އެމެރިކާގެ ތާރީހީ މަނަވަރު އެސް.އެސް ޔުނައިޓަޑް ސްޓޭޓްސްގެ އެންމެ ފަހު ދަތުރުވަނީ ނިންމައިލައިފައެވެ. މަޝްހޫރު އޯޝަން ލައިނަރު މި ދިޔަ ބުދަ ދުވަހުވަނީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ އައްސޭރިފަށުން ގަލްފު ކޯސްޓު ކައިރިއަށް އަޑިއަށް ރޭގަނޑު 9.00 ގައި ފައްތައިލައިފައެވެ. ފްލޮރިޑާގެ މަހާއި ހައިވާނުން ހިމާޔަތްކުރާ، ފިޝް އެންޑް ވައިލްޑްލައިފް ކޮންސަވޭޝަން ކޮމިޝަނުން ކަށަވަރުކޮށްދިން ގޮތުގައި މި އޮޕަރޭޝަން ނިމިގެންދިޔައީ އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި އަދި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްވެސް ނުހިނގައެވެ.
މިއާއެކު މި މަނަވަރު މިވީ ދުނިޔޭގެ އެންމެ ބޮޑު މަސްނޫއީ ފަރަށެވެ. މި މަޝްރޫއުގެ މަގުސަދަކީ ކަނޑުގެ ދިރުންތަކަށް މާހައުލެއް އުފެއްދުމާއި ފީނާ މީހުންނާއި ފަތުރުވެރިންގެ ޝައުގުވެރިކަން އެ ސަރަހައްދަށް ހޯދުމެވެ.
ދިގު މިނުގައި 990 ފޫޓު (302 މީޓަރު) ހުރި އެސް.އެސް ޔުނައިޓަޑް ސްޓޭޓްސްއަކީ ފުރަތަމަ ދަތުރުގައި 1912 ގައި އެޓްލާންޓިކް ކަނޑަށް ފެތުނު އެއިރުގެ އެންމެ ބޮޑު މަނަވަރު ޓައިޓޭނިކަށްވުރެ ދިގު މަނަވަރެކެވެ. ޓައިޓޭނިކްގެ ދިގު މިނަކީ 882 ފޫޓު ނުވަ އިންޗި (269 މީޓަރު)އެވެ.
އެސް.އެސް. ޔުނައިޓަޑް ސްޓޭޓްސް 1952 ގައި ތާރީހުގެ ތެރެއަށް ވަނީ ތިން ދުވަހާއި 10 ގަޑިއިރާއި 40 މިނެޓުން އެޓްލާންޓިކް ކަނޑު ހުރަސްކޮށްގެންނެވެ. ނިސްބަތުން އެންމެ ބާރު ސްޕީޑްގައި އެޓްލާންޓިކް ކަނޑު ހުރަސްކުރި އޯޝަން ލައިނަރުކަމުގެ ރެކޯޑު އަދިވެސް އޮތީ މި މަނަވަރުގެ އަތުގައެވެ. ހިދުމަތުގައި ހޭދަކުރި 17 އަހަރުގެ ތެރޭގައި މި މަނަވަރުން އެތައް ހާސް ފަސިންޖަރުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސުންނާއި ގްރޭސް ކެލީ އަދި އެލިޒަބަތު ޓޭލާ ފަދަ ހޮލީވުޑްގެ ތަރިން ހިމެނެއެވެ.
އެސް.އެސް. ޔުނައިޓަޑް ސްޓޭޓްސް ހިދުމަތުން ރިޓަޔާ ކުރީ 1969 ގައެވެ. އެތައް ދަހަރެއް ވަންދެން އެމެރިކާގެ ޕެންސަލްވޭނިއާ ސްޓޭޓްގެ ފިލަޑެލްފިއާ ސިޓީގެ ބަނދަރުގައި ބާއްވައިފައި އޮތެވެ. ބެލެހެއްޓުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން މަނަވަރު އަލުން މަރާމާތުކުރަންކުރި އެތައް މަސައްކަތެއްވަނީ ނާކާމިޔާބުވެފައެވެ. އެހެން އޮއްވައި ފްލޮރިޑާގެ އޮކާލޫސާ ކައުންޓީން 2024 ގައި މަނަވަރު ގަތީ އެއް މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ)އަށެވެ. ކައުންޓީން ނިންމީ މަނަވަރު ބާ ދަގަނޑަށް ދޫކޮށްލުމުގެ ބަދަލުގައި މަސްނޫއީ ފަރަކަށް ބަދަލުކުރައިށެވެ.
މަނަވަރުގެ އެންމެ ފަހު އަދި ކަނޑުއަޑިއަށްކުރާ "ދަތުރަ"ށް ތައްޔާރުކުރުމަށް މަސައްކަތްތެރިން ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަކުރިއެވެ. އެ މީހުންވަނީ ތެލާއި ވައިރިން އަދި ތިމާވެށްޓަށް ގެއްލުން ލިބިދާނެ އެހެނިހެން ތަކެތި ނަގައިފައެވެ. އަދި ކޮންޓްރޯލްކޮށްގެން ލޮނުގަނޑު ވަންނާނެ ގޮތް ހެދުމަށްޓަކައި މަނަވަރުގެ ބަނޑުފިލާގަނޑުން ބައެއް ތަންތަން ކަނޑައި ހުޅުވައިލިއެވެ. އެއްވެސް ގޮއްވައިލުމަކައި ނުލައި ފަސް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު މަނަވަރުވަނީ އަޑިއަށް ގޮސްފައެވެ.

