. އެއީ ކުރީ ސަރުކާރުގެ އިޙްމާލުން ވަމުން އަންނަ ކަމެކެވެ. މި ސަރުކާރުން ދަނީ އެކަން ޙައްލުކުރަން ރެޔާއިދުވާލު މަސައްކަތްކުރަމުންތާއެވެ. ދެ އަހަރު ވީ އިރު، އެކަމާ ރެއާއި ދުވާލު ދަނީ ވިސްނަމުން ނޫންތޯއެވެ. ކުރީ ސަރުކާރު ނިމިދިޔަތާ ދެ އަހަރު ވަނީއެވެ. އެކަމަކު ޒިންމާ އުފުލަންޖެހެނީ ހަމަ 'ކުރީ ސަރުކާރު' ކަމަށްވެއެވެ. "ޝިފާ" ވީއެއް ނޫނެވެ. "އަސްލަމް" ވީއެއްވެސް ނޫނެވެ. އަދި ހަމަ ގައިމު "ޞާލިޙު" ނުވާނެތާއެވެ. ވިއްޔާ މިވަނީ އަދިވެސް "މުޢިއްޒު" އެވެ. ބޮޑުވަރު ވާނަމަ، އެއީ ހަމަ ގައިމުވެސް "ޔާމީން" ވުމެވެ.

ޕީ.ޕީ،އެމް ސަރުކާރުގައި ތިބި އިރު، ކަރަންޓާއި ފެނުގެ ބިލް ދައްކަން ޖެހުނީމައި، އެއީ ސަރުކާރުގެ ނުކުޅެދުންތެރިކަމެވެ. ކޮންމެ މަހެއް ފެށެނީ އެ އަޑުފައްގަނޑުންނެވެ. މިހާ ކުޑަ ޤައުމެއްގައި، މިޚިދްމަތްތައް ހިލޭ ދެވެންވާނެ ކަމަށްވެއެވެ. އެންމެ ކުޑަމިނުން، ބިލު ކުޑަވާންވާނެ ނޫންތޯއެވެ. ބިލު ދައްކަން މިޖެހެނީ އަޅުގަނޑުމެންގެ އިޙުމާލުންނެވެ. ބިލު ދައްކަން ޖެހެނީ ކޮރަޕްޝަން މާބޮޑަށްވެސް ބޮޑުވީމައެވެ.

މިއަދު، ގޭގެއަށް އަދި ވިޔަފާރިތަކަށް މިއަންނަނީ ކުރިއަށްވުރެ ދެގުނަ ބޮޑެތި ބިލްތަކެކެވެ. އޮޅިވަޑައިނުގަންނަވާށެވެ. މިއީވެސް "ކުރީ ސަރުކާރު"ގެ ސަބަބުން ވަމުން އަންނަ ކަމެކެވެ. ބިލު އަދި ކުޑަވާނެއެވެ. އޭ-4 ސައިޒުން އޭ-5 ސައިޒަށް ނަމަވެސް، ކުޑަކުރާނެއެވެ. އަދި، އިތުރު ދައުރެއް މިބައިމީހުންނަށް ދެއްވައިފިނަމަ، ބިލު ނުވެސް އަންނާނެ ކަމަށް ވެއެވެ. އަދި ކިޔެއްތޯއެވެ؟ ރައީސް ޞާލިޙްގެ ޙިކްމަތް ޢަމަލީގެ ވާހަކަ އެބަ ދައްކާލަންޖެހެއެވެ. ބިލުތައް މިބޮޑުވީ އެންމެ ދެގުނައެވެ. މިވަރުގައި މި ހިފެހެއްޓެނީތާއެވެ. މިވަރުގައި މި ހިފަހައްޓަވަނީތާއެވެ. ތިން ގުނަ ބޮޑެއް ނުވޭ ނޫންތޯއެވެ؟ އެއީ އެމަނިކުފާނުގެ ކުޅަދާނަކަމެވެ. އޯގާތެރިކަމެވެ. ޙިކްމަތްތެރިކަމެވެ. އެމަނިކުފާނަށް ޅެން ފަރިހި ހަދައިގެން ޝުކުރުގެ ޖިޒީތައް އަމުނާލުން އެއީ ހެޔޮލަފާ ކޮންމެ ރައްޔިތެއްގެ ވާޖިބަކަށް ނުވާނެތޯއެވެ.

