Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

ރައީސް ޔާމީނުގެ ރަދީފުގައި ނެތް ލަފުޒެއްގެ ވާހަކަ

ސިންގަޕޫރަށް މިނިވަންކަން ލިބުނީ އަޅުގަނޑުމެންގެ ރާއްޖެއަށްވުރެ ދެ ހަފްތާފަހުން، 1965ގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެޤައުމުގެ ކުރީގެ ވަޒީރަކު އަޅުގަނޑާ ޙިއްޞާކުރެއްވި ވާހަކައެއް ދަންނަވާލާނަމެވެ. ސިންގަޕޫރަށް މިނިވަންކަން ލިބުނުތާ ކުރީކޮޅުގެ މަޝްހޫރު ވާހަކައެކެވެ.

އޭނާ ވިދާޅުވެދެއްވިއެވެ. ޤައުމުގެ ބައްޕަ އަދި ފުރަތަމަ ބޮޑުވަޒީރު ލީ ކުއަން ޔޫ، އަވަށްޓެރި އިންޑޮނީޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. އަލަށް އުފެދުނު އޭނާގެ ކުޑަކުޑަ ޤައުމުގެ މުސްތަޤްބަލާމެދު، ދެކުނު އިރުމަތީ އޭޝިޔާގައި އެއިރު ހުންނެވި އެންމެ ނުފޫޒުގަދަ އެއް ލީޑަރުކަމުގައިވާ އިންޑޮނީޝިޔާގެ ރައީސް ސުކާނޯއާއެކު މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށެވެ.

އެ ދެ ބޭފުޅުންގެ ބައްދަލުވުން ފެށުމާއެކު، ލީގެ އަރިހުން ސުކާނޯ ސުވާލެއް ކުރެއްވި ކަމަށްވެއެވެ. ސިންގަޕޫރުގައި އޮންނަނީ ކިތައް ކާރުތޯ އެއްސެވިއެވެ. ބޮޑުވަޒީރު ލީ، ކުޑަކޮށް ވިސްނަވާލައްވާފައި، ޖަވާބު ދެއްވިއެވެ. އަޅުގަނޑުމެންގެ ޤައުމަކީ 300 އަކަ ކިލޯމީޓަރު ހަމަނުވާ، ވަރަށް ކުޑަ ޤައުމެއް ކަމަށެވެ. އެހެން ކަމުން، އޮތީ އެންމެ ދެތިން ހާސް ކާރު ކަމަށެވެ.

ރައީސް ސުކާނޯ، ހިތްޕުޅުހަމަޖެހުމާއެކު، ވިދާޅުވިއެވެ. އިންޑޮނީޝިޔާގައި އެތައް ލައްކަ ކާރު އެބަ އޮތް ކަމަށެވެ. އަދި، އޭނާގެ ޤައުމަކީ ބޮޑު، ވަރުގަދަ ޤައުމެއް ކަމަށެވެ. ދުނިޔޭގެ ޗާޓުން ދެކުނު އިރުމަތީ އޭޝިޔާ އޮންނަ ސަރަޙައްދު ބަލާލުމުން، ފެހިކުލައިގައި، ބޮޑުސިންގާ ހިސާބެއްގެ ގޮތުގައި ފެންނަން އޮންނަނީ އިންޑޮނީޝިޔާ ކަމަށެވެ. އަދި، މެލޭޝިޔާ ކައިރީގައި، ކުޑަކުޑަ ރަތް ތިއްކެއްގެ ގޮތުގައި ފެންނަން އޮންނަނީ ސިންގަޕޫރު ކަމަށް ވިދާޅުވިއެވެ. ފޮނި، ކިބުރުވެރި ރާގެއްގައި ވިދާޅުވި ބަސްފުޅެކެވެ.

މޫނުފުޅަށް އެންމެ ރުލެއްވެސް އަރުވާނުލައްވާ، ބޮޑުވަޒީރު ލީ ޖަވާބުގައި ވިދާޅުވިއެވެ. ސިންގަޕޫރުގައި ކުޑައީ ބިންކަމަށެވެ. ނަމަވެސް، ޤައުމުގެ މުސްތަޤްބަލާމެދު އެމަނިކުފާނު ކުރައްވާ އުންމީދު ވަރަށްވެސް ބޮޑު ކަމަށެވެ.

އެއިރު އިންޑޮނީޝިޔާގެ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ ނިސްބަތަކީ 665 ޔޫ.އެސް. ޑޮލަރަށް ވީއިރު، ސިންގަޕޫރުގައި އެއަދަދު އޮތީ އެންމެ 500 ޑޮލަރުގައި ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. "މިކަން ބަދަލުކުރާނަން" ކަމަށް ވަޢުދުވެވަޑައިގެން، އެމަނިކުފާނު ބައްދަލުވުން ނިންމަވާލެއްވީ ކަމަށްވެއެވެ.

ދިވެހިރާއްޖެއާ އެކުއެކީގައި، ސިންގަޕޫރުގައިވެސް މިނިވަންކަމުގެ ރަން ޔޫބީލް 2015 ގައި ފާހަގަކުރީ ވަރަށް ކުލަގަދަ ގޮތެއްގައެވެ. ސިންގަޕޫރުގައި ބޭއްވުނު ބައެއް ރަސްމިއްޔާތުގައި އަޅުގަނޑު ބައިވެރިވީމެވެ. ދިވެހި ސަރުކާރުގެ ފަރާތުންނެވެ. އެޤައުމުގެ މިނިވަން 50 ގެ ޝިއާރަކަށް އެކަށައަޅާފައި އޮތީ "ލިޓްލް ރެޑް ޑޮޓް" ނުވަތަ "ކުޑަކުޑަ ރަތް ތިކި" މިއެވެ.

