Support Us

ކޮލަމް: ފަގުޑި

ޢިލްމު އުނގެނުމާއި އުނގަންނައިދިނުންތަ؟ ނޫނީ ޢިލްމުން ވައްކަންކުރުންތަ؟

ﷲ އެކަލާނގެ ޢިލްމުން އިންސާނުންނަށް ދެއްވީ ކުޑަމިންވަރެކެވެ. އެތައް މަސައްކަތެއް ކޮށް އެތައް ބުރަތަކެއް އުފުލައިގެންވެސް އެ ކުޑަކުޑަމިންވަރު އުނގެނުމަށް އިންސާނާ ވަނީ ނުކުޅެދިފައެވެ. އެހެނީ ޢިލްމަކީ ﷲގެ ދެއްވުމެކެވެ. އެކަލާނގެ އިރާދަނުކުރައްވާ އަޅަކަށް އެއިން ކުޑަމިންވަރެއްވެސް ނުލިބޭނެއެވެ. ނަމަވެސް މިކަން ޤަބޫލުކުރަނީ މަދުބައެކެވެ.

ކިތައްމެ މޮޅު މީހަކަށްވެސް ނޭނގޭ އެއްޗެއް އޮވެދާނެއެވެ. އަދި ކިތައްމެ ދެރަ މީހަކަށްވެސް އެއްޗެއް އެނގުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް، އުނގެނުމާއި އުނގަންއިދިނުމުގައި ދުނިޔެ ދެކެމުންއައި ދުވަސްތައް ވަރަށް ތަފާތެވެ. ހިންދުއިޒަމްގައި ވަކި ފަންތިއެއްގެ ބަޔަކު ނޫނީ ޢިލްމު އުނގެނުމަކީ ބޮޑު އަދަބު ލިބޭ، މަނާ ކަމެކެވެ. ޢިލްމު ލިބި ތަންދޮރު ފިލައިފިނަމަ، އެވޭލާ ފައްޅިތަކާއި ރަސްކަންތަކުގައި އަނިޔާވެރިން ހިންގާ ޖަރީމާތަކާ ދެކޮޅަށް ނުކުމެ އަޑުއުފުލާނެތީ، ޢިލްމުހޯދުން އޮންނަނީ ހިފެހެއްޓިފައެވެ. މިރާއްޖޭގައިވެސް ކަންއޮތީ އެގޮތުގައެވެ.

ދުނިޔޭގެ ބާރުގަދަ ރަސްކަންތަކާ އެއްގޮތަށް، ރާއްޖޭގައިވެސް ގަނޑުވަރުތެރޭ ބޭފުޅުންނާއި ރަސްގެފާނު ހުއްދަދެއްވާ ބަޔަކު ނޫނީ، ޢިލްމުވެރިވުން މަނައެވެ. އެހެންކަމުން އެދުވަސްވަރު ތަންދޮރު އެނގޭ މީހެއްވިއްޔާ އެވާނީ ކޮންމެވެސް ސީދީއެއް ނުވަތަ މަނިއްޕުޅަކަށެވެ. ވަކި ދުވަސްވަރަކުން ފެށިގެން ޢިލްމު މަނާކުރުމުގެ އަމުރުމައުރޫފު ހިންގީ، ރަސްކަމުގެ ކޮއިލުން ނެރޭ ކިތާބީ އަމުރަކުންނެވެ. އަދި އޭގެފަހުން މިކަމަށް ބޭނުންވާ ޤާނޫނުވެސް އެކުލަވައިލެވިގެންނެވެ. މިގޮތުގެ މަތީން އާދައިގެ މީހަކަށް ޢިލްމު ހޯދުން މަނާވާތީ އާއި، ޚާއްޞަކޮށް ތަޢުލީމު ހޯދުމަށް ރާއްޖެއިން ބޭރަށް ދެވެނީ ހުއްދަދެއްވާ ބަޔަކަށް ކަމަށްވެފައި އެހުއްދަ ލިބުމަކީ ނާދިރު ކަމަކަށްވާތީ، ފިލައިގެން ރާއްޖެއިން ބޭރަށްގޮސް، މަތީ ތަޢުލީމު ޙާޞިލުކުރި ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން އަދިވެސް ދިރިދުނިޔޭގައި އެބަތިއްބެވިއެވެ. ވީމާ، ސުވާލަކީ އެބޭފުޅުން ޢިލްމުން ވައްކަންކުރީ ކަމަށް ވާނެހެއްޔެވެ؟

ރައީސް އިބްރާހިމް ނާޞިރުގެ ސަރުކާރުން އިޒުރޭލާ ގުޅުން އުފެއްދުމުން އެކަމާ ދެކޮޅަށް މިޞްރުގައި ތިބި ދިވެހި ކިޔަވާ ކުދިން ތެދުވުމުން، އެކުދިން ކިޔެވުން ހުއްޓާލައި ރާއްޖެ އަންނަން އެންގިއެވެ. ނަަމަވެސް، މިޞްރުގެ ސިޔާސީ ޙިމާޔަތް ހޯދައިގެން އެކުދިންގެ ކިޔެވުން ފުރިހަމަކުރިއެވެ. މިކަން ޢިލްމުން ވައްކަންކުރުން ކަމުގައި ބެލެވޭނެ ހެއްޔެވެ؟ މިގޮތުން އަނިޔާ ލިބުނު މީހުން ރާއްޖޭގެ ވެރިކަމުގައި ތިބެ އެތައް ބައެއްގެ ސްކޯލަޝިޕް ހިފަހައްޓައި، އަނެއް ބައެއްގެ ކިޔެވުން ހުއްޓުވައި ހަދާފައިވުމީ، ލިބުނު އަނިޔާއަށް އެހެން ބައެއްގެ ކިބައިން ބަދަލުހިފުންތޯއެވެ؟ ނޫނީ، ހަމަ ރަސްރަސްކަލުން ގޮތަށް، ޢާއްމުންނަށް ތަންދޮރު އެނގި ވެރިކަމުގެ ޖަރީމާތަކާ ދެކޮޅަށް ތެދުވެދާނެތީ ދުރާލައި ރޭވި، ޢިލްމު ފޮރުވުމުގެ މަޅިއެއްތޯއެވެ؟

މިޒަމާނުގައި ޢިލްމުވެރިކަން ކަނޑައަޅަނީ ލިބިފައިވާ ސެޓްފިކެޓަކުން ނުވަތަ ސަނަދަކުންނެވެ. ވީމާ، މަތިފަޑީގެ ޢިލްމުވެރިއަކަށް ވުމަށް ޕްރޮފެސަރަކަށް ވެވޭތޯ ނޫނީ، ޕީ.އެޗް.ޑީ ޙާޞިލުކުރެވޭތޯ ކޮންމެ މީހަކުވެސް ބަލައެވެ. ނަމަވެސް ސުވާލަކީ މިކަން ޙާޞިލުކުރަނީ ކިޔަވައިގެން ހެއްޔެވެ؟ ނޫނީ ތަނަވަސްކަމުގެ ބޭނުން ހިފައިގެން ހެއްޔެެވެ؟ ނުވަތަ މަޤާމުގެ ނިވަލުގައި ހެއްޔެވެ؟ ކޮންމެއަކަސް އަޑުތައް ވަރަށް ތަފާތެވެ. ސެޓްފިކެޓް ގަންނަ ވާހަކައެވެ. ތީސީސް ވަގަށްނަގާ ވާހަކައެވެ. ފައިސާދީފައި އެސައިންމެންޓް ހައްދާ ވާހަކައެވެ.

އަވަށްޓެރި ޤައުމުތަކުން ސެޓްފިކެޓް ގަންނަ ވާހަކައަކީ ވަރަށް ކުރިއްސުރެ އިވޭ ވާހަކައެކެވެ. އެއިރު އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި ބޭފުޅުން މިއަދު އެތިއްބެވީ ތަޢުލީމީ އިދާރާތަކުގެ މަތީ މަޤާމުތަކުގައެވެ. ސެޓްފިކެޓްގެ ފެންވަރާއި ޞައްޙަކަން ބަލަންވެސް މެއެވެ. ޢަރަބި އިސްލާމީ ޤައުމެއްގެ ކުއްޖެއްގެ ތީސީސްގައި އެޤައުމުގެ ނަން އޮތް ތަން ދިވެހިރާއްޖެއަށް ބަދަލުކޮށް ތީސީސް އެއް ހުށަހަޅައި، ސެޓްފިކެޓެއް ހޯދި ވާހަކަވެސް ދެކެވުނެވެ. މިދާކަށް ދުވަހު ވެރިކަމުގެ އެއްމެ އުހުން ކަންބޮޑުވުން ފާޅުކުރެއްވީ، އަގަށް އެސައިންމެންޓް ލިޔުމުގެ އިޝްތިހާރެއް ކުރުމުންނެވެ. ތަޢުލީމީ އިދާރާއަކުން އެއިރުގެ ލައްކައިން، މިހާރު ނަމަ މިލިއަނުން ގުނާލެވޭ އަގުތަކުގެ ސިލަބަސްތަކެއް ހިއްޕަވައިގެން ނުކުންނަވާ އަމިއްލަ ކޮލެޖު އަދި މަރުކަޒު ހައްދަވައިގެން ކިޔަވައިދެއްވާ ވާހަކަވެސް ދެކެވެއެވެ. އޯލެވެލް ޓެސްޓް ޕޭޕަރ ވިއްކިކަން ސާބިތުވެ، މިރާއްޖޭގެ ތަޢުލީމީ ދާއިރާގެ ބައެއްގެ މައްޗަށް ޙުކުމްވެސް ކުރިއެވެ.

މިވާހަކަތައް ދިވެހިބަހުގެ ޑިގްރީގެ ފުރަތަމަ ބެޗްގެ ދަރިވަރަކާ ޙިއްސާ ކުރުމުން ބުނީ ދިވެހިބަހުގެ ގަވައިދުގެ ކޮންމެސް 1،2،3 އަކީވެސް މަޝްހޫރު ބަހުގެ ޢިލްމުވެރިއަކު ލިޔުއްވި ފޮތެކެވެ. ނަމަވެސް އެފޮތް ޗާޕުކުރުމުގެ ކުރިން އެބޭފުޅަކު ނިޔާވުމުން، މިހާރު ދިވެހިބަހުގެ ގަވައިދުގެ ކޮންމެސް 1،2،3 ނުކުމެފައި އެވަނީ ބަހުގެ އެފަދަ އެހެން ޢިލްމުވެރިއެއްގެ ނަމުގައި ކަމަށެވެ. އަދި އެބާވަތުގެ އެހެން ބައެއް ވާހަކަވެސް ހިއްސާ ކުރެއްވިއެވެ. އެއީ، އައި.ޓީ.އީގައި އޭނާ ޓީޗާރސް ޓްރޭނިންގ ހެއްދެވިއިރު ދިވެހި ލެކްޗަރާ ވިދާޅުވެގެން ހެދި ދިވެހިބަހުގެ ގަވައިދުގެ ދިރާސާއެއް، އެ ލެކްޗަރާ އަތުން ގެއްލިފައި، ފަހުން އެލެކްޗަރާއަކު ލިޔުއްވި ދިވެހިބަހުގެ ގަވައިދުގެ ބައިބައިގެ ނަމުގައި ނުކުމެ އެއްމެ ފަހުން، ފޮތެއްގެ ސިފަ ޖެހިގެންދިޔަ ވާހަކައެވެ. އަދި ދިވެހިބަހުގެ ޑިގްރީގެ ފުރަތަމަ ބެޗްގެ ދެދަރިވަރަކު ލިޔުއްވި ފޮތެއް، އެކޯހުގެ ލެކްޗަރާއެއްގެ ނަމުގައި ލިޔެވި، މިހާރު އެމް.އެން.ޔޫ ކުރީގެ ކޮލެޖްގައި ކިޔަވައިދޭން ބޭނުންކުރި ވާހަކައެވެ. އިސްވެދިޔަ ކަންކަމަށް ބަލާއިރު، އެއީ އުނގެނުން ނުވަތަ އުނގަނައިދިނުން ހެއްޔެވެ؟ ނޫންނަމަ ޢިލްމުން ވައްކަންކުރުން ހެއްޔެވެ؟

ކޮންމެއަކަސް، ލިބިފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުމަށްވުރެ މުހިންމީ މީހާގެ ފެންވަރެވެ. ސަބަބަކީ އޭނާ އަދާކުރާނީ އެފެންވަރުގެ ވަޒީފާއެކެވެ. ފެންވަރު ނެތި ވަޒީފާ އަދާކުރާނަމަ ލަދުވެތި ކަންކަމާ ކުރިމަތިލާން ޖެހިދާނެއެވެ. ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެއެވެ. ރާއްޖޭގެ ކޮލެޖަކުން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ތަޚައްޞުޞުވި ދަރިވަރަކު ވަޒީފާއަށް އިންޓަވިއު ކުރުމުގައި "ތިންބާރު" ބުނެދޭން ނޭނގުނު ވާހަަކަ މިދާކަށް ދުވަހަކު އިވުނެވެ. ދިވެހި މުދައްރިސަކާ ދަރިވަރަކު ސުވާލުކުރުމުން "އިރުކޮއްތު" އަކީ ކޮބައިކަން ބުނެދޭން ނޭނގުނު ވާހަކައެއް ތަންކޮޅެއް ކުރިން އިވިގެން ދިޔައެވެ. މިސާލަކަށް އިންޖިނޭރެއްގެ ފަރާތުން މިފަދަ ކަމެއް ދިމާވާނަމަ، ފަސިންޖަރުންނާއެކު ދަތުރުކުރާ ފްލައިޓް ކަނޑުއަޑިން ނަގަންޖެހިދާނެއެވެ. މި ހިސާބުން އަޅުގަނޑުގެ ހަނދާނަށް އައީ، އިސްލާމީ ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިޔާ "މުޙައްމަދު މުތަވައްލިއްޝަޢުރާވީ"ގެ ބަސްފުޅެކެވެ. ނޫސްވެރިއަކު ސުވާލުކުރީ "ޝައިޚަކީ މުޅިދުނިޔެ ޤަބޫލުކުރާ މޮޅު ޢިލްމުވެރިއެކެވެ. އެކަމު ޝަހާދާ އިޢުދާދިއްޔާ ނޫން ސެޓްފިކެޓެއް ނެތެއްނުންތޯއެވެ؟ އެހެންވީމާ ޕީ.އެޗް.ޑީ ނުހައްދަވަނީ ކީއްވެތޯއެވެ؟" ޖަވާބުގައި ހީނލާފައި ވިދާޅުވީ "އަހަރެންވެސް ސެޓްފިކެޓް ބޭނުމެވެ. އެކަމަކު މިއުޅެނީ އަހަރެން އިމްތިޙާން ކޮށްދޭނެ މީހަކު ނުވެގެންނެވެ."