ޕީ.ޕީ،އެމް ވެރިކަމުގައި ތިބިއިރު، ސައިކަލެއްގެ ޝޮކު ބަދަލުކުރަންޖެހޭ ކޮންމެ ފަހަރަކު، އެއީ މަގުތައް ނުހެދޭތީ ލިބިފައިއޮތް ގެއްލުމެކެވެ. އިންސާނީ ޙައްޤުތަކަށް އަރައިގަތުމެވެ. ބޮޑުވެގެންވާ އަނިޔާއެއެކެވެ. ވާނީ އެހެން ނޫންތޯއެވެ. މިހާ ކުޑަކުޑަ ރަށެއްގައި ދުނިޔޭގެ ފެންވަރަށް ހުރިހާ މަގެއް ހަދާނުލެވުމަކީ، ހިންގަން ނޭނގުން ނޫންނަމަ، ކޮންކަމެއްތޯއެވެ. އަދި، އެކަން ނުކުރަނީ ހަމަ ކޮރަޕްޝަންގެ ސަބަބުންތާއެވެ.

ޕީ.ޕީ،އެމް ވެރިކަމުން ފޭބި ދުވަހުން ފެށިގެން މަގެއް ހަދާނުލާ ހިސާބު، ކާނެއްވެސް ސާފުކޮށްނުލާ އޮތުމުން، މިއަދު އެއްޗެތި ދުއްވާ އުޅުމާއި ހިނގާބިނގާއުޅުން މިވަނީ ޞިއްޚަތަށް ހުރި ނުރައްކަލަކަށެވެ. ބޮޑުވެގެންވާ ބިރުވެރިކަމަކަށެވެ. އެއީ ހަމަ "ކުރީ ސަރުކާރުން" ވާރުތަވި މައްސަލައެއް ނޫންތޯއެވެ؟ އަދި، ކޮވިޑް ނެތްނަމަ، މިސަރުކާރުން މިހާރު މަގުތައް ތާރުއަޅާ، ޒަމާނީ ފެންވަރަށް ހަދާ ނިމިއްޖައީސް ނޫންތޯއެވެ؟ މިވީ ދެ އަހަރު އެންމެ މަގެއް ފިޔަވާ ނުހެދި އޮތީ، ކުރީ ސަރުކާރުން ބަޖެޓު ހުސްކޮށްލީމައެވެ. އަދިވެސް ސަރުކާރުގައި ކުރީ ސަރުކާރުގެ މީހުން ތިބީމައެވެ. ކިހާ ދެރަތޯއެވެ. އެހެން ނޫން ނަމަ، މިއަދު ސައިކަލެއްގެ ޝޮކު ވިހިތިރީސް އަހަރަށް ބޭނުންކުރެވޭނެ ދެއްތޯއެވެ.

ރައީސް ޔާމީންގެ ޒަޢާމަތުގައި، ވަޒީރު ފެންވަރުގައި 18 މީހުން ތިބީމައި، އެއީ އެމަނިކުފާނު ކުރެއްވި މަޢާފުނުކުރެވޭ ވަރުގެ ބޮޑު އިސްރާފެކެވެ. ސިޔާސީ މަޤާމުތަކުގައި މީހުން މާބޮޑަށްވެސް ގިނަކަމަށާއި، އެއީ ތަރައްޤީއަށް ބޭނުންކުރަން ހުރި މަދު ފައިސާކޮޅު ނަހަމަގޮތުގައި ހޭދަކުރުންކަމަށް ނޫސްތަކުގައި ލިޔެފައި އޮއްވާ ދުށީމެވެ. ދޮގެއްވެސް ނޫން ދެއްތޯއެވެ. އެމަނިކުފާނުގެ ކުރިން، އެއް ލެޕްޓޮޕާއި، މާރުކޭޓު ގޮޅިއެއް އަދި ދެ ރިސޯޓުން، ފަސޭހަކަމާއި، ޤާބިލުކަމާއި ކާމިޔާބުކަމާއެކު ސަރުކާރު ހިންގި ވެރިއެއް ދިވެހިން ތަޖުރިބާކުރި ދެއްތޯއެވެ؟

