Support Us

ކޮލަމް؛ ދޭހަ

ނިޒާމީ ނުކުތާއެއް: އަނެއްކާ ވެސް ބަރުލަމާނީގެ ރޯގާ

ބަރުލަމާނީ ނިޒާމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި މި ހިލެނީ މޫސޫމީ ރޯގާއެއް އަންނަ ކަހަލަ ގޮތަކަށެވެ. ވަރަށް ގަދައަށް އެވާހަކަ ދެއްކުމަށް ފަހު ކުއްލިއަކަށް ހުއްޓިދާނެ އެވެ. އަނެއްކާ ވެސް ދުވަސްގަނޑަކަށްފަހު އެ ވާހަކަ ދައްކަން ފަށާނެ އެވެ. ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވާހަކަ ދައްކަވާ ބޭފުޅުން ވެސް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ނެތުމުން އުނިވާ ކަންތައްތަކުގެ ވާހަކައެއް ނުދައްކަވައެވެ. ނުދެއްކެވެ އެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި އެ ގޮތަށް ވާހަކަ ނުދެއްކެވެނީ އުނިވާ، ނުވަތަ އެކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާ، ނުވަތަ ރައްޔިތުންނަށް އުނދަގޫވާ އެއްވެސް ކަމެއް ނެތުމުންނެވެ.

އެއްބަސްވަމެވެ. ރާއްޖޭގެ މުޅި ރައްޔިތުންގެ އަޣްލަބިއްޔަތު ހޯދައިގެން ވެރިކަމަށް އަންނަން ވަރަށް އުނދަގޫވާނެއެވެ. މިއީ ވެރިކަމާއި ބާރާއި ނުފޫޒާއި ޚުދުމުޚްތާރު ކަމާއި އަމިއްލަ އެދުމަށް ކަންތައް ކުރުމަށް ދަހިވެތިވެފައިވާ ސިޔާސީ މީހުން ވެރިކަމަށް އައުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. ރާއްޖޭގެ މުޅި ރައްޔިތުންގެ ގިނަ މީހުންގެ ރުހުން ހޯދަން ޖެހޭތީވެ އެވެ. މިހާރު ރާއްޖޭގައި އޮތް ސިޔާސީ މަސްރަޙަށް ބަލައިލާއިރު، ރިޔާސީ ކެންޑިޑޭޓަކު، އެހެން އެއްވެސް ޕާޓީއަކާއި ނުގުޅި، ވޯޓު ލާ މީހުންގެ 50 އިންސައްތަ އަށް ވުރެ ގިނައިން ވޯޓު ހޯއްދަވައިގެން، ރައްޔިތުންގެ ރުހުން ހޯއްދެވޭނެ ބޭފުޅަކު، ރާއްޖޭގައި ރަޖިސްޓުރީ ކުރެވިފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ކުރީސަފަށް ނުކުމެވަޑައިގެންފައި، މި ވަގުތު ނެތެވެ. މި ގޮތަށް ދަންނަވަން އެނގެނީ ކިހިނެއްތޯއެވެ؟ ކޮން ހިސާބެއް ހަދައިގެންތޯ އެވެ؟ މިހާރު ކަންތައްތައް ހިނގާ ގޮތާއި މާޒީގައި ކަންތައްތައް ހިނގާފައި އޮތް ގޮތާއި، މިހާރު ހިނގަމުން ދާ ކަންތައްތަކާއި ބެހޭ ގޮތުން މީސްމީޑިއާގައި ރައްޔިތުން ފާޅުކުރާ ޚިޔާލާއި އެހެނިހެން ގޮތްގޮތުން ރައްޔިތުންގެ ވިންދު ކަންކަމާ މެދު އޮންނަ ގޮތް ދިރާސާކޮށްގެންނެވެ. މިކަހަލަ ދިރާސާތަކުގައި ބައެއް ފަހަރު ދިމާވާ ގޮތަށް، ދިރާސާގައި، ނެރެވޭ ނަތީޖާ ކޮންމެވެސް ސަބަބަކާ ހުރެ ޢަމަލީ ގޮތުން ނުފެންނަ ފަހަރުވެސް އަތުވެދާނެ އެވެ.

ރާއްޖޭގައި ވެރިކަމުގައި މިހާރު އޮތް މައި ޕާޓީގެ ރަން ޒަމާނުގައި ވެސް އެހެން ޕާޓީއެއްގެ އެހީއާ ނުލައި ރައްޔިތުންގެ ވޯޓުގެ އަޣްލަބިއްޔަތެއް ނުހޯދުނެވެ. އެއިރު މުޅި ސިޔާސީ މައިދާން އޮތީ ހުހަށެވެ. ރައީސް މައުމޫނުގެ ތިރީސް އަހަރުގެ ވެރިކަމަށް ފަހު، ރައްޔިތުން ބޭނުންވީ ސިޔާސީ މައިދާނުން އާ މޫނެއް ދެކިލާށެވެ. އާ ޤާނޫނުއަސާސީއެއް ވަނީ އުފަންވެފަ އެވެ. ފަރުދީ މިނިިވަންކަމާއި ސިޔާސީ މިނިވަންކަމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބައިވަރު ކަންތައްތަކުގެ މައްޗަށް އެކުލެވިގެންވާ އުއްމީދުން ފުރިގެންވާ ޤާނޫނުއަސާސީ އެކެވެ. ރައްޔިތުން ބޭނުންވީ ޑެމޮކްރަސީގެ މެޝިން ރަނގަޅަށް ހިނގާ ގޮތް ދެކިލާށެެވެ. ތަޖުރިބާކޮށްލާށެވެ. ވެރިކަމާ ކުރިމަތިލި ހުރިހާ ޕާޓީއެއް ވެސް ވެރިކަމަށް އައުމަށް މަސައްކަތް ކުރީ ޑެމޮކްރަސީގެ ކާޑުގައެވެ.

އެއް ޕާޓީ އަށް ރައްޔިތުންގެ ތާއީދު ހޯދައިގެން ވެރިކަމަށް އައުމަށް ދަތިތަކެއް ކުރިމަތިވާނަމަ އެހެން ޕާޓީއަކާއި ގުޅިގެން ވެރިކަމަށް އައުމަކީ ގޯހެއް ނޫނެވެ. ދެރަކަމެއް ނޫނެވެ. ނިއުޒީލެންޑްގައި މުޅިން ވެސް ވެރިކަން ކުރަނީ އެގޮތަށެވެ. ޖަރުމަނުގައި އެ ގޮތަށް ވެރިކަން ކުރުމަކީ އާދައެކެވެ. އިނގިރޭސި ވިލާތުގައި ވެސް އެ ގޮތަށް ވެރިކަން ކޮށްފައި ވެއެވެ. ރާއްޖޭގައި ދިމާވާ މައްސަލަ އަކީ ގުޅިގެން ވެރިކަންކުރަން ނޭނގުމެވެ. ވެރިކަމަށް އަންނަ މައި ޕާޓީ އަކުން ވެރިކަމަށް އައުމަށް ފަހު ގުޅިގެން މަސައްކަތް ކުރަން ބޭނުންނުވުމެވެ. ވެރިކަމަށް އައުމަށް ގުޅިގެން މަސައްކަތް ކުރަން ފެށުމުގެ ކުރިން، ޕާޓީތަކުން ނުގުޅުވޭނެ ހިސާބު ދެ ފަރާތުގެ އެއްބަސްވުމުގައި އޮންނާނެ އެވެ. ކިތަންމެ ހިތްހަމަނުޖެހުނަސް އެއްބަސްވުމާ އެއްގޮތަށް ކަންތައް ކުރުމަކީ ޤައުމަށް ހަމަޖެހުން އަންނާނެ ކަމެކެވެ.

ރާއްޖޭގެ ޤާނޫނުއަސާސީގައި ބަރުލަމާނީ ނިޒާމްގައި ހުންނަ ބައެއް ކަންތައްތައް ހުންނަ ކަމުގައި ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެއީ ރަނގަޅު ވާހަކައެކެވެ. އެކަމަކު އެއީ އޮޅިގެން ލިޔެވުނު ގޮތެއް ނޫނެވެ. ނުވަތަ ލިޔާނެ ނުލިޔާނެ އެއްޗެއް ނޭނގި ތިބެ ލިއެވުނު އެއްޗެއް ނޫނެވެ. ފެށުނީއްސުރެ ރާއްޖޭގެ ޤާނޫނުއަސާސީގައި ބަރުލަމާނީ ނިޒާމުގައި ހުންނަ ބައެއް ކަންތައްތައް ޝާމިލުކޮށްފައި ހުއްޓެވެ. ރާއްޖޭގެ ވެރިކަން ރިޔާސީ ނިޒާމަކަށް ބަދަލުވުމުން ވެސް، ބަރުލަމާނީ ނިޒާމުގައި ހުންނަ ބައެއް ކަންތައްތައް ޤާނޫނުއަސާސީގައި ހިމެނި އެވެ. އެނގިގެންނެވެ. ރަނގަޅަކަށެވެ. ވެރިކަމުގައި ތިއްބަވާ ބޭފުޅުން ޤާނޫނާއި އެއްގޮތަށް ކަންތައް ކުރުވުމަށް ބާރުލުމަށެވެ. އެބޭފުޅުން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވުމަށެވެ. މިސާލަކަށް ދަންނަވާ ނަމަ ވަޒީރުންނާއި ސުވާލު ކުރުމެވެ. ވަޒީރުންނާ ސުވާލު ކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ. ރިޔާސީ ނިޒާމުގައި ވަޒީރުންނާ ސުވާލު ކުރުމެއް ނުއޮވެއެެވެ. ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެއް ނޫނެވެ. އެކަމަކު ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހެ އެވެ.

ނިޒާމް ބަދަލުކުރުމަށް ވާހަކަ ދައްކަވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ވަޒީރުންނަށް ތިއްބެވި ބައެއް ބޭފުޅުންނަކީ މަޝްހޫރު ބޭފުޅުންނެއް ނޫނެވެ. ރައްޔިތުން ދަންނަ ބޭފުޅުންނެއް ވެސް ނޫނެވެ. އިންތިޚާބުން މީހަކު މަޤާމަކަށް ހޮވުމަށް އެއީ ކާކުކަން ރައްޔިތުންނަށް އެނގެން ބޭނުންވާނެ އެވެ. އެ މީހަކަށް ރައްޔިތުން ވޯޓުލާން ޖެހޭނެތީ ވެއެވެ. އެހެންނަމަވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މަޤާމަށް މީހުން އިސްކުރަނީ، ޤައުމުގައި އޮންނަ އެ މީހުންގެ މަޝްހޫރު ކަމަށް ބަލާފައެއް ނޫނެވެ. އެ މީހެއްގެ ޤާބިލިއްޔަތު ތަފާތު ގޮތްގޮތަށް ބެލުމަށް ފަހު ގައެވެ. ފަހަކަށް އައިސް ރާއްޖޭގެ މާލީ ވަޒީރުކަން ކުރެއްވި ގިނަ ބޭފުޅުންނަކީ ރާއްޖޭގެ މާލީ އިދާރާގައި މަސައްކަތް ކުރައްވާފައި ތިއްބެވި އެ ބޭފުޅުންގެ މަސައްކަތުގައި ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ޢިލްމީ ބޭފުޅުންނެވެ. އަދި އެޓަރނީ ޖަނަރަލް ކަމުގެ ވަޒީފާ އަކީ ވެސް މަސައްކަތުގެ ތަޖުރިބާ ލިބިވަޑައިގަންނަނަވާފައިވާ އެ ފަންނުގެ ބޭފުޅުންގެ ވަޒީފާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަ އެވެ.

އެއްވެސް ޤައުމެއްގައި އޮންނަ ސިޔާސީ ނިޒާމަކީ އެ ނިޒާމް ޤަބޫލުކުރާ އެހެން ޤައުމަކާއި މުޅިން އެއްގޮތަކަށް ބައްޓަން ކުރެވިފައި އޮންނަ ނިޒާމެއް ނޫނެވެ. އެ ޤައުމުގެ އާދަކާދަ އަށް ފެތޭ ގޮތަކަށް ކުދިކުދި ބަދަލުތައް ގެނެވިފައި އޮންނަ ނިޒާމެކެވެ. މިސާލަކަށް ދަންނަވާ ނަމަ ފަރަންސޭސި ވިލާތުން ރިޔާސީ ނިޒާމަކަށް ދިޔައީ އެމެރިކާގެ ނިޒާމް ރަނގަޅުވެގެންނެވެ. އެހެންނަމަވެސް އެތާނގައި ރިޔާސީ ނިޒާމް ބައްޓަން ކުރެވިފައި އޮތީ އެމެރިކާ އާއި މުޅިން އެއްގޮތަކަށެއް ނޫނެވެ. ހަމަ އެގޮތަށް ވެސްޓްމިނިސްޓަރުގެ ނިޒާމް ޤަބޫލުކުރާ ޤައުމު ތަކުގައި ވެސް އެ ޤައުމު ތަކަށް ފެތޭ ގޮތަށް ބަދަލުތައް ގެނެވިފައި ވެއެވެ. ރާއްޖޭގެ ރިޔާސީ ނިޒާމުގައި މަސްހުނި ކަންތައްތަކެއް އޮތުމަކީ ވެރިކަން ކުރުމަށް ދަތިވެފައި އޮތް ކަމެއް ކަމަށް މި އަދާއި ހަމައަށް ވެރިކަމުގައި ތިއްބެވި ބޭފުޅުން ފާހަގަކުރައްވާފައި ނުވެއެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް ވާހަަކަ ދައްކަވާ ބައެއް ބޭފުޅުން ވިދާޅުވަނީ ރައީސުލްޖުމްހޫރިއްޔާގެ ބާރު މާ ގަދައީ ކަމުގައެވެ. ރަސްކަލެއްގެ ބާރު އޮންނަ ކަމުގައެވެ. ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު ސަރުކާރުގެ ބޮޑު އަޣްލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީސްގެ މެމްބަރުންނަކީ ސަރުކާރާއި އިދިކޮޅު ޕާޓީއެއްގެ މެމްބަރުންހެން ހީވާ ފަހަރު ފަހަރު ވެސް އާދެ އެވެ. ސަރުކާރުން ފާސްކުރަން ފޮނުވާ އެއްޗެތި ފާސްނުކޮށް އަނބުރާ ފޮނުވާފައި ވެއެވެ. އެ ގޮތަށް އޮންނަނީ ކޮން ނިޒާމެއްގައިތޯ އެވެ؟ ވެރިކަން ކުރަމުން، ސަރުކާރުގެ އަޣްލަބިއްޔަތު އޮވެގެންނެވެ. އަޅުގަނޑުމެންގެ މައްސަލައެއް އޮތިއްޔާ، އޮތީ އަމަލީ ގޮތުން ސަރުކާރު ހިންގުމުގެ މައްސަލަ އެކެވެ. ސަރުކާރު ހިންގުމުގެ ނިޒާމުގެ މައްސަލަ އެކެވެ. ބާރުތައް ވަކިކުރެވިފައި އޮންނައިރު ދައުލަތް ހިންގުމުގެ ބާރުގެ ތެރެއަށް އަރައިގަތުމުގެ މައްސަލަ އެވެ. އަޅާނުލާ ކުޅިބަލަން ތިބުމުގެ މައްސަލަ އެވެ.

ސަރުކާރު ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ޤާނޫނުއަސާސީ އިޞްލާޙް ކުރުމަށް ހުށައެޅިފައި އޮތް ކަމުގައި ވެއެވެ. ސުވާލަކީ އެ ގޮތަށް އެފަދަ އިޞްލާޙެއް ހުށައެޅިދާނެތޯ އެވެ؟ އެ އިޞްލާޙް އެ ގޮތަށް މަޖިލީހަށް ބަލައިގަނެވިދާނެ ތޯ އެވެ؟ ނިޒާމުގެ މައްސަލަ ނިންމާފައި ވަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. މަޖިލީހަށް ހުށައެޅެން ވާނީ ނިޒާމުގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް ގެންދިއުމަށް ރައްޔިތުންގެ ވޯޓަކަށް ގެންދިއުމާ މެދު ގައެެެވެ. (އިނގިރޭސި ވިލާތް ޔޫރަޕިއަން ޔުނިއަން އިން ވަކި ވުމަށާއި ސްކޮޓްލެންޑް އިނގިރޭސި އިއްތިޙާދުން ވަކިވުމަށް ފުރަތަމަ ދިޔައީ ރައްޔިތުންގެ ވޯޓަކަށެވެ.) މަޖިލީހުން އެ ގޮތަށް ފާސްވެއްޖެ ނަމަ ރައްޔިތުންގެ ވޯޓަކަށް ފަހު، ރައްޔިތުން ނިޒާމް ބަދަލު ކުރުމަށް ވޯޓު ދީފި ނަމަ މަޖިލީހަށް ޤާނޫނުއަސާސީގެ އެ މާއްދާ އިޞްލާޙް ކުރުމަށް ހުށައެޅިދާނެ އެވެ. މިހާރު މި އުޅެނީ ނިޒާމީ މައްސަލަ އެކެވެ. "ނިޒާމީ ނުކުތާ" ގެ މައްސަލަ އެކެވެ.