Support Us

ކަޅުއޮށްފުންމި ބެންނެވި ސަރަޙައްދަކީ މިއީ

ޕޯޗުގީޒުންނާ ދެކޮޅަށް ޖިހާދުކުރެއްވުމަށް ބޮޑުތަކުރުފާނު (އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން) ބެންނެވި އޮޑިކޮޅުކަމުގައިވާ "ކަޅުއޮށްފުންމި" ބެންނެވީ ހއ. ބާރަށުގައެވެ. ކަޅުއޮށްފުންމި ބެންނެވުމުގެ ޚިޔާލަކީ އުތީމު ތިންބެއިންގެ ތެރެއިން އެންމެ ދޮށްޓަށް ހުންނެވި އަލިތަކުރުފާނު ފާޅުކުރެއްވި ޚިޔާލުފުޅެކެވެ. ކަޅުއޮށްފުންމި ބެންނެވީ ޕޯޗުގީޒުންގެ ފަރާތުން ރާއްޖޭގެ އުތުރުގައި (ބާރަށުގައި) ވާރުކުރުމަށް ބަހައްޓާފައި ހުރި ވިޔަޒޯރުގެ އެހީތެރިކަމާއި މަދަދު ހޯއްދަވައިގެންނެވެ. ކަޅުއޮށްފުންމި އަކީ ޕޯޗުގީޒުންގެ އަނިޔާވެރި އަޅުވެތިކަން ނިމުމަކަށް ގެންނެވުމުގައި ބޮޑުތަކުރުފާނު ބޭނުންކުރެއްވި އެންމެ މުހިންމު ވަސީލަތެވެ.

އަލި ތަކުރުފާނާއި މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނާ ތިން ބެއިން މަޝްވަރާ ކުރެއްވުމަށްފަހު އެ ބޭފުޅުންނަށް ފެނިވަޑައިގަތީ ޕޯޗުގީޒުންގެ ފުރެއްދެ އޮޑިއެއް (ރާއްޖެއިން ބޭރަށް ދަތުރުކުރާ އޮޑިއެއް) ބަނުމަށް ބާރަށަށް އެއްކޮށްފައިވާ ރުއްލަކުޑިތައް އެ ބޭފުޅުންގެ އޮޑިކޮޅު ބަނުމަށް ވިޔަޒޯރު ދެއްވަފާނެކަމަށެވެ. އެ ބޭފުޅުން ވިޔަފާރިކަމު ދުއްވާ އޮޑިކޮޅުގެ ބާކަން ވިޔަޒޯރަށް ވެސް އެނގޭތީއާއި އުތީމު ތިންބޭންގެ ބޭނުންތެރިކަން ވިޔަޒޯރަށް ޖެހިފައިވާ މިންވަރު ވެސް ބޮޑުވުމުންނެވެ. އޮޑިއެއް ބަންނަން ބޭނުންވާ ވާހަކަ ވިޔަޒޯރަށް ދެންނެވިއިރު ޕޯޗްގީޒުން ބަންނަން އުޅުނު އޮޑި އޮތީ ނުބަންނަގޮތަށް ހަމަޖެހިފައެވެ.

އެ ރުއްތަކާއި ލަކުޑިތައް ދެއްވާނެކަމަށާއި އޮޑި ބަންނަންވާނީ ވެސް ބާރަށުގައި ކަމަށެވެ. އަދި އޮޑިބަންނަ މީހުންނަށް ކެޔުން ހަމަޖައްސަވާނީ ވާރުގޭ ބަދިގެއިންކަމަށާއި ވަޑިންނަން ދޭންޖެހޭ ހުރިހާ އުޖޫރައެއް ވެސް ދެއްވާނީ ވާރުގޭ ބަނޑަހަގެއިން ކަމަށެވެ.

ކަޅުއޮށްފުންމި ބަނުމަށް މާވަޑިން ހޯއްދަވައިގެން ބާރަކަށް ގެންނެވީ އުތީމު ތިންބެއިންނެވެ. މި އޮޑި ބަނުމުގެ އިސް މާވަޑިއަކަށް ގެންނެވީ ހައްދުންމަތީ އިސްދޫ އިސްމާޢީލް މާވަޑިޔާއެވެ. އަތްދަށު ވަޑީންގެ ގޮތުގައި މަސައްކަތްކުރީ ހިމިތީ މާވަޑިކަލޭގެއާއި ރަސްދޫ މާވަޑިކަލޭގެއާއި، ކެލާ މާވަޑިކަލޭގެއާއި، ކާށިދޫ މާވަޑިކަލޭގެއާއެކު ވިއްސަކަށް މާވަޑިންނެވެ. ބޮޑުތަކުރުފާނު ބޭނުންފުޅުވާގޮތަށް މި އޮޑި ބަނުމަށް ޓަކައި ވިޔަޒޯރު ދެއްވި ރުއްލަކުޑީގެ އިތުރު ވެސް ވިޔަޒޯރުގެ ހުއްދައާ އެކު އިތުރު ރުއްލަކުޑި ރާއްޖޭގެ ރަށްރަށުން ކެނޑިއެވެ. ރުއްލަކުޑި ކެނޑުމާއި އޮޑި ބެހެއްޓުމާއި އޮޑި ބޭލުމާ މި ހުރިހާ ކަމެއް ވެސް ކުރެއްވީ އުތީމު ތިންބެއިންގެ ބޮޑު ބޭބޭފުޅު ނޮޅިވަރަންފަރު އެދުރުކަލޭފާނު ދެއްވި އިރުވަރުތަކުގައެވެ.

ކަޅުއޮށްފުންމި ބެންނެވުމަށް އޮޑިހަރުގެ އެޅުއްވީ ބާރަށު ވާރުގެއާ ކައިރީގައި އަތިރިމަތީގައެވެ. އޮޑިހަރުގެ އެޅީ ބާރަށުގެ ރައްޔިތުން ނެރުއްވައިގެން ވިޔަޒޯރުގެ ބެއްލެވުމުގެ ދަށުންނެވެ. އޮޑިހަރުގެ އެޅީ ބާރަށު ދަނބުރުއްމަގުގެ އެއްފަރާތުގައި ވާގަނޑެއް އޮތް ސަރަޙައްދެއް ސާފުކޮށްފައެވެ. އެއީ އޮޑި ބަންނަ އަޑު ވާރުގެއަށް ރީތިކޮށް އިވޭ ހިސާބު ކައިރިއެވެ. އޮޑިހަރުގެ އެޅީ 32 ރިޔަނުގައެވެ. އޮޑިބަނުމަށް ފުރަތަމަ އުއިޖެއްސެވީ ދިރުބާކޮޅު މައްޔާ ކޮށުމަށެވެ. އެއަށްފަހު ކޮޅުފަސްކޮޅު މައްޔަލެވެ. ފަށަން ކޮށާން އުއިޖެއްސެވީ އޭގެފަހުންނެވެ. މި އޮޑީގެ ދިގުމިނަކީ 22 ރިޔަން 22 އަނގުލެވެ.

ކަޅުއޮށްފުންމިއަކީ އޭރު ދިވެހިރާއްޖޭގައި އާންމުކޮށް އޮޑިދޯފަހަރު ބަންނަގޮތާ ތަފާތުކޮށް ބެންނެވި އޮޑިއެކެވެ. އެންމެ ބޮޑު ތަފާތަކީ ވަކަރުގެ ހިލަފުށް ބޭރަށް ހުންނަގޮތަށް އޮޑި ބެންނެވުމެވެ. އަދި މި އޮޑިއަކީ ނިރޮޅު (ރުއްވަކަރު) ގެ ކަޅުއާރުން އެހެން އޮޑިދޯނި ފަހަރަށްވުރެ މަޑޫތައް ހަނިކޮށް، ތުނިކޮށް ބެންނެވި އޮޑިއެއް ކަމަށް ބެލެވެއެވެ. މި އޮޑީގެ އަސްލު ނަމަކީ "ނަޞްރުސަހާ" އެވެ. މި އޮޑި ކަޅުއޮށްފުންމީގެ ނަމުން މަޝްހޫރުވީ އޮޑި ބަންނަވައިގެން އޮޑީގެ ވަރުބެއްލެވުމަށް ފުރަތަމަ ދުއްވެވި ދުވަހު ވަދުނަނެއްގައި ކަޅުއޮށެއް އަޅާފައި ދޫކުރެއްވީމާ އޮޑިދުވެފާދާލެއް ބާރުކަމުން ރާޅުތައް މަތިން ކަޅުއޮށް ފުމެމުންފުމެމުން އަންނަގޮތަށް ފެނިވަޑައިގަތުމުންނެވެ.

ބާރަށުގައި ކަޅުއޮށްފުންމި ބެންނެވި ތަނުގައި ހުރި ދެ ނިކަގަހަކީ ބުނެވޭގޮތުގައި ކަޅުއޮށްފުންމި ބެންނެވުމަށް ހަރުގެ އެޅުމަށް ޖެއްސެވި ދެ މުޑި ރޮއިވެގެން ހެދިފައި ހުރި ބޮޑު ދެގަހެވެ. އެހެން ނަމަވެސް ގަބޫލުކުރެވެނީ އެ ނިކަގަސްތަކަކީ ކަޅުއޮށްފުންމި ބެންނެވުމަށް ޖެއްސެވި މުޑީގައި ފަހުން ގަސްފަޅައި ހެދިފައިވާ ނިކަގަސްތަކެއް ކަމަށެވެ. ނިކައަކީ އެއްވެސް ޒަމާނެއްގައި އޮޑިހަރުގެ ފަދަ ތަންތަން ބިނާކުރުމުގައި ދިވެހީން މުޑިއަށް ބޭނުންކުރި ލަކުޑިއެއް ނޫނެވެ. މި ރަށުން އަޅުގަނޑު ވާހަކަ ދެއްކި ގިނަ މީހުން ބުނީ ކުރީ ޒަމާނުގައި އޮޑިހަރުގެ ހަރުގެހެދުމަށް މި ރަށުގައި ޖަހާއުޅުނީ ކާނި ފަދަ އާރުލާ ލަކުޑި މުޑިކަމަށެވެ. އެކަމަކު އެންމެ ކުރިންސުރެ ސުރެވެސް ކަޅުއޮށްފުންމި ބެންނެވި ސަރަހައްދުގައި ހުރި ދެ ނިކަގަހަކީ ކަޅުއޮށްފުންމި ބެންނެވުމަށް އޮޑިހަރުގެ އެޅިއިރު ޖެއްސެވި ދެ މުޑިކަމަށް ކިޔަމުން އަންނަ ކަމަށެވެ.

މި ސަރަޙައްދުގައި ހުރި ދެ ނިކަގަހަށް ކަޅުއޮށްފުންމި ބެންނެވި އޮޑިހަރުގޭގެ ދެ މުޑިކަމަށް ކިޔަމުން އަންނަނީ ހަރުގެ އެޅުއްވުމަށް ޖައްސަވާފައިވާ އަސްލު ދެ މުޑިން ކާޅާއި ވާލުގެ ސަބަބުން ނިކަގަސް ފަޅައި އެ މުޑި ވަށައިގެން ނިކަގަސް ހެދިބޮޑުވެ އަސްލު މުޑިތައް ގަހުގެ އެތެރެއަށް ފޮރުވިފައިވާތީ ކަމަށް ވެދާނެއެވެ. އެހެންކަމުން ބާރަށުގައި ކަޅުއޮށްފުންމި ބެންނެވިތަނުގައި ހުރި ދެ ނިކަގަހަކީ ކަޅުއޮށްފުންމި ބެންނެވުމަށް އޮޑިހަރުގެ އެޅުއްވުމަށް ޖެއްސެވި މުޑިތަކުގައި ރޯވެހެދިފައިވާ ނިކަ ގަސްތަކެއް ކަމަށް ވުން ވަރަށް ގާތެވެ.

ކަޅުއޮށްފުންމި ބެންނެވި އޮޑިވަޅާއި، ހަރުގެ އެޅުއްވުމަށް ޖެއްސެވި މުޑިތަކުން ރޮއިވެ ހެދިފައިވާ ބިޔަ ނިކަ ގަސްތައް މިހާރު ވެސް ފެންނަން އެބަހުއްޓެވެ. އަދި ކަޅުއޮށްފުންމި ބެންނެވި އިރު ދެލިއުނބަށް ފެންޖެއްސެވުމަށް ބެހެއްޓެވި ވަޅުކޮޅަކާއި އެހެނިހެން ބޭނުންތަކަށް ބެހެއްޓެވި ވަޅުކޮޅެއް ވެސް އެބަ ހުއްޓެވެ. މީގެ ތެރެއިން ކުޑަކޮށް ހުރީ ދެލިއުނބަށް ފެންޖެއްސެވުމަށް ބެހެއްޓެވި ވަޅުކޮޅެވެ. މި ދެވަޅުގެ ތެރެއިން އިރުމަތީގައި ހުރި ވަޅުގައި ކަޅުއޮއްފުންމިއަށް ބޭނުންވާ މަދަނާއި، ދެލި ފުނޑުއްވި ކަޅުހިލަދައި ކަމަށް ބުނެވޭ ދައި ވެސް އެބަ އޮތެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި މި ވަޅުކޮޅުގައި އެ ބޭފުޅުން ސައިބެއްލެވިކަމަށް ބުނާ ތިން ޖޯޑުކޮޅެއް ވެސް ކުރިން އޮތެވެ. އެ ޖޯޑުކޮޅުތައް މިހާރަކު ނެތެވެ. އަދި އެތަކެތި ވީތަނެއް އެނގޭ މީހަކު ވެސް ނެތެވެ. އެ ޖޯޑުކޮޅުތައް ދުށް މީހުންގެ ވާހަކަތަކާ ހަވާލާދީ މިހާރުގެ މީހުން ބުނަނީ އެ މީހުން އެ ޖޯޑުތައް ދުށްއިރު އޭގެ ތެރެއިން އެއް ޖޯޑުގެ އުޅަށް ނެތް ކަމަށެވެ.

މި ސަރަޙައްދު ހިމާޔަތްކުރުމަށް މިހާރު މި ކުރެވޭ އަގުހުރި މަސައްކަތަކީ ހަމައެކަނި ބާރަށުގެ ތާރީޚާ ގުޅިފައިވާ މަސައްކަތެއް ނޫނެވެ. މިއީ ދިވެހި ތާރީޚާއި ދިވެހީންގެ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށް ކުރެވެމުންދާ ބުރަ މަސައްކަތެކެވެ. އަދި މިއީ ޣާޒީ ބަންޑާރައިންގެ އަސަރުތައް ދެމެހެއްޓުމަށް ކުރެވޭ ޤައުމީ ވަރަށް އަގުހުރި މުހިންމު މަސައްކަތެކެވެ.

 

މަޢުމާތާއި ޚާއްޞަ އެހީތެރިކަން:

* ބާރަށުގެ ދުވަސްވީ ބައެއް މީހުން

* ޢަލީ ޝަމީމް، ބާރަށު ކައުންސިލުގެ ރައީސް

 

ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *