ވޭތުވެދިޔަ އެތައް ދަހަރުގައި ބޭރު ގައުމުތަކުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އެހީގައި އެމެރިކާއިންވަނީ ހަނގުރާމަތައްކޮށް، އެކުވެރި ގައުމުތަކަށް ހިމާޔަތް ދީފައެވެ. ނަމަވެސް އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށްކުރަމުންދާ ހަނގުރާމައިގެ ސަބަބުން، އެމެރިކާގެ ފައުޖުތަކަށް ޖާގަ ދީގެން ތިބި ގައުމުތަކަށް މިހާރު މާ ބޮޑު ނުރައްކަލެއް ކުރިމަތިވަނީތޯވަނީ ސުވާލު އުފެދިފައެވެ.
ސަލާމަތީ ކަންބޮޑުވުންތައް ބޮޑުވަމުންދާތީ އެމެރިކާއިންވަނީ އިނގިރޭސި ވިލާތުގެ އާރް.އޭ.އެފް ފެއާފޯޑް އަދި އާރް.އޭ.އެފް މައިލްޑެންހޯލްގައި ހުރި ވައިގެ ސިފައިންގެ މަތިންދާބޯޓުތައް އަނބުރާ ގެންގޮސްފައެވެ.
އީރާނުންވަނީ ގަލްފުގެ އެކި ސަރަހައްދުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އެތައް ވަސީލަތްތަކަކަށް ގެއްލުން ދީފައެވެ.
މި ދިޔަ ސެޕްޓެމްބަރުގައި ނެރުނު، އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ވޮޗްޑޮގް ރިޕޯޓެއްގައި ބުނެފައިވަނީ ކުވައިތު، ބަހްރައިން، ގަތަރު، ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)، ސައޫދީ އަރަބިއްޔާ، އިރާގު، އުމާން އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް އީރާނުން ދިން ހަމަލާތަކުގައި ސަތޭކައިން ގުނާލެވޭ އިމާރާތްތަކާއި ތަންތަނަށް ގެއްލުންވެ ނުވަތަ ހަލާކުވެފައިވާކަމަށެވެ.
"އެމެރިކާގެ ސަލަމާތީ ކުޑަ، ދެ ކޮޅު ތޫނު ކަނޑިއަކަށް ބަދަލުވަމުން ދަނީ،" އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއްކަމަށްވާ އިންގްލެންޑްގެ ލަންކާސްޓާ ޔުނިވާސިޓީގެ ބައިނަލްއަގުވާމީ ސިޔާސަތާ ބެހޭ ޕްރޮފެސަރު ސައިމަން މެބޮން އަލްޖަޒީރާއަށް ބުންޏެވެ.
އޭނާ ބުނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން އެމެރިކާގެ ފައުޖުތަކަށް ޖާގަ ދިނުމުގައި ހުރި ނުރައްކާތަކާމެދު ޔޫރަޕާއި ގަލްފު ގައުމުތަކުން އަލުން ވިސްނަން މަޖުބޫރުވަމުންދާކަމަށެވެ.

އީރާނުންވަނީ އެމެރިކާގެ އަސްކަރީ ވަސީލަތްތައް ހުރި ގައުމުތަކަށް އަމާޒުކޮށް ހަމަލާ ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން ފްލައިޓްތަކަށާއި ކަނޑު ދަތުރުފަތުރަށްވެސްވަނީ ހުރަސް އެޅިފައެވެ. އަދި މުޅި ސަރަހައްދުގެ ތެލާއި ގޭސް އެކްސްޕޯޓުކުރުމުގެ މުހިންމު މަސައްކަތްތަކަށްވަނީ ނުރައްކާވެފައެވެ.
"މި ވަސީލަތްތަކުގެ ނާޒުކުކަމަކީ، ހަނގުރާމައަކަށް ނޭދޭ، ނަމަވެސް އެއްވެސް ބަހެއް ބުނުމުގެ ފުރުސަތެއް ނެތި، ހަނގުރައިމައިގެ ތެރެއަށް ދަމައިގަނެވިފައިވައި، އަސްކަރީ މަރުކަޒުތައް ހުރި ސަރުކާރުތަކުން ވިސްނަން ޖެހިފައިވައި ކަމެއް،" މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ މީހެއްކަމަށްވާ މުހައްމަދު އަލީ ޝައުބާނީ އަލްޖަޒީރާއަށް ބުންޏެވެ.
މި ހަމަލާތަކުން އެމެރިކާގެ އަސްކަރީ ވަސީލަތްތަކުގެ ނާޒުކުކަންވެސްވަނީ ހާމަވެފައެވެ. ހަމަލާތަކުގައި ކުވައިތުގެ އަސްކަރީ ތަންތަނާއި މެދުއިރުމަތީގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު، ގަތަރުގައި އޮންނަ އަލްއުދައިދު ވައިގެ ސިފައިންގެ މަރުކަޒުގެ ކުރިއަށް އިންޒާރު ދޭ ރާޑަރު ނިޒާމާއި ބަހްރައިންގައި ހުރި އެމެރިކާގެ ފިފްތް ފްލީޓް ހެޑްކުއާޓަރުގެ މުވާސަލާތީ ވަސީލަތްތަކަށްވަނީ ގެއްލުންވެފައެވެ.
ގަތަރުގެ ޖޯޖްޓައުން ޔުނިވާސިޓީގެ ޕްރޮފެސަރު ގާޑް ނޮނެމަން އަލްޖަޒީރާއަށް ބުނީ ބައެއް އަސްކަރީ މަރުކަޒުތަކަކީ "އަމިއްލަ ޒާތުގައިވެސް ވަރަށް ނާޒުކު" އަދި "އެ ތަންތަން ހެދި މަގުސަދުތަކުގެ ތެރެއިން ގިނަ ކަންކަން ފުރިހަމަކުރަން ނުކުޅެދިފައިވާ" ތަންތަންކަމަށެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އަގުހެޔޮ ޑްރޯންތަކާއި މިސައިލްތަކުގެ ސަބަބުން ބޮޑެތި އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުންވަނީ ފަސޭހަވެފައެވެ. އަދި އެ ތަންތަން ދިފާއުކުރަން އަގުބޮޑު އިންޓަސެޕްޓާ މިސައިލްތަކަށް ހަރަދުކުރަން އެމެރިކާއަށްވަނީ މަޖުބޫރުވެފައެވެ.
އެމެރިކާއިން މިހާރު އިތުރު އަސްކަރީ އެސެޓްތައް އިސްރާއީލަށް ބަދަލުކޮށްފައިނެއެވެ. ނަމަވެސް މީގެ ސަބަބުން ސަރަހައްދުގައި ތިބި އެމެރިކާގެ ފައުޖުތަކަށް ހުރި ނުރައްކާތައް އިތުރުވެގެން ހިނގައިދައިނެއެވެ.
"ދިގު މުއްދަތުގެ ހައްލަކީ ބައިވެރިންނާއެކު މަސައްކަތްކޮށް، އެކުވެރި ފައުޖުތަކަކީ އަމިއްލައަށް ދިފާއުވުމުގެ ގާބިލުކަން ހުރި ފައުޖުތަކެއްކަން ކަށަވަރުކުރުން،" ދުނިޔޭގެ އެންމެ ދުވަސްވީ އަދި އިނގިރޭސި ވިލާތުގެ މިނިވަން، ދިފާއާއި ސަލާމަތާ ބެހޭ ތިންކް ޓޭންކް، ރޯޔަލް ޔުނައިޓަޑް ސާވިސަސް އިންސްޓިޓިއުޓްގެ ރިސާޗް ފެލޯ، އާބަން ކޮނިންހަމް ބުންޏެވެ.
އޭނާ އިތުރަށް ބުނީ ނުރައްކާތައް ބޮޑުވަމުންދިޔަ ނަމަވެސް ބޭރު ގައުމުތަކުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކީ މުހިންމު ތަންތަންކަމަށް އެމެރިކާއިން އަދިވެސް ދެކޭކަމަށެވެ.



advertisment