"މި ގޮތަށް ތައްޔާރުކުރާ މަސްނޫއީ ފަރުތަކަކީ ކަނޑުގެ ތިމާވެށީގެ ނިޒާމަށް ލިބޭ ފައިދާއެއް. މިއީ ތިމާވެށްޓަށް ލިބޭ ގެއްލުމެއް ނޫން. މީގެ ސަބަބުން ކުރިން ނެތް މާހައުލުތައް އުފެދި، ކަނޑުގެ ދިރުންތަކަށާއި އަހަރެމެންގެ މަސްވެރިކަމުގެ ސިނާއަތަށާއި އަދި ފަތުރުވެރިކަމަށްވެސް ފައިދާކުރާނެ ފަދަ ނުހަނު މުއްސަނދި ތިމާވެށްޓެއް އުފެދިގެންދާނެ،" އޮކާލޫސާ ކައުންޓީން ބުންޏެވެ.

މި މަޝްރޫއުގެ ސަބަބުން ސައިންސްގެ އާ ދިރާސާތަކަށްވެސް ފުރުސަތު ހުޅުވިގެންދެއެވެ. އެމެރިކާގެ މަސަޗޫސަޓްސް ސްޓޭޓްގައި ހުންނަ، ކަނޑުތަކުގެ ސައިންސާއި ޓެކްނޮލޮޖީއާއި ތައުލީމާއި މުވާސަލާތާ ބެހޭ، ދުނިޔޭގެ އެންމެ އިސް އަދި މިނިވަން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ވުޑްސް ހޯލް އޯޝަނޯގްރަފިކް އިންސްޓިޓިއުޝަންގެ ސައިންސްވެރިން، ކަނޑުގެ ދިރުންތައް މަނަވަރުގައި އާބާދުވެ، އާ ތިމާވެށީގެ ނިޒާމެއް އުފެދޭ ގޮތް ދިރާސާކުރާނެއެވެ.

މަޝްރޫއަށް ގާތްގަނޑަކަށް 13.5 މިލިއަން ޑޮލަރު (207.9 މިލިއަން ރުފިޔާ) ހަރަދުވިއެވެ. އޮފިޝަލުން އުއްމީދުކުރަނީ މީގެ ސަބަބުން ފްލޮރިޑާގެ ފީނުމާއި ފަތުރުވެރިކަމުގެ ސިނާއަތްތައް ވަރުގަދަވެގެންދާނެކަމަށެވެ.

"އަހަރެމެން މި މަސައްކަތްކުރަނީ ދުނިޔޭގެ އެންމެ ރަނގަޅު ފީނުމުގެ މަންޒިލަށް ވުމަށް،" އޮކާލޫސާ ކައުންޓީގެ ތަރުޖަމާނު ނިކް ޓޯމެޗެކް އެސޯސިއޭޓެޑް ޕްރެސްއަށް ބުންޏެވެ.

މަނަވަރުގެ ތާރީހީ ހަނދާންތައް އެއްގަމުގައިވެސް ދެމިއޮންނާނެއެވެ. އިންތިޒާމުކުރި ފަރާތްތަކުން ރައިވަނީ މަނަވަރުގެ ތާރީހީ ދުން ހޮޅިތަކާއި އެހެނިހެން ތާރީހީ ސާމާނުތައް ދާރުލްއާސާރެއްގައި ރައްކާތެރިކޮށް ބެހެއްޓުމަށެވެ.

ވުޑްސް ހޯލްގެ ސައިންސްވެރިން ބުނީ މި މަސްނޫއީ ފަރުގެ ތިމާވެށީގެ ކުރިއެރުންތައް ގަވާއިދުން މޮނިޓަކޮށް ބަލަހައްޓައިނެކަމަށެވެ.



advertisment