މިއަދު، ވަޒީރު ފެންވަރުގައި 29 ބޭފުޅުން، ކުރިއަށްވުރެ މުސާރައާއި އިނާޔަތްތައް ބޮޑުކޮށް، ކަނޑައަޅާފައި އެބަތިއްބެއެވެ. އެވާހަކަ އަހާލީމައި ޖަވާބުގައި ބުނަނީ އެއީ ޤައުމު ހިންގަން ކޮންމެހެން ބޭނުންތެރި ބައެއް ކަމަށެވެ. ސިޔާސީ މުވައްޒަފުންނާއި އެ މުވައްޒަފުންނަށް ދެވޭ މުސާރައިގެ ޖުމްލަ ކުރީ ސަރުކާރާ އަޅާބަލާލާއިރު ދެގުނައަށް އިތުރުވީމާ، އެސުވާލު ކޮށްލުމުން ޖަވާބުގައި ބުނަނީ އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ޤާނޫނީ އިޚްތިޔާރެއް ކަމަށެވެ. އެއީ ވަޒީފާގެ ފުރުޞަތު އިތުރުކުރުމުގެ ގޮތުން ކުރެވޭ މާތް މަސައްކަތެއް ކަމަށެވެ. އަދި، ބަލަންވީ ނަތީޖާއަށް ކަމަށެވެ. ނަތީޖާ ޙާޞިލުކުރެވޭނީ ތަނެއްދޮރެއް ނޭނގޭ، ދެފުރާޅު ޖެހުނު ތާކުން އަކުރެއް އުނގެނިފައިނުވާ ހާލުގެ، ކުށްކުށަށް އަރައިގަތުމަށް ދެވިހިފާފައި ތިބި އެތައް ޕާޓީ އެކްޓިވިސްޓުންނަކަށް ވަޒީފާ ދީގެން ކަމަށްވެއެވެ.

ދުންޔާ މައުމޫނަށް މިނިސްޓަރުކަން ދެއްވާ ޣައްސާން މައުމޫނަށް ސްޓޭޓް މިނިސްޓަރުކަން ދެއްވުން، ރައީސް ޔާމީން އެކުރެއްވީ "އާއިލީ ވެރިކަމެއް" ކަމަށް ގޮވިއެވެ. ދެ ބޭފުޅުންނަކީވެސް އެތައް ދަރަޖައަކަށް ކިޔަވާ ވިދާޅުވެގެން ތިއްބެވި، ޒުވާން، ޤާބިލު، ތަޖުރިބާކާރު ބޭފުޅުންނަށް ވިއަސް، އެއީ ޑެމޮކްރަސީގެ އުޞޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށްވިއެވެ.

މިއަދު، މުޅި ސަރުކާރު ބިނާވެފައި މިއޮތީ ރައީސް ޞާލިޚްގެ ދެކަނބަލުންގެ ޢާއިލާއާއި ރައީސް ނަޝީދުގެ ޢާއިލާގެ މައްޗަށެވެ. އެއްބަނޑު ތިމާގެ މީހުންނާއި، ޅިޔަން ފަހަރިންނާއި، ދުރުތާ ތިމާގެ މީހުންނާއި، އެ ގޭގޭތެރެއަށް ވަދެނުކުމެ އުޅޭ މީހުންނާއި، ތަންގަނޑު މީހުންވެސް ސަރުކާރާއި ކުންފުނިތަކުގެ އެންމެ ބޮޑެތި މަޤާމުތަކުގައި އެބަ ތިއްބެވެ. ނޫސްތަކުން ބުނާ ގޮތުގައި، ކަން ވާނީ ހަމަ އެހެންނެވެ. ހައިރާންވެ، އަޖާއިބުވެ، ނުރުހެންވީ ކަމެއް ނޫނެވެ. އެބޭފުޅުންގެ ޢާއިލާތައް ހަމަ ބޮޑީއެވެ. ޤައުމުގައި ތަނެއް ދޮރެއް ފިލާ މީހަކު ހުރިއްޔާ، ހަމަ އިއްތިފާޤުން، އެބޭފުޅުންނާ ތިމާގެ ބަޔަކީއެވެ. އަނެއްކޮޅުން، ޤައުމުވެސް ކުޑައީ ނޫންތޯއެވެ. އަދި، ކިޔެއްތޯއެވެ. ގާތް މީހުންނަކީ އެންމެ އިތުބާރު ކުރެވޭނެ ވަފާތެރި މީހުން ދެއްތޯއެވެ. ވީމާ، މިއަދު މިއޮތީ ސަރުކާރުން ނަތީޖާ ނެރެވޭނެ ފުރުޞަތު މާބޮޑަށްވެސް ބޮޑުވެފައިތާއެވެ. ރައްޔިތުން ޝުކުރުވެރި ނުވާންވީ ސަބަބެއް ފަހެ ނުވިސްނުނެވެ. މޮޅީ ސެލްފީ ނަންގަވާން އެކަންޏެއް ނޫނެވެ. ގާތްތިމާގެ މީހުންނަށް ކަމޭހިތާ، އޯގާތެރިވާން ދީނުގައި އަމުރުކޮށްފައި އޮވޭ ނޫންތޯއެވެ. މިއަށްވުރެ ފަހެ ކަމޭހިތާ، އޯގާތެރި ވެރިއަކު ވާނެބާވައެވެ؟

މި ލިސްޓު ދިގުކުރަމުން ދިގުކުރަމުން ގޮސް، ބޮޑުސިންގާ ފޮތަކާ އެއްވަރަށްވެސް އަޅުގަނޑު ދިގުކޮށްފާނަމެވެ. އެހެން ނަމަވެސް، ދަންނަވާ ވާހަކަ މިވަރުން ސާފުވެ، ޞަރީޙަ ވެއްޖެކަމަށް ޤަބޫލުކުރެވޭތީ މި ހިސާބުން ދެން ނިންމާލާނަމެވެ.

އިނގިރޭސިބަހުގައި އޮންނަ ބަހެއް ޙިއްޞާކޮށްލާނަމެވެ. އެއީ "ހިޕޮކްރިސީ" އެވެ. މިބަހުގެ ދިވެހި މާނަ ނުވަތަ ތަރުޖަމާ އެއް އަޅުގަނޑަކަށް ނުވިސްނުނެވެ. މިއުނިކަމާމެދު މަޢާފުކުރައްވާށެވެ. ދިވެހި ބަހުން ގެންނަން މަސައްކަތް ކުރުމުގެ ތެރެއިން، އޭގެ އަސްލު މާނަ އޮޅިގެން ނުދާނެ ފަދަ ބަހެއް ނުވަތަ ބަސްތަކެއް ނުވިސްނޭތީ، ޤަސްދުކުރަނީ އިނގިރޭސިބަހެއްގެ ގޮތުގައި ބޭއްވުމަށެވެ. ވަށައިގެން މިފެންނަ 'ޓްރާންސްޕޭރަންސީ' ވުން އަޅުގަނޑު ސިފަކުރަނީ ހަމަ "ހިޕޮކްރިސީ"ގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1113

2 Responses

  1. ތަރުޖަމާނުކަން ކުރެއްވި ޒަމާނުއްސުރެ މިބޭފުޅާ އަކީ ވާހަކަފުޅު ދައްކަވަން ކުޅަދާނަ ބޭފުޅެއްކަން ދެނަހުރިން. މިހާ ކުޅަދާނަ ލިޔުންތެރިއެއްކަން މި އެނގުނީ މިނޫހުގައި ލިޔުއްވަން ފެއްޓެވީމައި. އާދަޔާހިލާފު މޮޅު ދިރާސީ އިލްމީ ލިޔުންތައް ގެނެސްދެއްވާ. ޝުކުރިއްޔާ މުންދު.

  2. ވަރަށްވެސް ކިޔާހިއްވާ "މަޖާބައި" ވެސް ހިމަނާލާފައިވާ މޮޅު ލިޔުމެއް. މިފަދަ ލިޔުންތައް ގިނައިން ޝާއިޢު ކުރެއްވުމަކީ މުހިއްމު ކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *