Support Us

ހެއްލުމެއް ގައި ގެއްލުމެއް ނޫނީ ނެތް

ފެންގަނޑެއްގައި ދިރިއުޅޭ އެބަ މަސްތަކެއް
ގެން ވެ އެކުވެރި ނެތި ދެކޮޅުވެރި ވުން ތަކެއް

ހަގު ދޮށީންނާ އެކުއެކީގައި ދިރި އުޅޭ
މަގުމަތީގައި ހީނ އުފާ ކޮށް ކުޅެ އުޅޭ

ހަގު އެ މަސްތައް ބައްޕަމެންނަށް ބޯލަނބާ
މަގު އެމީހުން ދެއްކުމުން ނުވެ އެއްކިބާ

ވެރިއަކަށް ވިޔެ ތަޖުރިބާ ހުރި ދޮށި މަހެއް
ވެރިއަކާ ނުވެއޭ ދެކޮޅު އެއްވެސް މަހެއް

ވެރި އެ މަސް ސައްލާ ކުރޭ ގިނަ މަސްތަކާ
ވެރިކަމާ ގުޅިގެން ކުރާން ވާ ކަންތަކާ

ހުނަރުވެރި މަސްތައް ނުކޮށް ދުރު ގެންގުޅޭ
ގުނަވެ އެ ކަމުން ކުރިއެރުން، ލިބެނީ މޮޅޭ

ފެންގަނޑަށް ތާޒާކަމާ ތަނަވަސްކަމާ
ހެން ލިބޭ މަޝްޣޫލު ވޭ އެކި ކަންކަމާ

ވެށި އުފާވެރި ދުނިޔެއެއް ކުރުމަށް ބިނާ
ފެށި ނިމޭ ކަންކަން ނުވޭ ވިޔަކޮށް ގުނާ

ކައި އުޅެން ގިނަ ކާތަކެތި ހުރެޔޭ ލިބޭން
ހައިކަމެއް ދުވަހަކު ކޮޅުން ނުޖެހޭ ދެކޭން

ޕާކުތައް ހުރެޔޭ އެ ތާނގައި މުރަކައިން
ވާ އުފާވެރިކަން އެ ތަންތާނ ހަ ކިބައިން

ދޫލަ ހުއި އޮތް ޚާއްޞަކޮށް ވޭ ފަސް ހަ ތަން
ފޫހި ފިލުވައި ކުދި އެ މަސްތައް ކުޅެ ހަދަން

ދުސްމިނުން  ކިބައިން ސަލާމަތް ހޯދުމަށް
ހުސް ތަނެއް ވޭ ފަދަ ފުދޭ ކިއްލާއަކަށް

މަސްތަކަށް ކުދި، ދުސްމިނުން އަންގައިދެޔޭ
މަސް ހިފައި ކާ ދޫނިތައް ދަސްކޮށް ދެޔޭ

ދޫނި ފެނުމުން ގޮސް ފިލާން ވިސްނައި ދެޔޭ
ފޫހި ނުމެކޮށް ފަރިތަކުރުވައި ހައްދަޔޭ

މަސްތަކަށް ތަމުރީނު ލިބިފައި ވާ ވަރުން
މަސް ލިބުން ދޫންޏަށް ވިޔޭ ދަތި ފެންގަނޑުން

*

ދާ  ގޮތަށް   ދުނިޔޭގެ  ބުރު  ޖަހަމުން  ދެޔޭ
އާ  ބަދަލުތައް   ފެންގަނޑަށް   ވެސް  އާދެޔޭ

އުޅުމަކަށް   މަސްތަކުގެ   ބަދަލެއް    ނާދެޔޭ
ގުޅުމަކަށް  ވެސް  ބޮޑު  އެ  ބުރުލެއް  ނާރަޔޭ

ކާނެ   މަސް   އަތުލައިގަތުން   އުނދަގޫވިޔޭ
ވާ  ގޮތުން  ކަން   ދޫނިތައް   މާޔޫސް  ވިޔޭ

ދިރިއުޅެން   އެ  ހިސާބުގައި  ދޭ  ދަތި ވަމުން
ދިރިއުޅެން  ތަންތަން  އަލަށް   ދޭ   ހޯދަމުން

މަޑުމަޑުން  ގޮސް  ހިޖުރަކުރި ބައި ގިނަ ވަމުން
ގަނޑުދޮށުންފެން  ދޫނިތައް   ދޭ  މަދު  ވަމުން

މަދު ވަމުން  ގޮސް  ވީ  އެކަނި   އިރުވާހުދެއް
ޖަދު  ދިޔަސް ކަންނެތްކަމުން  ނެތް  ހެލިލުމެއް

މަސް  ހިފޭތޯ  ފެންގަނޑަށް  އެރި  ހިރިނުލައި
ބަސް ނުބުނެ އިނދެޔޭ އެ ސޮރު ހަމަ ގުޑިނުލައި

ވައްކަޅިން  ބަލަޔޭ  އެހެން  އިނދެ  މަސްތަކަށް
ލައްކަ  ދުރުގައި  ފުމެ އުޅޭ  ދުވެ  ކޮޅު ކޮޅަށް

ނާދެޔޭ   އޮޅިގެން  ވިޔަސް   އެ   ހިސާބަކަށް
ވާ  އެ  ދެރަ  ސިއްރެއް  ނުވޭ  ދުށް  މީހަކަށް

ކައިލުމަށް  ކުޑަވެސް   މަހެއް  އަތު ނުޖެހުމުން
ކައިލަޔޭ    ފަނިފަކުސަ   ހާވައިގެން   ބިމުން

ކޮންމެ ދުވަހަކު އެކި ކަހަލަ  ފަނި  ކާން ވުމުން
ކޮންމެވެސް   މަކަރެއް  ހަދަން  ދިޔަ  ރާވަމުން

*

އެއް ދުވަހު ފެނުނޭ އެކަނިވީ ތަން މަހެއް
ހެއްލި ދާ ފަދަ، އުމުރު ހަގު، ނެތް ވިސްނުމެއް

ބާރު ލައިފައި ނިއަނެތި އަޑުން ލީ ގޮވައި
އާދެ ބަލަ! އެކުވެރި މަހާ! އަޑު ވެސް އަހައި

ތިޔަ ގޮތަށް މާ އެކަނިވެރިކޮށް ފެންނަނީ
ހިޔަ މިތުރު ފަހެ ރުޅި އައީހޭ ތިޔަ ރޮނީ؟

މަސް ގޮވައިލިޔެ ހުރި ތަނުން ގުޑި ވެސް ނުލައި
އަސްތަ އަސްތާ ކާކުހޭ؟ ތިޔަ ލީ ގޮވައި

ކިހިނަކުން ހޭ؟ ވާ ހުށީ އެކުވެރިއަކަށް
މި ހިނދު ވެސް ތިޔަ ވިސްނަނީ ހަމަ ކައިލުމަށް!

ނުމެ ރޮމޭ އަހަރެން މިތާ ހުރެ އަމުދަކުން
ނުމެ ލިޔަސް އަހަރެން ބަޔަށް ސައްލާ ކުރަން

ހީވިޔޭ އިރުވާހުދަށް އަތު ޖެހުނު ހެން
ރީތި މޮޅު ރަން ފުރުޞަތެއް ބޭނުންވި ހެން

އަޑު ބަދަލުކޮށް ދައްކަމުން ހައިރާންވި ގޮތް
މަޑު ނުކޮށް ބުންޏޭ ނުއެނގުނޭ ސަބަބު އޮތް

ގައިމު ވެސް ތިޔައީ ހަލުއި މަހެކޭ ނުހަނު
ބައި އެހެން ހުރިހައި މަހެއް ތެރެއިން ހޮވުނު

ކަންކަމާ އެކި ބަސް ކިޔާ ތަން ވެސް ދެކެން
ކަން އެ ކޮށްލާ މޮޅު އެ ގޮތްގޮތް ވެސް ދެކެން

ބުއްދިވެރިކަން ތިޔަ މަހުގެ ހުރި އެބަ އެނގޭ
ދުށް ތަނުން ކުރެވޭނެ ކަން ވެރިކަން އެނގޭ

ތިޔަ ކަހަލަ ގާބިލު މަހެއް ދެން ނުމެ ދެކެން
ތިޔަ ގޮތަށް ބާކީވުމުން ދެރަވެއްޖެ ދެން

މަސް ކުޑައިކޮށް ކައިރިއަށް ހަމަ ޖެހިލަމުން
ލަސް ނުކޮށް ބުންޏޭ މި އެކުވެރި ވީއެ ދެން

ނިންމަމުން ބައްދަލު ކުރުން ދެން އެ ދުވަހަށް
ނިންމިޔޭ ވެސް މާދަމާ ބައްދަލު ވުމަށް

*

އިރުއަރައި އަލި ކޮށްލުމުން އާ ދުވަހަކަށް
ބިރު ކަނޑައިލައި މަސް ހިނގައްޖޭ ތިލަތަނަށް

ނާދެޔޭ އިރުވާހުދެއް އަދި އޭރު އެއް
މާ ދުރަކު އަދިނެތްމެޔޭ ވެސް ގާތު އެއް

ނުފެނި އިރުވާހުދު މަހަށް އިން ގެން ބޮނދައި
އުފެދި ދިއުމަށް ޝައުޤު މަހުގައި ގެން އަދައި

މަސް އެކޮޅު މިކޮޅަށް ބަލަބަލައި އެބަ އުޅޭ
ލަސް ވިޔަސް ދާކަށް އެ ތަނަކުން ނުމެ އުޅޭ

ނެތި ލިސާނެއް ވޭތި ވެއްޖޭ މުޅި ދުވަސް
ފެތި ކަނޑަށް ޣަރަޤު ވެއްޖޭ މޮޅިވެ މަސް

އެއްލި ދަލުގައި އިއްޔެ އިރުވާހުދު ގަތައި
ވެއްޖެ ޖެހިފައި ތަޖުރިބާ ނެތް މަސް އެހައި

*

ތިން ދުވަސް ވަންދެން ނުފެނި އިނދެފައި އަޔޭ
ތިން މަހެއް އެ ހިސާބުގައި ފަތަމުން ދެޔޭ

ނުދެކެޔޭ ތިން މަސް އެ އައި އިރުވާހުދެއް
ނުދެޔެ އެހެނަސް އެއް މަހަށް ވެސް ހަމަލައެއް

ޖާފަތެއް ހިތުގައި ވަނީ ބޮޑު ރޭވިފައި
ކާ ހިތެއް ނެތް އެތިކޮޅެއް ކުޑަކުޑަ އެހައި

އިންނަ ތަނުގައި މަޑުމަޑުން ގޮސް އެބަ އިނދޭ
ވިންދު ވެސް ހީވޭ ނެތީހެން ހަމަ ތެދޭ

ލަސްތަކެއް ނުވެ އެއްކަލަ މަހަށް ދުރުދުރުން
ބަސް ނުބުނެ އިން ދޫނި ފެނުނޭ މަޑުމަޑުން

ތުން އެ ފޯރާ ފަށުގަ އުޅުނަސް މަސް ފަތަން
ފުންސަ ނޫޅޭ ކޮއް ޖަހައިގެން މަސް ހިފަން

ދުސްމިނެއް ނޫނޭ އެއީ ހިތް ނިންމިއޭ
ދުސްމިނެއް ނަމަ ކަށަވަރޭ މަސް ކާނެއޭ

މަސް ހިނގައްޖޭ ހަލުއި ދުވެލީ ކައިރިއަށް
ފަސްނުޖެހި ކުރަމުން ސަލާން އިރުވާހުދަށް

އިންގޮތަށް އިނދެފައި ޖަވާބެއް ދީފިޔޭ
އިން ގޮތުން ހިނިތުންވުމެއް ތުނބުގައި ވިޔޭ

ބަލިވެގެން ހޭ؟ ނުފެނި ދިޔައީ ތިން ދުވަސް
އަލިމިވެތި އަޑަކުން އަހައިލިޔެ ދެން އެ މަސް

ދޫނި ހީނލައިފައި އެ ބުންޏޭ އެނބުރެމުން
ނޫނެކޭ ބައްޔެއް ނުވޭ ހަށި ލުއިކަމުން

ތަންކޮޅެއް ދުރުގައި އޮވޭ ބޮޑު ފެންގަނޑެއް
ތަން އެ ދެކެލާށޭ ދިޔައި އިވުމުން  އަޑެއް

ހާދަ ފުރިހަމަ ރީތި ތަނެކޭ ވާ އެއީ
މާ ރަނގަޅުވާނޭ އުޅެން ސުމެކޭ މިއީ

ކާނެ އެއްޗެހި ހުސް ނުވާނޭ އެ ތަނަކުން
ބާރަ ޖީލަށް ފަހު ވިޔަސް ހަމަ ކަށަވަރުން

ހިތްއުފާކޮށްލައި ހަދާނޭ ތަންތަނުން
ނިތްކުރިން ރޫތައް ފިލާނޭ ފެނިލުމުން

މަސްވެރިންނަށް ދާއެޅޭކަށް ނޯވެޔޭ
މަސްތަކަށް ހިތްހަމަޖެހުން އޮންނާނެޔޭ

މި ބުނި ފެންގަނޑުގައި އެ ހޮރުތައް ގިނަވުމުން
ލިބުމަކަށް ކެހި ނެތް ތަނެއް އެ ފިލަންވުމުން

މަހުގެ މޫނަށް ވާ ގޮތަށް ބަލަމުން އެ ސޮރު
ބަހުގެ ދަލުގައި އުނގުޅަމުން ދިޔައޭ ހަކުރު

ވެރިކަމެއް ވެސް ތިޔަ މަހަށް ފެށިދާނެޔޭ
ކެރިގެނޭ  ކުރިޔަށް ދެވޭނީ، ވާނެޔޭ

އެކުވެރީން ހޯދާށެ ގެންދަން ގިނަ ޒުވާން
އެކުނުވާނޭ މުސްކުޅިން ކުރިއަށް ހިނގާން

މަހުގެ ހިތުގައި ފެންގަނޑަށް އާ ހިތް ކިޔޭ
ރަހުގެ ގޮތުގައި މަސް ހިތަށް ސިފަ ވެސް ވިޔޭ

ނަމަވިޔަސް ހަމަ އެ ހިނދުގައި ހިތް މޮޅިވިޔޭ
ހަމަ ދެވޭނޭ އެއް ގޮތެއް ހިތަކަށް ނަޔޭ

މަސް ބުނެތްޕޭ ދެރަވެފައި އަޑަކުން ރޮވޭ
މަސްމަހަށް ނުދެވޭނެޔޭ ނުމެ އުދުހެވޭ

ދެން އެ އިރުވާހުދު ބުނެތްޕޭ ހީނލަމުން
ގެންދިއުން އަހަރެން ހަވާލޭ ތުންގަނޑުން

ބިރުނުގަންނާށޭ ބުނަން، ނުކަމޭ މަށެއް
ދިރުވުމަށް ހުރި އުނދަގުލެއް ހުރެގެން މަހެއް

*

ލަސްނުކޮށް މަސް ފެށްޓިޔޭ ކެންޕޭނަކަށް
ބަސްކިޔައި ނޫޅޭ މަހެއް ލައި އަތްދަށަށް

ދުސްމިނެއް ނޫނޭ އެ އިރުވާހުދު އެއީ
މުސްކުޅިން ދޮގެކޭ ހަދާ ބުނެޔޭ އެއީ

ހެކިދެޔޭ ތިން މަސް އުޅުނު  އެ ދުވަހު ފަތާން
އެކި ދުވަހު ވެއްޖޭ ދިމާ ދޫންޏާ އެ ތާ

ނޫޅެޔޭ ކާކަށް އަހަރެމެން އެކަކު ވެސް
ދޫނި ކައިރީ ގޮސް ފަތައި ހެދި އިރުގަވެސް

ދާދި އަވަހަށް ގިނަވެގެން އައި ބައި ޒުވާން
އާ އެ ލީޑަރު ދާ ތަނަށް އެކުގައި އެ ދާން

މުސްކުޅިން ވިސްނައިދެވޭތޯ އުޅުނަކަސް
ހުސް މަސައްކަތަކަށް ވެގެން ދޭ  ތައް ދުވަސް

*

ދެން އެ އައި ހެޔޮ ދުވަހުގައި އިރުވަރު ބަލައި
ފެންގަނޑަށް އާ ހިޖުރަ ފެށިއޭ އުފަލުގައި

ދޫނި އުފުލަން ތުންގަނޑުން މަސްތައް ފެށީ
ފޫހި ނުވެ ފަހަރަކު މަހެއް ގެންދަން ފެށީ

އާ އެ ލީޑަރު ގިނަކުރަން ބައި މަޑު އެ ކޮށް
ދާން އެ ތިބި މަސްތައް އެހެން އިސް އެ ކޮށް

ކަން ކުރާ ގޮތަކީ އެ އިރުވާހުދު މަހަށް
ތަންކޮޅެއް ގޮސްފައި ދުރަށް އެބަ ލާ ބަނޑަށް

ފެންގަނޑުން މަސް މަޑުމަޑުން ގޮސް މަދުވަމުން
ދެން ތިބީ ދޮށި މަސްކޮޅެއް ދާ ބަލިވަމުން

އެކަނިވެރިކަން ވެރިވުމުން އަދު ފެންގަނޑަށް
އެކަނި ނުތިބޭން ލީ އެ ދީލައި ދާ ކޮޅަށް

މުސްކުޅީންކޮޅު ވެސް އުފުލަމުން ތުންގަނޑުން
ހުސްކުރީ ހުރިހައި މަހެއް ކައި ފެންގަނޑުން

*

އެއްލެމުން ދާ ފަތްފުށުން ގިނަ ދައްކަތޭ
ހެއްލުމެއް ގައި ގެއްލުމެއް ނޫނީ ނެތޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *