ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން ގާނޫނު އަސާސީ އިސްލާހުކުރަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލިހަށް ހުށަހެޅުއްވި ބިލް އެމް.ޑީ.ޕީ މެމްބަރުންގެ ވޯޓުން ތަޅުމުން ބޭރުކޮށްލައިފިއެވެ.
މި ބިލް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމުން، 63 މެމްބަރުން ތިއްބެވި ޖަލްސާގައި އެމް.ޑީި.ޕީގެ 50 މެމްބަރުން ވަނީ ރަތް ޖައްސަވައިފައެވެ. ފެހި ޖެއްސެވީ 13 މެމްބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވިއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ތޯރިގު ހުށަހެޅުއްވީ އެ ކޮމިޝަނަށް ސަރުކާރާއި މަޖިލީހުގެ ނުފޫޒު ފޯރާތީ ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލު ކަމަށް ހުރަސް އެޅޭތީ ކަމަށް ވިދާޅުވެއެވެ.
މިނިވަންކަމާ އެކު ތިން ބާރު ވަކިން ހިންގުމުގެ ފުރުސަތު ގާނޫނުއަސާސީން ލިބޭއިރު، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ހަމަ މަގުގައި ހިފަހައްޓަން އޮންނަ ޖޭއެސްސީ އެކުލަވާލުމުގައި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ތަމްސީލުކުރަނީ ސިޔާސީ ބޭފުޅުން ކަމަށާއި އެ ބޭފުޅުން ބައިވެރިވެގެން ޖޭއެސްސީން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކަށް ނުރަނގަޅު ސިޔާސީ ނުފޫޒު ވަންނަ ކަމަށް ބިލްގައި ތޯރިގު ވިދާޅުވެފައިވެ އެވެ. އަދި ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ ޖުރިސްޓިކްޝަންތަކުގެ ޖުޑީޝަލް ކައުންސިލްތަކާއި ޖުޑީޝަލް ކޮމިޝަންތައް އެކުލަވާލުވުމުގައި ރިއާޔަތްކޮށްފައިވާ ހަމަތަކަށް ބަލައި، ނުރަނގަޅު ސިޔާސީ ނުފޫޒާއި ބާރުން އެކަހެރިވެ، ޕްރޮފެޝަނަލް ގޮތެއްގައި ޖުޑީޝަލް ސާވިސް ކޮމީޝަން މަސައްކަތްކުރުމުގެ މާހައުލު ގާއިމްކުރުމުގެ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިގެންވާ ގޮތް ބަދަލު ކުރުމަށް ބޭނުންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޖޭއެސްސީގައި 10 މެމްބަރަކު ހިމެނެއެވެ. މަގާމުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި މި ވަގުތު ތިއްބަވަނީ ހަތަރު ބޭފުޅުންނެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހެވެ. ޖޭއެސްސީގައި ދެން ތިއްބެވީ ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިނާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އަދި ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އައިޝާ ޝުޖޫން މުހައްމަދާއި ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އަލީ ސަމީރާއި ދަށު ފަނޑިޔާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާއި އާއްމުންގެ ތެރެއިން އިންތިހާބުކުރެއްވި އައިމިނަތު އުއްމުކުލްޘޫމް އަދި ވަކީލުންގެ ތެރެއިން އިންތިހާބުކުރެއްވި އަބްދުލްމާނިއު ހުސެއިނެވެ.
ތޯރިގު ހުށަހެޅުއްވި އިސްލާހުގައި ޖޭއެސްސީގައި ތިބޭނީ އުއްތަމަ ފަނޑިޔާރާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރަކާއި ރިޓަޔާކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި ވަކީލުންގެ ތެރެއިން ބޭފުޅަކާއި ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތް ކިޔަވައިދޭ ލެކްޗަރާއަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސް ހުށަހަޅުއްވައި، މަޖިލީހުން ރުހުންދޭ މެމްބަރެކެވެ.
އިސްލާހުގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ފިޔަވައި ބާކީ ތިއްބެވި ބޭފުޅުންނަށް ޖޭއެސްސީގެ މެމްބަރުކަން ކުރެއްވޭނީ ފަސް އަހަރުގެ އެއް ދައުރެވެ. ދައުރު ހަމަވުމުން އެ ބޭފުޅަކަށް ޖޭއެސްސީގެ މެމްބަރުކަމުގެ އިތުރު ދައުރެއް އަދައެއް ނުކުރެވޭނެއެވެ.



advertisment
One Response
އެމްޑީޕީގެ މަޖްލިސް މެންބަރުން ޝާރުޢީ ދާއިރާ ބައްކުރަން ބޭނުންވާކަމާއި އިސްލާހެއް ގެންނަން ބޭނުންނުވާކަން މިއަދު މުޅިދުނިޔެއަށް ސާބިތުވެގެން ހިނގައްޖެ. އެމްޑީޕީއަކީ ޝަރުޢީ ދާއިރާގެ ހަލާކު.