އުތުރު ކަރައިގެ ސަގާފަތް ރާއްޖޭގައި ދިރުވުމަށް، އެ ޤައުމުގެ ސަރުކާރުގެ ބައެއް މަންދޫބުން ރާއްޖޭގެ ރަސްމީ ބައެއް ފަރާތްތަކާ ވާހަކަ ދައްކަމުން ގެންދާ ކަމުގައި ވެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އުތުރު ކަރައިން ބޭނުން ވަނީ، ސަގާފަތް ދިރުވުމަށް، ސަގާފީ ކަންތައްތައް ސްކޫލުގެ މަސައްކަތުގެ ތެރެއަށް ވެއްދުމަށެވެ. ލަފާ ކުރެވޭ ގޮތުގައި ދެކުނު އޭޝިއާގެ ސަގާފަތް ދިރިވުމުގެ ނަމުގަ އެވެ. މި ކަމާއި ޚިޔާލު ތަފާތުވާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސްކޫލް ތަކުގައި އެފަދަ މަސައްކަތެއް ފަށައިފި ނަމަ ރާއްޖޭގައި އޮންނާނީ ހިންދޫ ދީނެވެ. ރާއްޖޭގައި އުޅޭނީ ހިންދޫންނެވެ. މި ޚިޔާލާއި މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ވަރަށް ތަފާތެވެ. އެހެން ނަމަވެސް ސްކޫލް ތަކުގައި ބިދޭސީ ސަގާފަތެއް ދަސްކޮށްދިނުން ނުވަތަ ބިދޭސީ ސަގާފަތަކާ އަހުލުވެރި ކުރުވުން ދާއިމީ މަސައްކަތުގެ ތެރޭގައި ހިމެނުމަށް އަޅުގަނޑު އިދިކޮޅެވެ. އެފަދަ ކަމަކަށް ފުރުޞަތު ދީގެން ނުވާނެ އެވެ. ސްކޫލުތަކުގެ ތަފާތު ޙަަފްލާ ތަކުގައި ބޭރުގެ ސަގާފީ ބައެއް ކަންތައްތައް ދައްކަން ބޭނުންވެއްޖެ ހިނދެއްގައި މިހާރު ވެސް އެކަން ކުރާ ގޮތަށް، އެކަން ދަންނަ މީހުންގެ އިރުޝާދާއި އެހީތެރިކަމާއި އެކު އެކަމެއް ކުރެވިދާނެ އެވެ. ކަލްޗަރަލް ސެންޓަރުތައް ނުވަތަ ސަގާފީ މަރުކަޒުތައް ބޭރު ޤައުމުތަކުގައި ހިންގާ ޤައުމުތަކުން ކުރާ މަސައްކަތަކީ އެ ތަންތަނުގެ ސަގާފަތަށް އެ ޤައުމެއް ތަޢާރަފުކޮށް ދިނުމެވެ. ނުވަތަ އެ ސަގާފަތެއް ކުރިއެރުވުމަށް މަސައްކަތް ކޮށްދިނުމެވެ. އެ ސަގާފަތަށް މީހުންގެ ހިތް ޖެއްސުމެވެ. ނުވަތަ އަހުލުވެރި ކުރުވުމެވެ.
ސްކޫލުގައި އެހެން މާއްދާތައް އުގަންނައިދޭ ގޮތަށް، ޅަފަތުގައި ކުޑަ ކުދިންނަށް ބިދޭސީ ސަގާފަތެއް ދަސްކޮށް ދެވޭނެ މަގު ސަރުކާރުގެ ނުފޫޒު ފޯރުވޭ، އުނގަންނައިދޭ ތަނަކުން ތަނަވަސްކޮށްދިނުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ސަރުކާރުން އަނެއްކާ ވެސް، ސަރުކާރުގެ އެއްބާރުލުމާ އެކު ބިދޭސީ ނުފޫޒު ރާއްޖޭގައި ފެތުރެވުމަށް އެހީތެރިވެދެވެނީ އެވެ. ކޮންމެވެސް ސަބަބަކާ ހުރެ ބިދޭސީ ސަގާފަތެއް ދަސްކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އަމިއްލަ ފަރާތް ތަކުން ހިންގާ އެފަދަ ޚިދުމަތް ދޭ ތަނަކުން އަގަށް އެފަދަ ޚިދުމަތެއް ހޯދިދާނެ އެވެ. މިސާލަކަށް ދަންނަވާނަމަ ކަތަކު ޑާންސް ކުރުމަށް ޤުދުރަތީ ގޮތުން ހުނަރު ލިބިފައި ހުރި ކުއްޖެއްގެ މައިންބަފައިންނަށް އެ ކުއްޖާ ތުއްތު އިރު އެކަން ފާހަގަ ކުރެވިގެން އެފަދަ ތަމްރީނު ދޭ މަރުކަޒަކަށް އެކުއްޖާ ދާޚިލު ކުރެވިދާނެ އެވެ. ހަމަ އެ ގޮތަށް ޤުދްރަތީ ގޮތުން ފުޓްބޯޅަ ކުޅުމުގެ ހުނަރު ލިބިފައި ހުރި ކުއްޖެއްކަން ކުއްޖާ ތުއްތުއިރުގައި އެ ކުއްޖާގެ މައިންބަފައިންނަށް ފާހަގަ ކުރެވިގެން އެ ކުއްޖާ އަށް ބޭނުންވާ ތަމްރީނުތައް ލިބޭނޭ އިންތިޒާމް ހަމަޖައްސަފާނެ އެވެ. ރާއްޖޭގައި ވެސް ބައެއް ކަންތައްތައް މި ދެންނެވި ގޮތަށް، މިހާރު ވެސް ކުރަމުން ދެއެވެ.
ޅަފަތުގައި، ރާއްޖޭގެ ކުޑަކުދިންގެ ގައިގައި ބޭރުގެ ސަގާފަތެއް އަށަގަންނަވަން ބިދޭސީ ޤައުމަކުން ބޭނުން ވަނީ ކީއްވެ ބާވައެވެ؟ ރާއްޖޭގެ ސަގާފަތުގައި އަވައްޓެރި ޤައުމުތަކުގެ ސަގާފަތް ވަރަށް ބޮޑަށް ޝާމިލުވާ ކަމަށް އަޅުގަނޑު އެއްބަސްވަމެވެ. އެހެންނަމަވެސް ބޭރުން ގެނެވުނު އަސްލާ އެކު ދިވެހި ބަދަލުތައް މަސްހުނިވުމުގެ ސަބަބުން މިހާރު އެ ކަންތައްތަކުގައި ދިވެހިވަންތަކަން ވަރަށް ބޮޑަށް ފެނިގެން ދެއެވެ. ކޫލް ވޯޓަރ، ކޯލާވާޓަރު އަށް ބަދަލުވި ގޮތަށެވެ.
ވަރަށް ކުރީގައި ހިނގި ޙާދިސާއެއްގެ ވާހަކަ ދަންނަވާނަމެވެ. އެ ޕާޓީގެ ބައިވެރިއަކު ކިޔައިދިން ގޮތަށެވެ. ރާއްޖޭގައި އެއިރު ހުންނެވި އުތުރު ކަރައިގެ ސަފީރު (މަރުޙޫމް) ބުރިޖް ކުމާރު ދިރިއުޅުއްވި ގޭގައި އޭނާ ދެއްވި ޕާޓީ އެކެވެ. ޕާޓީގެ ބައިވެރިއަކު ބުރިޖް ކުމާރަށް ދެންނެވި ކަމުގައި ވެއެވެ. އުތުރު ކަރައިގެ ސަގާފީ ގުރޫޕެއް ރާއްޖެ އަށް ގެންނަވަންވީނޫންތޯ އެވެ؟ އެއިރުން މަނިކުފާނުގެ ޤައުމުގެ ސަގާފަތް ދިރިގެންދާނެ ނޫންތޯ އެވެ؟ ސަފީރު ވިދާޅުވި އެވެ. ހުސައިން ޝިހާބު އެ މަސައްކަތް އަޅުގަނޑަށް ކޮށްދެއްވަ އެވެ. ސަގާފަތް ދިރުވުމަށް ގުރޫޕެއް ގެނައުމުގެ ބޭނުމެއް ނެތެވެ. ސަފީރަކީ ވަރަށް ސަމާސާ މިޒާޖެއްގެ ބޭފުޅެކެވެ. އެއިރު ހުސައިން ޝިހާބަކީ ޓީ.ވީ.މޯލްޑިވްސް ހިންގުމުގެ އެންމެ އިސް ވެރިއާ އެވެ. އެ ދުވަސްވަރު ޓީ.ވީ.އެމްގެ އުފެއްދުންތައް މަދުކަމުން އަބަދު ކަހަލަ ގޮތަކަށް ދައްކަނީ ހިންދީ ފިލްމާއި ހިންދީ ލަވައާއި ހިންދީ ނެށުމެވެ. އަދި ދިވެހިން ހިންދީ ރާގަށް ދިވެހި ލަވަ ކިއުމާއި، ހިންދީ ލަވަ ކިއުމާއި އުތުރު ކަރައިގެ ސަގާފަތާ އެއްގޮތަށް އެތަނުގެ ނެށުން ދިވެހިން ނަށާ ތަނެވެ. އަދި އުތުރު ކަރައިގެ ފިލްމީ ތަރިންގެ އާޖުފާޖު އޮޅުންފިލުވައިދޭ ޕުރޮގްރާމްތަކެވެ. "ތިޔަބޭފުޅުންނަށްޓަކައި"، "އެހާރާ އި މިހާރު"، "އެ ހަނދާނާއި މި ހަނދާނެ"ވެ.
ސްކޫލުތަކުގައި އުތުރު ކަރައިގެ ސަގާފަތް ދަސްކޮށް ދިނުމުން ހިންދޫ ދީން ނުފެތުރޭނެ ކަމަށް އަޅުގަނޑަށް ފެންނަ ސަބަބު ދަންނަވާލާނަމެވެ. ރާއްޖޭގެ ކޮންމެ ގެއެއްގައިހެން، ޓެލެވިޒަންގެ ޒަރީޢާ އިން އުތުރު ކަރައިގެ ތަފާތު ޗެނަލް ތަކުން ފޮނުވާ ޑުރާމާ ތަކާއި ފިލްމާއި ލަވަ އާއި ނެށުންތައް ބަލައެވެ. ތަފާތު ޗެނަލް ތަކުންނެެވެ. ސްޓާރ ޕުލަސް ކަހަލަ ޗެނަލް ތަކުން ދައްކާ ގިނަ ޕުރޮގްރާމް ތަކަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލު ޕޮރޮގްރާމް ތަކެކެވެ. އުތުރު ކަރައިގެ ސަގާފަތާއި އެ މީހުން ގަބޫލު ކުރާ ބުދު ކަލާނގެ ނުދައްކާ ޓެލެޑުރާމާ އެއް ނުފެންނާނެ އެވެ. ބުދު ކަލާނގެ އަށް އަޅުކަން ކުރާތަން ވަރަށް ގިނައިން ދައްކަ އެވެ. ހަމަ އެ ގޮތަށް ބުދު ކަލާނގެ ފަރާތުން ކަމަކަށް އެދޭ މީހާ އެދޭ ގޮތަށް ކަންތައްތައް ނުވުމުން ބުދު ކަލާނގެއަށް އެއްޗެތި ގޮވާތަން ވެސް އެހާ ގިނައިން ފެނެ އެވެ. ރުޅި އައިސްގެން ތިޔައީ ގާގަނޑެކޭ އެއްކަމެއް ވެސް ނުވާނެއޭ ބުނާތަން ވެސް ވަރަށް ގިނައިން ދައްކަ އެވެ. އައްޑިހައިގެ އަހަރު ތަކުން ފެށިގެން މިއަދާ ހަމައަށް ގިނަ ދިވެހިން އަންނަނީ މި ޕުރޮގްރާމްތައް އާދަކޮށް ބަލަމުންނެވެ. އެއްޗެއް ބަލައިގެން، ފެނިގެން، އަޑުއަހައިގެން ދީން ބަދަލު ކުރާނަމަ، މިހާރު ރާއްޖޭގެ އާބާދީގެ މަދުވެގެން ދެބައި ކުޅަ އެއްބައަށް ވުރެ ގިނަ މީހުން ހިންދޫ ދީން ޤަބޫލު ކުރާނެ އެވެ. އެހެނެެއް ނުވެ އެވެ. އެހެނެއް ނުވާނެ އެވެ. އަޅުގަނޑުމެންގެ ގޭގެ އުމުރުން ހަތް އަހަރުގެ ކުއްޖަކު ބުނި އެއްޗެއް ދަންނަވާލާނަމެވެ. "ޖާނަކީ (އެ ކުއްޖާގެ ގޭގެ ނޯކަރު) ގެ ގޯޑްގެ މަސް (ގެރި) އަޅުގަނޑަށް ހާދަ މީރެވެ."
އެހީ ހޯދުމުގެ ނާށިގަނޑު ހިއްޕަވައިގެން އަބަދު ދަތުރުގައި އުޅުއްވާ ސަރުކާރުގެ ވަޒީރަކު ވިދާޅުވި ގޮތުގައި ރާއްޖެ އަށް އަންނަ ބޮޑު ތަރައްޤީ ހަޖަމުނުކުރެވިގެން ބައެއް މީހުން ސަރުކާރަށް ފާޑުކިޔަނީ އެވެ. އެ ވިދާޅުވަނީ ސަރުކާރުން ބައެއް އަވައްޓެރި ޤައުމުން ހޯދާ ހިލޭ އެހީ އާއި، ލޯނު އެހީ އާއި، ހޯދާ ކުރީގެ މޮޑެލްގެ ބާ ބޯޓާއި، ރާއްޖޭގެ ބައެއް ސަރަހައްދުގައި ފޮރުވިގެން އެކި ނަންނަމުގައި ބައިތިއްބާ ބޭރު ޤައުމުގެ ފައުޖީންނާއި އެކި ނަންނަމުގައި އަތޮޅުތަކަށް ދޭ އެހީ އާއި ބެހޭ ގޮތުން ޤައުމު ދެކެ ލޯބިވާ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ވާހަކަ އެވެ. މަނިކުފާނެވެ! ތަރައްޤީ ތިޔަ ގެންނަވަނީ ކޮންފަދަ އަގެއްގައިތޯ އެވެ؟ ދަރަނި ދައްކަން އެއް ޕަސެންޓުގެ އިންޓަރެސްޓެއް ނެގިއަސް އެތައް ތަނަކުން އެ ދަރަނި އެ ގޮތަށް ނަގާނަމަ ދަރަނި ދައްކާނީ ކިހިނެއްތޯ އެވެ؟ އަމިއްލަ އެދުމެއް ނެތި އެއްވެސް ބަޔަކު ތިމާ ބޭނުން ކޮންމެ ކަމެއް ކޮށްދޭނެތޯ އެވެ؟ ސީނު ކަރައިގެ ދަށަށް ދިޔައަސް އަޅުވެތިކަން ވާނީ އަޅުވެތި ކަމަށެވެ. އުތުރުކަރައިގެ ދަށަށް ދިޔައަސް އަޅުވެތިކަން ވާނީ އަޅުވެތި ކަމަށެވެ. ވިސްނުމުން އަޅުވެތިވާ ވާހަކަ އައްސަވަމުތޯ އެވެ؟ ތިމާގެ އަމަލުން އަޅުވެތިވާ ވާހަކަ އައްސަވަމުތޯ އެވެ؟ އަޅުގަނޑުމެންގެ ވެރިން ގުނބޯ ހައްދައިގެން އެންމެ ފަހުން ސްކޫލުގެ ކަރިކިއުރަމްގެ ތެރެއަށް ވެސް ވަންނަން އުޅެނީ އެވެ. "ރަޙުމަތްތެރިންނާއި ރައްޓެހިން، ތެދުވެރި ވަފާތެރި އެކުވެރިން އަހުރެން ހިތުން ދެކިލަން ދަނީ" އެދުމެއް އަމިއްލަ އޮތީމަ އެވެ. އަމިއްލަ އެދުމާއި ޝަހެރަތާއި ފައިސާގެ މަސްތުން ހޭލާ، ހޭވެރިކަމެއް އަންނާނީ ކޮން ދުވަހަކުންބާވައެވެ؟ ވަތަނަށްޓަކައެވެ.

One Response
200 މ. ޑޮލަރަށް އައްޑޫ ވިއްކާފައި.. އަދިޔަސް އަފިރިން ތިބެ އައްޖަހަނީ..؟ ނާސިރު ރާއްޖެ ވިއްކީމަ އެއީ ބޮޑުކަމަކަށް ވެގެން އަފިރިން މުޒާހަރާކެޑެއި..! މިކޯ އަމިއްލަ ރަށް ވިއްކިމެޔަސް މިތިބީ ހެވިފައި.؟
ކޮބާ އައްޑޫ މީހުންގެ ގައުމިއްޔަތު އަމިއްލަ ވަންތަކަން މިނިވަންކަން ؟ މިހާދުވަހު މާލޭ މީހުންނަށް އަޅުދާސް ނުވާން ކުރި މަސަތްކަތް؟ މިހާރު އިންޑިޔާގެ ތައްޕާހަށް މިވައްޓާލީ ! އެވެސް ރަށާއި އަތޮޅު ވިއްކީ ބުދައް އަޅުކަން ކުރާ ބޮޑު ހަރުބީ ކާފަރުންތަކަކަށް.. ދުވަސް ކެޑަކުން މިތަނިޔަސް ބުދު ބަތިބާށިޔެ.
މިކަމަށް މިހާރު ބަސްނުބުނެ ފިއްޔާ އެމީހުން ހަތިޔާރާއި އެކު އެރީމަ ދެން ކުރާނެ ކަމެއް ނޯންނާނެ. އައްޑޫގައި ޓްރޭނިންސުކޫލޭ ކިޔާފައި ދޮގު ހަދާ އެއީ ބޮޑު މިލްޓްރީ ބޭސް އެއް އެހަދަނީ..ރާއްޖޭ ގެ މައި ސިފައިންގެ މަރުކަޒަށްވުރެން ވަރުގަދަ ކޮށް ކޮންކްރީޓް ކޮށް އެހަދަނީ ހަމަ ޓްރޭންނިން ސްކޫލެކޭ މޮޔަވާހަކަ ނުދައްކާ.. އަފިރިން މީ ގަމާރުންނަށް ނަހަދާ.. އަދިޔަސް މިކަމާއި ވޭޑިގައްފެހޭ ހުއްޓުވޭހެއް.
ހިގާ އެންމެ އުޅެމާ.. މީގެ އެމްޑީޕީއެއް.. ޕީޕީއެމް އެއް ޖޭޕީ އެއް ނޯންނާނެ.. "#އައްޑޫ މިނިވަން ކުރޭ"