Support Us

ކެލަވަކި: ކަނޑޫ ފަލުން ފެނި، މާބޮޑު ބަހުސެއް ނެތި ރަދީފަށް

ޚިޔާލުފާޅުކުރުމާއި ފާޑުކިޔުމަކީ މުހިއްމުކަމެކެވެ. އެއީ ކަންކަން އިޞްލާހުކޮށް ފުރިހަމަކުރާން ލިބޭ ބާރެކެވެ. މިއީ ޤާނޫނުއަސާސީއިން ވެސް ރައްޔިތުންނަށް ލިބި ދީފައިވާ ޙައްޤެކެވެ. ނަމަވެސް މި ޙައްޤުގެ ބޭނުންކުރާންވާނީ ޒިންމާދާރުކަމާއެކުގައެވެ. ކަމާބެހޭ ފުރިހަމަ މަޢުލޫމާތު ހޯދައިގެންނެވެ. ޢިލްމީ ގޮތުން ޚިޔާލުފާޅުކުރާންވާނީ ޢިލްމީ ގޮތެއްގައެވެ. އެހެން ނޫނީ އެ ވާނީ އާޑަކިޔުމަކަށެވެ.

އަޅުގަނޑު މި ވާހަކަ ލިޔެލާހިތްވީ، ދާދިފަހުން "ކެލަވަކި" ކިޔާ ލަފުޒެއް ދިވެހިބަހުގެ އެކެޑެމީއިން، އެ ކެޑަމީގައި އޮންނަ ބަސްކޮމެޓީގެ އެހީތެރިކަމާއެކު ރަދީފަށް ވެއްދި މައްސަލައިގައި ހަގީގަތެއް ނެތް ގޮތެއްގައި ދިވެހިބަހުގެ އެކެޑަމީއަށް އޮންލައިން ނޫހެއްގައި ފާޑުކިޔައިފައިވާތީ އެ ކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވައިލާށެވެ. ސަބަބަކީ ދިވެހިބަހަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ފަދަ ދުވަސްވަރެއްގައި ދިވެހިބަހުގެ އެކެޑަމީއިން ކުރައްވާ ބުރަ މަސައްކަތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، ހަގީގަތް ބެލުމެއް ނެތި ފާޑުކިޔުމަކީ ބަލައިގަންނަން ވަރަށް އުނދަގޫކަމެކެވެ. އެއީ އަޅުގަނޑަކީ ދިވެހިބަހަށް ލޯބިކުރާ މީހަކަށް ވާތީއެވެ. އެހެން ހައިސިއްޔަތެއް ނެތެވެ. އަޅުގަނޑަކީ ދިވެހިބަހުގެ އެކެޑަމީގެ މެންބަރުކަން ދުވަހަކު ވެސް ކުރި މީހެއް ނޫނެވެ. އަދި އެ ވިދާރާގެ މުވައްޒިފެއް ވެސް ނޫނެވެ. އަޅުގަނޑަކީ ހަމަ އެކަނި ދިވެހިބަހަށް ލޯބިކުރާ ކުރާ މައް ދިވެއްސެކެވެ. އަޅުގަނޑުގެ ހައިސިއްޔަތަކީ މިއީއެވެ. މި ހައިސިއްޔަތު އަޅުގަނޑަށް ފުދެއެވެ.

އަޅުގަނޑަކީ ދިވެހިބަހުގެ ވިދާރާއެއްގައި އުޅުނު މީހަކަށް ނުވިޔަސް، ބަހާބެހޭ ގޮތުން ހިނގާ ކަންކަމުގެ މަޢުލޫމާތު އަޅުގަނޑު ހޯދާތީ، "ކެލަވަކި" މި ލަފުޒު އުފެދުނު ގޮތް އަޅުގަނޑު ވަނީ ހޯދައިފައެވެ. އެހެންކަމުން އެ ލިއުމުގައި  ދިވެހިބަހުގެ އެކެޑަމީއަށް ކިޔައިފައިވާ ފާޑުކިޔުމަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން އަޅުގަނޑަށް އެނގޭތީ މި ވާހަކަ ދަންނަވައިލާން ބޭނުންވީއެވެ. އަލަށް އުފެދުނު ލަފުޒު "ކެލަވަކި" މި ލަފުޒާ ބެހޭ ގޮތުން އެ ލިޔުމުގައި ވެއެވެ. "މިއީ މުޅިން އަލަށް އުފެދިގެން އައި ބާވަތެއްގެ ގަހަކަށް ނުވާއިރު، ކުރިއްސުރެ ކަނޑޫ އާއިލާގެ މި ގަހަށް ނަމެއް ކިޔަމުންދާކަން އެކެޑަމީއަށް އެނގިފައި ނުވިޔަސް، އެންމެ ކުޑަމިނުން، މި ބާވަތުގެ ގަސް ހުންނަ ރަށްރަށުގައި ކިޔައިއުޅެނީ ކީކޭކަން ސާފުކޮށްލުން ވަރަށް މުހިންމު ކަމަށް ގިނަބަޔަކު ހިޔާލުފާޅުކޮށްފައިވެއެވެ." މިއީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް ބޭއަދަބީ ވަރަށް ބޭއިންސާފު ވާހަކައެއް ކަމަށް ވާތީ އެކަން ހިނގައިފައިވާ ގޮތް އަޅުގަނޑު ދަންނަވައިލާން ބޭނުންވީއެވެ. މި މަޢުލޫމާތު އަޅުގަނޑު ހޯދައިފައިވަނީ އިތުބާރު ހުރި މަޞްދަރުތަކުންނެވެ. ވީމާ އަޅުގަނޑު މި ދަންނަވާ މަޢުލޫމާތަކީ ސައްތައިންސައްތަ ޞައްޙަ މަޢުލޫމާތެވެ. ޝައްކެއް އޮތްނަމަ ދިވެހިބަހުގެ އެކެޑަމީއާ ނުވަތަ މިނިސްޓްރީ އޮފް އެންވައިރަންމަންޓްގެ ކަމާ ބެހޭ ބޭފުޅުންނާ މަޝްވަރާކޮށްލެއްވިދާނެއެވެ.

ހަގީގަތުގައި "ކެލަވަކި" ކިޔައި ނަންދީފައިވަނީ ބޮޑު ކަނޑުލަކަށް ނޫނެވެ. މިނިސްޓްރީ އޮފް އެންވައިރަންމަންޓުން ބަޔާންކުރައްވާ ގޮތުގައި އެއީ ހަމަ ހަގީގަތުގައި ވެސް އެ ޢާއިލާގެ އެހެން ބާވަތެކެވެ. ދިވެހިރާއްޖޭގައި ތިމާވެއްޓާއި ގަސްގަހާގެއްސާ ބެހޭ ތަފާތު އިދާރާތައް އެބަހުއްޓެވެ. އެ އިދާރާތަކުން ގަސްގަގާގެއްސާއި ޤުދުރަތީ ދިރުންތަކާ ބެހޭ މަޢުލޫމާތު އެއްކޮށް ބަލަހައްޓަވާނެކަން ކަށަވަރެވެ. އެ ބާވަތްތަކުގެ ނަންތައް ވެސް، އަދި އެ ތަކެއްޗަށް ކިޔާނެ ސައެންޓިފިކް މަޢުލޫމާތާއެކު ބަލަހައްޓަވާނެއެވެ. އެހެންކަމުން ގަސްގަހާގެހީގެ ދިރުންތައް ދިރާސާކުރެއްވުމުގެ ތެރޭގައި ކަނޑޫ ޢާއިލާގެ ގަސްގަހުގެ ތެރޭގައި، ކުރީން ރާއްޖެއިން ފެނި ފުރޭފުކުރެވިފައި ނުވާ ބާވަތެއް އެ މިނިސްޓްރީގެ ދިރާސާ ޓީމަށް ފެނުނީއެވެ. އެ މިނިސްޓްރީއަށް ފާހަގަކުރެއްވުނު ގޮތުގައި އެއީ އާ ބާވަތެކެވެ. އެއީ ބޮޑުކަނޑުލެއް ނޫނެވެ. ރަނޑުލެއް ވެސް ނޫނެވެ. އެހެންކަމުން އެ ބާވަތަށް ދިވެހި ނަމެއް އުފައްދަވާން ބޭނުންފުޅުވީ ތިމާވެއްޓާ ބެހޭ ވުޒާރާއިންނެވެ. އެންވައިރަންމަންޓް މިނިސްޓްރީއިންނެވެ. އެއީ ދިވެހިބަހުގެ އެކެޑަމީއަށް ފެނިވަޑައިގެން އުފެއްދެވި ނަމެއް ނޫނެވެ.

މި ކަމާ ބެހޭ ގޮތުން މިނިސްޓްރީއިން ދިވެހިބަހުގެ އެކެޑަމީގައި އެދިވަޑައިގެންފައިވަނީ ޗަސްބިމާ ބެހޭ ދިރާސާއެއް ކުރެއްވުމުގެ ތެރެއިން ހއ. ކެލާގެ ޗަސްބިމުން މީގެ ކުރީން ފެނި ލިސްޓްކުރެވިފައި ނުވާ ބާވަތުގެ ގަހެއް ފެނިވަޑައިގެންފައިވާ ކަށެވެ. އަދި އެ ބާވަތުގެ ގަސްގަހަށް ކިޔާ ނަމާއި އެ ގަސް ފެނުނު ރަށާ ގުޅުވައިގެން މި އާ ބާވަތުގެ ގަހަށް "ކެލަވަކި" ކިޔާން ފެނިވަޑައިގަންނަވާ ކަމަށެވެ.

މި ކަމާ ބެހޭ ގޮތުން ދިވެހިބަހުގެ އެކެޑަމީއިން ބަހާބެހޭ ފަންނީ ބޭފުޅުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި އިރު އެ ނަން އެއީ ލަފުޒު ހެދުމުގެ އުޞޫލުތަކާއި ބަހަވީ ހަމަތަކަށް ފެތޭ ގޮތަށް ހެދިފައިވާ ލަފުޒަކަށް ވާތީ، އަދި ކަމާ ބެހޭ މިނިސްޓްރީއަށް އެ ގަހަށް އެ ނަން ކިޔާން ފެނިވަޑައިގަންނަވާތީ، އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތި އެއީ އެ ގަހަށް ކިޔާން އެންމެ އެކަށީގެންވާ ނަން ކަމަށް ނިންމެވީއެވެ.

އަދި އިތުރަށް ފާހަގަކޮށްލާން ބޭނުންވެއެވެ. އެ ބާވަތުގެ ގަސްގަހާ ގެއްސައްކިޔާ ސައެންޓިފިކް ނަންތަކަށް ބަލާއިރު އެއީ "ބޮޑުކަނޑޫ" ނޫންކަން ތިމާވެއްޓާ ބެހޭ މިނިސްޓްރީއިން ސާބިތުކޮށްދެއްވުމަށް ޓަކައި އެ ބާވަތުގެ ހުރިހާ ގަސްގަހަށް ކިޔާ ސައެންޓިފިކް ނަންތައް ވެސް ދިވެހިބަހުގެ އެކެޑަމީއާ ޙިއްސާކުރައްވައިފައިވާކަމަށް އަޅުގަނޑަށް ވަނީ އެނގިފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި އާދައިގެ ކަނޑުލަށް ކިޔާ ސައެންޓިފިކް ނަމަކީ Bruguiera Cylindrica އެވެ. ބޮޑަވަކި ނުވަތަ ބޮޑުކަނޑުލަށް ކިޔަނީ Bruguiera gymnorrhzia އެވެ. (މާ ކަނޑުލަށް ވެދާނެ) އަނެއް ބާވަތަކީ Bruguiera sexangula  އެވެ. ނަމަވެސް އަލަށް ނަމެއް ހެދީކީ މިއިން ބާވަތަކަށް ނޫނެވެ. މި ޢާއިލާގައި ހިމެނޭ އެހެން ބާވަތަކަށެވެ. އަލަށް ފެނުނު މި ބާވަތަށް ކިޔާ ސައެއްޓިފިކް ނަމެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ Bruguiera Hainesii އެވެ. އަލަށް ދިވެހި ލަފުޒެއް ހައްދަވައި އެ ލަފުޒު ދިވެހިބަހުގެ އެކެޑަމީއިން ފާސްކޮށްދެއްވާން އެދިވަޑައިގަތީ މި ބާވަތަށް ކިޔާނެ ދިވެހި ނަމެކެވެ. އެއީ ބޮޑުކަނޑޫ ނުވަތަ މާކަނޑޫ ނުވަތަ ބޮޑަވަކި ނުވަތަ ކަނޑުލުގެ ބަދަލުގައި އުފެއްދި ނަމެއްނޫނެވެ.

އަޅުގަނޑު މި ދެންނެވި އާ ލަފުޒާގުޅިގެން، މާ ބޮޑު ބަހުސެއް ހިނގިކަމެއް ދައުލަތުގެ އެއްވެސް އިދާރާއަކަށް އެނގިފައެއް ނެތެވެ. އަދި ދިވެހިބަހުގެ އެކެޑަމީއާ މި ބާވަތުގެ ކަމެއް ހިއްސާކުރައްވައިފައިވާކަމެއް ވެސް އެނގޭކަށް ނެތެވެ. ފަހަރެއްގައި ކެލައާ ގުޅުވައިގެން ނަމެއް އުފެދުނީމާ "މީހަކު" ހިތްހަމަނުޖެހުނީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ދާދި އެއް ގޮތަކަށް ގަހުގެ ސިފަތައް ފެންނަ މި ގަސްގަސް ސައެންޓިފިކް ގޮތުން ވަކިކުރައްވާން އެނގިވަޑައިނުގަތީ ކަމަށް ވެސް ވެދާނެއެވެ.

އަޅުގަނޑުގެ ނުކުތާއަކީ މި ބާވަތުގެ ކަމަކާ ގުޅޭ ގޮތުން ލިޔުއްވާއިރު ކަމާބެހޭ އިދާރާތަކާއި ވިދާރާތަކާ މަޝްވަރާކުރެއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދަންނަވައިލުމެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ދިވެހިބަހުގެ އެކެޑަމީއިން އާ ލަފުޒު އުފައްދަވަނީ، ކަމާބެހޭ ޢިލްމީ، ފަންނީ ބޭފުޅުންގެ މެދުގައި ފުޅާ ދާއިރެއްގައި މަޝްވަރާކުރައްވައި ތަޖުރިބާކާރުންގެ ލަފާ ހޯއްދަވައިގެންނެވެ. އަދި އާ ލަފުޒު އުފެއްދުމަށް ބަހަވީ ޢީލްމުގައި ބޭނުންކުރާ ޢިލްމީ ހުރިހާ އުޞޫލުތަކަކަށް ރިޢާޔަތްކުރައްވައިގެންނެވެ. ބައެއް މީހުން ހީކުރާ ގޮތަށް "ހަމަ ތިބެލައިފައި" ނަމެއް ހައްދަވައިލައްވަނީކީ ނޫނެވެ. ވީމާ، މިފަދަ ބުރަ މަސައްކަތެއް ކުރައްވާ ވިދާރާއަކަށް ނިސްބަތްކުރައްވައި އެކަށީގެންނުވާ އަދި ހަގީގަތާ ޚިލާފު ވާހަކައެއް ދައްކައި އިލްޒާމެއް އަޅުއްވައި ދިވެހިބަހުގެ އެކެޑަމީ ބަދުނާމުވާ ގޮތަށް ލިޔުމެއް ޝާއިޢުކޮށްފައިވާތީ ދިވެހިބަހަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން މި ވާހަކަ ދަންނަވައިނުލައި ނުހުރެވުނީއެވެ. ހަގީގަތުގައި މިއީ ރަސްމީ އެއްވެސް ހައިސިއްޔަތަކުން އަޅުގަނޑާ ބެހޭ ކަމަކަށް ނުވެދާނެއެވެ. އަދި އަޅުގަނޑު އިސްވެ ޙަވާލާދެވިފައިވާ ލިޔުން ވެސް (ނަން ނޭނގޭ ގޮތަށް) ލިޔުއްވައިފައިވަނީ ވެސް ވަކި ރަސްމީ އެހެން ޙައިސިއްޔަތެއް އޮތް ލިޔުންތެރިއެއް ކަމަކަށް ވެސް ނުފެނެއެވެ. ވީމާ، ބަހާ ބެހޭ ގޮތުން ދިވެއްސެއްގެ ހައިސިއްޔަތުން އެއްޗެކޭ ދަންނަވައިލާން އަޅުގަނޑުގެ ވެސް ހައްގެއް އެބަ އޮތްތާއެވެ. މިކަމާ ބެހޭ ގޮތުން ރަސްމީ ގޮތުން އެއްޗެއް ވިދާޅުވުމާއި ނުވުމަކީ ދިވެހިބަހުގެ އެކެޑަމީއަށް ނުވަތަ މިނިސްޓްރީ އޮފް އެންވައިރަންމެންޓަށް އޮތް ކަމެކެވެ. ނަމަވެސް "ކެލަވަކި" ދިވެހިބަހުގެ ލަފުޒެއްގެ ގޮތަށް ބަލައިގަތީ މާ ބޮޑު ބަހުސެއް ނެތި ޢިލްމީ ގޮތުން އިއްތިފާޤުވެވަޑައިގެންކަމަށް އަޅުގަނޑަށް އެނގިފައިވާތީ އެ ވާހަކަ ވެސް ދަންނަވައިލަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
322

One Response

  1. Illë Fibër OpTíç
    Me raajje eki sarahadhuge rahthakuga huri species eh. Environment ministery ekan ragalhah analys nukoh kelaya gulhuva Nan dhinumaky Hama jehe kameh noon. Dr.Hassan & zaha ge qaabil Kama medhu suvaal udhede.
    Illë Fibër OpTíç
    Chypha Rashyd I have been visited more than 50 mangroves across Maldives. So It really matters

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *