ހުޅުމާލޭ ކާރެއް ތެރެއިން ފެނުނު ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެއްޗާ އެކު ދެ މީހުން ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.
މިއޮޕަރޭޝަނުގައި ފަސް ކާރެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ތަނުން އެއްކާރު ތެރެއިން 34 ދަޅު ބިޔަރާއި ބޮގަރު (ތަފާތު ސާމާނު އެއްކޮށްގެން ހަދާ މަސްތުވާ އެއްޗެއް) ކަމަށް ބެލެވޭ އެއްޗެއް ހުރި 33 ފުޅި އާއި 58 ފުޅި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށް ބެލެވޭ އެއްޗެއް ހުރި 51 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ދެ ފްލެޓެއް ބަލައިފާސްކޮށްފައި ވާއިރު އެތަނުން އެއް ފްލެޓުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށް ބެލެވޭ އެއްޗެއް ހޭކިފަައި ހުރި 8 ރަބަރު ޕެކެޓާއި ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވެއެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment