އެމެރިކާގެ ޒުލެއްގައި ގެންގުޅޭ ދުނިޔެއަށް މަޝްހޫރު، "ފިއޯނާ"ގެ ނަން ދީފައިވައި ހިޕޮޕޮޓޭމަސް ނުވަތަ ކަނޑުގެރި، އެ ހައިވާނު ބަގީޗާއަށް ޒިޔާރަތްކުރި މީހެއްގެ ތޮފި ކައިލައިގެން މަރުވެއްޖެއެވެ.
އުމުރުން ނުވަ އަހަރުގެ އަންހެން ކަނޑުގެރިއެއްކަމަށްވައި ފިއޯނާ މުޅި ދުނިޔެއަށް މަޝްހޫރުވެގެންދިޔައީ ދުވަސްނުފުރާ ވިހެއުމަށްފަހު ސަލާމަތްވުމުންނެވެ.
އޮހައިއޯ ސްޓޭޓްގެ ސިންސިނޭޓީ ސިޓީގެ ހައިވާނު ބަގީޗާގައި އޮތް ފިއޯނާ މަރުވީ ތޮފި ދިރުވައިލިތާ 11 ދުވަސް ފަހުން މި ދިޔަ ބުރާސްފަތި ދުވަހުއެވެ.
ވޫލުން ނިޓްކޮށްފައިވައި ތޮފި ފިއޯނާ އުޅޭ ކޮށީގެ ތެރެއަށް ވެއްޓުނީ ޒުލަށް ޒިޔާރަތްކުރި މީހާ ވައިގެ ތެރެއަށް ތޮފި އެއްލުމުން ފަންކާއެއްގެ ވައިން ގޮސް ފިއޯނާގެ ކޮށީގެ ތެރެއަށް އެ ތޮފި ވެއްޓުމުންނެވެ.
ޒުލުގެ ހައިވާނުންނަށް ފަރުވާ ދޭ ޑޮކްޓަރުންވަނީ 24 ގަޑިއިރު ފިއޯނާއަށް ފަރުވާ ދީފައެވެ. އަދި އެ ތޮފި ފިއޯނާގެ ހަށިގަނޑުން ބޭރުކުރުމަށްޓަކައި ތަފާތު ފަރުވާތައް ދިނުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ސާޖަރީ ހެދޭ ގޮތެއްނުވިއެވެ.
މަރުވި ސަބަބު ހޯދުމަށް ހެދި ޕޯސްޓްމޯޓަމުން އެނގުނީ ތޮފި ތާށިވެފައިވަނީ ފިއޯނާގެ ކުޑަ ގޮހޮރުގެ ވަރަށް އަޑީގައިކަމެވެ. ޒުލުން ބުނީ އެންޑޮސްކޯޕީ ނުވަތަ ސާޖަރީ ހަދައިގެންވެސް ޑޮކްޓަރުންނަށް ތޮތްޕާ ހިސާބަށް ނުފޯރިކަމަށެވެ.

"މި ވަގުތު އަހަރެމެން އެންމެންވެސް މި ތިބީ ސިހުމެއްގައި. މި ފަދަ ނަތީޖާއަކަށް އަހަރެމެން އުއްމީދެއް ނުކުރަން. އެ ސޮރު ކެތްކުރެވުނު އެންމެ ބޮޑަށް ހިތްވަރުކުރި،" ޒުލުގެ ޑިރެކްޓަރު ޑޭވް ޖެނިކީ ބުންޏެވެ.

"އެހީތެރިކަމުގެ ފަރުވާ ފިޔަވައި އެހެން އެއްވެސް ފަރުވާއަކުން ކާމިޔާބު ލިބޭނެ ފުރުސަތެއް ނެތް. އަދި ޕޯސްޓްމޯޓަމުން ކަށަވަރުވި ގޮތުގައި އެއްވެސް މިންވަރެއްގެ އެހީތެރިކަމުގެ ފަރުވާއަކުންވެސް ކާމިޔާބެއް ނުލިބުނީސް،" ޒުލުގެ ހައިވާނުންގެ ސިއްހަތާ ބެހޭ ޑިރެކްޓަރު ޑޮކްޓަރު މައިކް ވެނިންގާ ބުންޏެވެ.

ފިއޯނާ އުފަންވީ 2017 ގެ ޖެނުއަރީގައި ދުވަސްނުފުރާ ހަ ހަފުތާ ކުރިންނެވެ. އުފަންވިއިރު އެ ސޮރުގެ ބަރުދަނުގައި ހުރީ އެންމެ 13 ކިލޯއެވެ. ސަލާމަތްވުމަށް އެ ސޮރުކުރި ހިތްވަރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މީހުންގެ ސަމާލުކަން ލިބުނެވެ. އެއާއެކު ސިންސިނޭޓީ ޒޫވެގެންދިޔައީ ސޯޝަލް މީޑިއާގައި ދުނިޔެއިން އެންމެ ގިނަ މީހުން ފޮލޯކުރާ ޒުލަށެވެ. އެ ގޮތުން ފޭސްބުކްގައި 300،000 ފޮލޮވަރުންވަނީ ހަ މިލިއަނަށްވުރެ ގިނަވެފައެވެ.
ފިއޯނާ މަރުވުމާ ގުޅިގެން ޒުލަށް ޒިޔާރަތްކުރާ މީހުންނާއި އެ ސޮރަށް ސަޕޯޓުކުރާ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.
- ފިއޯނާގެ ވީޑިއޯއެއް



advertisment