...

Support Us

"އިންޑިޔާއާއި އެމެރިކާއިން ރާއްޖެ ސަލާމަތް ކޮށްދޭނެ."

ސުރުޚީގައި އެވަނީ އަޅުގަނޑުގެ ޢިބާރާތެއް ނޫނެވެ. އެއީ ދާދި ފަހުން ރާއްޖޭގެ ކެބިނެޓަށް ޢައްޔަންކުރެއްވި ޢިއްޒަތްތެރި ވަޒީރެއްގެ ބަސްފުޅެކެވެ. މި ބަސްފުޅު މި އިޢުލާނުކުރެވުނީ ރާއްޖެއާއި އިންޑިއާ ސަރުކާރާއެކު ވަރަށް ސިއްރު އެއްބަސްވުންތަކެއް ޤާއިމުކުރެވިފައިވާ ކަމަށް އަޑު އިވޭ ދުވަސް ވަރެއްގައެވެ. އަދި ރާއްޖޭގެ ތިން ހިސާބެއްގައި އިންޑިއާ ސިފައި ޤާއިމުވެފައި ތިބި ދުވަސްވަރެއްގައެވެ. މި ކަމާ ދެކޮޅަށް "އިންޑިއާގެ އަސްކަރީން ބޭރުކުރާށޭ!" ގޮވައިލެވޭ އަޑުން މީސްމީޑިއާ ގުގުމައިލައިފައިވާ ދުވަސްވަރެއްގައި ވެސް މެއެވެ.

ބޮޑުން ވިދާޅުވަނީ ރާއްޖޭގެ އިސްތިޤުލާލު ޙިމާޔަތްކުރައްވާނެ ވާހަކައެވެ. ރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލު ގެއްލޭ ފަދަ އެއްބަސްވުމެއްގައި ސޮއި ނުކުރައްވާ ވާހަކައެވެ. ރައްޔިތުން(ގެ ތެރެއިން ގިނަ މީހުން) ބުނަމުން ދަނީ ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އިސްތިޤުލާލާއި ސިޔާދަތު ގެއްލޭނެ އެއްބަސްވުންތަކެއް ކަމަށެވެ. ދެ ފަރާތުގެ ބުނުމަށް ބަލާއިރު، ރައްޔިތުންގެ ބުނުމަށް ބުރަވާންޖެހެއެވެ. ތިން ސަބަބަކަށް ޓަކައެވެ. އެއް ސަބަބަކީ މި ފަދަ ކޮންމެ އެއްބަސްވުމަކީ އދ. ގައި ރަޖިސްޓަރީކޮށް ޝާއިޢުކުރާންޖެހޭ އެއްޗެއް ކަމަށް އދ.ގެ ދުސްތޫރު (ޗާޓަރ)ގައި ބަޔާންކޮށްފައި ވިޔަސް އެކަން ނުކުރަށްވާ ކަމެވެ. ދެވަނަ ސަބަބަކީ މި ފަދަ ކޮންމެ އެއްބަސްވުމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރާންޖެހޭނެ ކަމަށް ޤާނޫނުއަސާސީގައި އޮތަސް އެކަމެއް ވެސް ނުކުރައްވާކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވުމެވެ. ތިންވަނަ ސަބަބަކީ މި އެގްރީމެންޓްތައް ހޯދުމުގެ ޙައްޤަކީ ޤާނޫނު އަސާސީންނާއި ޤާނޫނުން ރައްޔިތުންނަށް ދީފައިވާ ޙައްޤެއް ކަމަށް ވިޔަސް މި ޙައްޤު ހޯދާން އުޅުނު މީހަކަށް މި ޙައްޤު ލިބިދީފައި ނުވުމެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރު ކޮށްދެއްވާން ދައުލަތުގެ ފައިސާއިން ބޮޑު މުސާރައާއި ބޮޑެތި ޢިނާޔަތްތައް އަރުވައިފައިވާ ކޮމިޝަނަރު ވެސް ވިދާޅުވަނީ އެ މަޢުލޫމާތު ހާމަކުރާކަށް ނުޖެހޭނެކަމަށެވެ. މި ގޮތަށް ކޮމިޝަނަރު ނިންމެވީ ޤާނޫނީ ކޮން އަސާސެއްގެ މައްޗަށްކަން ނޭނގުނަސް، އެ ހުޅުއްވައިދެއްވީ ވަރަށް ލާދީމުޤްރާޠީ ފުރުޞަތެކެވެ. އެ ނިންމެވުމުގެ ސަބަބުން ދައުލަތުގެ އެއްވެސް މަޢުލޫމާތެއް ހާމަނުކޮށް ހިފެހެއްޓުން "ހުއްދަވީ"އެވެ. "ޤައުމީ ސަލާމަތަށް ނުރައްކަލޭ" ބުނެލުމުގެ ބަހަނާގައެވެ. އެހެންނަމަވެސް ޤާނޫނުއަސާސީއާއި ޤާނޫނުން އަޅުގަނޑުމެން ރައްޔިތުންނަށް ފެންނަ ފެނުން ތަފާތެވެ. ރައްޔިތުން ބުނާ ބުނުމަށް ބުރަވާންޖެހެނީ މި ދެންނެވި ގިނަ ސަބަބުތަކާހުރެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕިއޯއާ ރައީސް ސޯލިހު ބައްދަލުކުރައްވަނީ

އަނެއްކޮޅުން ފެންނަ މަންޒަރުތަކަށް ބަލާއިރު ރާއްޖޭގެ ސިޔާދަތީ ބާރު މިހާރު ވެސް މި ވަނީ ނެތިފައެވެ. އެހެންނޫންނަމަ، އިޤްތިޞާދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި، ރާއްޖެއަށް މުހިއްމު ނޫން އެތައް މަޝްރޫޢުތަކެއް ރައްޔިތުން ޒިންމާވާންޖެހޭ ދަރަނި ފައިސާއިން ހިންގާކަށް ސަރުކާރަކުން ނޫޅުއްވީހެވެ. ސަރުކާރުން އެކަން ބޭނުންފުޅެއް ވެސް ނުވާނެއެވެ. ނަމަވެސް ސިޔާދަތީ ބާރު ނެތިއްޔާ ކުރައްވާނެ ކަމެއް ސަރުކާރަކަށް ވެސް ނޯންނާނެތާއެވެ. އަޅުގަނޑު މި އިޝާރާތްކުރަނީ ސަރުކާރުން އެތައް މިލިޔަން ޑޮލަރެއްގެ ދަރަނި، ވަކި ގައުމަކުން ނަންގަވައިގެން އެ ގައުމުގެ އެއް ނަންބަރު ކުޅިވަޅު ކުޅޭނެ އިސްޓޭޑިއަމެއް އަޅުއްވާން އުޅުއްވާ ވާހަކައަށެވެ. އެ ބަޔެއްގެ ހިލޭ އެހީގައި އެކަން ކުރާ ނަމަ ވެސް އެންމެ ރަނގަޅޭ ދެންނެވިދާނެއެވެ. ނަމަވެސް ދައުލަތުން ބޮޑު ސޫދާއެކު ދަރަންޏަށް ފައިސާ ނަގައިގެން، އެހެން ބަޔަކަށް ބޭނުންވާ ކަމެއް ކުރުމަކީ ކޮންފަދަ އަޅުވެތިކަމެއްތޯއެވެ! ކިހާބޮޑު ނިކަމެތި ކަމެއްތޯއެވެ!

އަނެއްކޮޅުން ބަލާއިރު، އަލުންބަލުން، (ވުޖޫދުގައި ނެތް) އެއަރޕޯޓެއް ބިނާކުރާން ބޭނުންވާ ވަރުގެ ބޮޑު ދަރަންޏެއް ދިވެހި ދައުލަތުން ޒިންމާވާން ޖެހޭ ގޮތަށް ވަކި ގައުމަކުން ނަގައިގެން މިހާރު ހިނގަހިނގައި އޮތް އެއަރޕޯޓެއްގެ ހަމައެކަނި ރަންވޭ ބޮޑުކޮށް، ދިވެހީންނަށް ބާރެއް ނޯންނަ ގޮތަށް، އެ ދަރަނި ދިން ގައުމުގެ ޢަސްކަރީ ބޭނުމަށް ދިނުމަކީ ވެސް ދިވެހި ޤައުމުގެ ސިޔާދަތެއް ނެތްކަން ދޭހަވާ ކަމެކެވެ. އަދި ރާއްޖޭގައި ސިޔާދަތީ ބާރެއް އޮތްނަމަ، ނުވަތަ ޤައުމުގެ ހެވަތަށް ވިސްނާނަމަ، ދައުލަތުން ޒިންމާވާ ގޮތަށް ވަކި ގައުމަކުން ބޮޑު ސޫދަކާއެކު ދަރަންޏަށް ފައިސާ ނަގައިގެން ރާއްޖެއަށް އަމްދަނީ ލިބޭނެ މުހިއްމު ވަސީލަތެއް ކަމުގައިވާ ވިޔަފާރި ބަނދަރު، ތިލަފުށި ފިޔަވައި، ގުޅިފަޅުގައި ތަރައްޤީކޮށް ދިވެހީންނަށް މަންފާއެއް ނެތް ގޮތަށް، އެ ތަނުން މަންފާ ހޯދާން އެހެން ގައުމެއްގެ ބަޔަކަށް ދޭކަށް ނުނިންމަވާނެއެވެ. އަނެއްކޮޅުން، އައްޑުއަތޮޅުގެ ފަތުރުވެރިކަން ހުއްޓައިލައްވައި ނުވަތަ ހުއްޓިފައި އޮއްވައި، ގަމުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު، ބޭރު ބަޔަކު އަސްކަރީ ބޭނުމަކަށް ދިގު މުއްދަތަކަށް ދޫކުރައްވާކަށް މަޖުބޫރެއް ނުވާނެއެވެ. އައްޑޫ ހިތަދޫ ބިމުގެ ބޮޑު ބައެއް، ފުލުހުން ތަމްރީނުކުރާ މަރުކަޒެއްގެ ނަމުގައި ބޭރު ޤައުމެއްގެ ޢަސްކަރީ މަރުކަޒެއް ބިނާކުރާކަށް ދުލެއް ނުކުރެއްވީހެވެ. މިއިން އެއްވެސް ކަމަކީ ސަރުކާރުން ވެސް ބޭނުންފުޅުވާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް ސިޔާދަތީ ބާރު ނެތިއްޔާ، މުސްތަޢުމަރުން ބުނާ ގޮތަށް ޢަމަލުކުރުން ނޫން ގޮތެއް ސަރުކާރަކަށް ވެސް ނޯންނާނެތާއެވެ.

އަދި ކުރީ ސަރުކާރުތަކުން ސޮއިކުރައްވާން ދެކޮޅުހައްދަވައިފައިވާ "ސްޓޭޓަސް އޮފް ފޯރސަސް އެގްރީމެންޓް (ސޯފާ)ގައި ސިއްރު ގޮތެއްގައި ސޮއިކުރެއްވުމުން ވެސް ރާއްޖޭގެ އިސްތިޤުލާލާއި ސިޔާދަތު ނިކަމެތިވެ ބަލިކަށިވެފައިވާ މިންވަރު ހާމަވެއެވެ. ސޯފާގައި ސޮއިކުރުމުން ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު "ފައިދާއެއް" ކަމަށް އިވިގެންދިޔަ ވާހަކައަކީ ދިވެހީންނަކީ މިއަދު ސިޔާދަތީ ބާރެއް ނެތް ބަޔެއްކަން އަޅުގަނޑަށް ސާބިތުވި ވާހަކައެކެވެ. ސޯފާގައި ސޮއިކުރުމުން ރާއްޖެއަށް ލިބޭނެ ފައިދާއަކީތޯއެވެ! "އިންޑިޔާއާއި އެމެރިކާއާ ދެމެދު ޗައިނާއާ ދެކޮޅަށް ހަދައިފައި އޮތް ދިފާއީ އިއްތިހާދެއްގައި ބައިވެރި ވުމުގެ ފުރުސަތު" ލިބުމެވެ. ސުބްޙަނަﷲއެވެ! މިއީ ކޮންފަދަ ފައިދާއެއްތޯއެވެ؟ އިޤްތިޞާދީ މުޙައްލިލުން ބަޔާންކުރާ ގޮތުގައި 2050 ވަނަ އަހަރު އަންނަންވާއިރު، ޗައިނާ ވާނީ ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދީ ބާރަށެވެ. ސުޕަރ ޕަވަރަށެވެ. މިއަދު ވެސް އެއީ އިޤްތިޞާދީ ބާރެކެވެ. ޕީ.ޑަބްލިއު.ސީގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން (ނެގީ:28.10.2020 ގައި) ވާ ގޮތުން މިހާރު ޗައިނާގެ ޖީޑީޕީއަކީ 17632 ބިލިއަން އެމެރިކާ ޑޮލަރެވެ. އެމެރިކާގެ ޖީޑީޕީއަކީ 17416 ބިލިއަން އެމެރިކާ ޑޮލަރެވެ. އިންޑިއާގެ ޖީޑީޕީއަކީ 17138 ބިލިއަން ޔޫއެސް ޑޮލަރެވެ. އައިއެމްއެފާއި އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ) އިން ބޭނުންކުރާ ޚާޢްޞަ މިންގަނޑަށް ރިޢާޔަތްކޮށް އައިއެމްއެފު ބުނާގޮތުގައި މިހާރު އެމެރިކާގެ އިޤްތިޞާދުގެ މިންވަރަކީ 20.8 ޓްރިލިއަން ޑޮލަރެވެ. ސީނުކަރައިގެ އިޤްތިޞާދުގެ މިންވަރަކީ 24.2 ޓްރިލިއަން ޑޮލަރެވެ. ވޯރލްޑް އިކޮނޮމިކް އައުޓްލުކްގެ މަޢުލޫމާތާ ޙަވާލާދީ މީޑިއާއިން ހާމަވާ ގޮތުގައި 2050 އަންނައިރު އިންޑިއާގެ އިޤްތިޞާދު ބަނގްލާދޭޝްގެ އިޤްތިޞާދަށް ވުރެ ދަށަށް ދާނެއެވެ. އަދި 2050 އަންނަ އިރު އެމެރިކާގެ އިޤުތިޞާދު އިންޑިއާގެ އިޤުތިޞަދަށް ވުރެ ދަށަށް ދާނެއެވެ.

އަނެއްކޮޅުން ބަލާއިރު ޗައިނާއަކީ ރާއްޖެއަށް އެތައް އެހީއެއް ދީފައިވާ ޤައުމެކެވެ. ތާރީޚީ ލިޔުންތަކުން ފެންނަން ހުރި ގޮތުގައި ޤަދީމީ ޒަމާނުއްސުރެ ޗައިނާއާއެކު ރާއްޖެއިން ވަނީ ގުޅުން ޤާއިމުކޮށްފައެވެ. ޗައިނާގެ ޢުދުވާނެއް ނުވަތަ ނުނިޔަތެއް ދުވަހަކު ވެސް ރާއްޖެއަށް އައިސްފައެއް ނެތެވެ. މި ފަދަ ޤައުމަކާ ދެކޮޅަށް ތެދުވާ، އަދި ބަލިކަށިވަމުންދާ ދެ ގައުމަކާ ގުޅިގެން، ތެދުވާ ބަޔަކާ ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ރާއްޖެއަށް ލިބޭނެ ކޮންފަދަ "ފައިދާއެއް"ތޯއެވެ! މި ވިދާޅުވާ ފައިދާއެއް ހަމަ އުޅެއުޅެ ވެސް އަޅުގަނޑަކަށް ނުވިސްނުނެވެ. މި ކަމާ ގުޅިގެން ޤައުމާ މެދު ވިސްނާ ރައްޔިތުންގެ ކަންބޮޑުވުމުގެ ޝުޢޫރުތައް މީސްމީޑިއާގައި ބަންޑުންކޮށްލުމުން ދެން އިވުނީ އަޅުގަނޑު ސުރުޚީގައި ލިޔެފައިވާ ވާހަކައެވެ. އިންޑިޔާއާއި އެމެރިކާއިން ރާއްޖެ ސަލާމަތް ކޮށްދޭނެ ވާހަކައެވެ.

ރާއްޖެ ސަލާމަތްކޮށްދޭނެކަމަށް އެ ވިދާޅުވަނީ ކޮން ކަމަކުންތޯއެވެ؟ ހަމަގައިމު ވެސް ރާއްޖެއާ ޙަމަލާދޭކަށް ބަޔަކު ނޫޅެއެވެ. ރާއްޖެއާ ހަނގުރާމަ އިޢުލާނުކޮށްފައިވާ ޤައުމެއް ވެސް އަދި ނެތެވެ. ރާއްޖޭގެ ތާރީޚު ދިރާސާކުރުމުން އެނގެނީ ރާއްޖެއަށް ޙަމަލާއެއް އައި ނަމަ އައިސްފައިވަނީ ރާއްޖެ ސަލާމަތްކޮށްދޭނެ ކަމަށް އެ ބުނާ ދިމާއިންކަމެވެ. ދިމާ އުތުރުންކަމެވެ. ވީމާ، މި ބުނެވެނީ މަސް ގުދަނެއް ބުޅަލަކާ ހަވާލުކުރީމާ، އެ ސޮރު އެ މަސްގުދަން ސަލާމަތްކޮށްދޭނެ ވާހަކައާ އެއް ބާވަތެއްގެ ވާހަކައެކެވެ.

އެހެން ނަޒަރަކުން ވިސްނާއިރު، ރާއްޖެއިން ސަލާމާތްވާންޖެހޭ ބައިވަރު މައްސަލަތައް އެބަހުއްޓެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ރާއްޖެއަށް ވަނީ ޖެހިފައެވެ. އުތުރުކަރައާއި ސީނުކަރައިންނާއި އަދި މި ނޫނަސް އެކި ދިމަދިމާއިން ނަގައިފައިވާ ދަރަނިތަކުން ސަލާމަތްވެ، ރާއްޖޭގެ އިޤުތިޞާދު ނަގައްޓާން ވަނީ ޖެހިފައެވެ. ރާއްޖޭގައި ހިއްޕައިލައިފައި އޮތް ކޮރަޕްޝަނުގެ ވަކިތަކުން ރާއްޖެ ސަލާމަތްކުރާން ވަނީ ޖެހިފައެވެ. މަސައްކަތް ނުކޮށް އަތްއުރައިލައިގެން ތިބުމުގެ ސަގާފަތުން ރާއްޖެ ވަނީ ސަލާމަތްކުރާންޖެހިފައެވެ. ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިޔާވަހިކަމުގެ މައްސަލައިން ސަލާމަތްވާން ވަނީޖެހިފައެވެ. ރަށްރަށަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލައިން ސަލާމަތްވާން ވަނީޖެހިފައެވެ. ކުނީގެ މައްސަލައަކީ ވެސް ސަލާމަތްވާންޖެހިފައިވާ ކަމެކެވެ. ބޯފެނާއި ނަރުދަމާ ނިޒާޟުގެ މައްސަލަ ވަނީ ޙައްލުކުރާންޖެހިފައެވެ. ރާއްޖޭގެ އިޤުތިޞާދުގައި ވަކި ހިއްޕައިލައިފައިވާ ބިދޭސީންގެ މައްސަލައިން ވަނީ ސަލާމާތްވާންޖެހިފައެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭކަމަށް ލަފާކުރާ އެތައް ހާސް (ނުވަތަ ލައްކައަކަށްވުރެ ގިނަ) ބިދޭސިންގެ ކިބައިން ރާއްޖެ ވަނީ ސަލާމަތްކުރާންޖެހިފައެވެ. ޞިއްޙީ ފަރުވާއަށްޓަކައި ބޭރު ކަރަކަރައަށް ދިވެހީން ހޭދަކުރާ ފައިސާ ވަނީ ސަލާމާތްކުރާންޖެހިފައެވެ. ޞިއްޙީ ނިޒާމު ވަރުގަދަކޮށްގެންނެވެ. ރާއްޖޭގެ އިސްލާމީ ޢަޤީދާއަށް ލާދީނީ ހަރުކަށި ފިކުރުގެ މީހުން ފާޅުގައި ދޭ ޙަމަލާތަކުން ވަނީ ސަލާމަތްވާންޖެހިފައެވެ. މި ހުރިހާ މައްސަލަތަކަކުން ރާއްޖެ ވަނީ ސަލާމަތްވާނެ ގޮތެއް ހޯދާންޖެހިފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕިއޯ ރާއްޖެ ޒިޔާރަތްކުރައްވަނީ

އިސްވެ ދެންނެވުމުގެ ކަންކަމުން އެ މީހުން، (އެމެރިކާއާއި އިންޑިއާގެ އިއްތިޙާދުން) ދިވެހިރާއްޖެ ސަލާމަތްކޮށްދޭނެބާވައެވެ؟ ޤައުމުގެ ވެރިން، އެ ކަންކަން ކުރަން ނޫޅުއްވާ ކަމެއްގެ ތެރެއަށް  ބޭރުގެ ބަޔަކު ބޯ ބާނައިފާނެބާވައެވެ! އެ ބަޔެއްގެ ޤައުމުގެ މީހުންނަށާއި ޤައުމަށް ނޭދޭ ހެވެއް، ބޭރުގެ ބަޔަކު އެހެން ޤައުމަކަށް އެދިދާނެބާވައެވެ؟ އަދި އެ ޤައުމުގެ އެތައް މިލިއަން ރައްޔިތުންނަށް ހިޔާވަހިކަމެއް، އުނުއޮރިޔާން ނިވައިކޮށްލާނެ ފަދައެއް، ފަނޑުފުރާނަ މުއްތިކޮށްލާން އަނގައަށް ލާނެ އެއްޗެއް ނެދި މަގުމަތީގައި އުޅެމުންދާއިރު، އެހެންބަޔެއްގެ މި ފަދަ މައްސަލަތައް ޙައްލުކޮށްދީފާނެ ކަމަށް ވިސްނުމަކީ ވެސް ހަމަ ބުއްދި ހުރި މީހަކު ގަބޫލުކުރާނެ ކަންކަމެއް ނޫނެވެ.

ދެން، މި ދެންނެވި އިއްތިޙާދަށް އިތުރުވާނީ ހައްދު ފަހަނަޅައިފައިވާ އިސްރާއީލެވެ. މެދުއިރުމަތީގައި އިސްލާމީ މުޖުތަމަޢުގައި ކަން ހިނގަމުން ދާ ގޮތަށް ބަލާއިރު، ލަފާކުރެވެނީ އެމެރިކާގެ ޚާރިޖީ ވަޒީރު އިހަށް ދުވަހަކު  ރާއްޖެއަށް ކުރި ޒިޔާރަތުގެ ސިއްރުކުރެވިފައިވާ އެންމެ މުހިއްމު ބޭނުމަކަށްވާނެ ކަމަށް ބެލެވެނީ ޗައިނާއާ ދެކޮޅުވާން އެންގުމެވެ. އަދި ރާއްޖެއާއި އިޒުރޭލާ ސިޔާސީ ގުޅުން ގާއިމުކުރާން ބާރުއަޅައިފައިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިފަދަ އެންގުމެއް އަންގައި، ރާއްޖެއިން އާނބަސް ހޯދާން މިއީ ވަރަށް ވެސް އެކަށީގެންވާ ދަނޑިވަޅެކެވެ. މާ ބޮޑު ތަފްޞީލެއް ނުދެންނެވިޔަސް މިކަމުގެ ސަބަބާއި ސިއްރު އެއީ އެންމެންނަށް އެނގޭނޭ ކަންކަމެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް އައުމުގެ މައިގަނޑު ބޭނުމަކަށްވާނީ މި ކަންކަން ހަމަޖެއްސުން ކަމަށް ބެލެވިދާނެއެވެ. ރާއްޖޭގެ ޢަސްކަރީ، އިޤްތިޞާދީ އަދި ޚާރިސީ ސިޔާދަތު އޮތީ އިންޑިއާގެ ބާރުގެ ދަށުގައިކަމަށްބެލެވޭތީ، އިންޑިއާއިން އެ ކަންކަމަށް ބާރުއަޅައި، އެމެރިކާއަށް އެހީތެރިކަމުގެ އަތެއް ފޯރުވައިފި ނަމަ މިއަދުގެ ސަރުކާރަށް ނޫނެކޭއެއް ނުބުނުވޭނެކަން އެމެރިކާ ދަނެއެވެ. ނަމަވެސް މިކަން ކުރާނީ ސިއްރު ގޮތެއްގައެވެ. އެ ފަދަ އެގްރީމެންޓްތައް ހާމަކުރުމަކީ ޤާނޫނީ ގޮތުން ލާޒިމުކަމަކަސް، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ ޕަވަރގެ ސަބަބުން ޢަދުލުއިންސާފުގެ ބާރާއި ދިފާޢީ ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ ހުރިހާ ބާރެއް ސަރުކާރަށް އޮތުމުން، ޤާނޫނަށް ޢަމަލު ނުކުރިޔަސް ވާނެ ކަމެއް ނޯންނާނެކަން ސަރުކާރަށް އެނގޭތީ، އެ ފަދަ އެއްބަސްވުންތައް ހާމައެއް ނުކުރާނެއެވެ. ތަޖުރިބާއިން އެނގެނީ ރާއްޖޭގައި ޑިމޮކްރެސީއާއި އިންސާނީ ހައްޤާއި ޢަދުލު އިންސާފާއި ހަމަހަމަކަމާއި ތެދުވެރިކަމާއި އަމާނަތްތެރިކަމަކީ ހަމައެކަނި ލިޔުމުން ޒީނަތްތެރިކުރެވިފައިވާ ނަންތަކެއްކަމެވެ. އަޑުން އިއްވާ ލަފުޒުތަކެއްކަމެވެ. ތަންފީޛު ކުރާން ޖެހޭ ކަންކަމެއް ނޫންކަމެވެ. ރަސްމީ ހައިސިއްޔަތަކުން އެކަންކަން ތަންފީޒުކުރާން އުޅޭ މީހުންނަށް ގިނަ ފަހަރަށް ލިބޭނީ އަނިޔާއެވެ. ނުވަތަ ބައްދަލުކުރާނީ ޖަލެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ކުރީންސުރެ އޮންނަނީ ރާއްޖޭގެ އިސްތިޤުލާލާއި ސިޔާދަތަށް އިޙުތިރާމްކުރާ ކޮންމެ ޤައުމަކާ ގުޅުން ބަދަހިކޮށް ދުނިޔޭގެ ބޮޑެތިބާރުތަކުގެ ތެރެއިން ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތެކެވެ. ނަމަވެސް މިއަދު މިއިވެނީ ރާއްޖެއަށް ނުހަނު އެހީވާ، އަދި ދުނިޔޭގައި އދ. ގައި ވީޓޯކުރުމުގެ ބާރު ލިބިފައިވާ ޗައިނާއާ އިދިކޮޅަށް ސީދާ މަސައްކަތްކުރާ ބަޔެއްގެ ބައިވެރިއެއްގެ ގޮތުން މަސައްކަތްކުރުމަކީ ރާއްޖެއަށް ލިބޭނެ ފައިދާއެއް ކަމަށެވެ. އެ ގޮތަށް މަސައްކަތްކުރީމާ "ރާއްޖެ ސަލާމަތްކުރާނެ" ވާހަކައެވެ.  ނަމަވެސް އެ ސަލާމަތްކުރަނީ ކޮން ކަމަކުން ކަމެއް ވިދާޅެއް ނުވެއެވެ. އަޅުގަނޑު އިސްވެ ދެންނެވި، ރާއްޖެއަށް ކުރިމަތިވެފައިވާ، ހުރިހާ މައްސަލަތަކަކުން ސަލާމަތް ވެއްޖެ ނަމަ، މައްސަލައެއް ނެތްތާއެވެ.

އެމެރިކާއާއި އިންޑިއާ ގުޅިގެން އުފައްދާ އިއްތިޙާދެއްގައި ރާއްޖެ ބައިވެރިވުމަކީ، ޗައިނާއާއި ޕާކިސްތާނާއި ރަޝިޔާ ފަދަ ޤައުމުތަކާ ދެކޮޅަށް ދުޝްމަނުކަން އިޢުލާންކުރުމެވެ. ނަމަވެސް ރަޙުމަތްތެރި ކަމުގެ ގޮތުން ބަދަލެއް ނޭދި ހަދިޔާއެއްގެ ގޮތުން، އިސްވެ ދެންނެވި މައްސަލަތަކުން ރާއްޖެ ސަލާމަތް ކޮށްދޭން މާޒީގައި މަސައްކަތްކޮށްފައިވާ ޤައުމުތަކުގެ އެންމެކުރީ ސަފުގައި ޗައިނާއާއި ޖަޕާނާއި ޕާކިސްތާނު ހިމެނެއެވެ. ބަދަލަކަށް ނޭދި ހިލޭ ސާބަހަށް މި ފަދަ ކަމެއް، މީގެ ކުރިއަކުން، އެމެރިކާއަކުން އިންޑިއާއަކުން ކޮށްދީފައެއް ނެތެވެ. ވީމާ، ރާއްޖެއަށް ކުރިމަތިވެފައިވާ، އިސްވެ ދަންނަވައިލެވިފައިވާ ގިނަގުނަ މައްސަލަތަކުން، ޗައިނާގެ ޢަދުއްވަކަށް ވެގެން އެމެރިކާއާއި އިންޑިއާގެ އިއްތިޙާދުގައި ބައިވެރިވެގެން، "އިންޑިޔާއާއި އެމެރިކާއިން ރާއްޖެ ސަލާމަތް ކޮށްދޭނެ"ގޮތެއް ހަމަ އެއް ގޮތަކަށް ވެސް ނުވިސްނެއެވެ. އެ ގޮތެއް ވިދާޅުވެދެއްވާނެ ނަމަ ހާދަހާ ރަނގަޅެވެ.

ދިވެހީންނާއި ސީނުކަރައާ ދެމެދު ވަރަށް ވަރުގަދަ ގުޅުމެއް އެންމެ އިހު ޒަމާނުގައި ވެސް އޮތްކަން ތާރީޚީ ލިޔުންތަކުން އެބަ އެނގެއެވެ. 1645 މ. އާއި 1739 މ. އާ ދެމެދު ލިޔެވިފައިވާ ރަސްމީ ތާރީޚުގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި މަންދޫބަކު ސީނު ރަސްގެފާނުގެ ދަރުބާރަށް ޒިޔާރަތްކުރި ކަމަށާއި ސީނުކަރައިގެ ސަފީރަކު ރާއްޖެއަށް ފޮނުވުނު ކަމަށްވެސް އޮވެއެވެ.  ދިވެހީންގެ ހައިބަތާއި ޤަދަރު އޭރުވެސް ސީނުކަރައިގައި ފެތުރިފައި އޮތްކަން މި ފަދަ އެތައް ލިޔުމަކުން ސާބިތުވެއެވެ. ދިވެހި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ސީނުކަރައިން އޭރުވެސް އިޙުތިރާމްކުރިކަން އެނގެއެވެ. އަދި މިފަދަ ތާރީޚީ ލިޔުންތަކުން އެނގި ހާމަވާ އަނެއް ޙަޤީޤަތަކީ ދިވެހިރާއްޖެއަކީ އެންމެ ކުރީއްސުރެ ވެސް މިނިވަން މުސްތަޤިއްކު ޤައުމެއް ކަމާއި މި މިނިވަންކަމަށް ސީނުކަރަ އަބަދުވެސް އިޙުތިރާމްކުރިކަމެވެ. ދިވެހިރާއްޖެއިން 1965 ވަނަ އަހަރު މިނިވަންކަން އިޢުލާންކުރުމާއެކު އެންމެ ފުރަތަމަ ރާއްޖޭގެ މިނިވަންކަން ގަބޫލުކޮށް މަރުޙަބާކީ ތިން ޤައުމުގެ ތެރޭގައި ޗައިނާ ހިމެނުނެވެ. މިކަމަށް މަލާމާތްކޮށްފައި ލިޔެފައި ހުރީ ކޮން ޤައުމަކުންކަން ވެސް ލިޔުންތަކުން އެހެރީ ފެންނާށެވެ. މި ދެންނެވި ގައުމުން ރާއްޖޭގެ މިނިވަންކަން ގަބޫލުކުރީ ވެސް މާ ފަހުންނެވެ.

ޤަދީމީ ޒަމާނުން ފެށިގެން ސީނުކަރައާއި ދިވެހިރާއްޖެއާ ދެމެދު އެކި މައިދާނުގައި ގުޅުންތަކެއް ޤާއިމުވެފައި ހުއްޓަސް މި ޒަމާނުގެ ޒަމާނީ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ އަދި މިވަނީ ފަންސާސް ދެ އަހަރެވެ. ފަންސާސް ދެ އަހަރު ފުރުނީ މި އޮކްޓޯބަރ މަހު 14 ގައެވެ. މި ވޭތުވެދިޔަ ބައި ޤަރުނުގެ ތެރޭގައި މަތީ ފެންވަރުގެ ވަފުދުތައް ވަނީ އެއް ޤައުމުން އަނެއް ޤައުމަށް ޒިޔާރަތްކޮށްފައެވެ. އެތައް އެހީތަކެއް ޗައިނާއިން ރާއްޖެއަށް ވަނީ ދީފައެވެ. މީގެ ތަފުޞީލުތައް ނުދެންނެވިޔަސް ބަދަލަކަށް ނޭދި ހިލޭ ސާބަހަށް ކޮށްދީފައި ހުރި ކަންތައް ވެސް އެހެރީ ދިމާއަށް ފެންނާށެވެ. ވީމާ ކުރީން ވެސް ދެންނެވި ފަދައިން ޗައިނާގެ ޢަދުއްވަކަށް ވެގެން އެމެރިކާއާއި އިންޑިއާގެ އިއްތިޙާދުގައި ބައިވެރިވެގެން، ރާއްޖެއަށް ލިބޭނެ ފައިދާއެއް ނުފެނެއެވެ. "އިންޑިޔާއާއި އެމެރިކާއިން ރާއްޖެ ސަލާމަތް ކޮށްދޭނެ" ގޮތެއް، ސަލާމަތް ކޮށްދޭނެ ކަމެއް، ހަމަ އެއް ގޮތަކަށް ވެސް ނުވިސްނެއެވެ. އެ ގޮތެއް ނުވަތަ އެކަމެއް، ވިދާޅުވެދެއްވާނެ ނަމަ ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ލިބުނީސްތާއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.