ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި އިންނަވަނިކޮށް ކުއްލިއަކަށް ހާލުކޮޅު ބޮޑުވެގެން އޭ.ޑީ.ކޭ ހޮސްޕިޓަލްގެ އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ހާލުކޮޅު މިހާރު "ސްޓޭބަލް" ކަމަށާއި ޝިޔާމަށް ސްޓްރޯކެއް ނުޖެހޭ ކަމަށް ޕީ.ޕީ.އެމްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
"މަޖިލިސްގައި އިންނަވަނިކޮށް ހުންގަދަވެގެން ޝިޔާމް ކުއްލިއަކަށް ހޮސްޕިޓަލަށް ވަޑައިގެންނެވީ އެހެން ބޭފުޅުންގެ އެހީތެރިކަމާއެކު. މިހާރު ހާލުކޮޅު ސްޓޭބަލް. އިތުރު ޓެސްޓްތައް ހަދަމުން އަންނަނީ،" އޭނާ ވިދާޅުވިއެވެ.
ޝިޔާމަށް ސްޓްރޯކެއް ޖެހުނީ ކަމަށް ފަތުރަމުންދާ ވާހަކަތައް އޭނާ ދޮގު ކުރެއްވިއެވެ.
"އެއީ ސްޓްރޯކެއް ނޫން. ހަމަ ހުން ގަދަވީ ކަމަށް ވަނީ،" އޭނާ ވިދާޅުވިއެވެ.
ޝިޔާމަށް ފަރުވާ ދެމުން އަންނަނީ އޭ.ޑީ.ކޭ އިމަޖެންސީގައެވެ. މަޖިލިސްގެ ޕީ.ޕީއެމް/ޕީ.އެން.ސީ މެމްބަރުންނާއި ޕާޓީގެ އިސް ބައެއް ބޭފުޅުން އެތާ ބޭރުގައި އެބަތިއްބެވިއެވެ.

ޕީ.އެން.ސީގެ ރައީސް އަބްދުއްރަހީމު އަބްދުﷲ ވިދާޅުވީ މިހާތަނަށް ކުރެވުނު ޓެސްޓްތަކުން ސްޓްރޯކެއް ކަމަށް ނުބެލެވޭ ކަމަށާއި ޝިޔާމްގެ އީސީ.ޖީ ވެސް ނޯމަލް ކަމަށެވެ.
"އިތުރު ޓެސްޓްތައް ހަދަމުން ދަނީ،" އޭ.ޑީ.ކޭގައި ގިނަ ވަގުތުތަކެއް ހޭދަކުރެއްވި އަބްދުއްރަހީމު ވިދާޅުވިއެވެ.



advertisment