މަތީގައިވާ ސުރުޚީގެ ދަށުން ލިޔަމުން މި އަންނަނީ ރާއްޖޭގެ ދުސްތޫރީ ތާރީޚުގެ ތެރެއިން ފުރަތަމަ ޤާނޫނުއަސާސީގެ ފަސްމަންޒަރާއި އެ ޤާނޫނުއަސާސީ އުވާލުމަށްޓަކައި ފަރުދާގެ އަނެއް ފަރާތުގައި ތިއްބަވައިގެން ވެރިން ހިންގެވި ސިޔާސީ ހަމަނުޖެހުންތަކުގެ ވާހަކަތަކެވެ. މީގެ ކުރިން ލިޔެފައިވާ ފުރަތަމަ ބައިގައި އަލިއަޅުވައިލާފައި ވާނީ ރާއްޖޭގައި ޤާނޫނުއަސާސީއެއް އޮތުމަށް މެދުވެރިވި ބައެއް ސަބަބުތަކާއި ފުރަތަމަ ޤާނޫނުއަސާސީ ފާސްކޮށް އެ މައްޗަށް ދުސްތޫރީ ޙުކޫމަތެއް ހިންގުމަށް ބާރުއެޅުއްވި ބޭފުޅުން ކުރެއްވި ބައެއް މަސައްކަތްޕުޅުތަކުގެ މައްޗަށެވެ.
މި ރާއްޖޭގެ މުސްކުޅި އާދަކާދައިގެ މައްޗަށް ހިނގަމުން އައި ރަސްކަން، ދުސްތޫރީ ވެރިކަމަކަށް ބަދަލުވެ، ހިނގައިގަންނަން ފެށިތާ އަހަރުވެސްނުވެ އުޅެނިކޮށް، ވެރިކަމުގެ ދުސްތޫރީ ފޭރާން ބޭލުއްވީ ދުސްތޫރީ ދައުލަތުގެ ވެރިންގެ ގޮތުގައި ތިއްބެވި ރަދުންނާއި ބޮޑުވަޒީރާއި ބޮޑުންގެ ތެރެއިން ބޭފުޅުންކޮޅެއްގެ ސިއްރީ ބައިވެރިވެވަޑައިގަތުން އޮވެގެންނެވެ.

ޤާނޫނުއަސާސީ ވުޖޫދުން ފޮހެލެއްވުމަށް އުފެއްދެވި ރޭވުންތެރި ގަޑުބަޑަށްފަހު، މާލެ އޮތީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ގެނބިފައިއެވެ. ޝަމްސުއްދީން ރަދުންނާއި ބޮޑުވަޒީރު މުޙައްމަދު ފަރީދަށް ދައުލަތުގެ ކަންކަން ކޮންޓްރޯލުކުރެއްވޭ ކަމަކަށް ނުތްވެވެ. އެކި ކަންކަމުގެ އަމްރުމަޢުރޫފު ހިންގުމުންދިޔައީ ހަތަރު އަވަށް އެކުލެވޭ ގޮތަށް މާލެތެރެއިން ނަގާފައިވާ 68 ބެއިކަލުންގެ ޖަމާޢަތަކުންނެވެ. މިބޭކަލުންގެ ސިއްރީ ޒަޢީމަކީ ކަކާގޭ ޙުސައިން ޙިލްމީ ދީދީ ކަމަށް މުޙައްމަދު އިސްމާޢީލު ދިދީ ލިޔުއްވާފައިވެއެވެ. މި 68 ބެއިކަލުންގެ ނިންމުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ ނިންމުން ކަމުގައި ހަދައިގެންނެވެ. ސަރުކާރުގެ ނިންމުންތައް ފާސްކުރާ ތަނަކީ އަވަށު މައިޒާންތައް ކަމުގައި ވެއްޖެއެވެ.
ބޮޑުވަޒީރު މުޙައްމަދު ފަރީދު ވިދާޅުވާތީ އަޑުއެއްސެވި ކަމަށް މޮޓަރު ބޯޓްގެ ގަޑުބަޑުގެ މުޞައްނިފު މުޙައްމަދު އިސްމާޢީލު ދީދީ ލިޔުއްވާފައިވެއެވެ. "މުޙައްމަދު ފަރީދު ވަޑައިގެން ބަންޑާރައިން (ރަދުން) އަރިހުގައި ވިދާޅުވިއެވެ. ބަގީޗާގެ މުޅިން ހަލާކު ކޮށްލައިފިއެވެ. އަޅުގަނޑަކީ ޢަސްކަރިއްޔާގެ ވެރިޔާއެވެ. އަޅުގަނޑަށް ބެލެހެއްޓުނު ކަމަކަށް ނުތްވެވެ. އަޅުގަނޑުގެ ބަހެއް ނުހިނގައެވެ. ބައެއް ވަޒީރުން އަރުވާލާން ވެއްޖެއެވެ. އަޅުގަނޑު މިއީ، ބޮޑުވަޒީރެވެ. އެހެންވީރު އެ ވަޒީރުން އެކަނި ކޮން ކުށެއްތޯއެވެ؟ ކުށެއްވިއްޔާ ކުޅައީ ކެބިނެޓް ނޫންތޯއެވެ؟"
ސިޔާސީ ގަޑުބަޑުގެ ރޭވުންތެރިންގެ އެޖެންޑާގައި ދެތިން ކަމެއް އިސްކުރެވިފައި އޮތެވެ. ޤާނޫނުއަސާސީ ވީދައިލައި ޤާނޫނީ ފުރަތަމަ ސަރުކާރު އުވިއްޖެ ކަމަށް ނިންމުމެވެ. އިހު އޮތްގޮތަށް ޝާހީ ރަސްކަމަކަށް ދައުލަތް ބަދަލުކުރުމެވެ. އެއަށްފަހު ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން މަޤާމުން ވަކިކުރެއްވުމަށްފަހު އަރުވާލެއްވުމެވެ.

ބުރާސްފަތި ވިލޭރޭގެ (8 ނޮވެމްބަރ 1933) (20 ރަޖަބު 1352 ހ.) ފަތިހުގެ ވަގުތެވެ. މާލޭ ރައްޔިތުންގެ ތެރެއިން ބަޔަކު އެއްވެ އެތިބީ ގުޅަކުޅޭ ފަސްގަނޑުގައެވެ. އެބައިމީހުން ގޮވަމުންދަނީ ތިމަންމެން ޤަނޫނުއަސާސީއެއް ބޭނުމެއްނޫނެވެ. ތިމަންމެން އަތަށް އެ ޤާނޫނުއަސާސީ ގެނެސްދެއްވާށެވެ. އެބައިމީހުންގެ ހަޅޭއްޖެހުމުގެ އަޑު ކަނޑައިގެންދާހާ އިރުތަކެއްނުވެ އުޅެނިކޮށް، އެމީހުންގެ އަތަށް ޤާނޫނުއަސާސީ ގެނެސްދެއްވައިފިއެވެ. ޤާނޫނުއަސާސީގެ ނުސްޚާ ގެނެސްދެއްވީ، އެ ޤާނޫނުއަސާސީގެ ދަށުން އުފެއްދި ދުސްތޫރީ ސަރުކާރުގެ ފުރަތަމަ ބޮޑުވަޒީރު އަދި ސިފައިންގެ އިސްވެރިޔާ މުޙައްމަދު ފަރީދު ދީދީއެވެ.

މުޙައްމަދު އިސްމާޢީލު ދީދީ ލިޔުއްވާފައިވެއެވެ. "ގަނޑުވަރުތެރެއިން މުޙައްމަދު ފަރީދު ދީދީ ނުކުމެވަޑައިގެންއިރު، އަތްޕުޅުގައި އޮޅާލާފައި ތުނި ފޮތެއް (ޤާނޫނުއަސާސީ ފޮތް) އޮތެވެ. ހަރުކޮށް ވަޑައިގެން ހިއްތަން ދޮރޯށީން މުޙައްމަދު ފަރީދު ނިކުމެވަޑައިގެންތަނާހެން، ފަސްގަނޑުގައި ތިބި މީހުން މާބާރަކަށް ހަޅޭލައިގެން އަޑާ އަތްތިލަބަޑި ތަޅައިގަތް އަޑުއިވުނެވެ. އެއަށްފަހު، ބޮޑުއަށީ ހުޅަނގުކޮޅާ ދިމާލުގައި ތިބި މީސްކޮޅެއް އެއްޗެއް (ޤާނޫނުއަސާސީ ފޮތް) އަތުލާންވެގެން ހިފާ ތަޅާފޮޅާ އުޅެއެވެ. އަނެއްބައި މީހުން ވަށައިގެން ތިބެ އަތްތިލަބަޑިޖަހަނީއެވެ."
މިފަދަ ގޮތަކަށް ޢަބުދުލް ޙަކީމް ޙުސައިން މަނިކު ވެސް ވިދާޅުވެފައިވެއެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި، އޮޅާލާފައި އޮތް ފޮތެއް ހިއްޕަވައިގެން ހަވަރުގެ މެދުތެރެއަށް ވަޑައިގެންފައި މުޙައްމަދު ފަރީދު ވިދާޅުވިއެވެ. "ބަނޑާރައިން (ރަދުން) ވިދާޅުވެގެން ޤާނޫނުއަސާސީ ހަވަރަށް ދިނީއެވެ. ގަލޮޅުގޭ އިބްރާހީމް ދީދީއާއި ގުޅީ ޢީސާ ކަލޭގެފާނާއި މުލީގޭ ތުއްތީދީގެ ޢަބުދުﷲ ދީދީ އާއި މި އެންމެކަލުން އެކުގައިހެން ޤާނޫނުއަސާސީ ފޮތުގައި ހިފައިގެންފިއެވެ. މީހުންގަނޑު ގޮވައެވެ. ތިޔައީ ޤާނޫނުއަސާސީތޯ ބަލާށެވެ. ގަލޮޅުގޭ އިބްރާހީމްދީދީ ގޮވާލައްވައިފިއެވެ. މިއީ ޤާނޫނުއަސާސީއެވެ. ދެން ވީދައި ފުނޑުފުޑުކޮށްލާފައި ކަރުދާސްތައް ބިންމައްޗަށް އަޅާލައިފިއެވެ. އެމީހަކު އަތުޖެހުނު ކަރުދާސްކޮޅެއް ފައިދަށުލައި ފައިން ކާއްތަމުން ގޮވަނީ މިއަދަށްފަހު ޤާނޫނުއަސާސީއެއް ނެތެވެ. މިއަދަށްފަހު ވަޒީރުންގެ މަޖިލީހެއްނެތެވެ. ޤާނޫނު ހަދާ މަޖިލީހެއް ނެތެވެ. ވެރިކަން ކުރައްވާނީ ރަސްގެފާނެވެ. ސިފަވެގެން އެދިޔައީ ބޮޑުވަޒީރުގެ އަތްޕުޅުން ޤާނޫނުއަސާސީ ހަވަރަށް ދެއްވި މަންޒަރެވެ."
ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތަކާއި ޙައްޤުތައް އަދި ރައްޔިތުންގެ މަޞްލަޙަތަށްޓަކައި ވެރިންގެ ބާރުތައް މަޙްދޫދުކުރާ އަސާސީ ޤާނޫނުގެ ހަމަތަކަށް ވެރިކަމެއް ރައްޔިތުންނަށްޓައި ކޮށްދެއްވުން އަބަދުވެސް އޮންނަނީ ވެރިންނަށް ދަތި އުނދަގޫ ކަމަކަށް ވެފައެވެ. މިދެންނެވި ސަބަބަކީ ޤާނޫނީ ޙުކޫމަތެއް ކުރުމަށް އެޅި ބިންގާ މުގުރާލައްވައި ވެރިކަމުގެ ކުޅިފަސް ހޯއްދެވުމަށް ރައްޔިތުން މަގުމައްޗަށް ނެރުއްވައިގެން ބޮޑުން ކުޅުއްވި ސިޔާސީ ކުޅިބައެކެވެ.
ޤާނޫނުއަސާސީ ވީދައިލި ދުވަހު ކަން ހިނގާފައި ވަނީވެސް މިދެންނެވި ފަދައިންނެވެ. ގުޅަކުޅޭ ފަސްގަނޑަށް އެއްވެތިބެ ތިމަންމެން ޤާނޫނީ ވެރިކަމެއް ބޭނުމެއް ނޫނޭ ޤާނޫނުއަސާސީ އުވާލަދެއްވައި އިހު އޮތްގޮތަށް ވެރިކަން ކޮށްދެއްވާށޭ ގޮވަމުންދިޔަ "މޮބުން"ގެ އަތަށް ޤާނޫނުއަސާސީ ފޮތް ދިނުމުން އެފޮތް އިރާލައި އިހާނަތްތެރިވެ ފައިދަށުގައި ޗިސްޗިސްކުރުމަކީ ސިއްރު ރޭވުމެއްނެތި ކުއްލިއަކަށް ހިނގި ކަމެއްނޫނެވެ.

ގުޅަކުޅޭފަސްގަނޑަށް އެއްވެ ތިބި މީހުންނާއި ރަދުންނާ ދެމެދު ވާހަކަ ދެކެވެމުންދިއައެވެ. ފަސްގަނޑުގައި ތިބި މީހުންގެ ވާހަކަތައް ހިފައިގެން ރަދުންގެ އަރިހަށް ހިނގާ ހައެއްކަ މީހުން އުޅެއެވެ. އެމީހުންގެ އިސް މީހަކީ މުލީގެ ތުއްތީދީގެ ޢަބުދުﷲ ދީދީއެވެ. މީނާ ގޮސް ރަދުންނަށް ދަންނަވަތެވެ. ފަސްގަނޑުގައި ތިއްބެވި ބޭކަލުން އެބަވިދާޅުވެއެވެ. ގަނޑުވަރުގައި ޙިމާޔަތް ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ހަވަރަށް ނުދެއްވައިފިނަމަ، ގަނޑުވަރަށް ވަދެ އެބޭކަލުން ނެރެފާނަމޭ ގޮވަތެވެ. ފަސްގަނޑުގައި ތިބި މީހުން ބޭނުންވަނީ ގަނޑުވަރުތެރޭގައި ތިއްބެވި ބޭފުޅުން އަރުވާލައްވާށެވެ.
މުޙައްމަދު އިސްމާޢީލު ދީދީ ލިޔުއްވާފައިވެއެވެ. "ތިމަން ހުންނެވީ ކުޅިބައްލަވަންށެވެ. އެހެން، ދޮރޯށިތެރޭ ފިތިފައި ހުއްޓާ މީހުންގަނޑު ކޮށްޕައިގަތީމާ ފަހަތް ބައްލަވައިލެއްވިއިރު، ރަދުން ވަޑައިގެން ހިއްތަން ދޮރޯށިތެރެއަށް ވެދެވަޑައިގަންނަވަނީއެވެ. ރަދުންގެ އަރިހުގައި ތުއްތު ޢަލިދީދީގެ ސީދީ އާއި ކަކާގޭ ޙުސައިން ދީދީއާ ދެބޭފުޅުން ތިއްބެވިއެވެ. ރަދުން އެތަނުގައި އިންނަވައިގެން އަތްޕުޅުން ހައްދަވާ ގޮތުން ހީވަނީ ސަލާމް ކުރައްވާހެންނެވެ. ފަސްވަރަކަށް މިނިޓަށްފަހު އެނބުރި ވަޑައިގެންފިއެވެ."
އެސްޖެހި ގަނޑުވަރު ޅަސީދީ ވެސް މިފަދަ މޭރުމަކުން ލިޔުއްވާފައިވެއެވެ. ޝަމްސުއްދީން ރަދުން ވަޑައިގެންހުންނެވީ ގަނޑުވަރުގެ އުތުރުފަރާތުގެ ހިއްތަން ދޮރުވަށީގައެވެ. ޢަބުދުލް ޙަކީމް ޙުސައިން މަނިކު ލިޔުއްވާފައި ވަނީ ޝަމްސުއްދީން ހުންނެވީ ކިޔެވެނި ބޭކަލުންގެ އައްޓަށް ފުރަގަސްދެއްވައިގެން ދާންމަތީ ވެވަށް ކުރިމަތިލައްވައިގެންނެވެ. މި ހުރިހާ ބޭފުޅުންނަކީވެސް އެދުވަހުގެ މަންޒަރުތައް ދެކިވަޑައިގެން ލިޔުއްވި ބޭފުޅުންނެވެ.
ޢަބުދުލް ޙަކީމް ޙުސައިން މަނިކު ލިޔުއްވާފައިވާ ގޮތުގައި ޤާނޫނުއަސާސީ ވީދާލި ދުވަހު އޭނާ އުޅުވީ ޞަލާޙުއްދީން ހަވަރަށް ދެއްވާފާނެތީވެ ގަނޑުވަރުތެރޭގައެވެ. އޭރު ޞަލާޙުއްދީން ހުންނެވީ ގަނޑުވަރަށް ގެންނަވާފައިއެވެ. ޞަލާޙުއްދީންގެ ގެކޮޅު ބަގީޗާގެ އަށް ހަވަރު ވަދެ އެގެ ތަޅާލި ޚަބަރު އިވިގެން ގަނޑުވަރުން ނުކުތުމާ ހަމައަށް ޢަބުދުލް ޙަކީމް އުޅުއްވީ ގަނޑުވަރުތެރޭގައެވެ.
ރަދުން ހިއްތަން ދޮރޯޓަށް ވަޑައިގެންނެވި ސަބަބު، ޢަބުދުލް ޙަކީމް ޙުސައިން މަނިކު ލިޔުއްވާފައިވެއެވެ. "ޙުސައިން ޞަލާޙުއްދީނުގެ ގެކޮޅު ބަގީޗާގެއަށް ބަޔަކު ވަދެ ވަރަށް ބޮޑު ގެއްލުންތަކެއް ދިން ޚަބަރު އިވިވަޑައިގަތުމާއެކު، އާގަނޑުވަރުގޭ ތުއްތުގޮމާ (ޝަމްސުއްދީން ރަދުންގެ އެއް ބައްޕާފުޅު) ވަޑައިގެން ރަދުންގެ އަރިހުގައި ވިދާޅުވެއްޖެއެވެ. އެއްވެ އެއުޅޭ މީހުން ކިޔަމަން ނުކުރެވެންޏާ ރަސްކަން ދޫކޮށްލާފައި ދައިތައާއެކު ދެބެން ހެންވޭރު ގަނޑުވަރަށް ހިންގަވާށެވެ. ދެބެންގެ ބައްޕާފުޅާ މިކަހަލަ ދުވަހެއް ދިމާވި ދުވަހު ހައްދަވާނެ ގޮތް ހުހެއްނުވިއެވެ. ކިޔަމަންނުވާ ރައްޔިތުންގެ މައްޗަށް ރަސްކަންކުރުމަކީ ބޭނުން ކަމެއްނޫނެވެ."
އެހާތަނުން ޝަމްސުއްދީން ރަދުން އަރިހަށް ޙަސަން ފަރީދު ވަޑައިގެން ވިދާޅުވެއްޖެއެވެ. ރަސްގެފާނަށް ކިޔަމަންނުވާ ރައްޔިތުންގެ މައްޗަށް ހިންގާ ވެރިކަމެއްގެ ވަޒީރުކަން ބޭނުނުންފުޅެއް ނޫނެވެ. ވަޒީރުކަން ދޫކޮށްލައްވައިފީމެވެ. ބޮޑުފެންވަޅުގޭ ސީދީވެސް އެހިނދު ވިދާޅުވެއްޖެއެވެ. ތިމަންބޭފުޅާއަށް އޮތް މެމްބަރުކަން ދޫކޮށްލައްވައިފީމެވެ. އެހިނދު، ޝަމްސުއްދީން ރަދުން ކަންބޮޑުވެވަޑައިގެން ވިދާޅުވެއްޖެވެ. ސީދީ ކޮއްކޯއެވެ. ބޭބެ އެކަނިކޮށްފައި ވަޑައިނުގަންނަވާށެވެ. ފަސްގަނޑަށް އެއްވެ ތިބި މީހުންނާ ހަމައަށް ބޭބެ ގެންގޮސްދޭށެވެ. ހިއްތަންދޮރޯށިން އެމީހުންނަށް ބޭބެ ދައްކާދެއްވާށެވެ. ބޭބެ ފެނުނީމާވެސް ގުޅަކުޅޭ ފަސްގަނޑު ދޫކޮށްފައި ހިނގައިދާނެކަން ނޭނގެއެވެ. ދެން، ކަކާގޭ ޙުސައިން ދީދީއާއި ތުއްތު ޢަލީދީދީގެ ސީދީ ގޮވައިގެން ހިއްތަންދޮރޯއްޓަށް ވަޑައިގެންފިއެވެ.
ހިއްތަންދޮރޯށީގައި އިށީނދެވަޑައިގެން އިންނަވައި، ޝަމްސުއްދީން ރަދުން ބަސްފުޅު ވިދާޅުވެއްޖެއެވެ. ބޭކަލުންނޭވެ. އަޅުގަނޑަށްޓަކައި އެބޭފުޅުން ހަވަރަށް ނުދީ އިހު ތިއްބެވި ގޮތަށް މާލޭގައި ބައިތިއްބާ ދެއްވާށެވެ. އެންމެން އެއް އަޑަކުން ބުނެފިއެވެ. ބަންޑާރައިންނަށް އަޅުގަނޑުމެން ކިޔަމަންވަމެވެ. އެބޭފުޅުން ހަވަރަށް ނުދެއްވިއަސް އަރުވާލަދެއްވާށެވެ. ބައެއް ވަޒީރުން އަރުވާލެއްވުމަށް ކުރިން އޮތީ ރޭވިފައިއެވެ. މިހެންވެ، ރަދުންގެ އާދޭހުގެ ބަސްފުޅުގެ ރާގު ދެނެތިބެ، ވަޒީރުން އަރުވާލެއްވުމުގެ މައްސަލަ އަށް އެބައިމީހުން ދުލެއްނުދިނެވެ.
ރަދުންގެ ޙިމާޔަތް ލިބިވަޑައިގެންނެވި ބޭފުޅުން ގަނޑުވަރުގައި ތިއްބެވީ މަތިގޭގައެވެ. އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ބޮޑުކިބާގައި އެބޭފުޅުނަށް ސައިފޮދެއް ތައްޔާރުކުރެއްވިއެވެ. ސައިފޮދު ތައްޔާރު ކުރެއްވުމުގައި އިސްކޮށް އުޅުއްވީ ކަކާގޭ ތުއްތުމަނިއްޕުޅު (ޙުސައިން ޙަބީބު) އެވެ. އެބޭފުޅުންނާއެކު ސައިފޮދުގައި ޙަސަން ފަރީދުވެސް ބައިވެރިވަޑައިގަތެވެ. ސައިފޮދު ހިއްޕަވަން އިންނަވާފައި ޙަސަން ފަރީދު ވިދާޅުވެއްޖެއެވެ. މިކަންތަކުގެ ތެރޭގައި އަހަރުމެން ޔުނިޓީ ހިފަހައްޓަން ޖެހޭނެއެވެ. މިބޭފުޅުން (މޮޓަރިބޯޓުގައި ފޮނުވާލެއްވުނު) އަރުވާލާފައި އަހަރެން ވަޒީރުކަމުގައި ނުހުންނާނަމެވެ. މިވެނި ވަޒީރަކު އަރުވާލަން، އެވެނި ވަޒީރަކު ބަހައްޓަން މީ ކޮންވާހަކައެއްހެއްޔެވެ؟ ކުރާ ކޮންމެ ކަމެއް ކުރަނީ ކެބިނެޓުން ފާސްވެގެންނެވެ.
ޙަސަން ފަރީދު މިވާހަކަފުޅުތައް ވިދާޅުވަމުން ދިޔައިރު، ތާއީދުކުރެއްވުމުގެ ގޮތުން ވާހަކަފުޅުގައި މުޙައްމަދު ފަރީދު ބައިވެރިވެވަޑައިގަނަނަވަމުން ދިޔައެވެ. ޙަސަން ފަރީދުގެ މިވާހަކަފުޅަށް އިޝާރާތް ކުރައްވައި ޅެންބައިތެއްގައި ޞަލާޙުއްދީން ވިދާޅުވެފައިވަނީ "ޔުނީޓީ އަކީ ފަހެ ޙަސަދަޔާ މަކަރަށް ނުވާނެބާ؟" އެވެ. އެހެނީ ކަންތައްތައް ވެގެންދިޔައީ ޙަސަން ފަރީދު ވިދާޅުވި ގޮތަކަށް ނޫނެވެ. ދެ ފަރީދު ވެސް އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވެސް އެކަތިކަނޑެއްގެ ގޮތުގައި ތިއްބެވިތަނެއް ނުފެނުނެވެ. ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުން މޮޓަރުބޯޓުގައި ކޮޅުނބަށް ފޮނުވާލެވުނުއިރު، އަނެއްބައި ބޭފުޅުން ވަޒީރުކަމުގެ ހުވާކުރައްވައިފިއެވެ.
ޑިސެމްބަރ 27، 1933 (10 ރަމްޟާން 1352) ދުވަހުގެ ރޭ ރަދުންގެ ދަރިކަލުން ޙަސަން ޢިއްޒަތްދީނަށް ރަސްމީކޮށް ވަލީޢަހުދުކަން ދެއްވިއެވެ. މުޙައްމަދު ފަރީދާއި ޙަސަން ފަރީދާއި މުޙައްމަދު އަމީނަށް ވަޒީރުކަން ދެއްވިއެވެ. ބޮޑުފެންވަޅުގޭ ސީދީ އަށް ފަނޑިޔާރުކަން ދެއްވިއެވެ. ހަމަ އެރޭ ޙުސައިން ޙިލްމީ ދީދީ އަށް ކޮޅުނބުގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ދެއްވިއެވެ. މުޙައްމަދު ފަރީދު އޭރުވެސް ހުންނެވީ ބޮޑުވަޒީރުގެ މަޤާމުގައެވެ.
ރަޖަބު މަހު ދެވަނަ ދިހައިގައި ފެށުނު ގަޑުބަޑު ހަމައަކަށް ނޭޅި ދިގުލައިގެން ގޮސް ޝައްވާލު މަސް ފެށިއްޖެއެވެ. ދައުލަތުގެ އިސްވެރިޔާ ރަދުން މަޤާމުގައި އެބަހުންނެވިއެވެ. ބޮޑުވަޒީރުވެސް މަޤާމުގައި އެބަހުންނެވިއެވެ. ދައުލަތާއި ސަރުކާރުގެ ކަންކަމުގައި މިދެބޭފުޅުންގެ މާބޮޑު ބާރެއްނެތެވެ. ޤާނޫނީ ގޮތުން އުފެދުނު ފުރަތަމަ ސަރުކާރު ޙަޤީޤީ މާނާގައި ދެމިއޮތް ކަމަށް ބެލެވިދާނެ އެއްވެސް ހަމައެއް ނެތެވެ. އެކި ކަންކަމުގައި ނިންމަންޖެހޭ ނިންްމުންތައް އަދިވެސް ނިންމަނީީ ކުރިން ދަންނަވާފައިވާ 68 ބެއިކަލުންނެވެ.
އާދެ! ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ނޫން އެހެން މީހަކަށް މާލެ މަސަލަސް ނުކުރެވޭނެކަން އެންމެހައި ބޭފުޅުންނަށް މިހާރު ވިސްނިވަޑައިގެންފިއެވެ. މިހެންވެ، ރަންނަބަނޑޭރި ކިލެގެފާނު ރާއްޖެވަޑައިގަތުމަށް ދަންނަވަން ބޮޑު ސަތާރައިގެ ބޭކަލުން 28 ޖަނަވަރީ 1973 (ޝައްވާލު 12) ވީ އާދީއްތަ ދުވަހު ސިޓީފުޅެއް ލިޔުއްވައިފިއެވެ. މި ސިޓީފުޅު ހިފައިގެން ފުރީ ފާމުދޭރިގޭ އަޙުމަދު މަނިކާއި ގުޅީ ޢީސާ ކަލޭގެފާނުގެ ދަރި ޢުމަރު ޢީސާ (ދޮންމަނިކު) އާއި ދެ މީހުންނެވެ.
ކިލެގެފާނަށް ފޮނުއްވި ސިޓީފުޅުގެ ޖަވާބުގައި ކިލެގެފާނުވެސް ފޮނުއްވީ ސިޓީފުޅެކެވެ. ވިދާޅުވެފައިވެއެވެ. ތިމަންކިލެގެފާނު މާލެވަޑައިގަންނަވާނީ އިހަށް ތިމަންކިލެގެފާނު ވެރިކަން ކުރެއްވި ގޮތުގެ މައްޗަށް ވެރިކަން ކުރެއްވުމަށް ތިމަންކިލެގެފާނަށް ބާރު ދިނުމަށް ރަދުންނާއި ބޮޑުވަޒީރާއި ރައްޔިތުން ސޮއިކުރައްވާފައި އޮޅުދޫކަރައިގެ ގަވަރުނަރަށާއި ތިމަންކިލެގެފާނަށް ފޮނުއްވުމުންނެވެ. ރަންނަބަނޑޭރިކިލެގެފާނުގެ ސިޓީފުޅު ހަތަރު އަވަށު މައިޒާންދޮށުގައި ކިޔައި އިއްވުމަށްފަހު އެދިވަޑައިގެންފައިވާ ގޮތަށް ފާސްކޮށްފައިއެވެ. (ނުނިމޭ)



advertisment