Support Us

"އެޗްޕީއޭ އިން ދެއްވާ ޚާއްޞަ ހުއްދަ"

ކޮރޯނާ ވައިރަހުގެ ސަބަބުން ޖެހޭ ބަލިކަމަށްވާ ކޮވިޑް19ގެ ސަބަބުން އަޅުގަނޑުމެންނަށް މި ވަނީ "ކާރިސާއެއް" ކުރިމަތިވެފައެވެ. ރައްޔިތުންނަށް ޢާއްމު ޙަލަތުގައި ޙަރަކާތްތެރިވެވޭކަށް ނެތެވެ. މި އުޅޭންޖެހެނީ އާ ޢާއްމު ޙާލަތެއްގައެވެ. މާލެއާއި ރާއްޖޭގެ އެހެންރަށްރަށާ ދެމެދުގެ މުޢާމަލާތަށް މިވަނީ ހުރަސްއެޅިފައެވެ. ރާއްޖޭގެ ވެރިކަންކުރާ މާލެއިން ރާއްޖޭގެ އެހެން ރަށަކަށް ހިނގައްޖެ ނަމަ، އެ ރަށެއްގެ ރައްކާތެރި­­ކަމަށް ޓަކައި އެ މީހަކު އެކަހެރިވެ ގޭގައި ކަރަންޓީނުވެގެން ހުންނާންޖެހެއެވެ. އަދި މި ޝަރުޠާއެކު ވެސް ހުއްދަ ލިބެނީ ވަކި ޒަރޫރީ ސަބަބުތަކަށް ޓަކައެވެ. މިއީ ރައްކާތެރިކަމުގެ މުހިއްމު ފިޔަވަޅެކެވެ. މިހެންވެ ގިނަ ބަޔަކު މި ތިބެންޖެހެނީ އަމިއްލަ ރަށަށް ގޮސްލުމުން ވެސް މަޙުރޫމުވެގެންނެވެ. އިރުޝާދަށް ތަބާވެގެންނެވެ. ކިޔަމަންތެރިކަމާއެކީގައެވެ. ޚުދު އަޅުގަނޑަކީ ވެސް މިކަން ތަޖުރިބާ ކޮށްފައިވާ މީހެކެވެ. މުހިންމު ސަބަބަކާހުރެ އަޅުގަނޑުގެ އުފަން ރަށަށް ދާން ހުއްދައަށް އެދި، އެ އިދާރާގެ ޕޯޓަލްގައި އެދުމުން އަޅުގަނޑަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. އަޅުގަނޑު ހުއްދައަށް އެދުނީ ރަށަށް ދިޔުމަށް އެ އިދާރާއިން ކަނޑައަޅުއްވައިފައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް އަޅުގަނޑަށް ފެނިގެންނެވެ. ނަމަވެސް އެއީ އަޅުގަނޑު ޝަރުޠު ފުރިހަމަ ނުވަނީ ކަމަށް ބަލައިގެން މި ހުންނަނީ ޝުކުރުކޮށްލައިގެންނެވެ. ކެތްތެރިކަމާއެކުގައެވެ. މޫނުމަތި އަޅައިގެން އަތްދޮވެލަދޮވެލައެވެ.

ކަން އޮތީ މިހެން ކަމަށް ވިޔަސް، މި އުޞޫލާ ޚިލާފަށް، ސަރުކާރުގެ ޢިއްޒަތްތެރި އިސް ބޭފުޅުން އެކި ބައިބަޔަށް އެކި ރަށްރަށަށް ވަޑައިގަންނަވާކަން އަޅުގަނޑުމެންނަށް މީޑިއާއިން އެބަ އެނގެއެވެ. މި ފަދަ ދަތުރުތަކެއް ދާދި ފަހުން ހުވަދުއަތޮޅަށާއި މާލެއަތޮޅަށާއި ތިލަދުންމައްޗަށް ކުރެއްވިކަން އެންމެންނަށް ވެސް އެނގެއެވެ. މި ކަންކަން މީޑިއާއިން ޢާއްމުކުރެއެވެ. އަދި ބައެއް ރަށްރަށުގެ ރައްޔިތުން އެ ޚަބަރުތައް އަޅުގަނޑުމެންނަށް ފޯރުކޮށް ވެސް ދެއެވެ. މި ގޮތަށް ވަޑައިގަންނަވާ ބޭފުޅުން ވަޑައިގެން، އެ ކުރައްވާ ކަމެއް ކުރެއްވުމަށް ފަހު، ދާދި އަވަހަށް އެނބުރި މާލެއަށް ވަޑައިގަނެއެވެ. ގެޔެއްގައި ކަރަންޓީނުވެވަޑައިގަންނަވާކަށް ނުވަތަ އެކަހެރިވެވަޑައިގަންނަވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. އެ ބޭފުޅުންގެ ރައްކާތެރި ކަމަށް ޓަކައި ޞިއްޙީ ޚާއްޞަ ޓީމެއް އެ ބޭފުޅުންގެ އަރިހުގައި ފޮނުއްވާ ކަމެއް ވެސް އެނގޭކަށް ނެތެވެ. މި ކަމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ކަންބޮޑުވުން ފާޅުކުރާން ފެށުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ.) އިން މިކަމަށް ޖަވާބުދެއްވައެވެ. ޝުކުރިއްޔާއެވެ! ދެއްވާ ޖަވާބާ މެދު އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. ސަބަބަކީ ކޮވިޑުން ސަލާމަތްވާނެ މަގެއް ފެނުނީމައެވެ.

އެ މީހެއްގެ އަމިއްލަ ރަށަށް ވިޔަސް ދާން އަޅުގަނޑުމެން ފަދަ އާދައިގެ ޢާއްމު މައް މީހުންނަށް ދަތިތަކާއި ބޮޑެތި ހުރަސްތައް ކުރިމަތިވެފައި ވިޔަސް އިއްޒަތްތެރި ބޮޑުންނަށް މި އުނދަގޫ ތަޙައްމަލުކުރައްވާން ޖެހިވަޑައިނުގަންނަވާ މައްސަލައިގައި ރައްޔިތުންގެ ޝަކުވާތައް ފުނިޖެހުމުން، އެޗްޕީއޭއިން ދެއްވާ ޖަވާބަކަށް ވަނީ، އެ ބޭފުޅުން އެ ގޮތަށް ޢަމަލުކުރައްވަނީ އެޗްޕީއޭގެ ޚާއްޞަ ހުއްދައެއްގެ ދަށުންކަމަށެވެ. ވަރަށް ސާދާ ޖަވާބެކެވެ. އެކަމަކު އެ ޢިއްޒަތްތެރި ބޭފުޅުން ވެސް ޢާއްމު ރައްޔިތުން، ކޮވިޑުން ސަލާމަތްވެ ތިބޭން ކުރާ ކަންކަން ފިޔަވައި އިތުރު ކަމެއް ކުރައްވާތީއެއް ނުފެނެއެވެ. މޫނުމައްޗެއް ތުރުކުރެއްވުމާއި އަތްޕުޅު ދޮންނެވުން ފިޔަވައި އެހެން ވަކި ޚާއްޞަ ސަލާމަތީ ފިޔަވަޅުތަކެއް އެ ޢިއްޒަތްތެރީން ވެސް އަޅުއްވައިފައި ވާކަމަކަށް ވިދާޅެއް ނުވެއެވެ. އެންމެ ކުޑަ މިނުން މޫނުއައްޑަނައެއް ވެސް ބޭނުންފުޅެއް ނުކުރައްވައެވެ. އެހެންވީމާ ޚާއްޞަ ހުއްދައަކީ ކޮރޯނާ ވައިރަހުން ރައްކާތެރިވާނޭ އާލާތަކަށް ނުވަތަ ހަތިޔާރަކަށް ވާނޭ ސަބަބެއް ނުވިސްނުނެވެ. އަޅުގަނޑުގެ ވިސްނުންކޮށީ ކަމަށް ވެދާނެ ކަމަށް ގަބޫލުކުރަމެވެ.

މި ކަމާމެދު ވިސްނައި ފިކުރުކޮށްލުމުން އަޅުގަނޑުގެ ޚިޔާލަށް އެ ކަން ވަނީ ވަރަށް ފައްސި ގޮތަކަށެވެ. ފަހަރެއްގައި ކޮރޯނާ ވައިރަހަކީ ވަރަށް ވިސްނުން ތޫނު (އިންޓެލިޖެންޓް) މަޚުލޫޤަކަށް ވެފައި ކޮރޯނާވައިރަހާއެކު އެޗްޕީއޭ އިން އެއްބަސްވުމެއް ޤާއިމުކުރައްވައިފައިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އަޅުގަނޑަށް ވިސްނުނެވެ. ސަބަބަކީ މިއީ ފަންނިއްޔާތު ކުރިއަރައިފައިވާ ސުމޭކު ޒަމާނެކެވެ. ވީމާ ދާރިވަރުކޮށް ހަދާ އެއްބަސްވުންތައް ކޮރޯނާއަށް ފާހަގަކުރެވެނީ ކަމަށް ވެދާނެތާއެވެ. އަޅުގަނޑުގެ މަޢުލޫމާތުގެ މަދުކަމުން މި ބާވަތުގެ ޒަމާނީ ކަންކަން އަޅުގަންޑަށް ނޭނގި އޮތުމަކީ އެކަށީގެންވާ ކަމެއްތާއެވެ. އެ ވިދާޅުވާ "ޚާއްޞަ ހުއްދަ" ލިބިވަޑައިގެންފައިވާ ބޭފުޅުންނާ އެއިން މަޚުލޫޤަކަށް ވައިއެޅިލަން ވެސް ނުކެރެނީކަމަށް ވެސް ވުމަކީ ހަމަ އެކަށީގެންވާ ކަމެއްތާއެވެ. އަޅުގަނޑުގެ މަޢުލޫމާތު ނެތީތާއެވެ. އަދި މަޞްނޫޢީ ވިސްނުންތޫނުކަން (އާރޓިފިޝަލް އިންޓެލިޖެންސް) ބޭނުންފުޅުކުރައްވައިގެން ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅެއް އަޅުއްވަނީ ކަމަށް ވެސް ވެދާނެތާއެވެ.

ތިޔަ ބޭފުޅުން ކުރައްވައިފާނެ ސުވާލެއް އަޅުގަނޑަށް އެބަ ވިސްނެއެވެ. އެ ފަދަ ޒަމާނީ މަޢުލޫމާތު ނެތީސް މި ޒަމާނުގެ ފަންނިއްޔާތާއި މަޞްނޫޢީ ވިސްނުންތޫނުކަމުގެ ޢިލްމުގެ ތެރެއަށް ނުވަދެ ހުރި، އެ ކަންކަން ނުދަންނަ މީހަކު، ތިޔަ ވާހަކަ ތިޔަ ލިޔަނީ ކީއްވެހޭ ކުރައްވައިފާނެ ސުވާލެކެވެ. އަޅުގަނޑުގެ ޖަވާބެއް އެބަ އޮތެވެ. އަޅުގަނޑު މި ވާހަކަ މި ލިޔަނީ ވަރަށް ފައްސި ވިސްނުމެއްގައެވެ. ފަންނިއްޔާތުގެ ޢިލްމަށް އަޅުގަނޑު ކޮއްޓަސް، މަޞްނޫޢީ ވިސްނުންތޫނުކަން އަޅުގަނޑަށް ނޭނގުނަސް އަދި މަޞްނޫޢީ ވިސްނުންތޫނުކަމުގެ ޢިލްމެއް ހުނަރެއް އަޅުގަނޑުގެ ނެތަސް، އަޅުގަނޑު އެޗްޕީއޭއަށް އިލްތިމާސެއް ކޮށްލާން ބޭނުންވީއެވެ. މި ލިޔުން މި ލިޔުނީ އެހެންވެއެވެ.

މާލޭގައި ތިބޭ ކިތަންމެ ބަޔަކު ރަށަށް ގޮސްނުލެވި މި ތިބީ، ރަށަށް ހިނގައްޖެ ނަމަ، ގޭކަރަނަޓީނުވާން ޖެހޭތީއެވެ. އަދި  އަޅުގަނޑު ފަދަ ބައެއް މީހުންނަށް މި ޝަރުޠާ އެކު ވެސް ހުއްދަ ނުލިބޭތީއެވެ. އަދި މާލެ އައިސް އެނބުރި ރަށަށް ދިޔަޔަސް މި ދެންނެވި ގޮތަށް ކަރަންޓީނުވާން ޖެހޭނެތީ ނުވަތަ އެކަހެރިވެގެން ގޭގައި ހުންނާން ޖެހޭނެތީ، ކުރީއްސުރެ ގަވާއިދުން ޑަކުތަރަށް ދައްކާ ކިތަންމެ ބަޔަކު ވެސް މާލެ އަންނާން ނުކެރި ރަށްރަށުގައި އެބަ ތިއްބެވެ. އަދި ބައެއް މީހުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އެކި ހޮސްޕިޓަލުތަކަށް މި ފަދަ ބޭނުންތަކުގައި (މާލެ ނައިސް) ދަތުރު އެބަކުރެއެވެ. ވީމާ އަޅުގަނޑުގެ އިލްތިމާސަކީ މިއީއެވެ. އަޅުގަނޑުގެ އިޚުލާޞްތެރި އާދޭހަކީ އަޅުގަނޑުމެން ފަދަ ނިކަމެތި ރައްޔިތުންނަށް ވެސް، އެންމެ ކުޑަމިނުން މި ކަމަށް އެދޭ ރައްޔިތުންނަށް، އެޗްޕީއޭގެ ޚާއްޞަ ހުއްދައެއް ދެއްވުމެވެ. އަޅުގަނޑުމެން ވެސް މޫނުމަތި އަޅައިގެން އަތް ދޮވެދޮވެ ގައިދުރުކަން ބަހައްޓައިގެން މި ހާރުވެސް އުޅޭ ގޮތަށް ކިޔަމަންތެރިކަމާއެކު އުޅޭނަމުއެވެ. ވީމާ، ޢިއްޒަތްތެރި ބޭފުޅުންނަށް ޚާއްޞަ ހުއްދަ ދެއްވާ ފަދައިން މުހުތާދުވެފައި ތިބި އަޅުގަނޑުމެން ފަދަ އާދައިގެ ޢާއްމު ރައްޔިތުންނަށް ވެސް އެޗްޕީއޭ އިން، ޑިރެކްޓަރ ޖެނެރަލް ސޮއިކުރައްވައި ޚާއްޞަ ހުއްދައެއް ދެއްވާންވީ ނޫންތޯއެވެ. އެކަމަށް އަގެން ނެންގެވިޔަސް އެއީ ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު މަގަކަށް ވެސް ވާނެ ނޫންތޯއެވެ؟ އަޅުގަނޑުގެ އިޚުލާޞްތެރި އާދޭހަކީ މިއީއެވެ. އޭރުން ކޮރޯނާ ވައިރަހަށް އަޅުގަނޑުމެންނަކާ ވެސް ގާތްވާކަށް ނުކެރޭނެތާއެވެ.