އޭގެ ބައި ޤަރުނު ކުރިން އިންޑޮނީޝިޔާގެ ރައީސް ހަޖޫ ޖައްސަވާ، ވިދާޅުވި ނުކިއްސަރު ބަސްފުޅުތައް، ސިންގަޕޫރުގެ ބޮޑުވަޒީރާއި ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި އަށަގެންފައިވާ މިންވަރު އެ ޝިއާރުން ރަމްޒުކޮށްދެއެވެ. މިއޮތީ ޒާތީވެވިފައެވެ. ޗެލެންޖެއްގެ ގޮތުގައި އެކަން ބަލައިގެންފައެވެ. އިންޑޮނީޝިޔާއަށާއި މުޅި ދުނިޔެއަށްވެސް ސިންގަޕޫރުގެ އަސްލު ސައިޒު ދައްކާލަން ބޮޑުވަޒީރު ލީ އާއި ރައްޔިތުންގެ އަމާޒު ހިފިކަން، މި ޝިއާރުން އެބަ ރަމްޒުކޮށްދެއެވެ. އަދި، އެ އަމާޒަށް ކާމިޔާބުކަމާއެކު ވާޞިލުވެވިފައިވާކަން، އޭގެ 50 އަހަރު ފަހުން، ޤައުމީ ފެންވަރުގައި އެ ފާހަގަކުރަނީއެވެ.

ބައި ޤަރުނު ފަހުން ތަފާސްހިސާބު ބަލާލާއިރު، ސިންގަޕޫރުގެ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު އޮތީ 65،000 އެމެރިކާ ޑޮލަރަށް އަރާފައެވެ. ދުނިޔޭގައިވެސް އެއަދަދު އެންމެ މަތީގައި އޮތް އެއް ޤައުމެވެ. އިންޑޮނީޝިޔާ، 50 އަހަރު ފަހުން އޮތީ އެންމެ 4000 ޑޮލަރުގައެވެ. ބޮޑު ވަޒީރު ލީ ވިދާޅުވި "އުންމީދު" މިއޮތީ ހަޤީޤަތަކަށްވެފައެވެ.

ބޮޑުވަޒީރު ލީ އަކީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ ކުޅަދާނަ އެއް ލީޑަރެވެ. ޤައުމެއްގެ މިސްރާބު ބަދަލުކޮށްލެއްވީއެވެ. އެއްވެސް މީހަކަށް ނުފެނުނު ފުރުޞަތުތަކެއް އެމަނިކުފާނަށް މާކުރިން ފެނިވަޑައިގަތީއެވެ. އެހެން މީހުން ނުކުރާ އުންމީދުތަކެއް އެމަނިކުފާނުގެ ސާބިތުކަމުން ހަޤީޤަތަކަށް ހެއްދެވީއެވެ.

އެފަދަ ބައެއް އެހެން ލީޑަރުންވެސް ފަހުގެ ތާރީޚުގައި ފެނިގެންދިޔައެވެ. އެބޭފުޅެއްގެ ޤައުމުގެ މުސްތަޤްބަލް މުޅިން ބަދަލުކޮށްލެއްވި ލީޑަރުންނެވެ. ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާއެވެ. އިނގިރޭސިވިލާތުގެ މާގްރެޓް ތެޗަރ އެވެ. ރޫސީވިލާތުގެ މިކައިލް ގޮރްބަޗެވް އެވެ. އެމެރިކާގެ ރޮނަލްޑް ރޭގަން އެވެ. މެލޭޝިޔާގެ މަހާތީރު މުޙައްމަދެވެ. މި ބޭބޭފުޅުންނާމެދު ގިނަގުނަ ފޮތްތައް ލިޔެވިފައި ހުރެއެވެ. އާ ޖީލުތަކުން އިބްރަތް ޙާޞިލުކުރުމުގެ ބޭނުމުގައެވެ.

ރަސްމީ ހައިސިއްޔަތުނާއި އަމިއްލަ ގޮތުގައި ރާއްޖެއިން ބޭރަށް ގިނަގުނަ ދަތުރުތަކެއް ކުރުމުގެ ނަސީބު އަޅުގަނޑަށް ލިބުނެވެ. ފޭސްބުކްގައި ރައްޓެއްސަކު ކުރި ސުވާލަކަށް ޖަވާބު ދިނުމުގެ ނިޔަތުގައި، އެއްދުވަހު، ބޭނުންކޮށް މުއްދަތު ހަމަވެފައިވާ އަޅުގަނޑުގެ ކުރީގެ ޕާސްޕޯޓުތައް ބަލާލުމުން އެނގުނީ، ގާތްގަނޑަކަށް 80 ތަފާތު ޤައުމަށް ޒިޔާރަތްކުރެވިފައިވާ ކަމެވެ. އެހެންކަމުން، ދުނިޔެ ފެނިފައިވާ ކަމަށް ބުނުމުން އެއީ ދޮގަކަށް ނުވާނެތާ ދެއްތޯއެވެ. އަދި، ވަރަށް ގިނަ ލީޑަރުން، ވަރަށް ގާތުން ފެނި، އެބޭފުޅުންނާ ބައްދަލުވުމުގެ ފުރުޞަތާއި ނަސީބުވެސް ލިބުނެވެ. އޭގެ ތެރެއިން، އަޅުގަނޑަށް ފާހަގަކޮށްލެވުނު ބައެއް ބޭފުޅުން ހިމެނެއެވެ. މި ލިއުމުގައި އިތުރު ތަފްޞީލަށް ދާކަށް ނެތީމެވެ. ދަންނަވާލަން ބޭނުމީ އެންމެ ވާހަކައެކެވެ. އަޅުގަނޑާ ބައްދަލުވި އެންމެ ކުޅަދާނަ، އެންމެ ސާބިތު ވެރިންގެ ލިސްޓުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހިމެނިވަޑައިގަންނަވާ ވާހަކައެވެ. އަޅުގަނޑުގެ ރައުޔެވެ. އަޅުގަނޑުގެ ލިސްޓެވެ. އެކި ކިޔުންތެރިންގެ ލިސްޓުގައި އޮންނާނީ ތަފާތު ބޭބޭފުޅުންކަން ކަށަވަރެވެ.

ކުރީގެ ލިއުމެއްގައި ދަންނަވާލީމެވެ. ހުޅުމާލެއާމެދު ރައީސް ޔާމީން ގެންގުޅުއްވި ތަޞައްވުރަކީ، ފުރަތަމަ އިވުނު ދުވަހު، ހަޤީޤަތަކަށް ހެއްދެވިދާނެ ކަމާމެދު އަޅުގަނޑުވެސް ޝައްކު އުފެއްދި ތަޞައްވުރެކެވެ. ބްރިޖް އެޅި، ފްލެޓްތައް އަރާ، މަގުތައް ހެދި، ޕާކުތައް ޤާއިމުވެ، ޚިދްމަތްތައް ފުރިހަމަވެ، މީހުން އާބާދުވުމާ ހިސާބަށް ދިއުމުން، މިއަދު އެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

ރައީސް ޔާމީނާ ގުޅޭ އެފަދަ ބައެއް އެހެން ކަންކަންވެސް ދަންނަވާލާނަމެވެ. ގާތުން އެ މަންޒަރުތައް ފެނި، އެވާހަކަތައް އަޑުއެހި މީހެއްގެ ހައިސިއްޔަތުންނެވެ. ތާރީޚަށްޓަކައެވެ. އަންނަން އޮތް ޖީލުތަކަށް، ދިވެހި ޤައުމާމެދު ގެންގުޅޭ އުންމީދު ކުޑަނުކުރުމަށް ދެވޭ ނަސޭހަތެއްގެ ގޮތުގައެވެ. ކަންކަން ރަނގަޅުކުރަން ހިތްވަރުދީ، ކަންކަން ރަނގަޅުކުރެވޭނެކަމުގެ ހިތްވަރު އަދުގެ ޒުވާނުންނަށް ދިނުމަށްޓަކައެވެ. މިޤައުމަކީވެސް، ސިންގަޕޫރު ފަދައިން، ސައިޒުން ކުޑަޔަސް ފުރުޞަތުގެ ގޮތުން ބޮޑު ޤައުމެއްކަން ވިސްނައިދިނުމަށްޓަކައެވެ.

ފުރަތަމަ ހާދިސާއަށް އެނބުރިލާނަމެވެ. ރައީސް ޔާމީންގެ ޒަޢާމަތުގެ ކުރީކޮޅެވެ. އޮފީސް ދުވަހެއްގެ މެންދުރު، ފަރީއްކޮޅުގެ ވަގުތެވެ. އަޅުގަނޑާއެކު އެ މޭޒުދޮށުގައި ތިއްބެވި ބޭފުޅުން ހަނދާން އެބަހުއްޓެވެ. އެއިރުގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، އެއިރު އަޅުގަނޑާއެކު ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމު ފުރުއްވަމުން ގެންދެވި (އަދި މީގެ ދެ ދުވަހެއް ކުރިއާ ހަމައަށް ހެލްތް މިނިސްޓަރުކަން ކުރެއްވި) ޢަބްދުﷲ އަމީނެވެ.

މަޝްވަރާކުރެވެމުންދިޔައީ، ޑޮލަރުގެ ކަޅު ބާޒާރާ މެދުއެވެ. ދެކެވެމުންދިޔައީ، ބޭރުފައިސާގެ ދަތިކަން އޮތް މިންވަރުގެ ވާހަކައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މިއީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފަހުން ދިމާވި މައްސަލައެއް ނޫނެވެ. މިއީ ރައީސް ނަޝީދު އިޤްތިޞާދީ ގޮތުން އެޅުއްވި ކަތި ފިޔަވަޅެއްގެ ސަބަބުން އުފެދުނު، އަދި އެހިސާބަށް އައި އިރުވެސް އެކަށޭނަ ޙައްލެއް ނުލިބި އޮތް މައްސަލައެކެވެ.

ނަޝީދުގެ ވެރިކަމުގައި، 2011 ގައި، އެއިރު 12.85ރ. ގައި ހުރި އެކްސްޗޭންޖް ރޭޓު، 20 އިންސައްތައިގެ 'ބޭންޑެއް' ކަނޑައަޅާ، ބޮޑު ކުރިއެވެ. އޭގެ ސަބަބުން، ބޭންކުތަކުގެ ރޭޓު ވަގުތުން އުފުލި، މިހާރު ރަސްމީގޮތުން މިހުރި 15.42ރ.ގެ ރޭޓަށް ބަދަލުވިއެވެ. މިއީ ކޮސް ސިޔާސަތެއްކަން، އިޤްތިޞާދީ ޢިލްމު ދަންނަ މީހަކު ނަމަ ބުނާނެއެވެ. އެކްސްޗޭންޖް ރޭޓް ހުރިވަރުގައި ނުހިފެހެއްޓި، ރޭޓު މަތިކުރުމަކީ، ބޭރުފައިސާ އިތުރުވާ ނުވަތަ އިޤްތިޞާދުގައި ހިފެހެއްޓޭނެ ފިޔަވަޅެއް ނޫނެވެ. ނަތީޖާއަކަށްވީ، އަލަށް ކަނޑައެޅުނު ރޭޓުވެސް ފަހަނައަޅާ ގޮސް، 20 ރުފިޔާއާ ގާތަށް ދިވެހި ފައިސާގެ އަގު ވެއްޓުމެވެ. އަދި ކަޅު ބާޒާރު އެތައް ގުނައެއް އިތުރުވެގެންދިއުމެވެ.

އެ ހިސާބުން، ސިޔާސީ ބޭނުންތަކަށްޓަކައި "ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓަވާނެ ކަމަށް" ނަޝީދު ވިދާޅުވުން ފަދަ ދެއުޅިއެއްނުވާ ބަހަނާތައް ދެއްކެވި ދުވަސްވެސް ފެނިގެންދިޔައެވެ. މައްސަލައަށް ޙައްލެއް ނުލިބުނެވެ. ޙައްލުކުރަން ނުދަންނަނީއެވެ. އެކަމުގެ ޢިލްމް އަދި ތަޖުރިބާ ނެތީއެވެ.

މިދެންނެވި މެންދުރުގެ ފަރީއްކޮޅުގައި ދެކެވުނު ވާހަކަތަކަށްފަހު، އަޅުގަނޑުގެ ޙާޒިރުގައި ރައީސް ޔާމީން ފޯނުން ގުޅުއްވީ އެއިރު ހުންނެވި އެމް.އެމް.އޭގެ އެކްޓިންގ ގަވަރުނަރަށެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅު އަޅުގަނޑު އަޑު އެހީމެވެ.  "އެމް.އާރ.އާރ. ވަގުތުން 25 އިންސައްތައިން 20 އިންސައްތަ އަށް ތިރިކުރުމަށް" ރައީސް އެންގެވިއެވެ. ކުރުކޮށް ދަންނަވާނަމަ، އެ ވިދާޅުވީ ރިޒާރވްގައި ރައްކާކޮށްފައި ބަހައްޓަންޖެހޭ އާމްދަނީގެ ނިސްބަތް މަދުކޮށް، ބޭންކްތައް މެދުވެރިކޮށް އިޤްތިޞާދުގެ ތެރެއަށް އެފައިސާ ދޫކޮށްދެއްވުމަށެވެ.

ހައިރާން ކުރުވަނީ ދެން ވިދާޅުވި ވާހަކަފުޅެވެ. "ދެތިން ހަފްތާ ތެރޭގައި ޑޮލަރުގެ ކަޅުބާޒާރު މުޅިންހެން ހުއްޓި، 15.42ރ. އަށް ފަސޭހަކަމާއެކު، ޑޮލަރު ލިބެން ފަށާނެ" ކަމަށެވެ. ޙައްލު ނުވެގެން ތިން އަހަރު ވޭތުކުރި މައްސަލައަށް، ޙައްލެއް ހުށަހަޅުއްވަން ނެންގެވީ ތިން މިނިޓެވެ. އަދި، މައްސަލަ ޙައްލުވެގެންދިޔައީ ތިން ހަފްތާތެރޭގައެވެ.

ދެވަނަ ހާދިސާ ދަންނަވާލާނަމެވެ. ގުޅެނީ ޞިއްޙީ ދާއިރާއާއެވެ. އާޚިރުގައި، އެމަނިކުފާނުގެ ފަސް އަހަރު ނިންމަވާލެއްވުމަށްފަހު ދެއްވި ވަދާޢީ ތަޤްރީރުގައިވެސް، އެންމެ ބޮޑު ހެޔޮ ބަދަލެއް ގެންނެވުނު ކަމަށް އަމިއްލަފުޅަށް ޤަބޫލުފުޅުކުރައްވާ، ފާހަގަކުރެއްވި ދާއިރާއަކީ ޞިއްޙީ ދާއިރާއެވެ.

ކެބިނެޓުގައި ކުރެވުނު މަޝްވަރާއެކެވެ. ހުސްނުވާ އާސަންދައިގެ ބިލުތައް، ކޮންމެ އަހަރެއް ނިމޭއިރު، ބަޖެޓު ކުރެވިފައިވާ އަދަދަށްވުރެ 20 އިންސައްތަ އިތުރުވާތީ، އެކަމަށް ޙައްލެއް ހޯދުމާމެދު ދެކެވުނު ވާހަކައެކެވެ. އެއިރު ކެބިނެޓުގައި އަޅުގަނޑާއެކު ތިއްބެވި ބޭފުޅުންގެ ހަނދުމަފުޅުގައި އެމަޝްވަރާ ހުންނާނެއެވެ.

ހެލްތް މިނިސްޓްރީ އިން އެދުވަހު ކެބިނެޓަށް ކަރުދާހެއް ހުށަހެޅިއެވެ. އޭގައި އޮތީ ހުސްނުވާ އާސަންދައިގެ ބިލުތަކަށް، ބަޖެޓުކުރެވޭ މިންވަރުގައި ކުރެވޭ ހޭދަތައް ހިފެހެއްޓުމަށް، "ކޯޕޭމަންޓް" ނިޒާމެއް ހިމެނުމަށް ހުށަހަޅާފައެވެ. އެބޭފުޅުންނަށް ފެނިވަޑައިގެން ޙައްލަކީ، ކޮންމެ ބިލަކުންވެސް ވަކި މިންވަރެއް ރައްޔިތުންގެ ޖީބުން ދެއްކުމެވެ.

ހުށަހެޅުން އަޑު އެއްސެވުމަށްފަހު، ރައީސް ޔާމީން ވިދާޅުވިއެވެ. އެއްވެސް ހާލެއްގައި ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން ނުވާނެ ކަމަށެވެ. މިކަމަށް ޙައްލެއް ހޯދަން އެންގެވުމުގެ މާނައަކީ، "މައްސަލަ ރައްޔިތުން ބޮލަށް ޖެހުމެއް ނޫން" ކަމަށެވެ. ސަރުކާރެއްގައި އެވަރުގެ އުރަތްޕެއް ހުންނަންވާނެ ކަމަށެވެ.

ދެން ވިދާޅުވިއެވެ. ހުސްނުވާ އާސަންދައިގެ ބަޖެޓުގެ ބޮޑު ބައެއް ހޭދަވަނީ، ފަރުވާއަށް ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭތީ ކަމަށެވެ. ބޭރަށް ފޮނުވަން ޖެހެނީ، ގިނަ ފަރުވާތަކެއް ރާއްޖޭގައި ޤާއިމުވެފައި ނެތުމުން ކަމަށެވެ. އަދި، އެފަރުވާތައް ރާއްޖޭގައި ލިބެން ހުންނަ ނަމަ، ކުރަން ޖެހޭނެ ޖުމްލަ ޚަރަދު އެތައް ގުނައެއް ކުޑަވާނެ ކަމަށެވެ. ވީމާ، ވަގުތުން ޚަރަދު ކުޑަކުރުމުގެ ބަދަލުގައި، ޞިއްޚީ ޚިދްމަތްތައް ފުޅާކުރަން، ވިދިގެން އަންނަ އަހަރަށް، ބަޖެޓު ބޮޑު ކުރަން އެންގެވިއެވެ. އަދި، އިންވެސްޓްމަންޓް ހޯދައިގެންވެސް އެފަދަ ޚިދްމަތްތައް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރަށް މަތިކުރުމަށް އަމާޒުހިފުމަށް އެދިވަޑައިގަތެވެ. އޭގެ ފަހުން، ހުސްނުވާ އާސަންދައަށް ހިނގާ ޚަރަދު އަންނާނީ ކުޑަވަމުން ކަމަށާއި، ދެވޭ ޚިދްމަތުގެ ފެންވަރުވެސް ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ.

އެވަރުން ނިންމަވާލެއްވީއެއް ނޫނެވެ. އެމަނިކުފާނުގެ ތަޞައްވުރުވެސް ބަޔާންކޮށްދެއްވިއެވެ. ކެތް ލެބެއް (ނޭޝަނަލް ކާޑިއެކް ސެންޓަރެއް) ޤާއިމުކޮށް، ހިތުގެ ބަލިތަކަށް ފަރުވާހޯދުމަށް ބޭރަށްދާން ނުޖެހޭގޮތް ހެދުމަށް އެންގެވިއެވެ. ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކޮށް، ޒަމާނީ ފެންވަރަށް ޓެސްޓުތައް ހަދާ، އަވަހަށް ރިޕޯޓުތައް ލިބޭ ނިޒާމެއްގެ ތެރެއިން ޚަރަދު ކުޑަކުރަން އެންގެވިއެވެ. ނޭޝަނަލް ނެފްރޯ-ރީނަލް ސެންޓަރެއް ޤާއިމުކޮށް، ޑައެލިސިސް ފަދަ ޚިދްމަތްތަކަށް ބޭރަށްދާން ނުޖެހޭގޮތް ހެދުމަށް އެންގެވިއެވެ. ރެސްޕިރޭޓަރީ އައި.ސީ.ޔޫ ބޮޑުކުރަން އެންގެވިއެވެ. އައި.ސީ.ޔޫގައި ޖާގަ އިތުރުކޮށް، ބޮޑުކުރަން އެންގެވިއެވެ. އޮޕަރޭޝަން ތިއޭޓަރުތައް ޒަމާނީ ފެންވަރަށް ގެނެސް، ޖާގަ އިތުރުކޮށް، ބޮޑުކުރަން އެންގެވިއެވެ.

އޭގެ އިތުރުން، ޞިއްޚީ ދާއިރާއަށް ބަލާލާއިރު، ބައެއް ވިޔަފާރިވެރިންނަށް ޚިޔާލާއި ހިތްވަރު ދެއްވައިގެން، ސަރުކާރުން ޚަރަދުނުކޮށް، ޓްރީޓޮޕް ހޮސްޕިޓަލް ޤާއިމުކުރަން ރައީސް ޔާމީން މަސައްކަތްކުރެއްވިއެވެ. ދެކުނު އޭޝިޔާގެ އެންމެ ވަރުގަދަ ހޮސްޕިޓަލް ރާއްޖޭގައި ޤާއިމުކުރެއްވުމުގެ ތަޞައްވުރުގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލް ހަޤީޤަތަކަށް ހެއްދެވިއެވެ. ރައީސް ނަޝީދު ބޭކާރުގޮތެއްގައި އެޅި އެކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭނުން ހިފޭނެ ޒަމާނީ ފެންވަރުގެ ޓާރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ޤާއިމުކުރެއްވިއެވެ. ވިލިމާލގައި ހޮސްޕިޓަލެއް ޤާއިމުކުރެއްވިއެވެ. އާސަންދައާ ގުޅިގެން، ހުޅުމާލޭގައި ޓާރޝަރީ ހޮސްޕިޓަލް ޤާއިމުކުރެއްވިއެވެ. ނައިފަރުގައި ބޮޑު ހޮސްޕިޓަލެއް ޤާއިމުކުރެއްވިއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޒަމާނީ ވަޞީލަތްތައް ޤާއިމުކޮށްދެއްވިއެވެ. މިހުރިހާ މަސައްކަތެއްގެ މައިގަނޑު އެއް އަމާޒަކަށްވީ، ހުސްނުވާ އާސަންދައަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ލިބިލިބި ހުންނަ ޚިދްމަތަކަށް ހެއްދެވުމެވެ. ބަޖެޓުކުރެވޭ މިންވަރުގެ ތެރޭގައި ޚަރަދު ހިފަހައްޓައިގެންނެވެ.

ތިންވަނަ ހާދިސާއަށް އެނބުރިލާނަމެވެ. ބޭރު ޤައުމުތަކަށް ބަރޯސާވުން ކުޑަކުރުމެވެ. މިކަމުގައި ޙިއްސާކުރާ މިސާލު ގުޅިފައިވާ ޤައުމު ދަންނަވަން ޖެހޭ ކަމަކަށް ނުދެކެމެވެ.

މާކުރީއްސުރެ އެޤައުމަކުން ރާއްޖެއަށް އެމް.އާރ.އައި މެޝިނެއް ހަދިޔާކުރަން އޮތީ ވަޢުދުވެފައެވެ. ރައީސް ޔާމީން ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިންނެވެ. އެ މެޝިނު ނުލިބިގެން، އެކި ފަހަރުމަތިން ފޮރިން މިނިސްޓަރީ އަދި ހެލްތް މިނިސްޓްރީން މަސައްކަތްކުރިއެވެ. މެޝިނު ކޮބައިތޯ އެހުމުން، އެޤައުމުން ދައްކަނީ ކޮންމެވެސް އުދުހޭ އެއްޗެއްގެ ވާހަކައެވެ. އެފަރާތުން ބޭނުންވާ ކަމެއް، މެޝިނު ޙަވާލުކުރުމާ މަތިކުރަނީއެވެ.

އެއިރު ރާއްޖޭގައި އެމް.އާރ.އައި މެޝިނެއް ހުންނަނީ އަމިއްލަ ފަރާތެއްގެ ހޮސްޕިޓަލެއްގައި އެކަންޏެވެ. މިކަން ރައީސް ޔާމީނަށް ބަލައިގަންނަން ފަސޭހައެއް ނުވިއެވެ. ނުވާނެ ނޫންތޯއެވެ. ރައްޔިތުން ދަނީ އެމް.އާރ.އައި އެއް ހަދަން ޖެހުނީމައި، އަމިއްލަ ފަރާތަކަށެވެ. އެއް މެޝިން ވީމާ ކުޅަދާނަ ނުވާހާ މީހުން ގިނައެވެ. އެތައް މަހެއް އެބަ މަޑުކުރަންޖެހެއެވެ. އަދި، އާސަންދައިން އެކީ ޚަރަދު ހަމަނުޖެއްސޭތީ، ރައްޔިތުން ދިޔައީ ބޮޑު އެއްޗެއް ޖީބުން ދައްކަމުންނެވެ.

ބަހަނާއަކަށްފަހު ބަހަނާއެއް ދައްކާ، އެ މެޝިން ޙަވާލުކުރުން ލަސްކުރަމުންދިޔައެވެ. މެޝިނު ބަހައްޓާނެ ތަނަކާމެދު އެޤައުމުން ސުވާލު އުފެއްދިއެވެ. އައި.ޖީ.އެމް.އެޗްގައިތޯ ނުވަތަ ސެނަހިޔާގައިތޯ އޮޅުންފިލުވަން މަސައްކަތްކުރިއެވެ. އެއީ އެމީހުން ބަލަންޖެހޭނެ ކަމެއް ނޫން ދެއްތޯއެވެ. އަދި، މެޝިނު ބަހައްޓާނެ ކޮޓަރިއެއް ފަރުމާކުރުމުގެ ނަމުގައިވެސް މެޝިނު ހަވާލުކުރުން ގެންދިޔައީ ލަސްކުރަމުންނެވެ.

އެ ހިސާބުން، ރައީސް ޔާމީން އެދިވަޑައިގަތީ އެޤައުމުގެ ސަފީރާ ބައްދަލުކުރައްވާށެވެ. އެކަން އިންތިޒާމުކުރުމުގެ ޒިންމާ ޙަވާލުވީ އަޅުގަނޑާއެވެ. ވީމާ، ސަފީރު ރައީސް އޮފީހަށް ހާޒިރުކޮށް، އެމަނިކުފާނު ގޮވައިގެން ރައީސް އަރިހަށް ދިޔައީމެވެ. ބައްދަލުވުން ފެށުމާއެކު ސަފީރު ފެއްޓެވީ އެއްކަލަ ބަހަނާތަކެވެ. އަދި، އެމަނިކުފާނުގެ ވާހަކަފުޅު، ގޯޅިގޯޅިން ގެނެސް ނިންމަވާލެއްވީ ކުރިން ދެންނެވި އުދުހޭ އެއްޗާ ގުޅޭ އެއްބަސްވުމުގެ ވާހަކައިންނެވެ.

އެ ހިސާބުން ރައީސް ޔާމީން އެމަނިކުފާނާ މުޚާޠަބުކުރައްވާ އިތުރު އެއްޗެއް ވިދާޅެއްނުވެއެވެ. ނަޒަރު އަނބުރާލެއްވީ އަޅުގަނޑާ ދިމާއަށެވެ. އަދި ވިދާޅުވިއެވެ. އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރާ ވަގުތުން ގުޅުމަށް އެންގެވިއެވެ. އަދި، އެމް.އާރ.އައި މެޝިނެއް އެ ކުންފުނީގައި އެވަގުތު ހުރި ފައިސާ ބޭނުންކޮށްގެން ވަގުތުން ގަނެގެން ރާއްޖެ ގެނައުމަށެވެ. އަޅުގަނޑު އެ ފޯނުކޯލް ކުރީ އެތާނގައި އިނދެގެންނެވެ. ކޯލު ނިމުމާއެކު، ބައްދަލުވުންވެސް ނިމުނީ ކަމަށް ވިދާޅުވެ، ސަފީރާ ސަލާމްކުރައްވާފައި ރައީސް ކޮޓަރިކޮޅުން ނުކުމެވަޑައިގަތީއެވެ.

ރައީސް ވަޑައިގަތުމުން ސަފީރު، ހައިރާންކަންމަތީ އިންނަވާ، އަޅުގަނޑު ގާތުން އެއްސެވިއެވެ. ސަރުކާރުގެ ޚަރަދުގައި ގަނެގެން އެ މެޝިނު ގެންނެވުމަށް އެ އެންގެވި އެންގެވުމާމެދު އެމަނިކުފާނު ހަމަ 'ސީރިއަސް' ތޯއެވެ؟ އަޅުގަނޑު ދެންނެވީމެވެ. ރައްޔިތުންގެ ދުޅަހެޔޮކަމާ ޖެހުނީމައި ރައީސް ޔާމީން ސަމާސާއެއް ނުކުރައްވާނެއެވެ. "ޓޯޓަލީ ސީރިއަސް" ކަމަށް ދެންނެވީމެވެ. އަދި، މިއަދު މިރާއްޖެ އޮތީ ރައްޔިތުންނަށް ޚިދްމަތްދޭން އެމް.އާރ.އައި މެޝިނެއް ނުގަނެވިގެން، ބޭރުގެ އެހީއަށް ބަރޯސާވެގެން ތިބެންޖެހޭ ޙާލުގައި ނޫން ކަމަށް، ފަޚުރުވެރިކަމާއެކު، ދަންނަވާލީމެވެ. މި ރައީސް ޙަވާލުވެވަޑައިގެން ހިސާބުން، އެޒަމާން އެއޮތީ މާޒީވެ ގޮސްފައި ކަމަށްވެސް ދަންނަވާލީމެވެ.

ފަހުން އަޅުގަނޑާ ފޯނުން ގުޅުއްވާ، މިކަމާ ގުޅިގެން، ރައީސް ވިދާޅުވި ބަސްފުޅުތައްވެސް ހަނދާން އެބަ ހުއްޓެވެ. "ދިވެހިރާއްޖެއަކީ އެހާ ދެރަ ނިކަމެތި، ފަޤީރު ޤައުމެއް ނޫން" ކަމަށާއި، "ސަލާން ނުޖަހާވެސް ދިވެހިންގެ ބޭނުންތައް ފުއްދަވައިދެއްވާނެ" ކަމަށާއި، "ޞިއްޙަތާ ގުޅޭ ކަމެއްގައި ސިޔާސީ، އަސްކަރީ އަދި ޚާރިޖީ އަމިއްލަ އެދުމެއް މަތިކުރުން ދުވަހަކުވެސް ބަލައިނުގަންނާނެ" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސާބިތުކަން އަޅުގަނޑަށް ފެނިގެންދިޔަ މިފަދަ ގިނަގުނަ ހާދިސާތައް ހަނދާނުގައި އެބަހުއްޓެވެ. ހުޅުމާލެ ތަރައްޤީކުރުން މިސާލެއްގެ ގޮތުގައި ފުދެއެވެ. އެކަމަށް އަލިއަޅުވާލައި ކުރިން ވާނީ ލިއުމެއް ލިޔެފައެވެ. ހަމަ އެފަދައިން، ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށްޓަކައި އެއަރޕޯޓު ތަރައްޤީކުރުމަށް ކުރެއްވި މަސައްކަތްޕުޅަކީވެސް މިކަމުގެ ދަލީލެކެވެ. އަދި، މަހާޖައްރާފު ހޯއްދެވުންވެސް ގުޅިފައިވަނީ އެފަދަ ދުރު، އިޤްތިޞާދީ ވިސްނުންފުޅަކާއެވެ.

އެމަނިކުފާނު ގެންގުޅުއްވި ތަޞައްވުރު ހާމަވެގެންދާ، ވަރަށް ގިނައިން އަޅުގަނޑުމެން ގާތުގައި ވިދާޅުވާ ބަސްފުޅެއް ޙިއްޞާކޮށްލާނަމެވެ. "’ނުވާނެ' މި ލަފުޒަކީ އަޅުގަނޑުގެ ރަދީފުގައި އޮންނަ ލަފުޒެއް ނޫން" ކަމަށް ވިދާޅުވެއެވެ. ތެދެކެވެ. ނާދިރު ނުވަތަ މުސްތަޙިއްލު ކަމެއް ކަމަށް އަޅުގަނޑުމެން ޚިޔާލުފާޅުކުރުމުން، އެކަން ކުރެވިދާނެކަން ތަކުރާރުކޮށް ސާބިތުކޮށްދެއްވައެވެ. އުންމީދަކީ އެމީހަކު ކަނޑައަޅާ މިންވަރެއްގައި އޮންނާނެ އެއްޗެއް ކަމަށް ޤަބޫލުފުޅު ކުރައްވައެވެ. ޙިކްމަތްތެރިކަމާއެކު މަސައްކަތްކުރެވިއްޖެނަމަ، ކަނޑައަޅާ އަމާޒަށް ވާޞިލުވެވޭކަން ސާބިތުކޮށްދެއްވައެވެ. އެއީ ރައީސް ޔާމީނެވެ.

މި ލިއުން ފެށީ ސިންގަޕޫރުން ކަމަށްވީތީ، ނިންމާލަނީވެސް ސިންގަޕޫރުންނެވެ. ކުރިން ދަންނަވާލި ރަސްމިއްޔާތުގައި، އެޤައުމުގެ ވަޒީރު ދެއްވި އިތުރު މަޢްލޫމާތެއް ޙިއްޞާކޮށްލާފައެވެ. ސިންގަޕޫރުގެ މިނިވަންކަމުގެ ރަންޔޫބީލާ ހަމައަށް ވާޞިލުވެވުނުއިރު، ކުރިއަށް ފެންނަން އޮތް އެންމެ ބޮޑު ގޮންޖެހުމެއް ކަމަށްވަނީ، ޤައުމުގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް މުސްކުޅިވަމުން ދިއުމެވެ. އަދި، ތަރައްޤީގެ ރޭހުގައި އެހާ ސާބިތުކަމާއެކު މެދުކެނޑުމެއްނެތި ކުރިއަށްދިއުމުގެ ސަބަބުން، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި، އިސް ރަށްވެހިންނަށް އަޅާލުން ފަދަ މުހިންމު އިޖްތިމާއީ އަދި އިންސާނީ ސިފަތައް ސިންގަޕޫރުގައި ހީނަރުވަމުންދާކަން ދިރާސާތަކުން ދިޔައީ ދައްކަމުންނެވެ. އެހެންކަމުން، މިނިވަން 50 ގެ ޚާއްޞަ ލަނޑުދަނޑިއެއް ސަރުކާރުން ކަނޑައެޅީއެވެ. ދުވަސްވީ މީހުންނަށް އިޙްތިރާމްކުރުމާއި އަޅާލުމުގެ ޤައުމީ ކެމްޕޭނެކެވެ.

ފުރަތަމަ 50 އަހަރުގެ ލަނޑުދަނޑިތައް ކާމިޔާބުކަމާއެކު ޙާޞީލުކުރި ފަދައިން، މި ލަނޑުދަނޑިއަށްވެސް އެޤައުމުން ވާޞިލުވާނެކަމާމެދު ޝައްކެތް ނެތެވެ. ތަރައްޤީއަކީ ރޭވިގެން، ވަކި އަމާޒެއް ހިފައިގެން ޙާޞިލުކުރެވޭ އެއްޗެކެވެ. އަދި، މޮޅެތި ލީޑަރުންނަކީ، ލިބިފައިވާ ތަޢްލީމާއި ތަޖުރިބާގެ އަލީގައި، ރައްޔިތުންނަށް އުންމީދީ ތަޞައްވުރެއް ހުށަހަޅައިގެން، ރައްޔިތުންނަށް މަގު ދައްކައިދީގެން، ރައްޔިތުން ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލިއްޔަތު ހުންނަ ބައެކެވެ. މިރާއްޖެއަށް އެފަދަ މޮޅު ލީޑަރަކު ލިބުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
25101

7 Responses

  1. ކުނިގޮނޑެއް ގައި އޮތަސް ޖަވާހިރެއް ވާނީ ހަމަ ޖަވާހިރަކަށެވެ. ރައީސް ޔާމީނަކީ ޖަވާހިރެކެވެ.

  2. ގަބޫލްކުރިޔަސް ނުކުރިޔަސް ރައީސް ޔާމީންގެ ވިސްނުންފުޅާއި އެމަނިކުފާނުގެ ދިވެހިވަަންތަ ޢިސްލާމީ އަހުވަންތަ ކަމާއި ގާތްކުރާވަރުގެ ވެރިއެއްވެސް އަދި ނުދެކެން.

  3. ޖަސްޓް އަމޭޒިންގ! އެވަރުގެ ރައީސެއް ދެން މިޤައުމަކުން ނުފެންނާނެ ކަން ޔަޤީން..

  4. މުންދު ޣައުމާ ދެތެރޭ މިހާރު އަޅުގަދުމެން ހިތާމަކުރަން ، ޥަރައް ފުރިހަމަ ލިއުމެއް ، ޓީ ވީ ތަކުގަ މިވާކަކަތައް ގިނައިން ޥިދާޅުވެ ރައްޔިތުނައްވިސްނަދެއްވާ ،

  5. ވިސްނުންތެރި އިލްމީ ޒުވާނުންނަށް މިއަދު ވަރަށް ސާފުވާނެ ރައީސް ޔާމީން އަކީ ކިހާ ކެލިބަރ ރައީސެއްކަން. އަޅުގަނޑުމެން މިއަދު ދެރަވަނީ އަޅުގްނޑުމެންނަށް ޙިދުމަތް ކުރުމަށް އެމަނިކުފާނު ނެތްކަން އަދި ހިތާމަކުރަނީ ރައްޔިތިންނަށް ހިދުމަތްކުރުމަށް ލިބިދާނެ ފުރުޞަތު، އަދުގެ ސަރުކާރުން ޒާތީ ތަޢައްސުބެއްގެ ތެރެއިން ހަނިކުރަމުންދާތީ. ﷲ އިރާދަކުރެވިއްޔާ އެނބުރިއައުން ވަނީ ދާދިގާތުގައި

  6. ރައީސް ޔާމީނަށް މި ޤާއުމު ހިންގަވަން 10 ވަރަކަށް އަހަރު ލިބުނު ނަމަ ސިންގަޕޫރަށްވުރެ މި ރާއްޖެ ކުރިއަރުވާނެ. އެ މަނިކުފާޏު ވަޑައިގަތީ ތަޞައްވުރަކާއެކީގައި. އަޅުގަނޑަށް އެކަން އެނގޭ. ފ. އަތޮޅު މަޝްރޫޢަކީ ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކޮށްލާނެ މަޝްރޫޢެއް. އައިހަވަންއަކީ ފަތުރުވެރިކަމުން ލިބޭ ނަފާއަށް ވުރެ 70 ގުނަ އިތުރުވާނެ މަޝްރޫޢެއް. ހިތާމައަކީ މިއަދު ދިވެހިންލައްވައި ލޯނު ނަގުވައިގެން ގުޅިފަޅުގައި ބަނދަރެއްހަދައި އެތަނުން ފައިދާ ހޯދާން އިންޑިއާއަށް ދޭތީ. 20 މިލިޔަންވެސް ޚަރަދު ނުވާނެ ކަމެއްގައި 800 މިލިޔަންގެ ދަރަނި އިންޑިއާއިން ނަގައި ހަނިމާދޫ އެއަރޕޯޓް ހަދައި އެތަން 50 އަހަރަށް އިންޑިއާގެ ޢަސްކަރީ ބޭނުމަށް ދޭތީ. ދިވެހީންގެ މެދުގައި ކުރިކެޓަކީ މާ މަޤުބޫލު ކުޅިވަރަކަށް ނުވިޔަސް އިންޑިއާގެ ބޭޏުމަށް ކުރިކެޓް އިސްޓޭޑިއަމެއް ހަދާން އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ނަގައި އެތަން ހަދައި އެ ލޯނު ދައްކާން ދިވެހީންގެ ބޮލުގައި އެޅުވުން. މިއީ ޤައުމަށް ޚިޔާނާތްތެރިވުން ކަމަށް ނުވާ ނަމަ، ދުނިޔޭގައި ޚިޔާނާތްތެރި ކަމެއް ނުވާނެ. ރައީސް ޔާމީނަކީ ދިވެހިރާއްޖެއަށް ﷲ ދެއްވި ދެއްވި ނިޢުމަތެއް. މައުމޫނާއި ގާސިމާއި އިމްރާނު އެބައިމީހުންގެ އަމިއްލަ އެދުމަށްޓަކައި އިންޑިއާގެ ރިޝްވަތާއެކު ވެރިކަން ފުރޮޅައިލީ ކާއިނުންގެ ބަޔެއްގެ އަތްމައްޗަށް. ﷲ ދެއްވި ނިޢުމަތަށް ޝުކުރުވެރި ނުވީ. އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި ﷲ ވަނީ ނިޢުމަތަށް ޝުކުރުވެރިވުމުގެ ލާބަޔާއި އެކަމަށް ކުފުރުވެރި ވެއްޖެ ނަމަ ހުރި ޢުޤޫބާތުގެ ވާހަކަ ބަޔާންކުރައްވައިފައި. މިއަދު ޤައުމުން މި ފެންނަނީ އެ ހަގީގަތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *